ބަދަލުވެ ދިޔަ ހަޔާތް – 6
އަވަސް އަވަހަށް ސިޓީ އުރަ ހުޅުވާލިއެވެ. ނާޒް އަށް ހުރެވުނު ތަންވެސް ނޭނގުނެވެ. ފައިދަށުން ބިންގަނޑު ދެމިގަތް ކަހަލަ އެވެ. މުޅި މީހާ ތުރުތުރ އަޅައިގަތެވެ. ނާޒް އަތުން ސިޓީ އުރަ ދޫވި އެވެ.
ސިޓީ އުރައިގަވާ ފޮޓޯތައް އެކި ދިމަދިމާލަށް ވަޔާ ދިޔަތަން ބަލަން ނާޒް ހުއްޓެވެ. ނާޒްގެ ހަނދާނަށް އައީ އަކީލް ފުރިތާ މަހެއްވީ ދުވަހު ގޭގަ ބޭއްވުނު ޕާޓީ މަތިންނެވެ.
ދައުވަތު ދެވިފައިވަނީ އާރިޔާގެ ރަހުމަތްތެރިންނަށެވެ. އޭގެ ތެރޭގަ ގިނައީ ފިރިހެން ކުދިންނެވެ. އާރިޔާ އާ އެކު މަސައްކަތް ކުރާ މުއައްޒަފުންގެ އިތުރުން އަކީލްގެ ބައެއް ރަހުމަތްތެރިންވެސް ބައިވެރި ވިއެވެ. އާރިޔާ އަށް ލިބުނު ޕްރޮމޯޝަން އަކާ ގުޅިގެން ދެވޭ ޕާޓީއަަކަށްވުމުން ނާޙިދާ އުޅުނީ ކޮޓަރީގައެވެ. ދޭތެރެއަކުން ބޭރަށް ނުކުމެލާ ހަދައެވެ. ގޭތެރޭގެ މަސްލަހަތަށްޓަކައި ނާޒްވެސް ޕާޓީގަ ބައިވެރިވިއެވެ. ސިޓިންގރޫމްގެ އެއްކަނެއްގަ ނާޒް މަޑުކޮށްލައިގެން ހުރީ ޕާޓީ ނިމޭނެ އިރެއްގެ އިންތިޒާރުގައެވެ.
” ކީއްވެ ހާދަ އެކަނިވެފަ ތިހުންނަނީ. އަކީލް ނެތީމަ ވައިވެގެން ދޯ ” ފައިސަލް އަކީ އަކީލްގެ ރަހުމަތްތެރިއެކެވެ. އަދި މަޖާ މިޒާޖެއްގެ މީހެކެވެ. އެހެންކަމުން ނާޒް އަށް އެއީ މާބޮޑު ކަމަކަށް ނުވެއެވެ.
” ތިހެން ނުހުރެ ހިނގާބަލަ އެތާ އެންމެންނާ އެކު މަޖާކޮށްލަން ” ފައިސަލް ނާޒްގެ އަތުގަ ހިފަމުން ބުނެލިއެވެ. ނާޒް ވަގުތުން އަތްފޮޅުވާލިއެވެ. އަކީލްގެ ރައްޓެއްސަކަށްވިޔަސް އެގޮތަށް ނާޒްގެ ގައިގަ އަތްލުމަކީ ނާޒް ރުހޭ ކަމެއް ނޫނެވެ. އިއްތިފާގުންކަމެއް އެހެން ގޮތަކުން ކަމެއް ނޭނގެއެވެ. އާރިޔާގެ ލޯބިވެރިޔާ ހާފިޒު އެމަންޒަރު ކެމެރާ ކޮށްލީ ވަރަށް ހުށިޔާރު ކަމާ އެކުއެވެ.
” ނާޒް ދެން ކިތަންމެ ފޫހިވިޔަސް މިބޯލައިގެން ހުރެބަލަ. އަހަރެންގެ ޕާޓީ އެއްގަ ބަނޑައް ހުންނަންޖެހުނީއޭ ބުނާ އަޑު އަހާކަށް އަހަރެން ނެތިން ” އާރިޔާ ނާޒްގެ އަތަށް ކޯކް ތަށި ދެމުން ބުންޏެވެ. ނާޒް މަޑުމަޑުން ކޯކް ތަށި ބޮމުންދިޔައެވެ. ދަންވީހެން ޕާޓީއަށް އައިސް ތިބި މީހުންތައްވެސް މަދުވާން ފެށިއެވެ. ގާތްގަޑަކަށް އެންމެންތައް މަދުވީ ވަގުތު ނާޒް ވެސް ކޮޓަރިއަށް ދިއުމަށް ހިނގައިގަތެވެ. އެކަމަކު ބޮލަށް އެރި އެނބުރުމާއެކު ނާޒް އަނބުރައި ގަނެގެން ވެއްޓުނެވެ.
” ފައިސަލް އާދެބަލަ. ނާޒް މިއޮތީ ވެއްޓިފަ. ނިކަން މީނަ ކޮޓަރިއަށް ގެންގޮސްދީބަލަ ” އާރިޔާ ނިކަންބާރަށް ފައިސަލް އަށް ގޮވާލިއެވެ. މާދަންވެފަ ހުރުމުން ނާހިދާ އަށް އޮތީ ނިދިފައެވެ. ގޭތެރޭގަވަމުން ދިޔަ އެއްވެސް ކަމެއްގެ ހިލަމެއް ނާހިދާ އަކަށް ނުވެއެވެ. ފައިސަލްގެ އަތްދަނޑިމައްޗަށް ނާޒް އުފުލާލި ވަގުތުން ފެށިގެން ހުރިހާ މަންޒަރެއްހެން ހާފިޒު ދިޔައީ ކެމެރާ ކުރަމުންނެވެ.
ދެލޯ މަރާލުމަށްފަހު ނާޒް ހުރިހާ ދިމާލަށް ތިރިވިއެވެ. ޓައިލްސްތައް މަތީ އިށީނދެ ފަހަރަކު ފޮޓޯއަކަށް ބަލަމުން ދިޔައެވެ. އާރިޔާ އެދުވަހު ރޭވި މޮޅު ރޭވުން އަދި ނާޒް އަށް މި އެނގުނީއެވެ. އެއިން ކޮންމެ ފޮޓޯއެއްގަވެސް ނާޒްގެ މޫނުވަނީ ނިވާވެފައެވެ. އެންމެ ފޮޓޯއެއް ފިޔަވައެވެ. އެކަމަކު އެއީ ހަގީގަތެއް ނޫނެވެ. ނާޒް އާ ފައިސަލް އާ ދެމެދު އެކަހަލަ އެއްވެސް ގުޅުމެއް ނެތެވެ. އިތުބާރު ކޮއްފަ ނުކުރަންވީ މީހެއްވެސް މިހާރު ނާޒް އަށް އޮޅެން ފަށައިފިއެވެ. ފައިސަލް އެފަދަ ލަނޑެއް ދީފާނެ ކަމަކަށް ނާޒް ފަހަރެއްގަވެސް ހިއެއް ނުކުރެއެވެ.
ހުރިހާ ފޮޓޯއެއް އެއްކޮށްލުމަށްފަހު ނާޒް ސިޓީއުރައަށް ލާ ކަބަޑްގެ އެންމެ ތިރީބަޔަށް ލާ ފޮރުވިއެވެ. ނާޒް ބޭނުންނަމަ އެފޮޓޯތައް ވީދާވެސް ލެވިދާނެއެވެ. އެކަމަކު އޭގެ ކުރިން ނާޒް އެފޮޓޯތަކާ ގުޅޭގޮތުން ފައިސަލް އާ ސުވާލުކުރަން ބޭނުންވެއެވެ. ފައިސަލް އަށް ހުރިހާ ހަގީގަތެއް އިނގޭނެއެވެ. ނާޒް ރޯންވެސް ބޭނުމެވެ. އެކަމަކު މިއީ ރޯންވީ ވަގުތެއް ނޫނެވެ. ރޮއިގެން އެއްކަމެއްވެސް ކުރެވޭކަށް ނެތެވެ. ނާޒް ކޮންމެ ގޮތަކުންވެސް ފައިސަލް ހޯދާނެއެވެ. އެކަން ކުރާކަށް ނާޒް އަށް އުނދަގުލެއް ނުވާނެއެވެ.
އެހެން ދުވަސްތަކާ ހިލާފަށް ނާޒިމް އޮފީހަށް ދިއުމުން ފާއިޒާ ގާތު ބުނެލުމަށްފަހު ނާޒް މިސްރާބު ޖެހީ އަކީލް މަސައްކަތް ކުރި ލޯފާމް އާ ދިމާލަށެވެ. ނާޒިމްގެ ގެއާ މާދުރު ނުވުމުން ނާޒް އަށް އާދެވުނުލެއް އަވަހެވެ. ރިސެޕްޝަންގަ އިން ކުއްޖާ ގާތު ފައިސަލް އަށް ގޮވާލަ ދިނުމަށް އެދުމުން އެކުއްޖާ ތެދުވެގެން ދިޔައެވެ. ދިޔަތާ މާގިނަ އިރެއްނުވެ ފައިސަލް އައިސްފިއެވެ.
ނާޒް ފެނުމުން ފައިސަލް އަށް އަނގައޮޅޭގޮތްވިކަން ނާޒްއަށް ފާހަގަ ވިއެވެެ.
” ނާ………ޒް މިތާ ކީއް ކީއް.. ކުރަނީ ”
” ފައިސަލް އަށް ނުކުމެލެވިދާނެތަ މިތާ ބޭރައް ” އެންމެންގެ ތެރޭ ލަދުގަތުމަށްވުރެ ރަނގަޅު ގޮތަކީ އެއީކަން ފައިސަލް އަށް ވިސްނެއެވެ.
” ފައިސަލް މީ ކޮންކަމެއް. އަހަރެން ކޮންއިރަކު ފައިސަލް އާ މިހާގާތްވީ. އިންސާނިއްޔަތުކަމެއް ހުރިނަމަ އަހަންނަށް މިކަމުގެ ހަގީގަތް ކިޔާދީފާނަންތަ ” ނާޒް ސިޓީއުރަ ފައިސަލް އަށް ދިއްކޮއްލަމުން ބުންޏެވެ.
ފައިސަލް ސިޓީ އުރައިގަ ހުރި ފޮޓޯތައް ވަކިވަކިން ބެލިއެވެ. އެކަމަކު އެއަށްދޭނެ ޖަވާބެއް ފައިސަލްގެ ނެތެވެ. އެހެންވިޔަސް ނާޒްގެ މިލާފަވާ މޫނާ ފެންކަޅިވެފައިވާ ދެލޯ ފެނުމުން ފައިސަލްގެ ހިތަށް އަސަރުކޮށްފިއެވެ.
” މި ފޮޓޯ ތަކަކީ އެއްވެސް ހަގީގަތެއް…. ” ފައިސަލް އަށް ޖުމްލަ ފުރިހަމަ ކުރެވޭ ގޮތެއް ނުވިއެވެ. ނާޒްގެ ނަސީބު ދެރައީ އެވެ. އިއްތިފާގުން ހާފިޒު އައިސް ވަން ވަގުތާ ދިމާވީ އެވެ. ހާފިޒު އަށް ރީތިކޮށް ފައިސަލް ދެއްކި ވާހަކަ އަޑު އިވުނެވެ. ފައިސަލް އަށް މަޖުބޫރުވީ ހުއްޓާލާށެވެ. މާޔޫސްވެ ހުރެ ނާޒް ހިނގައިގަތީ ނުކުތުމަށެވެ. ނާޒު ދޮރުންބޭރަށް ނުކުމެ މަޑުކޮށްލީ ގޮތް ހުސްވެފައިވާ މީހަކު ފަދައިންނެވެ. ދެވަނަ ފަހަރަށް ނާޒް އެތެރެއަށްވަނީ ފަހަރެއްގަވެސް ފައިސަލްމެން ދައްކާ ވާހަކަ އަޑު އަހާކަށްނޫނެވެ. ހަަމަ އެންމެ ވާހަަކަ އެއް ފައިސަލް ގާތު ބުނުމަށެވެ.
ކުރިއަށް ހިނގައިގަތްވަގުތު ނާޒް އަށް ފުރަގަސްދީގެން ހުރެ ހާފިޒު ފައިސަލް އާ ދައްކަމުން ދިޔަ ވާހަަކަ ނާޒް އަށް އަޑުއިވުނެވެ.
” ފައިސަލް ބުނަން ރަނގަޅު ވާހަކައެއް. ފައިސަލް އާ އަކީލްގެ ގުޅުން މިހާރު ތިއޮތީ ދެން ކެނޑިފަ. އެހެންނޫނަސް ފައިސަލް ކުރި ކަންތަކުގެ އަގު އާރިޔާ ދިންކަން ހަނދާން ނައްތާނުލާ. އާރިޔާ ބޭނުންވީ އެ ނާޒް އަކީލްގެ ދިރިއުޅުމުން ބޭރުކޮށްލަން. އެކަން އެއޮތީ މިހާރު ވެނިމިފަ. ދެން އެކަމާ ފައިސަލް މޮޔަ ހިތައް އަރައިގެން އަކީލް އަށް ގުޅާފަ ނަމަ ނަމަ އެކަމާ ގުޅޭގޮތުން އެއްވެސް ވާހަކަ އެއް ނުދައްކާތި. ދުވަހަކުވެސް ނާޒް ގެ ކުށެއް އެކަމުގެ ނެތްކަން ފައިސަލް އަކީލް އަށް ހާމަކޮށްނުދޭތި ” އާރިޔާ އެވަރުގެ ކަމެއްކޮށްފާނެކަމަށް ނާޒް އަށް ގަބޫލު ވެސް ނުކުރެވުނެވެ. އެމީހުން ނާޒް ދެކެ އެހާ ރުޅި އަންނަނީ ކީއްވެކަން ހުދު ނާޒްއަކަށްވެސް ނޭނގެެއެވެ.
***********************
ގެއަށް އައި ގޮތަށް އައިސް ނާޒްއަށް ހަމަ ރޮވެނީ އެވެ. ކިތަންމެ ހިތްވަރު ކުރަން އުޅުނު ނަމަވެސް އެކަމެއް ނާޒްއަކަށް ނުވިއެވެ. ކެތްކުރެވޭނީވެސް ކޮންމެ އިންސާނަކަށްވެސް ވަކި ވަރަކަށެވެ. ނާޒް އަށް ދީފަ އޮތް ފޯނު ނަގާ އަކީލްގެ ނަންބަރަށް ނާޒް ގުޅާލިއެވެ. މާގިނަ އިރެއްނުވެ އަކީލް ފޯން ނެގިއެވެ.
” އަކީލް . ހެޔޮނުވާނެ ފޯން ނުބާއްވާތި. އަހަރެންދެކެ ދުވަހަކުވެސް ލޯބިވީނަމަ އަހަރެން ދައްކާ ވާހަކަ އެންމެ ފަހަރަކު ނަމަވެސް އަޑުއަހާ ” ނާޒްގެ ގިސްލެވިފައިވާ އަޑު ޖެހިފަ އަކީލް އަށް އަދަރު ކުރުވިއެވެ. ވާނީވެސް އެހެންނެވެ. އަކީލް ނާޒް ދެކެ އިންތިހާ އަށް ލޯބިވެއެވެ.
” އަކީލް ކީއްވެ އަހަރެން އެކަނިކޮށްލީ. އަހަރެންގެ ކޮން ކުށެއް އޮވެގެން ” ނާޒް ދައްކަން ފެށި ވާހަކައަކުން އަކީލްގެ ލޯމަތީ ސިފަވާންފެށީ ނާޒް އާ ފައިސަލްގެ ގައިގޯޅި ފޮޓޯތަކެވެ.
” އަހަރެން ކުރިންވެސް ބުނިންދޯ ތިއީ މުޑުދާރު އަންހެނެކޭ. އާނ އަހަރެން ނާޒް ދެކެ ވަރަށް ލޯބިވިން. އެކަމަކު އެއީ ތިޔަ ނާޒްގެ އެވިޔާނުދާ އަމަލްތައް އެނގުމުގެ ކުރިން. މިހާރު ހުރިހާ ކަމެއް ބަދަލުވެއްޖެ. އަަހަރެންގެ ރަހުމަތްތެރިންގެ އުނގު ފަޅުފިލުވާލަދޭ އަންހެނެއް އަދި އެހެން މީހަކަށް ދޫކުރާނެތަ. އަހަރެން ދުވަހަކުވެސް ނާޒް އަދި ފައިސަލް އަކަށްވެސް މައާފެއް ނުކުރާނަން ” އަކީލް ވަގުތުން ފޯނު ބޭއްވިއެވެ.
ނާޒް އަށް ލިބެމުން މިދަނީ ކޮން ކޮށެއްގެ އަދަބެއް ބާވައެވެ. ވޭނާ ހިތާމަ ފިޔަވާ އެެހެން އެއްޗެއް ނާޒުގެ ދިރިއުޅުމުގަ ނުވަނީ ބާވައެވެ.
” ނާޒް ވަރަށް ހިތްވަރު ކުރުމަށްފަހު ދުވަހުގެ ދެންއޮތްބައި ހޭދަކުރީ ރައުލް އާ އެކުއެވެ. އަކީލް މަތިން ހަނދާން ނައްތާލުން ފިޔަވާ ދެން އިތުރު ގޮތެއް ނާޒް އަކަށް ނެތެވެ. އެހެންނޫނަސް އަކީލް ނާޒް އަށް އިތުބާރު ކުރާނަމަ ނާޒް އެކަހަލަ ކަމެއް ނުކުރާނެކަން އަކީލް އަށް ވިސްނެންވާނެކަމަށް ނާޒް ދެކުނެވެ. އެކަމަކު ނާޒުގެ ހިތުގަ އަދިވެސް ވަނީ އަކީލް އެވެ. އަކީލްގެ ނަން ނާޒްގެ ހިތުން ފޮހެލަން ނާޒް ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް އެކަން ވާނެހެން ނާޒް އަކަށް ހިއެއް ނުވެއެވެ.
އިރުއޮއްސި އަނދިރިވުމުން ރައުލް ނިންދެވުމަށްފަހު ނާޒް ވެސް ވަނީ ފެންވަރާލާށެވެ. ނަމާދު ކޮއްލާ ހަދައިގެން ސިޓިންގރޫމަށް ނުކުމެލިއެވެ. ސޯފާގަ ހަމަ އިށީނދެލިތަނުން ބެލް ޖެހި އަޑު އިވުނެވެ. އެއްފަހަރު ދެފަހަރަކު ނޫނެވެ.
ނާޒް ދުވެލާފަ ކަހަލަ ގޮތަކަށް ގޮސް ދޮރު ހުޅުވާލިއެވެ. ފެނުނު މަންޒަރުން ދެލޯ ބޮޑުވެ ނާޒް އަށް ބޭއިހުތިޔާރުގާ އަނގަމަތީ އަތްއަޅާލެވުނެވެ.
( ނުނިމޭ )
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

