” ބީއްސަމުން ދިޔަ ރާޅުތަކަށްވުރެ ތިހިތާއި ސިކުނޑީގެ އަޑު މިއަދު މާގަދަ ” އަންހެންވަންތަ އަޑެއް އޭނާގެ ފުރަގަހުން އިވިލިއެވެ. ފަހަތް ބަލާލުމަށްފަހު ސިއްތި ހިނިތުންވެލިއެވެ. އެހެނަސް އިންތަނުން ތެދުވާ ހިޔާލެއް އޭނާ ނުކުރިއެވެ. އެހެންކަމުން ކަތްދަ އައިސް ސިއްތި އާއި ޖެހިގެން ވެލިގަނޑު މަތީގައި އިށީނދެލިއެވެ. ކަތްދަ އަކީ ސިއްތިގެ އެންމެ ގާތް އެކުވެރިޔާއެވެ. ކޮންމެ ކަމެއްގައި ވެސް ސިއްތިއާއެކުވި އޭނާގެ އެންމެ ގާތް މިތުރެވެ. ސިއްތި ހޯދަން އެ ގެއަށް ދިއުމަށްފަހު ކަތްދަ އެ ދިމާލަށް އައީ ސިއްތި އިންނާނީ އެތަނުގައިކަން ޔަގީންކުރެވުމުންނެވެ.
” އަހަރެން މިތާ އިނދެލީ ވަރުބަލިވެގެން އެހެން އެއްވެސް ކަމެއް ނުވޭ” އާދައިގެ ރާގެއްގައި ހީލަން މަސައްކަތް ކުރަމުން ސިއްތި ކަތްދައަށް ރައްދު ދިނެވެ. ” ވަރުބަލީތަ؟ ނޫނީ މިއަދު މާރުކޭޓުގައި ތިބި ދެފިރިހެނުން މަންޖެއާއި ހެދި އުޅުނު ވަރާ މެދު ވިސްނަނީތަ؟” ޗޮކެއް ކަނޑާލަމުން ލާނެތް ރާގެއްގައި ކަތްދަ ބުނެލީ އޭނާގެ އެއްކޮނޑުން ސިއްތީގެ ކޮނޑުގައި ޖަހާލަމުންނެވެ. ” ތިބުނެލި ގޮތުން ހީވަނީ ތީ މާރުކޭޓުގެ ކަންކަން ބެލުމާ ހަވާލުވެ ހުރި މީހާހެން” އަވަސް ހިނިގަނޑަކާއެކު ސިއްތި ވެސް ބުނެލިއެވެ.
” މުޅި މާރުކޭޓުގައި ތިބި އެންމެން އެމަންޒަރު ދުއް. އީސާފުޅު ހަނޑޫ ކޮތަޅެއް ގެނެސް ސިއްތިއަށް ދިންތަން އަދި ނުވިތާކަށް އެއުޅޭ ލާނެތް ކަރީމް ވެސް އައިސް އެހީއެއް ބޭނުންތޯ އާއި ގެއާއި ހަމައަށް ސިއްތި ގެންގޮސްދިނުމަށް ދެފިރިހެނުން ވެސްއެދުން ވާހަކަ އަޑުވުނު މީހުން އެބައުޅޭ ” ގޮތްދޫ ނުކުރާފަދަ އަޑެއް ލައްވާލަމުން ކަތްދަ ބުނެލިއެވެ. އެއާއެކު ސިއްތި ހަށިފުރާ ނޭވާއެއްލިއެވެ.
” މީހުން ދައްކަފާނެ ކޮންމެފަދަ ވާހަކައެއްވެސް، އެއީ އަހަރެންގެ އެކުވެރިން ”
” ތިއީ ތެދެއް ” ކައިރީގައި އޮތް އޮށްގާކޮޅެއް ނަގާ ދުރަށް އެއްލާލަމުން ކަތްދަ ބުނެލީ އާދައިގެ ގޮތަކަށެވެ. ” އެކަމަކު އެތަނުން މީހަކަށް ތިޔަ ސަމާލުކަން ހައްގުކަން ނޭނގެ ” އެއްލޯ މަރާލަމުން އަނެއްކާ ވެސް ކައްދަ ލާނެއްވެލިއެވެ. އެއާއެކު ސިއްތި އޭނާގެ ނަޒަރު ބީއްސަމުން ދިޔަ ރާޅުތަކަށް ހުސްކޮށްލިއެވެ. އެއްޗެއް ބުނާކަށް އޭނާ ގަސްދެއް ނުކުރިއެވެ. “ލޯބި” އެއީ ސިއްތި މާ ގަޔާވާ މަޢުލޫއަކަށް ނުވެއެވެ.
” މިއަދު އައު އެއްޗެއް ކައްކާ ނުލަންތަ؟ ” ކަތްދަ އަކީ ތަފާތު އެއްޗެހި ކެއްކުމަށް ފޯރި ހުންނަ އަންހެނެކެވެ. ވަގުތުގެ ބޭނުންހިފާ އެދިމާލަށް މަޢުލޫ އަނބުރާލީ ވެސް އެހެންވެއެވެ. ސިއްތީގެ ސުވާލުން އެހެންހުރިހާ ކަމެއް މަތިން ކަތްދަ ހަނދާންނެތުނެވެ. އޭނާ މިއަދު އެޅި ބޯކިބަލެއްގެ ވާހަކަ ދައްކަން ފެށީ ވަރަށް ޝައުގުވެރިވެފައި އިނދެއެވެ. ސިއްތީގެ މަޤްސަދު ހާސިލްވިއެވެ. މަޑުމަޑުން ޢޭނާ ވެސް ކަތްދަގެ ވާހަކައާއި ބައިވެރިވާން ފެށިއެވެ.
” ކަރީމް ކަލޭ ތި ދޮށި ނިންމައިދޭނަމޭ ކިޔާތާ މިހާރު މަހެއްވީ.” ކުޑަކޮށް ހިތްހަމަނުޖެހިފައި ހުރެ އީސާފުޅު ބުނެލިއެވެ. ރުއްބުޑު މަތީގައި އިނދެ އޮއްޓެއް ރީތިކުރަމުން ދިޔަ ކަރީމް އެ އަޑުއިވޭ ކަމަކަށް ނުހެދިއެވެ. ކަރީމް ސަމާލުކަން ނުދިނީ ގަސްތުގައިކަން އެނގި އެތަނުގައި ހުރި ދޮންއާދަނުގެ ގާތަށް ހިނިއައެވެ. އެތަން ފެނި ދޮންއާދަނާއެކު އޭނާ މަސްހިފަން ގެންގުޅުނު ދާ އޮޅުންފިލުވަންހުރި އީސާފުޅު ލޯއަޅާލިއެވެ. ތިން މީހުންވެސް ތިބީ ގޮނޑުދަށުގައެވެ. އާދަވެގެން ހަވީރު މަސައްކަތް ނިންމުމަށްފަހު ގޮނޑު ދަށަށް އައުމަކީ އެމީހުންގެ އާދައެކެވެ. ޔަގީނުންވެސް ދޮންއާދަނު އުޅޭނީ އެ ހިސާބުގައިކަން އެމީހުންނަށް އެނގެއެވެ. ތިން މީހުންގެ އެކުވެރިކަމަކީ ކުޑައިރުއްސުރެ ވެސް ފާހަގަކޮށްލެވޭ ފަދަ ގާތް އެކުވެރިކަމެކެވެ. ފުރާފުރިހަމަ ވެ ޒުވާނުންނަށް ވެގެން އައި އިރުވެސް އެ ގުޅުމުގައި އެންމެ ކުންޏެއްހާ ހިސާބުވެސް ޖެހިފައި ނުވެއެވެ.
” އީސަ ކަލެއަކަށް ނޭގޭތަ ރަނގަޅު ކަންކަން ވާން ވަގުތު ނަގާކަމެއް” އީސާފުޅުގެ ސުވާލަށް ކަރީމް އިރުގަނޑެއް ފަހުން ޖަވާބުދިނެވެ. އެއާއެކު އީސާފުޅު ދެބުމަ ގޮއްޖަހާލާ ލޯއަޅާލިއެވެ. ކަރީމް އަނގައިން ނާރާނެކަން އޭނާއަށް އެނގުނީއެވެ. މަންޒަރު ބަލަން ހުރި ދޮންއާދަނަށް ނުހީ ކެތްވީ ކިރިޔާއެވެ.
” ހީވަނީ ވާރޭ ވެހެންހެން މިއުޅެނީ” ކަނޑުގެ ސަތަހައިގެ ތެރެއަށް ގޮސް އޮބާލި އިރުދެކެން ހުރުމަށްފަހު ދޮންއާދަނު ބުނެލީ ބޯމަތީގައި އޮތް ކަޅު ވިލާގަނޑަށް ވެސް ބަލާލަމުންނެވެ. އެއާއެކު ކަރީމް އާއި އީސާފުޅުވެސް އެކަމަށް އެއްބަސްވެ ބޯޖަހާލިއެވެ. ދުނިޔެ މައްޗަށް އަނދިރިކަން ވެސް އޭރު ވެރިވާން ފަށައިފިއެވެ. ތިން ޒުވާނުން އަތްމަތި އަވަސްކޮށްލީ ނުތެމި ގެއަށް ދެވޭތޯއެވެ. އެހެނަސް ދެތިން ފިޔަވަޅުވެސް ނޭޅެނީސް ވާރޭގެ ހަމަލާތައް ބިމަށް އަމާޒުވާން ފަށައިފިއެވެ. އެހެންކަމުން އެންމެ ކައިރީގައި ހުރި ބޮޑު ގަސްދަށުގެ ހިޔަލަށް ވަނުމަށް ދުއްވައިގަތެވެ. އިސްޖަހާލައިގެން ތިބެ މޫނުމައްޗައް އަތްހުރަސް ކޮށްލައިގެންނެވެ. އެވަގުތުވީ ދެ އަންހެން ކުދިން ވެސް އެދިމާ ގަސްގަނޑު ތެރެއިން ނުކުމެ ދުވެފައި ގޮސް ކައިރި ކައިރި ހުރި ދެ ގެއަށް ވައިން ވަގުތަށެވެ. އެހެނަސް ތިބެވުނު ގޮތުން އެކަކު ލޮލުގައި ވެސް އަނެކަކު އަޅައިނުގަތެވެ.
ގަސްދަށުގައި އެއްގަމަށް އެހެލާފައި އޮތް ބޮއްކުރައެއްގެ ތެރޭ ދޮންއާދަނު އޭނާ ގެންގުޅުނު ދާ ބާއްވާލިއެވެ. އަދި ބޮއްކުރައިގެ ކައިރި ފަށުގައި ތިން ޒުވާނުން ފޫ ޖައްސާލީ ވެހެމުން ދިޔަ ވާރޭ ތުނިކޮށްލާނެ ވަގުތަކަށް އިންތިޒާރުކުރަމުންނެވެ.
ގެއާ އަރާހަމަވި ސިއްތި ހުރީ ހިސާބަކަށް ތެމިފައެވެ. ލައިގެން ހުރި ލިބާސްވެސް ހިސާބަކަށް ގަޔަށް ހިފާލާފައި ހުއްޓެވެ. އޭނާ އާއެކު އައި ކަތްދަ ގެއަށް ވަދެ އޭރު ދޮރު ޖަހައިފިއެވެ. ދުވެފައި އައި ނަމަވެސް ސިއްތި ގޭތެރެއަށް ވަނީ މަޑު ފިޔަވަޅުތަކެއްގައެވެ. ސިކުންތުކޮޅެއް ފަހުން އެނބުރި ނުކުންއިރު އަތުގައި ފާނޫޒެއް ހުއްޓެވެ. އޭގެ ހުޅުކޮޅުން އެ ދޮންމޫނުމަތި ވަނީ ދިއްލިފައެވެ. ގޭ ބޭރު އަސްކަނި ދަށުގައި ދަމާފައި ހުރި ރޯނު ފަށުގައި ސިއްތި އެ ފާނޫޒު އަޅުވާލިއެވެ. މުޅި އެ ހިސާބުގައި ވެސް އަލިކަންވީ ހަމައެކަނި އެތަނުގައެވެ. ވެހެމުންދިޔަ ވާރެއަށް ބެލުމެއްނެތި އެ ފަނޑު އަލިކަމުގެ ތެރޭގައި އިނދެ ސިއްތި އެއްފަރާތުގައި ހުރި ބަނޑިޔަލުން ފެން ނެގުމަށްފަހު ތެއްޔެއްގައި ހުރި ހަނޑޫކޮޅެއް ދޮންނަމުން ދިޔައެވެ.
މިހުރިހާ މަންޒަރެއް ދެކެން ތިބި ދެ ޒުވާނުންގެ މޫނުމަތީގައި ވެސް ވަނީ ބަޔާންކުރަން ނޭނގޭ ފަދަ އަސަރުތަކެކެވެ. ވާރޭގެ ހިތްގަމުކަމުގެ ތެރެއިން ދެ ޒުވާނުންގެ ނަޒަރު ގައިދު ކުރީ ހަމަ އެންމެ ހިތްގަމު މޫނަކުންނެވެ. އެހެނަސް ދެ ޒުވާނުންގެ ނަޒަރު ވީ އެއްދިމާލަކަށްކަން އެއިން އެކަކަށް ވެސް ރޭކާނުލައެވެ. ސިއްތީގެ ހަރަކާތްތަކަށް ތިން ޒުވާނުންގެ ނަޒަރު ވެސް ގެއްލިފައިވިއެވެ.
( ނުނިމޭ )
