“ކިހިނެއް އެނގެނީ ދެން އަހަރެންނާ ބައްދަލުވާއިރު ހުސްކޮށް ނުހުންނާނެ ކަމެއްވެސް؟ ގުޑްބައި ނީމް” އެ ރައްދާއެކު ޝިމާން މަޑު ދުވުމެއްގައިގޮސް ގޭގެ ދޮރާށިން ނުކުތްއިރު ނީމްއަށް އެހުރި ފިޔަވަޅުމަތީގައި ގަނޑުވެފައި ހުރެވުނެވެ. ޝިމާން އެބުނި ބަހުގެ މާނަ ނަގާނެ ގޮތެއް ނޭނގިފައެވެ.
*************
ސިޓިންގްރޫމްގެ ފާރުގައިހުރި ބޮޑު ގަޑިއަށް ބަލައިލި ޒީވާގެ މޫނުމަތިން ކަންބޮޑުވުމުގެ އަސަރު ފާޅުވާން ހުއްޓެވެ. އިރުއިރުކޮޅާ އެޕަރޓްމެންޓްގެ ދޮރާ ދިމާލަށް ބަލައިލެވެނީ ރޭ ދެބައިވެ ދިޔައިރުވެސް ރިއާންގެ ހަބަރެއް ނުވާތީއެވެ. މިފަހަކަށް އައިސް ރިއާން އަވަހަށް ގެއަށް އަންނާތީ އޭނާއަށް އެރޭ ގޭތެރެއިން ފަޅުކަން އިހުސާސްކުރެވެމުން ދިޔައެވެ. ސޯފާގައި އޮތް ފޯނު ރިންގުވާން ފެށުމާއެކު ޒީވާ ސިކުންތެއްވެސް ލަސްކުރުމެއް ނެތި ފޯނު ނަގައި ކަންފަތުގައި ޖަހައިލިއެވެ.
“އަހަރެންގެ ހުރިހާ އެއްޗެއް ޕެކްކޮށް ނިންމައިފިން.. ރިއާން އަދިވެސް ގެއަށް ނާންނާތީ މީނީ.. އަދިވެސް ނޭނގެ ޝައި ކީއްވެ ކަމެއް ބްރައިޑްސްމެއިޑުންނާ ތަފާތުކޮށް ހެދުން ފެހީ.. ފެށުނީއްސުރެން މިކިޔަނީ މިއީ ހަމަ ޝައިގެވެސް ފެމިލީއޭ” ޒީވާ ކަންބޮޑުވެފައި ބުންޏެވެ.
“ދެން އެވާހަކަ ނުދައްކަމާ.. ރިއާން ގެއަށް އައިމަ ބުނައްޗޭ އަހަރެންނަށް ގުޅާލަން.. އަހަރުމެންދާ ސީޕްލޭން އޮތީ ހަމަޖެހިފަ އެކަމަކު ހަވީރު ދާ މެހެމާނުންނަށް އޮފީހުން ލޯންޗު ހަމަޖައްސަދޭން ޖެހޭނެއްނު.. އަހަރެންނަށްވުރެން ރިއާން އެކަމާ އުޅުނިއްޔާ ފަސޭހަވާނީ..” ޝައިނާ ފޯނު ކަނޑައިލަމުން ބުންޏެވެ.
ޒީވާ އަނެއްކާވެސް ގަޑި ބަލައިލުމަށްފަހު ޓީވީން އަޅުވައިފައިވާ ފިލްމަށް ނަޒަރު ހުއްޓައިލިއެވެ. ބައި ގަޑިއެއްހާއިރު ފަހުން ގޭގެ ދޮރު ހުޅުވުނު އަޑަށް އޭނާ ފަހަތް ބަލައިލިއިރު ރިއާން އެތެރެއަށް ވަތްތަން ފެނުނެވެ.
“މާދަން ހެނދުނު ފުރަން ޖެހެއެއްނު؟ އަދިވެސް ނުނިދަންތަ؟” ރިއާންއަށް ޒީވާ ފެނުމާއެކު ސުވާލު ކުރިއެވެ.
“ރިއާން އަންނަންދެން މީނީ.. އެއްވެސް އެހީއެއް ބޭނުންތޯ ބަލާލަން.. ޕެކް ކޮށްފިންތަ؟” ޒީވާ އަހައިލިއެވެ. ރިއާން ޖަވާބުގައި ބޯޖަހައިލިއެވެ.
“މީގެ ކުރިންވެސް އަހަރެން ތަންތަނަށް ދަތުރު ކުރަމެއްނު.. ޕެކް ކުރަނީ ހަމަ އަހަރެންނޭ” ރިއާން ސަމާސާ ރާގެއްގައި ބުންޏެވެ.
“އޯހް.. އަހަރެން ހީކުރީ ޖޫލީކަމަށް.. އެހެންވެ މިއަދު ޖޫލީ ނާންނާތީ..” ޒީވާއަށް ބުނެވުނެވެ.
“އިޓްސް އޯކޭ.. އައި ވިލް މެނޭޖް.. ޖޫލީއަކާވެސް އަހަރެން އެކަހަލަ ކޫސަނި ކަންކަމެއް ނުޖައްސަމޭ.. ޒީވްވެސް ދެން ދޭ ނިދާ-” ރިއާންގެ ވާހަކަ މެދުކަނޑައިލަން ޖެހުނީ ކުއްލިއަކަށް އެޕަރޓްމެންޓްގެ ބެލް އަޅައިލި އަޑު އިވުމުންނެވެ. ރިއާންގެ އިތުރުން ޒީވާގެވެސް ބުމަ ގޮށްޖެހިގެން ދިޔައެވެ. މިހާރު ރޭގަނޑު 11 ޖެހީއެވެ. މިފަދަ ވަގުތެއްގައި އެގެއަށް އަންނާނީ ކާކުބާއެވެ.
“ދޮންބެ ކަންނޭނގެ” ޒީވާ އަވަހަށްގޮސް އެޕަރޓްމެންޓްގެ ދޮރު ހުޅުވައިލިވަގުތު ކުރިމަތީގައި ހުރި އަންހެންކުއްޖާ ފެނި ހައިރާންކަމެއް ލިބުނެވެ. އެއީ އޮޅަލި ކުލައިގެ ހަންގަނޑެއް ލިބިފައިވާ ދިގު އިސްކޮޅެއްގެ ވެރި އަންހެން ކުއްޖެކެވެ. އުނަގަނޑާ ހިސާބަށް އޮތް ރީތި ބުޅި އިސްތަށިގަނޑުގައި އިޝްވާގެ އިސްތަށިގަނޑާ އެއްގޮތް ކަމެއް ހުއްޓެވެ. ލައިގެންހުރި ދަނބުކުލައިގެ ބަނޑު ފެންނަވަރު ޓޮޕްކޮޅާއި ގަދަ ނޫކުލައިގެ ބާރު ޖީންސުގެ ސަބަބުން އެ ހަށިގަނޑުގެ ފުރިހަމަ ވަނާތައް އެއްވެސް ހުރަހަކާނުލައި ފާޅުވެފައިވިއެވެ. ޒީވާއަށް ވަގުތުން އެއީ ކާކުކަން ނަގައިގަނެވުނެވެ.
“ނަޝް؟” ޒީވާގެ އަޑަށް ފަހަތުން އައި ރިއާން ދޮރުން ބޭރަށް ބޯ ދިއްކޮށްލިއެވެ. ބޭރުގައިހުރި ކުއްޖާ ފެނުމާއެކު އޭނާގެ މޫނުމަތިން ހާސްކަން ފެނިގެން ދިޔައެވެ.
“ރިއާން” ނަޝްވާ ހިނިތުންވުމަކާއެކު ކުރިއަށް ފިޔަވަޅެއް އަޅައިލުމަށްފަހު ރިއާންގެ ކަރުގައި އޮޅުލައިގަތެވެ. ޒީވާ އެތަނުގައި ހުރިކަމަށްވެސް ހަދާނުލައި އެޕަރޓްމެންޓުގެ ތެރެއަށް ވަދެގަތެވެ.
“ސޯ ގުޑް ޓު ސީ ޔޫ.. އޭރުވެސް އެނގުނު ރާއްޖެ އައިއްޔާ ރިއާން ހޯދާކަށް މާ އުނދަގުލެއް ނުވާނެކަން.. ނަސީބެއްނު މިތާ ތިރިން ފެނުނުކަން. ފާރަލަމުން އެރީމަ މިއޮތީ އެންމެ ފަހުން ގެވެސް އެނގިފައެއްނު” ނަޝްވާ ހިނިތުންވެލަމުން ރިއާންއާ ދުރަށް ޖެހިލިއެވެ. ނަމަވެސް ރިއާންގެ އަތުން ދޫކުރުމުގެ ހިޔާލެއް އޭނާގެ ނެތް ކަހަލައެވެ.
ރިއާން ކަންބޮޑުވެފައި ޒީވާއަށް ބަލައިލިއިރު ޒީވާގެ މޫނުމަތީގައިވަނީ ބުނެދޭން ނޭނގޭފަދަ ޝުއޫރުތަކެކެވެ. ކުއްލި ހައިރާންކަމެއް ލިބިފައިވާ މީހަކު ފަދައިން އެއްފަހަރު ރިއާންއަށް އަނެއް ފަހަރު އެދެމީހުންގެ ގުޅިފައިވާ އަތަށް ބަލައިލިއެވެ. ރިއާން ސިހިފައި ނަޝްވާގެ އަތުން ދޫކޮށްލިއެވެ.
“ނަޝް.. މިއީ އަހަރެންގެ އަންހެނުން ޒީވާ” ރިއާން ޒީވާއަށް އިޝާރާތް ކޮށްލަމުން ނަޝްވާއާ ދުރަށް ޖެހިލިއެވެ.
“އޯހް.. ޒީއާ ދޯ ރިއާން އެންމެފަހުން މެރީ ކުރީ؟ އަހަރެންވެސް ހަބަރުން ދުށީމޭ.. ވަގުތުން އެނގިއްޖެ އެރޭންޖްޑް މެެރިޖެއްކަން.” ނަޝްވާގެ ބަސްތަކާއެކު ރިއާން ރުޅި ކޮންޓްރޯލް ކުރުމަށްޓަކައި ދެދަތްޕިލަ ޖައްސައި ބާރު ކޮށްލިއެވެ. އަދި ނަޝްވާ އަތުގައި ހިފައި ދަމަމުން ކަހަލަ ގޮތަކަށް ޒީވާއާ ދުރަށް ގެންދިޔައެވެ.
“މޮޔަވީތަ؟ ކީކޭ ހިތަށް އަރައިގެން މިގެއަށް ތި އައީ؟ އަހަރެންނާ ނަޝްވާއާ ދެމެދު މިހާރު އެއްވެސް ގުޅުމެއް ނޯންނާނެ..” ރިއާންގެ އަޑުން ރުޅިވެރިކަން ފާޅުވާން ހުއްޓެވެ. ނަމަވެސް އޭނާ ދެއްކި އެއްވެސް ވާހަކައެއް ޒީވާއަކަށް ނީއްވައެވެ. ބަދަލުގައި ނަޝްވާ ވާހަކަދައްކަމުން ދިޔައީ ޒީވާއަށްވެސް އަޑުއިވޭ ވަރަށެވެ.
“އަހަރެން ހީކުރީ އަހަރެން ފެނުނީމަ ރިއާން އުފާވާނެކަމަށް.. ކޯސް ނިންމާލި ގޮތަށް ކުއްލިއަކަށް ގެއްލުނީމަ އަހަރެން ކިހާ ވަރަކަށް ރިއާން ހޯދަން މަސައްކަތްކުރިން.. ރާހިލްގާތު ކިޔާ ކިޔާވެސް ހަމަހިލާ ރިއާންގެ ރާއްޖޭގެ ނަންބަރެއް ނުދިން.. އިންސްޓަގްރާމުން ކުރި އެއްވެސް މެސެޖަކަށް ރިއާންގެ ރައްދެއް ނުލިބޭ.. އަހަރެންގެ ކިޔެވުމުގަ ބާކީ ދެއަހަރު އޮތީމަ މާލެ ނާދެވުނީ.. އެކަމަކު މިހާރު އަހަރެން މި އައީއެއްނު.. ރިއާން އުފާ ނުވިޔަސް އަހަރެން ވަރަށް އުފާވެއްޖެ ރިއާންއާ ދިމާވީމަ. އަދި އެހާ ދުވަސްފަހުން ޒީއާ ވެސް” ނަޝްވާގެ ވާހަކަ ނިންމައިލަމުން ދުރުގައިހުރި ޒީވާއަށް ހަނާ އަޅައިލިއެވެ.
“އޯކޭ ދެޓްސް އިނަފް ނައު ގެޓް އައު-”
“ރިއާން” ރިއާންގެ ވާހަކަ މެދުކެނޑުނީ ދުރުގައިހުރި ޒީވާ ގޮވައިލި އަޑަށެވެ. “އެހާ ދުވަސްކޮށްފަ ނަޝްއާ ދިމާވީމަވެސް ފޮނުވާލަނީތަ؟ ތިގޮތަށް މެހެމާންދާރީ އަދާނުކޮށް ފޮނުވާލާކަށް ނުވާނެ.. އިށީނދެލާ.. އަހަރެން ކޮންމެސް އެއްޗެއް ގެނެސްދޭނަން.. ޖޫސްތަ ނޫނިއްޔާ ކޮފީތަ؟” ޒީވާ ހިތްހެޔޮކަމާއެކު އަހައިލިއެވެ.
“ދެޓް ވޯންޓް ބީ ނެސެސަރީ ޒީވާ”
“ކޮފީ. ރިއާން ބޯ ގޮތަށް. އަހަރެންނާ ރިއާންއާ ވަރަށް އެއްގޮތްވާނެ.. ޒީއަށް ނޭނގުނަސް އަހަރެމެންގެ ގުޅުން ވަރަށް ގާތްވާނެ” މިފަހަރު ރިއާންގެ ވާހަކަ މެދުކަނޑައިލީ ނަޝްވާއެވެ.
“ރިއާން ނުވެސް ބުނޭ ކިޔަވަން އުޅުނު އިރު އަލުން ނަޝްއާ ދިމާވިކަމެއް.. އަހަރެން އެބަ އަންނަން އެނގޭ.. ޔޫ ޓޫ ކެޗް އަޕް” ޒީވާ މިފަހަރުވެސް ހިނިތުންވެލިއެވެ. އަދި ރިއާންއަށް އަވަސް ނަޒަރެއް ދިނުމަށްފަހު ކިޗަން އައިލަންޑްގެ މަތީގައިވާ ކޮފީ މެޝިނާ ދިމާލަށް ހިނގައިގަތެވެ. އާންމުކޮށް ރިއާންއާއެކު އެހެން އަންހެން ކުއްޖަކު ފެނިއްޖެނަމަ އޭނާގެ އަމަލުތައް ހުންނަ ހަރުކަށިގޮތާ ހިލާފަށް ނަޝްވާ ފެނުމުން އޭނާގެ ހަރަކާތްތައް ތަފާތެވެ. ހިތް ނޭދޭ އެކި ހިޔާލުތަކުން ސިކުނޑިފުރި އޭނާގެ ހައިސިއްޔަތަކީ ކޮބައިކަން ހަނދާންވިއެވެ. މީގެ އަށް އަހަރުކުރިންވެސް ނަޝްވާ ހިޔާރުކުރި ފަދައިން ރިއާންދެންވެސް ހިޔާރުކުރާނީ ނަޝްވާކަމަށް ހީވެ މާޔޫސްވިއެވެ.
“އަދިވެސް ޒީ ހާދަ ނައިސްއޭ ދޯ.. އާއިލާއިން ކުރުވި ކައިވެންޏެއްގަ ހައްޔަރުވެގެން އެކަހަލަ ކުއްޖަކަށް އެއްވެސް އުފަލެއް ނުލިބި އިނުން ހައްގެއް ނޫން.. ޒީގެ އުފާވެރިކަމަށް ހުރަސްނާޅާ ރިއާން ޒީ ދޫކޮށްލަންވީނު.. ޝީ އިޒް ސޯ ނޮޓް ޔޯ ޓައިޕް” ނަޝްވާ ވާހަކަދެއްކީ ރިއާންއަށް އެކަނި އިވޭވަރަށް ކަމުގައި ވިޔަސް އެދެމީހުންގެ ވާހަކައަށް ކަންފަތް ދީގެން ހުރި ޒީވާއަށް އެ ދެއްކި ވާހަކަ އިިވި ހިތް މާޔޫސްވިއެވެ.
“ކޮބާ ނަޝްވާގެ މަގްސަދަކީ؟ ތިން އަހަރުފަހުން ނަޝްވާ ތިއައީ އަހަރެންގެ ފަރާތުން ކޮންކަމެއް ބޭނުންވެގެން؟ އޭރުވެސް އަހަރެން ބުނަމުން ދިޔައީ އަހަރެން ނަޝްވާދެކެ ލޯތްބެއް ނުވެޔޭ.. އުޅޭކަށް ބޭނުމެއް ނޫނޭ.. ހޭބަލިވެގެން މަގޭ ފަހަތުން ދުވެ އުޅުނު މީހަކީ ތިއީ.. އުނދަގުލަކަށްވެގެން އަހަރެން ކޯސް ނިމެންދެން ނަޝްވާއާއެކު އުޅުނީ.. އެކުގަ އުޅެންވެސް ވަރަށް މަސައްކަތްކުރިން.. އެކަން ނުވީ ނަޝްވާގެ މިޒާޖު އަހަރެންނަށް ކަމުނުދާތީ.. އެހެންވީމަ އަހަރެން ނަޝްވާއަށް ހަބަރެއްނުވެ ގެއްލުނޭ ކިޔާފަ ހައިރާންވާކަށް ނުޖެހޭނެ..” ރިއާން ދެންވެސް ވާހަކަދެއްކީ ޒީވާއަށް ނީވޭނެހާ ސިއްރުންނެވެ.
“ކޮފީ” ޒީވާ ގެނައި ދެޖޯޑު މޭޒުމަތީގައި ބަހައްޓައިލަމުން ހިނިތުންވުމަކާއެކު ބުންޏެވެ. އަދި އެތަނުން ދުރަށް ފިޔަވަޅެއް އަޅައިލިއެވެ. އޭނާއަށް ހައިރާންކަމެއް ލިބުނީ އެވަގުތު ރިއާން އޭނާގެ އަތުގައި ހިފެހެއްޓުމުންނެވެ.
“ޒީވާ މަޑުކުރޭ.. ޒީވާއަސް ނޭނގޭހެން ނަޝްވާ އަހަރެންނާ ދައްކަންޖެހޭ ވާހަކައެއް ނޯންނާނެ” ރިއާން ބުންޏެވެ.
“އައްދޭ.. ހާދަ ވަރަކަށޭ ދޯ އަނބިދަށުވެފަ ތި ހުންނަނީ.. ތިގޮތް ރިއާންއާ ނުވެސް ގުޅޭ.. ހިއެއް ނުކުރަން ޒީވެސް އެހާ ޓޮކްސިކް ވާނެކަމަކަށް.. އަހަރުމެން މީ ހަމަ ކުރީގެވެސް ރަހްމަތްތެރިންނެއްނު” ނަޝްވާގެ ބަސްތަކުގައި މަލާމާތުގެ ރާގެއް އެކުލެވިފައިވިއެވެ. ފަހުން ފަހުން ރިއާންއާ ގާތް ގުޅުމެއް ބޭއްވި ނަމަވެސް ނަޝްވާއަކީ ކުރިން ޒީވާގެ ރައްޓެއްސެކެވެ.
“ރަނގަޅުވާނެ ރިއާން.. އަހަރެން ކޮޓަރީގަ މަޑުކޮށްލާނަން.. ކަމެއް ބޭނުންވެއްޖެއްޔާ ގޮވާލައްޗޭ.. ފަހަރެއްގާ ނިދިދާނެ” ޒީވާ ރިއާންއަށް ހިނިތުންވެލުމަށްފަހު ރިއާންގެ އަތުތެރެއިން އޭނާގެ އަތް މިނިވަން ކޮށްލިއެވެ. އަދި އަވަސް ފިޔަވަޅުތަކެއްގައިގޮސް ކޮޓަރިއަށްވަނެވެ. އެއާއެކު އޭނާ އެ ހުރިހާއިރު ކުރަމުންދިޔަ ހިތްވަރު އެކީ އެލިގެން ދިޔައެވެ. ކަރުނަތައް އޮއްބާލަން މަސައްކަތްކުރަމުން އެނދުގައި އޮށޯވެލައި ބާލީހުގައި ބައްދައިލިއެވެ. ނަމަވެސް ނަޝްވާގެ ވާހަކަތައް ކަންފަތް ދޮށުގައި ތަކުރާރުވަމުންދިޔަ ވަރަކަށް އޭނާގެ ހިތުގައި އަޅަމުންދިޔަ ވޭން އިތުރުވަމުން ދިޔައެވެ. މީގެ އަށް އަހަރު ކުރިން އޭނާ ރިއާންއަށް ލޯބި ހުށަހެޅި ރޭގައި ރިއާން ނަޝްވާއާއެކު އުޅުނު ގޮތުގެ މަންޒަރުތައް އޭނާގެ ލޯ ކުރިމަތިން ފެންނަން ފެށި ކަހަލައެވެ. އެދުވަހުން ފެށިގެން މީގެ ހަތަރު އަހަރު ކުރިއާ ހިސާބަށް ޒީވާ ކުރަމުންދިޔަ އާދޭސްތަކަަށް ބީރު ކަންފަތެއް ދިނުމަށްފަހު ރިއާންގެ ދުވަސްތައް ހޭދަކުރަމުންދިޔައީ ނަޝްވާއާ އެކުގައި ހެއްޔެވެ؟ ރިއާންގެ ލޯތްބަށް އެދި އޭނާ އާދޭސް ކުރަމުންދިޔައިރު އެ ލޯބި ލިބެމުންދިޔައީ ނަޝްވާއަށް ހެއްޔެވެ؟ މި ހުރިހާދުވަހު އޭނާ ދެކެމުންދިޔަ ހުވަފެންތަކުގެ ހުރަހަކަށްވެ ރިއާންގެ ލޯބީގައި އުދުހެމުންއައި ނަސީބުހުރި ކުއްޖަކީ އެއީ ހެއްޔެވެ؟ ރިއާންއަށް އަދިވެސް އޭނާދެކެ ލޯބި ނުވެވިގެން އުޅޭ ސަބަބަކީ އެއީ ހެއްޔެވެ؟
އެ ހިޔާލުތަކުގެ ސަބަބުން ޒީވާގެ މޭގައި ތޫނު ރިހުމެއް އުފެދުނެވެ. އެ ރިހުމަށް ކެތްކުރާހާލު މޭގައި ހިފަހައްޓައިލަމުން އޭނާ ފުންނޭވާތަކެއް ލާން ފެށިއެވެ. އޭރު އެދެލޮލުން ފައިބަމުންދިޔަ ހޫނު ކަރުނަތަށް އެއްވެސް ހުރަހަކާއިނުލާ އޭނާގެ ބާލީސް ތެންމަމުން ދިޔައެވެ. ޒީވާއަށް ނޭނގެނީ އެ ވަހުމްތަކުގައި ޒީވާ ގެނބިގެންދިޔައިރު ފަރުދާގެ އަނެއް ފަރާތުގައި ކުޅެވެމުންދިޔަ މަންޒަރު މުޅިން ތަފާތު ކަމެވެ. އެންމެ ފަހަރަކުވެސް ކޮޓަރީގެ ދޮރު ކައިރިއަށް ޖެހިލިނަމަ އެދޮރުގެ އަނެއް ފަރާތުން އޭނާގެ ހިތަށް ތަސައްލީއެއް ލިބިދާނެ ކަހަލަ އަޑުތަކެއް އިވުނީހެެވެ.
“ދެޓްސް އިޓް! ޒީވާ މިތާ ހުރީތީ ނަޝްވާ ތި ޖެއްސިހާ ވައްތަރުތަކަށް އަހަރެން ވަރަށް ކެތްކޮށްފިން. މިހާރު ފުދިއްޖެ! ހަމަމިހާރު މިތަނުން ނުކުމޭ” ޒީވާ ކޮޓަރިއަށް ވަނުމާއެކު ރިއާން އިންތަނުން ތެދުވެ ދޮރާ ދިމާލަށް އިޝާރާތް ކުރިއެވެ.
“ޗިލް ރިއާން. ޒީ ކިހާ ކޫލް.. އަހަރެމެން ދެމީހުންނަށް ޕްރައިވަސީ ދީފަ ނިދަން އެވަނީ. އޭނައަށްވެސް އެނގެޔޭ ރިއާންކަހަލަ ތަނަވަސް ފިރިހެނަކަށް އިތުރު އަންބަކު ހޯދިދާނެކަން… މުއްސަނދިންގެ އަނބިން ތިބޭނީ ވަކި ހިސާބަކުން އެދުވަސް އަންނާނެކަން ގަބޫލު ކޮށްގެން.. އެވަރުންވެސް ރިއާން ތި އުޅެނީ އެކަން ބަލައިނުގަނެ މި ފުރުސަތުގެ ބޭނުން ނުހިފާ ދޫކޮށްލަން.” ޒީވާ ގެނައި ކޮފީތަށި ދެއަތުން ހިފަހައްޓައިލުމަށްފަހު ނަޝްވާ ހަމަޖެހިލައިފައި ބުންޏެވެ. ނަމަވެސް އޭނާގެ ތުންފަތާ ހިސާބަށް އެތަށި ނުފޯރަނީސް ރިއާން އެ ތަށި އަތުލުމަށްފަހު މޭޒުމަތީގައި ބެހެއްޓިއެވެ. އަދިވެސް އެއްފަހަރު ހަށިގަނޑު ތެދުކޮށްލުމަށްފަހު ސޯފާގައި އިށީނދެގެން އިން ނަޝްވާއަށް ބަލައިލިއެވެ.
“އިސްރާފުވާވަރަށް ފައިސާ ލިބުނަސް އަހަރެން އިތުރު އަނތްބަކު ބޭނުމެއް ނޫން. ކޮންމެ ހާލަތެއްގަ ކައިވެނި ކުރެވުނަސް އަހަރެންނަށް ޒީވާ ފުދޭ! ކަލޭ ހީކުރަނީ އަހަރެންނަށް ކަލޭގެ ގޮތް ނޭނގޭނެކަމަށްތަ؟ މަށަށް އެނގެޔޭ ތި ހުރިހާ އެއްޗެއް ތި ކިޔަނީ ޒީވާއަށް އަޑު އިއްވަންކަން! އައި ޑޯންޓް ވޯންޓް ޓު ޓަޗް ޔޫ އިވަން އިފް އިޓްސް ޓު ޑްރެގް ޔޫ އައުޓް އޮފް ހިޔަރ. އެކަމަކު ކަލޭގެ ވިހަދުލުން މަގޭ އަންހެނުންނަށް ނިސްބަތްކޮށް ނޫނީ އޭނަގެ ހިތުގަ ޖެހޭހެން ދެން އެންމެ ލަފްޒެއް ބުންޏަސް އަހަރެން ކަލޭ ދަމާފަ ގެންގޮސް އެހެރަ ދޮރުން ބޭރަށް ނެރޭނަން! އެގޮތް ބޭނުން ނެތިއްޔާ ހަމަ މިހާރު ނުކުމޭ” ރިއާންގެ ރުޅިގަނޑު ހުރީ ހަމައިން ނެއްޓޭހާ ހިސާބުގައެވެ.
“އޯކޭ އޯކޭ. ވަރަށް ބޮޑަށް ސޮރީ ރިއާން.. ރުޅި ނާދެބަ. އަހަރެންނަށްވެސް އެނގެޔޭ މިހެން ކުއްލިއަކަށް މިގެއަށް އައުމަކީ ރަނގަޅުގޮތެެއް ނޫންކަން.. ސޮރީ.. އެހާ ދުވަސްކޮށްފަ ރިއާން ފެނުނީމަ އަހަރެންނަށްވެސް ދުރުގަ ނުހުރެވުނީ.. ޒީއަކީވެސް ކުރީގެ ރައްޓެއްސެއްވީމަ އެއީ މައްސަލައެއް ކަމަށް ނުފެނުނީ.. އެކަމަކު ރިއާން އަހަރެންދެކެ ރުޅި އަންނާކަށް އަހަރެން ބޭނުމެއް!” ނަޝްވާ ގޮތްދޫކޮށް ރިއާންއާއެކު އެޕަރޓްމެންޓްގެ މައި ދޮރާ ހަމައަށް ހިނގައިގަތެވެ. ރިއާން އެ ދޮރު ހުޅުވައިލުމަށްފަހު ނުކުންނާށޭ ބުނެ ބޮލުން އިޝާރާތެއް ކޮށްލި އެވެ.
“އަހަރެންގެ ނަޒަރުގަ ރިއާން ތިއީ އަދިވެސް މިނިވަނެއް! އަދި އަހަރެންގެ ހުވަފެނުގަ ތިއީ އަހަރެންގެ މީހެއް! ވަރަށް އަވަހަަށް އަހަރެން މި ހުވަފެން ކުލަކުރާނަން! ކުރީ ފަހަރެކޭވެސް އެއްގޮތަށް މިފަހަރުވެސް އަހަރެންނަށް ރިއާން ހާސިލްވަންދެން އަހަރެން މަސައްކަތް ކުރާނަން.! ހަމަ އެ ފަހެރެކޭވެސް އެއްގޮތަށް މިފަހަރުވެސް ރިއާން އަހަރެންގެ މީހަކަށް ހަދާނަން!” ނަޝްވާގެ ބަސްތައް ވީ އޭނާގެ ހިތުގައެވެ. ކޮނޑު އަރުވައިލުމަށްފަހު ރިއާން އެދުނު ފަދައިން ހަރުކޮށް ހިނގާފައިގޮސް އެޕަރޓްމެންޓްގެ ދޮރުން ނުކުތެވެ.
ނަޝްވާ ނުކުތުމުން ރިއާން ދޮރު ތަޅުލުމަށްފަހު ނިތްކުރިއާއި ނޭފަތް ގުޅޭ ހިސާބުގައި ދެ އިނގިލިން ހިފަހައްޓައިލަމުން ފުން ނޭވާއެއް ދޫކޮށްލިއެވެ. އަދި ކުއްލިއަކަަށް ކަމެއް ހަނދާންވި ފަދައަކުންގޮސް ޒީވާ ވަތް ކޮޓަރީގެ ދޮރުގައި ޓަކިދިނެވެ. ދެތިން މިނަޓުވަންދެން ޒީވާއަށް ގޮވަމުން އެކޮޓަރީގެ ދޮރުގައި ޓަކި ދިންއިރުވެސް ޒީވާގެ ހިލަމެއް ނުވިއެވެ. އެންމެފަހުން ޒީވާ ނިދީކަމުގައި ނިންމުމަަށްފަހު އޭނާވެސް ގޮސް ކޮޓަރިއަށް ވަނެވެ.
************
“ޝައިނާ އުޅޭނީ މިހާރުވެސް މިކޮޅުގަ. ފަތިހުގެ ލޯންޗުން އައީ.. މަންމަމެން މެންދުރު ކެއުން ނިންމާލާފަ މިރެއާ ހަމައަށް ވިލާގަ މަޑުކޮށްލިޔަސް ރަނގަޅުވާނެ” ރިސޯޓަށް ފޭބުމަށްފަހު ރިއާން އޭނާއާއެކު އައި މީހުންނަށް އިރުޝާދު ދިނެވެ. އެތަނުގައިތިބީ ރިޔާޒްއާއި ޝީރީނާއި ނާޝިދާއި ވާފިޔާގެ އިތުރުން އާމިރުގެ ދެމަފިރިންނެވެ. އެ އެންމެން ހުރުމަށް ކަނޑައެޅިފައިވަނީ އާއްމުކޮށް ރިސޯޓުގައި ވެރިޔާ ހުރުމަށް ކަނޑައެޅިފައިވާ ވިލާއެވެ. ލިވިންގް އޭރިޔާއަކާއި ޑައިނިންގް އޭރިޔާއެއް އަދި ޕޫލަކާއި ޓެރަހެއް ހިމެނޭ އެ ވިލާގައި ހަތަރު ކޮޓަރި ހުންނާތީއާއެކު ރިއާން އެ ވިލާ އެމީހުނަށް ހަމަޖައްސައިދިނެވެ. އެ އެންމެން ދިޔުމުން ދުރުގައިހުރި ރާހިލް އައިސް ރިއާންގެ ކޮނޑުގައި އެލިގަތެވެ.
“ކިހިނެއް ވެގެންތަ ތި އުޅެނީ ލަދުން ބޯހަލާކޭ؟” ރިއާން ސިހިފައި ރާހިލް ދުރަށް ކޮށްޕައިލިއެވެ. އެމަންޒަރު ބަލަންތިބި ޒީވާއާއި އެލީޝާއަށް ހިނިގަނޑު ހިފަހައްޓައިލެވުނީ ހަމަ ކިރިޔާއެވެ.
“ސާބަހޭ އެ އެންމެންްގެ ކަންތަކާ އުޅެފަ އަހަރެން މަތިން ހަނދާނެއްވެސް ނެތެއްނު؟ އަހަރެން މިހާރު މިތާ އަވީގަ ހުރެ ހުރެ އަނބުރައިގަންނަހާ ވެއްޖެ. ކޮބާތަ އަހަރެން ހުންނަންވި ކޮޓަރި؟” ރާހިލްގެ ޝަކުވާ ފެށިގެންދިޔައެވެ.
“ވެލްކަމް ޓު ދަ ސަނީ ސައިޑް އޮފް ލައިފް. އަސްލު ބުނަން؟ ތިދެމީހުނަށް ހަދަންވި ގޮތެއް އެނގޭނީ ޝައިނާއަށް. އެކޮޅުން ފާޑެއްގެ ސެލޫނެއްގެ ބަޔަކު ގެނެސްގެން އުޅެނީ.. އެހެރީ ޝައިނާ ފޮނުވި މީހާ. އޭނައާއެކު ދޭ.. ދެމީހުނަށް ދެ ކޮޓަރި ހަމަޖެއްސީ..” ރިއާން ދުރުގައިހުރި މުވައްޒަފެއް ދައްކައިލިއެވެ.
“މަޑުކޮށްބަ! މަގޭ ސަންތި ކޮބާތަ؟” ރާހިލް އަހައިލިއެވެ.
“ބަލަ އަހަރެންތަ ޝައިނާއާ އިނދެގެން މި އުޅެނީ؟ ރާހިލްވެސް ގުޅާލާފަ އަހާލަން ރަނގަޅެއްނު؟ ރާހިލްގެ އަންހެނުންވިއްޔަ. އަހަރެންނަށް ހީވަނީ މިރޭ ޕާޓީ އޮތީމަ ބިޒީކޮށްހެން އުޅޭނީ” ރިއާން ބުންޏެވެ.
ރާހިލް ބޯ ޖަހައިލުމަށްފަހު ޝައިނާގެ ފޯނަށް ގުޅަން މަސައްކަތް ކުރަމުން ރިއާން ދެއްކި މުވައްޒަފާއެކު ދުރަށް ހިނގައިގަތެވެ. އޭނާއާއެކު އެލީޝާވެސް ދިޔައެވެ. ބާކީ އެތަނުގައި ހުރީ ޒީވާ އެކަންޏެވެ.
ރިއާންގެ ސަމާލުކަން ޒީވާއަށް ހުއްޓުނެވެ. މުޅި ދަތުރުގައިވެސް ޒީވާގެ ފަރާތުން ފެންނަމުންދިޔަ ހިމޭންކަން އޭނާއަށް އުނދަގޫ ކުރަމުން ދިޔައެވެ. ޒީވާގެ އެ މަޑުމައިތިރިކަމާ، ރޭގައި ނަޝްވާ އެގެއަށް ދިޔުމާ ގުޅުމެއްވާކަން ގަބޫލުކުރެވުނު ނަމަވެސް އެވާހަކަ އަލުން ފަށައިގެން ދައްކާނެ ހިތްވަރެއް ރިއާންއަކަށް ނުލިބުނެވެ.
“ދާންވީނު” ރިއާން ޒީވާއާ ގާތަށް ޖެހިލަމުން ބުންޏެވެ.
“އަހަރުމެން ދެމީހުންވެސް ތިބެނީ ދެ ކޮޓަރީގަތަ؟” ޒީވާ އަހައިލިއެވެ.
“ބައްޕަމެންވެސް އައީމަ އަދި އެއްކޮށް.. ޒީވް ބޭނުމިއްޔާ އަދިވެސް ވަކި-”
“ނޫން އޯކޭވާނެ. ވަކިން ހުރިއްޔާ ދޮންބެވެސް އެއްޗެކޭ ހިތަށް އަރާފާނެ.. ހިނގާދާން” ޒީވާ ހިނިތުންވެލިއެވެ. އެއާއެކު ރިއާންގެ ސިކުނޑީގައިވާ ރިހުން އޭގެ ހަ ގުނައަށް އިތުރުވިއެވެ. އެ ހިނިތުންވުމަކީ އޭނާ ދަންނަ ހިނިތުންވުމެކެވެ. އެ ހިނިތުންވުން މޫނުމައްޗަށް ގެނައުމަށްޓަކައި ޒީވާ ކިތަންމެ ކުޅަދާނަ ކަމުގައިވިޔަސް އެ ހިނިތުންވުމަކީ މަސްނޫއީ ހިނިތުންވުމެއްކަން އޭނާއަށް ފޮރުވުމުގައި ޒީވާއަށް މިވީހާތަނަށްވެސް ކާމިޔާބު ލިބިފައެއް ނުވެއެވެ.
“މެންދުރު ކައިގެން ރަށް ބަލާލަން ދާންވާނެއްނު.. ޒީވް ބޭނުމިއްޔާ ޕޫލަށްވެސް އެރެންވީ..” ރިއާންގެ ވާހަކައަށް ބޯޖަހައިލުން ފިޔަވައި އިތުރު ރައްދެއް ޒީވާގެ ފަރާތަކުން ނުލިބުނެވެ. ރިއާންގެ ސިކުނޑި ސުމަކަށް ދިޔައެވެ. ހުދު އޭނާއަކީވެސް މިޒާޖުގައި މާ ވާހަކަގިނަ މީހަކަށް ނުވާތީއާއެކު ޒީވާއާ އިތުރަށް ދައްކާނެ ވާހަކައެެއް ނޭނގުނެވެ. އެރަށުން ފުރުމުގެ ކުރިން ޒީވާގެ ހިތްހަމަޖެހޭތޯ ހިތާހިތުން ދުޢާކުރަމުން އިސްޖަހައިލިއެވެ.
***********
ރިސޯޓުގެ މައި ރެސްޓޯރެންޓްގައި ތައްޔާރު ކުރެވެމުންދިޔަ ގިޑިގެއަށް ނަޒަރު ހުއްޓާލައިގެންހުރި ޝައިނާވަނީ ފުންހިޔާލެއްގެ ތެރޭގައެވެ. ކުރިމަތީގައި ހިނގަމުންދިޔަ އެއްވެސް ކަމަކަށް އޭނާގެ ސަމާލުކަން ދިނުން ދަތިވެފައިވާ ކަހަލައެވެ. ޕާޓީއަށް ވަމުންދާ ތައްޔާރީތަށް ބަލަން އެއްއަތުގައި އޮތް ޓެބްލެޓް މޭގައި ލައްކޮށްލައިގެން ހުރިއިރު އަނެއް އަތުގައިހުރި ކޮފީތަށިން އިރުއިރުކޮޅާ ކޮފީ ފޮދެއް ބޮއެލައެވެ.
“ޝައި.. ޝައި ދުރަށް ޖެހިލަބަ” ކައިރިން މީހަކު ގޮވައިލި އަޑަށް ޝައިނާ ސިހިފައި ދުރަށްޖެހުނެވެ. އޭރު އޭނާއަށް ހުރެވުނީ މީހުން ހިނގާބިނގާވެ އުޅުނު މަގުގައެވެ. އެހެންކަމުން ރަތްކުލައިގެ މާމެލާމެލިން ޖަރީކުރެވިފައިވާ ބޮޑު ވަކަރެއް ހިފައިގެން އައި ބަޔަކު އެމަގުން ނުދެވިފައި ހުއްޓެވެ.
“ޝައިއަށް މިއަދު ކިހިނެތް ވެފަތަ ތި ހުންނަނީ؟ ހިއެއް ނުވޭ މާބޮޑަށް މިކަމާ ވާހެނެއް” ޝައިނާއާއެކު އެތަން ތައްޔާރުކުރުމުގައި އުޅުނު އިލްހާމް ބުންޏެވެ.
“ކަމެއް ނުވޭ.. ނުނިދާ އުޅުނީމަ ކުޑަކޮށް ބޮލުގަ ރިއްސަނީ..” ޝައިނާ ހިނިތުންވެލިއެވެ.
“މިރޭ އަދި ޕާޓީ އޮތީ.. ތިހެން އެއްގޮތަކަށްވެސް ކަމަކު ނުދާނެ.. ފައިނަލް ޓަޗް ކުރާގަޑީގަ ޝައި ކޮންމެހެންވެސް ހުންނަންވާނެ.. ދޭ އިހަކަށް ނިދާލަން.. އަހަރެން މިކަމާ އުޅެލަދޭނަން” އިލްހާމްގެ ވާހަކައަށް ޝައިނާ ބޯ ޖަހައިލިއެވެ.ހަގީގަތުގައިވެސް އޭނާ ހުރީ އެތަނުންދާން ބޭނުންވެފައެވެ. ރާހިލްއާއި އެލީޝާގެ ކައިވެންޏަކީ ދުނިޔޭގެ ލޮލުގައި އަޅުވާ އަނދުނެއް ކަމުގައިވިޔަސް އެތައް ބައެއްގެ ކުރިމަތީގައި ރާހިލް އެހެން މީހެއްގެ ހައްޤަކަށްވާން އުޅޭ ލކަމުގެ ހިޔާލުން އޭނާގެ ނިންޖާއި ހަމަޖެހުން ނަގާލެވިފައިވެއެވެ. ފިރިމީހާ އެހެން މީހަކާ ކުރެވޭ ކައިވެނީގެ ހަފްލާ އަމިއްލައަށް ޒީނަތްތެރި ކުރަމުންދާއިރު އެހިތުގައި އަޅާވޭން އިހުސާސްވާނެ އެކަކުވެސް ނުހުންނާނެއެވެ. އޭނާއާއި ރާހިލްގެ ކައިވެނި ކުލަގަދަ ގޮތެއްގައި ނުކުރެވުނު ކަމުގައިވިޔަސް އަދި ބޮޑު ހަފްލާއެއް ނުބާއްވައި ބޮޑުހެދުމެއް ނުލެވުނު ކަމުގައިވިޔަސް އޭނާގެ ޝަކުވާއެއް ނެތެވެ. ނަމަވެސް ކިތަންމެ ފަހަރަކު މިރޭ އެލީޝާގެ ޖާގައިގައި އޭނާ ހުންނާނެ ނަމައޭ އޭނާގެ ހިތަށް އަރަމުން ދިޔައެވެ.
*************
ކޮޓަރިއަށް އައިއްސުރެން ޒީވާއަކަށް ރިއާންގެ ހަބަރެއް ނުވެއެވެ. އޭނާ ކާންދާން ބޭނުން ނޫން ކަމުގައި ބުނުމުން މެންދުރު ކާން ނުކުތްމީހާ އެނބުރިއައީ ހަވީރު ހަތަރެއް ޖެހުމާ ގާތްވެފައި ވަނިކޮށެވެ. ރިއާން ފެނުމާއެކު ޒީވާގެ މޫނުމަތިން އެހެންޏާ ނުފެންނަ ޒާތުގެ ފޫހިކަމެއް ފެނުނެވެ. ނަޝްވާއާއެކު ރިއާން އުޅުނު ގޮތުގެ ހިޔާލުން ސިކުނޑީގައި ހައިޖާނު އުފެދުނެވެ. އެއީ މީގެ އަށް އަހަރު ކުރިއެވެ. ނަމަވެސް ރިއާންގެ ވިސްނުމުން ބަލާނަމަ އޭރެކޭ އެއްފަދައިން މިހާރުވެސް ނަޝްވާއަކީ އޭނާއަށްވުރެ ފުރިހަމަ އަންހެނެކެވެ. ރޭގައި އޭނާގެ ކުރިމަތީ ރިއާން ނަޝްވާއާ ނުރުހޭކަން ދެއްކިނަމަވެސް އޭނާ ނިދުމަށްފަހު އެދެމީހުންގެ ދޭތެރޭގައި ހިނގި އެއްވެސް ކަމެއް އެނގޭނީ ކާކަށް ހެއްޔެވެ؟
ޒީވާ ކޮޓަރިން ނުކުމެ މަޑުހިނގުމެއްގައިގޮސް ޕޫލް ކައިރީގައި މަޑުކޮށްލުމަށްފަހު ލައިގެންހުރި ހުދުކުލައިގެ ހަރުވާޅު ކަކުލާއި ހިސާބަށް އޮޅައިލަމުން ޕޫލްގެ ތެރެއަށް ދެފައި ބޭލިއެވެ. އޭނާއަށް އެގޮތުގައި އިނދެވުނީ މަދު އިރުކޮޅެކެވެ. ޕޫލްގެ ފެންގަނޑުގައިހުރި މަޑުމަޑު ތާފަނާކަން އިހުސާސްކުރެވުމާއެކު މަޑުމަޑުން ޕޫލަށް އެރި ފަތައިލިއެވެ. އެއަށްފަހު ޕޫލްގެ ކައިރިފަށަށް އައިސް ފޮޓޯނަގަން ފެށިއެވެ. އެވަގުތު އެތަނުން މީހެއްގެ ހިލަމެއްވެގެން ބަލައިލިއިރު ރިއާން ދުރުގައި ޒީވާގެ ފޮޓޯނަގަން ހުރިތަން ފެނުނެވެ. ޒީވާއަށް އެ މަންޒަރު ފެނިއްޖެކަން އެނގުމުން ރިއާން ހިސާބަކަށް ރަކިވި ނަމަވެސް އެކަން ފޮރުވައިލުމަށްޓަކައި އޭނާވެސް ލައިގެން ހުރި ޓީޝާޓު ބޭލުމަށްފަހު ޒީވާ ހުރި ދިމާލުން ޕޫލަށް ފޭބިއެވެ. ރިއާން އެފަދަ ގޮތަކަށް އޭނާގާތަށް އައީތީ ޒީވާގެ ހިތް އުފަލުން ނަށައިލި ނަމަވެސް އޭނާ އެހިތުގެ މައްޗަށް ބާރު ފޯރުވަމުން އެތަނުން ދާން ހިނގައިގަތެވެ.
“ދަނީތަ؟” ރިއާން ހައިރާންވެފައި އަހައިލިއެވެ.
“ހްމްމް. ހަމައެކަނި ފޮޓޯކޮޅެއް ނަގަން އެރުނީ.. މިހާރު އޯކޭ” ޒީވާ ރިއާންއަށް ހިނިތުންވުމެއް ހަދިޔާކޮށްލުމަށްފަހު ޕޫލްއިން އެރުނެވެ. ތެމުމުގެ ސަބަބުން ގައިގައި ތަތްލާފައިވާ ތުނި ފޭރާމުގެ ތެރެއިން ފެންނަންހުރި އޭނާގެ ހަށިގަނޑުގެ ވަނާތަކަށް ރިއާންގެ ނަޒަރު ދަތުރުކުރިކަން ހުދު ޒީވާއަށްވެސް އެނގުނެވެ. އެނަޒަރުން ސަލާމަތްވުމަށްޓަކައި އޭނާ ކައިރީގައި އޮތް ގޮނޑިން ތުވާއްޔެއް ނަގައި ގައިގައި އޮޅައިލަމުން ގޮސް އެތެރެއަށްވަނެވެ.
“ކޮންމެހެން މިހާރު އަހަރެންނަށް ބަލަނީ ކީއްކުރަން ކުރިން އަހަރެން ހުންނަގޮތަށް މަލާމާތްކޮށްފަ؟ ނަޝްވާއަށް ބެލީމަ ވީއެއްނު؟” ހިތާހިތުން ރިއާންއާ ދިމާލަށް ކުދިކިޔަމުން ޒީވާ އަތުގެ ހުރި ހުރިހާ ބާރަކާއެކު ކޮޓަރީގެ ދޮރުފަތް ކަހައިލިއެވެ.
**************
ދުވަހުގެ އިރު އޮއްސުނުއިރުވެސް ޝައިނާ އެނދުން ތެދުވާ ހިތެއް ނުވިއެވެ. އޭނާގެ ގައިގައިވާ ހުރިހާ ހަކަތައެެއް ހުސްވެފައިވާ ފަދައެވެ. ޕާޓީ ބާއްވަން ހަމަޖެހިފައިވާ ތަނުގެ މަސައްކަތް ނިމެމުންދިޔަ ވަރަކަށް އިލްހާމް އެތަނުގެ ފޮޓޯތަކާއި ވީޑިޔޯތައް އޭނާއަށް ފޮނުވަމުންދިޔަ ނަމަވެސް ޕާޓީ ފެށުމުގެ ކުރިން އޭނާ އެތަން ބަލާލަން ދާން ޖެހޭނެކަމަށް އޭނާ ގަބޫލުކުރިއެވެ. އޭނާއަކީ ދުވަހަކުވެސް ހަވާލުވެފައިވާ ޒިންމާއަކާމެދު މިހެން ފަރުވާކުޑަ ކޮށްލާ މީހެއް ނޫނެެވެ.
ހިތްވަރުކޮށްފައި އެނދުން ތެދުވެ އޭނާ ފުރަތަމަވެސް ރާހިލްއަށް ގުޅޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް އެކަން ކާމިޔާބު ވާގޮތް ނުވުމުން ބޮލުގައިވާ ރިހުމަށް ލުޔެއް ލިބޭތޯ ބޭސްގުޅައެއް ކައިލުމަށްފަހު ނަމާދުކޮށްލައިގެން ޕާޓީއަށް ދާން ތައްޔާރުވާން ފެށިއެވެ. ޕާޓީގެ ކުލައަކީ ރަތްކުލަ ކަމުގައިވިޔަސް އޭނާ ލުމަށް ތައްޔާރުކޮށްފައިވަނީ ކަޅުކުލައިގެ މާމެއިޑް ހެދުމެކެވެ. އެ ހެދުމާއެކު ރަތްކުލައިގެ ކަންފަތުލާ އެތިކޮޅު ހެޔޮވަރުކޮށްލަމުން ކޮޓަރިން ބޭރަށް ނުކުތެވެ. އޭނާ ދިޔައިރު ޕާޓީ ބޭއްވުމަށް ހަމަޖެހިފައިވާ ތަން ތައްޔާރު ކުރެވިފައިވަނީ ވަރަށްވެސް ފުރިހަމައަށެވެ. އެހެންކަމުން އިތުރަށް އެތަނުގައި މަޑުކުރުމެއް ނެތި ރާހިލް ގާތަށް ދިޔުމަށް އަވަސްވެގަތެވެ. ބަގީގައިގޮސް ރާހިލް އުޅޭ ކޮޓަރީގެ ބޭރަށް ހުއްޓައިލި ވަގުތު އެތަނުގައިހުރި ރިއާން އޭނާގެ ލޮލުގައި އަޅައިގަތެވެ.
“ކޮބާ؟” ޝައިނާ އިޝާރާތާއެކު އަހައިލިއެވެ.
“އެތެރޭގަ. ރެޑީ ވަނީ..” ރިއާންގެ ޖަވާބަށް ބޯޖަހައިލަމުން ޝައިނާގޮސް ކޮޓަރީގެ ދޮރު ހުޅުވައިލުމަށްފަހު އެތެރެއަށް ވަނެވެ. އޭރު ކަޅުކުލައިގެ ވެޑިންގް ސޫޓެއްގައިހުރި ރާހިލް ލޯގަނޑުގެ ކުރިމައްޗަށް ވާގޮތަށް ހުއްޓިހުރެ ކަރުގައި އޮތް ޓައި ހެޔޮވަރު ކުރަނީއެވެ. ލޯގަނޑުން ޝައިނާގެ ސޫރަ ފެނުމާއެކު އޭނާ ޝައިނާއަށް ހިނިތުންވުމެެއް ރައްދު ކުރިއެވެ. ނަމަވެސް އެހިނިތުންވުމުގެ އެއްވެސް އަސަރެެއް އޭނާގެ މޫނުމައްޗަކު ނެތެވެ.
“ހެލޯ ހެންޑްސަމް” ޝައިނާ ލަސްފިޔަވަޅުތަކެއްގައި ރާހިލް ގާތަށް ދިޔައެވެ. އަދި ރާހިލްގެ ޓައިގައި ހިފަހައްޓައިލިއެވެ.
“ލެޓް މީ..”
“ނޯ” ރާހިލް ޝައިނާއާ ހަތަރުކަޅި ހަމަ ކުރުމެއްނެތި އެ ޓައި އަތުލަމުން ދުރަށް ޖެހުނެވެ.
“ރާހިލް” ޝައިނާ ހިތްހަމަނުޖެހިފައި ގޮވައިލިއެވެ. އަދި އަލުން އެ ޓައި އަތުލައި ރާހިލްގެ ކަރުގައި އަޅުވައިދިނެވެ. އެދެމެދަށް ވެރިވެފައިވި ހިމޭންކަން ނައްތައިލެވުނީ ކުއްލިއަކަށް އިވުނު އަތްތިލަބަޑީގެ އަޑުންނެވެ.
“ވާ ވާ ވާ.. ދެކެދެކެވެސް މިވަރު ކަމެއް ނުދެކެން. ހަޒްބަންޑް ދެވަނަ ކައިވެންޏަށް ތައްޔާރުކޮށްދީފަ އަމިއްލަ ދެއަތުން ގޮސް އެހެން މީހެއްގެ އަތުތެރެއަށް ލާދެނީ. އަހަރެން ގަބޫލެއް ނުކުރަން ތި ދެމީހުންކުރެ އެކަކުވެސް އެކަކު އަނެކަކުދެކެ ލޯބިވާކަމަކަށް.” އިޝްވާގެ އަޑުގައިވާ ނުރުހުން ސިއްރެއް ނުވިއެވެ.
“އިޝްކޯ ތީ ކޮން ވާހަކައެއް؟ މިއީ ތިކަހަލަ ވާހަކަ ދައްކަން އަންނަންވި ގަޑިއެއް ނޫން” ރާހިލް އިޝްވާއާ ދިމާލަށް ފިޔަވަޅެއް އަޅައިލިއެވެ.
“އަހަރެންގެވެސް ނެތޭ މާ ބޮޑު ޝައުގެއް ތި ކުޅޭ ޑްރާމާގަނޑު ބެލުމުގެ. މި ދޭން ވެގެން މިއައީ. އަން” އިޝްވާ އަތުގައި އޮތް ބްރޫޗް އެނދުމައްޗަށް އެއްލުމަށްފަހު އެތަނުން ނުކުތެވެ.
“އިޝްކޮ ކިޔާ އެއްޗަކަށް މާބޮޑަށް އަޅާލާނެ ކަމެއް ނެތް.. އަހަރެން ޝައިނާއަށް ދެރައެއް ނުދޭނަން.. އިތުބާރު ކުރޭ” ރާހިލްގެ ވާހަކައަށް ޝައިނާ ބޯ ޖަހައިލިއެވެ. ނަމަވެސް ޝައިނާގެ މޫނުމަތިން މާޔޫސްކަން ފާޅުވާން ހުއްޓެވެ. އެހެންކަމުން ރާހިލް މަސައްކަތްކުރީ ޝައިނާގެ މޫޑު ރަނގަޅު ކޮށްލެވޭތޯއެވެ.
“ވާއު. ޖަސްޓް ލުކް އެޓް މައި ގޯޖަސް ވައިފް.. ރިއާން! ރިއާން!” ރާހިލް އެދެމީހުންގެ ގުޅިފައިވާ ދެއަތް ހިއްލައިލުމަށްފަހު ޝައިނާ ރީތިގޮތަކަށް އަނބުރައިލަމުން ރާހިލް ބުންޏެވެ. އޭރު އޭނާ ގޮވައިލި އަޑަށް ރިއާން އައިސް އެ ކޮޓަރިއަށް ވަންނަނީއެވެ.
“އަހަރުމެން ދެމީހުންގެ ފޮޓޮއެއް ނަގާބަލަ” ރިއާން ފެނުމާއެކު ރާހިލް ޖީބުން ނެގި ފޯނު ރިއާންއަށް ދިއްކޮށްލަމުން ބުންޏެވެ. ރިއާން އެ ފޯނުގައި ހިފުމަށްފަހު ރާހިލް އެދުނުގޮތަށް ކަންތައް ކުރިއެވެ. ފޮޓޯނެގުމުގައި އުޅެނިކޮށް ކުއްލިއަކަށް އިވެންފެށި ޒީވާގެ އަޑަށް ރިއާން ސިހިފައި ފޯނު ތިރިކޮށްލިއިރު ރާހިލްވެސް ޝައިނާގެ އުނަގަނޑުގައިވާ އަތް ތިރިކޮށްލަމުން ދުރަށް ޖެހިލިއެވެ.
“ދޮންބޭ! ދޮންބޭ! މި އިޝީ މި ކިޔަނީ ތެދެެއްތަ؟” ޒީވާގެ ސުވާލާއެކު އެތަނުގައި ތިބި އެންމެނަށްވެސް ސިހުން ލިބުނެވެ. ރިއާންއާއި ރާހިލް އަދި ޝައިނާ ކަންބޮޑުވެފައި އެކެއްއަނެކެއްގެ މޫނަށް ބަލައިލުމަށްފަހު އިޝްވާއަށް ބަލައިލިއެވެ. އަނެއްކާ އިޝްވާ ޒީވާގާތު ދައްކައިގެން މި އުޅެނީ ކޮން ވާހަކައެެއް ބާއެވެ؟
“ދޮންބެ އަޅެ އެލީގާތު ބުނީތަ ޝައި ބްރައިޑްސްމެއިޑް އަކަށް ނަހަދަން؟ ތިދެމީހުން ފައިޓް ކުރިޔަސް ތިއީ ބޮޑުވަރު. ޝައިވެސް އެއީ މިގޭގެ ކުއްޖެކޭ” ޒީވާ އަހައިލިއެވެ. އެތަނުގައި ތިބި އެންމެނަށްވެސް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ.
“ދެން ސާބަހޭ ދޮންތީ! އެއީ އެލީއާއި ދޮންބެގެ އަމިއްލަ ކަމެއްނު” އިޝްވާ ބުންޏެވެ.
“އަޅެ އެކަމަކު.. ދެން ކީއްކުރާނީ ދޯ؟ އެނގޭތަ؟ އެލީ ކައިރިއަށް ގޮސްލާފަ މިއައީ.. ހާދަ ރީއްޗޭ މާޝާﷲ. ހިއެއް ނުކުރަން އެހާ ރީތި ފަހަރިއެއް އަހަރުމެންނަށް ލިބޭނެކަމަކަށް. ދޯ އިޝްކޯ؟” ޒީވާ އައިސް ރާހިލްގެ އަތުގައި އޮޅުލައިގަންނަމުން ބުންޏެވެ.
ރާހިލްއަށް ކަންބޮޑުވެފައި ޝައިނާއަށް ބަލައިލެވުނެވެ. ޝައިނާ އެތަނުގައި މަޑުކުރުމެއް ނެތި ބަހަނާއެއް ދެއްކުމަށްފަހު އެތަނުން ނުކުތުމުން ރާހިލްވެސް އިތުރަށް އެތަނުގައި މަޑުކުރާކަށް ގަސްދެއް ނުކުރިއެވެ. އެހެންކަމުން އެންމެން އެކީ ބަގީއެއްގައި ޕާޓީ ބޭއްވުމަށް ހަމަޖެހިފައިވާ ތަނަށް މިސްރާބު ޖެހިއެވެ. އެހެނަސް އެތަނަށް ވަނުމަށް އަޅައިލި ފުރަތަމަ ފިޔަވަޅާއެކުވެސް ރާހިލްގެ ނިތަށް ރޫ ގިނަވިއެވެ. އޭނާ ޝައިނާގެ އަތުގައި ހިފައި ދަމަމުން ކަހަލަ ގޮތަކަށް އެތަނުން ދުރަށް ހިނގައިގަތެވެ.
“އަރ ޔޫ ކިޑިންގް މީ؟ މިއީ ޝައިނާ އަހަރެންނާ ކުރާ ސަމާސާއެއްތަ؟ އަހަރެންނަށް ކުރެވުނު ކަމެއްގެ ބަދަލު ހިފަނީތަ އޭން؟” ރާހިލް ހިތްހަމަނުޖެހިފައިހުރެ ބުންޏެވެ.
“ރާހިލް މިއީ ދެން ތި ވާހަކަދައްކަން އެންމެ ރަނގަޅު ވަގުތެއް ނޫނެެއްނު” ރިއާންވެސް ކަންބޮޑުވެފައިހުރެ އެދެމީހުން ގާތަށް އައެވެ. އެތަނުގައި ޝައިނާ ކޮށްފައި އެހުރި ކަމެއް ރާހިލްގެ އިތުރަށް ދެން އެނގޭ ހަމައެކަނި މީހަކަށް ހުރީ އޭނާއެވެ.
“ވެޑިންގް ރަތް ކުލައިން އޮތީމަ.. ރާހިލް އަހަރެން..” ޝައިނާއަކަށް ދައްކާނެ ބަހަނާއެއް ނޭނގުނެވެ. ރާހިލް ދަތްކުނޑި ވިކައިލުމަށްފަހު ރިއާންގެ ފަހަތުން އެތެރެއަށް ހިނގައިގަތެވެ. ޝައިނާއަަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ.
ހަގީގަތަކީ އެލީޝާ ކައިވެނީގެ ކުލައަކަށް ރަތްކުލަ އިހްތިޔާރުކުރި ވަގުތުން ފަށައިގެން އޭނާގެ ސިކުނޑި ސުމަކަށް ދިޔައެވެ. ރާހިލްގެ ކައިވެނި ޕާޓީ ޒީނަތްތެރި ކުރުމަކީ އޭނާއަށްވެސް ފަސޭހަކަމެއް ނޫނެވެ. ދެތިން ހަފްތާވަންދެން ވިސްނި އިރުވެސް އެތަން ޒީނަތްތެރިކުރާނެ ގޮތުގެ ހިޔާލެއް އޭނާއަކަށް ނުލިބުނެވެ. އޭނާގެ ސިކުނޑި ފުސްވެ މަސައްކަތްކުރުން ހުއްޓިފައިވި ކަހަލައެވެ. އެ ކުލައަކީ އޭނާއަށްވެސް އަދި ރާހިލަށްވެސް އެންމެ ކަމުދާ ކުލައެވެ. އެދެމީހުން ލޯބީގެ ގޮތުން ގުޅުނު ރެއަށް ހާއްސަކުރެވިފައިވާ ކުލައެވެ. އެހެނެއްކަމަކު ފަހުވަގުތު އޭނާއަށް އިތުރު ހިޔާލެއް ނުލިބުނީތީ އެރޭ ރާހިލް އޭނާއަށްޓަކައި އާރް.އެލްގެ ޓެރަސް ތައްޔާރުކުރި ގޮތާ ގާތްކުރާ ގޮތަކަށް ތައްޔާރީތައް ކުރެވުނީއެވެ.
“ޝައި އަވަސް. މިހާރު އެ ފެށެނީ” ޝައިނާ ސިއްސައިގެން ދިޔައީ ފަހަތުން އައި ޒީވާ އޭނާގެ ކޮނޑުގައި އަތް ބާއްވައިލުމުންނެވެ. އޭރު އެތަނުގައިތިބި ގިނަ ބަޔަކު ކައިވެނިކުރާ މޭޒުގެ ވަށައިގެން އެއްވަމުން ދިޔައެވެ.
ޒީވާ ޝައިނާގެ އަތުގައި ހިފައިގެން މީހުންތަކުގެ ތެރެއިންގޮސް އެންމެ ކުރީ ސަފުގައި ހުއްޓި ފޯނުގެ ކެމެރާ ސެޓުކޮށްލިއެވެ. ކަންވދިމާކުރިގޮތުން އެދެމީހުންނަށް ތިބީ ރާހިލްއާއި އެލީޝާ އިށީންނަން ތިބި ދިމާލުގެ ކުރިމައްޗަށް ވާގޮތަށެވެ. އޭރުވެސް އެލީޝާ އެތަނުގައި އިށީނދެލައިގެން އިނެވެ. އޭނާގެ ބްލޯންޑް ކުލައިގެ ބުޅި އިސްތަށިގަނޑުގައި ރީތި ހުޅިއެއް ޖަހާލައިފައިވާއިރު ލައިފައިވާ އޮފްޟޯލްޑާރ ހެދުމުގައި ފެންނަމުންދިޔަ ރީތިކަމަށްޓަކައި ޝައިނާގެ ހިތުގައިވެސް ހަސަދައިގެ އޮއެވަރެއް ދަތުރުކުރިއެވެ. ރާހިލްފަދަ އަންހެން ކުދިންގެ ތެރޭގައި މަގުބޫލު މާޒީއެއް އޮތް މީހަކަށް އެލީޝާފަދަ ރީތި ކުއްޖެއްގެ ޖާދޫގައި ނުޖެހި ހުރެވިދާނެ ބާއެވެ.
އެލީޝާގެ ކޮންމެ ސިފައަކީ ޝައިނާގެ ސިފަތަކާ ދިމާ އިދިކޮޅު ސިފައެކެވެ. ޝައިނާގެ ހަމުގައިވާ އޮޅަލި ކުލަޔާ ހިލާފަށް އެލީޝާގެ ހަށިގަނޑުގައިވާ ހުދު ދޮން ކުލައަށް ރާހިލްގެ ހިތް ޖެހިދާނެ ބާއެވެ. އެ ފެހި ދެލޮލާއި ރަންކުލައިގެ އިސްތަށިގަނޑަށް ރާހިލްގެ ހިތް ޖެހިދާނެބާއެވެ. ނޫނެކެވެ. އެހެނެއް ނުވާނެއެވެ. އޭނާ ރާހިލްއަށް ފުރިހަމަ އިތުބާރު ކުރެއެވެ. ގޯސް ވަސްވާސްތައް ސިކުނޑިން ފޮހެލުމަށްޓަކައި ޝައިނާ ދެފަރާތަށް ބޯ ހޫރައިލިއެވެ.
އިރުކޮޅެއްފަހުން ހަރުކޮށް ހިނގައިލައިފައި އައިސް ރާހިލް ގޮނޑީގައި އިށީނެވެ. އޭރުވެސް ރާހިލްގެ ނަޒަރު އަމާޒުވެފައިވަނީ ކުރިމަތީގައިހުރި ޝައިނާއަށެވެ. ޝައިނާގެ މޫނުމަތީގައިވާ މާޔޫސްކަން ފެނި ރާހިލް ފަސްޖެހުނެވެ. އެކަން ފާހަގަކުރެވުމާއެކު ޝައިނާ އަވަސްއަވަހަށް ހިނިތުންވެލީ ރާހިލްގެ ހާސްކަން ފިލުވައިލުމަށެވެ. އެއަށްފަހު އެދެމީހުންގެ މެދުގައި މާގިނަ ނަޒަރުތަކެއް ބަދަލުކުރާނެހާ ފުރުސަތެއް ނުލިބުނެވެ.
އިރުކޮޅެއްގެ ފަހުން ކައިވެނީގެ ޚުތުބާ ފެށުނެވެ. ޚުތުބާ ނިމެން ކައިރިވަމުން ދިޔަވަރަކަށް ޝައިނާގެ ކެތްތެރިކަން ކޮޅުންލަމުން ދިޔައެވެ. ރާހިލްގެ ދުލުން އެހެން މީހަކު އަންބެއްގެ ގޮތުގައި ގަބޫލުކުރަމޭ ބުނާ އަޑު އަހާނެހާ ހިތްވަރެއް އޭނާގެ ނެތެވެ. އެހެންކަމުން އޭނާ އެތަނުގައި މަޑުކުރުމެއްބނެތި އަވަސް ފިޔަވަޅުތަކެއްގައިގޮސް އެތަނުން ނުކުތެވެ. އެތަނުގައި އޮތް ދިގު ފާލަން ހުރަސްކޮށް ދޮންވެލިގަނޑާ ހިސާބަށް އާދެވެމުން ދިޔަ ވަރަކަށް އޭނާގެ ދެލޯ ފެންކަޅިވަމުން ދިޔައެވެ. އެ ކަރުނަތައް ހިފެހެއްޓުމަށްޓަކައި އޭނާ ދިޔައީ ކުރެވޭނެ އެންމެ މަތީ ދަރަޖައަކަށް ކެތްތެރިވަމުންނެވެ. އަތިރިމަތީގައިހުރި އުނދޯލިގެއާ ހިސާބަށް ދެވުމާއެކު އޭނާ ފިޔަވަޅުތައް ހުއްޓައިލަމުން ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ހަމަ އެވަގުތު އޭނާގެ ލޮލުގެ ހިމަކޮޅުން ކަރުނަ ތިތްކެއް ނީރައިލިއެވެ.
“ސިސް؟” ފަހަތުން އިވުނު އިޝްވާގެ އަޑަށް ޝައިނާ އަވަސް އަވަހަށް އެކަރުނަތިކި ފޮހެލަމުން އިޝްވާއާ ކުރިމަތިލިއެވެ. ނަމަވެސް އިޝްވާއަކަށް ޝައިނާގެ އެ ހަރަކާތް ސިއްރެއް ނުވިއެވެ.
– ނުނިމޭ –
4 Comments!
Comments are closed.



V reethi MA
Shai strong vaanjehey vaguthu aias jehunii dhww
Sheex ves dhera vejje v bodah
When next?
Mi vhk full koh fiyaonline ge ehbaan
Can’t wait for the next part.
Alhe mihaa curious koh nimmaalaafa heyo nuvaane mihaa varah inthizaaru kuruvan! Please please thankolheh avas kohladhehvaa..
Or at least las vaa sababu kiyuntherinnaa hissaa kohla dhehvaa. Just know varah wait eba kuran. Mi vhk mathin foohi nuvanys bunedhee at least reason.. and approximate date dhen oi episode kiyaalan libeyne..