ޖަވާހިރުގެ ބާރު – 10
ދަންވަރުގެ ހިމޭން ވަގުތެވެ. އެނދުގައި އޮތުމަކުން އަހަރެންގެ ލޮލަކަށް ނިއްޖެއްނައެވެ. އަލިގުޅަތައް އުދުހި އުދުހިފައި އުޅެއެވެ. ގަނޑުވަރުތެރެ ފަޅުތަނެއް ކަހަލައެވެ. ދިރޭ އެއްޗެއްގެ އަޑެއްވެސް ނީވެއެވެ. އެނދުން ތެދުވެ، ކުޑަދޮރު ކައިރިއަށް އުދުހިފައި ދިޔައީ ހިތްހަމަ ޖައްސާލުމުގެ ނިޔަތުގައެވެ. “ޒައިލީ ބުނި ސަބިޝް މޮޝްޓަފް ހޯދަންވެސް ދާންވީ. ކިޒަންއަށް އިނގޭނެބާ އޭގެ މީހަކު؟” އަހަރެންގެ ހިތަށް އަރަމުން ދިޔައެވެ.
“ދެންމެ އެފެނުނީ ކޮންކަހަލަ ހުވަފެނެއް! އަދި ދުވަހަކުވެސް އެވަރުގެ ބިރުވެރި ހުވަފެނެއް ނުފެނޭ! އެ ހުވަފެނުގައި ފެނުނީ ކޮންތަނެއްބާ؟ ކިޒަން ބުނިގޮތުގައި އެއީ ސޫރް(ހަނދު) ގެ ފަޅިއެއް ނޫންބާ؟ އޭނަވެސް ބުނީ އެ ފަޅި ދިއްލިފައި ހުންނާނީ ނޫކުލައަކުންކަން.” އަހަންނަށް ވިސްނެމުން ދިޔައެވެ.
“ކިޒަން އަކީ މި ރަށަށް އުފަން މީހެއްބާ؟ އޭނާގެ ސިފަތައް އެހާމެ ފުރިހަމަ. ޖާދޫވެސް އެހާ ފުރިހަމަ. ހާހް. އޭނައާއި ބާރުގެ ގޮތުން އަހަރެން އެއްވަރެއް ނޫން. އޭނާ އެހާ އަހަރެންނާއި ގަޔާވާނެ ހެންނެއް ހިއެއް ނުވޭ.” ފުން ނޭވާއެއް ލެވުނެވެ.
ގިނައިރު ވިސްނަން ނުހުރެ އަހަރެން އުދުހިފައި ދިޔައީ ފައްވާރަށެވެ. ބުރުގައި އިށީންދެ އިނދެ އިއްޔެ ދަސްކުރި ފެނުގެ ޖާދޫ ހެދޭތޯ ބެލީމެވެ. މަޑުމަޑުން ފެންގަނޑު ނަގަމުން ގޮސް ބައްޓަން ކުރެވޭތޯ ބެލީމެވެ. ފުރަތަމަ ނާކާމިޔާބުވީނަމަވެސް ދެވަނަ ފަހަރު ބޮޑު ފެންތިއްކެއްގެ ބައްޓަމަކަށް ހެދުނެވެ. މާގިނައިރުތަކެއްނުވެ އެ ބައްޓަން ރޫޅި ފެންތައް ފޭބިއެވެ.
ދެން އަހަރެންގެ ހިތައް އަރަމުން ދިޔައީ ހޫނުކުރުމާއި ފިނިކުރުމެވެ. ފެން ހޫނުކުރުމަށް އަލިފާނުގެ ޖާދޫ ފެނުގެ ޖާދޫއާ އެއްކުރީމެވެ. މަޑުމަޑުން އެ ފެންގަނޑު ހޫނުވެގެން ދިޔައެވެ. ދެން އަހަރެން ވިސްނަމުން ދިޔައީ ފިނި ކުރެވޭނެ ގޮތަކާއި މެދުއެވެ. އެހެންވެ ހޫނުކަން ދިނުމުގެ ބަދަލުގައި ފެނުގައިވާ ހޫނުކަން ދަމައިގަތީމެވެ. އެއާއެކު މަޑުމަޑުން އެ ފެންގަނޑު ފިނިވަމުން ދިޔައެވެ. ހުއްޓުމެއް ނެތި ހޫނު ނަގަމުން ދިޔަވަރަކަށް ގަނޑުވަމުން ދިޔައެވެ. ދެތިން ފަހަރު މިގޮތަށް ފަރިތަކޮށްލީމެވެ.
ޖާދޫހެދުމުގައި އިންދާ ފަތިހުގެ ފިންޏާއި ދުންފިނި މުޅި ޖައްވަށް ވެރިވެގަތެވެ. ހަމަ އެއާއެކު އިރުގެ ފަނޑު ފިޔާތޮށި ދޯދިތައް އުދަރެސް ތޮރުފަމުން އަލިކުރަމުން ގެންދިޔައެވެ. ތަނުގެ ސަތަޙައަށް އިރުގެ އަލި އެޅުނުހެން ބަގީޗާގެ ތަފާތު ގަސްތައް އޭގެ ފުރިހަމަ ކުލައަށް ދިއްލުނެވެ. ޖާދޫހެދުމަށް މަޝްޣޫލުވެ ފައްވާރުގައި އިށީންދެގެން އިން ނަމަވެސް، ދުވާލުވިކަން ރެއަކާލީ އިރުގެ ދޯދިތައް ފައްވާރާ ހަމައަށް އައުމުންނެވެ. ލަސްތަކެއްނުވެ، ކޮޓަރިއަށްވަދެ، ތައްޔާރުވެލައިގެން ސަބިޝަލް ލިއަޣްފަފައި(ޖާދޫގެ ކުތުބުޚާނާ) އަށް ޓެލިޕޮފްޓި(ޖާދޫ ދަތުރު) ވީމެވެ. އިއްޔެއާއި މިއަދު އަހަރެން ދަސްކުރި ޖާދޫތައް ކިޒަންއަށް ދެއްކުމަށް މޫދަށް ދިޔައީމެވެ. ކިޒަން ހުރީ ހައިރާންވެފައެވެ. އެއީ އެއްވެސް އެދުރަކާއިނުލާ އަހަރެން އެހާ ފުރިހަމައަށް ފެނުގެ ޖާދޫ ދަސްކޮށްފައިވާތީއެވެ. ކިޒަންގެ ހިތް ހޯދުމަށް އެޅުނު ފުރަތަމަ ފިޔަވަޅުކަމަށް ބަލާ އަހަރެން ހިތާހިތުން ފަޚުރުވެރިވިއެވެ.
“ވަރަށް ހިތް ހަމަޖެހިއްޖެ މިނާލްގެ ތިޔަ ކުރިއެރުމަށް! މަރުހަބާ! އެހެންވީމާ، މިއަދު ފަށާނީ ނުރްގެ ޖާދޫ ނުވަތަ އިރުގެ ބާރުތައް!” ކިޒަން ހިނިތުންވުމެއް ހަދިޔާކޮށްލަމުން ބުނެލިއެވެ. އަހަރެންވެސް އެބުނުމަށް އެއްބަސްވަމުން ބޯޖަހާލީމެވެ.
“’ނުރް’(އިރު) އަކީ އޭގެ ޒާތުގައި އަލިކަން ގެސްދޭ ބާރެއް. މިއީ ފެންނަގޮތް އެހެން މީހުންނަށް ބަދަލުކުރެވޭވެސް ބާރެއް. އޭގެ ނަމަކީ ‘އިލުނިއޮފް’. މިއީ މިނާލް ‘ސަބިޝަލް ލިއަޣްފަފައި’(ޖާދޫގެ ކުތުބުޚާނާ) ގައި އެންމެ ފުރަތަމަ ދުވަހު ބޭނުންކުރި ބާރު. އެއީ ވަރަށް އާންމުނޫން ބާރެއް. އާންމުގޮތެއްގައި ނުރް ޣިފްމް ނުވަތަ އިރު ދޫނިފަދަ މަޚްލޫޤުންގެ އަތުގައިވާ ބާރެއް. މިނާލްއަށް ކިހިނެތް ތި ބާރު ލިބުނީ؟” ކިޒަން ކިޔައިދިނުމަށްފަހު ސުވާލުކުރިއެވެ.
“އެއީ ޤަރޫތު މަރުވުމުން، އަހަންނަށް ލިބުނު ބާރެއް. ޤަރޫތު މަރުވީ ރިޒުއާނާ އެއްލި ކަޅު ޖާދޫގެ ގުޅައަކުން. އޭރު އަހަރެންނަށް ޖާދޫއަކީ ކޯއްޗެއްކަންވެސް ރަނގަޅަށް ނޭނގެ. އަހަރެންނަކަށް ނޭނގެ ވީނުވީއެއް. ޤަރޫތު މުޅިއެކު އެނދުމާއެކު، ރަތްކުލައިން ދިއްލިފައިވާ ތުތިމަހެއްގެ ބައްޓަމަށްހުރި ޔާގޫތެއް އަހަރެންގެ މޭމައްޗައް ވަނީ. އެ ވަނުމާއެކު މުޅި ހަށިގަނޑުގައި ވޭން އަޅާ ރިއްސަންފެށި. ނަމަވެސް ރިޒުއާނާ އޭރު ޖަވާހިރު ގަހުގެ ހޮހޮޅައާ ދިމާއަށް އަންނާތީވެ، އަހަރެން ވަރަށް ރުޅިވެސްއައި. އެހެންވެ ރިޒުއާނާއާ ދިމާއަށް ބުނި ބަހަކާއިއެކު، އަނގައިން އަލިފާންގަނޑެއް ދޫވީ. ދެތިން ފަހަރު ޖާދޫގެ ބޭނުން ކުރެވުން. ދެން ގައިން ވަރުދޫވެ ހޭނެތިގެން ވެއްޓުނީ.” ތެދުތެދަށް ކިޒަންއަށް ކިޔައިދިންއިރު އަހަރެން ފެންކަޅިވަމުން ދިޔައެވެ.
“ޤަރޫތުގެ ބާރުން. ހޫނ. ތިޔަ ރިޒުއާނާވެސް ހާދަހާ ކަންތައްބޮޑޭ.” ކިޒަން ހޫނ އަޅުވާލިއެވެ.
“ޒައިލީ ބުނީ އެ ބާރުތައް އެވަގުތު ބޭނުންކުރެވުނީ، ޤަރޫތުގެ ބާރާއެކު އަހަރެންގެ ‘ސަބިޝް ރެރިޑެން’(ޖާދޫގެ ނާރު) ތައް ހޭލައްވާލީމަޔޯ! އާނ އަދި އޭނާ ބުނި ‘ސަބިޝަލް މޮޝްޓަފް’(ޖާދޫގެ ހަކީމު) އެއް ހޯދަން. ފައި ރަނގަޅުކުރެވޭނީ އޭރުންނޯ! ކިޒަންއަށް އިނގޭތަ އޭގެ މީހަކު؟” އަހަރެން ކިޔައިދެމުންގޮސް ޒައިލީ މަތިން ހަނދާން ވިއެވެ.
“ޒައިލީ އޭ. ޒައިލީ އެބައުޅޭތަ؟ އޭނާ ކޮބާ މިހާރު” ޒައިލީގެ ނަން ބުނެވުނުހެން ކިޒަން ސުވާލުކުރަން ފެށިއެވެ. “ލައްބަ އޭނާ އެބައުޅޭ އަހަރެންގެ ހަށިގަނޑުގައި. ޒައިލީ! ޒައިލީ! ނިކުމެބަލަ!” އަހަރެން ޒައިލީއަށް ގޮވާލީމެވެ. އިރުކޮޅަކުން ހަށިގަނޑުގެ ތެރެއިން ފަނޑު އަލިކަމަކާއިއެކު ޒައިލީ ނިކުތެވެ. “މިހުރީ ޒައިލީ. ޒައިލީއަށް އިނގިލި ދިއްކުރަމުން އަހަރެން ބުނީމެވެ. “ކޮބާ ޒައިލީ؟” ޝައުޤުވެރިކަމާއެކު ކިޒަން އަހާލިއެވެ.
“އަހަރެން ނުފެންނާނެ މިނާލް ފިޔަވާ އިތުރު މީހަކަށް. އަހަންނަކީ ރޫޙެއް.” ޒައިލީ އަދިވެސް ހަނދާން ކޮށްދިނެވެ. “ޒައިލީ އަކީ ރޫޙެއް. އަހަރެން ފިޔަވާ އިތުރު މީހަކަށް އޭނާ ނުފެންނާނެ.” އަހަރެން ކިޔައިދިނީމެވެ. “ޒައިލީ ކައިރީ އަހާބަލަ ޖަވާހިރުގަސް ތެރޭގައި އެންމެފަހު ދުވަހު ވީ ކިހިނެތްތޯ” ކިޒަން ސުވާލުކުރިއެވެ.
“ރިޒުއާނާގޮސް ޖަވާހިރުގައި އަތްލިހެން ޤަރޫތު އައިސް އަލިފާން ރިޒުއާނާއާ ދިމާއަށް ދޫކުރީ. އޭރު އަހަރެން ހުރީ އެތެރޭގައި. ކިޒަން ބޭރުގައި އެހެން މީހަކާއި ހަނގުރާމަ ކުރަނީ. އެހެންވެ އެ ޖަވާހިރުން ދޫކުރި ވަރުގަދަ ބާރަކާއެކު ހަށިގަނޑު ކުނޑިތަކަކަށްވީ. ޤަރޫތު އަހަރެން ސަލާމަތްކުރަން އުޅުނު، ނަމަވެސް އޭރު މާ ލަސްވީ. އަހަރެންގެ ރޫޙު އެ ޖަވާހިރުގެ ތެރޭގައި ބަންދުވީ. މިނާލް އައިސް އަހަރެންގެ ރޫޙު ސަލާމަތްކޮށްދިނީ.” ޒައިލީ ކިޔައިދިން ގޮތައް ކިޒަން ކައިރީ ބުނީމެވެ. ކިޒަންގެ މޫނުމަތިން ދެރަވެފައިވާކަމުގެ ކުލަވަރު ދައްކައެވެ.
އަހަރެން އަނެއްކާވެސް ސަބިޝް މޮޝްޓަފް(ޖާދޫގެ ހަކީމު) ގެ ވާހަކަ ކިޒަން ކައިރީ އެހީމެވެ. “އެ މީހުންވީ މަރުވެފައި. ރިޒުއާނާ ފޮނުވި މީހަކު އެ މީހުން ތިބިތަން އަލިފާނުން އަންދާ ހުލިކޮށްލީ. އެކަކުވެސް ސަލާމަތެއްނުވޭ. ދެން އެކަންކުރާ އިތުރު މީހަކު އަހަންނަކަށް ނޭނގެ.” ކިޒަންގެ އަޑުގައިވާ ހަރުކަށިކަމެއް ނެތެވެ. ޒައިލީވެސް އޭރު އަހަރެންގެ ހަށިގަނޑަށް ވަދެއެވެ.
“ކިޒަން ޒައިލީ ކައިރީ ތިއެހީ ކޮން އިރެއްގެ ކަމެއް؟” އަހަރެން ވާނުވާ އެނގެން ބޭނުންވިއެވެ. “އެއީ މީގެ ފަސްވަރަކަށް އަހަރު ކުރި. އޭރުވެސް ރިޒުއާނާ ދިޔައީ ޖަވާހިރުތައް ވަގަށް ނަގަމުން. ޖަވާހިތް ގަނޑުވަރުގެ ގިނަ ޖަވާހިރުތައް މިހާރު ވާނީ އޭނާ އަތުގައި. ޤަރޫތު އެދިޔަ ގަހަކީ ވަރުގަދަ ޖަވާހިރެއް ބަންދުކޮށްފައިވާ ތަނެއް. އެއީ ހަތަރު އުންސުރުގެ ޖާދޫގެ ބާރު އެތައް ގުނައަކަށް ބާރުގަދަކޮށްދޭ އެއްޗެއް. ނަމަކީ ޖޮފިޝެ ޖަވާހިރު. އެ ދުވަހު ރިޒުއާނާ އެގަހަށް ދިޔުމާއެކު އަހަރެންނާއި ޒައިލީ ޖަވާހިރު ރައްކާތެރި ކުރުމަށް ދިޔައިން. ޒައިލީ ރިޒުއާނާއާ ހަނގުރާމަ ކުރި. ޤަރޫތުވެސް އަލިފާން ދޫކުރި. ދެން އިރުގަނޑެއްފަހުން އަހަރެން އެތަނަށް ވަދެ ތަންތަން ބެލިއިރުވެސް ޒައިލީއެއް ނުފެނުނު. ރިޒުއާނާވެސް ފެންނަ ހިސާބަކު ނެތް” ކިޒަން އެ ހާދިސާ ތަފުސީލުކޮށްދިނެވެ.
“ޒައިލީ ގާތު އެހިޔަކަސް އޭނާއަކީ ކޮންތާކުން އައި އެއްޗެއް… މީހެއް ކަމެއް ނުބުނޭ! އެއީ ކީއްވެ؟” ކިޒަންއަށް އިނގޭނެކަމަށް އަހަރެން ސުވާލު ކުރީމެވެ. ބޯ ހޫރާލުމަށްފަހު ކިޒަން ނޫނެކޭ ބުންޏެވެ. “ކިޒަން އަޅެ ބުނެބަލަ މިއީ އަސްލު ކޮން ދުނިޔެއްތަ؟ ތަފުސީލުކޮށް ނަންތަކާއެކު ކިޔައިދީބަލަ! އަހަރެން މިތަނުން ދާނީ ކިހިނެތް؟”
“މިއީ އަޒްޓިޝް ނަމަކަށް ކިޔުނު ދުނިޔެއެއް. މުޅި މި ތަނުގައިވެސް މައިގަނޑު ދެ ބައްރެއް ވޭ. އެއަކީ ޓެފަނުރް އާއި ޓެފަސޫރް. އަހަރެމެން މިތިބީ ޓެފަނުރްގައި. މި ދެ ބައްރުގެ ދެމެދުގައި ވަރަށް ނުރައްކާތެރި ތަނެއް އޮވޭ. ނަން ދީފައި އޮންނަނީ އެޝްލިޕްނިއާގެ ނަމުން. އެތަނުގެ މަތިން ދެފަޅިއަށް ހުރަސްކުރެވޭ ދާލަމެއް އޮވޭ. ރިޒުއާނާ ވަނީ މީގެ އަހަރުތަކެއް ކުރިން އެ ދާލަން ހަލާކުކޮށްލާފައި. މިއީ މައިގަނޑުގޮތުގައި މިތަނުގައި ވާ ތަންތަން. މި ތަނަކުންނެއް ނުނިކުމެވޭނެ! މިނާލް ކިހިނެތް މިދުނިޔެއަށް ވަނީ؟” ކިޒަންގެ އަތުން ޖާދޫގެ ފުއްތަކެއް ވިހުރުވާލުމަށްފަހު، ޗާޓެއް ދައްކާލަމުން ސުވާލުކުރިއެވެ. “ޤަރޫތު ބުނީ އޭނަ މިރަށުގެ ގޮނޑުދޮށުގައި ބޭއްވީކަމަށް!” އަހަރެންވެސް ރަނގަޅަށް ޖަވާބުދޭކަށް ނޭނގުނެވެ.
ކިޒަންއާ އެހާ ކައިރީގައި ހުރެވުނުކަން ޚުދު އަހަރެންނަށްވެސް އިނގުނީ އެހާމެ ފަހުންނެވެ. ވަގުތުކޮޅަކަށް ނަމަވެސް އަހަރެމެންގެ ހަތަރު ކަޅި ހަމަވިއެވެ. އިރުކޮޅެއްނުވެ ކިޒަން ފަހަތަށް އެނބުރި ސިޑިބަރިން ތިންވަނަ ހަރުފަތައް ފޭބިއެވެ. އަހަރެންގެ ހިތް ހީވަނީ ދެންމެ ދެންމެ ފަޅަފަޅައިގެން ހިނގައިދާނެ ހެންނެވެ. ކޮޓަރިއަށް ‘ޓެލިޕޮފްޓި’(ޖާދޫ ދަތުރު) ވީމެވެ. އެއީ ކިޒަންއަށް ވަގުތުކޮޅެއް ދިނުމަށްޓަކައެވެ. އަދި ޒައިލީއާ ވާހަކަ ދައްކާލުމުގެ ނިޔަތުގައިވެސްމެއެވެ.
“ޒައިލީ! ޒައިލީ!” އެނދުމަތީގައި އިށީންނަމުން ގޮވާލީމެވެ. ޒައިލީގެ ޚަބަރެއް ނުވިއެވެ. ރަތް ފިޔާތޮށި އުދަރެހަށް ދިޔުމަށް ނިދޭތޯ ބެލީމެވެ. އެނދުގައި އޮވެ އެތައް އިރެއްވިފަހުން ނިދުނެވެ. ރަތް ފިޔާތޮށި އުދަރެހަށް ލޯ ހުޅުވާލިއިރު ޒައިލީ ފެންނާކަށް ނެތެވެ. އޭނާ ހޯދުމަށްޓަކައި މަޑުކަފަކޮޅެއްފަދަ ތަނެއްގެ ތެރެއިން ވަނީމެވެ. އެތާގެ ތެރޭގައި ޒައިލީ ހުންނާނޭ ކަމަށެވެ. ނަމަވެސް އޭނާ އެތާކުވެސް ފެންނާކަށް ނެތެވެ. އެއަށްފަހު އެހެނިހެން ދިމަދިމާވެސް ބަލާ ފާސްކުރީމެވެ.
އިރެއްވަންދެން ޒައިލީ ހޯދުމަށްފަހު އުދަރެހުގެ ކުލަ ފަނޑުވެ ގެއްލިގެން ދިޔައީ އެހާވެސް އަވަހަށެވެ. ފަނޑު ނޫކުލައަކުން ދިއްލިފައިވާ އެމާހައުލުގައި ކުރިން ފެނުނު ގަނޑުވަރު ހުއްޓެވެ. ރިޒުއާނާ ތަޚުތުގައި އިންނާނެކަމަށް ގަނޑުވަރުގެ ދޮރޯށިން ވަނީމެވެ. މުޅިތަނުގައި ވަނީ ކަނު އަނދިރިކަމެވެ. ތަޚުތާއި ހަމައަށް އެޅިފައިވާ ރަތް ދޫލަ މަތިން ބާރުބާރަށް އުދުހުނު ނަމަވެސް ވަކި ހިސާބަކުން ހުއްޓުން އެރިއެވެ. ފަރާތް ފަރާތައް އެނބުރި ތަޚުތުގެ ކަނާތައް ހުރި ސިޑިބަރިތަކަށް ނަޒަރު ހުއްޓުނެވެ. ތިރިއަށް ދާން އޮތް ސިޑިބަރިން ހަލުވިކޮށް އުދުހިގަތީމެވެ. ޖިފެ(އަލިފާން ޖާދޫ) ބޭނުންކޮށް އަތުގެ ބަނޑުފުށުގައި ކުޑަ އަލިފާން ކޮޅެއް އުފެއްދީމެވެ. އަލިފާންގަނޑުން ތަންތަން ބަލަމުން ވަކިކުރަމުން ތިރިއަށް އުދުހިގަތީމެވެ. ބިންގަރާހަކަށް ވަދެވެން ހުރި ދޮރެއް ހުއްޓެވެ. ފަރާތް ފަރާތް ބަލާލުމަށްފަހު ދޮރުގެ އަތްގަނޑުގައި ހިފާ ހުޅުވަން އުޅުނީމެވެ. ނަމަވެސް އެދޮރުގައި ވަނީ ވަރުގަދަ ޖާދޫގެ ތަޅެއް އަޅުވާފައެވެ. އޭރު އެތެރެއިން ވަރަށް ތޫލި އަޑެއް އިވެއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.



mivaahaka hadi