ޖަވާހިރުގެ ބާރު – 9
ބާބު – 6 އަޒްޓިޝް
ދިއްލިފައިވާ އަލިގުޅަތައް މުޅި ގަނޑުވަރުތެރޭގައި އުދުހި އުދުހިފައި އުޅެއެވެ. ފައްވާރުގެ އެތެރެއަށް ފައި ލައިގެން އިށީނީމެވެ. ހަމައެއާއެކު، ‘ސަބިޝް ރެރިޑެން’(ޖާދޫގެ ނާރުތައް) ފިނިވެ ދިޔައެވެ. ކުއްލިއަކަށް އުޑަށް ނަޒަރު ހިންގާލެވުނެވެ. ކުއްލިއަކަށް އަހަރެންގެ ހިތައް އަރަން ފެށިއެވެ. “މިތަނަށް ހަނދު ނުފެންނަނީ ކީއްވެ؟ ހަނދު ނުފެންނަތާ މިހާރު ވަރަށް ދުވަސް ވާނެ. އެންމެފަހުންވެސް ފެނުނީ ފުވައްމުލަކުގައި އުޅެކޮށް.”
ފައްވާރުގެ މައްޗަށް ހުރި ސީދަލަށް އުދުހިގަތީ އެހާވެސް ބާރަށެވެ. މައްޗަށް ދަތުރުކުރި ވަރަކަށް މުޅި ޖަވާހިތް ގަނޑުވަރުވެސް ފެންނަނީ އެހާމެ ކުޑަކޮށެވެ. އެވަރުންވެސް މިއަދު މޫދަށް ދިޔަ ދިމާލާއި، އިދިކޮޅަށް ހުރި ބޯ ޖަންގަލި ކޮޅާކޮޅު ނުފެނެއެވެ. “މިއީ ރަށެއްބާ، ނުވަތަ ބޮޑު ގައުމެއްބާ؟” އަހަރެންގެ ހިތުގައި ސުވާލުތައް ކެކެން ފެށިއެވެ. މިހާރު ހުރި ހިސާބަށްވުރެ މައްޗަށް އުދުހިގަތީމެވެ. ވާދީތައް ދެމިދެމިފައި އޮތެވެ. އެކި ހިސާބުތަކުގައި އާބާދުވެފައިވާތަން ދެކުނީމެވެ. ވިލާތަކުގެ މައްޗަށް އެރީމެވެ. އެއްދިމާލަކުންވެސް ހަނދުގެ ނިޝާނެއް ފެންނާކަށްނެތެވެ. ހުރި ތަނުން ހުޅަނގަށް ދަތުރުކުރަން ފެށީމެވެ. ވަރަށް ދުރު ހިސާބަކުން ހަނދުގެ ފަނޑު އަލި ފެންނަން ފެށިއެވެ. “ޖަވާހިތް ގަނޑުވަރަށް ހަނދު ނުފެންނަނީ ކީއްވެބާ؟” އަހަރެންގެ ހިތުގައި އާ ސުވާލުތައް ކުރިލަމުން ދިޔައެވެ.
ހަނދު ފެނުމާއެކު، އަހަރެން އަދިވެސް ބެލީ މައްޗަށް އެރެވޭތޯއެވެ. އުދުހެމުން ގޮސް މަތީ ވިލާތަކުގައި ޖެހޭވަރުވިއެވެ. “މިއީ ރަށެއްތަ ނޫނީ ބޮޑު ބަރޫދެއްތަ؟” އަހަރެންގެ ހިތް ޖަވާބެއް ހޯދުމަށް ތަޅާފޮޅަމުން ދިޔައެވެ. ދުނިޔޭގައިވާ ހަތް ބައްރަށްވުރެވެސް މި ‘ރަށް’ އެހާމެ ބޮޑެވެ. އަހަރެން ހުރީ އަޖައިބުވެ އަންތަރީސްވެފައެވެ. “މިދިޔަ ހުރިހާ ދުވަހު އަހަރެން ގަބޫލު މިކުރީ މިއީ ރާއްޖެތެރޭގެ ވަރުގެ ކުޑަ ރަށެއްކަމަށް!” ހިތާހިތުން ކިޔާލެވުނެވެ.
ކިޒަން ހޯދުމަށް އުޑުމަތީ ހުރެ ސަބިޝަލް ލިއަޣްފަފައި(ޖާދޫގެ ކުތުބުޚާނާ) އަށް ‘ޓެލިޕޮފްޓި’(ޖާދޫ ދަތުރު) ވީމެވެ. އެ ގަސް ވަނީ ފަނޑު އައްޔަކުން ދިއްލާލާފައެވެ. އޭރު ކިޒަން ގޮފިގަނޑެއްގައި ފޮތެއް ހިފަހައްޓައިގެން އޮތެވެ. ދެންމެ އަހަންނަށް ފެނުނު ކަންތައްތައް ކިޔައިދިނީމެވެ. “މިއީ ކޮންތަނެއް؟” އަހަރެން ސުވާލުކޮށްލީމެވެ.
“މިއީ އަނެއްހެން ބުނާނަމަ އެހެން ދުނިޔެއެއް. މި ދުނިޔޭގައި ދެ ބަރޫދުވެސް ވާނީ ގުޅި ލާމެހިފައި. އެހެން ނަމަވެސް މެދުތެރޭގައި ވަރަށް ނުރައްކާތެރި ތަނެއް އޮންނާނެ. ދުނިޔެއާ އަޅާބަލާއިރު މިއީ ދެ ގުނަ ބޮޑުތަނެއް. އެހެންވީމާ ކިތަންމެ މައްޗައް އުދުހުނަސް ފެންނާނީ އެއްބައި. މިހާރު މީ ހަނދުގެ ދުވަސްވަރެއް ނޫން. އެހެންވެ މި ބަޔައް ހަނދު ނުފެންނަނީ.” ކިޒަން ކިޔައިދިނެވެ. “މި ބައޭ ތިބުނީ؟” އަހަރެން ޝައުގުވެރިވެލީމެވެ. “މި ބަރޫދު މައިގަނޑު ގޮތެއްގައި ބެހިފައިވަނީ ދެ ބަޔަކަށް. އެއީ ނުރް(އިރު) ގެ އަދި ސޫރް(ހަނދު) ގެ ބައި. އަހަރެމެން މި ތިބީ ނުރް(އިރު) ގެ ފަޅީގެ އެންމެ އިރުމަތި ފަޅީގައި. ހުޅަނގަށް ދާވަރުން އަނދިރިވާނެ. ފަނޑު ނޫކުލައެއް މާޙައުލުގައި ވާނެ.” ކިޒަން އިތުރަށް ތަފުސީލުކޮށްދިނެވެ.
އަހަރެން ހުރީ ހަމަ ރަނގަޅަށްވެސް އާޝޯޚުވެފައެވެ. ކިޒަންގެ މައުލޫމާތު މުއްސަނދިކަމުންނެވެ. “މިއީ އަހަންނަށް ލިބުނު ބޮޑު ނަސީބެއް ނޫންހެއްޔެވެ؟” އަހަރެންގެ ހިތުގައި ދައުރުވަމުން ދިޔައެވެ. ދަނީއޭ ބުނެލުމަށްފަހު ކޮޓަރިއަށް ‘ޓެލިޕޮފްޓި’(ޖާދޫ ދަތުރު) ވީމެވެ. ޚިޔާލާއި ފިކުރުތަކެއްގެ ތެރޭގައި އެނދަށް ފުންމައިގަތީމެވެ.
އަހަރެންގެ ހިތުގެ ތެރޭގައި ހީވަނީ ތޫފާނެއް އުފެދިގެން އުޅޭހެންނެވެ. ކިޒަންގެ ސޫރައަށް ގެއްލި މޮޔަ ސުވާލުތައް ނުކުރެވެނީ ހަމަ ކިރިޔާއެވެ. ޒައިލީ ހަށިގަނޑުން ބޭރުވުމަށްފަހު ބުންޏެވެ. “ނޫނޭ ތީ ދެން ހަމަ ބޮޑުވަރު. އޭނާ ކައިރީ އަހަންވީއެއްނު، ކައިވެނިކުރަން. ހަހަހަަހަ.” ހަމަ އެހެން ބުނުމާއެކު ރައްދުގައި އަހަރެން ބުނީމެވެ. “ކައިވެންޏޭ؟ އަދި އޭނާ އަހަރެން އެގޮތަށް ފެނުން ހެންވެސް ހިއެއްނުވޭ. އެހެން ނޫނަސް އޭނަގެ އަސްލެއް އަދި ނޭނގެ. އޭނާ އަކީ ކާކުކަންވެސް ރަނގަޅަކަށް ނޭނގެ. ޒައިލީ އަހަރެންނާ މައްލަވަ ނުކޮށްބަލަ!”
މާ ގިނައިރުތަކެއްނުވެ އަހަރެންގެ ދެލޮލަށް ނިދިއައެވެ. ލޯހުޅުވާލެވުނީ ކަޅު އަނދިރިއަށެވެ. އެއީ ހުވަފެނީ ހަވަނަ މިންކަން އިނގުނެވެ. އިރުކޮޅަކުން މަންޒަރުތައް ފެންނަން ފެށިއެވެ. މިފަހަރުމަތިން ބައްޕަ ގަނޑުވަރާ ދިމާއަށް އަންނަނީއެވެ. މަޑުމަޑުން އުދުހިފައި އައިސް ތަޚުތުގައި އިށީނެވެ. އޭރު މަންމަގެ ބަނޑުގައި ރިއްސާތީވެ އުޅެއެވެ. “އޭރުވެސް އަހަރެން ހީކުރިގޮތަށް އެ ވީ. އޭނާ ސިހުރު ހަދާތީވެ، މިވަރަކަށް ގޯސްވާނީ. އޭނާ މަރާލާކަށް ބައްޕަ އެއްބަހެއް ނުވި.” ޒަނީން ބުންޏެވެ. “ތިޔަ ޒަހީރު މަރުވެގެން ނޫނީ މި ރަށް ސަލާމަތެއް ނުކުރެވޭނެ. ރިޒުއާނާވެސް ވީ ތަނެއް ނޭނގެ. އަޅެ ކީއްވެތަ އޭނާ ގަނޑުވަރުން ބޭރުކޮށްލީ. އެއީ އަހަރެމެންގެ ދަރިއެއްނު؟” ރައިފާނާ ކުކުރަމުން ދެތިން ޖުމުލައެއް ފުރިހަމަކޮށްލިއެވެ.
“ރިޒުއާނާ އަމިއްލަ ކުރިކަމެއް އެއީ. އޭނާއަށް އިނގެންވާނެ ދޯ އެއީ އެކަހަލަ ފޮތެއްކަން. އެ ލޯގަނޑަށް ނުވަންނާށޭ ކިތައް ފަހަރު ބުނާނީ. ބުނި ބަސް ގަބޫލުނުކުރީމައި ވަރުގަދަ ލަނޑެއް ލިބިއްޖެއްނު.” ޒަނީންގެ އަޑުގައި ކުޑަނަމަވެސް ރުޅިވެރިކަމެއްވެއެވެ. “ތީ ކާކު؟” އަހަންނާ ދިމާއަށް ބަލާލުމަށްފަހު ބައްޕަ ބުންޏެވެ. “ގައިމު އަހަރެން ހުރިތަން ފެންނަންވީ ކީއްވެ؟ މިއީ ހިނގާފައި އޮތް ކަމެއްނު!” ހިތުގައި ހަމަނުޖެހުމެއް އުފެދިގެންދިޔައެވެ. ކުއްލިއަކަށް އަހަރެންގެ ފަހަތުން އައި މީހަކު އަހަރެންގެ ގައިގައި ޖެހުނެވެ. ހަމައެއާއެކު އަހަރެން ބިންމައްޗަށް ވެއްޓުނެވެ. އިސްއުފުލާ ބަލާލީމެވެ. އޭނާގެ މޫނު ފެނުމާއެކު އަހަރެންގެ ދެލޯ ބޮޑުވެގެން ދިޔައެވެ. “ކިޒަން؟” އަހަރެންނަށް ބާރަށް ހަޅޭއް ލަވައިގަނެވުނެވެ. ނަސީބަކުން އެކަކުވެސް އަހަންނާ ދިމާއަކަށް ނުބަލައެވެ.
ކިޒަން ވާހަކަދައްކަން ފެށިއެވެ. “އަހަރެންނަކީ ކިޒަން. އޭރުވެސް ބުނީމެއްނު ޒަހީރު ނިކުމެގެން ދާނެޔޭ! މިހާރު އެދިޔައީ ފިލައިގެން. ކިހިނެތް އިނގޭނީ އެދިޔައީ މި ގަނޑުވަރު ހަލާކުކުރަން އަންނަން ކަމެއް؟” އަހަރެންގެ ބައްޕަ އިޝާރާތް ކޮށްލުމާއެކު ދަހަނާގައި ހުރި މީހަކު އޭނާ ދަމާފައި ގަނޑުވަރުން ބޭރަށް ނެރުނެވެ.
“ޒަނީން. އަޅެ.. އެހެން ހަދާކަށް ނުވާނެއެއްނު. އޭނާ އެ ބުނަނީ ތެދުކަން… އިނގޭނެއެއްނު މިހާރު” ރައިފާނާ ހިތްހަމަނުޖެހިފައި ބުންޏެވެ. ކުއްލިއަކަށް އަހަރެންގެ ބައްޕައަށް ބަލާލެވުނީ ރައިފާނާއާ ދިމާއަށެވެ. “ރައިފާނާ ބަނޑުގައި ރިއްސަނީތަ؟ ފޫޅުމައިމީހާ އެބަ އާދެޔޭ! ކެތްކޮށްލާ!” ރައިފާނާގެ ބަނޑުގައި ފިރުމާލަމުން ޒަނީން ބުންޏެވެ. އިރުކޮޅަކުން ފެނުނީ ފޫޅުމައިމީހާ އައިސް ވަންނަ ތަނެވެ. ފޫޅުމައިމީހާގެ މޫނު މަތިން ފެންނަމުން ދިޔަ ކުލަވަރުތަކުން އޭނާގެ ކޮންމެވެސް ކަމެއް ނުބައިކަން އެނގި ދިޔައެވެ. ރައިފާނާ އާއި ފޫޅުމައިމީހާ ކޮޓަރިއަކަށް ވެއްދުނެވެ.
އިރުގަނޑެއްފަހުން ކުޑަކުއްޖެއް އުރާލައިގެން ފޫޅުމައިމީހާ ކޮޓަރިން ނުކުތެވެ. ޒަނީންއަށް އޭނާގެ ކުޑަ އަންހެން ދަރިފުޅު ފެނި އުފާވިއެވެ. ރައިފާނާގެ ހާލަތާއިމެދު ސުވާލު ކުރިއެވެ. ފޫޅުމައިމީހާ އިސްދަށަށް ޖަހާލުމަށްފަހުގައި ބުންޏެވެ. “ރައިފާނާވަނީ ވިހެއުމުގެ ތެރޭގައި މި ދުނިޔެއާ ވަކިވެފައި.” ޒަނީން ދިއްކޮށްލި ފައިސާ ކޮތަޅު ހިފައިގެން އޭނާ ތަޚުތުގެ އިމާރާތުން ބޭރަށް ނުކުތެވެ. އަހަރެން އޭނާގެ ފަހަތުން ދިޔައީމެވެ. ނަމަވެސް ގަނޑުވަރުގެ ބޭރު ދޮރާށި ކައިރިން މަކަރުވެރި ގޮތަކަށް ރުފިޔާގެ ކޮތަޅަށް ބަލައިލާ ކުއްލިއަކަށް ހުރިތަނުން ގެއްލުނެވެ. ހަމަ މިއާއެކު މުޅި އެތަން ކަޅުވެ، ގެއްލިގެން ދިޔައެވެ.
ލޯ ހުޅުވާލެވުނީ އެހީތެރިޔަކު އައިސް ގޮވިފަހުންނެވެ. މުޅި ގައިން ވަނީ ދާ ހިއްލާފައެވެ. ހުން އައިސް މުޅި ގައިގައި ހީވަނީ ދެންމެ ދެންމެ އަލިފާން ރޯވާން އުޅޭހެންނެވެ. ބޮލުގައި އެވަރަށް ރިއްސައެވެ. އިރުކޮޅަކުން ދެ އެހީތެރިން އައިސް އަހަރެންނަށް ކާންދީ ފެންވަރުވާ ހެދިއެވެ. އިރުއިރުކޮޅާ އަހަރެން އެނބުރުން އަރާ ވެއްޓެން ދެއެވެ. އެހީތެރިންގެ ފަރާތުން ލިބެމުންދިޔަ މަދަދަށް ޝުކުރުއަދާކުރީމެވެ. ލަސްތަކެއްނުވެ އަނެއްކާވެސް އަހަރެންގެ ގާތަށް ނިދިއައެވެ.
ހޭލެވުނީ އިރުގެ ފިޔާތޮށި ދޯދިތައް ކޮޓަރިއަށް އެޅުމުންނެވެ. ހުންވެސް ވަނީ ފިލާފައެވެ. “ޒައިލީވެސް ނުފެންނަތާ އެތައް ދުވަހެއް ވެއްޖެ. އޭނާ ކޮބާ؟ އެއްކަލަ ހުވަފެންވެސް މިހާރު ނުފެނޭ. އަޖާއިބެއް.” އަހަރެންގެ ހިތުގައި ސުވާލުތައް އުފެދެމުން ދިޔައެވެ.
ލަސްނުކޮށް އަހަރެން ދިޔައީ ފައްވާރު ކައިރިއަށެވެ. މުޅި ދުވަސް ހޭދަކުރީ ފެނުގެ ޖާދޫ ދަސްކުރުމުގައެވެ. އެހީތެރިންވެސް އަހަރެންގެ ހާލަތާމެދު ކަންބޮޑުވެފައި ތިއްބެވެ. ނާކާމިޔާބުވީ ކޮންމެ ފަހަރަކުމެ، އަލުން އާ ހިއްވަރެއްލާފައި ފެށީމެވެ. ހަވީރުގެ ފިނިކަން ބަގީޗާގެ ތެރެއަށް ވެރިވިއެވެ. ވެފައި ހުރި ވަރުބަލި ކަމާއެކު، ކައިރީގައި ހުރި ދިގުގޮނޑިއެއްގައި އިށީނީމެވެ.
“ކުރިން ފެނުނު ހުވަފެން މިހާާރު ނުފެންނަންވީ ކީއްވެ؟ އަހަރެން އެންމެ ކުރީގައި ކީ ފޮތުގައި ވާ ހިސާބަށް ހުރިހާކަމެއް ފުރިހަމަވެއްޖެ. އެހެންވީމަ އެ ފޮތާއި މި ހުވަފެން މި ދައްކުވައިދެނީ ހަމަ އެކައްޗެއްނޫންބާ؟” އަހަރެންގެ ހިތުގައި ސުވާލުތައް އުފެދި އަމިއްލައަށް ޖަވާބު ދެވެމުން ދިޔައެވެ. އޭރު ޒައިލީ އަހަރެންގެ ހަށިގަނޑުން ނިކުމެއެވެ. “ޒައިލީ ކޮންތާކު އުޅެފަ ތިއައީ؟” އަހަރެން ސުވާލުކޮށްލީމެވެ. “މިނާލް. އަވަހަށް އުޅޭ ‘ސަބިޝް މޮޝްޓަފް’(ޖާދޫގެ ހަކީމު) އެއް ހޯދަން. ގިނަ ދުވަސް ވަންޏާ ތި ފައި އަލުން ރުޖޫޢަ ނުކުރެވިދާނެ.” ޒައިލީ ބުންޏެވެ. “ރުޖޫޢަ ކުރެވޭތަ؟ އާނ އެއީ ތެދެއް މިއީ ފުވައްމުލަކެއް ނޫންވިއްޔަ. އަބަދުވެސް އެކަހަލަ އަޖާއިބެއް ހުންނާނެ.” ހައިރާންވެ ނަމަވެސް ޖަވާބު އެނގޭ ހާލު އަހަރެން ބުނީމެވެ.
“ރުޅި އަކީ ‘ޖިފެ’(ގިނި)އަށް ވަންޏާ، ހަމަޖެހުމަކީ ‘ޥަޓެފް’(ފެން) އަކީ އެއްނޫންތަ؟” ވިސްނާލުމަށްފަހު އަހަރެން އެހީމެވެ. “އަދިވެސް ތިޔަ ޖާދޫއެއް. މިނާލް، ތިޔަ ކަނާތުފައި އެއްކޮށްވެސް ގެއްލިދާނެ! ނޭނގެ ތިބުނި އެއްޗެއް އަހަންނަކަށް!” އެހެން ބުނުމަށްފަހު ޒައިލީ ރުޅިއައިސްގެން އަހަރެންގެ ހަށިގަނޑަށް ވަނެވެ.
ޒައިލީއަކަށް ބެލުމެއްނެތި އަހަރެން އަވަސްވެގަތީ ދެންމެ ވިސްނި ޚިޔާލު ރަނގަޅުތޯ ބެލުމަށް ޖާދޫހަދަން މަޝްޣޫލުވުމަށެވެ. ޥިރިމް(ވައިގެ ޖާދޫ) ބޭނުންކޮށް ފައްވާރު ހުރިތަނަށް އުދުހިފައި ދިޔައީމެވެ. ފުން ނޭވާއެއް ލުމަށްފަހު ފެން ނެގުމަށް ބާރު ލީމެވެ. ސަބިޝް ރެރިޑެން(ޖާދޫގެ ނާރުތައް) ފިނިވާން ފެށިއެވެ. ހަމައެއާއެކު ދެ ކޯވަރެއްހާ ފެންފޮދު ނެގުނެވެ. ނަމަވެސް އެހާ ގިނައިރަކު ނުހިފެހެއްޓުނެވެ. “ގައިމު އޭރަށްވުރެ ގިނައިން ފެން ނެގިއްޖެ!” އަހަރެން ހިތަށް އަރަމުން ދިޔައެވެ. ކުއްލިއަކަށް ފުވައްމުލަކުގައި އުޅުން އިރު ކީމިޔާ ދަސް ކުރި ހަނދާންވިއެވެ. “ފެނުގެ ކީމި ފޯމިއުލާ. ދެ ހައިޑުރޮޖަން، އެއް އޮކުސިޖަން.” އަހަންނަށް ވިސްނެމުން ދިޔައެވެ. ފެނުގައިވާ ‘މޮލެކިއުލް’ ތަކަށް ބާރުލަމުން، ހިފަހައްޓަމުން ދިޔައީމެވެ. އިސާހިތަކު، މުޅި ފައްވާރުގައިވާ ފެންގަނޑު އެއްކޮށް ކަހަލަ ގޮތަކަށް މައްޗަށް ހިއްލުނެވެ. އިރުކޮޅެއް ވަންދެން ހިފެހެއްޓޭތޯ މަސައްކަތް ކުރީމެވެ. ނަމަވެސް މާގިނައިރުތަކެއްނުވެ، ޖާދޫގެ ބާރު ދަށްވިއެވެ. މަތީގައިވާ ފެންގަނޑު ރާސްލައިފަ ތިރިއަށް ފޭބިއެވެ. އަހަރެންގެ މުޅި ގައިވެސް ތެމިގެންދިޔައެވެ. މި ވީހާ އުފަލެއް ފާއިތުވެ ދިޔަ ދުވަސްތަކުގައި އިހުސާސް ކުރެވިފައެއް ނުވެއެވެ.
ނިކަން އަވަހަށް ފެންވަރަން ވަނީމެވެ. ފެންވަރާނިމި ކައިގެން އެނދުގައި އޮށޯތީމެވެ. “އަހަންނަށް ކީމިޔާ ކިޔަވަން ޝައުޤުހުރިކަން ހަމަ ނަސީބެއް!” އަހަންނަށް ފަޚުރުވެރިވެވުނެވެ. ކޮންމެ ރެއެކޭވެސް އެއްފަދައިން ނިދިއައީ ކިޒަންގެ މަތިން ހަނދާން ކުރަން އޮއްވައެވެ.
ލޯ ހުޅުވާލެވުނީ ދަނބުނޫކުލައިގެ އަލިކަމެއް ވެރިވެފައިވާ ބިމަކަށެވެ. އެއްގޮތަކަށްވެސް ނުދަންނަ ބީރައްޓެހި ތަނެކެވެ. މާދުރުނޫން ހިސާބެއްގައި ކަޅުކުލައިގެ ގަނޑުވަރެއް ހުއްޓެެވެ. އެހެން އެއްވެސް މީހެއްގެ ހިލަމެއް އެތާކު ނުވެއެވެ. ގަނޑުވަރުގެ ކައިރިއަށް ދިޔުމަށް އުދުހިފައި މިސްރާބު ޖެހީމެވެ. ހުއްޓައިނުލާ އުދުހެމުން ގޮސް ގަނޑުވަރުގެ ދޮރޯށި ކުރިމައްޗަށް ހުއްޓުނީމެވެ. މަޑުމަޑުން ދޮރޯށި ހުޅުވާލީ މީހަކު ފެންނާނެ ކަމުގެ ނިޔަތުގައެވެ. ނަމަވެސް ކުރިމަތީ ފެންނަން ހުރި ބޮޑު ތަޚުތުގައި އިށީންދެ އިނީ ހަމަ ދެވަނައެއް ނެތް ރިޒުއާނާއެވެ. ކުއްލި ސިހުމާއެކު ހޭލެވުނެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.


