Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އެދެނީ މަޢާފް

thaadhi Level 110 Stories
March 8, 2016 7 Mins Read
8 Comments

(ބާރަ ވަނަ ބައި)

ކޮންމެ ނަމާދަކަށްފަހުވެސް މާނީ ދުޢާ ކުރެއެވެ. އޭނާގެ ދިރިއުޅުން ބާއްޖަވެރި ކުރައްވާ އުފާވެރި ދިރިއުޅުމެއް ދެއްވުމަށެވެ. އޭނާ މާލެ އައިސް އެއުޅޭ މަގްސަދު އޭނާއަށް ހާސިލްވުމަށް އެދިއެވެ. އައްސަދުގެ ހިތްހެޔޮކަން ދެއްވުން އެދިއެވެ. މާލޭގައި ދިރިއުޅުނު ނަމަވެސް އޭނާގެ ފިރިއެއް ހުންނަކަން އޭނާ ހަނދާނެއް ނުނެތެއެވެ. އިޔަންއަށްވެސް އޭނާ އަބަދުވެސް ހެޔޮ ދުޢާ ކުރެއެވެ. އިޔަންއަށް ހެޔޮ ވިސްނުން ދެއްވުމަށްއެދި ދަންނަވައެވެ. އިޔަން އޭނާ ހޯދާނެކަން އޭނާ ދަނެއެވެ. އިޔަންއަށް ކެތްތެރިކަން ދެއްވުން އޭނާ އެދެއެވެ. މީގެ އިތުރުން އޭނާ މިއަދު ޚާއްސަ ދުޢާއެއް ކުރިއެވެ. އޭނާ ކުރިމަތިލާން އުޅޭ ކަމުގެ ބޮޑުކަމުންނެވެ. މާއްކޮއަށް ހަގީގަތް ކިޔާ ދިނުމުގެ ހިތްވަރު އޭނާއަށް ދެއްވުމަށްއެދިއެވެ. އަދި ހަގީގަތް އެނގުމަށްފަހު އެ ތުއްތު ތުއްތު ހިތަށް އެކަމަށް ކެތް ކުރުމުގެ ހިތްވަރު ދެއްވުމަށް އެދިއެވެ.

އެނދުމަތީގައި އޮތް އިޔަން އޮތީ ހެވިދިލިފައެވެ. އޭނާއާއި ދިމާލަށް އަންހެނުންތަކެއް އަންނަމުން ދިޔައެވެ. އެމީހުން ތިބީ ކަޅުހެދުމުން އެމީހުންގެ ހަށިގަނޑު ނިވާކޮށްގެންނެވެ. މަޑުމަޑުން ހިނގަމުން އައިސް އިޔަން ގާތުގައި ހުއްޓުމަށްފަހު އެމީހުން އިޔަންގެ ގައިގާ ބީހެން ފެށިއެވެ. ހަށިގަނޑުގެ ހުރިހާތާކު އެމީހުން އަތް ހިންގަމުން ބޮސް ދެމުން ދިޔައެވެ. ވީ އަރާމަކުން އިޔަންއަށް ލޯ މަރާލެވުނެވެ. އިރުކޮޅެއްފަހުން އެމީހުން އިޔަން ގައިގާ ދަތްއަޅަން ފެށިއެވެ. ވީތަދުން އިޔަންއަށް ލޯ ހުޅުވާލެވުނެވެ. ދަތްއަޅަމުން ގޮސް އެމީހުން އިޔަންގެ ގައިން ތަންތަން ނައްޓާ ހަފަންފެށިއެވެ. އިޔަންއަށް ހަޅޭއްލަވައިގަނެވުނެވެ. ބިރުން ރޯންފެށުނެވެ. ވަރަށް ހިތްވަރުން އެމީހުން ފޮޅުވާލާފައި އިޔަން ތެދުވެގެން ދުއްވައިގަތެވެ. އޭނާގެ ކޮންމެ ފިޔަވަޅަކާއެކު ތަޅުންގަނޑު މަތީގައި އަލިފާން ރޯވަމުން ދިޔައެވެ. އިޔަންއަކަށް ހުއްޓޭކަށް ނުކެރުނެވެ. ބިރުން ހަޅޭއްލަވަމުން އޭނާ ދުވަމުން ދިޔައީ ގެއިން ބޭރަށް ނުކުތުމަށެވެ. އިސާހިތަކު މުޅިގޭގައި އަލިފާން ރޯވިއެވެ. ދޮރުން ނުކުމެ ނުކުމެ ހުއްޓާ އިޔަންގެ ކުރި މައްޗަށް އެރީ ހުދު ހެދުމެއްގައި ހުރި މާނީއެވެ. މާނީ އިޔަންއާއި ދިމާލަށް އަތް ދިއްކޮށްލީ މަޑު ކުރާށޭ ބުނާފަދައިންނެވެ. ނަމަވެސް އިޔަން މާނީ ކޮށްޕާލުމަށްފަހު މަގު މައްޗަށް ނުކުތެވެ. އެވަގުތު ބާރު ސްޕީޑުގައި އައި ކާރެއްގައި ޖެހިފައި އިޔަން ދުރަށް ވިއްސައިގެން ދިޔައެވެ.

ސިއްސައިގެން ގޮސް އިޔަންއަށް ތެދުވެވުނެވެ. ފެނުނު ހުވަފެނުގެ ބިރުވެރިކަމުން އިޔަން އިނީ ދާހިއްލާ ފޯވެފައެވެ. އޭނާ ވަށައިގެން ނަޒަރު ހިންގާލިއެވެ. އެނދުމަތީގައި އޭނާގެ މިރޭގެ މެހުމާނު އަރާމު ނިންޖަކުން ނިދާފައި އޮތެވެ. ފެނުނީ ހުވަފެނެއްކަން އެނގުމުން ތެޅެމުން ދިޔަ ހިތަށް ވިސްނައިދީ ހަމައަކަށް އެޅުވޭތޯ އިޔަން މަސައްކަތް ކުރިއެވެ. ނަމަވެސް އެހުވަފެނާމެދު ވިސްނާނުލާ ސިކުނޑި ފަރެއް ނުޖެހުނެވެ. އެއީ ކޮންފަދަ ބިރުވެރި ހުވަފެނެއް ހެއްޔެވެ. އޭގެން އޭނާއަށް އަންގައިދޭން ބޭނުންވީ ކޮންކަމެއް ހެއްޔެވެ. ކޮންމެކަމެއް އަންގައިދޭން ބޭނުން ވިޔަސް އޭނާއަކަށް ފަރުވާލެއް ނެތެވެ. އޭނާ ގަބޫލު ކުރާ ގޮތުގައި ހުވަފެނަކީ ބިލާހެކެވެ. އެއީ ހަގީގަތަކަށްވާނެ ކަންކަމެއް ނޫނެވެ. ކޮންމެއަކަސް އެހުވަފެނުގެ ސަބަބުން އޭނާގެ އެރޭގެ ނިދިކޮޅު ހަރާބުވިއެވެ. ފިނިކޮށްލަން އޭނާ ބެލްކަންޏަށް ނުކުތެވެ. ނުކުމެ މަގުމައްޗަށް ނަޒަރު ހިންގާލި ވަގުތު ބާރު ދުވެލީގައި ދުއްވާފައި ދިޔަ ކާރެއްގައި މީހަކު ޖެހި ދުރަށް ވިއްސައިގެން ދިޔައެވެ. ހަމަ އޭނާއަށް ފެނުނު ހުވަފެނުގައި އެކްސިޑެންޓްވީ ފަދައިންނެވެ. ބިރުން އިޔަންއަށް ފަހަތަށް ޖެހިލެވުނެވެ. އެއީ އާދައިގެ ހުވަފެނެއް ނޫންކަން އޭނާއަށް އިހުސާސްވެ ކަލާންގެ މަތިން ހަނދާންވިއެވެ.

އޭގެ އަނެއް ދުވަހު އިޔަން މިސްކިތަށް އެރިއެވެ. ފެނުނު ހުވަފެނާމެދު ވިސްނޭ ވަރުން ހުވަފެނުގެ ތައުބީރަކީ ކޮބައިކަން ހޯދުމަށް އިމާމާއާއި އެހުވަފެން ހިއްސާ ކުރިއެވެ. އެވަރަކުން އިމާމާއަކަށް ނުފުދުނެވެ. އިޔަންގެ ހަޔާތާމެދު އިތުރަށް ކިޔާ ދިނުމަށް އެދުނެވެ. ޖެހިލުންވީ ނަމަވެސް އިޔަން އޭނާގެ ހަޔާތާ ބެހޭގޮތުން ހުރިހާ ވާހަކައެއް ތެދަށް ކިޔާދިނެވެ. އެއަށްފަހު އިމާމާ އެހުވަފެނުގެ ތައުބީރު އިޔަންއަށް ކިޔާދިނެވެ.

އޭނާއަށް ފެނުނު ހުވަފެނުގައި ކަޅު ހެދުންލާފައި ތިބި އަންހެނުންނަކީ އޭނާ ގުޅުން ހިންގަމުން ދިޔަ އަންހެނުން ކަމަށް އިމާމާ ބުންޏެވެ. އެމީހުން އިޔަން ދެދުނިޔޭން ބަރުބާދުކޮށްލާނެ ކަމަށާއި އިޔަންގެ އެއަމަލަކީ ހުތުރުކަންބޮޑު ޢަމަލެއް ކަމުން އޭގެ ޖަޒާއަކީ ނަރަކަ ކަމަށް އިމާމާ ބުންޏެވެ. އިޔަންގެ ފައިދަށުން ނުކުތް އަލިފާނަކީ ނަރަކައިގެ އަލިފާން ކަމަށާއި އެކަމުން އިޔަން ސަލާމަތްކޮށް ދިނުމަށް އެހީތެރިވެދޭނީ އިޔަންގެ އަންހެނުން މާނީ ކަމަށްވެސް އިމާމާ ބުންޏެވެ.

އިޔަންއަށް ވިސްނުނީދެނެވެ. ކުރުވި ފުން އަސަރެއްގެ ސަބަބުން އޭނާގެ ލޮލުން ކަރުނައައެވެ. އިމާމާ އިޔަންއަށް ނަސޭހަތްތެރިވިއެވެ. އަދި ފުރުސަތު އެބައޮތް ކަމަށާއި ވަގުތު ފާއިތު ނުވަނީސް އިޔަންއަށް ވިސްނުނު ކަމަށްޓަކައި ޝުކުރުކުރާ ކަމަށް އިމާމާ ބުންޏެވެ. ފުރިހަމަ ތައުބާއަކުން ތައުބާ ވުމަށާއި މީހަކަށް ދެރައެއް ދެވިފައިވާނަމަ އެމީހެއްގެ މާފު ހޯދުމަށް އިމާމާ އިޔަންއަށް ބުނެދިނެވެ.

ލާރާ އުޅޭ އެޕާޓްމަންޓަށް އިޔަން ދިޔައެވެ. މާނީ ވީ ތަން ލާރާގެ ފަރާތުން ނޭނގުމުން އިޔަން ލާރާ ވަޒީފާއިން ވަކި ކުރުމަށްފަހު ލާރާ މިހާރު ދިރިއުޅެމުންދަނީ އެޕާޓްމަންޓެއް ކުއްޔަށް ހިފައިގެންނެވެ. ލާރާގެ ކުރިމަތީގައި ކުޑަކަކޫ ޖަހާ އިށީންދެ އިޔަން ރޯންފެށިއެވެ. އޭނާއަށް އެހީތެރިވެދިނުމަށް އެދި އާދޭސް ކުރިއެވެ.

އަޑުން އަޑު ނަގާ މާއްކޮ ރޯންފެށިއެވެ. އޭނާ މަސަލަސް ކުރެވޭތޯ މާނީ މަސައްކަތް ކުރިއެވެ. ނަމަވެސް މާއްކޮގެ މަންމަ މި ދުނިޔޭގައި ނެތްކަން ގަބޫލު ކުރާކަށް މާއްކޮ ބޭނުމެއް ނޫނެވެ. މާނީ ވަރަށް މަސައްކަތް ކުރި ނަމަވެސް މާއްކޮގެ ރުއިމަކަށް ބަދަލެއް ނައެވެ. އައްސަދުވެސް އެތައް ވާހަކައެއް ދެއްކިއެވެ. ނަމަވެސް ތަފާތެއް ނައެވެ. އެންމެފަހުން އައްސަދަށް ކެތް ނުވެގެން ދުރަށް ދިޔައީއެވެ. ތައުފީގަކަށްވެސް ކާމިޔާބު ވާގޮތެއް ނުވިއެވެ. އެއަށްވުރެ މާއްކޮއަށް ކުރުވާފައިވަނީ މާ ފުން އަސަރެކެވެ. ނަމަވެސް މާނީ ހިތްވަރު އެލުވައެއް ނުލައެވެ. އެގޮތުގައި ވަގުތުކޮޅެއް ހޭދަވުމަށްފަހު މާއްކޮއަށް ނިދުނީއެވެ.

އޭގެފަހުން މާއްކޮ ހުންނަނީ ފާޑަކަށެވެ. ކަމަކާއި ވެގެންވެސް ނޫޅެއެވެ. އަބަދުވެސް ހުންނަނީ ކޮންމެވެސް ފިކުރަކަށް ގެއްލިފައެވެ. އެކަމާއި އައްސަދާ ތައުފީގު ވަރަށް ކަންބޮޑުވިއެވެ. މާނީވެސް ކަންބޮޑުވީ ނަމަވެސް އެކަމެއް އެހެން މީހުންނަކަށް ނުދައްކައެވެ. އޭނާ ހުރީ އެމީހުންނަށް ހިތްވަރު ދިނުމުގައި އަތުކުރި އޮޅައިލައިގެންނެވެ. އޭނާގެ ވާހަކައަކީ އެފަދަ ކަންކަމަކީ އެހާ އަވަހަށް އޭގެ އަސަރު ފިލައިގެން ދާނެ ކަންކަމެއް ނޫން ކަމަށާއި މާއްކޮއަކީ ކުޑަ ކުއްޖެއް ކަމުން އެކަމުން އަރައިގަތުމަށް ދުވަސްކޮޅެއް ނަގާނެ ކަމަށެވެ. އެހެންކަމުން ވީވަރަކުން މާއްކޮގެ ހިތްހަމަޖައްސައިގެން ގެންގުޅުމަށް މާނީ މަޝްވަރާދިނެވެ. އައްސަދަށް ވިސްނުނީ ދުވަސްކޮޅަކަށް މާހައުލު ބަދަލުކޮށްލާށެވެ. އެގޮތުން މާއްކޮގެ މަންމަ ފަރާތު މާމަމެން ރަށަށް ދިއުމަށް ނިންމިއެވެ.

އެކަމާއި ކަންބޮޑުވެ ފިކުރު ބޮޑުވީ މާނީއެވެ. ޒާހިރާމެންނަށް މާނީ ފެނުމުން ކަންތައްތައް ގޯސްވާނެ ވަރު ހިތަށް ގެންނަންވެސް އުނދަގުލެވެ. ހުރިހާ ކަމެއް ފަޅާއަރާ މާނީ ފަލީޙަތްވާނެއެވެ. ތެޅެމުންދިޔަ ހިތް މައިތިރި ނުކުރެވިގެން މާނީ އެވާހަކަތައް ތައުފީގާ ހިއްސާ ކުރިއެވެ. ތައުފީގުގެ ކިބައިން ލިބުނީ އުފާވެރި ޚަބަރެކެވެ. އޭނާ ހުސޭނުއާއި އެތައް ގޮތަކުން ވާހަކަ ދައްކައިގެން ހުރިހާ ކަމެއްވެސް ހަމަޖެއްސި ކަމަށެވެ. އައްސަދާއި މާއްކޮއަށްޓަކައި މާނީގެ ސިއްރު ސިއްރެއްގެ ގޮތުގައި ބޭއްވުމަށް އެމީހުން އެއްބަސްވީ ނަމަވެސް ޒާހިރާގެ ހިތް މާނީއަށްޓަކައި ހެވެއް ނޫނެވެ.

ރަށުގެ ފާލަމަށް ފޭބުމާއެކު މާއްކޮ ގޮސް ބައްދައިގަތީ ޒާހިރާގެ ގައިގައެވެ. މާއްކޮ ފެނުމުން އުފަލުން ފޮޅުނު ޒާހިރާ އަށް ރޮވުނެވެ. ލޯންޗުގެ ފަޅުވެރިއަކާއި ހުސޭނުއާއި ވެގެން އައްސަދު ބޭލިއެވެ. މަސައްކަތުގެ ބަހަނާ ދައްކާފައި ތައުފީގު އެދަތުރުގައި ނުދިޔަ ނަމަވެސް އޭނާ ނުދިޔައީ މަސައްކަތް ބުރަ ވެގެންނެއް ނޫނެވެ. އޭނާ ހަމަ ދާހިތް ނުވީއެވެ. ގޮސްފިނަމަ އޭނާގެ ހިތަށް ކެތްނުވާވަރުގެ މަންޒަރުތައް ފެންނާނެތީ އެމަންޒަރުތައް ބަލަން ބޭނުން ނުވާތީއެވެ.

“މިއީ މާޔާ.” އައްސަދުއިން ގޮނޑީގެ މުއްގަނޑުގައި މީހަކު ހިފާލިކަން އިހުސާސްވުމާއެކު އެއީ މާޔާކަން އެނގުމުން މާނީއަށް އިޝާރާތްކޮށްލަމުން އައްސަދު އޭނާ ތައާރަފުކޮށްދިނެވެ. “މާއްކޮ ބަލަން އަހަރެމެން ގޭގަ ހުންނަ ކުއްޖާ.” މާނީއަށް ހުރީ އިސްނަގަން ނުކެރިފައެވެ. ހުސޭނަށާއި ޒާހިރާއަށް އެއީ މާނީކަން އެނގެއެވެ. އަދި އޭނާ ކުރިން ކުޅެފައިވާ ނުބައި ރޯލުވެސް ވަރަށް ރަނގަޅަށް އެނގެއެވެ. ހިތްވަރުކޮށްފައި މާނީ އިސްއުފުލާލާފައި ހިނިތުން ވެލުމުން ހުސޭނުވެސް ހިސާބަކަށް ހިނިތުންވެލިއެވެ. ނަމަވެސް ޒާހިރާ މޫނު ހަދާލީ ހިތްހަމަނުޖެހުން ދައްކަމުންނެވެ.

“މިހާރު މަންމަ ކިހިނެތް؟” ޒާހިރާ މާއްކޮ ގޮވައިގެން އެތެރެއަށް ވަނުމުން ސިޓިންގްރޫމުގައި ވާހަކަ ދައްކަން ތިބެ އައްސަދު އަހާލީ ހުސޭނު ކުރެންނެވެ.

“އިރާދަ ކުރެއްވިއްޔާ ކުރިއަށްވުރެ ވަރަށް ބޮޑުތަން މިހާރު ރަނގަޅު. އެކަމަކު އަދިވެސް ބޭސް ދެމުން މިގެންދަނީ. ޑޮކްޓަރު އަދި ބޭސް ހުއްޓާލާކަށް ނުބުނޭ ވިއްޔަ. ދަރިފުޅުގެ ފައި މިހާރު ކިހިނެތްތަ؟”

“މިހާރު ރަނގަޅުވަމުން އަންނަނީ. ކުޑަކޮށް ކޮޅަށް ހުރެވޭ މިހާރު. މާޔާ ނިކަން މޮޅޭ ތެޔޮ އުނގުޅަން. ދޯ މާޔާ.” އައްސަދު ހިނިތުންވެލިއެވެ. މާނީއަށް އިސްޖަހާލެވުނެވެ.

“ދަރިފުޅު މިރަށުގަ ހުރި ދުވަސްކޮޅު ދެން ދިވެހި ބޭހެއްވެސް ކުރަންވީނު. މިރަށުގަ އެބަހުރި ތިކަމަށް ވަރަށް މޮޅު މީހަކުވެސް.”

“އާނ. މިރަށަށް އަންނަ ވާހަކަ ބުނީމަ ތައުފީގުވެސް ތި ވާހަކަ ދެއްކި. ދެން ތިޔަކަންވެސް ކުރާނީ ދޯ.” ހުސޭނު ދެއްކި ވާހަކައަށް އައްސަދު އެއްބަސްވިއެވެ.

އެގޭގައިވެސް މާނީ މަސައްކަތް ކުރަމުން ދިޔައީ އައްސަދުމެން ގޭގައިވެސް މަސައްކަތް ކުރަމުން ދިޔަ ގޮތަށެވެ. ޒިންމާދާރު ކަމާއެކު ގޭތެރޭގެ ހުރިހާ މަސައްކަތެއްވެސް އޭނާ ކުރަމުން ދިޔައެވެ. ފަތިސް ނަމާދުން ފަށާ ދުވަސް ނިންމާލަނީ އެންމެން ނިދީމައެވެ. ހުސޭނުގެ ދެމަފިރިންނަށް ފެނިގެން ދިޔައީ މުޅިން ތަފާތު މާނީއެކެވެ. ކުރިން އެގެއަށް އައި މާނީ އާއި ވައްތަރު އެއްވެސް ކަމެއް ނެތެވެ. މާނީގެ ބުރަ މަސައްކަތާއި ގޭތެރޭގެ ކަންކަމުގަޔާއި އެހެނިހެން ކަންކަމުގައި އެގޭގެ މީހުންނަށް ދެމުން ދާ އެއްބާރުލުން ފެނި މަޑުމަޑުން ހުސޭނުގެ ހިތް މާނީއަށްޓަކައި ހެޔޮވަމުން ދިޔައެވެ. ޒާހިރާ ގާތުގައިވެސް އެވާހަކަ ދައްކާ ހަދައެވެ. ނަމަވެސް ޒާހިރާ އެކަން ގަބޫލު ކުރާކަށް އެއްގޮތަކަށްވެސް ބޭނުމެއް ނޫނެވެ. ޒާހިރާގެ ނަޒަރުގައި އެއީ ހަމަ ކުރީގެ މާނީއެވެ. އޭނާގެ އުޅުމެއް ބަދަލެއް ނުވާނެއެވެ. ތައުބާވީއޭ ކިޔައިގެން އެދައްކާ ވާހަކައަކީވެސް ބުހުތާނު ދޮގެވެ. އެއީ އެމީހުންގެ ލޯ މައްޗަށް އޭނާ ދައްކާލާ ދަޅައެކެވެ. އެކަހަލަ އަންހެނުން އުޅޭނީ އެވައްތަރަށެވެ. ނަމަވެސް މާނީއަށް ފަރުވާލެއް ނެތެވެ. ތެދެއް ގަބޫލު ނުކުރުމަކުން އޭނާއަށް ވާނެ ގެއްލުމެއް ނޯންނާނެއެވެ. ޒާހިރާ ނުރުހުން ނަމަވެސް ޒާހިރާގެ ހިތްހެޔޮކަން ހޯދަން މާނީ ކުރާ ހިތްވަރަކަށް އެއްވެސް ބަދަލެއް ނާދެއެވެ.

މާހައުލު ބަދަލުވެ ސާފު ވަޔާއި ހިތްހަމަޖެހުން ލިބުމުގެ ސަބަބުން މާއްކޮގެ ހާލަތު ދިޔައީ ދުވަހުން ދުވަހަކަށް ރަނގަޅުވަމުންނެވެ. މިނިވަން މާހައުލެއްގައި ކުޅުމާއި، ރީތި މޫދެއްގައި މަޖާ ނެގުމުގައި އޭނާގެ ވަގުތަށް ހޭދަވަމުންދިޔައީ އުފާވެރިކަމާއެކުގައެވެ. އެކަމާ އެންމެންވެސް އުފާކުރިއެވެ. އެންމެ ބޮޑު އުފަލެއް ލިބުނީ އައްސަދަށެވެ. މާއްކޮއަށް އޭނާގެ ޅައުމުރު އޭގެ އެންމެ ފުރިހަމަ ގޮތުގައި ހޯދައި ދެވޭ ކަމަށްޓަކައި އެކަމާ އުފާކުރިއެވެ. މިހުރިހާ ދުވަހު އޭނާގެ ބޮލަށް ލައިގެން އުޅުނު ބަރު ނެގުނު ކަމަށްޓަކައި އެކަމާވެސް އުފާކުރިއެވެ. އަދި އެކަމަށްޓަކައި މާޔާއަށް ނުހަނު ޝުކުރުވެރިވެއެވެ.

އައްސަދުގެ ފަޔަށް ދިވެހި ބޭސް ކުރަން މީހަކު ގެނެވުނެވެ. އެމީހާ ނިކަން ރަނގަޅަށް އައްސަދުގެ ފައި ބެލުމަށްފަހު ދިނީ އުފާވެރި ޚަބަރެކެވެ. ބޭސްގަނޑު އެޅުމުން އިސާހިތަކު ރަނގަޅުވެދާނެ ކަމުގައި އެމީހާ ބުންޏެވެ. އެންމެންނަށްވެސް ލިބުނީ ބަޔާން ކުރަންވެސް ދަތި އުފަލެކެވެ. ބޭސްގަނޑު ތައްޔާރު ކުރުމަށްފަހު ބޭސްގަނޑު އެޅީ އޭގެ އަނެއް ދުވަހުއެވެ. އެއީ ދެދުވަހުގެ ބޭސްގަނޑެކެވެ.

ދެދުވަސްފަހުން ބޭސްގަނޑު ނެގުމަށްފަހު ފައިގާ ތެޔޮ އުނގުޅާ ދޮންވެލިން ފައިމޮޑުމަށް ބޭސްވެރިޔާ އިލްތިމާސް ކުރިއެވެ. އައްސަދުއަށް އެ ހުރިހާ ކަމެއްވެސް ކޮށްދިނުމުގައި މާނީ އަވަދިނެތި އުޅުނެވެ. ދުވާލަކު ދެއިރު މޫދަށް ގެންގޮސް ފައި މޮޑެދިނުމުގެ އިތުރުން ތެޔޮވެސް ދަމާދެއެވެ. ނަތީޖާއެއްގެ ގޮތުން އައްސަދަށް ކުޑަކޮށް ހިނގެންފެށިއެވެ. ފުރިހަމަ ގޮތުގައި ފަރުވާ ލިބެމުން ދިއުމުގެ ސަބަބުން ﷲގެ ހެޔޮ ރަހުމަތުން އޭގެ ދުވަސްކޮޅެއްފަހުން އައްސަދަށް ހަމައަށް ހިނގާއުޅެވޭ ގޮތްވިއެވެ. އައްސަދު ހިނގާ އުޅޭތަން ފެނުމުން އުފަލުން ހިތްތައް ބަންޑުންވީ ލޯތައް ކަރުނުން ބަންޑުން ކުރަމުންނެވެ. އައްސަދު އެންމެ ފުރަތަމަވެސް އެޚަބަރު ދޭން ބޭނުންވީ ތައުފީގަށެވެ. ނަމަވެސް އެކަން ހުއްޓުވީ މާނީއެވެ. މާނީ ބޭނުންވީ ފުރާ ދުވަސް ކައިރިވެފައި އޮތުމާއެކު ތައުފީގަށް ސަޕްރައިޒެއް ދޭށެވެ.

ފުރުމުގެ ކުރިން މާނީ އައްސަދާއި މާއްކޮ ގޮވައިގެން ހިނގާލަން ނުކުތެވެ. އޭނާ އެދެމީހުން ގޮވައިގެން ދިޔައީ އެރަށުގައި މީހުން ދިރިނުއުޅޭ ފަރާތުގެ ގޮޑުދޮށަށެވެ. އެރަށަށް އައީއްސުރެ އެތަނަށް ދިއުމަށް އޭނާގެ ހިތުގައި އޮތެވެ. ނަމަވެސް ވަގުތެއް ނުވުމުގެ ސަބަބުން އެކަން އޮތީ ކާމިޔާބު ވާގޮތް ނުވެފައެވެ. އެހެނަސް ފުރުމުގެ ކުރިން އެތަނަށް ޒިޔާރަތްކޮށްނުލާ އޭނާއަށް ކެތްނުވީއެވެ. އެއީ އެތަނަކީ އޭނާއަށް ވަރަށް ޚާއްސަ ތަނަކަށް ވީތީއެވެ. ދޮންވެލި ގަނޑުމަތީގައި އިށީންދެ މާއްކޮ އައްސަދާއިއެކު ކުޅެއް ފެށުމުން މާނީ އެމީހުންނަށް ނޭނގޭނެހެން ފެޔަށް ޖެހިލިއެވެ. ސިއްރު ސިއްރުން އޭނާ ގަސްތަކުގެ ތެރެއަށްވަނެވެ. މަޑުމަޑުން ހިނގަމުން ގޮސް އެތަނުގައި ހުރި ބޮޑު މިދިލިގަހަކާއި އަރާ ހަމަވުމުން ހުއްޓުނެވެ. މަތިން ތިރިއަށް އެގަހަށް އޭނާ ބަލާލިއެވެ. މަޑުމަޑުން އެގަހުގައި ފިރުމާލިއެވެ. އޭރު އޭނާގެ ލޮލުން ކަރުނަ ނިރާލާފައިވެއެވެ. ރޮއެ ގަންނަމުން އޭނާ އެގަހުގައި ބެއްދިއެވެ.

އެއީ އައްސަދުމެން އެރަށުގައި މަޑު ކުރުމަށް ހަމަޖެހިފައިވާ އެންމެ ފަހު ރެއެވެ. ޒާހިރާއަށް ހޭލެވުނީ ފެން ބޮވައިގަނެގެންނެވެ. އޭރު އޭނާގެ މަގަތުން އެނދުގައި މާއްކޮ ނިދާފައި އޮތެވެ. ކަންދިމާކުރިގޮތުން ކޮޓަރީގައި ހުރި ފެންފުޅި ހުރީ ހުސްވެފައެވެ. ފެންފުޅި ހިފައިގެން ކޮޓަރިން ނުކުމެ މާނީ ނިދާ ކޮޓަރި ހުރަސް ކުރި ވަގުތު އެ ކޮޓަރި ތެރެއިން އަޑެއް އިވުނުހެން ހީވެގެން ޒާހިރާ ހުއްޓުނެވެ. އެކޮޓަރި ހުރީ ދިއްލާފައެވެ. ޔަގީންކޮށްލުމަށް ދޮރާ ކައިރިވެލާފައި ކަނުލާ އަޑުއަހާލިއެވެ. ދެންވެސް ހަމަ އެއަޑު އިވުނެވެ. މާނީގެ އެމުޑުދާރު ޢަމަލު ދޫނުކުރާކަން ޔަގީން ކުރަމުން ޒާހިރާ ނިންމީ މާނީ ކޮންމެވެސް ފިރިހެނަކު ވައްދައިގެން އުޅޭ ކަމަށެވެ. ރުހުމުގެ ލޮލަކަށް އައިބެއް ނުފެންނަ ފަދައިން ނުރުހުމުގެ ލޮލަކަށް ފެންނާނީ ހުސް އައިބެވެ. މިރޭ މާނީ ބޭޒާރުކޮށްލާނަމޭ ހިތާ ޒާހިރާ އެކޮޓަރީގެ ޑަބަލް ތަޅުދަނޑި ހިފައިގެން އައިސް ވަރަށް މަޑުމަޑުން ދޮރު ހުޅުވާލިއެވެ. ފެނުނު މަންޒަރުން ޒާހިރާގެ ދެލޯ ތަރަތަރަ ޖަހައިގެން ދިޔައެވެ. އެއީ އޭނާ އުންމީދު ކުރި ފަދަ މަންޒަރެއް ނޫނެވެ. މުސައްލަމަތީގައި އިން މާނީ ދެއަތްނަގައިގެން އިނދެ ރޮއެރޮއެފައި އާދޭސް ކުރަނީއެވެ. ޒާހިރާގެ ހިތް އޭނާގެ މައްޗަށް ހެޔޮ ކުރެއްވުންއެދިއެވެ. ބަލަހައްޓައިގެން ހުރެވުނު ޒާހިރާއަށް ރޭކާލީ ދެލޯ ފުރާލި ކަރުނަތައް ކޯތާފަތް މައްޗަށް އޮހި ގަތުމުންނެވެ. ކުރެވުނު މުޑުދާރު ހީއާއި، މާނީއާއި ދިމާލަށް ކިއުނު އެއްޗެއްސާމެދު ލަދުވެތިވާ ހާލު ޒާހިރާ ގޮސް މާނީ ގާތުގައި ހުއްޓިލިއެވެ. އޭރުވެސް މާނީ އިނީ ދުޢާއަށް ގެއްލި ހުސްވެފައެވެ. ތުރުތުރު އަޅަމުން ދިޔަ އަޑަކުން ޢާމީން އޭ ބުނެލަމުން ޒާހިރާ މާނީގެ ބޮލުގައި ފިރުމާލިއެވެ. މާނީއަށް ރޭކާލީ ދެނެވެ. ފުންމައިގެން ތެދުވެ ޒާހިރާގެ ކުރިމަތީގައި އަދަބުވެރިވެލިއެވެ. ޒާހިރާ މާނީގެ ފައިބުޑަށް ވެއްޓިގަނެ އާދޭސް ކުރަންފެށީ މާފު ދިނުމަށް އެދިއެވެ. އޭނާއަށް މާނީއާއި ދޭތެރޭ ކަންތައް ކުރެވުނު ގޮތަށެވެ. އޭނާގެ މަންމައެއް ފަދަ މީހަކު އޭނާގެ ފައިބުޑަށް ވެއްޓި އާދޭސް ކުރަމުން ދާ މަންޒަރު ބަލަން ކެތްނުވި މާނީ އަވަސް އަވަހަށް ޒާހިރާ ކޮޅަށް ނެގުމަށްފަހު ބައްދައިގަތެވެ. މާފަށް އެދެންވީ މީހަކީ ޒާހިރާ ނޫން ކަމަށާއި މާފަށް އެދެން ޖެހޭނީ މާނީ ކަމަށް މާނީ ބުނަމުން ދިޔައެވެ. ޒާހިރާ ހެޔޮހިތުން މާނީއަށް މާފު ދެމުން ބޮލުގައި ފިރުމާލާފައި ނިތަށް ދޮނެއް ދިނެވެ. އަދި މާނީގެ ހަޔާތް ކާމިޔާބު ކުރައްވާތޯ ދުޢާ ކުރިއެވެ.

ކާމިޔާބު ދަތުރަކަށްފަހު މާނީމެން މާލެއައީ ތައުފީގަށް އުފާވެރި ޚަބަރުތަކަކާއިގެންނެވެ. ފުރަތަމަ ކަމަކީ އައްސަދަށް ހިނގުމެވެ. ދެވަނަ ކަމަކީ ޒާހިރާއާއި ހުސޭނުގެ ހިތްހެޔޮކަން މާނީއަށް ލިބުމެވެ. ނަމަވެސް އެމީހުން އައި ވަގުތަކީ ތައުފީގު ގޭގައި ނެތް ވަގުތެކެވެ. އެހެންނަމަވެސް ސަޕްރައިޒެއް ލިބުނެވެ. ލިބުނު މީހަކީ އައްސަދާއެކު ކާރުން ފޭބި މާނީއެވެ. އެގޭ ދޮރުމަތީގައި ހުރި އިޔަން ފެނިފައި ފައިދަށުން ބިންގަނޑު ދެމިގެން ދިޔަ ފަދަ އިޙުސާސެއް މާނީއަށް ކުރެވުނެވެ. (ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Tags:

އެދެނީމަޢާފްޢަބްދުﷲޝާހިދުތާދި

Share Article

Follow Me Written By

thaadhi

Level 110 Stories

Other Articles

Previous

ފުންއަސަރު 09

Next

ނިމިދާނެ ޖާނާ ހިތާ 13

Next
March 8, 2016

ނިމިދާނެ ޖާނާ ހިތާ 13

Previews
March 8, 2016

ފުންއަސަރު 09

8 Comments!

  1. Zaanaa says:
    March 8, 2016 at 9:39 am

    Vaahaka v reethi avahah next part up kohdehchay

  2. Anonymous says:
    March 8, 2016 at 9:42 am

    story was awsm… um really curious to knw wats gonna happn next…..

  3. Nash pinky says:
    March 8, 2016 at 10:50 am

    Varah reethi part ves. Wating for next part

  4. NaAi says:
    March 8, 2016 at 12:39 pm

    Wowww….v salhi
    Next part avahah up kihladhehchey v balailaahithun mihury dhn vaane going plx

  5. Appy says:
    March 8, 2016 at 1:12 pm

    V rythi …knirakun next pa…

  6. Misty says:
    March 8, 2016 at 1:26 pm

    Varah salhi.. Nxt prt avahah up koh dhechey

  7. Appy says:
    March 12, 2016 at 11:12 am

    Kobaa next part haadha lahey up vaalehh

  8. Rozy says:
    October 16, 2016 at 5:15 pm

    vara salhi mi partves

Comments are closed.

Next Episodeއެދެނީ މަޢާފް←


All Right Reserved!