
(އެގާރަ ވަނަ ބައި)
އައްސަދުމެން ގޭގެ ކުރިމައްޗަށް ކާރު ހުއްޓުމާއެކު ގޭޓު ކައިރީގައި ތިބި ދޮރުވާނުން އެ ބޮޑު ގޭޓު ހުޅުވާލިއެވެ. ގޭގެ ގޯތި ތެރެއަށް ކާރު ވަދެގެން ދާން ފެށުމުން ދޮރުފަތުގެ ބިއްލޫރިގަނޑު ތިރިކޮށްލުމަށްފަހު މާނީ އެ ބޮޑު ގަނޑުވަރެއްފަދަ ބިނާއަށް ނަޒަރު ހިންގާލިއެވެ. ގޯތިތެރޭގައި ވަށައިގެން ހައްދާފައިވާ ބަގީޗާއިން މާހައުލަށް ހިތްގައިމުކަން ގެނުވައެވެ. އެގަސްތަކުގައި އެކި ކުލަކުލައިން ފޮޅިފައިވާ މާތަށް އެބަގީޗާއަށް އިތުރު ފުރިހަމަ ކަމެއް ގެނުވައެވެ. އެމާތަކުގެ މީރުވަހުން މުޅި ޖައްވު އެއްވަސް ކުރުވާފައިވެއެވެ.
މާނީ ހައިރާންވިއެވެ. އެއީ އޭނާ ކުރިން އުޅުނު ތަން ބާއޭ ހިތާ ސުވާލު ކުރެވުނެވެ. ނަމަވެސް ކިތަންމެ ގަބޫލު ކުރަން ދަތި ވިޔަސް ހަގީގަތަކީ އެއީއެވެ. މާރިޔާގެ އެހީތެރިކަމާއެކު އައްސަދުގެ ދިރިއުޅުން ކުރިއަރާ ދިޔައީއެވެ. މާނީއަށްވެސް އެފަދައިން އައްސަދަށް ވަފާތެރިވެ އޭނާގެ ދިރިއުޅުން ކާމިޔާބު ކުރުމަށް އެހީތެރި ވެވުނު ނަމަ މިއަދު އެގަނޑުވަރުގެ ރަންޏަކަށްވާނީ އޭނާތާއޭ އޭނާގެ ހިތަށް އެރިއެވެ. ނަމަވެސް ނަމައަކުން ވާނެ އެއްވެސް ފައިދާއެއް ނެތެވެ. މިއަދު އޮތީ އައްސަދުގެ މާފު ހޯދުމެވެ. އަލުން ބަލުން ހެޔޮލަފާ ދިރިއުޅުމެއް ފެށުމެވެ.
ޕާކިންގް ޒޯނުގައި ކާރު ޕާކު ކުރުމަށްފަހު ތައުފީގު ފޭބިއެވެ. މާނީވެސް ފައިބަން އުޅުނު ނަމަވެސް ތައުފީގު މާނީއަށް ދޮރުފަތް ހުޅުވާލަ ދިނުމަށްފަހު އަތްދިއްކޮށްލިއެވެ. މާނީ ހިނިތުންވަމުން ތައުފީގުގެ އަތުގައި ހިފައިގެން ކާރުން ފޭބިއެވެ. އަނެއްކާވެސް މާނީއަށް ބަލާލެވުނީ ހަމައެ ގަނޑުވަރަށެވެ. އެތަން ބިނާކޮށްފައި ހުރިލެއް ފުރިހަމަކަމުން ނުބަލާ ކެތް ނުވަނީއެވެ.
ތައުފީގުގެ ފަހަތުން މާނީ ގޭތެރެއަށް ވަނުމަށް ހިނގައިގަތެވެ. ވަދެގެން ދިޔައިރުވެސް މާނީއަށް ބެލުނީ ގޭގެ އެތަން މިތަނަށެވެ. ވަރަށްވެސް ފުރިހަމަ ބިނާއެކެވެ. މާނީ އުފާކުރިއެވެ. އައްސަދަށް އެ ތަނަވަސްކަން މިންވަރު ކުރެއްވީތީ ހިތާހިތުން ﷲށް ޙަމްދުކުރިއެވެ.
“ދޮންބޭ….” އިވުނީ ތުއްތު ތުއްތު މައުސޫމު އަންހެން ކުއްޖެއްގެ އަޑެވެ. އެއަޑަށް މާނީއަށް ބަލާލެވުނެވެ. އެވަގުތު މައުސޫމް ލޯބި ލޯބި އަންހެން ކުއްޖަކު އެމީހުންނާ ދިމާލަށް ދުވެފައި އާދެއެވެ. އެއީ އައްސަދާއި މާރިޔާގެ ދަރިފުޅު މާނީ(މާއްކޮ)ކަން އޭނާ ދެނެގަތެވެ. ތައުފީގާ އަރާ ހަމަވުމުން ތައުފީގު އެކުއްޖާ އުރާލާފައި ކޮލަށް ދޮނެއް ދިނެވެ. ވަރަށްވެސް އުފާވެރި މަންޒަރެކެވެ. މާނީއަށް ހުރެވުނީ ހިނިތުންވެފައި ބަލާށެވެ. ފެންވަޅިވެފައިވާ ލޮލަކުންނެވެ. ނަމަވެސް މާ ގިނަ އިރު އެހެން ބަލާކަށް ނުހުރެވުނެވެ. ބޭއިޚްތިޔާރުގައި ތައުފީގުގެ އުރުގައި އިން އެ މައުސޫމު ކުއްޖާއާއި މާނީއަށް ގާތްވެލެވުނެވެ. އަދި އެކުއްޖާގެ މޫނުގައި ފިރުމާލެވުނެވެ. އެއީ އައްސަދުގެ ތައްގަނޑެކެވެ. އެހާވެސް އައްސަދާ ވައްތަރެވެ. އަދި މާރިޔާގެ ދޮން ހަންގަނޑު ލިބިފައިވުމުން އެ ތުއްތު ތުއްތު މާނީގެ ރީތިކަން އިތުރަށް ފުރިހަމަކޮށްދެއެވެ. މާނީއަށް އެކުއްޖާ އުރާލެވުނެވެ.
“ތީ ކޮން ދައްތައެއް؟” އަލަށް ފެނުނު މޫނުގެ ހަގީގަތް ނޭނގޭތީ ހައިރާންވެފާއިން މާއްކޮ އަހާލިއެވެ.
“މިއީ ދޮންބެގެ ރައްޓެއްސެއް.” މާނީ ހިތުންވަމުން ބުނެލިއެވެ. “ދޮންބެ ނުބުނޭތަ؟”
“އުހުން.” މާއްކޮ އެއްޗެއް ހަނދާންކޮށްލި ފަދައިން ބުނެލިއެވެ. “ދޮންބެ ބުނިއޭ. މާއްކޮ ހަނދާންނެތުނީއޭ.” މާއްކޮގެ ވާހަކަ ދެއްކުމުން މާނީގެ ހިތަށް އުފާވެރިކަން ގެނުވިއެވެ. ތިން އަހަރުގެ ކުއްޖެއް ނަމަވެސް މާއްކޮއަކީ ވަރަށް ވާހަކަ ގިނަ ކުއްޖެކެވެ.
“އަދި ދައްތައަށް މާއްކޮ އިންޓްރޮޑިއުސް ވެސް ނުވަމެއްނު؟” ހިނިތުންވެފައި ހުރި ތައުފީގު ބުނެލިއެވެ.
“އޮހް. އަނެއްކާ އެ ހަނދާން ނެތުނީ.” ނިތުގައި މަޑުމަޑުން ޖަހާލަމުން މާއްކޮ ބުނެލިއެވެ. މާނީއަށް ހެވުނެވެ. “އަޅުގަނޑަށް ކިޔަނީ އާއިޝަތު މާނީ އައްސަދު އަބޫބަކުރު. އެކަމް ހުރިހާ ކުދިން ކިޔަނީ މާއްކޮ.” ސަލާމަށް އަތްދިއްކޮށްލަމުން މާއްކޮ ބުނެލިއެވެ. މާއްކޮގެ ނަން އަޑު އިވުމާއެކު މާނީއަށް ލޯ މަރާލެވުނެވެ. “ދައްތައަށް ކިޔަނީ ކޮން ނަމެއް؟” މާނީ ސަލާމްކޮށްލުމުން މާއްކޮ އަހާލިއެވެ.
“ދައްތައަށް ކިޔަނީ ހަމަ ދައްތަ. މާއްކޮ ކިޔަންވާނީ ދައްތަ އިނގޭ.” މާއްކޮގެ ކޮލުގައި ހިފާލަމުން އެސުވާލަށް ޖަވާބު ދިނީ ތައުފީގެވެ.
“ތައުފީގު.” އިވުނީ އައްސަދުގެ އަޑެވެ. އެއަޑަށް އެންމެނަށް ބަލާލެވުނެވެ. އައްސަދު އިން ފުރޮލީ ގޮނޑި ކޮށްޕަމުން އެގޭގައި ގެންގުޅޭ މީހަކު އެތަނަށްއައެވެ. އެކްސިޑެންޓުގައި ފަޔަށްވެސް ލިބުނު ގެއްލުމެއްގެ ސަބަބުން އައްސަދަށް ހިނގާއުޅެން އުނދަގުލެވެ. އެކަމަކީ ފަރުވާ ކުރުމުން ރަނގަޅުވާނެ ކަމެއް ނަމަވެސް އެކަމަށް ދުވަސް ނަގާނެ ކަމަށް ޑޮކްޓަރުން ބުނެފައިވެއެވެ. އައްސަދު ފެނުމާއެކު ބައްޕީއޭ ގޮވާލަމުން މާނީގެ އުރުން ފައިބާފައި މާއްކޮ ދުއްވައިގަތީ އައްސަދާ ދިމާލަށެވެ. މާނީއަށް އިސްޖަހާލެވުނެވެ. ކުއްލިއަކަށް އައްސަދު ފެނުމުން އޭނާގެ ލޮލަށް ނުފެންނަކަން މާނީ ހަނދާން ނެތުނީއެވެ. އޭނާގެ ހިތުގެ ތެޅުން ބާރުވިއެވެ.
“ކާކު އައީ؟” އައްސަދު ސުވާލުކޮށްލިއެވެ. މާނީއަށް ރޭކާލީ ދެނެވެ. އޭނާ އިސްނަގާ އައްސަދުގެ ދެލޮލަށް ފަރުވާތެރިކަމާއެކު ބަލާލިއެވެ. ލޮލަށް ނުފެންނަ މީހެއްހެން ހީނުވިޔަސް އެ ހަގީގަތް މާނީއަށް ޖެހޭނީ ގަބޫލު ކުރާށެވެ. މާނީގެ ލޯ ފެންކަޅި ކުރުވީ އައްސަދަށް މިއަދު ޖެހިފައިވާ ހާލެވެ.
“އެއީ ބޭބީ ސިޓަރ.” ތައުފީގު މިހެން ބުނުމުން މާނީ ހައިރާނެއް ނުވެއެވެ. ހުރިހާ ކަމެއް ޕްލޭންކޮށް ތައުފީގުވަނީ މާނީއަށް ކިޔާދީފައެވެ. “ބުނީމެއްނު މިއަދު އަންނަ ވާހަކަ.”
“އޯހް.” މާއްކޮގެ ކަންތައްތައް ބަލަހައްޓަން ކުއްޖަކު ގެންނަ ވާހަކަ ތައުފީގު ބުނެފައިވީ ނަމަވެސް އައްސަދު އިނީ ހަނދާންނެތިފައެވެ. “މާޔާ ދޯ؟” އައްސަދު އެހެން ބުނުމާއެކު މާނީއަށް ލޯ މަރާލެވުނެވެ. ނަމަވެސް ކުރުވި ފުން އަސަރު ހިތު ތެރެއަށް ހިންދާލުމަށްފަހު ޝުކުރު ކުރީ އެއީ މިއަދު އޭނާއަށް ހުރި ގޮތް ކަމަށް ނިންމާފައެވެ.
އައްސަދަށް އެހީތެރިވެ މާފަށް އެދުމަށް މާނީ ބޭނުންވީ ހިނދު ތައުފީގު ޕްލޭން ކުރީ މާނީގެ ނަން މާޔާއަށް ބަދަލުކޮށްގެން މާއްކޮ ބަލަން އެގޭގައި ގެންގުޅޭ ކުއްޖެއްގެ ގޮތުގައި އެގެއަށް މާނީ ގެންދިއުމަށެވެ. އެއީ ތައުފީގަށް ގަބޫލު ކުރެވޭ ގޮތުގައި އައްސަދު އަދިވެސް ހެޔޮ ހިތުން މާނީއަށް މާފެއް ނުކުރެއެވެ. އައްސަދުއާއި މާރިޔާގެ ދަރިފުޅަށް މާނީ ކީވެސް ކޮންމެހެން އައްސަދު ބޭނުން ވެގެންނެއް ނޫނެވެ. މާރިޔާގެ އެދުމުގެ މަތިންނެވެ. އައްސަދަށް އޮޅުވާލުމަށް ފުރަތަމަ މާނީ ބޭނުން ނުވި ނަމަވެސް ރަނގަޅަށް ވިސްނާލުމުން، އޮތް ގޮތަކީ އެއީ ކަމަށް މާނީއަށް ވިސްނުނީތީ ހިތާއި ދެކޮޅަށް ނަމަވެސް އޭނާ އެކަމަށް އެއްބަސްވީއެވެ. ފުރަތަމަވެސް އައްސަދަށް ހަގީގަތް ހާމަ ކުރުމުން ރުޅިއައިސް ގެއަށް ވަނުމުގެ ފުރުސަތު ނުދީފި ނަމަ މާނީއަށް އެމީހުންނަށް ކަމެއް ކޮށްދިނުމުގެ ފުރުސަތު ނުލިބި ވަކިވެގެން ދާން ޖެހިދާނެއެވެ. އަދި އޭނާއަށް އެންމެ މުހިންމު މާފު ނުލިބި ފުރުސަތު ވެސް ގެއްލިދާނެއެވެ.
“ކިހިނެތްތަ ހާލު؟” އައްސަދު ސުވާލުކޮށްލީ މާނީއާއެވެ. ނަމަވެސް ދުނިޔެއަށް މިއަދު އެއީ މާޔާއެވެ.
“ރަ…ރަނގަޅު.” މާނީއަށް ވާހަކަ ދެއްކުނީ ތުރުތުރު އަޅަމުންދިޔަ އަޑަކުންނެވެ. މާނީގެ އަޑު ޖެހުމާއެކު އައްސަދު ވިސްނާލިއެވެ.
“އަހަރެން ދަންނަ އަޑެއްހެން ހީވެ.” ސިއްސައިގެން ދިޔަ މާނީއަށް ބަލާލެވުނީ ތައުފީގުގެ މޫނަށެވެ. ތައުފީގަށްވެސް މާނީގެ މޫނަށް ބަލާލެވުނެވެ. “ކޮންމެސް ތާކުން އިވުނު އަޑެއްހެން ހީވެ. އަހަންނާ ކުރިން ދިމާވިތަ؟”
“ނު…ނޫ..ނޫން.” ހިތް ތެޅިގެންލެއް ބާރު ކަމުން މާނީއަށް ވާހަކަ ދައްކަންވެސް އުނދަގޫވިއެވެ.
“އާނ. މަވެސް ބުނީމޭ އަހަރެމެންގެ ބިޒްނަސް ޕާޓްނަރ އެއްގެ އަޑާ ވަރަށް ވައްތަރޭ.” ހިނިގަނޑެއް ޖަހާލާފައި ތައުފީގު އޮޅުވާލިއެވެ. އެހެން ބުނުމުން އައްސަދުވެސް އެކަން ގަބޫލު ކުރިއެވެ.
ގޭގައި ގެންގުޅޭ މީހަކަށް ގޮވާލާފައި މާޔާގެ އެއްޗެހި ވެއްދުމަށާއި، ތައުފީގު ކުރެން މާޔާއަށް އޭނާގެ ކޮޓަރި ދެއްކުމަށް އެދިފައި އައްސަދު މާއްކޮ ގޮވައިގެން އެތެރެއަށް ދިއުމަށް ނޯކަރު މީހާ އެހީވެދިނެވެ. އައްސަދު އެތަނުން ދިއުމުން މާނީއަށް ރޮވުނެވެ.
“ހިތްވަރު ކުރޭ މާނީ.” ރޮމުން ދިޔަ މާނީއަށް ތައުފީގު ހިތްވަރުދިނެވެ. “ކަމެއް ހާސިލް ކުރަން ބޭނުމިއްޔާ ގުރުބާނީ ތަކެއްވެސް ވާން ޖެހޭނެ. ކަމަކަށް ކުރިމަތިލާއިރު އެކަން ކުރުމުގެ ހިތްވަރުވެސް ހުންނަން ޖެހޭނެ. މިކަމުގަ އޮތީ ހަމަ މާނީ ކުރި ހިތްވަރެއް.”
“އަހަރެން ހިތްވަރު އެބަ ކުރަމޭ. ކުރާނަން ވެސްމެ.” ކަރުނަތައް ފުހެލަމުން މާނީ ފުންނޭވާއެއްލިއެވެ. “އެއީ ފުރަތަމަ ދުވަސްވީމަ ވީގޮތް. ދެން ރަނގަޅުވާނެ.”
މާނީ ގެ މަސައްކަތް އެގޭގައި ފެށިގެން ދިޔައެވެ. އޭނާގެ މައިގަނޑު މަސައްކަތަކީ މާއްކޮގެ ކަންތައްތައް ފުރިހަމައަށް ބެލެހެއްޓުމެވެ. މާއްކޮ ހެނދުނަށް ހޭލުމަށްފަހު ރޭގަނޑު ނިދަންވަންދެން އޭނާގެ ޚިދުމަތުގައި ހުރުމެވެ. ކުރުގޮތަކަށް ބުނާ ނަމަ އޭނާގެ މަންމައެއްގެ ރޯލު އަދާ ކުރުމެވެ. އެކަން އޭނާ ވަރަށް ރަނގަޅަށް ފުރިހަމަ ކުރެވޭތޯ މަސައްކަތް ކުރެއެވެ.
މާނީގެ މައިގަނޑު މަސައްކަތަކީ މާއްކޮގެ ކަންތައްތައް ބެލެހެއްޓުން ނަމަވެސް ގޭތެރޭގެ އެހެނިހެން ކަންތައްތަކުގައިވެސް މާނީ ހަރަކާތްތެރިވެއެވެ. އެގޮތުން ގޭތެރެ ފޮޅާ ސާފު ކުރުމާއި ކެއްކުމުގެ އިތުރުން އައްސަދާއި ތައުފީގުގެ އަންނައުނު ދޮވެ އިސްތިރި ކުރުން ފަދަ ކަންކަމެވެ. އެކަންކަން މާނީ ކުރަނީ ކުރާ ހިތުންނެވެ.
ދުވަސްތައް ފާއިތުވަމުން ދިޔަ ވަރަކަށް އެގޭ މީހުންނާއި މާނީ އާއި ދޭތެރޭ އޮންނަ ގުޅުން ދިޔައީ ބަދަހިވަމުންނެވެ. މާނީގެ އޯގާތެރިކަމުގެ ސަބަބުން މާއްކޮއަށްވެސް އޭނާ ވަރަށް ކަމުދިޔައެވެ. އޭނާއާއެކު ވަގުތު ހޭދަ ކުރުމުގައި މާއްކޮ ވަރަށް އުފާކުރެއެވެ. އެކަމާ އައްސަދުވެސް ވަރަށް އުފާކުރެއެވެ. މާއްކޮގެ ކަންތައްތައް ބަލަހައްޓަން އެހާ އޯގާތެރި ކުއްޖަކު ލިބުނީތީ ﷲށް ޙަމްދުކުރެއެވެ. މިހުރިހާ ކަމެއްގައިވެސް މާނީއަށް އެހީތެރިކަން ފޯރުކޮށްދޭ ފަރާތަކީ ތައުފީގެވެ. އެހާ އަވަހަށް ގުޅުންތައް ބަދަހިވުމުގައިވެސް ތައުފީގުގެ ހިއްސާ ވަރަށް ބޮޑެވެ. އެހެންކަމުން މާނީ ތައުފީގަށް ވަރަށް ޝުކުރުވެރިވެއެވެ.
ނަމަވެސް ތައުފީގުގެ މޫނުމަތިން އެކަމުގެ އުފާވެރިކަން ފެންނަހެނެއް ހިޔެއް ނުވެއެވެ. އެކަމާ އޭނާ އުފާވާކަން މީހުންނަށް ދައްކަން މަސައްކަތް ކުރި ނަމަވެސް ގިނަ ފަހަރަށް އެކަންވެސް ދަނީ ކާމިޔާބު ނުވެއެވެ. އެހެންކަމުން ތައުފީގު އުޅުނީ މާނީއާއި ވަރަށް ދުރުދުރުންނެވެ. ވީވަރަކުން މާނީގެ މޫނުވެސް ނުފެންނަ ހިސާބުންނެވެ. މާނީދެކެ އޭނާ ވާ ލޯބި އަދިވެސް އެހިތުގައި ތާޒާކަންމަތީ އޮތް ނަމަވެސް މާނީ ދެރަވާ ކަހަލަ ކަމެއް އޭނާ ކުރާކަށް ބޭނުމެއް ނޫނެވެ. މާނީ ލޯބިވަނީ އައްސަދުދެކެ ކަން އެނގޭ ހިނދު އެދޭތެރެއަށް ވަންނާކަށް އޭނާ ބޭނުމެއް ނޫނެވެ.
މާއްކޮގެ ކަންކަމުގައި އައްސަދާއި މަޝްވަރާ ކުރަން ޖެހޭތީ މާނީ އައްސަދާ ވާހަކަ ދައްކަންޖެހެއެވެ. މިގޮތަށް ވާހަކަ ދައްކަން ޖެހުމުގެ ސަބަބުން ދެމީހުންގެ ދެމެދުގައި ވާހަކަ ދެކެވި އައްސަދާއި މާޔާގެ ދެމެދުގައި އޮތް ގުޅުންވެސް ގާތްވަމުން ދިޔައެވެ. އެގޮތުން ގިނަގިނައިން ދެމީހުން ވާހަކަ ދައްކާ ހީ ސަމާސާ ކުރެއެވެ. ގިނަވަގުތު އެކުގައި ހޭދަ ކުރެއެވެ. އައްސަދު ގޮވައިގެން ބޭރަށް ގޮސް ހިތްހަމަޖައްސައިދިނުމަކީ މާނީއަށް ލިބޭ އުފަލެކެވެ. މޫދަށް ގެންގޮސް ފައިގާ ވެލި މޮޑެ ދިނުމާއި ޑޮކްޓަރުގެ އިރުޝާދުގެ ދަށުން އައްސަދުގެ ފައިގާ ތެޔޮ ދަމާދިނުމަކީވެސް މިހާރު މާނީ ކޮށްދޭ ކަންކަމެވެ.
މިމަންޒަރުތައް އެންމެ ގާތުން ފެންނަ މީހަކީ ތައުފީގެވެ. އޭނާ އުފާކުރަން މަސައްކަތް ކުރި ނަމަވެސް ހިތަށް ވިސްނައިދެވޭ ގޮތެއް ނުވެއެވެ. ކިބުރުވެރި ހިތް އެކަމާ އަބަދުވެސް ކުރަނީ ޝަކުވާއެވެ. އެމަންޒަރުތައް ފެންނަ ދެލޯ ކުރަނީ ހިތާމައެވެ. އައްސަދުދެކެ އޭނާ ޖެލަސްވެއެވެ. ކިތަންމެ ބޭނުން ނޫން ނަމަވެސް އިންސާނަކަށްވީތީ ޠަބީއަތުގައި އެކަން ހުރީއެވެ. އޭނާ އެމީހުންނާ ދުރުދުރުން އުޅެނީ އެހެންވެއެވެ. ޠަބީއަތުގައި އެކަން ލައްވާފައި ވީ ނަމަވެސް އޭނާއަށް ކުރެވެން ހުރި ކަމެއް އޭނާ ކުރެވޭތޯ ނުހަނު ހިތްވަރު ކުރެއެވެ. އައްސަދާއި މާނީ ވާހަކަ ދައްކަން ތިބޭ ތަނަކަށް ތައުފީގަށް އާދެވުނަސް ބަލަނީ އަވަހަށް އެތަނަކުން ދެވޭތޯއެވެ. އެމީހުންގެ ވާހަކައިގައި ޝާމިލް ވުމަށް އެދުމުން މަޑުކޮށްލި ނަމަވެސް މާގިނަ ވާހަކަތަކެއް ނުދައްކާ މަސައްކަތުގެ ބަހަނާ ދައްކާފައި ބަލަނީ އެތަނަކުން ދެވޭތޯއެވެ.
ތައުފީގަށް ނޭނގުނު ނަމަވެސް ތައުފީގުގެ ކިބައިން ފާޅުވަމުން ދިޔަ ކަންތައްތައް މާނީ ދެނެގަތެވެ. ގެއަށް ނައިސް ގިނަ ވަގުތު އޮފީހުގައި ހޭދަ ކުރުމާއި އަބަދުވެސް މަސައްކަތުގައި އޭނާގެ ވަގުތުތައް ބިޒީ ކުރާކަން މާނީ ފާހަގަކުރެވުނެވެ. އެކަމާ ބެހޭ ގޮތުން އައްސަދާ މަޝްވަރާކޮށްލުމުން، އެއީ މިދުވަސްކޮޅު ނިންމަން ހުރި ކަންކަން ހުރުމާއެކު އައްސަދުވެސް ނެތުމުން ތައުފީގަށް މާ ބުރަވަނީ ކަމަށް އައްސަދު ބުންޏެވެ. އެހެންވެސް ވެދާނެއެވެ. ނަމަވެސް މާނީގެ ހިތް އެކަން ގަބޫލު ކުރަން ފަސްޖެހުނެވެ.
ރޭގަނޑުގެ ވަގުތެވެ. މާއްކޮ ނިދަންދެން މާނީ ނާނާ ކިޔާދޭން އޮތެވެ. ނަމަވެސް މިރޭ މާއްކޮގެ ލޮލަށް ނިދި އަންނަ ގޮތެއް ނުވެއެވެ. އޭނާ ކޮންމެވެސް ކަމަކާ ވިސްނާ ކަހަލައެވެ.
“ދައްތާ. މާއްކޮގެ މަންމި އަންނާނީ ކޮންއިރަކުން؟” މާއްކޮ ކޮށްލި ސުވާލުން މާނީ ހައިރާންވިއެވެ. މާރިޔާ ނިޔާވިކަން މާއްކޮއަށް ނޭނގޭ ކަމެއް މާނީއަށް ކުރިން އެނގިފައެއް ނެތެވެ.
“ކީއްވެ ތިހެން ތިއެހީ؟” އިތުރަށް އޮޅުން ފިލުވުމަށް މާނީ އަހާލިއެވެ.
“މަންމި މާ ލަސްވާތީނު. މިއަދު ކްލާސް ކުދިންވެސް އެހި މާއްކޮގެ މަންމި ކީއްވެހޯ މިހާރު މާއްކޮ ގޮވައިގެން ސުކޫލަށް ނާންނަނީ. ބައްޕި ބުނި މަންމި ވީ ބަލި ވެގެން ޑޮކްޓަރު ބޭބެއަށް ދައްކަން ގޮހޭ.” މާއްކޮގެ ވާހަކަތައް އަޑު އިވިފާ މާނީ ހައިރާންވީ އައްސަދު މާއްކޮއަށް އެހާ މުހިންމު ކަމެއް ސިއްރު ކުރި ސަބަބެއް ނޭނގޭތީއެވެ.
ހެނދުނުގެ ވަގުތެވެ. މާއްކޮ ސުކޫލަށް ލާފައި އައިސް މާނީ ދިޔައީ އައްސަދުގެ ކޮޓަރިއަށެވެ. އައްސަދުގެ ފައިގާ ތެޔޮ ދަމާދިނުމަށެވެ.
“މާނީ… އެއީ ވަރަށް ރީތި ނަމެއް ދޯ.” ތެޔޮ ދަމައިދޭން އިން މާނީ އައްސަދު ކުރެން އަހާލިއެވެ. މާނީގެ މަގްސަދަކީ ރޭގައި މާއްކޮ ދެއްކި ވާހަކަތަކުގެ ޖަވާބު ހޯދުން ނަމަވެސް އޭނާ ފެށީ އެހެން މަޢުލޫއަކުންނެވެ. މާނީ އެ ސުވާލު ކުރީ އައްސަދުގެ ހިތުގައި އޭނާއާމެދު އޮތް އެއްޗެއް ދެނެގަތުމުގެ ގޮތުންނެވެ.
“ކީއްވެ ތިހެން ތިއެހީ؟”
“އަހަންނަށް ވަރަށް ރީތި ނަމެއް ވީމަ ހަމަ އަހާލީ.” އަސްލު މަގުސަދު ފޮރުވަމުން މާނީ ބުނެލިއެވެ. “މިހެން އަހާއިރުވެސް އެނގޭ އެއީ އައްސަދަށް ރީތި ނަމެއްކަން. އެހެންނޫނީ ދަރިފުޅަށް މާނީއެއް ނުކިޔާނެއްނު.”
“އެއީ އަހަރެންގެ އަންހެނުންނަށް ވަރަށް ރީތި ނަމެއް.” ހީލާފައި އައްސަދު ބުނެލިއެވެ. “އަހަރެންގެ މާޒީއާވެސް ވަރަށް ބޮޑަށް ގުޅިފައޮތް ނަމެއް.” މާނީ އުންމީދު ކުރި ޖަވާބު އައްސަދުގެ ފަރާތުން ނުލިބުމުން މާނީ ދެރަވިއެވެ.
“އެހެންތަ؟” ހުރިހާ ކަމެއް އެނގި ހުރެވެސް މާނީ ހެދީ ނޭނގޭ ކަމަށެވެ. “ކިހިނެތްވީ އަނެއްކާ؟”
“އެއީ ވަރަށް ދިގު ވާހަކައެއް.” އަނެއްކާވެސް އައްސަދު ހީލިއެވެ. “ހަނދާން ކުރާކަށްވެސް ބޭނުމެއް ނޫން.” އެހެން ބުނެލި އިރު އައްސަދުގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. މާނީއަށް އެތަން ވަރަށް ރީތިކޮށްފެނުނެވެ. އެމޫނުމައްޗަށް ވެރިވި ނަފުރަތުން އައްސަދު އަދިވެސް އޭނާއަށް މާފު ނުކުރާކަން ޔަގީންވިއެވެ. މާނީ މާޔޫސްވީ ނަމަވެސް ހިތްވަރު ކުރިއެވެ.
“ތިޔެއް ނޫނޭ.” މާނީ ވެސް ގަދަކަމުން ހީލަމުން މަޢުލޫ ބަދަލުކޮށްލިއެވެ. “މާއްކޮ ގާތު މާރިޔާ މަރުވި ވާހަކަ ނުބުނީ ކީއްވެ؟”
“ކިހިނެތްވީ؟” ކަންބޮޑުވެފައި އައްސަދު އެހިއެވެ. “މާއްކޮ މަންމަގެ ވާހަކަ ދެއްކީތަ؟”
“އާނ.” މާނީ ޖަވާބުދިނެވެ.
“ކީކޭ ބުނީ؟” އައްސަދު އަނެއްކާވެސް އަހާލިއެވެ.
“ޑޮކްޓަރަށް ދައްކަން ގޮހޭ ބައްޕަ ބުންޏޯ ބުނީ. ކީއްވެގެން އޭނާ ގާތު ހަގީގަތަށް ނުބުނީ؟ އެފަކީރަށް އެކަން ސިއްރުކޮށްފަ ބޭއްވުމަކީ އެކުއްޖާފުޅަށް ދެވޭ ކިހާ ބޮޑު އަނިޔާއެއް.” މާނީގެ ވާހަކައިން އައްސަދުގެ ހިތަށް އަސަރުތަކެއް ކުރުވިއެވެ. އޭނާ ފެންކަޅިވިއެވެ. އިސާހިތަކު ހިތުގައި ޖެހިފައި ރޮވުނެވެ. މާނީގެ ހަރަކާތް ހުއްޓުނެވެ. އައްސަދު ރޯތަން ބަލަން އިންނާކަށް އޭނާގެ ހިތަކަށްވެސް ކެތެއް ނުވިއެވެ. އިންތަނުން ތެދުވެގެން އަވަސް އަވަހަށް އައްސަދާގާތަށް ޖެހިލިއެވެ. އޭރު މާނީއަށްވެސް ހުރީ ރޮވިފައެވެ. އޭނާ ބޭނުންވަނީ އައްސަދުގެ ބޮލުގައި ފިރުމާލާށެވެ. އޭނާއަށް ހިތްވަރުދޭށެވެ. ނަމަވެސް ފަސްޖެހެވުނެވެ. ދެންވާނެ ގޮތެއް ނޭނގޭތީއެވެ. އެހެނަސް މާނީއަކަށް އިތުރަކަށް ކެތެއް ނުވިއެވެ. ތުރުތުރު އަޅަމުން ދިޔަ އަތަކުން މާނީ އައްސަދުގެ ބޮލުގައި ފިރުމާލިއެވެ. އެވަގުތު އައްސަދުގެ ވިރެމުން ދިޔަ ހިތް ގިރިގެން ފޭބި ކަހަލައެވެ. މާނީގެ އޯގާތެރިކަން ލިބުމާއެކު އައްސަދަށް މާނީގެ ބަނޑުގައި އޮޅުލައިގަނެވުނެވެ. މާނީއަށް ވީގޮތްވެސް ނޭނގުނެވެ. ހަރަކާތް ހުއްޓިފައި ވަގުތުކޮޅަކު ހުރެވުނެވެ.
“އަހަރެންގެ އެހިތްވަރެއް ނެތް މާޔާ. އަހަންނަކަށް އެކަމެއް ނުވާނެ.” ކުޑަކުއްޖަކު ފަދައިން ރޮމުން އައްސަދު ވާހަކަ ދެއްކީ މާނީގެ ބަނޑުގައި ބައްދައިގެން އިނދެއެވެ. “އަހަރެން ވަރަށް މަސައްކަތް ކުރިން، އެކަމަކު އެހިތްވަރެއް އަހަންނަކަށް ނުލިބުން. ތައުފީގުވެސް ވަރަށް ހިތްވަރު ކުރި. އެކަމަކު އޭނާއަކަށްވެސް ނުވިސްނުނު އެވާހަކަ ބުނުމަށްފަހު އެމަންޖެއަށް ވިސްނައިދޭނެ ގޮތެއް. އަހަންނަށްވެސް އެނގޭ މިދެވެނީ އަނިޔާއެއްކަން. ފަހުން އެނގުނީމަ އެމަންޖެ އަދި މާދެރަ ވާނެކަން. އަހަރެމެންނަކަށް މިކަމެއް ނުވި. ދެން ހުރީ މާޔާ.” މާނީގެ ދެލޯ ބޮޑުވީ އައްސަދު އެޒިންމާ އޭނާއާއި ހަވާލު ކުރީތީއެވެ. “އާނ. މާޔާ. އަހަންނަށް މިކަން ކޮށްދީ.” މާނީގެ އަތުގައި ދެއަތުން ހިފަމުން އައްސަދު އާދޭސް ކުރިއެވެ. “މާއްކޮ މާޔާ ދައްކާ ވާހަކަތައް ގަބޫލު ކުރެއެއްނު. އަހަންނަށް މިކަމުގަ އެހީވެދީ. ޕްލީޒް.” އައްސަދުގެ އާދޭހަށް ފުރަގަސްދޭކަށް މާނީއަކަށް ނުކެރުނެވެ. އެހެންނޫނަސް އޭނާގެ ނަޒަރުގައި މާއްކޮއަކީ އޭނާގެވެސް ދަރިއެކެވެ. އެދަރިފުޅަށް ދެރަގޮތެއްވާކަށް އޭނާއަކަށް ދުވަހަކުވެސް ނޭދެވޭނެއެވެ. އެހެންކަމުން މާނީ އެކަމާއި ކުރިމަތިލާން އެއްބަސްވިއެވެ.
“މާނީއަށް ހީވޭތަ ތިކަން ކުރެވިދާނެހެން؟” ތައުފީގު ވާހަކަ ދެއްކީ އައްސަދުގެ ވާހަކަތައް އޭނާއާއި ހިއްސާކުރި މާނީއާއެވެ.
“އާނ.” މާނީ ޔަގީން ކަމާއެކު ބުނެލިއެވެ. “ކިތަންމެ އުނދަގޫ ވިޔަސް އަހަރެމެންނަށް ޖެހޭނީ މިކަން ކުރަން. އަހަރެން މިކަން ކުރާނަން.”
“މާނީ މިކަން ކޮށްދީފިއްޔާ ތިޔަ ކޮށްދެވުނީ ވަރަށް ބޮޑު ކަމެއް. ގުޑް ލަކް.” މާނީގެ ކޮނޑުގައި ޖަހާލަމުން ތައުފީގު ބުނެލިއެވެ. މާނީ ހިނިތުންވެލިއެވެ.
“އަހަރެން ވާހަކައެއް އަހާލަންތަ؟” މާނީ ހުއްދައަކަށް އެދުމުން ތައުފީގު ހުއްދަދިނެވެ. “ކޮބާ އައްސަދުއާ މާރިޔާގެ މައިންބަފައިން. މިހާ ބޮޑުކަމެއް ވެގެން ދިޔައިރު ކީއްވެ އެމީހުން އައްސަދު ގާތު ނެތީ؟”
“ކަށުކަމާކެމީގެ ކަންތައްތައް ނިމެންދެން އެންމެންވެސް ތިބި. ބޭބެގެ މައިންބަފައިންނަކީ ލަންކާގަ ދިރިއުޅޭ ބައެއް. އަހަރެމެންގެ ޝޮޕެއް ހުންނާނެ ލަންކާގަވެސް. އެތަން ބަލަހައްޓަނީ ބޭބެގެ ބައްޕަ. މިހާރު ކިތަންމެ ދުވަހެއް. އެކްސިޑެންޓުވީކަން އެނގުނީމަ އެމީހުންވެސް އައި. މާރިޔާ ނިޔާވީމަ ބޭބެގެ މަންމަ ބޭނުންވީ މާއްކޮގާތު މަޑު ކުރަން. އެކަމަކު އޭރަށް އެކޮޅުގަ ބައްޕަގެ ކަންތައްތައްކޮށްދޭނެ މީހަކު ނުހުންނާނެތީ ބޭބެ ބޭނުންނުވީ މަންމަވެސް މަޑު ކުރަން. އެހެންކިޔާފަ ބޭބެ އެމީހުން ފޮނުވާލީ. މަންމަ ހުރީ ވަރަށް ހިތްހަމަވެސް ނުޖެހިފަ. އެކަމް ކޮންމެދުވަހަކުހެން ހަމަ ގުޅާފަ ހާލު ބަލާ ހަދާނެ. ޒާހިރާއްތައަށް ވީގޮތަކީ މާރިޔާ ނިޔާވި ޚަބަރު އަޑު އިވިފަ ޝޮކެއް ލިބުނީ. އޭގެ ފަހުން ހުންނަނީ ނަފްސާނީގޮތުން އަސަރުކޮށްފަ. ޑޮކްޓަރު ބުނީ ވީވަރަކުން ޒާހިރާއްތަ ހިތުގަ ނުޖައްސާ ހިތްހަމަޖައްސައިދީގެން ގެންގުޅޭށޭ. އެހެންވެ ހުސޭނުބެއަށް ފެނުނީ މާލޭގަ ހުރެގެން ޒާހިރާއްތައަށް ބޭނުންވާ ހިތްހަމަޖެހުން ނުލިބޭނެ ކަމަށް. އެހެންވެ އެމީހުންވެސް މާރިޔާގެ ކަށުކަމާކެމީގެ ކަންތައް ނިންމާފަ ދިޔައީ ރަށަށް. ބޭބެ މިހާރުވެސް އެމީހުންނަށް ގަވާއިދުން ގުޅައިގެން ހާލު ބަލާނެ. ދެން އެހެންވެ މާއްކޮއަށް ބޭބީ ސިޓަރ އެއް ހޯދަން އަހަރެމެން ނިންމީ. ނަސީބެއް ހަމަ މާނީއާ ދިމާވިކަން.”
“އެހެން ދޯ ވީ.” ތައުފީގުގެ ވާހަކަތައް ކަނުލާ އަޑުއަހަން ހުރި މާނީ ބުނެލިއެވެ. “އަދި އެއް ވާހަކަ އަހާލަންތަ؟” ތައުފީގު ދާން އުޅުމުން މާނީ ތައުފީގު ހުއްޓުވިއެވެ. ހިނިތުންވަމުން ތައުފީގު އަނެއްކާވެސް ހުއްދަ ދިނެވެ. “ދެން ކީއްވެ އައްސަދުގެ ލޯ ދައްކަން ބޭރަށް ނުގޮސް ތިތިބެނީ. މިކޮޅުން ޑޮކްޓަރުން އުންމީދު ކަނޑާލިޔަސް ބޭރަށް ދައްކައިގެން ވާގޮތެއްވެސް ބަލާލެވިދާނެއްނު. ލަންކާއަށްވެސް ދެވޭ ގޮތަކަށްނު ތިއޮތީ.”
“ލަންކާ އަކަށް ނޫން ދުނިޔޭގެ ކޮންމެތާކަށް ގެންދަން ޖެހުނަސް ގެންގޮސްގެން ފަރުވާ ކުރާގޮތަށް އަހަރެމެން މިތިބީ.” ހިނިގަނޑެއް ޖަހާލަމުން ތައުފީގު ބުނެލިއެވެ. “އެކަމަކު އެކަމަށް ބޭބެ އެއްބަސް ވެގެންނު ކަމެއް ވާނީވެސް. ބޭބެ ބުނަނީ މާރިޔާ ނެތް ދުނިޔެއެއްގަ ލޮލުގެ ފެނުނަކީ ކީއްކުރާ އެއްޗެއްހޯ. މާރިޔާ ނުފެންނަންޏާ ބޭނުމެއް ނޫނޯ ލޮލުގެ ފެނުމެއްވެސް. ބޭބެ ގަބޫލު ކުރާ ގޮތުގަ އެއީ ބޭބެއަށް ލިބުނު ނަސީބެއް. އެކަމަކު އަހަރެން ވަރަށް އާދޭސްކޮށްގެން ދާން އެއްބަސްވި. އެއްބަސްވިޔަސް މިކޮޅު ބިޒްނަސް ހަމައަކަށް އަޅުވާފަޔާ، ބޭބެއަށް ހިނގޭވަރުވިމަ ނޫނީ ނުދާން އެއިންނަނީ. އެހެންވެ ފިޒިޔޮތެރަޕީގެ އިތުރުން އެހެން ކަންކަންވެސް ކުރަމުން މިގެންދަނީ. ބޭބެ އަވަހަށް ރަނގަޅު ކުރަން ވެގެން.” ތައުފީގު ފަސްއެނބުރުނެވެ. “އިތުރު ވާހަކައެއް ނެތިއްޔާ އަހަރެން ދެން ގޮސްލަނީ.” އަވަސް އަވަހަށް ތައުފީގު ބުނެލިއެވެ. އޭނާ ބޭނުންވަނީ އަވަހަށް އެތަނުން ދާށެވެ .މާނީއާއި ދުރަށެވެ. މާނީ ފެންނަ ހިސާބުގައި ހުއްޓަސް އޭނާގެ ވިންދު އަވަސްވެއެވެ.
“އަދި މަޑުކޮށްބަލަ.” މާނީ އަނެއްކާވެސް ތައުފީގު ހުއްޓުވިއެވެ. “އަދި އެބައޮތް އެއް ވާހަކަ.” ފުން ނޭވާއެއްލާފައި ތައުފީގު މާނީއާއި ކުރިމަތިވާގޮތަށް އެނބުރިލާފައި ހިނިތުންވެލިއެވެ. “އަހަރެން ދެކެ އަދިވެސް ލޯބިވޭތަ؟” ތައުފީގުގެ އުޅުން ހުންނަ ގޮތުން ހިތުގައި ޝައްކު އުފެދިފައިވާ މާނީ އޭނާގެ ޝައްކު ފިލުވާލެވޭތޯ މަސައްކަތް ކުރިއެވެ. މާނީ ކޮށްލި ސުވާލުން ތައުފީގުގެ ހިތަށް ހީވީ ތޫނު ހަންޖަރެއް ކޮށްޕާލިހެންނެވެ. އޭނާ ފަސްއެނބުރުނެވެ. ލޮލަށް ޖަމާވި ކަރުނަތަށް، އޭނާ ހިތުން މާނީއަށް ނެނގޭނެހެން ފުހެލި ނަމަވެސް މާނީ އެކަން ދެނެގަތެވެ. އަދި ހިތްވަރުކޮށްފައި ވާހަކަ ދެއްކިއެވެ.
“ރައްޓެއްސެއްގެ ހައިސިއްޔަތުން ލޯބިވޭ. އިތުރުކަމެއް ނެތް. ކުރިއަކުންވެސް އެވަރަކަށް ނުވޭ ވިއްޔަ. އަހަރެންގެ ހިތުން މާނީ ފުހެލިތާ މިހާރު ކިތަންމެ ދުވަހެއް.” ހިތާ ދެކޮޅަށް ތައުފީގު ބުނެލިއެވެ. މާނީ ލޯބި ވަނީ އައްސަދުދެކެކަން އެނގޭތީ އެދޭތެރެއަށް ވަންނާކަށް ތައުފީގު ބޭނުމެއް ނޫނެވެ. އޭރުވެސް ތައުފީގުގެ ހިތް ދިޔައީ ރޮމުންނެވެ.
“ނަސީބެއްނު.” ހީލަމުން މާނީ ބުނެލި ނަމަވެސް ތައުފީގު އަދިވެސް އޭނާ ދެކެ ލޯބިވާކަން މާނީ ދެނެގަތެވެ. “އަހަރެން ހީކުރީ މިހާރުވެސް ލޯބި ވާކަމަށް.” މާނީ މިހެން ބުނުމުން ތައުފީގު ހީލާފައި އަވަސްއަވަހަށް އެތަނުން ދިޔައެވެ.
ތައުފީގު އޭނާގެ ކޮޓަރިއަށް ވަދެފައި ދޮރު ލައްޕާ ތަޅުލިއެވެ. އެއާއެކު އޭނާގެ ބަޑި ފަޅައިގެން ދިޔައެވެ. އޭނާގެ ތަގުދީރާމެދު ވިސްނާ ދެރަވެ ހިތާމަ ކުރިއެވެ. ނަމަވެސް އޭނާގެ ކަރުނަތައް ދުށީ އެނދުގެ ބާލީސްތަކެވެ. އެގިސްލުން އަޑު އެހީ ކޮޓަރީގެ ހަތަރުފާރެވެ. އެވޭން އިހުސާސް ކުރީ ހަމައެކަނި އޭނާގެ ހަށިގަނޑެވެ. (ނުނިމޭ)
11 Comments!
Comments are closed.
v salhi…. um really curious to knw wats gonna happn next…….
yyeyy m first. …
V v reethi….whn is nxt prt?
Mihaaru maanee ge firi v thaneh neynge.. Konme faharaku commnet ga lack waa kanthah jeheema dhan anna part ehga ekan funyaka.
Theethi kadaey bro. Huttaalaa dhan thikan.
Warah reethi waahaka. Waahaka kiyab neyngey meehun waahaka kiyaathee massalayakee. ? Ninmun warah reethi. ?
Nyc
Yeyyyyy. .vaahaka varah habbu hama.. keep it up
Awsome ??????
Woww….v salhi igey
V reethi
wown nice rovije 🙁