(ފަހު ބައި)
ކާމިޔާބު ދަތުރަކަށްފަހު މާނީމެން މާލެއައީ ތައުފީގަށް އުފާވެރި ޚަބަރުތަކަކާއިގެންނެވެ. ފުރަތަމަ ކަމަކީ އައްސަދަށް ހިނގުމެވެ. ދެވަނަ ކަމަކީ ޒާހިރާއާއި ހުސޭނުގެ ހިތްހެޔޮކަން މާނީއަށް ލިބުމެވެ. ނަމަވެސް އެމީހުން އައި ވަގުތަކީ ތައުފީގު ގޭގައި ނެތް ވަގުތެކެވެ. އެހެންނަމަވެސް ސަޕްރައިޒެއް ލިބުނެވެ. ލިބުނު މީހަކީ އައްސަދާއެކު ކާރުން ފޭބި މާނީއެވެ. އެގޭ ދޮރުމަތީގައި ހުރި އިޔަން ފެނިފައި ފައިދަށުން ބިންގަނޑު ދެމިގެން ދިޔަ ފަދަ އިޙުސާސެއް މާނީއަށް ކުރެވުނެވެ. މާނީއަށް ހުއްޓެވުނެވެ. މާނީ ހުއްޓުމުން ކިހިނެތްވީތޯ އައްސަދު ސުވާލު ކުރިއެވެ. ހަނދާންނެތިގެންކާރުގައި އެއްޗެއް ބޭއްވިފައިވާ ކަމަށް ބުނެ މާނީ އެތެރެއިން މީހަކަށް ގޮވިއެވެ. އަދި އައްސަދާއި މާއްކޮ އެމީހާއާއިއެކު އެތެރެއަށް ފޮނުވާލިއެވެ.
އާދައިގެ ހިނގުމެއްގައި އިޔަން މާނީއާއި ދިމާލަށް ދިޔައެވެ. މާނީގެ ހިތުގެ ތެޅުން އަވަސްވިއެވެ. އޭނާ ހުރީ އިސްނަގަންވެސް ނުކެރިފައެވެ. އިޔަން ގާތްވުމުން މާނީއަށް ފަހަތަށް ޖެހިލެވުނެވެ. އިޔަން ކުރިއަށް އަޅާ ކޮންމެ ފިޔަވަޅަކާއެކު މާނީއަށް ފަހަތަށް ފިޔަވަޅެއް އެޅެމުން ދިޔައެވެ. އެވަގުތު އިޔަން ގޮތެއް ހަދާލުމުން މާނީއަށް ލޯމަރާ ތަގުޑިކޮށްލެވުނެވެ. އޭނާއަށް ހީވީ އިޔަން އޭނާގެ ގައިގާ ޖަހަން އަތް ނެގި ހެންނެވެ. އޭނާއަށް ހަޅޭއްލަވައި ނުގަނެވުނީވެސް ހަމަ ކިރިޔާއެވެ. ނެގި ނެގިފާ ޖެހެމުން ދިޔަ ހިތް ހަމައަކަށް އެޅުނީ އެގޮތުގައި އިރުކޮޅެއް ހޭދަވެ އިޔަންގެ ފުށުން އެއްވެސް ހަމަލާއެއް ނުލިބުމުންނެވެ. މާނީ މަޑުމަޑުން ލޯ ހުޅުވާލިއެވެ. ފެނުނު މަންޒަރުން އޭނާއަށް ސިހުން ލިބުނެވެ. މާނީގެ ފައިބުޑުގައި ކުޑަކަކޫ ޖަހައިގެން އިޔަން އިށީންދެ އިނީ އިސްޖަހައިލައިގެންނެވެ. ދެން އިވެންފެށީ އިޔަންގެ ގިސްލުމުގެ އަޑެވެ. ވެގެން އުޅޭ ގޮތެއް މާނީއަކަށް ނުވިސްނުނެވެ. މާނީއަށް އެގޮތަށް ބަލަހައިޓައިގެން ހުންނަން އުނދަގޫވިއެވެ. އިޔަންގެ ދެކޮނޑުގައި ހިފާ އަވަސް އަވަހަށް ކޮޅަށް ނެގިއެވެ. މާނީ އިޔަންގެ ދެލޮލަށް ބަލާލިއެވެ. އޭނާގެ ހިތަށް ކުރުވާފައިވާ ފުން އަސަރު ދެލޮލުން ފެންނަމުން ދިޔައެވެ. އެއާއެކު އިޔަން މާނީ ގައިގާ ބައްދައިގަތެވެ. މާނީގެ ލޮލުންވެސް ކަރުނަ އައި ނަމަވެސް ހިތުގައި އުފެދެމުން ދިޔަ ސުވާލުތައްވީ އިތުރެވެ.
“އަހަންނަށް މާފު ކުރޭ މާނީ. އަހަންނަށް މާފު ކުރޭ.” ރޮމުން އިޔަން ބުނެލިއެވެ. “އަހަންނަށް މާނީއާ ދޭތެރޭ ކަންތައް ކުރެވުނީ ރަނގަޅަކަށް ނޫން.” މާނީގެ ގައިން ދޫކޮށްލަމުން ހަމައަކަށް އެޅިލާފައި އިޔަން ބުނެލިއެވެ. އަދި މާނީގެ އަރިހުން މާފަށް އެދެމުން ކަންތައް ހިގާ ދިޔަ ގޮތް އިޔަން ކިޔާދިނެވެ.
“އަހަރެންގެ ހިތުގަ އިޔަންއަށް އެއްވެސް ބުރަ ކަމެއް ނެތް. އޭރުވެސް މިހާރުވެސް މި ހިތްހަމަ ހެޔޮ.” އޭނާގެ ދުޢާ އިޖާބަ ކުރައްވާ އިޔަންއަށް ތެދު މަގު ދެއްކެވި ކަމަށްޓަކައި ﷲށް ހަމްދު ކުރަމުން މާނީ ބުނެލިއެވެ. “ބަދަލުގަ އަހަރެން އިޔަންއަށް ޝުކުރު ކުރުން ހައްގު. އެއީ އަހަންނަށް ހެޔޮ ގޮތް ވިސްނުމަށް މެދުވެރިވީ ސަބަބަކީ ތިއީ. އިޔަންއާއި ދިމާނުވި ނަމަ އަހަރެން ހުންނާނީ ހަމަ ކުރިން ހުރި މުޑުދާރުކަންމަތީ.”
މާނީގެ ހިތުގައި އޭނާއަށްޓަކައި ބުރަ ކަމެއް ނެތުމުން އެކަމާ އުފާ ކުރަމުން، މާނީއާއި ބެހޭ ގޮތުން ހުރިހާ ވާހަކަ އެއްވެސް ލާރާ ކިޔާދީފައިވާ ކަމަށް އިޔަން ބުންޏެވެ. އަދި އިޔަން މާނީއަށް ކަރުދާސް ތަކެއް ދިއްކޮށްލިއެވެ. އޭގައި ހިފުމަށްފަހު މާނީ ވަރަށް ރަނގަޅަށް އެއަށް ބަލާލިއެވެ. އެއީ ވަރީގެ ކަރުދާސްތައްކަމުން މާނީއަށް އިޔަންއާއި ދިމާލަށް ބަލާލެވުނީ ސުވާލުގެ ނަޒަރަކުންނެވެ.
“އަހަރެން ބޭނުންވަނީ މާނީ އުފަލުގަ ދިރިއުޅެން.” މާނީ ބަލާލުމުން އިޔަން ވާހަކަ ދެއްކިއެވެ. “ލާރާގެ ވާހަކަތައް އަޑުއަހާފަ އަހަންނަށް ވިސްނުނީ މާނީ ބޭނުންވާ އުފާތައް މާނީއަށް ލިބޭނީ އަހަރެންގެ ކިބައިން ސަލާމަތް ވެގެންކަން. އެހެންވެ އަހަރެން ތިގޮތަށް ނިންމީ.” އިޔަން މާނީއަށް ގަލަން ދިއްކޮށްލިއެވެ. މާނީއަށް ހުރެވުނީ އިޔަންއަށް ބަލަހައްޓައިގެންނެވެ. ފެންކަޅިވެފައިވާ ދެލޮލަކުންނެވެ. އޭނާއަށް ވިސްނާލެވުނެވެ. އިންސާނުންނަކީވެސް ހާދަ ތަފާތު ބައެކެވެ. ކިތަންމެ ނުބައިކޮށް އުޅޭ މީހަކަށްވެސް ހެޔޮ ގޮތް މެދުވެރި ކުރައްވާ ތެދުމަގު ދައްކަވާފާނެއެވެ. އެކަމަށް ބޭނުންވަނީ ކުޑަ ހިތްވަރެކެވެ. ތެދުމަގު ލިބުމަށްފަހު އެކަން ބަދަލު ކުރެވޭނެ މީހަކު ނުހުންނާނެއެވެ.
މާނީއަށް ރޭކާލީ އިޔަން ފުއްޓަތްކެއް ޖަހާލުމުންނެވެ. ގަލަމުގައި ހިފުމަށްފަހު ސޮއިކޮށްލަން ގަލަން ތައްޔާރުވުމާއެކު މާނީއަށް ރޮއެ ގަނެވުނެވެ. އިޔަން މާނީ ގަޔާ ގާތްކޮށްލަމުން ބުރަކަށީގައި ފިރުމާލީ ހިތްވަރު ކުރާށޭ ބުނާ ފަދައިންނެވެ. މާނީއަށް އިޔަންގެ ގައިގާ ބައްދަގަނެވުނީ ހިތުގެ އަޑިން އިޔަންއަށް ޝުކުރުއަދާ ކުރަމުންނެވެ.
“އެއީތަ މާނީގެ ކުރީގެ ފިރިމީހާ؟” ސޮއި ކުރި ކަރުދާސްތަކުގައި ހިފަމުން އިޔަން ސުވާލުކޮށްލީ އައްސަދާއި ބެހޭ ގޮތުންނެވެ. “އަހަރެން އޭނާއާ ވާހަކަ ދައްކާލިޔަސް އޯކޭތަ؟”
“ނޫން.” އިޔަންގެ ވާހަކަތައް އައްސަދަށް ކިޔާދީފައި ނުވުމާއެކު މާނީ އެކަމަށް އިންކާރު ކުރިއެވެ. “މިވަގުތު ވާހަކަ ދެއްކުން އެހާ ރަނގަޅެއް ނުވާނެ.” މާނީ އެހެން ބުނުމުން އިޔަން އެކަން ގަބޫލު ކުރިއެވެ.
“އެއީ ކާކު؟” ނުކުމެގެން ދިޔަ އިޔަން ފެނިފުމުން ގެއަށް ވަދެގެން އައި ތައުފީގު ސުވާލުކުރީ ބޭރުގައި ހުރި މާނީއާއެވެ. “ކީއްވެ ތިރޮނީ؟” މާނީ ކަރުނަތައް ފޮހެލުމުން ތައުފީގު ކަންބޮޑުވިއެވެ.
“އެއީ އިޔަން.” ހިނިތުންވެލަމުން މާނީ ބުނެލިއެވެ. އިޔަން އޭ ބުނުމުން އެއީ ކާކުކަން ތައުފީގުއަށް އެނގުނެވެ.
“އިޔަން އޭ؟ އޭނާ ކަމެއް ކުރީތަ؟” އިޔަންގެ ނަން އަޑު އިވުމުން ތައުފީގުގެ ލޭ ކެކުނެވެ.
“އުހުން. އޭނާ އެދިޔައީ އަހަރެން ވަރިކޮށްފަ. ﷲގެ ކުޅަދުންވަންތަކަން ނިކަން ދެކިބަލަ. އިޔަންއަށްވެސް މިހާރު ވިސްނިއްޖެ.” އުފަލުން ހުރެ މާނީ ބުނެލިއެވެ. އިޔަން މާނީ ވަރިކުރީތީ މާނީއަށްވުރެ ބޮޑަށް ތައުފީގު އުފާވިއެވެ. ނަމަވެސް އެކަމެއް އޭނާ ނުދައްކައެވެ.
“އެހެންތަ؟” އާދައިގެ ރާގެއްގާ ތައުފީގު ބުނެލިއެވެ. “ކޮބާ ބޭބެ؟”
މާނީއާއެކު ތައުފީގު ގޭތެރެއަށް ވަންތްއިރު ސިޓިންގރޫމުގައި އައްސަދު އިނެވެ. އޭނާ އިނީ އޭނާގެ ފުރޮޅުލީ ގޮނޑީގައެވެ. ތައުފީގު އެތެރެއަށް ވަންނަމުން އައްސަދަށް ގޮވާލިއެވެ. ތައުފީގު އައިކަން އެނގުމުން އައްސަދު ހިނިތުންވަމުން ފަސޭހަ ކަމާއެކު ގޮނޑިން ތެދުވުމަށްފަހު ދެއަތް ފުޅާކޮށްލިއެވެ. އަދި ސަޕްރައިޒް އޭ ބުނެލިއެވެ. ތައުފީގުގެ ދެލޯ ބަޑުވެ އަނގަމަތީގައި އަތްއެޅުނީ ހައިރާންވީލެއް ބޮޑުކަމުންނެވެ. ވީ އުފަލުން ދުވެފައި ގޮސް އައްސަދުގެ ގައިގާ ބައްދައިގަތެވެ. އޭރު އޭނާއަށްވަނީ އުފަލުން ގޮސް ރޮވިފައެވެ. ފެނުނު އުފާވެރި މަންޒަރުން މާނީގެ ލޯވެސް ކަރުނުން ތެންމާލިއެވެ.
އައްސަދުގެ ލޮލަށް ފަރުވާ ކުރުމަށް ރާއްޖެއިން ބޭރަށް ގެންދިއުމަށް ތައްޔާރީތައް ފެށުނެވެ. އެހުރިހާ ކަމެއްގައިވެސް އަވަދިނެތި އުޅެމުންދިޔައީ ތައުފީގެވެ. އައްސަދަށްޓަކައި ތައުފީގުގެ ހިތުގައިވާ ލޯތްބާއި ގަދަރު އޭނާގެ ކޮންމެ އަމަލަކުންވެސް ފާޅުވަމުންދިޔައެވެ. މާނީއަށް މިމަންޒަރުތައް ފެނުމުން ހިނިތުންވެވެއެވެ. ކުރީގެ ހަނދާންތައް އާވެގެންދެއެވެ. ބަދަލުވެގެންދިޔަ އެމީހުންގެ ދިރިއުޅުންތަކާމެދު ފަޚުރުވެރިވެވެއެވެ. އޭރުގެ އެތައުފީގަށް އެފަދަ ދިރިއުޅުމެއް ފެންނާނެ ކަމަށް އުންމީދު ކުރީވެސް ކާކު ހެއްޔެވެ. ނަމަވެސް ތަގުދީރުގެ ރޭވުންގަނޑު ހަމަ މޮޅީއެވެ. މީހަކަށް ދެއްވާނެ ރިޒުގެއް ހިފެހެއްޓޭނެ ހަމަ އެކަކުވެސް ނުހުންނާނެއެވެ.
ރޭގަނޑުގެ ވަގުތެވެ. މާއްކޮ ނިންދުމަށްފަހު މާނީ އައްސަދުގެ ކޮޓަރިއަށް ދިޔައީ އައްސަދުގެ އެދުމުގެ މަތިންނެވެ. ވާހަކަ ދައްކާލަން ބޭނުންވެފައިވާ ކަމަށް އައްސަދު ބުނެފައި އޮތުމުންނެވެ.
“އަހަރެން ފުރައިގެން ދިއުމަށްފަހު މާއްކޮގެ ހުރިހާ ކަމަކާ މާޔާ ހަވާލުވެދޭތި. އޭނާ ރަނގަޅަށް ބަލާތި.” އައްސަދު ދެއްކީ ދަރިންދެކެ ލޯބިވާ ކޮންމެ ބައްޕައަކު ނަމަވެސް ދައްކާނެ ވާހަކަތަކެކެވެ. ދަރިންނާ ދުރަށް ދާންޖެހުމުން ކޮންމެ މައިންބަފަޔަކުވެސް ދެރަވާނެއެވެ. ކިތަން ކުޑަ ދުވަސްކޮޅަކަށް ދާން ޖެހުނަސްވެހެވެ.
“އައްސަދު ނެތަސް އިރާދަ ކުރެއްވިއްޔާ އައްސަދު ނެތް ކަމުގެ އިހުސާސް އަހަރެން މާއްކޮއަށް ވިޔަކަ ނުދޭނަން. ހަމަ އަހަރެންގެ ދަރިއެއް ފަދައިން މާއްކޮ ބަލާނަން.” މާނީ ދިނީ އައްސަދު އުންމީދު ކުރި ވަރަށް ވުރެ ވެސް ފުރިހަމަ ޖަވާބެކެވެ.
“އަހަންނަށް އޭރުވެސް އެނގޭ މިވާހަކަތައް ނުދެއްކިޔަސް މާޔާ މާއްކޮ ބަލާނެކަން. އެކަމަކު މިއީ އަހަރެން ދައްކަން ޖެހޭ ވާހަކަތަކެއްވީމަ މި ވާހަކަ މިދެއްކީ.” އައްސަދު ހިނިތުންވެލިއެވެ. “އަހަންނަށް އަބަދުވެސް ހީވާ އެއްޗެއް ބުނަންތަ؟ އަހަންނަން ހީވަނީ މާޔާ އާއި އަހަރެމެންނާ ކޮންމެވެސް ގުޅުމެއް ވާހެން.” އައްސަދު އެހެން ބުނުމުން މާނީއަށް ލޯ މަރާލެވުނެވެ.
“ތިޔަހެންވެސް ވެދާނެ.” ހަމަޖެހިލާފާ މާނީ ބުނެލިއެވެ.
“ކީކޭ ތިބުނީ؟” މާނީ ބުނި އެއްޗެއް އައްސަދަކަށް ނުވިސްނުނެވެ.
“މިބުނީ މިއޮތީ ގުޅުން އުފެދިފައެއް ނުންހޭ. މިއަށްވުރެ ވަކި ގާތް ގުޅުމެއް ނޯންނާނެއްނު.” ހުށިޔާރު ކަމާއެކު މާނީ ވާހަކަ އޮޅުވާލިއެވެ. އައްސަދަށް ހެވުނެވެ. މާނީވެސް ހީލިއެވެ.
ހިނތުންވެހުރެ މާނީއަށް އައްސަދުގެ ކޮޓަރިން ނުކުމެވުނީ ތައުފީގުގެ ކުރި މައްޗަށެވެ. ތައުފީގު މާނީއަށް ބާލާލައިފައި ހިނިތުންވެލީ ނަމަވެސް ހިތުގައި ޖެހިލީ އެދަންވަރު މާނީ އައްސަދުގެ ކޮޓަރިން ނުކުތީމައެވެ. ތައުފީގު އެދިޔަ ގޮތަށް ގޮސް ކޮޓަރިއަށްވަދެ ދޮރު ލައްޕާ ތަޅުލިއެވެ. އަދި ދޮރުފަތުގައި ލެނގިގެންހުރެ ދެންމެ ފެނުނު މަންޒަރާމެދު ވިސްނާލިއެވެ. އައްސަދާ މާނީއާއެކީ އުޅޭތަން ބަލަން މިހާރު ކެތް ނުވާއިރު އެމީހުން ކައިވެނި ކުރުމަށްފަހު އެމަންޒަރުތައް ބަލަން އޭނާއަށް ކެތްވާނީ ކިހިނެތްތޯ ހިތާ ސުވާލު ކުރެވުނެވެ. ހަދާނެ ގޮތް ހުސްވުމުން މާޔޫސްވީ ތައުފީގަށް ރޮވުނެވެ.
ތައުފީގުގެ ކޮޓަރީގެ ދޮރުފަތުގައި ކަންފަތް ޖަހައިގެން ހުރި މާނީއަށް ތައުފީގު ރޯއަޑު އިވުމުން ހިތްވަރު އެލުނު ކަހަލައެވެ. އޭނާގެ ހިތަށްވެސް ކެތް ނުވެގެން ލޮލުން ކަރުނަތައް އޮހިގަތެވެ. އާއެކެވެ. ތައުފީގު އޭނާދެކެ އެވަނީ ހަގީގީ ލޯތްބެވެ. އިންތިހާ ދަރަޖައަށެވެ.
ޖެހިގެން އައި ދުވަހު މާނީއަށް ފިކުރު ކުރެވުނީ ތައުފީގާ މެދުގައެވެ. ތައުފީގަކީ ވަރަށް މޮޔަ މީހެކޭ ބައެއް ފަހަރު މާނީގެ ހިތަށް އަރައެވެ. އެމީހެއްގެ ލޯބި އެހެން މީހެއްގެ މިލްކަކަށް ވާން ދޫކޮށްލައިގެން މީހަކު ހުރެދާނެ ބާއެވެ. ނަމަވެސް ތައުފީގަކީ ވަރަށް ހިތް ހެޔޮ ހިތްވަރު ގަދަ މީހެކޭ އަނެއްބައި ފަހަރު ހިތަށް އަރައެވެ. އޭނާ އޭނާގެ އުފަލަށްވުރެ އަނެކާގެ އުފާ އިސްކުރެއެވެ. އަނެކާއަށްޓަކައި ކެތްތެރިވެއެވެ. އެއީ ހާދަ މާތް ސިފައެކެވެ. އެފަދަ އިންސާނުން މިޒަމާނުގައި ވަރަށް މަދުވާނެއެވެ. މާނީގެ މުޅި ދުވަސް ހޭދަވީ އެފަދަ ހިޔާލު ތަކެއްގައެވެ.
ރޭގަނޑު ގޭތެރެ ހިމޭންވީ ވަގުތެވެ. މާއްކޮ ނިންދުމަށްފަހު މާނީ ބެލްކަންޏަށް ދިޔައީ ތައުފީގުގެ އެދުމަކަށެވެ. މާނީ ދިޔައިރު ތައުފީގު މާނީގެ އިންތިޒާރުގައި ހުއްޓެވެ. މާނީގެ ހިތް ތެޅެމުން ދިޔައީ ތައުފީގު މިރޭ އޭނާގެ ލޯބި ހާސިލް ކުރުމަށް ވަކާލާތު ކުރާނެ ކަމަށް ހީވެފައެވެ.
“އަހަރެން މާނީ މިގެނައީ ވަރަށް މުހިންމު ވާހަކަ އެއް ދައްކަން އޮތީމަ.” ތައުފީގުގެ އެޖުމްލައިން މާނީގެ ހިތަށް ތަދުވެގެން ދިޔައެވެ. އޭނާގެ ޝައްކު ޔަގީނަށް ބަދަލުވަނީ ނޫންބާއޭ ހިތަށްއެރިއެވެ.
މަޑު ފިޔަވަޅުތަކެއް އަޅަމުން އައްސަދު ހިނގަމުން ދިޔައީ ދަނޑިބުރިއާއި ފާރުގެ އެހީގައެވެ. އޭނާ ދިޔައީ ތައުފީގު ހޯދަން ތައުފީގުގެ ކޮޓައާއި ދިމާލަށެވެ.
“މިވާހަކަ ދައްކަންމީ އެންމެ އެކަށީގެންވާ ވަގުތުވީމަ މިގަޑީގަ އަންނަން ބުނީ.” ބެލްކަންޏާއި އަރާ ހަމަވިތަނާ ތައުފީގުގެ އަޑު އިވުމުން އައްސަދު މަޑުޖެހުނެވެ. “މިގަޑީގަ މާނީ ގެންނަން ޖެހުނީތީ މާފަށްވެސް އެދެން.” އެތެރެއަށް ވަންނަން އުޅުނު އައްސަދަށް ކުރިއަށް އެޅި ފިޔަވަޅުވެސް ފަހަތަށް އެޅުނީ ތައުފީގު ދެން ބުނެލި ޖުމުލަ ކަންފަތުގައި ޖެހުމުންނެވެ. މާނީގެ ނަމުން އެ މުހާތަބު ކުރަނީ ކާކާބާއެވެ. އޭނާގެ ދަރިފުޅު މާއްކޮ ހަމަ ގައިމުވެސް މިގަޑީގައި ހޭލައެއް ނޫޅޭނެއެވެ. އަދި މާއްކޮއާއި ތައުފީގު އެ ފަދައިން ވާހަކައެއް ނުދައްކާނެއެވެ. އައްސަދުގެ ހިތް ތެޅިލީ އޭނާގެ ހިތަށްވީ ޝައްކެއްގެ ސަބަބުންނެވެ.
“ނޫން. އަހަންނަކަށް އުނދަގުލެއް ނޫން މިގަޑީގަ އަންނާކަށް.” އިވުނީ މާޔާގެ އަޑެވެ. އައްސަދުގެ ޝައްކު ޔަގީނަށް ބަދަލުވިއެވެ. މާނީގެ ނަމުން ތައުފީގު މުޚާތަބު ކުރަމުން ދިޔައީ މާޔާއާއެވެ. އޭނާއަށް ކުރިން ހީވީ ރަނގަޅަށްބާއެވެ. އެއީ ހަމަ އެ މާނީ ބާއެވެ. އޭނާގެ ދިރިއުޅުމަށް ކުރިން އައި މާނީ އަނެއްކާ އެނބުރި އައީ ބާއެވެ. ނަމަވެސް އެއީ ތަފާތު އަޑެކެވެ. އެކަމަކު އެހާބޮޑު ތަފާތެއް ނެތެވެ. ނޫނީ އެއީ އެހެން މާނީއެއްބާއެވެ. އެހެންކަމަށްވާނަމަ އޭނާ އައްސަދަށް އޮޅުވާލީ ކީއްވެބާއެވެ. ނަން ބަދަލު ކުރީ ކީއްވެބާއެވެ. ހިތަށް އަރަމުން ދިޔަ ސުވާލު ތަކުގަ ސަބަބުން އައްސަދު ބިރުގަނެ މުޅި މީހާ ތުރުތުރު އަޅަމުން ދިޔައެވެ. އޭނާގެ ގައިންވަނީ އޮށްދާ ހިއްލާފައެވެ. އައްސަދު އަވަސް އަވަހަށް އެތަނުން ދިޔައެވެ.
“އަހަރެން ބުނަން މިއުޅެނީ މާނީއަށް އަހަރެން ޝުކުރުވެރިވާ ވާހަކަ.” ތައުފީގު ދެއްކީ މާނީ އުންމީދު ކުރި ވާހަކަ ނޫން ކަމުން މާނީގެ ހިތް ހަމައަކަށް އެޅުނެވެ. ނަމަވެސް އޭނާ ހިތްހަމައެއް ނުޖެހުނެވެ. “ބޭބެ ބުނި ރަށުގަ ހުރި އިރުވެސް މާނީކޮށްދިން ކަންތައްތަކުގެ ވާހަކަ. މާނީގެ އެހީތެރިކަމުންނޭ އެހާ އަވަހަށް ހިނގޭ ގޮތްވީ. އަސްލު އަހަންނަކަށް ނޭނގެ މާނީއަށް ޝުކުރުވެރިވާނެ ގޮތެއްވެސް. ވަރަށް ގިނަ ކަންތައް މާނީ އަހަރެމެންނަށް ކޮށްދީފި.”
“އެއީ މައްސަލައެއް ނޫން.” މާނީ ހީލަމުން ބުނެލިއެވެ. “އަހަރެން އަދާ ކުރީ އަހަރެންގެ ޒިންމާ. މާރިޔާ ނެތް ދުނިޔޭގެ އައްސަދަށާއި އޭނާގެ ދަރިފުޅަށް އެހީތެރިވުމަކީ އަހަރެންގެ ޒިންމާއެއްގެ ގޮތުގަ އަހަރެން ދެކެނީ. އެކަމަށް އަހަންނަށް ޝުކުރުވެރިވާކަށް ނުޖެހޭނެ.” މާނީ މިހެން ބުނެލުމުން ތައުފީގުވެސް ހިނިތުންވެލިއެވެ.
“އަހަރެން މި ހިތަށް އަރަނީ މާދަމާ ބޭބެގެ އޮޕަރޭޝަން ކާމިޔާބު ވެގެން އެނބުރި އަންނަ އިރު މާނީ ފެނުމުން ވާނީ ކިހިނެތްބާއޭ. ބޭބެމާނީއަށް މާފު ކުރާނެކަން އަހަރެން ޔަގީން ކުރަން. އަހަރެންގެ ދުޢާއަކީވެސް އެއީ.”
“މާދަމާ އޮޕަރޭޝަން ކާމިޔާބު ވިޔަސް ނުވިޔަސް އަހަރެން އައްސަދަށް ހަގީގަތް ކިޔާދޭނަން. ކޮންމެ ގޮތެއް ވިޔަސް ހެޔޮ. އިތުރަކަށް ދެން އޮޅުވާލައިގެންނެއް ނޫޅެވޭނެ. މާދަމާ އިރާދަ ކުރެއްވިއްޔާ އޮޕަރޭޝަން ކާމިޔާބުވާނެ. އަހަރެން ދުޢާ ކުރާނަން.”
ޖެހިގެން އައި ދުވަހުގެ ހެނދުނު ތައުފީގު އައްސަދުގޮވައިގެން ސިންގަޕޫރަށް ފުރިއެވެ. އޮޕަރޭޝަން ކުރަން ހަޖެހިފައިވާ ވަގުތު ކައިރިވާ ވަރަކަށް އައްސަދުގެ ހިތުގެ ތެޅުންވެސް ދިޔައީ އަވަސްވަމުންނެވެ. އޭނާ މިހާރު ބޭނުންވަނީ އެ އޮޕަރޭޝަން ކާމިޔާބުވާށެވެ. އޭނާގެލޮލުގެ ފެނުން އަނބުރާ ދެއްވުމަށެވެ. އެއީ މާނީގެ ހަގީގަތް އޭނާ ދެނެގަންނަން ބޭނުންވާތީއެވެ. އޮޕަރޭޝަން ތިއޭޓަރަށް އައްސަދު ވެއްދި އިރުވެސް އޭނާ ދިޔައީ އެކަމަށް އެދި ހިތާ ހިތުން ދުޢާ ކުރަމުންނެވެ.
އޮޕަރޭޝަން ތިއޭޓަރަށް އައްސަދު ވެއްދުމާއެކު ތައުފީގު އެންމެނަށް ގުޅާ އެޚަބަރު ދިނެވެ. މާނީއަށް އެޚަބަރު ލިބުމާއެކު ވުޟޫކޮށްގެން އެރީ ނަމާދަށެވެ. ދެރަކުޢަތުގެ ނަމާދަކަށްފަހު ދެއަތްނަގާ ދުޢާ ކުރަންފެށީ އައްސަދުގެ ލޮލުގެ ފެނުން އަނބުރާ ދެއްވުމަށް އެދިއެވެ.
ދެގަޑި އިރުގެ ދިގު އޮޕަރޭޝަނަކަށްފަހު ޑޮކްޓަރުން އަތްދޫކޮށްލީ ހިތްހަމަޖެހިގެން ތިބެއެވެ. އައްސަދު ލޯ ހުޅުވާލީ ދެވަނަ ފަހަރަށް ދުނިޔޭގެ އަލިކަން ދެކެމުންނެވެ. އޭނާ ދެން ބޭނުންވަނީ ވީހާވެސް އަވަހަކަށް އެނބުރި މާލެއަށް ދާށެވެ. ކެތްމަދުވެފައިވާ ހިތުގައިވަނީ މާނީގެ ހަގީގަތް ދެނެގަތުމެވެ.
ކޮޅުނެތްކޮޅަށް އުފާކުރަމުން ތައުފީގު އެންމެންނަށް ގުޅާ އުފާވެރި ޚަބަރުދިނެވެ. މާނީގެ ފޯނު ރިންގްވީ ހުއްޓާނުލާ ދުޢާ ކުރަން އިންދައެވެ. އޭނާ އަވަސް އަވަހަށް ފޯނުނަގާ ކަންފަތުގައި ޖެހުމާއެކު ލިބުނު އުފާވެރި ޚަބަރުން ލޮލުން ބަންޑުންވީ ކަރުނައެވެ. ނަމަވެސް ހިތް ތެޅިލީ ދެން ވާނެ ގޮތެއް ނޭނގޭތީއެވެ.
އައްސަދާއި ތައުފީގު އެނބުރި މާލެ އަތުވެއްޖެއެވެ. ގޭގެ ދޮރުމައްޗަށް ދެމީހުން އެރިއިރު އެމީހުންގެ އިސްތިގުބާލުގައި މާނީއާއި މާއްކޮ ސިޓިންގރޫމުގައި ތިއްބެވެ. އައްސަދު ފެނުމާއެކު މާއްކޮ ދުވެފައިގޮސް އައްސަދުގެ ގައިގާ ބެއްދިއެވެ. މާނީއަށް ހުރީ އިސްނަގަންވެސް ނުކެރިފައެވެ. އައްސަދު އިންތިޒާރު ކުރަމުން ދިޔައީ މާނީ އިސްނަގާނެ ވަގުތަކަށެވެ. މާނީގެ މޫނު ފެންނާނެ ވަގުތަކަށެވެ. މާނީގެ ހިތް ތެޅޭހާ ބާރަށް ތައުފީގުގެ ހިތްވެސް ތެޅެމުންދިޔައެވެ. ކޮންމެވެސް ވަގުތަކުން ކުރިމަތިލާން ޖެހޭނެކަން ވިސްނަމުން މާނީ ހިތްވަރުކޮށްފައި އައްސަދަށް ބަލާލިއެވެ. އައްސަދުގެ ޝައްކު ޔަގީނަށް ބަދަލުވެގެން ދިޔައެވެ. އެއީ ހަމަ އެ މާނީއެވެ. އައްސަދުގެ މޫނުމައްޗަށް ވެރިވީ އިންތިހާ ދަރަޖައިގެ ނަފުރަތެވެ. ބާރު ހިނގުމެއްގައި އައްސަދު މާނީއާއި ދިމާލަށް މިސްރާބު ޖެހިއެވެ. މާނީއަށް ހިންދިރުވާލެވުނެވެ. އައްސަދު އެދިޔަ ގޮތަށްގޮސް ހިފީ މާނީގެ އަތުގައެވެ. އަތުގައި ހިފިގޮތަށް ދަމާފައި ކަހަލަ ގޮތަކަށް މާނީ ގެންގޮސް ގެއިން ބޭރަށް ކޮށްޕާލުމާއެކު މާނީ ތަޅުންގަނޑު މައްޗަށް ވެއްޓުނެވެ.
“ދެން ދުވަހަކުވެސް އަހަންނާ އަހަރެންގެ އާއިލާ ފެންނަ ހިސާބަށްވެސް ކަލޭ އައިސްގެންނުވާނެ.” މާނީއަށް އައްސަދު ދިނީ ވަރުގަދަ އިންޒާރެކެވެ. މާނީއަށް ލޯ މަރާލެވުނެވެ. ކަރުނަތަށް ކޯތާފަތްމައްޗަށް އޮހިގަތެވެ. ތައުފީގަށް ފެނުނީ އޭނާ އުންމީދު ކުރި މަންޒަރެއް ނޫނެވެ. ނަފުރަތު ކުރި ކަމުގައި ވިޔަސް އައްސަދު އެހާ ރަހުމްކުޑަ ވާނެ ކަމަކަށް އޭނާ ހިޔެއް ނުކުރެއެވެ. ލިބުނު ޝޮކެއްގެ ސަބަބުން އޭނާ ހުރީ ގުޑިލަންވެސް ނޭނގިފައެވެ.
ގެއިން ބޭރުގައި މަޑުކޮށްލައިގެން މާނީ ހުރީ ދާނެ ތަނެއް ނެތީމައެވެ. ހިނގާދިޔަ ކަމަކީ އައްސަދަށް ކުއްލިއަކަށް މާނީ ފެނުމުގެ ސަބަބުން ޝޮކެއް ލިބުމުން ވީ ގޮތެއް ކަމަށް ނިންމާ، އިރުކޮޅަކުން އައްސަދު ހަމައަކަށް އެޅުމަށްފަހު އޭނާއަށް މާފުކޮށް ގެއަށް ވައްދާނެ ކަމަށް ނިންމައިގެންނެވެ. ނަމަވެސް ކަންތައްވީ އެހެންނެއް ނޫނެވެ. ތައުފީގު ބޭރަށް ނުކުތީ މާނީގެ ފޮށި ހިފައިގެންނެވެ.
“ބޭބެ މިވަގުތު ހުރީ އެއްވެސް މީހެއްގެ ވާހަކަ އަޑު އަހާ ގޮތަކަށް ނޫން. ބޭބެ ހަމައަކަށް އެޅުނީމަ އަހަރެން ވާހަކަ ދައްކާނަން.” ތައުފީގު ބުނެލިއެވެ.
“އުހުން. ތައުފީގު ދެން އެކަމާ އަޅާލާނެ ކަމެއް ނެތް. އަހަރެންގެ މާފު ހޯދަން މަސައްކަތް ކުރާނީ އަހަރެން. އަހަރެން އަދިވެސް ޓްރައި ކުރާނަން.” ހިތްވަރުގަދަ މާނީ ބުނެލިއެވެ.
“ތިއީ އަހަރެން މާނީގެ ކިބައިން އަޑުއަހަން ބޭނުންވި ބަހަކީވެސް. އަހަރެން މިހިރީ މާނީއާއެކު. އަހަރެން މާނީ ހުންނާނެ ތަނެއް ހަމަ ޖައްސަ ދޭނަން.” ތައުފީގުގެ ވާހަކަ އަޑު އިވުމުން މާނީ އުފަލުންގޮސް ތައުފީގުގެ ގައިގާ ބައްދައިގަތެވެ.
އޭގެ ދެދުވަސްފަހުން އައީ އައްސަދުގެ އުފަން ދުވަހެވެ. އައްސަދުގެ އުފަން ދުވަހަށް ތައުފީގު ސަޕްރައިޒް ޕާޓީއެއް ރޭވިއެވެ. ނަން މަޝްހޫރު ރެސްޓޯރެންޓެއްގެ އައުޓްޑޯގައި ޕާޓީ ތައްޔާރު ކުރުމަށްފަހު އެރޭ ތައުފީގު އައްސަދު އެތަނަށް ވެއްދީ ކަނުބަނދެގެންނެވެ. އައްސަދު ގޮނޑީގައި ބެއިންދުމަށްފަހު ތައުފީގު ކަނު މޮހާލިއެވެ. އޭނާގެ ކުރިމަތީގައި ހުރި މޭޒުގައި އުފަންދުވަހުގެ ވަރަށް ރީތި ކޭކެއް ހުއްޓެވެ. އައްސަދު އެމާހައުލަށް ވަށައިގެން ނަޒަރު ހިންގާލިއެވެ. ވަށައިގެންވާ ބަގީޗާގައި ކުލަ ބޮކިން ޒީނަތްތެރިކޮށްފައި އޮތެވެ. އައްސަދަށް އެ ސަޕްރައިޒް ވަރަށް ކަމުދިޔައެވެ. އެވަގުތު އަންހެނަކު އުފަން ދުވަހުގެ ލަވަ ކިޔަން ފެށި އަޑު އިވުނެވެ. އަޑު އައި ދިމާލަށް ބަލާލަމުން އައްސަދު ހޯދާލިއެވެ. ބަގީޗާ ގަހެއްގެ ފުރަގަހުން މާނީ ނުކުތެވެ. މާނީ ފެނުމާއެކު އައްސަދުގެ އުފާވެރިކަން ނަފުރަތަށް ބަދަލުވެގެން ދިޔައެވެ. ކުރިމަތީގައި ހުރި މޭޒުގައި ޖަހާ ވިއްސާލަމުން އައްސަދު ތެދުވިއެވެ. މާނީގެ އިތުރުން ތައުފީގުވެސް ދިޔައީ ސިއްސައިގެންނެވެ.
“މިއީ އޭނަގެ ކަމެއްދޯ.” ރުޅިވެރިކަމުން ފުރިގެންވާ އަޑަކުން އައްސަދު ވާހަކަ ދެއްކީ ތައުފީގުއާއެވެ. “ތައުފީގު އޭނާއާ ގުޅުން ބާއްވަންޏާ އަހަރެން ތައުފީގާ ގުޅުން ކަނޑާނަން.” އިސްޖަހައިގެން ހުރި ތައުފީގަށް ބަލާލެވުނީ އައްސަދުގެ މޫނަށެވެ. މާނީއަށް ރޮވުނެވެ.
އައްސަދު ހިނގައިގަތީ އެތަނުން ނުކުންނާށެވެ. މާނީ ދުއްވައިގަތީ އައްސަދު ހިފެހެއްޓުމަށެވެ. އަދިވެސް ހިތްވަރު އެލުވާލާކަށް އޭނާ ބޭނުމެއް ނޫނެވެ. ނަމަވެސް ތައުފީގު މާނީ ހިފެހެއްޓިއެވެ. އެވަރުންވެސް މާނީ ގަދަހެދީ އައްސަދު ގާތަށް ދާށެވެ. އޭނާގެ ކިބައިން މާފަށް އެދޭށެވެ. އެންމެފަހުން ތައުފީގަށް ކެތްނުވެގެން ހަޅޭއްލަވައިގަންނަމުން މާނީ ހަމައަކަށް އެޅުވިއެވެ.
“ތިއީ ބޭކާރު ކަމެއް.” ރޮމުން ތައުފީގު ވާހަކަ ދެއްކިއެވެ. “އަހަރެން މީގެ ކުރިން ނުދެކެން ބޭބެ އެހާ ރުޅި އައިސްފަ ހުއްޓައެއް. ދެން ތިކަން ހުއްޓާލާ މާނީ. ތިކަން ހުއްޓާލާ.” ތައުފީގު މާނީގެ ނިތުގައި ނިތް ޖައްސާލިއެވެ. މާނީވެސް ދިޔައީ ގިސްލާ ރޮމުންނެވެ. “އެކަމަކު އަހަރެން މާނީއާ ގުޅުން ކަނޑާކަށް ބޭނުމެއް ނޫން.”
“ނޫން. ތީކީ އެއްގޮތަކަށްވެސް ރަނގަޅު ގޮތެއް ނޫން.” މާނީ ތައުފީގުގެ ކަންކަށިދަށަށް އަތްލައްވާލަމުން ތައުފީގުގެ މޫނަށް ބަލާލިއެވެ. “އަހަރެން ބޭނުމެއް ނޫން އަހަރެންގެ ސަބަބުން ޒަމާންވީ ތިޔަ މާތް ގުޅުން ކެނޑިގެންދާކަށް. އަހަރެން އެހާވެސް އަމިއްލައެދުން ބޮޑެއް ނޫނޭ.” މާނީ ތައުފީގުގެ އަތު ތެރެއަށް ފައްޖަހާފައި އޮތް ކަރުދާސް ގަނޑެއް ލިއެވެ. “ދެން ދޭ ބޭބެ ގާތަށް. އަހަރެން ދެން ދާނީ އަހަރެންގެ ރަށަށް. އަހަރެންގެ މަންމަ ގާތަށް. މަންމަގެ ހިތްހެޔޮކަން ލިބިއްޖެއްޔާ ﷲގެ އިރާދަފުޅުން ހުރިހާ ކަމެއްވެސް ދާނީ ރަނގަޅަށް. ދެން ދޭ. ދޭ ތައުފީގު ދޭ.” މާނީ ތައުފީގު ކޮށްޕާލިއެވެ. ތައުފީގު ހުއްޓޭ ކޮންމެ ފަހަރަކު ކޮށްޕާލައެވެ. ދާން ބޭނުން ނުވި ނަމަވެސް ތައުފީގަށް ޖެހުނީ ދާށެވެ.
ތައުފީގު އެދިޔަ ގޮތަށްގޮސް ވަނީ އައްސަދުގެ ކޮޓަރިއަށެވެ. އޭނާ ހުރީ ރުޅިއައިސް ފުފި ފުފިއެވެ. އަލަމާރީގައި އެއްޗެހި އަޅުވަން ހުރި އައްސަދު އަލަމާރީގެ ދޮރުފަތް ލައްޕާލުމަށްފަހު ތައުފީގާ ދިމާލަށް އެނބުރިލިއެވެ.
“އަހަރެން ހިޔެއް ނުކުރަން ކަލޭ ތިހާ ރަހުމް ކުޑަ ވާނެ ކަމަކަށް. އެފަކީރު އެވަރުން ކޮށްދިން ހުރިހާ ކަމެއް އެހާ އަވަހަށް ހަނދާން ނައްތާލީތަ؟ ކަލެއަށާ މާއްކޮއަށާ މިގެއަށް އޭނާ ނުކޮށްދެނީ ކޮންކަމެއް؟ އެކަމަކު އެއިން އެއްކަމެއްގެ އަގުވެސް މިއަދު ވަޒަން ކުރެވިއްޖެތަ؟ ނިކަން ވިސްނާލަ ބަލަ. ކަލެއަށް މިއަދު ހިނގާ ބިނގާވެ ތިޔަ އުޅެވެނީވެސް ހަމަ އެ މާނީ ކުރި ހިތްވަރަކުންނޭ. އޭނާ އެހީތެރިވެ ނުދިންނަމަ މިއަދު މިދުވަސް ފެންނާނެތަ؟” ތައުފީގަށް ރޮވުނެވެ. “އޭނާ ބޭނުންވީ ހަމައެކަނި ބޭބެގެ ހިތްހެޔޮކަން. ބޭބެގެ މާފު. އެކަމަކު ބަދަލުގަ އޭނާއަށް މިލިބުނީ ކޯޗެއް؟” ކަރުނަތަށް ފޮހެލަމުން ތައުފީގު އައްސަދާ ގާތަށް ޖެލިއެވެ. އަދި މާނީ ދިން ކަރުދާސް ގަނޑު އައްސަދަށް ދިއްކޮށްލިއެވެ. އެ ކަރުދާސް ގަނޑު އޮތީ ހަމަ މާނީ ދިން ގޮތަށެވެ. ތައުފީގު އޭތި ހުޅުވާވެސް ނުލައެވެ. “މިއޮތީ މާނީ ދިން އެއްޗެއް. އުންމީދު ކުރަން މި ކިޔާނެ ކަމަށް.” އައްސަދު ހުރީ އޭގައި ނުހިފާށެވެ. އެހެންކަމުން ތައުފީގު އައްސަދުގެ އަތުގައި ހިފާ އަތް ކުރިއަށް ގެނެސް އަތު ތެރެއަށް ކަރުދާސް ގަނޑު ލިއެވެ. “އަހަރެން ދެން ދަނީ. އަހަރެންވެސް ބޭނުމެއް ނޫން ދެން މިތާ މަޑު ކުރާކަށް. އަހަރެން މިދަނީ އަހަރެންގެ ރަށަށް. ހިތްހެޔޮ ކުރާތި.” ތައުފީގު އެތަނުން ނުކުމެގެން ދިޔައެވެ. ތައުފީގު ދިއުމާއެކު އައްސަދު އައި ރުޅިގައި ކަރުދާސް ގަނޑު ހޫރާލިއެވެ. އެކަރުދާސް ގަނޑު ގޮސްވަނީ އޭނާ ނިދާ އެނދުދަށަށެވެ.
އެންމެންގެ ނަޒަރު ހުއްޓިފައިވަނީ ރަށަށް އަރައިގެން ދިޔަ މާނީއަށެވެ. އެއްބަޔަކު ބުނަމުން ދިޔައީ އެއީ މާނީ ކަމަށެވެ. އަނެއް ބަޔަކު އެކަމަށް އިންކާރު ކުރަމުން ދިޔައެވެ. ނަމަވެސް އެންމެންވެސް އެއީ މާނީކަމަށް އިއްތިފާގުވީ އައިސާމަނިކެ މެންގެއަށް މާނީ ވަނީމައެވެ. އަހަރުތަކަކަށްފަހު ރަށަށް ބަދަލުތަކެއް އައިސްފައިވުމުގެ ސަބަބުން މާނީއަށް ގެ ހޯދަން އުނދަގޫވީ ނަމަވެސް މީހެއްގެ އެހީތެރިކަމެއްނެތި އޭނާ އޭނާގެ ގެ ހޯދިއެވެ.
މާނީ ގޭގެ ބޭރުން ގެއަށް ނަޒަރު ހިންގާލިއެވެ. ތެޅިގަލުން ހަދާފައިވާ އެގެ ހުރީ ވީރާނާ ވާންފަށާފައެވެ. އޭނާ އެގެ ދޫކޮށް ދިޔައިރުވެސް އެހާ ވަރަށް ވީރާނާ ވެފައެއް ނުވެއެވެ. ލައްޕާފައި ހުރި ދޮރު ހުޅުވާލަމުން މާނީ އެތެރެއަށްވަނެވެ. ދުވި ނުބައިވަހުން މާނީއަށް ނޭފަތުގައި އަތް އެޅުނެވެ. އެވަހާ އެއްވަރަށް ގޭތެރެވެސް ފެންނަނީ އެހާ މުޑުދާރުކޮށެވެ. މިއިން ދުވަހަކުވެސް މީހަކު ވަދެލާފައި ނުވާ ގެއެއް ފަދައެވެ. މާނީ އޭނާގެ މަންމައަށް ގޮވާލިއެވެ. އެވަގުތު ކޮޓަރި ތެރެއިން މީހަކު ކުކުރާލިއަޑު އިވުނެވެ. މާނީ ކޮޓަރީގެ ދޮރުމައްޗަށް އެރުމާއެކު އައިސާމަނިކެ ހަޅޭއް ލަވަންފެށިއެވެ. އަނެއްކާވެސް މަށަށް އުނދަގޫކުރަންވަނީހޭ ކިޔާ ހަޑި ހުތުރު ބަސްތައް ގޮވަންފެށިއެވެ. ރޯނު ފުރި އެނދުގައި އޮތް މަންމަގެ ހާލު ފެނިފައި މާނީގެ ލޮލުން ކަރުނަ އޮހުނެވެ. އައިސާމަނިކެގެ މަގަތުން އިށީންދެލުމަށްފަހު އައިސާމަނިކެގެ ބޮލުގައި މާނީ ފިރުމާލުމުން އައިސާމަނިކެ ހަމައަކަށް އެޅުނެވެ. އަދި ކުކުރަމުން ކާކުހޭ އަހާލިއެވެ.
“މަންމާ.” މާނީއަށް ގިސް ލެވެމުން ދިޔައެވެ. “މިއީ މަންމަގެ މާނީއޭ. މަންމަގެ އަންހެން ދަރި.” މާނީ އެހެން ބުނުމުން އައިސާމަނިކެ ރޮއެ ގަންނަމުން މާނީގެ އަތްތިލައިގައި ދެއަތުން ހިފާލުމަށްފަހު ބޮސްދޭން ފެށިއެވެ.
“ދަރިފުޅާ. ދަރިފުޅު ތިއައީ ދޯ.” އައިސާމަނިކެ ވާހަކަ ދެއްކީ އުނދަގުލުންނެވެ. އިރުއިރުކޮޅުން ކެއްސާވެސްލައެވެ. “މަންމަ ހާދަ ވަރަކަށް ދަރިފުޅު ހޯދައިފީމޭ. ދަރިފުޅަށް ގުޅޭތޯ ރަށު އޮފީހަށްވެސް ދިޔައިން. އެކަމަކު އެތާ ތިބި މީހުންނަށްވެސް ވީ ކަމެއް ހަރާން.”
“ކޮއްކޮމެން ކޮބާ؟ މުއީނުއާ މާނިއުއާ މުބީނުވީ ކޮންތާކު؟”
“އެމީހުންގެ ވާހަކަ ނުދައްކާ. މުއީނުއާ މާނިއުވެސް މިހާރު މީހުންނާ އިނދެފި. އަންހެނުން ދޫކޮށްލާފައެއް ނާންނާނެއްނު. މުއީނުއާ މާނިއުއާ ކިޔަވާ ނިންމައިގެން މާލެ ދާން ބޭނުން ވެގެން މާލެ ފޮނުވީ. އެކުދިން ބުނީ އަމިއްލައަށް މަސައްކަތްކޮށްގެން ވަޒީފާއަކަށް ގޮސްގެން ކިޔަވާނީއޭ. ޗުއްޓީގަ މަންމަ ގާތަށް އަންނާނަމޭ ބުނީ. އެހެންވެ ފޮނުވީ. ދެން މުބީނުވެސް ބޮޑުވަމުން އައި ވަރަކަށް އެކުލާހު ކުދިންވެސް މާލެ ކިޔަވަން ދަނީއޭ ކިޔާފަ މާލެ ދާން ކިޔަންފެށީ. އެންމެފަހުން ކުރުނުކޮށްގެން މަންމަ އެދަރިވެސް ފޮނުވީ. އެކަމަކު ދިޔަގޮތަށް އެއިން އެކަކުވެސް ޚަބަރެއް ނުވޭ. ކުޑަމިނުން މަންމަގެ ހާލުވެސް ބަލާވެސް ނުލާ. މަންމަ ބަލިވެގެން އަޅާލާނެ މީހަކު ނެތީމަ އެކުދިންނަށް ގުޅޭތޯ ރަށު އޮފީހަށްވެސް ދިޔައިން. ރަށު އޮފީހުން ގުޅީމަ އެމީހުން ބުންޏޯ އަންނާނަމޭ. އެކަމަކު އަދި އަދަށް ދާންވެސް ހަބަރެއް ނުވޭ. ދެން މަންމަ ދަރިފުޅު ހޯދޭތޯ އުޅުނީ. އެކަމަކު ރަށު އޮފީހު މީހުންނަށް ދަރިފުޅާ ގުޅޭ ގޮތެއްނުވި. އުޅޭ ތަނެއް ނޭނގޭތީޔޯ. ދަރިފުޅާ.” އައިސާމަނިކެ އިތުރަށް ރޮއެގަތެވެ. “މިމަންމައަށް މާފު ކުރޭ. މިމަންމައަށް ދަރިފުޅާ ދޭތެރޭ ކަންތައް ކުރެވުނީ ރަނގަޅަކަށް ނޫން. މިއަދު މަންމައަށް ވިސްނިއްޖެ މީހުން ބުނަނީ ތެދެއްކަން. ކިތަންމެ ގިނައިން ފިރިހެން ދަރިން ލިބުނަސް އަންހެން ދަރިއަކު ނޫނީ މަންމައެއް ނުބަލާނެ. ދަރިފުޅު މިއަދު އެކަން ސާބިތުކޮށްދީފި.”
“އަހަންނަކަށް ނޭނގެ މަންމަ އުޅެނީ މިހާލުގަ ކަމެއް. އަހަރެން ހީކުރީ މުއީނުމެން ވަރަށް ލޯބިން މަންމަ ބަލާނެ ކަމަށް. އަހަރެން މަންމަގެ ހާލެއްވެސް ބަލާނުލީ އަހަރެން މަންމައަށް ކުރި ނަފުރަތެއްގެ ބޮޑު ކަމުން. އަހަންނަށް ކުރިން އެނގުނު ނަމަ އަހަރެން އައިމުސް. އަހަންނަށް މާފު ކުރޭ މަންމާ.” މާނީ ރޮއެގަތުމުން އައިސާމަނިކެ މާނީގެ ބޮލުގައި ފިރުމާލިއެވެ. އެވަގުތު މީހަކު ބޭރުން ސަލާން ގޮވާލިއަޑު އިވުނެވެ. މާނީ ދެލޯ ފުހެލާފައި ބޭރަށް ނުކުތެވެ. ދޮރުމަތީގައި ހުރީ އަވައްޓެރިއެއް ކަމަށްވާ ސަކީނާއެވެ.
“އަހަރެންވެސް ހިޔެއް ނުކުރަން މުއީނުމެން އެހެން ކަންތައް ކޮށްފާނެ ކަމަކަށް.” ސަކީނާއާއި މާނީ ވާހަކަ ދައްކަންތިބީ ގޭގެ އަނެއް ފަރާތުގައި ހުރި ޖަނބުރޯލުގަހުގެ ހިޔާގަނޑުގައި ބަހައްޓާފައި ހުރި ފައްޖެހިއެނދުގައެވެ. “އައިސަ އެންމެ ލޯބިން ބަލާބޮޑުކުރީ އެކުދިން ވިއްޔަ. ހެޔޮވެސް ނުވާނެ އެހެން ހަދަން.”
“އަހަންނަށްވެސް ތިހެން ހީވެފަ ނެތީމަ އާދެވުނުލެއް ލަސްމިވީ.” މާނީބުނެލިއެވެ. “ދެން ސަކިންތަމެންވެސް މިގެއަށް ވަދެލާ ނުހަދަންތަ؟”
“އައިސަގެ ބަލި ބޮޑުވުމުގެ ކުރިން ހުރިހާ ކަމެއްގަވެސް އެހީވީ ހަމަ އަހަރެން. އެކަމަކު ބަލި ބޮޑުވުމަށްފަހު އެކަކަށްވެސް ވަދެ އުޅޭކަށް ފަސޭހައެއް ނޫން. އެހެރަ ގޮވާލާ އަވަގުރާނަ، މީހަކު ހިތް ފަޅައިގެން ދާވަރުވާނެ. ވަރަށްފަހުން ރަށުއޮފީހުންވެސް އުޅުން މިތަން ސާފު ކުރަންވެގެން. އެކަމަކު އައިސަގެ އަމަލުތައް ހުންނަ ގޮތުން އެމީހުންނަށްވެސް އެކަމެއް ނުވި. ދަރިންގެ ފަރާތުން އަޅާލުން ނުލިބުނީމަ އައިސައަށް އެހެރީ ވަރަށް ބޮޑަށް އަސަރުކޮށްފަ. ދެން އެކަމަކު މާނީ ތިޔަ އައީތާ. ހުރިހާ ކަމެއްވެސް ރަނގަޅުވާނެ. މަންމަ ގޮވައިގެން ރަނގަޅަށް އުޅެވޭތޯ ބަލާ.”
ގޭތެރޭގެ ކަންކަމާއި މަންމަގެ ކަންކަމާއި މާނީ ހަވާލުވިއެވެ. މުޑުދާރުކޮށް އޮތް ގޭތެރެވެސް އެކަނިމާއެކަނި އޭނާ ސާފު ކުރިއެވެ. މަންމައަށް ގަޑިން ގަޑިއަށް ކައްކާ ކާންދީ ފެންވަރުވާ ސާފުތާހިރު ކުރެއެވެ. އަދި ޑޮކްޓަރަށް ދެއްކުމަށްފަހު ގަޑިން ގަޑިއަށް ބޭސްވެސް ދެއެވެ. ކުރަންޖެހޭ އެންމެހާ ޚަރަދުތައް ކުރުމަށް ފައިސާ ހޯދަން މަސައްކަތް ކުރާ މީހަކީވެސް މާނީއެވެ. އެގޮތުން މީހުންގެ ގެވަޅު ސާފު ކުރުމާއި މީހުންނަށް ތަންތަން ކުނި ކަހައިދިނުން ފަދަ ކަންކަން ކޮށްގެން މާނީ ފައިސާ ހޯދަމުންދިޔައެވެ.
މާނީ ކުރިން އުޅެފައިވާ ގޮތުން ރަށުގެ ރައްޔިތުންގެ މެދުގައި މާނީގެ އަގުވަނީ ވެއްޓިފައެވެ. އެހެންކަމުން މިހާރުވެސް މީހުން މާނީއާއި ދިމާލަށް ފާޑު ފާޑުގެ އެއްޗެހި ކިޔަމުން ދިޔައެވެ. ނަމަވެސް މާނީއަށް ފަރުވާލެއްނެތެވެ. އޭނާއަކީ މިހާރު މުޅިން އެހެން މާނީއެކެވެ. އޭނާގެ ވިޔާނުދާ އުޅުން ދޫކޮށްލިތާ ކިތަންމެ ޒަމާނެކެވެ. މީހުން އެކަން ގަބޫލު ނުކުރިޔަސް އޭނާގެ ހިތަށް އެކަމުން ކުރާ އަސަރެއް ނެތެވެ. މަންމަގެ ޚިދުމަތުގައި އޭނާ އެރަށުގައި އުޅެމުން ދިޔައީ އިސް އުފުލައިގެންނެވެ. އެގޮތުގައި ދުވަސްތައް ވޭތުވަމުން ދިޔަ ވަރަކަށް އެމީހުން މާނީއާމެދު ދެކެމުން ދިޔަ ގޮތް މަޑުމަޑުން ބަދަލުވަމުން ދިޔައެވެ. މުޅިން ތަފާތު މާނީއެއް ފެންނަމުން ދިއުމުގެ ސަބަބުން މުޖުތަމައުގައި އަނެއްކާވެސް އޭނާގެ އަގު މައްޗަށް ޖެހެމުންދިޔައެވެ. އިޚްތިރާމު ދީގެން އޭނާ އިޚްތިރާމް ހޯދިއެވެ.
ޑްރެސިންގް ޓޭބަލް މަތީގައި އޮތް ގަލަން ނަގާ ޖީބަށް ޖަހަން އުނުޅު ވަގުތު އައްސަދުގެ އަތުން ގަލަން ދޫވެގެން ވެއްޓި އެނދުދަށަށް ވަނެވެ. އެނދުދަށަށް އަތް ލައްވާ ގަލަން ހޯދަން މަސައްކަތް ކުރި ވަގުތު އައްސަދުގެ އަތުގައި ޖެހުނީ ކަރުދާސް ގަނޑެކެވެ. އައްސަދު އެކަރުދާސް ގަނޑު ދަމާނެރުނު އިރު އޭތި އޮތީ ފައްޖަހާފައެވެ. އެއީ މާނީ ދިން އެއްޗެއް ކަމަށްބުނެ ތައުފީގު އޭނާއަށް ދިން ކަރުދާސް ގަނޑު ކަން އައްސަދު ހަނދާންވިއެވެ. ދެޚިޔާލެއްގައި އިނދެފައި އައްސަދު އެކަރުދާސް ގަނޑު ހުޅުވާލިއެވެ. އޭގައިވާ ބަސްތައް ބައިތުތަކަކުން ކުރުކޮށްލާނަމެވެ.
އެދެމުން އޮހުން ފޮނި ކަރުނަތައް
އެދެމުން އުފާ ކުރި ވަގުތުތައް
އެދެމުން ކަލާގެ ހިމާޔަތަށް
އެދެނީ މަޢާފު ނިހާޔަތަށް
މިތުރާ އަހުރަވެތި ކަންމަތީ
ފިރުމާލަދެއްވި އެ ތަންމަތީ
ފިކުރާވެ ކުރި ތަޢުރީފުތައް
އެދެނީ މަޢާފު ނިހާޔަތަށް
ލަޢުނަތް ދެޔޭ އެބަ ވިންދުވެސް
އައުދާނަކަން ނެތް ޖިސްމުވެސް
އައު ފެށުމަކުން އަޅު ފެއްޓުމަށް
އެދެނީ މަޢާފު ނިހާޔަތަށް
ލުހި ވަކި ވެދާނެ ފުރާނަޔާ
ރިހިރިހި މިއޮތް ހިތު ލޭފަޔާ
މިހިތަށްވި ހައްޤު ހިތާމަތައް
އެދެނީ މަޢާފު ނިހާޔަތަށް……..
އެލިޔުން ކިޔާ ނިމުނު އިރު އައްސަދުވަނީ ފެންކަޅިވެފައެވެ. އޭނާއަށް ހައިރާންކަން ގެނުވީ ނިންމާލަމުން މާނީ ބުނެފައިވާ ބަސްކޮޅެވެ. އެބަސްކޮޅުން އޭނާ ގާތަށް ހިނިވެސް އައެވެ.
ފަތިސް ނަމާދަށް ތެދުވެ އައިސާމަނިކެއަށް ގޮވުމަށްފަހު މާނީ ދިޔައީ ވުޟޫ ކުރާށެވެ. ވުޟޫކޮށްގެން ނުކުތް އިރުވެސް އައިސާމަނިކެއެއް ނުތެދުވެއެވެ. އެހެންކަމުން އަނެއްކާވެސް މާނީ ގޮވިއެވެ. ދެންވެސް ޚަބަރެއް ނުވިއެވެ. މާނީގެ ހިތްތެޅިލިއެވެ. އެއީ މީގެ ކުރިން ދުވަހަކުވެސް ވީ ކަމެއް ނޫނެވެ. އެހެންޏާ ގޮވާލުމުން އައިސާމަނިކެ ތެދުވާނެއެވެ. އޭނާއަކީ އެހާ ނިދިގަދަ މީހެއް ނޫނެވެ. މާނީއަށް ހީވި އެއްޗަކުން ހިތްބިރުން ތެޅެންފެށިއެވެ. މާނީ އައިސާމަނިކެގެ އަތުގައި ހިފާލިއެވެ. އެއަތް ވަރަށް ފިންޏެވެ. މާނީގެ ދެލޯބޮޑުވިއެވެ. ދެންވެސް އޭނާ ގަބޫލު ކުރާކަށް ބޭނުމެއް ނުވިއެވެ. އައިސާމަނިކެގެ ނޭފަތް ދޮށަށް މާނީ އިނގިލި ލެއްވިއެވެ. ނޭވާއެއް ނުލައެވެ. އައިސާމަނިކެ މަރުވީކަން އެނގުމާއެކު އައިސާމަނިކެގެ ގައިގާ ބައްދައިގަންނަމުން މާނީ ހަޅޭއްލަވައިގަންމުން ރޮއެގަތެވެ.
އައިސާމަނިކެ މަރުވި ޚަބަރު ދިނުމުން އައިސާމަނިކެގެ ހުރިހާ ފިރިހެންދަރިންވެސް މަންމަގެ މޫނު ބަލަން އައެވެ. އެންމެ ކުޑަމިނުން މަންމަގެ މޫނު ބަލަން އެކުދިން އައިސްދިނީތީ މާނީ އެކުދިންނަށް ޝުކުރުވެރިވިއެވެ. އަދި ޝަކުވާވެސް ކުރިއެވެ. މަންމައަށް އެކުދިންގެ އެހީތެރިކަން އެންމެ ބޭނުންވީ ދުވަހު މަންމަ އެކަނިކޮށްލީތީއެވެ. އެކުދިން ރޮއެރޮއެފައި މާނީގެ އަރިހުން މާފަށް އެދުނެވެ. ނަމަވެސް މާފަށް އެދެންވީ މާނީގެ އަރިހުން ނޫން ކަމަށާއި މާފަށް އެދެންވީ މީހާ އެދިޔައީ ކަމަށް މާނީ ބުންޏެވެ. ދެން ކުރެވެން އޮތްހާވެސް ކަމަކީ މަންމަގެ މައްޗަށް ހެޔޮ ދުޢާ ކުރުން ކަމަށް މާނީ އެކުދިންނަށްވިސްނައިދިނެވެ.
އައިސާމަނިކެ ވަޅުލާ ނިމުމަށްފަހު ތައުޒިޔާ ކިޔާ ހިތްވަރުދެމުން އަވައްޓެރިންވެސް މާނީމެން ގެއިން ހިންގައްޖެއެވެ. މާނީ ގޭތެރޭގެ މަސައްކަތްތަކަށް އެނބުރުނީ ހިތަށް އަސަރު ނުކުރާތީއެއް ނޫނެވެ. ދެރަވީ ނަމަވެސް ރޮއެގެން ވާނެ ކަމެއް ނެތީމައެވެ. ނަމަވެސް މާނީއަށްވުރެ އޭނާގެ ކޮއްކޮމެން މާ ހިތްވަރު ދެރައެވެ. ފިރިހެނުންނަށް ވިޔަސް އެމީހުންގެ ރުއިމަކަށް ބަދަލެއް ނާދެއެވެ. ވާނީވެސް އެހެންތާއެވެ. މަންމަ ވަކިވެގެން ދިޔައިރުވެސް އެމީހުންނަށް މަންމައަށްކޮށްދެވުނު ކަމެއް ނެތެވެ. އެންމެ ބޮޑަށް އަސަރުކޮށްފައިވަނީ އެންމެ ހަގަށްހުރި މުބީނަށެވެ. މާނީ އޭނާ ގެނެސް މެއާލާ ބޮނޑިކޮށްގެން އިނދެ ހިތްވަރުދެމުން ދިޔައެވެ.
އޭގެ އަނެއް ދުވަހު އެކުދިން އެނބުރި މާލެ ދިއުމަށް ފުރިއެވެ. އެކުދިން މާނީ ގެންދަން ބޭނުންވީ ނަމަވެސް މާނީ އެކަމަށް އިންކާރު ކުރުމުން އެކުދިންފުރީ މާނީ ރަށުގައި ބަހައްޓާފައެވެ. މާނީ ގޭގައި އެކަނިވިއެވެ. އެކަނިވީ ހިނދު އޭނާ ހިތްފުރެންދެން ރުޔެވެ. މީހަކު ބޭރުން ސަލާން ގޮވާލީ އޭނާ ރޯން އިންދައެވެ. އަވަސް އަވަހަށް ކަރުނަތައް ފުހެލުމަށްފަހު ސަލާމް ބަލައިގަންނަމުން މާނީ ބޭރަށް ނުކުތެވެ. ދޮރުމަތީގައި ހުރި އައްސަދުފެނިފައި މާނީ ސިހުނެވެ. މާނީ އައްސަދުގެ ފަހަތް ހޯދާލިއެވެ. އައްސަދާއެކު އިތުރު މީހަކު އައިތޯއެވެ.
“ތައުފީގެއް ނާދެ.” އައްސަދު ބުނެލިއެވެ. މާނީއަށް ލިބުނީ އިތުރު ސިހުމެކެވެ. ނަމަވެސް އޭނާ އެކަން ނުދައްކާވޭތޯ މަސައްކަތް ކުރިއެވެ.
“މާއްކޮ ކޮބާ؟” މާނީ އަވަސް އަވަހަށް އަހާލިއެވެ.
“މާއްކޮ އެއްވެސް ނުގެންނަން.” އައްސަދު ހީލިއެވެ. “އަހަންނަށް ހުރިހާ ކަމެއްވެސް އެނގޭ. ކީއްވެ މާނީ އަހަންނަށް ސިއްރު ކުރީ؟” އައްސަދު އަހާލިއެވެ.
އައްސަދަސް ކިޔާ ނުދެވި ހުރި ސިއްރުތައް މާނީ ކިޔާދިނެވެ. އޭނާގެ ދިރއުޅުން ސިންގަޕޫރަށް ބަދަލު ކުރުމަށްފަހު މީހަކާ އިންކަމަށާއި، އެމީހާގެ ފަރާތުން ލިބުނު އަނިޔާތަކާއި، އެއަނިޔާތަކުގެ ސަބަބުން މާނީގެ ދިރިއުޅުން ބަދަލުވެގެން ދިޔަ ގޮތެވެ. އަދި އެނބުރި އައިސް މާނީގެ ނަން ބަދަލުކޮށްގެން އައްސަދަށް އެހިތެރިވީ ސަބަބެވެ.
“އަހަރެން މިދައްކަނީ ތިވާހަކައެއް ނޫނޭ.” އައްސަދު ހިނިގަނޑެއް ޖަހާލިއެވެ.
“ދެން ކޮން ވާހަކައެއް؟” ނުވިސްނިފައިހުރި މާނީ އަހާލިއެވެ. އައްސަދު މާނީއަށް ކަރުދާސް ގަނޑު ހުޅުވާފައި ދައްކާލިއެވެ. އެ ކަރުދާސް ގަނޑު ފެނުމާއެކު އެއީ މާނީ ތައުފީގަށް ދިން ކަރުދާސްގަނޑުކަން މާނީ ދެނެގަތެވެ. ސުވާލުގެ ނަޒަރަކުން މާނީ އައްސަދަށް ބަލާލިއެވެ. އައްސަދު ހިނިތުންވެލިއެވެ.
“އައްސަލާމް އަލައިކުމް.” މީހަކު ސަލާމް ގޮވާލިއަޑަށް ކާށި އެހެން ހުރި ތައުފީގު ސަލާމް ބަލައިގަތެވެ. އަދި ނިތްކުރިމަތިން ހިއްލާފައި ހުރި ދާތައް ފުހެލަމުން އެނބުރިލީ ވަގުތު އެތެރެއަށް ވަދެގެން އައި މާނީއާއި އައްސަދު ފެނިފައި އަތުގައި އޮތް ކާށި ދޫވެގެން ވެއްޓުނެވެ. މާނީ ތައުފީގުގެ ކުރިމައްޗަށް ހުއްޓުނު އިރު މޫނުމަތިން ފެންނަނީ ރުޅިވެރިކަމެވެ.
“އަހަރެން ތައުފީގަށް ދޭ އެއްޗެހި އެހެން މީހުންނަށް ދޭން ޖެހޭތަ؟” މާނީ ދެއްކީ ކަރުދާސްގަނޑުގެ ވާހަކައެވެ.
“މާނީ…ކޮން އެއްޗެއް…ކޮން އެއްޗެއްގެ ވާހަކަ ތިބުނީ؟” ލިބުނު ޝޮކެއްގެ ސަބަބުން ތައުފީގަށް ވާހަކަ ދެއްކުނީ އަޅައިގަންމުންނެވެ. ތައުފީގު އެހެން އެހުމުން މާނީ ދައްކާލީ ފައްޖަހާފައި އޮތް ކަރުދާސްގަނޑެވެ. އަދި ތައުފީގު އަތަށް އެ ކަރުދާސްގަނޑު ދެމުން އޭގައި އޮތް އެއްޗެއް ކިޔަން އެދުނެވެ.
ތައުފީގު އެކިޔާ ނިންމާލި އިރު ލޮލުން ކަރުނަ ނިރާލާފައިވެއެވެ. އަދި އެންމެ ފަހުން ލިޔެފައިވާ ބަސްކޮޅުގެ ސަބަބުން އޭނާއަށް ކުރުވާފައިވަނީ ފުން އަސަރުތަކެކެވެ. ބަޔާން ކުރަންދަތި އުފަލެއް ލިބުނެވެ. ފަހު ބަސްކޮޅުގައިވެއެވެ.
“ތައުފީގުއެވެ. ދެން ހިތާމަ ނުކުރައްޗެވެ. އުފާ ކުރާށެވެ. އަހަރެން ލޯބި ވަނީ ތައުފީގު ދެކެއެވެ.”
“އަހަރެން ބުނިންތަ އަހަރެން ލޯބި ވަނީ އައްސަދު ދެކެޔޭ. ނުބުނަމެއްނު. އަހަރެން ހަމައެކަނި ބޭނުންވީ އައްސަދުގެ މާފު. މިއަދު އެވެސް ލިބިއްޖެ. އަހަރެން ލޯބިވަނީ ތައުފީގު ދެކެ. އޭރު އަހަރެން މާލެއައީ ހަމައެކަނި އައްސަދުގެ މާފު އެދިގެން. މާފު ލިބުމަށްފަހު އެނބުރި ދާގޮތަށް. އެއީ އޭރު އަހަންނަކީ މީހެއްގެ އަންތްބެއްވީމަ. އެކަމް އަހަންނަށް ތައުފީގުގެ ފުށުން ފެނުނު އޯގާތެރިކަމާ ގުރުބާނީގެ ސަބަބުން އަހަންނަށް ތައުފީގު ދެކެ ލޯބި ވެވުނީ.” މާނީ މިހެން ބުނުމާއެކު ތައުފީގު މާނީގެ ގައިގާ ބައްދައިގަތެވެ.
“ދެން ކީއްވެ ކުރިން ނުބުނީ؟” ތައުފީގު ޝަކުވާ ކުރިއެވެ.
“އަހަރެން ހީކުރީ އެދުވަހު އައްސަދުގެ މާފު ލިބޭނެ ކަމަށް. އަހަރެން ނިންމައިގެން ހުރީ މާފު ލިބުނީމަ ތައުފީގަށް މި ލިޔުންދީފަ ސަޕްރައިޒްކޮށްލަން ވެގެން. އެކަމް އައްސަދު ތައުފީގާ ގުޅުން ކަނޑާނެ ވާހަކަ ބުނީމަ އަހަރެން ބިރުގަތީ. އެހެންވެ ބުނަން ނުކެރިގެން ލިޔުން ދީފަ ދިޔައީ. އަހަރެން ތައުފީގަށް އިންތިޒާރު ކުރިން. އެކަމް ދެން ތައުފީގު ނައީމަ އަހަރެން ހީކުރީ އަހަރެންގެ މައްޗަށް އައްސަދު އިސްކުރީ ކަމަށް. އެކަމަށްވެސް އަހަރެން ހުރީ އުފާކޮށްގެން. އެކަމް މިއަދު އައްސަދު އައީމަ މިއެނގުނީ އައްސަލު ކަންވީގޮތް.” މާނީ ކިޔާދިނެވެ. ތައުފީގު މާނީގެ މޫނުމަތީގައި ބޮސްދެމުން ދިޔައީ ލިބުނު އުފަލެއްގެ ބޮޑުކަމުންނެވެ. ފެންނަމުން ދިޔަ އިފާވެރި މަންޒަރުން އައްސަދަށްވެސް ރޮވުނެވެ.
“އަސްލު އަހަރެން ކިހާ ނަސީބު ގަދަ.” މާނީ އަނެއްކާވެސް ވާހަކަ ދެއްކިއެވެ. “އަހަންނަށް ވަރަށް ގިނަ މީހުންގެ ލޯބި ލިބުނު. އެކަމަކު އަހަންނަށް އޭގެ އަގު ވަޒަން ކުރަން ނޭނގުނީ.” މާނީ ބަލާލީ އައްސަދާ ދިމާލަށެވެ. “އެކަމަކު މިއަދު އަހަންނަށް މިވަނީ ހަގީގީ ލޯބި އެނގި ދަސްވެ އެލޯބި ހާސިލްވެސް ވެފަ. މިކަހަލަ ނަސީބެއް ލިބޭނީ މަދު ބަޔަކަށް.”
އާއެކެވެ. މާނީއަކީ ވަރަށްވެސް ނަސީބުގަދަ މީހެކެވެ. އޭނާގެ ހިންމަތާއި މިންނަތުން މިއަދު އެވަނީ އެންމެންގެ މާފު ލިބި އެމީހުންގެ ލޯބިވެސް ލިބިފައެވެ. މާފު ދިނުމަކީ ވަރަށް މާތް މަތިވެރި ސިފައެކެވެ. އަހަރެމެންގެ އިސްލާމް ދީނުގައިވެސް އެކަމަކަށް ބާރު އަޅުއްވާފައިވާ ޢަމަލެކެވެ. އިންސާނުން ތަޢުބާވުމަށްފަހު، ﷲ ސުބުޙާނަހޫ ވަތަޢާލާވެސް އެމީހުންނަށް މާފު ދީ ކުށްފާފަތައް ފުއްސަވާދެއްވައެވެ. ވީއިރު އެކަކު އަނެކަކަށް މާފުނުދީ ތިބެން އަހަރެމެންމީ ކޮންބައެއް ހެއްޔެވެ. މީހަކަށް އޭނާގެ ކުށް ގަބޫލު ކުރެވި، ހެޔޮ ހިތުން މާފަށް އެދުމުން އެމީހަކަށް ތިމާ މާފު ދިނުމަކީ އެމީހެއްގެ ކުރި މަތީގައި ތިމާގެ ދަރަޖަ ދަށަށްދާނޭ ކަމެއް ނޫނެވެ. އޭގެ ބަދަލުގައި ﷲގެ ހަޟްރަތުގައި ތިމާގެ މަގާމް އުފުލޭނެ ކަމެކެވެ. (ނިމުނީ)
ނޯޓް: މިވާހަކަ ލިޔެ ނިންމާލެވުނީތީ ﷲގެ ހަޟްރަތަށް ޙަމްދު ކުރަމުން މިވާހަކަ ވިދާޅުވި އެންމެހާ ކިޔުންތެރިންނަށް ހިތުގެ އަޑިން ޝުކުރު އަދާ ކުރަމެވެ. އަދި އަޅުގަނޑުގެ މިވާހަކަ ޕަބްލިޝް ކުރުމުގެ ފުރުސަތު ދެއްވި ކަމަށްޓަކައި އެސްފިޔަ.ކޮމް އަށް ވަރަށް ޚާއްސަ ޝުކުރެއް އަދާ ކުރަމެވެ. މިއީ އަޅުގަނޑު ލިޔުނު ފުރަތަމަ ދިގު ވާހަކައެވެ. އަދި އޮންލައިންކޮށް ތިޔަ ބޭފުޅުންނާއި ހިއްސާ ކުރި ފުރަތަމަ ވާހަކަވެސްމެއެވެ. އެހެންކަމުން ވާހަކަ ގެނެސްދިނުމުގައި މައްސަލަ ހުރެދާނެކަން އަޅުގަނޑު ގަބޫލު ކުރަމެވެ. އަދި ތިޔަ ބޭފުޅުންގެ ފާޑު ވިދާޅުވުމަކީ އަޅުގަނޑަށް ލިބުނު ކުރިއެރުމެއް ކަމަށް ދަންނަވަމުން ފާޑުވިދާޅުވި އެންމެހާ ކިޔުންތެރީންނަށްވެސް ޝުކުރުއަދާކުރަމެވެ. ﷲގެ އިރާދަފުޅުން ކުރިއަށް ތާނގާ އެކަންކަން ރަނގަޅު ކުރާނަމެވެ. އަދި މިވާހަކައަކީވެސް ތިޔަ އެންމެހާ ބޭފުޅުންނަށް ކަމުދިޔަ ވާހަކައެއް ކަމަށް އުންމީދު ކުރަމެވެ.
7 Comments!
Comments are closed.
Mistake eh ebeh. Maany bunefa eyny thimanna mee myhegge firiekey. Ethan change kohlaa. Aneh hen v salhi vaahaka eh
Ehme fahun mivaahaka nimunee dhow vaahaka varah varah reethi thank u mifadha reethi vaahakaeh kiyaalan genes dhineethee
Vaahaka v rythi. ..ummedhukuran kuriyah oeh thaangaves thaadhige vaahaka kiyumuge furusathu libeynekamahh. .?
Vaahaka nimun iru maakko kobaa?
V V V reethi adhives mihahala reethivaahakaeh fonuvaba
Vrh reethi
Vara reethi.. kurin i am a fan of binma now you can be the 1st in my list I love your this story