ތިޔަ ނަން މި ހިތުގާ 1
ޓަރމިނަލް އިން ނިކުމެ ނޫރީން ދެކޮޅު ބަލާލިއެވެ. ނޫރީންއާ ދިމާއަށް އަތް ހޫރާލި ޝަފަގު ފެނުމާއެކު ނޫރީންގެ ލޯ ފެންކަޅިވެގެން ދިޔައެވެ. ފޮށި ދަމަމުން ޝަފަގުއާ ހިސާބަށް ދާންވީ އިރަށް ނޫރީންއަށް ރޮވިއްޖެއެވެ. އެ މަންޒަރު ފެނުމުން ދެއަތް ހުޅުވާލަމުން ޝަފަގުއަށް ނޫރީންއާ ދިމާއަށް ހިނގައިގަނެވުނެވެ. ފޮށީގެ އަތްގަނޑުން ދޫކޮށްލާފައި ނޫރީންއަށްވެސް ޝަފަގުގެ އަތު ތެރެއަށް ވަދެވުނެވެ.
“މިތާ ނުތިބެ ހިނގާ އަވަހަށް ދާން” ނޫރީންގެ ބޮލުގައި ފިރުމާލަމުން ޔާސިރު ޝަފަގުއަށް ބުންޏެވެ.
ބޯ ޖަހާލަމުން ނޫރީން ގަޔާ ކައިރި ކޮށްލައިގެން ޝަފަގު ކުރިއަށް ހިނގައިގަތެވެ. އެ މީހުންގެ ފަހަތުން ނޫރީންގެ ފޮށި ދަމަމުން ޝަފަގުއާ ޔާސިރުގެ ހަގު ދަރިފުޅު ޒަޔާން އައެވެ.
މާލެއަށް ދެވެން ދެން ނޫރީން ނުރޮއެ އިނެވެ. ގެއަށްވެސް ނުގޮސް ނޫރީން ބޭނުންވީ ބައްޕަ ކައިރިއަށް ހޮސްޕިޓަލަށް ދާށެވެ. އެހެންވެ ނޫރީންގެ އެދުމަށް އެ މީހުން ފުރަތަމަ ދިޔައީ ހޮސްޕިޓަލަށެވެ.
އެނދުމަތީ އޮތް ޝާމިހް ފެނުމާއެކު އަނެއްކާވެސް ނޫރީންއަށް ރޮވުނެވެ. އެނދާ ކައިރި ވެލާފައި ނޫރީން ޝާމިހްގެ އަތުގައި ހިފާލަމުން ގޮވާލިއެވެ. ނޫރީން ވަނުމުން ޝާމިހް ކައިރީ އިން އަޒްޔަން ބޭރަށް ނިކުތެވެ.
ޝާމިހް ލަސްލަހުން ލޯ ހުޅުވާލާ ހުރި ހަމައެކަނި ދަރިފުޅަށް ބަލާލިއެވެ. އެ މޫނުން ހިނިތުންވުމެއްގެ އަސަރު ފެނުނެވެ. ޝާމިހްގެ އަތުގައި ހިފާލައިގެން ހުރި ނޫރީންގެ އަތްތިލައަށް މަޑުމަޑުން ފިތާލީ އެއްޗެއް ބުނަން ބޭނުން ވެގެން ކަން ނޫރީންއަށް ވިސްނުނެވެ.
“ކީކޭ ބައްޕާ، އަޑު އަހަން މީނީ” ޝާމިހްގެ އަނގަޔާ ކަންފަތް ކައިރި ކޮށްލަމުން ނޫރީން ބުންޏެވެ.
“އަޒްޔަން.. ކޮބާ؟” ލަސްލަހުން ޝާމިހް އަހާލިއެވެ.
“ބޭރުގަ ކަންނޭނގެ. ބައްޕަ ރެސްޓް ކޮށްލާ. އަޅުގަނޑު މިއިނީ ބައްޕަ ކައިރީ” ޝާމިހްގެ ބޮލުގައި ފިރުމާލަމުން ނޫރީން ބުނެލީ އެއްވެސް ކަމަކާ ޝާމިހް ކަންބޮޑުވާން ނޭދޭތީއެވެ.
“ޔާސިރު..؟” އަނެއްކާވެސް ޝާމިހް އަހާލިއެވެ. ޝާމިހް ކޮންމެވެސް ވާހަކައެއް ދައްކަން ބޭނުން ވެގެން އުޅޭހެން ހީވެއެވެ.
“ބޭރުގަ އެބަހުރި، ގޮވާލަން ވީތަ؟” އެ ވަގުތުވެސް އަޒްޔަންއާ ޔާސިރު ހޯދަން ޝާމިހް އުޅޭތީ ހިތްނުތަނަވަސް ވެފައި އިނދެ ނޫރީން އަހާލިއެވެ.
ޝާމިހް ބޯ ޖަހާލުމުން ނޫރީން ބޭރަށް ނިކުމެ ޔާސިރުއަށް ގޮވާލިއެވެ. އައިސީޔޫގެ ބޭރުގައި ހުރި ގޮނޑިބަރީގައި އިން އަޒްޔަންއަށް ވެސް ނޫރީން ގޮވާލިއެވެ.
“އަޒްޔަންވެސް” ޔާސިރު ވަންނަން އައުމުން ނޫރީން ބުންޏެވެ.
އަޒްޔަންވެސް ތެދުވެގެން ޔާސިރުއާ ނޫރީންގެ ފަހަތުން ވަނެވެ.
“ޔާސިރު.. އަޒްޔަން.. އަހަރެންގެ ނޫރީން.. ބަލައިދެއްޗޭ” ޔާސިރުއާ އަޒްޔަން ވަނުމުން ޝާމިހް އެ ދެމީހުންގެ ނަން ކިޔާލަމުން އެދުނެވެ.
ޝާމިހްގެ އަތުގައި ހިފާލަމުން ޔާސިރު ވަގުތުން ބޯ ޖަހާލިއެވެ. އެނދުގެ ފައިލާ ކޮޅުގައި ހުރި އަޒްޔަން ޝާމިހްގެ ފައިތިލައިގައި ހިފާލަމުން ބޯ ޖަހާލީ ޔާސިރު ގޮވާލުމުންނެވެ.
އަޒްޔަންއަށް ބަލާލެވުނީ ނޫރީންއަށެވެ. އެ ވަގުތު ނޫރީންގެ ނަޒަރުވެސް ހުރީ އަޒްޔަންއަށެވެ. ނަމަވެސް އަޒްޔަން ބަލާލުމާއެކު ނޫރީން ދުރު ބަލާލިއެވެ.
ނޫރީން ބައިންދާފައި ޔާސިރުއާ އަޒްޔަން އަނެއްކާވެސް ބޭރަށް ނިކުތެވެ. ޝަފަގު އައިސް ނޫރީން ގާތު ގެއަށް ދާން ބުނީ އެރޭ އިރުއޮއްސުނު ފަހުންނެވެ. ނިދިއައިސް، އަދި އެއަށްވުރެ ބޮޑަށް ވަރުބަލިވެފައި ހުރުމުން ނޫރީންވެސް ދެކޮޅެއް ނުހަދައެވެ.
“ބޭބެތަ މަޑުކުރަނީ؟” ބޭރަށް ނިކުމެފައި ނޫރީން އަހާލިއެވެ.
“ބޭބެ އަންނާނަން ނަމާދު ކޮށްލައިގެން، އެހާ އިރު ވަންދެން އަޒްޔަން އިންނާނެ” ޝަފަގު ބުންޏެވެ.
ކާރުގައި ޝަފަގުއާ ނޫރީން ގޮސް މަޑުކޮށްލީ ދިހަ ބުރީގެ އިމާރާތެއް ކައިރިއަށެވެ. ކާރުން ފައިބާފައި ޝަފަގުގެ ފަހަތުން ނޫރީން ދިޔައެވެ. ލިފްޓުން ޝަފަގު ނުކުތުމުން ނޫރީން މައްޗަށް ދާން އުޅުނެވެ.
“ޝަފައްތަމެން ގޭގަ އިހަށް މަޑުކޮށްލާނީ، ފަހުން ދާން ވެއްޖެއްޔާ ނޫރީންމެން ބަޔަށް ދެވިދާނެ” ނޫރީންގެ އަތުގައި ޝަފަގު ހިފަހައްޓާލިއެވެ.
ޝަފަގުގެ އެދުމަށް ދެކޮޅު ހަދަން ނުކެރިގެން ނޫރީން ބޯ ޖަހާލިއެވެ.
ޝަފަގު ދެއްކި ކޮޓަރިއަށް ނޫރީން ވަނީ ޖެހިލުންވެފައި ހުރެއެވެ. އެއީ އަޒްޔަންގެ ކޮޓަރި ކަން އެނގެތީއެވެ. އެތެރެއަށް ވަދެ ދޮރު ލައްޕާލާފައި އެ ކޮޓަރިއަށް ވަށައިގެން ނޫރީން ބަލާލިއެވެ. އެންމެ ފަހުން ނޫރީންއަށް އެ ކޮޓަރީގެ އެތެރެ ފެނިފައި ވަނީ އޭގެ ބާރަ ވަރަކަށް އަހަރު ކުރިންނެވެ.
ދެފަރާތަށް ބޯ ހަލުވާލަމުން އަލަމާރި ކައިރީ ހުރި ފޮށި ހުޅުވާލާ، ކުރުތާއަކާ ހަރުވާޅެއް ނަގައިގެން ނޫރީން ފުރަތަމަވެސް ފާހާނާއަށް ވަދެ ފެންވަރާލިއެވެ. ދޮރުގައި ޓަކި ޖަހާލި އަޑު އިވުނީ ނޫރީން ފެންވަރައިގެން ނިކުމެ އިސްތަށިގަނޑުގައި ފުނާ އަޅަން ހުއްޓައެވެ. އަވަސް ކޮށްލާފައި އަޅި ކުލައިގެ ކުޑަ ބުރުގާއެއް އަޅާލަމުން ނޫރީން ދޮރު ހުޅުވިއެވެ.
“އެއްޗެއް ކާލަން އަންނަން ވީނު؟” ދޮރުމަތީ ހުރި ޝަފަގު ބުންޏެވެ.
“ޝަފައްތާ، އަޒްޔަން.. އަޒްޔަން ކޮންތާކު ހުންނާނީ؟” ނޫރީން އަހާލިއެވެ.
“އިހަށް ޒަޔާންގެ ކޮޓަރިއަށް އަޒްޔަން ބަދަލު ވީ. އޭރުން ނޫރީންއަށް ފަސޭހަ ވާނެއެއްނު؟” ޝަފަގު ހީލަމުން ނޫރީންގެ ބުރަކަށީގައި ފިރުމާލިއެވެ.
“އަޅުގަނޑު މި ކޮޓަރީގެ ހުރީމަ އަޒްޔަންއަށް އުނދަގުލެއް ނުވާނެތަ؟” ނިކުމެ ދޮރު ލައްޕާލަމުން ނޫރީން އަހާލިއެވެ.
“ނުވާނެ. އަޒްޔަން ބުނެގެންނޭ މިހެން ހެދީވެސް” ޝަފަގު ބުންޏެވެ.
ޝަފަގުގެ ފަހަތުން ނޫރީން ނިކުތް އިރު ކާމޭޒު ކައިރީ ޒަޔާންއާ ޔާސިރު ތިއްބެވެ. ނޫރީން އިށީނުމުން ޝަފަގުވެސް އެ މީހުންނާ ބައިވެރިވާން އިށީނެވެ.
ނޫރީންއަށް ކެވުނީ ހަމައެކަނި ދޮންކެޔޮ ވަކެކެވެ. ޝަފަގު ބުނެގެންވެސް އެހެން އެއްޗެއް ނުކައި ފެންތަށި ބޯލައިގެން ނޫރީން ކޮޓަރިއަށް ވަނީ ނިދި އައިސްފައި ހުރި ވަރުންނެވެ.
ނޫރީންއަށް ހޭލެވުނީ ޝަފަގު ގޮވާލުމުންނެވެ. ލޯ ހުޅުވާލި އިރު އެނދުގެ މަގަތުން އިށީނދެ އިން ޝަފަގުގެ މޫނުމަތިން ކަންބޮޑުވުމުގެ އަސަރު ފާޅުވާން ހުއްޓެވެ.
“ކިހިނެއްވީ؟” ފުންމައިގެން ތެދުވެ ނޫރީން އަހާލިއެވެ.
“އަޒްޔަން ގުޅީ ދެންމެ.. އަވަސް ކޮށްލައިގެން ހޮސްޕިޓަލަށް ދާން ތައްޔާރުވެލާ..” ޝަފަގު ބުންޏެވެ.
ޝަފަގު ބުނަން ފެށި ޖުމްލަ ނުނިމެނީސް ނޫރީން ފާހާނާއަށް ވަދެއްޖެއެވެ. އަވަސް އަވަހަށް މޫނު ދޮވެލައިގެން ނޫރީން ނިކުމެ ފޮށިން ނެގި ހެދުމަށް ބަލާލާފައި އެ ހެދުން އެނދުމައްޗަށް އެއްލާފައި ކުރިން ލައިގެން ހުރި ހެދުން ހިފައިގެން އެނބުރިލަން ވީ އިރަށް ޝަފަގު ކޮޓަރިން ނިކުތެވެ. އަވަހަށް އެއްޗެހި ބަދަލުކޮށްގެން ޝޯލް އަޅައިގެން ނޫރީން ކޮޓަރިން ނިކުތް އިރު ސިޓިންގްރޫމްގައި ޔާސިރުއާ ޝަފަގު ތިބީ ނޫރީންގެ އިންތިޒާރުގައެވެ.
ހޮސްޕިޓަލަށް ވަދެވުމުން ނޫރީން އެހެން މީހުންނަށް ވުރެ ކުރިން ގޮސް ޝާމިހްގެ އެނދު ކައިރީ ހުއްޓުނެވެ. އޭރު ޝާމިހްގެ ކަނާއަތް ފަރާތުގައި ޝާމިހްގެ އަތުގައި ހިފަހައްޓާލައިގެން އަޒްޔަން ހުއްޓެވެ.
“ދަރިފުޅު އައީތަ؟” ނޫރީން ފެނުމުން ހިނިތުންވެލާފައި ޝާމިހް އަހާލިއެވެ.
ބައްޕަގެ އަތުގައި ހިފާލަމުން ނޫރީން ބޯ ޖަހާލިއެވެ. ނޫރީންގެ ފަހަތުން އައިސް ޝަފަގުއާ ޔާސިރު، ޝާމިހް އޮތް އެނދުގެ ފައިލާ ކޮޅުގައި މަޑުކޮށްލީ އެ ވަގުތުއެވެ.
“ދަރިފުޅު އަޒްޔަންގެ ބަސް އަހައްޗޭ، ޝަފަގުއާ ޔާސިރު އެއީ މަންމައާ ބައްޕަ ކަމުގަ ދެކެއްޗޭ.. މަންމައަށާ ބައްޕައަށް ދުޢާ ކޮށްދެއްޗޭ، ބައްޕަމެންގެ ތި ދަރިފުޅު ނޫން އެހެން ކުއްޖަކު ނެތް..” ޝާމިހް ލަސްލަހުން ބުންޏެވެ.
“ބައްޕާ..” ރޮވެން ފެށުމުން ނޫރީން ގޮވާލިއެވެ.
“ޔާސިރު.. އަހަރެން އެއްވެސް އެއްޗެއް ބޭނުމެއް ނޫން.. އަހަރެންގެ ދަރިފުޅުގެ އުފާ ނޫން އެއްޗެއް ބޭނުމެއް ނޫން..” ޔާސިރުއަށް ބަލާލަމުން ޝާމިހް އެދުނީ ކޮން ކަމެއް ކަން ޔާސިރުއަށް ވިސްނުނެވެ. ޝާމިހްއަށް ބަލާލަމުން ޔާސިރުއާ ޝަފަގު އެކީ ބޯ ޖަހާލިއެވެ.
“އަޒްޔަން..” ޝާމިހް އެންމެ ފަހުން ބަލާލީ އަޒްޔަންއަށެވެ. އަޒްޔަން ބޯ ޖަހާލުމުން، ނޫރީންގެ އަތްތިލައަށް ދަމާލަމުން ގެންގޮސް އަޒްޔަންގެ އަތްތިލައާ ގުޅުވާލީ ޝާމިހްއެވެ. އެކަކު އަނެކަކަށް ބަލާލަމުން އަޒްޔަންއާ ނޫރީން އަތުގެ އިނގިލިތައް މަހާލިއެވެ. ރޮވިފައި ހުރި ނޫރީން ޝާމިހްއަށް ބަލާލަމުން ބޯ ޖަހާލިއެވެ. ޝާމިހް ލޯ މަރާލަމުން ލަސްލަހުން ޝަހާދަތުގެ ކަލިމަތައް ކިޔާލިއެވެ. އެންމެ ފަހު ކަލިމައާ އެކު ފުން ނޭވައެއް ދޫކޮށްލާ މީހާ ހިމޭންވިއެވެ.
“ބައްޕާ…” ނޫރީން ވައިއަޑުން ގޮވާލިއެވެ. މޫނުމައްޗަށް އަނދިރިވެގެން ވެއްޓެން ދިޔަ ކަމެއް ނޫރީންއަށްވެސް ނޭނގެއެވެ. ހޭލެވުނު އިރު ނޫރީން އޮތީ އެނދެއްގައެވެ. ކައިރީގައި ގޮނޑިއެއްގައި އަޒްޔަން އިނެވެ.
ބައްޕަ މަތިން ހަނދާން ވުމާއެކު ނޫރީން ތެދުވަން އުޅުނެވެ. އެއާއެކު އަނެއްކާވެސް މޫނުމައްޗަށް އަނދިރި ވެލުމުން ނޫރީން އެނދުގައި ހިފަހައްޓާލިއެވެ.
“އިހަށް އޮށޯވެލަން ވީނު؟ ޑޮކްޓަރ އަންނާނެ އައިވީ ހުސްވާން ވާ އިރަށް” އަޒްޔަން ތެދުވެ ނޫރީންގެ ކޮނޑުގައި ހިފާލަމުން ބުންޏެވެ. އަތަށް ގުޅާފައި އިން އައިވީ ނޫރީންއަށް ފާހަގަވީ އަޒްޔަން އެހެން ބުނުމުންނެވެ. ބައްޕަ ބަލިވި ޚަބަރު ލިބުނު ވަގުތުން ފެށިގެން އެވީ ދެ ދުވަސް ތެރޭ ނޫރީންއަށް އެއްފަހަރުވެސް ނުކެވޭ ކަން ހަނދާންވިއެވެ.
“ބައްޕަ..” ނޫރީންއަށް ބުނެވުނީ ހަމައެކަނި އެހެންނެވެ.
“މަންމައާ ބައްޕަ އެބަތިބި ނޫރީން ބައްޕަ ކައިރީ. އަދި ހުރިހާ ކަމެއް ނުނިމޭ” ނޫރީންއަށް އެނދުގައި އަލުން އޮށޯތުމަށް އެހީ ވަމުން އަޒްޔަން ބުންޏެވެ.
އެއާއެކު ނޫރީންއަށް ރޮވުނީއެވެ. އަޒްޔަންއާ ދުރަށް މޫނު އަނބުރާލަމުން ނޫރީން މޫނުގައި އަތް އަޅާލިއެވެ.
އިރުކޮޅަކު ބަލަން ހުރެފައި އަޒްޔަން އެނދުގައި އިށީނދެ ނޫރީން ނަގާ އަޒްޔަންގެ މޭގައި ޖައްސާ ބައްދާލިއެވެ. ބަހެއް ނުބުނެ އެ އިން ގޮތަށް ނޫރީންއަށް ހުއްޓާލެވެން ދެން އަޒްޔަން އިނެވެ.
“ސޮރީ..” ރުއިން ހުއްޓާލެވުމުން ދުރަށް ޖެހިލާފައި ނޫރީން މާފަށް އެދުނެވެ.
އަޒްޔަން އެއްޗެއް ނުބުނެ ނޫރީންގެ މޫނު ފޮހެދިނެވެ.
“ރޯކަށް ނުވާނެ.. ދެރަވާނެ ކަން އެނގޭ، އެކަމަކު ހިތްވަރު ކުރަން ވާނެ. ނޫރީންގެ ބައްޕަ ބޭނުމެއް ނުވާނެ ނޫރީން ދެރަވެގެން ރޯކަށް.. އިރާދަ ކުރެއްވިއްޔާ ނޫރީންގެ ބައްޕަ ނެތަސް އަހަރުމެން މި ތިބީ ނޫރީންއާ އެކީ، ނޫރީންއަށް އެހީ ވާން” އަޒްޔަން ބުންޏެވެ.
އެއީ ފާއިތުވި ތިން އަހަރެއްހާ ދުވަސް ތެރޭ އަޒްޔަން އެންމެ ގިނައިން ނޫރީންއާ ވާހަކަ ދެއްކި ފަހަރެވެ.
ނޫރީން ބޯ ޖަހާލިއެވެ.
ދެން އައި ދެ ހަފްތާ ތެރޭ އަޒްޔަން ގިނަ ވަގުތު ހޭދަ ކުރީ ނޫރީން ފެންނަ ހިސާބުގައެވެ. ވާހަކަތަކެއް ނުދެއްކި ނަމަވެސް، ނޫރީންއަށް ރޮވޭ ކޮންމެ ފަހަރަކުހެން އަޒްޔަންގެ އަތުތެރެއިން ނޫރީންއަށް ހިމާޔަތް ދެއެވެ. އެ އާއިލާގެ އެންމެން ނޫރީންއަށް އަޅާލާ ވަރަށް ވުރެ ބޮޑަށް އަޒްޔަންގެ ފަރާތުން އަޅާލުން ލިބެއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
11 Comments!
Comments are closed.








ސަލާމް، އާ ވާހަކައެއް ގެނެސްދޭން މި ފެށުނީ. މާޝާ ހީކުރަން މި ވާހަކަވެސް ކިޔުންތެރިންނަށް ކަމުދާނެ ކަމަށް. ކޮންމެ އާދީއްތަ އަދި ބުދަ ދުވަހަކު އާ ބައެއް ގެނެސްދެވޭތޯ ބަލާނަން.
Masha Allah vrh reethi ♥️..
thank u
Mi part ves varah reethi. Curiously waiting for next part???
thank u
This a pro story?
noon, mee free story eh
Masha Allah. Vrh reethi. dhen oiyy episode ah hama kehmadhu…
thank u
Masha Allah vrh reethi waiting for next ep
thank u