ބޮޑީގާޑު 15 (ފަހުބައި)
ޒިޔާދު އެޕާޓްމަންޓަށް ވަދެގެން އައީ ބިރުގަނެފައި ހުރި މީހެއް ފަދައަކުން ނޫނެވެ. އޭނާގެ އަތުގައި އޮތް ބަޑި އަމާޒުވެފައި ހުރީ ސީދާ ޒޭންއަށެވެ. އޭނާގެ ދަރިފުޅު ދިރިހުރިކަން އެނގުމުން ލިބުނު އުފަލަށްވުރެ އޭނާގެ ރަސްކަމަށް އޮތް ނުރައްކާ އޭނާއަށް މާ ބޮޑެވެ. ޒިޔާދުގެ ތުންފަތަށް ވެރިވީ ބިރުވެރި ހިނިތުންވުމެކެވެ. އޭނާ ހިފަހައްޓައިގެން ހުރި ބަޑީގެ މުށް އިތުރަށް ބާރުކޮށްލަމުން، ޒޭންގެ ދެލޮލަށް ސީދާ ބަލާލިއެވެ.
“ކަލޭ ހީކުރީ ކަލޭގެ އެ ކުޑަކުޑަ ޑްރާމާ އަކީ އަހަރެން ސިއްސުވާލެވޭނެ އެއްޗެއް ކަމަށްތަ؟ ޒޭން. ކަލޭ މަރުނުވާކަން އަހަންނަށް އެނގޭތާ ކިތަންމެ ދުވަހެއް. ކަލޭ އެ ފުން ކަނޑަށް ވެއްޓުނު ރޭވެސް އަހަރެންގެ ހިތް ބުނަމުންދިޔަ ކަލޭ ކޮންމެވެސް ގޮތަކުން ސަލާމަތްވާނޭ. އަހަރެންގެ ސެކިއުރިޓީންނަށް އެރޭ ކަލޭގެ ހަށިގަނޑު ނުފެނުނު ހިސާބުން އަހަރެން ހުރީ ކަލޭ އެނބުރި އަންނާނެ ވަގުތަކަށް ތައްޔާރުވެގެން.”
ޒޭންގެ މޫނުމަތިން ކުޑަ ސިހުމެއް ފެނުނެވެ. ނަމަވެސް ޒިޔާދު ވާހަކަ ކުރިއަށް ގެންދިޔައެވެ.
“އާނ. އަހަންނަށް އެކަން ސާބިތުކޮށްދެވޭނެ ހެއްކެއް ނެތް. އެކަމަކު ކަލޭގެ ކޮންމެ ހަރަކާތަކަށް އަހަރެން ފާރަލަމުން ދިޔައިން. އިނާ ކަލޭ ސަލާމަތްކޮށްގެން މި މާލޭގައި ގެންގުޅޭކަން އެނގުނު ދުވަހުވެސް އަހަރެން ހުރީ ހިމޭނުން. ކޮންމެއަކަސް، ކަލޭ ދިރިހުރިކަން އެނގުމުން އަހަރެންގެ ހިތަށް ލިބުނު ހަމައެކަނި ހަމަޖެހުމަކީ ކަލޭގެ ފުރާނަ ދުއްވާލުމުގެ ފުރުސަތު އަހަރެންގެ އަމިއްލަ އަތުން ލިބޭނެތީ.”
“ބައްޕާ ހުއްޓާލާ!” ޒިމާމް ބާރަށް ހަޅޭއްލަވައިގަތެވެ.
“ޒިމާމް. މަޑުން ހުރޭ!” ޒިޔާދު އަމުރުކުރިއެވެ. އަދި އަލުން ޒޭންއާ ދިމާލަށް އެނބުރުނެވެ. “ކަލޭމެން ހީކުރީ އަހަރެންގެ ކުރިމަތީގައި ކުޅިވަރު ކުޅެވޭނެ ކަމަށްތަ؟ މިރޭ މިތަނުން އެކަކުވެސް ސަލާމަތެއް ނުވާނެ.”
“ބައްޕަގެ ހިތަކީ ހަމަ ހަޤީޤަތުގައިވެސް ހިލަގަނޑެއް. އަމިއްލަ ދަރިފުޅު ދިރިހުރިކަން އެނގުމުން ބައްޕަގެ ހިތަށް ލިބުނު ހަމައެކަނި އިހުސާސަކީ ބިރުވެރިކަންތަ؟ ބައްޕަ ބިރުގަންނަނީ އަހަރެން ދެކެއެއް ނޫން. ބައްޕަ ބިރުގަންނަނީ ބައްޕަގެ ތި ރަސްކަމާ ބާރާއި ނުފޫޒު ގެއްލިދާނެތީ. ބައްޕަގެ ކޮރަޕްޝަނާއި ވައްކަމާއި އަދި ހުރިހާ ނުބައި އަމަލުތަކެއް ބޭޒާރުވެދާނެތީ.” ޒޭން ބުންޏެވެ. އޭނާގެ ދެލޮލުގައި ވަނީ ނަފްރަތާއި ވޭނެވެ.
ޒިޔާދު މަލާމާތުގެ ރާގަކަށް ހީގަތެވެ. “ރަސްކަމޭ؟ އާނ. މިއީ އަހަރެންގެ ރަސްކަން. މި ހުރިހާ މުއްސަނދިކަމާއި ބާރަކީ އަހަރެންގެ ލެޔާއި ދަލުން ހޯދި އެއްޗެއް. ކަލޭގެ މަންމަ އުޅުނީ އެ ހުރިހާ އެއްޗެއް ފުލުހުންގެ އަތްމައްޗަށް ދޭން. އޭނަ ބޭނުންވީ އަހަރެން މަގުމަތިކޮށްލަން. އެހެންވީމާ، އޭނަ ނައްތާލުމަކީ އަހަރެން ކުރި ހެޔޮ ކަމެއް. ކަލޭ ކޮންމެހެން އެކަމުގެ ބަދަލު ހިފަން އުޅޭނެ ކަމެއް ނެތް. ތިއީ ހުސް ބޭކާރު ކަންކަން.”
“ހެޔޮކަމެކޭ؟” ޒިމާމްގެ އަޑު ތުރުތުރުލައިގަތެވެ. އޭނާ އިންތިހާ ދަރަޖައިގެ ވޭނާއެކު އޭނާގެ ބައްޕައަށް ބަލާލިއެވެ. “ބައްޕާ… މަންމަ މަރާލީ ބައްޕަގެ އަމިއްލަ އަތުންނޭ ބުނާއިރު ބައްޕަގެ ހިތަށް ކުޑަވެސް އަސަރެއް ނުކުރޭތަ؟ އަހަރެން މިއަދާ ހަމައަށް ބައްޕަގެ ހުރިހާ ސިއްރެއް ހިފަހައްޓައިގެން ބައްޕަގެ ހިމާޔަތުގައި ހުރީ މިއީ އާއިލާ ކަމަށް ދެކިގެން. އެކަމަކު ބައްޕަ ތީ ބައްޕައެއް ނޫން. ބައްޕަ ތީ ގާތިލެއް.”
“ޒިމާމް ކަލޭ ތީ އަބަދުވެސް ބަލިކަށި މީހެއް. ކަލޭ ހީކުރަނީ މި ދުނިޔޭގައި އުޅެވެނީ ކުލުނާއި ލޯބިން ކަމަށްތަ؟ ކަލޭ ޖަލުން ފިލުވީވެސް އަހަރެންގެ ބާރުގައި. ކަލޭ މިއަދު ތިހުރި މަގާމަށް ކަލޭ ގެނައީ އަހަރެން. އެހެންވީމާ ކަލޭ ތިހުރީ އަހަރެންގެ ދަރަންޏެއްގެ ދަށުގައި.” ޒިޔާދުގެ ބާރު އަޑުން އޭނާ ބުނެލިއެވެ.
“ބައްޕަ ހީކުރަނީ ފައިސާއާއި ބާރުން ހުރިހާ ކަމެއް ފޮރުވާލެވޭނެ ކަމަށްތަ؟ ބަލާބަލަ.” ޒޭން އިޝާރާތް ކުރީ އިނާގެ އަތުގައި އޮތް ލެޕްޓޮޕަށެވެ. އިނާގެ ތުންފަތަށް ވެރިވީ ފިނި ހިނިތުންވުމެކެވެ. “ޒިޔާދު، ކަލޭ ބަޑި ހިފައިގެން ތިހުރި މަންޒަރާއި، ކަލޭގެ އެ އިއުތިރާފު.. މިހާރު މުޅި ރާއްޖެއަށް އެބަ ފެނޭ. އަހަރެންގެ ކެމެރާތައް ހުރީ ކަލޭ ވަންނާނެ ވަގުތަކަށް ތައްޔާރަށް. މިއަދު ކަލޭ މުޅި ދުނިޔޭގެ ކުރިމަތީގައި ބޭޒާރުވެއްޖެ. ކޮރަޕްޝަން ފައިލްތަކާއި، މަންމަ މަރާލަން ބޭނުންކުރި ވިހަ ބޭހުގެ ހެކިތައް މިހާރު ވަނީ ފުލުހުންގެ އަތްމަތީގައި.”
ޒިޔާދުގެ ދެލޯ ބޮޑުވެ ނޭވާ އަވަސްވިއެވެ. އޭނާ ބިނާކުރި ހުރިހާ އެއްޗެއް، އޭނާގެ އެންމެ ފަހުގެ އުންމީދުވެސް ވިއްސިވިހާލިވީއެވެ. ޒިޔާދުގެ ދެލޯ ރަތްވެ މޫނުމަތީގައި ހުރި އިންސާނިއްޔަތުކަމުގެ އެންމެ ފަހު ކުލަވަރުވެސް ފޮހެވިގެން ދިޔައެވެ. އޭނާ ހިފަހައްޓައިގެން ހުރި ބަޑީގެ މުށް ބާރުކޮށްލަމުން ސީދާ ޒޭންގެ މޭގެ މެދަށް އަމާޒުކޮށްލިއެވެ. “އެހެންވީމާ ހުރިހާ އެއްޗެއް ނެތިދާއިރު ކަލޭމެންވެސް ދިރިހުރިޔަކަ ނުދޭނަން.” ޒިޔާދު ޒޭން އަދި އިނާ އާއި ދިމާލަށް ބަލާލަމުން ބާރަށް ހަޅޭއްލަވައިގަތެވެ.
ބަޑީގެ އަޑު މުޅި އެޕާޓްމަންޓްގެ ތެރޭގައި ގުގުމާލިއެވެ. އެކަމަކު ވަޒަން އެރީ ޒޭންއަކަށް ނޫނެވެ. އިނާއަކަށްވެސް ނޫނެވެ. ޒިމާމް އޭނާގެ ހުރިހާ ހިތްވަރެއްލާފައި ގޮސް އޭނާގެ ކޮއްކޮގެ ކުރިމައްޗަށް އެރީއެވެ. ޒިމާމްގެ މެޔަށް ވަޒަން ވަދެގެން ދިޔައިރު އޭނާގެ ތުންފަތަށް ފަނޑު ހިނިތުންވުމެއް ވެރިވިއެވެ.
“ޒިމާމް.” ޒޭންއަށް ގޮވާލެވުނެވެ. އޭނާގެ އަޑުގައި ވަނީ ކުއްލި ސިހުމެކެވެ.
ޒިމާމް ބިންމައްޗަށް ވެއްޓެމުން ދިޔައިރު އިނާ ހުރީ ގަނޑުވެފައެވެ. ޒިމާމްގެ ލޭ އޭނާގެ ހުދު ހެދުމަށް ބުރައިގެން ދިޔައެވެ.
ޒިމާމް ވަރަށް އުނދަގުލުން ލޯ ހުޅުވާލިއެވެ. އޭނާގެ ދެލޮލުން މިހާރު ފެންނަނީ ނަފްރަތެއް ނޫނެވެ. އޭގެ ބަދަލުގައި ވަނީ ބަޔާންކުރަން ނޭނގޭ ފަދަ ހަމަޖެހުމެކެވެ. އޭނާ މަޑުމަޑުން ޒޭންގެ އަތުގައި ހިފާލިއެވެ.
“ކޮއްކޯ…ނުރޮއި…” ޒިމާމްގެ އަޑު ނިކުތީ ވަރަށް އުނދަގުލުންނެވެ. “އަހަރެން… އަހަރެން މި ދުވަހަށް އިންތިޒާރުކުރާތާ ކިތަންމެ ދުވަހެއް. މަންމަ… މަންމަ މަރުވި ރޭ އަހަރެން ހުރީ ދޮރު ފުރަގަހުގައި ބަލަން. ބައްޕަ އެ ވިހަ ބޭސްތައް ދިން މަންޒަރު އަހަރެން ދުށިން. އެކަމަކު އަހަރެން ބިރުގަތީ. ބައްޕަގެ ބާރާއި ނުފޫޒުގެ ކުރިމަތީގައި އަހަރެންވީ ފިނޑިއަކަށް. މަންމަގެ އެންމެ ފަހު ނޭވާގައި އަހަރެންގެ ލޮލަށް ބަލާލި ބަލާލުން… އަހަރެން ދުވަހަކު ވެސް ހަނދާނެއް ނުނެތޭނެ.” ޒިމާމް ކުޑަކޮށް ކެއްސާލިއެވެ. އޭނާގެ އަނގައިން ލޭ އައެވެ. “އެއީ އަހަރެން އަމިއްލަ ނަފްސު މަރާލި ރޭ. އަހަރެން ހީކުރީ.. ބައްޕަގެ ހިމާޔަތުގައި ހުރެގެން މި ހުރިހާ ފާފައެއް ފޮރުވޭނެ ކަމަށް… ކޮއްކޮ.. އެނބުރި އައުމުން އަހަރެން އުފާވެއްޖެ. އިނާ…” ޒިމާމް އޭނާގެ ނަޒަރު އިނާއަށް އަމާޒުކޮށްލިއެވެ. އިނާ އިނީ ޒިމާމްގެ ކައިރީގައި ކަކޫ މައްޗަށް ތިރިވެ، އަނގަމަތީގައި އަތްއަޅައިގެންނެވެ. އޭނާގެ ދެލޮލުން ހުއްޓުމެއް ނެތި ކަރުނަ ފައިބަމުން ދިޔައެވެ.
“އިނާ… އަހަރެންގެ ހިތް އަތުލީ ރޭވުމަކުން ކަމަށް ވިޔަސް… އަހަރެން އިނާ ދެކެވީ ހަޤީޤީ ލޯބި.. އެއީ މި ފާފަވެރި ހަޔާތުގައި އަހަރެން ކުރި ހަމައެކަނި ސާފު ތެދުވެރި ކަންތައް. މަރުވަމުންދާ މި ސިކުންތުގައިވެސް އަހަރެންގެ ހިތް ބުނަނީ.. އިނާ ދެކެ ވަރަށް ލޯބިވާ ވާހަކަ. އަހަންނަށް.. މާފުކޮށްދީ”
ޒިމާމްގެ ދެލޮލުން ކަރުނަ ފައިބަމުން ދިޔައިރު އޭނާގެ ނޭވާ ވަނީ އިންތިހާއަށް ކުރުވެފައެވެ. ކޮންމެ ނޭވާއަކާއެކު އޭނާގެ އަނގައިން ލޭތައް ބޭރުވަމުން ދިޔައެވެ. އޭނާ ތުރުތުރުލާ އަތުން ޒޭންގެ ގަމީހުގައި ބާރަށް ހިފަހައްޓާލިއެވެ. “ކޮއްކޯ…” ޒިމާމްގެ އަޑު ނިކުތީ ވަރަށް އުނދަގުލުން ބެދިފައިވާ ރާގަކަށެވެ. “ބޭބެއަށް… މާފުކުރާނަންތަ؟ އަހަރެން… އަހަރެން މަންމަގެ ގާތަށް މިދަނީ ވަރަށް ބޮޑު ލަދުވެތިކަމަކާއެކު. ބޭބެއެއްގެ.. މަގާމުގައި ހުރެ ބޭބެއެއްގެ ޒިންމާ އަދާކުރުމުގެ ބަދަލުގައި އަހަރެންވީ ކޮއްކޮގެ ހަޔާތް ބަނަކުރި މީހަކަށް.”
ޒޭންގެ ކަރުނަތައް ޒިމާމްގެ މޫނަށް ފޭބިއެވެ. “ބޭބޭ. ޕްލީޒް… ތިހެން ނުބުނޭ. އަހަރެން މާފުކޮށްފިން. ހުރިހާ ކަމަކަށް މާފުކޮށްފިން.”
ޒިމާމްގެ ދެލޮލުން ފޭބި އެންމެ ފަހު ކަރުނަ ތިއްކާއެކު އޭނާގެ ހަށިގަނޑުން ބާރުދޫވިއެވެ. އޭނާގެ އަތް ޒޭންގެ ގަމީހުން ދޫވެ، ބިމުގައި ޖެހުނީ އެއްވެސް ދިރުމެއް ނެތް ފަދަ ގޮތަކަށެވެ. އޭނާގެ ހަޔާތުގެ ހުރިހާ ތަދަކާއި ވޭނަކާއި އަދި ކުށްވެރިކަމުގެ އިހުސާސްތަކުން އޭނާ މިންޖުވީއެވެ.
“ބޭބޭ!” ޒޭންގެ ބާރު ހަޅޭކުގެ އަޑު މުޅި އެޕާޓްމަންޓްގެ ތެރޭގައި ގުގުމާލިއެވެ. އޭނާ ޒިމާމްގެ ފުރާނަ ނެތް މަސްގަނޑުގައި ބާރަށް ބައްދައިގެން ރޯން ފެށިއެވެ.
އިނާގެ ލޮލުން ހުއްޓުމެއްނެތި ކަރުނަ އޮހެމުން ދިޔައެވެ. އޭނާ ޒިމާމް ދެކެ ލޯބި ނުވިޔަސް ޒިމާމް އޭނާއަށްޓަކައި އެވީ ބޮޑު ގުރުބާނީ އޭނާގެ ހިތް ކުދިކުދި ކޮށްލައިފިއެވެ. ޒިމާމްގެ އެންމެ ފަހުގެ މާފަށް އެދުމާއި އެ ތެދުވެރި ލޯބީގެ އިގުރާރު އިނާގެ ކަންފަތުގައި އަބަދަށް ގުގުމާނެއެވެ.
ޒިޔާދު ހުރީ ބުދެއް ފަދައިން ހުއްޓުންއަރާފައެވެ. ޒިމާމްގެ ފުރާނަ ނެތް މަސްގަނޑު ޒޭންގެ އުނގުމައްޗަށް ދެމިގެން ދިޔަ މަންޒަރު ބަލަން ހުރި ޒިޔާދަށް ހީވީ އޭނާގެ ވަށައިގެންވާ މުޅި ދުނިޔެ އެކޮޅުކޮޅުން ޖެހުނު ހެންނެވެ. އޭނާގެ އަތުގައި އޮތް ބަޑި ބިންމައްޗަށް ވެއްޓުނީ އެއްވެސް އިޚުތިޔާރަކާ ނުލައެވެ. “ޒިމާމް..” ޒިޔާދުގެ އަޑު ބެދުނެވެ. އޭނާގެ ދެލޮލުން ފުރަތަމަ ފަހަރަށް ކަރުނަ ފައިބަންފެށިއެވެ. ޒިޔާދުގެ ހިތަށް އެވަގުތު އަރައިފޭބި އިހުސާސްތައް ބަޔާންކުރަން ދަތިވިއެވެ. އޭނާ ބިނާކުރި ހުރިހާ މުއްސަނދިކަމަކާއި، ހޯދި ހުރިހާ ބާރުތަކުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ އޭނާގެ އަނބިމީހާ މަރާލައިގެން ހޯދި ހަމަޖެހުން މިއަދު އެވަނީ ޒިމާމްގެ ލެޔާއެކު ފޮހެވިގެން ގޮސްފައެވެ. އޭނާ ކުރި ކޮންމެ ނުބައި އަމަލެއްގެ ބަދަލު މިއަދު އޭނާއަށް ލިބުނީ ހީވެސް ނުކުރާ ފަދަ ހިތްދަތި ގޮތަކަށެވެ.
ފުލުހުން އައިސް ޒިޔާދުގެ ދެއަތުގައި ބިޑި އެޅުވި ވަގުތުވެސް އޭނާ އެއްވެސް ދެކޮޅުވެރިކަމެއް ނުދައްކައެވެ. އޭނާގެ ދެލޯ ހުއްޓިފައި ހުރީ ޒިމާމްގެ މޫނަށެވެ. ޒިމާމްގެ އެންމެ ފަހުގެ “މާފުކުރޭ” ބުނި އަޑު އޭނާގެ ކަންފަތުގައި ބާރު ހޮނުގުގުރިއެއް ފަދައިން ގުގުމަމުން ދިޔައެވެ. އެއީ އޭނާގެ ދަރިފުޅު އޭނާއާ ވަކިވެގެން ދިޔަ އަޑެވެ. ކިތަންމެ ބާރުގަދަ މީހެއްގެ ގޮތުގައި މުޅި ޤައުމަށް ނުފޫޒު ފޯރުވި ނަމަވެސް މިއަދު އޭނާ ފެންނަނީ މުޅިން ނިކަމެތިވެ އިނދަޖެހިފައިވާ މީހެއްގެ ގޮތުގައެވެ.
އެޕާޓްމަންޓްގެ ތެރޭގައި އޮތީ މަރުފަދަ ހިމޭންކަމެކެވެ. ހަމައެކަނި އިވެނީ ޒޭންގެ ހިތްފަޅައިގެންދާ ފަދަ ރުއިމުގެ އަޑެވެ. އިނާ މަޑުމަޑުން ގޮސް ޒޭންގެ ކައިރީގައި އިށީނދެ އޭނާގެ ކޮނޑުގައި އަތް ބާއްވާލިއެވެ. ޒޭން، ޒިމާމްގެ ފިނިވަމުންދާ އަތުގައި ބާރަށް ހިފަހައްޓައިގެން އިނދެ އޭނާގެ ބޭބެގެ މޫނަށް ބަލަމުން ދިޔައެވެ. މިއީ އޭނާގެ ހަޔާތުގައި ލިބުނު އެންމެ ބޮޑު ކާމިޔާބީ ކަމުގައި ވިޔަސް އޭގެ އަގަކީ މިއީ ކަމަށްވާނަމަ އެ ކާމިޔާބީގެ އެއްވެސް އުފަލެއް މިއަދަކު އޭނާގެ ހިތަކު ނެތެވެ.
އަހަރެއް ފަސް…
ދުވަސްތައް ފާއިތުވަމުން ގޮސް އަހަރެއް ވީއިރު މުޅި ޤައުމަށް ވަނީ ބޮޑު ބަދަލެއް އައިސްފައެވެ. ޒިޔާދުގެ ކޮރަޕްޝަނާއި އޭނާ ހިންގާފައިވާ ލާއިންސާނީ އަމަލުތަކުގެ ހުރިހާ ތަފްސީލެއް އިނާގެ ރިޕޯޓުތަކުން ވަނީ ހާމަވެފައެވެ. ޒިޔާދު މިހާރު ތަންފީޒު ކުރަމުންދަނީ އުމުރު ދުވަހުގެ ޖަލު ހުކުމެކެވެ.
ޖަލުގެ ކުޑަކުޑަ ގޮޅިއެއްގެ ތެރޭގައި، ތޭރިތަކުގެ ބޭރުން ފެންނަ އުޑުމައްޗަށް ބަލަހައްޓައިގެން ޒިޔާދު އިނެވެ. އޭނާގެ އިސްތަށިގަނޑު މިހާރު ވަނީ މުޅިން ނުރަވެފައެވެ. ކުށްވެރިކަމުގެ އިހުސާސަކީ ކޮންފަދަ ބަރު އެއްޗެއް ހެއްޔެވެ؟ ކޮންމެ ރެއަކު ލޯ މަރާލުމާއެކު އޭނާއަށް ފެންނަނީ ޒިމާމް އެންމެ ފަހު ނޭވާ ދޫކޮށްލި މަންޒަރެވެ. އޭނާގެ އަނބިމީހާގެ އެންމެ ފަހުގެ އާހުގެ އަޑެވެ. އޭނާ އަށްޓަކައި ޒޭންގެ ދެލޮލުން ފެނުނު ނަފުރަތެވެ.
އޭނާ ޒޭންއަށް އަމާޒުކޮށް ފޮނުވާލި ކޮންމެ ވަޒަނެއް ކޮންމެ ރޭވުމެއް އެންމެ ފަހުން އައިސް ހެރުނީ އޭނާގެ އަމިއްލަ ހިތަށެވެ. ޒިޔާދު ހީކުރީ އޭނާ ޒޭން ނައްތާލުމުން ހުރިހާ ބިރުވެރިކަމެއް ފިލާނެކަމަށެވެ. ނަމަވެސް އޭނާއަށް ނޭނގުނު ކަމަކީ އިންސާފުގެ އަތަކީ ދިގު އެއްޗެއް ކަމެވެ. އެ އަތް އައިސް އޭނާގެ ކަރުގައި ހިފީ އޭނާ އެންމެ ލޯބިވި އޭނާގެ އެންމެ ބޮޑު އުންމީދު ކަމުގައިވި ދަރިފުޅުގެ ފުރާނައިގެ ސިފައިގައެވެ. މިއަދު ޒިޔާދުގެ އަތުގައި ހިފާލާނެ އެކަކުވެސް ނެތެވެ. އޭނާ މިއަދު އެ އިންތިޒާރު ކުރަނީ މަރަށެވެ. ނަމަވެސް އެއީ ހަމައެކަނި ވޭނުން ސަލާމަތްވުމެއް ނޫނެވެ. އެއީ ދުނިޔޭގެ އަދުލު އިންސާފަށްވުރެ މާ ބޮޑު މާ ވަރުގަދަ ހިސާބުބެލުމަކަށް ދާން އޮތް ފުރަތަމަ ފިޔަވަޅެވެ.
މާލޭގެ އެންމެ ބޮޑު ކޮންފަރެންސް ހޯލުގެ ތެރޭގައި ވަނީ ހަމޭންކަމެވެ. އެތައް ސަތޭކަ ބައެއްގެ ނަޒަރު ހުއްޓިފައިވަނީ ސްޓޭޖްގެ މެދުގައި ހުރި ޕޯޑިއަމްއަށެވެ. އެއީ ރާއްޖޭގެ ނޫސްވެރިކަމުގެ އެންމެ ޝަރަފުވެރި ޖާނަލިޒަމް އެވޯޑު ދޭ ރެއެވެ.
“މި އަހަރުގެ އެންމެ މުހިންމު އެވޯޑް، އަހަރުގެ އެންމެ މޮޅު އިންވެސްޓިގޭޓިވް ޖާނަލިސްޓް އެވޯޑް ލިބިވަޑައިގަންނަވަނީ.. އިނާ އާދަމް އަށް.” އެ އަޑާއެކު މުޅި ހޯލު ގުގުމާލީ އަތްތިލަބަޑީގެ އަޑުންނެވެ. އިނާ މަޑުމަޑުން ގޮނޑިން ތެދުވިއެވެ. އޭނާގެ ލޮލުން އުފާވެރިކަމުގެ ކަރުނަ ފާޅުވާން ހުއްޓެވެ. އޭނާ ސްޓޭޖަށް އެރިއިރު އެންމެ ކުރީ ސަފުގައި އިން ޒޭންއަށް ބަލާލިއެވެ. ޒޭންގެ ދެލޮލުން ފެންނަނީ ފަޚުރުވެރިކަމެވެ. ޒޭންގެ ތުންފަތުގައިވަނީ ހިތްގައިމު ހިނިތުންވުމެކެވެ.
އިނާ އެވޯޑާ ހަވާލުވެ މައިކް ކައިރިއަށް ޖެހިލިއެވެ. އޭނާގެ އަޑުގައި ވަނީ ސާބިތުކަމެވެ. “މި އެވޯޑަކީ ހަމައެކަނި އަހަރެންގެ އެކަނި މަސައްކަތެއް ނޫން.” އިނާ ވާހަކަ ދައްކަން ފެށިއެވެ. “މިއީ އަނދިރީގައި ފޮރުވިފައިވާ ހަޤީޤަތްތައް ހާމަކުރުމަށްޓަކައި ގުރުބާންވި ހުރިހާ ފުރާނަތަކެއްގެ ހަނދާން. ބާރާއި ނުފޫޒުގެ ކުރިމަތީގައި ބޯނުލަނބައި އިންސާފަށްޓަކައި ހަނގުރާމަކުރުމުގެ ހިތްވަރުގަދަ ނަތީޖާ. އަހަރެން މިއަދު މިތަނުގައި މިހުރީ އަހަރެންގެ ހަޔާތުގެ އެންމެ ބޮޑު ހިތްވަރު ޒޭންގެ ސަބަބުން. މިއަދު މި އެވޯޑު އަހަރެން މި ހަދިޔާކުރަނީ އިންސާފަށްޓަކައި ތެދުވަން ކެރުނު އަދި އެކަމަށްޓަކައި ހުރިހާ އެއްޗެއް ޤުރުބާން ކުރި ހިތްވަރުގަދަ ފުރާނަތަކަށް. ޝުކުރިއްޔާ.”
އިނާގެ އެ ޖުމްލައާއެކު ޒޭންގެ ލޮލަށް ސިފަވީ ޒިމާމްގެ އެންމެ ފަހުގެ ހިނިތުންވުމެވެ. އެއީ އޭނާގެ ހަޔާތުގައި ލެވުނު އެންމެ ފުން ޒަހަމް ނަމަވެސް މިހާރު ފަސޭހަވަމުންދާ ޒަހަމެކެވެ.
އެވޯޑް ހަފުލާ ނިމި މާލޭގެ ކާރުބާރު ބޮޑު މަގުތަކާ ދުރަށް ޖެހިލައި ޒޭން އާއި އިނާ މިސްރާބު ޖެހީ ހިމޭން އަތިރިމައްޗަށެވެ. އުޑުމަތީގައި ރަސްކަން ކުރަމުންދިޔަ ސާދަވިލޭރޭގެ ހަނދުވަރުގެ ރަން އަލި ކަނޑުގެ ރާޅުތަކަށް އެޅި، މުޅި މާހައުލަށް ވަނީ ފިނިކަމާއި އަމާންކަން ވެރިކޮށްދީފައެވެ.
ޒޭން އިނާގެ އަތުގައި މަޑުމަޑުން ހިފާލިއެވެ. އިނާ ޒޭން އަށް ބަލާލުމަށް ފަހު ލުއި ގޮތަކަށް ހިނިތުންވެލިއެވެ.
“އިނާ… އަހަރެން ބޭނުންވަނީ މިއަދުން ފެށިގެން ކޮންމެ ދުވަހަކު ތި ހިނިތުންވުމަށްޓަކައި ދިރިއުޅެން.” އިނާ ޒޭންގެ މޭގައި ބޯޖައްސާލިއެވެ. އެ ހިތުގެ ވިންދަކީ އޭނާގެ މުޅި ދުނިޔެ ކަމުގައި އިހުސާސްވަމުން ދިޔައެވެ. މާޒީގެ ބިރުވެރިކަމާއި ބަދަލުހިފުމުގެ ހޫނު އަލިފާންގަނޑު ފިނިވެ މިއަދު ވަނީ އަމާންކަމުގެ އައްސޭރިއަކަށް ވާސިލުވެވިފައެވެ.
“ޒޭން..” އިނާ މަޑުމަޑުން ގޮވާލިއެވެ. އޭނާގެ އަޑުގައި ވަނީ އާދަޔާ ހިލާފު ކުލުނެކެވެ. “އަހަރެން ހީކުރީ އަހަރެންގެ ގަލަމަކީ ހަމައެކަނި ފާސިދު މީހުން ބޭޒާރުކުރާ ހަތިޔާރެއް ކަމަށް. އެކަމަކު އެ ގަލަމުން އަހަރެންގެ ހަޔާތުގެ އެންމެ ރީތި ބާބު ލިޔެވޭނެ ކަމަކަށް ދުވަހަކުވެސް އުންމީދެއް ނުކުރަން. އަހަރެންގެ ހަޔާތުގެ އެންމެ ފުރިހަމަ އަދި ރީތި ބާބަކީ ޒޭންގެ ތި ލޯބި.”
ދުރުން ފެންނަ ރާޅުތައް ގޮނޑުދޮށަށް ބީހެމުންދިޔަ އަޑު އިވެނީ މިއުޒިކެއް ފަދައިންނެވެ. ޒޭން އިނާގެ ނިތްކުރީގައި ބޮސްދިނުމަށްފަހު އޭނާގެ އަތުގައި ހިފައި ބާރުކޮށްލިއެވެ. އެއީ ދެން ދުވަހަކުވެސް ދޫކޮށްނުލާނަމޭ ބުނާ ފަދަ ގޮތަކަށެވެ. “ދެން އަހަރެމެންގެ ކުރިމަތީގައި އޮތީ ހަމައެކަނި ލޯތްބާއި އުފާވެރިކަން.” ޒޭން މަޑުމަޑުން ބުނެލިއެވެ. “މާޒީއަކީ އިބުރަތްތެރި ފިލާވަޅެއް. މިއަދަކީ އަހަރެމެންގެ އާ ފެށުން.”
ހަނދުވަރުގެ ރަން އަލީގައި އެ ދެމީހުން އަތާ އަތް ގުޅުވައިގެން ހިނގަމުން ދިޔައިރު ހިތާމަ އާއި ބިރުވެރި ކަމުން ފުރިގެންވާ މާޒީގެ ހަނދާންތައް ވަނީ ފަނޑުވެފައެވެ. ޒިމާމްގެ ޤުރުބާނީ އާއި ޒިޔާދުގެ ނުބައިކަމުގެ މައްޗަށް މިއަދު ވަނީ އިންސާފާއި ތެދުވެރި ލޯބި ކުރިހޯދާފައެވެ.
(ނިމުނީ)
14 Comments!
Comments are closed.



Next story eh Kon irakun
Insha Allah soon 😊
Hama aslah ves rovijje. Mulhi vaahaka varah ves reethi. Shukuriyya mihaa salhi vaahaka eh genesdhee thee. Next story ge inthizaarugai mi thibee.
Thank you so much 🥰🫶🏻
Wow… just wow. The plot, the twists, the dialogue everything was 10/10. 👏 I’m so happy zayn and Ina finally got their peace. I went from hating zimam to wanting to give him a hug😭😭 Zimam’s sacrifice proved that it’s never too late to do the right thing. Such a powerful message hidden in a thriller 👏😔 And finally ziyad got the justice he deserves. Death would’ve been too easy for someone like that.
Well written best ending ever. Still can’t believe it’s over. What a masterpiece. 👏❤️
Awwn 🥰🥰 Thank you so much for sticking with me until the end. I’ve put my heart into this and seeing you connect with it like this makes all the late nights worth it. Readers like you are the reason i keep writing 🫶🏻
ވަރަށް ރީތި ތަފާތު ވާހަކައެއް މާޝާ ﷲ
ކުރިއަށް އޮތް ތަނުގައި ވެސް ތިޔަ ލިޔުންތެރިޔާގެ އިތުރު
ވާހަކަތައް ކިޔާލަން ލިބޭނެ ކަމަށް އުންމީދު ކުރަން
އަޅުގަނޑު ވަރަށް ބޭނުން އާރާ ދިގު ވާހަކައެއް ކިޔާލަން
ޝުކުރިއްޔާ ތިހާ ލޯބި ކޮމެންޓެއް ފެނުނީމަ ވަރަށް އުފާވެއްޖެ. އިންޝާﷲ ވަރަށް އަވަހަށް އާ ވާހަކަ އެއް ގެނެސްދޭނަން
Oh my god! I didn’t expect that. Made me emotional 🥺🥺 But very very nice story keep it up
Thank you so much 🥰🫶🏻
I am actually sobbing. 😭💔💔 Zimam didn’t deserve that but he’s a hero now. And so happy for zayn and inaa. Ziyad got exactly what he deserved 👏🏻👏🏻👏🏻 I can see you improving day by day. So proud. I’m gonna miss this so much.
Awwn thank you 🥰 I’m glad you liked it. Thank you for sticking with me and for noticing my growth as a writer. 🫶🏻🫶🏻
omggg this made me tear up soo much. Masha allah this was one of the best stories i have ever read so far.Thia story is literlly one of my favs.The way you brought up the story,the plots twist,the everything just wow.i am at a loss of words right now.i just reallyyy love it all.you are so much talented and dedicated author.you never let us down.really proud of you.this is a hugeee master piece.wishing you a lots of luck .
lysmm ara❤
Aww thank you so much 🥰🥰 It means so much to me that you loved the story this much 🫶🏻