Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ބޮޑީގާޑު 14

Ara
Ara Level 210 Stories100 Comments
January 29, 2026 5 Mins Read
10 Comments

ޒިމާމް ހޭލިއިރު ބޭރުން އިރުގެ ރަން އަލިކަން މުޅިތަނަށް ފެތުރިފައިވެއެވެ. އިނާ އޭނާގެ ކައިރީގައި ނެތުމުން ޒިމާމް ކުޑަކޮށް ސިހިފައި ތެދުވިއެވެ.

“އިނާ؟” ޒިމާމް ގޮވާލިއެވެ.

“އެބަ އުޅެން.” ބަދިގެއާ ދިމާލުން އިނާގެ އަޑު އިވުނެވެ. ޒިމާމް ތެދުވެގެން ގޮސް ބަލާލިއިރު އިނާ ހުރީ ކޮފީ ތައްޔާރުކުރާށެވެ. އޭނާ ލައިގެން ހުރީ ޒިމާމްގެ ހުދު ގަމީހެވެ. އޭނާގެ މޫނުމަތިން ފެންނަނީ ހަމަޖެހުމެވެ.

ޒިމާމް ފަހަތުން ގޮސް އިނާގެ އުނަގަނޑުގައި އަތްއަޅުވާލިއެވެ. “އަހަރެން ހީކުރީ އިނާ އަހަރެން ދޫކޮށްލާފައި ދިޔައީ ކަމަށް.”

އިނާ އެނބުރިލާފައި ޒިމާމްގެ ކަރުގައި އަތްއަޅުވާލިއެވެ. “އަހަރެން މިހުރީ ހަމަ ޒިމާމަށްޓަކައި. މިރޭ އަހަރެމެން އެކީގައި ބޭރަށް ކާންދާންވީނު؟ މި ހުރިހާ ބިރުވެރި ހަނދާންތަކެއް ނައްތާލަން.”

ޒިމާމް ހިނިތުންވެލިއެވެ. “އާނ.. އެންމެ ރަނގަޅު. އެކަމަކު އޭގެ ކުރިން އަހަރެން ބައްޕަގެ ކައިރިއަށް ގޮސްލަން އެބަޖެހޭ.”

ޒިމާމް ޒިޔާދުގެ އޮފީހަށް ވަދެގެން ދިޔައިރު އޭނާގެ މޫނުމަތީގައި ވަނީ ނުތަނަވަސްކަމެވެ. އޭނާގެ ހިތުގައި އިނާއަށްޓަކައި އޮތް ލޯބި ވަރުގަދަވި ނަމަވެސް ބައްޕަގެ މައްޗަށް އޮތް އިތުބާރު ވަނީ ގެއްލިފައެވެ.

“ބައްޕާ.” ޒިމާމް އޮފީހުގެ ބޮޑު މޭޒުގެ ކުރިމަތީގައި ހުއްޓުނެވެ. އޭނާގެ އަޑުގައި ވަނީ ހަރުކަށިކަމެވެ. “ބައްޕަ އަދިވެސް ހީކުރަނީ އިނާއަށް ހަމަލާދީގެން އަހަރެން ބިރުގަންނަވާލެވޭނެ ކަމަށްތަ؟ އެ ރޭ ޕާޓީގައި ބައްޕަ ކުރި ކަންތައް އަހަރެން ދުވަހަކުވެސް ހަނދާނެއް ނުނެތޭނެ.”

ޒިޔާދު ގޮނޑިން ތެދުވިއެވެ. އޭނާގެ މޫނުމަތިން ފެންނަނީ ހާސްކަމާއި ރުޅިވެރިކަމެވެ. “ޒިމާމް! އަހަރެން އެކަން ކުރީ ކަލޭގެ ސަލާމަތަށް. އެ އަންހެން ކުއްޖާއަކީ އަހަރެމެންގެ ހަލާކު. ކަލޭ ޖަލަށް ދިޔައީވެސް އޭނަގެ ސަބަބުން. އަދިވެސް ނުވިސްނެނީތަ؟”

“އަހަންނަށް ވިސްނޭ ބައްޕާ.” ޒިމާމް ބާރަށް ބުންޏެވެ.

“އަހަންނަށް މިހާރު ވިސްނޭ ބައްޕަގެ އަކީ އަމިއްލަ ފައިދާއަށް ކޮންމެފަދަ ކަމެއް ކުރަންވެސް ތައްޔާރަށް ހުރީ މީހެއްކަން. އަހަރެން ލޯބިވާ އަންހެން ކުއްޖާ މަރާލަން އުޅުމަކީ ބައްޕަ އަހަންނަށް ދިން އެންމެ ބޮޑު ކެހި. އެކަން ދުވަހަކު ވެސް އަހަރެންގެ ހިތުން ފިލައިގެން ނުދާނެ”

ޒިޔާދު މޭޒުގައި ބާރަށް ޖެހިއެވެ. “ކެހިދިނީ ކާކުކަން ވަރަށް އަވަހަށް އެނގޭނެ. ރޭގަ އަހަރެންގެ ސެކިއުރިޓީންނަށް ހަމަލާދިން މީހާއަކީ ކާކުކަން އެނގޭތަ؟ އެއީ ޒޭން. ކަލޭގެ އަމިއްލަ ކޮއްކޮ. އޭނަ މަރެއް ނުވޭ. އޭނަ ހުރިހާ ކަމެއްވެސް ކުރަމުންދަނީ އިނާއާ ގުޅިގެން.”

ޒިމާމް މަލާމާތުގެ ރާގަކަށް ހީގަތެވެ. “ޒޭންއޭ؟ ޒޭން ވަނީ މަރުވެފަ. އެއީ ބައްޕަގެ ސިކުނޑީގައި އުފައްދައިގެން އުޅޭ ބިރެއް. ބައްޕަ ބޭނުންވަނީ ކޮންމެވެސް ގޮތަކުން އިނާއާއި އަހަރެން ދުރުކުރަން. އެކަމަކު އެކަމެއް ނުވާނެ.”

ޒިޔާދުގެ ނޭވާ އަވަސްވިއެވެ. “އިނާއަކީ ނޫސްވެރިއެއް. އޭނާގެ މަސައްކަތަކީ އަހަރެމެން ބޭޒާރުކުރުން. ކަލޭ ހީކުރަނީ އޭނަ ކަލޭދެކެ ހަޤީޤަތުގައިވެސް ލޯބިވާ ކަމަށްތަ؟ އޭނަ އެހުރީ ހަމައެކަނި ފުރުސަތަކަށް ބަލަބަލައި.”

“އިނާ މިހާރު އެހުރީ އަހަރެންގެ ބެލުމުގެދަށުގަ. ދެން އެންމެ ފަހަރަކު ވެސް އިނާ އަށް ގެއްލުމެއް ދޭން ބައްޕަ އުޅެފިއްޔާ އަހަރެން ހަނދާންނައްތާލާނަން ތީ އަހަރެންގެ ބައްޕަކަން.”

ޒިމާމް އޮފީހުން ނިކުމެގެން ދިޔައިރު ޒިޔާދު ހުރީ ގަނޑުވެފައެވެ. އޭނާގެ އަމިއްލަ ދަރިފުޅު އޭނާއާ ދެކޮޅަށް ތެދުވީއެވެ. ޒިޔާދު އޭނާގެ ފޯނު ނަގައި މަނިކަށް ގޮވާލިއެވެ. “މަނިކު. އިނާގެ ހުރިހާ ހަރަކާތަކަށް ފާރަވެރިވޭ. އޭނަގެ ފޯނު ޓެޕްކުރޭ. އަހަރެން ބޭނުން މިއަދު އިރު އޮއްސުމުގެ ކުރިން އޭނާގެ ހަޤީޤަތް ޒިމާމަށް އަންގަން.”

އިނާ އިނީ ކޮޓަރީގެ އެނދުމަތީގައި ލެޕްޓޮޕް ހުޅުވާލައިގެންނެވެ. މި ހުރިހާ މަންޒަރެއް އޭނާ ދިޔައީ ބަލަމުންނެވެ. ޒިޔާދާއި ޒިމާމްގެ ދެމެދުގައި ހިނގަމުންދާ ހޫނު ބަހުސް އޭނާ ބަލަމުން ދިޔައީ ވަރަށް ފަރުވާތެރިކަމާއެކުގައެވެ. ޒިމާމް އޭނާގެ ބައްޕަ އާއި ދެކޮޅަށް ތެދުވެ އޭނާގެ ދިފާއުގައި ވާހަކަ ދައްކަމުން ދިޔަ މަންޒަރު ފެނުމުން އިނާގެ ތުންފަތަށް ވެރިވީ ކާމިޔާބީގެ ހިނިތުންވުމެކެވެ. ޒިމާމްގެ ކޮންމެ ޖުމްލައަކުން ބައްޕަ އާއި ދަރިފުޅުގެ ދެމެދުގައި އޮތް ވަރުގަދަ ގުޅުން އިތުރަށް ބަލިކަށިވަމުންދާކަން އޭނާއަށް އެނގެއެވެ.

އިނާގެ ކަންފަތުގައި ޖަހާފައިވާ ހެޑްސެޓުން ޒިޔާދުގެ ނޭވާ އަވަސްވެފައިވާ އަޑު އިވެމުން ދިޔައެވެ. ޒިޔާދު މޭޒުގައި ބާރަށް ޖެހި އަޑާއެކު އިނާ ލެޕްޓޮޕްގެ ސްކްރީނަށް ކުޑަކޮށް ގާތްވެލިއެވެ. “ހަޅޭއްލަވާ ޒިޔާދު.. ކަލޭގެ އަމިއްލަ ދަރިފުޅު ކަލެއާ ދެކޮޅަށް މި ތައްޔާރުކޮށްދެނީ އަހަރެން.” އިނާ މަޑުމަޑުން ހިތާހިތުން ބުނެލިއެވެ. ޒިމާމް އޮފީހުން ނިކުމެގެން ދިޔުމާއެކު ޒިޔާދު މަނިކަށް ގުޅާފައި ދެއްކި ވާހަކަތައް އަޑުއިވުމުން އިނާގެ ހިތް އަވަސްވިއެވެ. ޒިޔާދު ބޭނުންވަނީ އިނާގެ ހަޤީޤަތް ޒިމާމަށް ދައްކާށެވެ. އެކަމަކު ޒިޔާދަށް ނޭނގޭ ކަމަކީ، އޭނާ އެ ރާވާ ކޮންމެ ރޭވުމަކީ އިނާ އޭނާގެ ފައިދާއަށް އަނބުރާލާނެ ކަމެއް ކަމެވެ.

ޒިމާމް ޒިޔާދުގެ އޮފީހުން ނިކުމެގެން އައިއިރު އޭނާގެ ސިކުނޑީގައި އެނބުރެމުން ދިޔައީ ބައްޕަ ދެއްކި ވާހަކަތަކެވެ. ޒޭން މަރު ނުވާ ވާހަކަ ބައްޕަ އެ ބުނަނީ ކީއްވެ ހެއްޔެވެ؟ އެރޭ ކަނޑުމަތީގައި އިނާ ޒޭންގެ މެދުގައި ހިނގި ހާދިސާ އޭނާގެ ދެލޮލުން ދުއްޓެވެ. އެވަރުގެ ހަމަލާއަކަށްފަހު އެ ފުން ކަނޑުން މީހަކު ސަލާމަތްވުމަކީ ނާދިރު ކަމެކެވެ.

ޒިމާމް ކާރަށް އަރައި އޭނާގެ ފޯނުން އިނާއަށް ގުޅާލިއެވެ.

“އިނާ. އަހަރެން މިދަނީ ގެއަށް.” ޒިމާމްގެ އަޑުގައި ވަނީ ވަރުބަލިކަމެވެ. “ބައްޕަ މުޅިން މޮޔަވެއްޖެ. އޭނަ އެބަ ބުނޭ ޒޭން ދިރިހުރި ކަމަށް. އޭނަ ބޭނުންވަނީ އަހަރެމެން ދުރުކުރަންވެގެން ކޮންމެވެސް މޮޅު ވާހަކައެއް ދައްކަން.”

ފޯނުގެ އަނެއްކޮޅުން އިނާ މަޑުމަޑުން ހީލި އަޑު އިވުނެވެ. “ޒިމާމް ހާސްނުވޭ. ބައްޕައަށް އެ ފެންނަނީ އޭނާގެ އަމިއްލަ ފާފަތަކުގެ ހިޔަނި. އަވަހަށް އާދޭ.. އަހަރެން މިހުރީ އިންތިޒާރުގަ.” ޒިމާމް ކާރު ދުއްވާލިއެވެ. އޭނާ ދިޔައީ އިނާއާއެކު މިރޭ އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމުގެ ފޮނި އުއްމީދު ކުރަމުންނެވެ. ނަމަވެސް މަގުމަތީގައި ދުއްވަމުން ދިޔައިރު އޭނާއަށް އާދަޔާ ހިލާފު ކަމެއް ފާހަގަވާން ފެށިއެވެ. އޭނާގެ ފަހަތުން އަންނަ ކަޅު ކުލައިގެ ސައިކަލެއް އޭނާ ކާރާއި އެއްވަރަށް ދުއްވަމުންދިޔަ ކަމެވެ.

ގެއަށް ދެވުމާއެކު ޒިމާމް އަވަސް އަވަހަށް އެޕާޓްމަންޓަށް ވަނެވެ. ގޭތެރޭގައި ހުރީ ފަނޑު އަލިކަމެކެވެ. އިނާ އިނީ ބެލްކަނީގައި ބޭރު ބަލާށެވެ.

“އިނާ؟” ޒިމާމް ގޮސް އިނާގެ ކޮނޑުގައި އަތްލިއެވެ.

“ޒިމާމް.. ގަބޫލުކުރަންތަ މަރުވެފައިވާ މީހެއް އެނބުރި އަތުވެދާނެ ކަމަށް؟” އިނާ އެނބުރި ބަލައިވެސް ނުލާ ސުވާލުކުރިއެވެ. އޭނާގެ އަޑުގައި ވަނީ އާދަޔާ ހިލާފު ސީރިއަސްކަމެކެވެ.

“ކީކޭ ތި ބުނީ؟” ޒިމާމް ހައިރާންވިއެވެ.

“ޒިޔާދު އެ ބުނީ ތެދެއް.” އިނާ މަޑުމަޑުން އެނބުރިލިއެވެ. “ޒޭން މަރެއް ނުވޭ. އެރޭ އަހަރެން ބަޑިޖެހީ ޒޭން މަރާލާކަށް ނޫން. އޭނަ ސަލާމަތް ކުރަން.”

ހަމަ އެވަގުތު، އެޕާޓްމަންޓްގެ ދޮރު ހުޅުވުނު އަޑު އިވުނެވެ. ޒިމާމް ސިހިފައި ފަސްއެނބުރުނެވެ. ދޮރުމަތީގައި ހުރީ ކަޅު ހޫޑީއެއް ލައިގެން ހުރި އިސްކޮޅުން ދިގު މީހެކެވެ. އޭނާ މަޑުމަޑުން ހޫޑީ ތިރިކޮށްލިއެވެ.

ޒިމާމްގެ ފައިދަށުން ބިންގަނޑު ދެމިގެންދިޔަ ކަހަލައެވެ. އޭނާގެ ކުރިމަތީގައި އެހުރީ ޒޭންއެވެ. މޫނުމަތީގައި ބައެއް ކުދި ލަކުނުތައް ހުރި ނަމަވެސް އެއީ ހަމަ ޒޭންއެވެ. އޭނާގެ ދެލޮލުން ފެންނަނީ ކުރިން ނުފެންނަ ފަދަ ނަފްރަތާއި ގަދަފަދަ ބާރެކެވެ.

“ކޮބާ ކިހިނެއް ޒިމާމް؟” ޒޭންގެ އަޑު މުޅި ކޮޓަރީގައި ގުގުމާލިއެވެ. “ކަލޭ ހީކުރީ އަހަރެން މަރުވީމަ ކަލެ އާއި ބައްޕައަށް އުފަލުގައި އުޅެވޭނެ ކަމަށްތަ؟”

ޒިމާމް ފަހަތަށް ޖެހިލިއެވެ. އޭނާ އިނާއަށް ބަލާލިއެވެ. އިނާ މަޑުމަޑުން ގޮސް ޒޭންގެ ކައިރީގައި ހުއްޓިލިއެވެ. އޭނާ ޒޭންގެ އަތުގައި ހިފާލިއެވެ. ޒިމާމްގެ މުޅި ދުނިޔެ އެނބުރިގަތް ކަހަލައެވެ. އޭނާގެ ދެލޯ ބޮޑުވެ ނޭވާ ކުރުވާން ފެށިއެވެ. ކުރިމަތީގައި ފެންނަމުން ދާ މަންޒަރަކީ ހަޤީޤަތެއްކަން ގަބޫލުކުރަން އޭނާގެ ސިކުނޑި ދެކޮޅު ހަދަމުންދިޔައެވެ. އޭނާގެ ހިތުގެ ހަމަޖެހުން ކަމުގައި ދެކުނު އިނާ، މިއަދު އެހުރީ އޭނާގެ ދުޝްމަނާ އެކުގައެވެ.

“އިނާ.. ކީއްވެ؟” ޒިމާމްގެ އަޑު ނިކުތީ ވަރަށް އުނދަގުލުންނެވެ. އޭނާގެ އަޑުގައި ވަނީ އިންތިހާ ދަރަޖައިގެ ވޭނެވެ.

“އަހަރެމެން އެކަކު އަނެކު ދެކެ ލޯބިވީމެއްނު؟ އަހަރެންގެ ހުރިހާ ސިއްރަކާއި އަހަރެންގެ މުޅި ދިރިއުޅުން އިނާ އަށްޓަކައި ހުސްކޮށްލީމެއްނު؟ ކީއްވެ ތިހެން ތި ހެދީ؟”

ޒިމާމްގެ ހިތުގައި އުފެދުނު ރިހުން މަޑުމަޑުން ގަދަ ރުޅިވެރިކަމަށް ބަދަލުވާން ފެށިއެވެ. އޭނާގެ މޭ ތެޅެމުން ދިޔައީ ބާރު މިނެއްގައެވެ. އޭނާއަށް އިހުސާސް ކުރެވެމުން ދިޔައީ އޭނާގެ ހަށިގަނޑުގެ ތެރޭގައި ލޭ ކެކެމުންދާ ކަހަލަ އިހުސާސެކެވެ. އިނާގެ އެ މައުސޫމު މޫނާއި އޭނާއަށް ދިން އޯގާތެރިކަމަކީ ކެއްސެއް ކަން އެނގުމުން އޭނާ އަމިއްލަ ނަފްސަށް ނަފްރަތު ކުރިއެވެ.

“ލޯތްބޭ؟” ޒޭން މަލާމާތުގެ ރާގަކަށް ހީގަތެވެ. “ޒިމާމް. ކަލެއަށް ހީވޭތަ ކަލޭ ކަހަލަ މީހަކުދެކެ އެއްވެސް މީހަކު ހަޤީޤީ ލޯބިވާނެހެން؟ ކަލޭގެ ބައްޕަގެ އަތްވަނީ އަހަރެމެންގެ މަންމަގެ ލެއިން ތަޣައްޔަރުވެފަ. އަދި ކަލޭ ހުރީ އެކަން އެނގި ހުރެ ބައްޕަގެ ހިމާޔަތުގަ. އިނާ ކަލޭގެ ދިރިއުޅުމަށް އައީ އަހަރެން ބުނެގެން. އަހަރެމެންގެ ރޭވުމެއްގެ ދަށުން.”

ޒިމާމް އިނާގެ ދެލޮލަށް ބަލާލިއެވެ. އޭނާ އުއްމީދު ކުރީ އިނާގެ ލޮލުން ކުޑަވެސް ދެރަވުމެއް ނުވަތަ މާފަށް އެދޭ ފަދަ ކުލަވަރެއް ފެންނާނެ ކަމަށެވެ. އިނާ ހުރީ އެއްވެސް އަސަރެއް ނެތް ފިނި ނަޒަރަކުން ޒިމާމަށް ބަލަހައްޓައިގެންނެވެ. އޭނާގެ ދެލޮލުން ކުރިން ފެންނަ އެ އޯގާތެރިކަމާއި، ލޯބިވެތި ކަމެއް މިހާރަކު ނެތެވެ.

“ޒިމާމް. އަހަރެން ކުރިންވެސް ބުނީމެއްނު އަހަރެން ކުރާ ކޮންމެ ކަމެއް ކުރަނީ ސަބަބެއް އޮވެގެންނޭ.” އިނާ ފިނި އަޑަކުން ބުންޏެވެ.

ޒިމާމްގެ ކެތްތެރިކަން ކޮޅުންލިއެވެ. އޭނާ ބާރަށް ހަޅޭއްލަވައިގަނެ ކައިރީގައި ހުރި ބިއްލޫރި މޭޒުގައި ފައިން ޖަހައި ކުދިކުދި ކޮށްލިއެވެ. އޭނާގެ ފައިން ލޭ އޮހެމުން ދިޔަ ނަމަވެސް އެ ތަދަށްވުރެ އޭނާގެ ހިތަށް ލިބުނު ޒަހަމް މާ ބޮޑެވެ.

“ކަލޭމެން އަހަރެން މަރާލި ނަމަ މާ ރަނގަޅުވީސް.” ޒިމާމް ހިތާމައިންފުރިފައިވާ އަޑަކުން ބުންޏެވެ.

“ކަލޭ މަރާލުމަކީ އަހަންނަށް އެންމެ ސިކުންތެއްގެ ކަމެއް. އެކަމަކު މަރަކީ ކަލޭ ކަހަލަ މީހަކަށް މާ ލުއި އަދަބެއް. އަހަރެން ބޭނުމީ ކަލޭ ކޮންމެ ދުވަހަކު ކޮންމެ ސިކުންތަކު މަރުވާން. އަހަރެން ބޭނުމީ ކަލޭގެ މި ލޯބިވާ އިނާ ކޮންމެ ދުވަހަކު އަހަރެންގެ އަތުގެ ތެރޭގައި ހުންނަ މަންޒަރު ފެނި ކަލޭގެ ހިތް ކޮންމެ ދުވަހަކު ކުދިކުދިވާން. އޭރުން ކޮންމެ ދުވަހަކު އިހުސާސް ކުރެވޭނެ ކަލޭގެ އަމިއްލަ ލެޔާއި ކަލޭގެ ލޯބި ކަލެއަށް ބޭވަފާތެރިވީ ވަރު. އެއީ މަރަށްވުރެ މާ ވޭންދެނިވި ކަމެއް.” ޒޭން މަޑުމަޑުން ޒިމާމްގެ ކައިރިއަށް ޖެހިލަމުން ބުންޏެވެ.

ޒޭން އިނާގެ އުނަގަނޑުގައި އަތްއަޅުވާލައި އޭނާގެ ގާތަށް ދަމާލިއެވެ. އިނާ އެއްވެސް ދެކޮޅުވެރިކަމެއް ނެތި ޒޭންގެ މޭގައި ބޯއަޅާލިއެވެ. މި މަންޒަރު ފެނުމުން ޒިމާމްގެ ހިތް ކުދިކުދިވިއެވެ. ޒޭން ފޯނު ނަގައި ނަންބަރަކަށް ޑައިލް ކޮށްލިއެވެ. އަދި ލައުޑްސްޕީކަރަށް ލިއެވެ. އެއީ ޒިޔާދުގެ ނަންބަރެވެ.

“ކަލޭގެ ލޯބިވާ ދަރި މިހުރީ އަހަރެންގެ އަތްދަށުގަ” ޒޭން ބުންޏެވެ.

“ޒޭން ދަރިފުޅާ. ޒިމާމަށް އެއްވެސް ކަމެއް ނުކުރާތި. ދަރިފުޅު ބުނި ކޮންމެ އެއްޗެއް ދޭން ބައްޕަ މިހުރީ ތައްޔާރަށް.” ޒިޔާދުގެ އާދޭހުގެ އަޑު ފޯނުން އިވުނެވެ.

“މާ ލަސްވެއްޖެ ބައްޕާ.” ޒޭން ހީލިއެވެ. “ބައްޕަ އަށް އަހަރެންގެ މަންމަ އަނބުރާ ގެނެވޭނެތަ؟ އަހަރެންގެ ހަޔާތުން، މުޅި ދުނިޔެއަށް މަރުވެގެން މި އުޅުނު ދެމަސް ދުވަސް އަނބުރާ ގެނެވޭނެތަ؟ ނުގެނެވޭނެ. އެހެންވީމާ ބައްޕަގެ އެންމެ ފަހުގެ އުންމީދު އަހަރެންގެ އަތުގެ ތެރޭގައި ނިމިގެންދާ މަންޒަރު ބަލަން ހުރޭ.” ޒޭން ފޯނު ކަނޑާލުމަށްފަހު ޒިމާމަށް ބަލާލިއެވެ.

ހަމަ އެވަގުތު އެޕާޓްމަންޓްގެ ބޭރުން ކާރުތަކެއް މަޑުކުރި ބާރު އަޑު އިވުނެވެ. ޒިޔާދުގެ ސެކިއުރިޓީންގެ ފިޔަވަޅުތަކުގެ އަޑު ގާތްވަމުން ދިޔައެވެ. ޒޭން އިނާއަށް ބަލާލިއެވެ. އިނާ އޭނާގެ ލެޕްޓޮޕުން ކޮންމެސް ކަންތައްތަކެއް ނިންމާލިއެވެ.

“ލައިވް ސްޓްރީމް ތައްޔާރު.” އިނާ މަޑުމަޑުން ބުންޏެވެ. “ޒިޔާދު މި ކޮޓަރިއަށް ވަންނަ ހިސާބުން މުޅި ދުނިޔެ އަށް އޭނަގެ އަސްލު ސޫރަ ފެންނާނެ.”

ޒިމާމްގެ ހިތް ބިރުން ތެޅިގަތެވެ. އޭނާގެ ބައްޕަގެ ނިމުން މިއޮތީ ފެންނާށެވެ. އެކަމަކު އޭނާގެ ހިތުގައި އުފެދިފައިވާ ނަފްރަތާއި ލޯބީގެ މެދުގައި އޭނާ ހުރީ ތާށިވެފައެވެ.

ދޮރުގެ ތަޅު އަނބުރާލި އަޑު އިވުނެވެ. ޒިޔާދު ބަޑިއެއް ހިފައިގެން އެތެރެއަށް ވަދެގަތެވެ. އޭނާގެ މޫނުމަތީގައި ވަނީ ރުޅިވެރިކަމެކެވެ.

(ނުނިމޭ)

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Ara
Follow Me Written By

Ara

Level 210 Stories100 Comments

A girl with a passion for reading and writing. Check out my story's "Hiy Nuruhenee Ey" "Loabi Vaavaru Neyngenee Hey" "Laika" "E Biruveri Rey" "Kaiveni" "Dhathuru" "Maidhaitha" "Meesmedia" "Loabi" "Inthizaaru" "Masthu" Don't miss my latest series "Hiy Kalaa Ah Edheythee" A dangerous love story between a criminal and a nurse. "Bodyguard": A journalist seeking justice and a bodyguard sent to silence her. Share your feedback to help me improve in the future. .ފާޑުކިޔުމަކީ ލިބޭ ކުރިއެރުމެކެވެ

Other Articles

Previous

ތިޔައީ ހަނދޭ-9

Next

އަލުން ލޯބިން ޓްރޭލާ

Next
January 29, 2026

އަލުން ލޯބިން ޓްރޭލާ

Previews
January 29, 2026

ތިޔައީ ހަނދޭ-9

10 Comments!

  1. 😶‍🌫️Raajiha 😶‍🌫️ says:
    January 29, 2026 at 12:54 pm

    No way 😭😔😭 this is soo sad 😿
    Please Zayn forgive zimaam…give them a happy ending.. zimaam loves inaa so much 😭🙏😭

    1. Ara Ara says:
      January 29, 2026 at 11:54 pm

      It breaks my heart too. Let’s see dhw dhen vaane gotheh. Thank you for the love 🥰🫶🏻

  2. Anonymous says:
    January 29, 2026 at 5:05 pm

    Masha Allah varah reethi mi bai ves

    1. Ara Ara says:
      January 29, 2026 at 11:54 pm

      Thank you so much 🫶🏻

  3. Anonymous says:
    January 29, 2026 at 6:25 pm

    ޒޭން އިޒް ބެކް. ހަމަ އަސްލަށްވެސް ހީވެސް ނުކުރާ ކަހަލަ ބޮޑު ޓްވިސްޓެއް މީ އެކަމް އިނާ ދެކެ މިހާރު ފޫހިވެއްޖެ ޒިމާމަށް ތިހެން ހަދާކަށް ނުވާނެ 😭

    1. Ara Ara says:
      January 29, 2026 at 11:59 pm

      🫶🏻 ފަހު ބަޔަށް އިންތިޒާރު ކޮށްލައްވާ. ޝުކުރިއްޔާ ކޮމެންޓަށް

  4. J says:
    January 29, 2026 at 7:23 pm

    OH MY GOD??? ZAYN??? I literally screamed!! I thought he was gone. If Ziyad pulls that trigger in the next part I’m throwing my phone at the wall. Don’t kill him again.

    1. Ara Ara says:
      January 30, 2026 at 12:02 am

      Hehe please don’t break your phone. Stay tuned, the last part is going to be INSANE. 🫶🏻

  5. Anaa says:
    January 29, 2026 at 8:31 pm

    I can’t believe we’re at the finale already. It feels like just yesterday zayn and Ina first met.. I’m not ready to say goodbye to these characters. This story has been my daily escape. What am I supposed to read now? I want to know how it ends and also don’t ever want to end this. You are officially my favorite writer on this platform. 👏🏻👏🏻❤️❤️

    1. Ara Ara says:
      January 30, 2026 at 12:05 am

      Oh wow thank you so much 🥹🫶🏻 Reading this truly made my day. It feels bittersweet for me too. I’m so honored to be your favorite writer on here. It’s because of readers like you that I keep writing. I’ll try my best to bring you something new soon so you have something else to escape into. Thank you for being the best reader 🥰🫶🏻🫶🏻

Comments are closed.

Next Episodeބޮޑީގާޑު 15 (ފަހުބައި)←


All Right Reserved!