Skip to content
އެސްފިޔަ

ބޮޑީގާޑު 6

ފަޅު ރަށުގައި ފުރަތަމަ ރޭ ފާއިތުވެ ހެނދުނުގެ ރަން ދަޅައިން މުޅި މާހައަލު އުޖާލާވެފައިވީ ނަމަވެސް ޒޭންގެ ހިތަކަށް އަލިކަމެއް ނުލިބުނެއެވެ. އޭނާ ހުރީ ގޭގެ ބޭރުގައި ހުރި ބޮޑު ގަހެއްގެ ހިޔަލުގައި ދުރުން ފެންނަން އޮތް މޫދަށް ބަލަހައްޓައިގެންނެވެ.

އިނާ ގޭގެ ތެރެއިން ނިކުމެގެން އައީ ދެ ކޮފީ ތަށި ހިފައިގެންނެވެ. “ޒޭން. ރޭގަ އެއްވެސް ވަރަކަށް ނުނިދަން ދޯ؟” އިނާ މަޑުމަޑުން އަހާލަމުން ކޮފީ ތަށި ދިއްކޮށްލިއެވެ. ޒޭން ކޮފީ ތަށީގައި ހިފިއެވެ. “ނިދޭނީ ކިހިނެއް؟ ޒިމާމް މިނިވަންވެގެން އުޅޭއިރު، އޭނާ ހުންނާނީ ބަނޑުހައިވެފައިވާ މިނިކާވަގަކަށްވުރެ ނުރައްކާތެރިކޮށް.” ޒޭން ހުރީ މާޔޫސްވެފައެވެ.

“އެކަމަކު ޒޭންއަށް ހަޤީޤަތް އެނގެއެއްނު؟ ޒޭންއަށް އެނގެއެއްނު މަންމަ މަރުވީ ބައްޕަ ދިން ބޭސްތަކަކުންކަން؟”

“އަހަރެންނަށް އެނގޭ. އެކަމަކު ޒިމާމް ގަބޫލެއް ނުކުރާނެ. ޒިމާމްއަކީ ބައްޕަގެ ހިޔަނި. އޭނާގެ ކުރިމަތީގައި ބައްޕަގެ ބަހަކީ އެންމެ ފަހު ބަސް. އެހެންވީމާ އޭނާގެ ނަޒަރުގައި ކުށްވެރިއަކީ އިނާ.” ޒޭންގެ އަޑުގައި ހުރީ ހިތްދަތިކަމެވެ.

ޒޭން އިނާގެ ލޮލަށް ސީދާ ބަލާލިއެވެ. “އިނާ، އަހަރެން ބިރުގަންނަނީ ޒިމާމް ދެކެއެއް ނޫން. އަހަރެން ބިރުގަންނަނީ އަހަރެންނަށް އިނާ ހިމާޔަތް ނުކުރެވިދާނެތީ.” އިނާގެ ހިތް ބާރަށް ތެޅިގަތެވެ. ޒޭންގެ އެ ވާހަކައިން އޭނާއަށް އިހުސާސްވީ ޒޭންގެ ހިތުގައި އޭނާއަށްޓަކައި އޮތް މަގާމުގެ ފުންމިނެވެ. “ޒޭން އަށް އަހަރެން ފުރިހަމަ އަށް އިތުބާރު ކުރަން. އަހަރެން ދޫކޮށްލާފައި ނުދާނެކަން އެނގޭ.”

މެންދުރުގެ ވަގުތެވެ. ޒޭން އޭނާގެ ފޯނުން ޚަބަރުތައް ބަލާލިއެވެ. “ޒިމާމް ޖަލުން ފިލި ޚަބަރު މިހާރު މުޅި މީޑިއާގައި އެބައޮތް. ފުލުހުން ބުނަނީ އޭނާ ހޯދަން ‘ހައި އެލާޓް’ އަށް އައިސްފައިވާ ކަމަށް. އެކަމަކު ހަޤީޤަތަކީ ޒިމާމް ފިލީ ފުލުހުންގެ އެތެރޭގައި ތިބި ބައްޕަގެ ކޮރަޕްޓް ބައެއް މީހުންގެ އެހީގައި” ޒޭންގެ އަޑުގައި ހުރީ ސީރިއަސްކަމެވެ.

“އެހެންވީމަ، އަހަރެމެން ފުލުހުންނަށް ގުޅައިފިނަމަ އެ މައުލޫމާތު ސީދާ ޒިމާމަށް ލިބުމުގެ ފުރުސަތު އެބައޮތް ދޯ؟” އިނާ ކަންބޮޑުވެފައި އަހާލިއެވެ.

“އާނ. އެއީ އެންމެ ބޮޑު ނުރައްކަލަކީ. އަހަރެމެންނަށް އޮތީ އެންމެ ފުރުސަތެއް. އެއީ ސީދާ ކޮމިޝަނަރުގެ ގާތަށް ދިއުން. އެކަމަކު މާލެއަށް ދިޔުމަކީ މިވަގުތު އެންމެ އުނދަގޫ ކަންތައް. ޒިމާމްގެ މީހުން މާލޭގެ ހުރިހާ ތާކު ފާރަޔަށް ތިބޭނެ” ޒޭން ބުންޏެވެ.

ޒޭން ފުން ވިސްނުމެއްގައި ހުއްޓާ އޭނާގެ ފޯނަށް ވީޑިއޯ ކޯލެއް އައެވެ. އެއީ ޒިމާމްއެވެ. ޒޭން ފޯނު ނެގުމާއެކު ފެނުނީ ޒިމާމް އޭނާގެ ލަގްޒަރީ އޮފީހުގައި ވަރަށް ހަމަޖެހިލައިގެން އިން މަންޒަރެވެ.

“ކޮބާ ކޮއްކޯ؟ ފަޅު ރަށް ކިހިނެއް؟” ޒިމާމް މަލާމާތުގެ ރާގަކަށް އަހާލިއެވެ. “ޒިމާމް. ކަލޭ ކީއްކުރަން ތި އުޅެނީ؟” ޒޭން ހަރުކަށިކަމާއެކު އަހާލިއެވެ.

“އަހަރެން މި އުޅެނީ ކޮއްކޮއަށް ހެޔޮ އެދިގެން.” ޒިމާމް ހީގަތެވެ. “ބޭންކް އެކައުންޓް ބަލާލަބަލަ. އަހަރެން ކަލެއަށް 1 މިލިއަން ރުފިޔާ ޖަމާކޮށްފިން. ފުލުހުންގެ ރެކޯޑްތަކުގައި މިހާރު އޮތީ ކަލޭ އަހަރެމެންގެ އަތުން ފައިސާ ނަގައިގެން އިނާ ރަހީނުކޮށްގެން ފިލައިގެން އުޅޭ ކަމަށް. އިނާ ގާތު އަހާބަލަ އޭނަ އަދިވެސް ކަލެއަށް އިތުބާރު ކުރަންތޯ؟”

ޒޭން އަވަސްއަވަހަށް ބޭންކް އެޕް ހުޅުވާލިއިރު އެކައުންޓަށް ޒިމާމް ބުނި އެ އަދަދު ޖަމާވެފައި ހުއްޓެވެ. އިނާ ހުރީ ބިރުން ޒޭންގެ މޫނަށް ބަލާށެވެ.

“އިނާ. މީ އޭނަގެ ރޭވުމެއް.. އަހަރެން މިއަކު ނުޖެހޭނަން.” ޒޭން އަވަސްއަވަހަށް ބުންޏެވެ.

ޒިމާމް ފޯނުން އިނާއަށް ގޮވާލިއެވެ. “އިނާ. ކަލޭ ހީކުރަނީ ޒޭން ތިތަނުގަ އެ ހުންނަނީ ހަމަ ހިލޭސާބަހަށް ކަމަށްތަ؟ އޭނާއަކީ އަހަރެމެންގެ ލޭ. އޭނަ އަބަދުވެސް ބޭނުންވަނީ ފައިސާ. މިހާރުވެސް އޭނަ އެހުރީ ފުލުހުންގެ ތެރޭގައި ތިބި އަހަރެމެންގެ މީހުންނާ ގުޅިގެން.”

“ކަލޭ ތި ހަދަނީ ހުސް ދޮގު” އިނާ ހަޅޭއްލަވައިގަތެވެ.

“އެހެންތަ؟” ޒިމާމް އަނެއްކާވެސް ހީގަތެވެ.

“އޭނަ އެ އުޅެނީ ޕެންޑްރައިވް އަހަރެމެންނަށް ދީފައި ފައިސާ ހިފައިގެން ރާއްޖެއިން ބޭރަށް ދާން.”

ޒޭން ފޯނު ބާރަށް މުށްކަވާލިއެވެ. “ޒިމާމް. ހުއްޓާލާ!” ޒޭން ރުޅިއައިސްގެން ހަޅޭއްލަވައިގަތެވެ.

“އިނާ. ޒޭން ކަލޭ މާލެގެންގޮސް ހަވާލުކުރާނީ އަހަރެމެންނާ. ސަލާމަތްވާން ބޭނުމިއްޔާ ޕެންޑްރައިވް ހިފައިގެން އަވަހަށް ތިތަނުން ފިލާ.” އެހެން ބުނެފައި ޒިމާމް ފޯނު ކަނޑާލިއެވެ. އިނާ ޒޭން އަށް ބަލަހައްޓައިގެން ހުރީއެވެ. އޭނާގެ ދެލޮލުގައި ވަނީ ޝައްކާއި ބިރުވެރިކަމެވެ.

“ޒިމާމް އެ އުޅެނީ އަހަރެމެން ބައިބައި ކުރަން. އޭނާއަށް އެނގޭނެ އަހަރެމެން ދެމީހުން އެކުވެގެން މަސައްކަތް ކޮށްފިއްޔާ އޭނަ ބަލިވާނެކަން. އަހަރެންގެ އެކައުންޓަށް ފައިސާ ޖަމާކުރީ އަހަރެން ފްރޭމް ކުރަން.” ޒޭން އިނާގެ ކައިރިއަށް ޖެހިލަމުން ބުންޏެވެ. އިނާ މަޑުމަޑުން ފަހަތަށް ޖެހިލިއެވެ. “އިނާ. އަހަރެން ވައުދުވަން. އަހަރެމެން މާލެ ގޮސް ދާނީ ސީދާ ކޮމިޝަނަރުގެ ގެއަށް. ޒިމާމް އެ ހަދަނީ ދޮގު. އަހަންނަށް އިތުބާރު ކުރޭ އިނާ.” ޒޭން އިނާ އަށް ބަލާލީ އާދޭހުގެ ނަޒަރަކުންނެވެ.

އިނާ ފުން ނޭވައެއް ދޫކޮށްލިއެވެ. “އަހަރެން ޒޭންއަށް އިތުބާރު ކުރަން ބޭނުން. އެކަމަކު ޒިމާމް އެބުނީ ތެދެއްނަމަ… ޒޭން އަހަރެން ގޮވައިގެން އެތަނަށް ގޮސްފިއްޔާ، ދެން ވާނީ ކިހިނެއް؟” ޒޭން އޭނާގެ ބަޑި ނަގައި އިނާގެ އަތަށް ދިއްކޮށްލިއެވެ.

“އަހަރެން އިނާ އަށް ދެރައެއް ދޭން އުޅޭހެން ހީވަންޏާ ވަގުތަކު މިއިން ހަމަލާދީ. އަހަރެން މަރުވިޔަސް އިނާ ސަލާމަތް ކުރާނަން. މީ އަހަރެންގެ ވައުދެއް.” އިނާ ބަޑީގައި ހިފިއެވެ. އޭނާގެ އަތް ތުރުތުރުލަމުން ދިޔައެވެ. މިއީ ޒިމާމް ބޭނުންވި ގޮތެވެ. އެމީހުންގެ މެދުގައި ނުތަނަވަސްކަން އުފެއްދުމެވެ. ނަމަވެސް ޒޭންގެ މި ހިތްވަރުގަދަ އަމަލުން އިނާގެ ހިތުގައި އޮތް ބިރުވެރިކަން ކުޑަކޮށް ފިލައިގެން ދިޔައެވެ.

(ނުނިމޭ)

 

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (6)

  1. Anonymous

    Don’t separate them please 🥺

    1. Ara
      Anonymous

      Let’s see dhw 😊

  2. Shaba_73

    Total how many episodes?

    1. Ara
      Shaba_73

      15

  3. 😶‍🌫️Raajiha 😶‍🌫️

    V reethi..
    Keep up the good work 😁

    1. Ara
      😶‍🌫️Raajiha 😶‍🌫️

      Thank you so much 🥰🫶🏻

Comments are closed.