Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިއެހެނިހެންލޯބި

ޖަވާހިރުގެ ބާރު – 8

leafy Level 210 Stories100 Login
February 14, 2026 5 Mins Read
0 Comments

ގަނޑުވަރުގެ ތެރެއަށް ވަދެ ހަމަޖެހުމުގެ ނޭވާއެއް ލެވޭތޯ ބެލީމެވެ. ނަމަވެސް ގަނޑުވަރުތެރެއިން ފެނުނީ އާދައިގެ މަންޒަރެއް ނޫނެވެ. މުޅި ފާރުތަކުގައި ވަނީ ހުސް ލެއެވެ. ބިންމަތީގައި މަރުވެފައިވާ އެހީތެރިންވެއެވެ. އެތަން ފުރިފައިވަނީ ކުނި ވަހާއި، ލެއިންނެވެ. އެތަނުން މީހެއްގެ ހިލަމެއްވޭތޯ އަހަރެމެން ދެމީހުންވެގެން ބެލީމެވެ. “އަހަރެންނަކަށް ދެނެއް ނުހިނގޭނެ ދޯ!” ރަނގަޅަށް ފައިނޭޅޭނެތީވެ، އަހަރެން ބުނީމެވެ. “ނޫން. ހިނގޭނެ ނަމަވެސް މި ގަޑީގައި އެނދުގައި ހަމަޖެހިލަން ހިނގާ! އެ ވަގުތު އަހަރެން މިތަން ސާފުކޮށް މަރުވެފައި އެތިބަ މީހުން ވަޅުލާނަން!” އަހަރެންގެ ލޮލަށް ބަލައިލަމުން ކިޒަން ބުނެލިއެވެ.

އަހަރެން އެނދުގައި ބޭއްވުމަށްފަހު، ކިޒަން ބޭރަށް ދިޔައެވެ. “ރިޒުއާނާ ބުނި ހަދިޔާއަކީ މިއީތަ؟” އަހަރެންގެ ހިތަށް އަރަމުން ދިޔައެވެ. އޭރު ޒައިލީވެސް އަހަރެންގެ ހަށިގަނޑުން ނިކުތެވެ. “އަހަރެންނަށް ކިހިނެތްތަ މިވަނީ؟ ޒައިލީ!” އަހަރެން ސުވާލުކޮށްލީމެވެ. “ނޭނގެ. އެ ރިޒުއާނާވެސް ހުއްޓާލާކަށެއް ނޫޅުނެއްނު. އޭނާ ހުއްޓުވާފައި ނޫނީ މިނާލްއަކަށް މިތާކު ނޫޅެވޭނެ މިހާރު.” ޒައިލީ އޭނާއަށް ވިސްނޭގޮތް ބުނެދިނެވެ. މާ ގިނައިރުތަކެއްނުވެ އަހަރެން ހޭނެތުނެވެ.

ރަތް ފިޔާތޮށި އުދަރެހާއެކު، ޒައިލީ ފާޅުވިއެވެ. “އަހަރެން ބޭނުން އެއްކަލަ ހުވަފެނުގައި ވާގޮތެއް ސާފުކުރަން. މިހާރު އެ ނުފެންނަތާ ދުވަސްކޮޅެއް ވެއްޖެ.” އަހަރެން ބުނެލީމެވެ. ޒައިލީވެސް އެއްބަސްވިއެވެ. ޒައިލީގެ އެހީއާއެކު އަހަރެން ކޮޅަށްތެދުވެ، މަޑުކަފަކޮޅެއްގެ ތެރެއިން ޚިޔާލުތަކުގެ ތެރެއަށް ދިޔައީމެވެ. ރިޒުއާނާ އެ ކީ އެއްޗެއް ޒައިލީއާ ސުވާލު ކުރީމެވެ. “އެއީ ސިހުރެއް. އެއީ މިނާލްގެ ބައްޕައަށްވެސް ހެދިގޮތް. ހަމަ ކުނޑިކޮޅުތަކަކަށް ހަދާލީ.” ޚިޔާލުތައް ގުޅުވާލަމުން ޒައިލީ ބުންޏެވެ. އެހެން ބުނުމާއެކު އަހަރެން ފަނޑުވާން ފެށިއެވެ.

ލޯހުޅުވާލެވުނީ ހުވަފެނީ ހަވަނަ މިނަށެވެ. ޒައިލީ ނެތުމާއެކު އަހަރެން ހުރިތަނަށް ވެއްޓުނެެވެ. އެއްކަލަ ދަހަނާ އަޅައިގެން ހުރި މީހާ ދުވެފައި ގަނޑުވަރަށް ވަނެވެ. “….ރު ދޫވެއްޖެ. އޭނާ ދުވެ ފިލައިފި.” އެ މީހާ ބުންޏެވެ. އަދިވެސް އޭނާ ބުނި އިބާރާތުގެ ކުރީކޮޅު ސާފެއް ނުވިއެވެ. އެއާއެކު ބައްޕަ ގަނޑުވަރުން ދުވެފައި ނިކުތެވެ. އޭނާގެ ފަހަތުން ދިޔައީކަމަށް ހީކުރީމެވެ. އަހަރެންނަކަށް ކޮޅަކަށް ނުތެދުވެވުނެވެ. މިއާއެކު ހުވަފެނީ ހަވަނަ މިނުން ނިކުމެވުނެވެ.

ހޭލެވުނީ ކިޒަންގެ އަޑަށެވެ. އޭރު އޭނާ ކާއެއްޗެހި ހިފައިގެން އެނދު ކައިރީގައި ހުއްޓެވެ. ފަހަތުގައި ތިން އެހީތެރިއަކުވެސް ހުއްޓެވެ. “ކިތައް މީހުން ސަލާމަތްވީ؟” އަހަރެން ހައިރާންވެފައި ސުވާލުކޮށްލީމެވެ. “އިހަކަށް ސުވާލުނުކޮށް ކާން އުޅޭ. މިހާރު ހުންނާނީ ގައިގެ ބާރު ދެރަވެފަ. މިއަދު އެއްކޮށް ކަހަލަ ގޮތަކަށް ޖާދޫ ހެދީމެއްނު! އަނެއްކާ ބައިވަރު ލޭ ވެސް ނިކުތެއްނު!” އޭނާގެ އަޑުގައި ވަނީ އަމުރުވެރި ކަމެވެ. އޭނާ ބުނި ބަސް އަހައިގެން ކެއީމެވެ.

އެނދުގެ ކައިރީގައިވާ ގޮނޑީގައި ކިޒަން އިއްތާލިއެވެ. “އަހަރެން މިހިރީ ހަމަ ހައިރާންވެފައި. އެއީ ތިޔަ ރިޒުއާނާ މި ގަނޑުވަރުވެސް ހަލާކު ކުރަން އުޅޭތީވެ. ރަސްގެފާނު ޒަނީންވެސް އެދިޔައީ ސިހުރުވެރިޔާގެ ސަބަބުން. މިހާރު މި ގަނޑުވަރުގެ އެހީތެރިންނަށް ތިބި ބަޔަކީ އެއީ.” ފާރުކައިރީގައި ހުރި ތިން އެހީތެރިންނަށް އިޝާރާތް ކުރަމުން ކިޒަން ބުނެލިއެވެ. “އިތުރު އެކަކުވެސް ސަލާމަތެއް ނުވޭ. މި އެހީތެރިންވެސް ސަލާމަތްވުމަށް މެދުވެރިވީ ރިހި އިމާރާތުގައިވާ ބާރުގަދަ ޖާދޫއެއްގެ ސަބަބުން.” އިސްދަށަށް ޖަހާލަމުން ކިޒަން ބުނެލިއެވެ.“ކަށުކަމާކެމީގެ ކަންތައްތައް ކޮށްފިންތަ؟” އަހަރެން ސުވާލުކޮށްލީމެވެ. ކިޒަން ބޮލުން އިޝާރާތްކޮށް އާނއެކޭ ބުންޏެވެ. ކިޒަން ދަނީއޭ ބުނުމަށްފަހު ‘ލިއަޣްފަފައި’(ކުތުބުޚާނާ) އަށް ދާން ބޭރަށް ނިކުތެވެ.

އެނދުގައި އިށީންދެ އިނދެ ރޭގައި އެޅި ފޮތިގަނޑު މަޑުމަޑުން ނައްޓަން ފެށީމެވެ. ތަދު އިހުސާސެއް ނުވިއެވެ. ފައިގެ ހަލާކުވެފައި ވަނީ ތަނބިކައްޓާއި ހަމައަށެވެ. ހީވަނީ މަސްތަކާއި ކަށިތައް ގިރިފައިވީހެންނެވެ. އޭރު އެހީތެރިންވެސް ސާފުކުރުމަށް ތެތް ފޮތި ހިފައިގެން އާދެއެވެ. ސާފުވީވަރަކަށް ‘ސަބިޝް ރެރިޑެން’(ޖާދޫގެ ނާރުތައް) ތައް ފާޅުވިއެވެ. ކައިވަތެއްގެ ދިގުމިނައް ހުރި ‘ރެރިޑެން’(ނާރު) ތައް ހުރީ ފަނޑު ރަތް ފިޔާތޮށި ކުލައިން ދިއްލިފައެވެ.

ޒައިލީ ހަށިގަނޑުން ނިކުތެވެ. “މި ރަށުގައި ‘ސަބިޝް މޮޝްޓަފް’(ޖާދޫގެ ހަކީމު) އެއް އުޅޭތަ؟” ޒައިލީ ސުވާލުކުރިއެވެ. “މި ރަށުގައި ‘ސަބިޝް މޮޝްޓަފެއް’ އުޅޭތަ؟” ކައިރީގައި ހުރި އެހީތެރިޔާއަށް އަހަރެން ސުވާލުކޮށްލީމެވެ. މިހާރު މި ރަށުގެ ހަލާކުވެފައިވާ ބައެއްގައި، ‘މޮޝްޓަފުން’ ކުރީގައި އުޅުއްވިކަމަށް އޭނާ ބުންޏެވެ. އެހެންނަމަވެސް ފައި ރަނގަޅުކުރުމަށްވުރެ ރިޒުއާނާގެ ޢަމަލުތައް ހުއްޓުވުން މާ މުހިއްމުކަމަށް އަހަރެން ގަބޫލުކުރީމެވެ.

އިތުރު ޚިޔާލެއްނުކޮށް އަހަރެން ‘ލިއަޣްފަފައި’(ކުތުބުޚާނާ) އަށް ‘ޓެލިޕޮފްޓި’(ޖާދޫ ދަތުރު) ވީމެވެ. އެއްފަޔަށް ކޮޅަށް ހުރެވޭތޯ ވަރަށް މަސައްކަތް ކުރީމެވެ. ނަމަވެސް ޖާދޫގެ ފުއްތަކުގެ ތެރެއިން މޫނުވަތަށް ވެއްޓުނީ ހަރު ފާރެއްފަދަ ތަނަކަށެވެ. މޫނު ހިއްލާ ބަލާލި އިރު އެއީ ކިޒަންގެ މޭމަތިކަން އެނގިގެން ދިޔައެވެ. ވަގުތުން އަހަރެންގެ ހިތުގެ ހިނގުން އަވަސްވެ ދިޔައެވެ. ކޯތާފަތް މަތިންވެސް އަހަރެންގެ އިހުސާސްތައް ފާޅުވަމުން ދިޔައެވެ. ކިޒަންގެ އޯގާތެރި ދެއަތުން އަހަރެން ގަހުގެ އޮފިގަނޑުގައި ބޭންދިއެވެ. “އަހަރެން މިއައީ ޖާދޫގެ ތަމުރީނުވާން. މިއަދު ފަށާނީ ކޮން އުންސުރެއް؟” ލަދުރަކި ގޮތަކަށް ބުނެލީމެވެ. “ތި ހުރި ހާލުގައި ޖާދޫ ހެދޭނެތަ؟” އިތުރަށް ޔަޤީން ކުރުމަށް ކިޒަން އެހިއެވެ. އަހަރެން އެއްބަސްވީމެވެ.

“ދެން އަސްލު އޮތީ ފެން، އެކަމަކު އަހަރެން ދެން ފަށާނީ ބިމުގެ ބައިން. ފުރަތަމަ ވިސްނަންވީ ގާގަނޑެއް ފާޅުކުރެވޭތޯ! މިއީ ވައިގެ ތެރޭގައި ދައުރުވާ ކިލާތަކުން އުފެއްދޭ އެއްޗެއް.” އަތުގެ އިނގިލިތަކުން ގާކޮޅެއް ފާޅުކުރަމުން ކިޒަން ބުންޏެވެ. އަހަރެންވެސް ބެލީ އެފަދަ ގާކޮޅެއް އުފެއްދޭތޯއެވެ. ‘ސަބިޝް ރެރިޑެން’(ޖާދޫގެ ނާރުތައް) ފިނިވެ ދިޔައެވެ. މިއާއެކު އަތުގެ ބަނޑުފުށުގައި ވެލި ފުއްތަކެއް ޖަމާވާން ފެށިއެެވެ. އަތް މުށް ކަރުވާލުމާއެކު ވެލިފުއްތައް އެކުވެ ހިލަވެ، ގަނޑުވެގެން ދިޔައެވެ. “ވަރަށް ރަނގަޅު” ކިޒަން ހިތްވަރުދިނެވެ. އަދިވެސް އަހަރެން މަސައްކަތްކުރީ އެ ގާކޮޅު ބޮޑުކުރެވޭތޯއެވެ. މުށްކަރުވާލީމެވެ. ‘ސަބިޝް ރެރިޑެން’(ޖާދޫގެ ނާރުތައް) ހޫނުވާން ފެށިއެވެ. އެ ގާކޮޅުގައި އަލިފާން ރޯވިއެވެ. އިރުކޮޅަކުން އަލިފާންނިވި، އަހަރެންގެ އަތަށް ވެއްޓުނީ ބިއްލޫރި ކޮޅެކެވެ. “ކިހިނެއް އެ ވީ؟” އަހަރެން ސުވާލުކޮށްލީމެވެ. “އެއީ ‘ޖިފެ’(އަލިފާނުގެ ޖާދޫ) އާއި ‘އެއަފްޓިޚް’(ބިމުގެ ޖާދޫ) އެކުވުމުން ވާގޮތެއް! މިގޮތަށް އިތުރު އެހެނިހެން ބާރުތައް އުފެއްދޭނެ، އެހެން އުންސުރުތައް ލައިގެންވެސް.” ކިޒަން ބުންޏެވެ. އެ ދުވަސް ނިމުމަކަށް އައީ ބޮޑެތި ގާގަނޑު އަހަރެންގެ އަތުން ފާޅުކުރެވޭ ހިސާބަށެވެ. އަދި ބިއްލޫރި އުފެއްދި، އެ ހޫނުކޮށް އެކި ބައްޓަމަށް ބަދަލުކުރެވޭ ވަރުންނެވެ.

“ވަރަށް ރަނގަޅު. ދެން މިއަދަށް ނިމުނީ. މާދަމާ ދެން ފަށާނީ ޥިރިމްގެ ބައި.” ކިޒަން ބުނެލިއެވެ. އެހެން ބުނުމާއެކު އަހަރެން އަވަސްވެގަތީ ‘ޓެލިޕޮފްޓި’(ޖާދޫ ދަތުރު) ވުމަށެވެ. ވަރުބަލި ދުވަހަކަށްފަހު، ގަނޑުވަރުގެ ކާގެއަށް ވަދެވުނީ ހަމަ ކިރިޔާއެވެ. އޭރު ކާތަކެތި ވަނީ މޭޒުމަތީގައި އަތުރާލާފައެވެ. ލަސްނުކޮށް އިށީނދެ އިނދެ ކެއުމަށްފަހު ކޮޓަރިއަށްވަދެ ފެންވަރާލައިގެން އެނދުގައި އޮށޯވެ، ނިދޭތޯ ބެލީމެވެ. އޭރު ޒައިލީވެސް ހަށިގަނޑުން ނިކުމެ އެނދުގައި އިނެވެ. “މިނާލް މިހާރު އަބަދު ތި ވިސްނަނީ ކިޒަންގެ މަތިން. މުޅި ސިކުނޑިވެސް އެއޮތީ ފުރިފައި.” ސަމާސާ ރާގަކަށް ޒައިލީ ބުނެލިއެވެ. “އެހެން ވާނެއްނު، މުޅި ހަށިގަނޑު އެހާމެ ފުރިހަމަ. ބަނޑުގައި ފުރިހަމައަށް އަތުރާލެވިފައިވާ ހަ މަސްގަނޑުވެސް އެހާމެ ވަރުގަދަ. މޭގައި ޖެހުނަސް ހީވަނީ ހަރު ފާރެއްހެން. ނުވިތާކަށް އޭނާގެ މޫނަށް ބެލުމަށް ފޫހިކަމެއްނެތި އެތައް އިރެއް ވަންދެން ހުރެވޭނެ. އެހާ ފުރިހަމަ ހަށިގަނޑަކާއި، ބުރުސޫރައަށް ނޫނެކޭ ބުނާނީ ކާކު؟” ވާހަކަ ދެއްކި ވަރަކަށް އަހަރެންގެ މޫނުމަތި ރަތް ވަމުންދިޔައެވެ. އެހެން އޮއްވާ ނިދި ޖެހުނެވެ.

ލޯހުޅުވާލެވުނީ ހުވަފެނީ ހަވަނަ މިނަށެވެ. ނަމަވެސް މި ފަހަރު ހުރެވުނީ ތަޚުތު އިމާރާތުގެ ވަންނަ ދޮރުގައި ލެނގިލައިގެންނެވެ. އޭރު އަހަރެންގެ ބައްޕަ އުދުހިފައި މައްޗަށް އަރަން ދިޔައެވެ. ބައްޕައަށްވުރެ މާކުރިން ޖަލުން ދޫވި މީހާ އުދުހިފައި ގޮސް ގެއްލުނެވެ. އިރުކޮޅަކުން ދަހަނާގައި ތިބި ބަޔަކު މީހުން ޖަލުން ދޫވިމިހާގެ ފަހަތުން މިސްރާބު ޖެހިއެވެ. އެއާއެކު މަންޒަރުތައް ފަނޑުވެ، ގެއްލުނެވެ.

ހޭލެވުނީ، އިރުގެ ފިޔާތޮށި ދޯދިތައް ކޮޓަރިއަށް އެޅުމުންނެވެ. އަވަސް އަވަހަށް ތެދުވެ، ތާޒާވެ، ސައިބޮއެގެން، ސަބިޝަލް ލިއަޣްފަފައި(ޖާދޫގެ ކުތުބުޚާނާ) އަށް ‘ޓެލިޕޮފްޓި’(ޖާދޫ ދަތުރު) ވީމެވެ. އެއީ ކިޒަންގެ ފަރާތުން ޥިރިމްގެ ޖާދޫ ދަސްކުރުމަށެވެ. އޭރު އެތާކު ކިޒަން ފެންނާކަށްނެތެވެ. އެތައް އިރަކު އިންތިޒާރުކުރުމަށްފަހު،ލިއަޣްފަފައި(ކުތުބުޚާނާ) ގެ ތިންވަނަ ހަރުފަތައް ފޭބީމެވެ. އޭރު ކިޒަން ފޮތެއް ހިފަހައްޓައިގެން ހަރެއްގެ ކައިރީގައި ހުއްޓެވެ. “ކިޒަން؟” އަހަރެން ގޮވާލީމެވެ. ކުއްލިއަކަށް އޭނާ އަހަރެންނާ ދިމާއަށް ބަލާލިއެވެ. އަދި އަހަރެންނާއެކު ގަހުގެ މައްޗަށް އަރަން ދިޔައެވެ.

“މިއަދު ކިޔަވާނީ ޥިރިމް ނުވަތަ ވައިގެ ޖާދޫ. މިއީވެސް ވަރަށް ބޭނުންތެރި އުންސުރެއް. ވައި އުފެއްދޭނެ އަދި ވައި ބަދަލުކުރެވޭނެ. މީގެއިތުރުން ތޫފާން އުފެއްދުމާއި، އެހެނިހެން ބާރުތައްވެސް އުފެއްދުމުގެއި ވައިގެ ދައުރު ވަރަށް ބޮޑުވާނެ. މިސާލަކަށް އަލިފާން އުފެއްދުމުގައި އަތުގައި ތި ޖަމާކުރަނީ އޮކުސިޖަން. ވައިގެ ތެރޭގައި އޮކުސިޖަން މަދުނަމަ، އަލިފާންގަނޑު އެހާ ވަރުގަދައެއް ނުވާނެ.” ކިޒަން ކިޔަވައިދޭން ފެށިއެވެ. އަހަރެން ހުރީ ހަމަ ހައިރާންވެފައެވެ. އެއީ އެކި އުންސުރުތައް އެހެން އުންސުރުތަކަށް ބޭނުންވާތީއެވެ.

ކިޒަން ތެދުވެ، ވައިގެ ބާރެއް ދައްކާލިއެވެ. ވައިގެ ތެރޭގައިވާ ނުސާފުކަން ނައްތުވާލާ، ސާފު ވައި ވަކިކުރިއެވެ. އަދި އަހަރެންވެސް އެ ގޮތައް ކަންތައްތައް ކުރުމަށް ބުންޏެވެ. މުޅި އެ ތަނުގައި ވާ ވައި ސާފު ކުރީމެވެ. ފަހަރަކަށްވުރެ ފަހަރެއް ޖާދޫގެ ބާރުތައް ރަނގަޅު ކުރަމުން ދިޔައީމެވެ.

އެދުވަހުގެ މެންދުރުފަހު، އަހަންނާއި ކިޒަން ‘ޓެލިޕޮފްޓި’ވީ ރީތި ދޮންވެލި ގަނޑަށެވެ. ހުއްޓާނުލައި ބަލަން ހުރެވުނީ އެ ސާފު ރީތި ކިރުކޮޅެއްފަދަ ވެލިގަނޑަށެެވެ. ބިއްލޫރިކޮޅެއްފަދަ ސާފު މޫދާއި ޖެހޭ ފިނި ވައިރޯޅިތަކުން އަހަރެންގެ ހިތް ފުރެމުން ދިޔަކަހަލައެވެ. އިރުގެ މަޑު ފިޔާތޮށި ކުލައިން މުޅި އެތަން ފުރިހަމަވެގެން ދިޔައެވެ.

ކިޒަން ބުނިގޮތުގައި ފެނަކީ ގިނަ މީހުންނަށް ދަސްކުރަން ވަރަށް އުނދަގޫ ބާރެކެވެ. މި ރަށުގައި އާންމުކޮށް ފެނުގެ ބާރަށް ކިޔައި އުޅެނީ ‘ޥަޓެފް’ ކަމަށްވެއެވެ. ކަކުލާ ހަމައަށް ފަސްބައި އަރުވާޖަހާފައި ކިޒަން މޫދަށް ފޭބިއެވެ. އަހަރެން ދަސްކުރި ވައިގެ ޖާދޫ އާއެކު އުދުހެން ދަސްކުރީމެވެ. އެހެންކަމުން މޫދަށް ފޭބުމުގައި އެއްވެސް ދައްޗެއް ކުރިމައްޗެއްނުވެއެވެ. ކިޒަން އޭރު ބޮޑު ރާޅު ބާންޏެއް އުފެއްދިއެވެ. އަދި އެ ބާނި ތިރިވެސް ކުރިއެވެ. އަހަރެންވެސް މޫދުން ފެންފޮދެއް ނެގޭތޯ ބެލީމެވެ. ފެން ތިއްކެއްހާ މިންވަރުވެސް ނުހިއްލުނެވެ. އިރު އޮއްސެންދެން މަސައްކަތްކުރީމެވެ. ދުވަސް ނިމި ދިޔައިރުވެސް ހަމައެކަނި ހިއްލުނީ ކޯވަރެއްހާ ފެނެވެ.

“އެހެންވީމަ މިއަދަށް ނިންމާލަމާ! މާދަމާވެސް ފަށާނީ ހަމަ މިތަނުގައި. ދުވަސްކޮޅަކުން މި ޖާދޫ ދަސްވާނެ.” ކިޒަން ހިއްވަރުދެމުން ބުންޏެވެ. އަހަރެންވެސް ބުނި ބަހަށް އެއްބަސްވެ، ގަނޑުވަރަށް ‘ޓެލިޕޮފްޓި’ ވީމެވެ. ގަނޑުވަރަށް ދެވުނުހެން އަހަރެން މިސްރާބު ޖެހީ ފައްވާރު ހުރި ތަނަށެވެ. އެ ތަނުގައި ވާ ފިނިފެންމަލުން މުޅި އެތަންވަނީ އެއްވަސްކޮށްލާފައެވެ. ފުންނޭވާއެއްލުމަށްފަހު، ދެއަތް ހިއްލާލީމެވެ. މަޑުމަޑުން އަތް މައްޗަށް ނަގަމުން ދިޔައީމެވެ. އެވަރަށް ސަމާލުކަންދީގެން ޖާދޫ ހެދިކަމުގައި ވީނަމަވެސް ފެންފޮދެއް ނުނެގުނެވެ. އޭރު ޒައިލީވެސް ހަށިގަނޑުން ބޭރަށް ނިކުމެއެވެ. “ދެރަނުވޭ އެކި މީހުންނަށް އުނދަގޫ ވާނީ އެކިއެކި ކަންތައް.” ޒައިލީ ހިއްވަރު ދިނެވެ. ފައްވާރުގެ ބުރުމަތީގައި އިށީނީމެވެ. ހަމައެއާއެކު ކަނާތުފައިން ބޭރުގައިވާ ސަބިޝް ރެރިޑެން(ޖާދޫގެ ނާރުތައް) ދިއްލެން ފެށިއެވެ. އަހަރެން ހުރީ ހަމަ އަޖާއިބުވެފައެވެ. ނަމަވެސް ކަމެއް ގޯސްވެދާނެތީ އަވަހަށް ފައްވާރުން ފައި ނެގީމެވެ. “އެވީ ކިހިނެތް؟” އަހަރެން ސުވާލުކުރީމެވެ. “މި ފައްވާރަކީ ޖާދޫގެ ބާރުން ފުރިފައިވާ އެއްޗެއް. އެހެންވީމާ މީގެން ފައިބާ ފެނަކީވެސް ބާރު ހުންނަ އެއްޗެއް. އަހަންނަށް ހީވަނީ ހަލާކުވެފައި ތިވާ ނާރު ރަނގަޅުވީހެން.” ޒައިލީއަށް ހީވާގޮތް ބުންޏެވެ.

ލަސްނުކޮށް އަހަރެން ބަލައިލީ ފިޔާތޮށި ކުލައިގެ، ސަބިޝް ރެރިޑެން(ޖާދޫގެ ނާރުތައް) އަށެވެ. ނާރުތަކުގެ ދިގުހުރަސް ހަނޑޫފުކެއްވަރުވާއިރު، ތިރިއަށްދެމެމުން ހިމަވެފައިވެއެވެ. މާބޮޑަށް އަނދިރި ނުވަނީސް ކޮޓަރިއަށް ދާން އުދުހިގަތީމެވެ. ކޮޓަރީގެ ކުޑަދޮރުން ވަދެ، ފެންވަރާ ތާޒާވެލައިގެން ރޭގަނޑުގެ ކެއުމަށް ދިޔައީމެވެ. ކެއުމަށްފަހު އަނެއްކާވެސް ދިޔައީ ފައްވާރު ކައިރިއަށެވެ. އަބަދު އުދުހެން ޖެހޭތީވެ، ހަކަތަ ހުސްވާލެއް އެހާމެ އަވަހެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

leafy

Level 210 Stories100 Login

Other Articles

Previous

އެދިގެން ކަލާ ލިބޭތޯ 42

Next

ފުރަތަމަ ފެނިލުމުން 4

Next
February 14, 2026

ފުރަތަމަ ފެނިލުމުން 4

Previews
February 14, 2026

އެދިގެން ކަލާ ލިބޭތޯ 42



All Right Reserved!