ލަޔާލް އެހާ ދުރަށް އައީ އެންމެ ކަމަކުއެވެ. ކިޔާންގެ ގިނަ ހަނދާންތައް ވީ އެ ތަނުގައި ކަމަށް ވެފައި އެހެން އެންމެންނާ ދުރުގައި އެ ހަނދާންތަކާއެކު ވަގުތުކޮޅެއް ހޭދަ ކޮށްލަން ލަޔާލް ބޭނުންވީއެވެ. އޭގެ އިތުރުން ދުރުގައި ހޭދަވި މަހެއްހާ ދުވަސް ތެރޭ، ސާހިލްއާ މެދު ލަޔާލްގެ ހިތް އެދޭ ގޮތް އެއްވެސް ޝައްކެއް ނުވާ ވަރަށް ލަޔާލްއަށް ޔަގީންވިއެވެ. ސާހިލްއާ ވަކިވުމަކީ ދެން ލަޔާލްއަށް ކުރެވޭނެ ކަމެއް ނޫނެވެ. ކުރިން އެހާ ދުވަހު ހުރެވުނީ ކުރެވުނު ޝައްކެއްގެ ސަބަބުން ލަޔާލްއާ މެދު ސާހިލްއަށް ކަންތައް ކުރެވުނު ގޮތުންނެވެ. ހުރިހާ ކަމެއް އެނގުނު ފަހުން ސާހިލް މާފަށް އެދުނު ވަރާ، ލަޔާލް ލޯބި ވާކަން ހާމަ ނުކުރާ އިރުވެސް ސާހިލްގެ ފަރާތުން އިހުސާސް ކުރެވުނު ލޯބީގެ ސަބަބުން ލަޔާލްގެ ހިތް ކުރިއަށް ވުރެ ބޮޑަށް ސާހިލްއަށް އެދެން ފެށިއެވެ.
އަފްޒާއާ ލަޔާލް ދިމާވީ ލަންކާއިންނެވެ. މާލެއަށް ދިޔުމުގެ ކުރިން ލަޔާލް ބޭރަށް ނިކުމެލީ ލަމްހާގެ އެދުމަށެވެ. ލަމްހާއާ ފަޒީންއާ، އެ މީހުންގެ ދޮށީ ދަރިފުޅާ އެކު ބާޒާރު ކުރުމުގައި ގަޑިއެއްހާ އިރު ހޭދަ ކުރުމަށް ފަހު ފިނި އެއްޗެއް ބޯލުމަށް އެންމެން އެކުގައި ރެސްޓޯރެންޓްގައި ތިއްބާ ލަޔާލް ފެނިގެން ލަޔާލް ކައިރިއަށް އައި އަފްޒާ އަމިއްލައަށެވެ.
“އަފްޒާ..” ލަޔާލްއަށް ހައިރާންވެފައި އެ ނަން ކިޔާލެވުނެވެ.
“ލަޔާލް.. އައިމް ސޯ ސޮރީ.. އަހަރެން އަޑު އެހިން ލަޔާލްގެ ދަރިފުޅު—” އަފްޒާ ލަސްލަހުން ފެށިއެވެ. ނަމަވެސް ލަޔާލް ހުރީ އަފްޒާގެ ވާހަކަ އަޑު އަހާ ގޮތަކަށް ނޫނެވެ.
“އަހަރެންގެ ދަރިފުޅުގެ ވާހަކަ ނުދައްކާ. އޭނައަށް ވީ އެއްވެސް ކަމަކީ އަފްޒާއާ ބެހޭ ކަމެއް ނޫން. ހުރިހާ ކަމެއް ރަނގަޅު ކުރުން އަފްޒާގެ އަތްމަތީ އޮއްވާ އަހަރެން އެހީއަށް އެދުނީމަ އަފްޒާ ދެންވެސް ހެދީ ދޮގެއްނު؟ އެކަމަކު ތެދެއް ވިއްޔާ ކޮންމެވެސް ދުވަހަކުން އެނގޭނެ، އަފްޒާ އޮޅުވާލަން އެހާ މަސައްކަތް ކުރި އިރުވެސް އަހަރެން ދޮގު ނުހަދާ ކަން ސާހިލްއަށް އެނގިއްޖެ. އަދިވެސް އަހަންނާ ސާހިލްގެ މެދަށް ވަންނަން ބޭނުމިއްޔާ ޓްރައި ޔޯރ ބެސްޓް! އެކަމަކު ދެން އަފްޒާއަކަށް ކާމިޔާބެއް ނުވާނެ.
އަފްޒާއާ ހެދި އެގާރަ އަހަރު އަހަރެން ސާހިލްއާ ދުރުގަ ހޭދަ ކުރީ.. އާއިލާއާ ވަކިން އެކަނި އަހަރެން އެ ދުވަސްތައް ހޭދަ ކުރީ.. އެކަމަކު މިހާރު އެ ހުރިހާ ކަމެއް ނިމިއްޖެ. އަފްޒާ ކުރި ކަމަކަށް ވިއްޔާ އަހަރެން މާފު ކޮށްފިން. އެކަމަކު އަހަރެންގެ ދަރިފުޅޭ ކިޔާފަ އެއްވެސް އެއްޗެއް ބުނަން ހިތަށްވެސް ނާރުވާތި! ސާހިލްގެ ކިބައިން މާފަށް އެދެން ވިސްނާ ނަމަ، ސާހިލްއަށް އޭނަގެ ދަރިފުޅާ ދުރުގަ ދިހަ އަހަރު ހޭދަ ކުރަން ޖެހުނީ އަފްޒާއާ ހެދި ކަން ހަނދާން ނައްތާނުލާ ސާހިލްގެ ކުރިމައްޗަށް ދާން ކެރެންޏާ ދޭ. މޭބީ ހީ ވިލް ފޮރގިވް ޔޫ!” ލަޔާލް ހިތުގައި ވީ އެއްޗެއް އަފްޒާއަށް އިއްވާލިއެވެ.
“އަހަންނަށް އެނގޭ ސާހިލް އަހަންނަށް މާފެއް ނުކުރާނެ ކަން. ލަޔާލްގެ މާފުވެސް އަހަންނަށް ހައްގެއް ނޫން، އެކަމަކުވެސް.. އަހަރެން މާފަށް މި އެދެނީ ހިތުގެ އަޑިން. ތި ދެ މީހުންގެ މެދަށް ވަންނާކަށް ދެން ބޭނުމެއް ނޫން. ސާހިލްގެ ކުރިމައްޗަށް އަރާކަށް ނުކެރޭނެ، އެހެންވެ ލަޔާލް ކައިރީ މި އެދެނީ.. ވެގެން ވާނަމަ އަހަންނަށް މާފު ކޮށްދޭށޭ ސާހިލް ކައިރީ ބުނެދީ.. އައި ރިއަލީ އޭމް ސޮރީ ލަޔާލް..!” އެ ވަރަށް ބުނެފައި އަފްޒާ ދުރަށް ދިޔައީއެވެ.
އަފްޒާ ދިޔަ ދިމާއަށް ބަލަން އިން ލަޔާލްގެ ހިތަށް ކޮންމެވެސް ވަރެއްގެ ލުޔެއް އިހުސާސް ކުރެވުނެވެ. އަފްޒާއަށް މަޢާފް ކުރުމަކީ ނިންމުނު ރަނގަޅު ނިންމުމެއް ކަން ލަޔާލްއަށް ޔަގީން ވިއެވެ.
ލަންކާގައި އެއްމަސް ދުވަހު ހުރުމަށް ފަހު ލަމްހާއާ ނީޒާއަށް ޝުކުރު އަދާ ކޮށްފައި ލަޔާލް މާލެއަށް ދާން ފުރީ މާލޭގައި ތިބި އެއްވެސް މީހަކަށް ނާންގައެވެ. ލަޔާލްގެ ޕްލޭންއާ އެއްގޮތަށް ކަންތައް ކުރެވޭނީ ކޮންމެވެސް އެކަކުގެ އެހީ ލިބިގެން ކަން އެނގޭތީ ލަޔާލް ގުޅީ އާޔާއަށެވެ. މާލެ އައި ގޮތަށް ލަޔާލް ފުރަތަމަ ދިޔައީ ސާހިލްމެން ގެއަށެވެ. ލަޔާލް ދިޔަ ފަހުން ސާހިލް އަލުން ގެއަށް ބަދަލުވި ކަން ލަޔާލްއަށް އެނގެއެވެ.
އަހަރުތަކެއް ކުރިން ސާހިލްމެން ގެއިން ނިކުތް ފަހުން އެގެ ފެންނަ ހިސާބަށްވެސް ލަޔާލް އެ އައީ ފުރަތަމަ ފަހަރަށެވެ. ކާރުން ފައިބާފައި ލަޔާލްއަށް އިރުކޮޅަކަށް އެ ގެއާ ދިމާއަށް ބަލަން ހުރެވުނީ ކުރީގެ ހަނދާންތައް ހިތުގައި އާ ވުމުންނެވެ.
“ގޯ ދޮންތާ. ގުޑްލަކް!” ލަޔާލްއާ އެކު ކާރުން ފޭބި އާޔާ ލަޔާލްގެ އަތުގައި ހިފާލިއެވެ.
“ތޭންކްސް ސިސް!” އާޔާ ގައިގައި ބައްދާލަމުން އެހެން ބުނެފައި ލަޔާލް ފުން ނޭވައެއް ލާފައި ގޭގެ ދޮރު ކައިރިއަށް ގޮސް އާޔާ ދިން ކީކާޑް ތަޅުގައި ޖައްސާލިއެވެ.
މާހިރާމެންގެ އެޕާޓްމެންޓް ދޮރުމަތީ ހުއްޓިފައި ލަޔާލް ބެލް ޖަހާލީ ސާހިލް ނޫން އެހެން ކޮންމެވެސް މީހަކު ދޮރު ހުޅުވާތޯ ހިތާހިތުން ދުޢާ ކޮށްލަކޮށްލާ ހުރެއެވެ. އެއީ ރޭގަނޑު ކަމަށް ވާތީ މާހިރާ ނުވަތަ އިރުފާން ދޮރު ހުޅުވަފާނެ ކަމަށް ލަޔާލް ހުރީ ތައްޔާރު ވެގެންނެވެ.
ދޮރު ހުޅުވީ މާހިރާއެވެ. ލަޔާލް ފެނުމުން ފުރަތަމަ ހައިރާންވެފައި ބަލަން ހުރެފައި މާހިރާ ލަޔާލް ގައިގައި ބައްދައިގަތެވެ. ދެން ދުރަށް ޖެހިލި ގޮތަށް ލަޔާލްގެ އަތުގައި ހިފާފައި އެތެރެއަށް ވެއްދުމާއެކު ބާރަށް ސާހިލްއަށް ގޮވާލަން އުޅުނެވެ.
“ސާ—” މާހިރާއަށް ސާހިލްގެ ނަން ފުރިހަމަ ނުކުރެވެނީސް ލަޔާލް މާހިރާގެ އަނގަމަތީ އަތް އެޅިއެވެ.
“ޝްޝް ބޮޑުއްތާ!” ކަންބޮޑުވެފައި ގޭތެރެއަށް ބަލާލަމުން ލަޔާލް ވައި އަޑުން ބުންޏެވެ. އޭރު ސިޓިންގްރޫމްގައި އިން އިރުފާންއަށް އެ މީހުން ފެނިއްޖެއެވެ.
“ލަޔާލް! ދަރިފުޅު ކޮން އިރަކު އައީ؟ ސާހިލްއަށް އެނގޭތަ؟” ލަޔާލްގެ އިޝާރާތް ވިސްނުނު އިރުފާން އައިސް އެ މީހުން ކައިރީ ހުއްޓެމުން މަޑުމަޑުން އެހިއެވެ.
“މިއަދު. އެއަރޕޯޓުން މި އައީ މި ގެއަށް. އެކަކަށްވެސް އަދި ނޭނގޭނެ” ލަޔާލް ޖަވާބު ދިނެވެ.
“އެކަމަކު..” މާހިރާ ވާހަކަ ދައްކަން އުޅުނެވެ. ނަމަވެސް ލަޔާލް މާހިރާ ހުއްޓުވިއެވެ.
“ބޮޑުއްތާ، ފަހުން ހުރިހާ އެއްޗެއް ކިޔާދޭނަން. އިހަށް ބޭނުމީ ސާހިލްއާ ވާހަކަ ދައްކަން. ސާހިލް ކޮބާ؟” ލަޔާލް ހުރީ ސާހިލް ދުށުމަށް ކެތްތެރިކަން ކުޑަވެފައެވެ.
“ކޮޓަރީގަ” ލަޔާލްއާ ސާހިލް އުޅުނު ކޮޓަރިއަށް އިޝާރާތް ކޮށްލަމުން މާހިރާ ބުންޏެވެ.
ލަޔާލް އެ ދިމާއަށް ފިޔަވަޅެއް އަޅާލި ނަމަވެސް މާހިރާ ލަޔާލްގެ އަތުގައި ހިފާ ހުއްޓުވިއެވެ.
“ލަޔާލް، ދަރިފުޅު ރަނގަޅުތަ؟” ލަޔާލްއާ މެދު ކަންބޮޑުވެފައި ވާކަން އެ އަޑުން ދޭހަވެއެވެ.
“އަހަރެން ރަނގަޅޭ ބޮޑުއްތާ. ރަނގަޅު ނޫން ކަންތައްވެސް އިރާދަ ކުރެއްވިއްޔާ ދެން ރަނގަޅު ވެދާނެ” ލުއި ހިނިތުންވުމަކާ އެކު ލަޔާލް ބުންޏެވެ.
“މާހިރާ. އިހަށް ލަޔާލް ދިޔަދީބަލަ” މާހިރާ އިތުރަށް ސުވާލު ކުރަން އުޅޭ ހެން ހީވުމުން މާހިރާގެ އަތުގައި ހިފާލަމުން އިރުފާން ބުނި އިރު މާހިރާއަށް ވުރެ ކުރިން ލަޔާލްގެ ހިތުގައި ވާ އެއްޗެއް އިރުފާންއަށް ވިސްނުނު ކަހަލައެވެ.
ކޮޓަރީގެ ދޮރުމަތީ މަޑުކޮށްލި ގޮތަށް ލަޔާލް މަޑުމަޑުން ދޮރު ހުޅުވާލިއެވެ. ބޮކި ނިއްވާލާފައި ހުރި އިރު ބެލްކަނީގައި ދިއްލާފައި ހުރި ބޮކީގެ އަލިން ކޮޓަރި ތެރެ އޮތީ އަލިކޮށެވެ. ލަޔާލް އެތެރެއަށް ވަދެ ދޮރު ލައްޕާލާފައި ސާހިލް ކޮބާތޯ ހޯދާލިއެވެ. ކޮޓަރި ތެރެއިން ސާހިލް ފެންނަން ނެތުމުން ލަޔާލް އެނބުރިލީ ބެލްކަންޏާ ދިމާއަށެވެ. އަލި ނުވަންނާނެ ހެން ހުރި ގަދަ އަޅި ކުލައިގެ ދޮރުފޮތިގަނޑު ކަހާލާފައި ހުރި އިރު، އޭގެ ބޭރުން ހުރި ހުދު ކުލައިގެ ތުނި ފޮތިގަނޑު ތެރެއިން ބޭރުގައި ހުރި ސާހިލް ލަޔާލްއަށް ފެނުނެވެ. ދޮރާ ދިމާ ކުރިމަތީގައި ދެ އަތުން ރެއިލިންގްގައި ހިފަހައްޓާލައިގެން ހުރި ސާހިލް ފެނުމުން ހިތް ފުރެން ދެން ބަލަން ހުރުމަށް ލަޔާލްގެ ހިތް އެދުނެވެ.
ލަސް ފިޔަވަޅުތަކެއްގައި ސިއްރުން ކަހަލަ ގޮތަކަށް ލަޔާލް ބެލްކަންޏަށް ނިކުތް ގޮތަށް ސާހިލް ގައިގައި ފަހަތުން ބައްދާލާ ސާހިލްގެ ބުރަކަށީގައި މޫނު ޖައްސާލިއެވެ.
ސިހިގެން ދިޔަ ސާހިލްއަށް އެއީ ލަޔާލް ކަން އެނގޭކަށް ދެތިން ސިކުންތުވެސް ނުނަގައެވެ. ލޯ މަރާލުމާ އެކު އެ ހުރި ގޮތަށް ހުރެ ސާހިލްގެ މޭ ދަށުން ހިފަހައްޓާލެވިފައިވި ލަޔާލްގެ ދެ އަތްމަތީ އަތް ޖައްސާލައިގެން އިރުކޮޅަކު ހުރެފައި ލަޔާލްގެ އަތް ނައްޓުވާލަމުން އެނބުރުނެވެ.
“ލަޔާ.. ހުވަފެނެއްތަ މީ؟ އަހަންނަށް ގޮތެއް ވީތަ؟” ސާހިލް އަހާލި އިރު ހީވީ ކުރިމަތިން އެ ފެންނަނީ ލަޔާލް ކަން ޔަގީން ނުކުރެވިފައި ހުރި ހެންނެވެ.
“ހުވަފެނެއް ނޫން..” ލަޔާލް ބުންޏެވެ.
ދެންވެސް ގަބޫލު ކުރަން ދަތިވެފައި ސާހިލް ހުރީއެވެ. ސާހިލްގެ މޭގައި އެއް އަތުން ފިރުމާލާފައި އަނެއް އަތުން ސާހިލްގެ ކަނދުރާގައި ހިފާ ކައިރިއަށް ދަމާލަމުން ސާހިލްގެ ތުންފަތުގައި ލަޔާލް ބޮސްދިނެވެ. އެ ގޮތުގައި އިރުކޮޅެއް ހޭދަވީ ފަހުން ސާހިލް ދުރަށް ޖެހިލިއެވެ.
“އަނެއްކާވެސް ދާންތަ ތި އައީ؟ އެހެން ވިއްޔާ ރީތިކޮށް ބުނޭ. އަހަރެން.. އަހަރެން.. ލަޔާއަކަށް ނޭނގޭނެ..” ލަޔާލްއާ ދިމާއަށް ބަލަން އިރުކޮޅަކު ހުރެފައި ވާހަކަ ދައްކަން ފެށި ނަމަވެސް ހިތުގައި ވާ އެއްޗެއް ބުނަން ސާހިލްއަށް އުނދަގޫ ވިއެވެ.
ލަޔާލް ދިޔުމުން، އާދޭސް ކޮށްގެން ވިޔަސް އަލުން ސާހިލްގެ ޙަޔާތަށް ލަޔާލް ގެންނަން ބޭނުންވެ އެހާ ވަރަށް ގުޅަން މަސައްކަތް ކުރި ނަމަވެސް އެ ގޮތަށް ސާހިލްއަށް ލަޔާލް ނުލިބޭނެ ކަން ވިސްނުމުން ލަޔާލްއަށް ވަގުތު ދީގެން ސާހިލް ހުރީއެވެ. އެ ދުވަސްތައް ސާހިލް ހޭދަ ކުރީ ކިހިނެއް ކަން އެއްވެސް މީހަކަށް ނޭނގޭނެއެވެ. އެ މަހެއްހާ ދުވަސް، ލަޔާލްއާ ދުރުގައި ހޭދަ ކުރި އެގާރަ އަހަރު ފަދައެވެ.
“ދެން ނުދާނަން. އިރާދަ ކުރެއްވިއްޔާ ދެން ސާހިލްއާ ދުރަކަށް ނުދާނަން. އޭރުވެސް ދިޔައީ ސާހިލްއާ ދުރަށް ދާކަށް ނޫން. ދެން ސާހިލްއާ ވަކިވާކަށް އަހަރެން ބޭނުމެއް ނޫން. މި އައީ ދެން އަނެއްކާ ދާކަށް ނޫން” ލަޔާލް ބުންޏެވެ.
ސާހިލް އެއްޗެއް ނުބުނެ ލަޔާލް ގެނެސް މޭގައި ޖައްސާލިއެވެ.
“އަހަރެން ވަރަށް ލޯބިވޭ ލަޔާލް ދެކެ.. ޕްލީޒް، ދެން ނުދާތި! ދެން ލަޔާލްއާ ދުރުގައެއް ނުހުރެވޭނެ..” ސާހިލް ބުންޏެވެ.
“އައި ލަވް ޔޫ ޓޫ!” އެތައް ދުވަހެއް ފަހުން، ސާހިލް ދެކެ ލޯބިވާ ކަން ލަޔާލް ދުލުން ހާމަ ކުރިއެވެ.
އެ ބަސްތައް އަޑު އިވުމުން ސާހިލްއަށް ހީވީ މެއަށް ފިނިވެލައިގެން ދިޔަ ހެންނެވެ. އިހުސާސް ކުރެވުނު ހިތްހަމަޖެހުމާއެކު ލަޔާލްގެ މޫނުގައި ދެ އަތުން ހިފާލަމުން އެ މޫނަށް ބަލަން ހުއްޓެވެ.
“އަދި ބުނެބަލަ..” އެ ބަސްތައް އަދިވެސް އަޑު އަހާލުމަށް ސާހިލްގެ ހިތް އެދެމުން ދިޔައެވެ.
“އައި ލަވް ޔޫ! ސާހިލް ދެކެ ވަރަށް ލޯބިވޭ..” ލަޔާލް އެއް އަތުން ސާހިލްގެ މޭގައި ފިރުމާލަމުން ބުންޏެވެ.
ބާރަށް ހީލަމުން ސާހިލް އަނެއްކާވެސް ލަޔާލް ގައިގައި ބައްދާލީއެވެ. ދެ މީހުންވެސް ބޭނުންވީ ވަކިން ހޭދަވި ދުވަސްތަކުގެ ހަނދާން ހިތުން ފޮހެލާށެވެ. އެކުގައި ހޭދަ ކުރުމަށް ލިބުނު ކޮންމެ ވަގުތުކޮޅެއްގެ ބޭނުން އެންމެ ފުރިހަމައަށް ހިފާށެވެ.
“ސާހިލް ޕްރޮމިސް ކުރި ހަނީމޫންއަށް އަދިވެސް ނުގެންދޭ، ދެން ސާހިލްއަށް ހަނީމޫން ލަހެއް ނުކުރެވޭނެ. ހިނގާ ދާން” އެގާރަ އަހަރު ކުރިން ސާހިލް ވީ ވަޢުދުގެ މަތިން ލަޔާލް ހަނދާން ކޮށްދިނެވެ. އަލުން އާ ފެށުމަކުން ސާހިލްއާ އެކު ދިރިއުޅުން ކުރިއަށް ގެންދިޔުމަށް ލަޔާލް ހުރީ ކެތްތެރިކަން ކުޑަވެފައެވެ.
“ކޮންތާކަށް ދާނީ؟” ސާހިލް ވަގުތުން އެއްބަސް ވިއެވެ.
“މެލޭ؟” ލަޔާލް ބޭނުންވީ ކުރިންވެސް ރޭވި ގޮތަށް ކަންތައް ކުރާށެވެ.
“ޑަން!” އެހެން ބުނުމާއެކު ސާހިލް ދެ އަތުން ލަޔާލްގެ މޫނުގައި ހިފާލަމުން ކައިރިވެލިއެވެ. ލަޔާލްވެސް އެ ވަގުތު ސާހިލްއާ ދުރަށް ދާކަށް ބޭނުމެއް ނުވިއެވެ. ނަމަވެސް މާހިރާއާ އިރުފާން އިންތިޒާރުގައި ތިބި ކަން އެނގޭތީ ލަޔާލް ޖެހުނީ ސާހިލް ހުއްޓުވާށެވެ.
“މަންމަމެން ތިބޭނެ އަހަރުމެން ނިކުންނާނެ އިރަކަށް.. އިހަށް ހިނގާ ބޭރަށް” ލަޔާލް އެދުނެވެ.
ނުރުހުމުގެ އަޑެއް ލައްވާލަމުން މޫނުގައި އަތް އަޅާލަމުން ސާހިލް އެއްފަރާތަށް އެނބުރުނެވެ. ލަޔާލް ހިނިއައިސްފައި ސާހިލްގެ މޭގައި ފިރުމާލިއެވެ. ސާހިލް އެ އަތުގައި ހިފާލަމުން ގެނެސް ތުންފަތުގައި ޖައްސާލައިގެން އިރުކޮޅަކު އޮތެވެ.
“ސާހިލް..” އެހެން އޮވެފައި ލަޔާލް ގޮވާލިއެވެ. ލަންކާއަށް ގޮސްފައި ދުވަސްތައް ހޭދަ ކުރި ގޮތް ލަޔާލް ކިޔާދިން އިރު ސާހިލް އަޑު އަހަން އޮތެވެ.
“މި ވީކް ތެރޭގަ އެއްޗެހި ލިބޭނެ. ބައެއް އެއްޗެހި ބަހައްޓާފަ ދެން ހުރި އެއްޗެހި ޑޮނޭޓް ކުރަން އަހަރެން ބޭނުމީ. ސާހިލްއަށް އޯކޭތަ؟” ކިޔާންގެ އެއްޗެއްސަށް ހަދަން ބޭނުންވާ ގޮތް ލަޔާލް ބުންޏެވެ.
“އޭގެ ބޭނުން ހިފޭ ކުދިންނަށް ދިނުން އެންމެ ރަނގަޅު ގޮތަކީ” ލަޔާލް ވިސްނާފައިވާ ގޮތް ސާހިލްއަށްވެސް ކަމުދިޔައެވެ.
“އަދި އެއް ވާހަކަ..” އަފްޒާއާ ދިމާވި ކަމާ، އަފްޒާ ދެއްކި ވާހަކަވެސް ލަޔާލް ސާހިލްއަށް ކިޔާދިނެވެ.
“އަހަންނަށް ލަޔާއާ ކިޔާން ލިބިއްޖެ، އައި ޑޯންޓް ކެއަރ އެބައުޓް އެނީތިންގް އެލްސް” އަފްޒާގެ ނަންވެސް އަޑު އަހަން ބޭނުން ނުވެ ސާހިލް ބުންޏެވެ.
“ސާހިލް..” ލަޔާލް މަޑުމަޑުން ގޮވާލިއެވެ.
“އެހެން ނޫނަސް އޭނައަށް ވުރެ ބޮޑަށް ކުށްވެރިއަކީ އަހަރެން. އަހަރެން ލަޔާއަށް ޓްރަސްޓް ކުރި ނަމަ..” ސާހިލް ބުނަން ފަށާފައި ހުއްޓާލީ ސާހިލްގެ ތުންފަތުގައި ލަޔާލް އިނގިލިތައް ޖައްސާލުމުންނެވެ.
“ތިހެން ނުބުނޭ. ތި ވާހަކަތައް ދެން ނުދައްކާ، ޕްލީޒް..! ދެން އޭނައަށްވެސް މާފް ކުރޭ. އެ ޗެޕްޓަރ އެއްކޮށް ބަންދު ކޮށްލާ!” ލަޔާލް އެދުނެވެ.
“އޯކޭ.. އަހަރެން އަފްޒާއަށް މާފު ކޮށްފިން” ސާހިލް ބުންޏެވެ.
ދެ މީހުން ނިކުތް އިރު މާހިރާއާ އިރުފާން ޓީވީ ބަލަން ތިއްބެވެ. ސާހިލްއާ ލަޔާލް ފުރަތަމަވެސް ދިނީ އެ މީހުން އަޑުއަހަން ބޭނުންވި ޚަބަރެވެ. އެއާއެކު މާހިރާ ޚިޔާލު ދިނީ އެންމެން އެކުގައި ނާފިޒްމެން ގެއަށް ދިޔުމަށެވެ. އެއީ ލަޔާލްވެސް އެދޭ ގޮތަށް ވުމުން ހަތަރު މީހުން އެކުގައި ނިކުތެވެ.
ލަޔާލް ފެނުމުން ނާފިޒް އުފަލުން އައިސް ލަޔާލް ގެނެސް މޭގައި ޖައްސާލިއެވެ. ލަޔާލް ހެޔޮ ޙާލުގައި ހުރީތީ ނާފިޒް ހުރީ އުފަލުންނެވެ. ހަމަ އެހެން ސާހިލްއާ ލަޔާލް އެކުގައި ފެނުމުން ލަޔާލް އިތުރު އެއްޗެއް ބުނުމަކާ ނުލާ ހުރިހާ ކަމެއް ނާފިޒްއަށް ވިސްނުނެވެ. ދަރިފުޅުގެ ޙަޔާތުގައި ހުރިހާ އުފަލެއް ލެއްވުމަށް އެދި ހިތާހިތުން ދުޢާ ކުރި އިރު ކިޔާން މަތިން ހަނދާންވެ ނާފިޒްއަށް ރޮވުނެވެ.
“ބައްޕާ، ރޯކަށް ނުވާނެ. އެންމެންނާ ދިމާވެފައެއްނު ކިޔާން އެ ދިޔައީ؟ އޭނަ އެދުނު ހުރިހާ ކަމެއް އިރާދަ ކުރެއްވީތީ ފުރިހަމަ ކޮށްދެވުނު. ފެމިލީއާ ބައްދަލުވެ އެކީ އުޅެވުނު.. މަންމައާ ބައްޕައާ އެކީ އެންމެ ފަހު ދުވަސްތައް ކިޔާންއަށް ހޭދަ ކުރެވުނު.. ކިޔާން ހުރީ އުފަލުން، އެއްވެސް މީހަކު ރޯކަށް ކިޔާން ބޭނުމެއް ނުވާނެ” ނާފިޒްގެ ކޮނޑުގައި ބޯ އަޅާލައިގެން އިން ލަޔާލް އެހެން ބުނަމުން ކައިރީގައި އިން ސާހިލްގެ އަތުގައި ހިފާލިއެވެ.
އެރޭގެ ކެއުން އޮތީ އެ ގޭގައެވެ. ލަޔާލް ގުޅުމުން އާޔާވެސް ކެއުމުގައި ބައިވެރިވިއެވެ. އެކުގައި ވަގުތުކޮޅެއް ހޭދަ ކުރުމަށް ފަހު ލަޔާލްމެން ދިޔައީ އެގާރަ ޖެހި ފަހުންނެވެ.
ސާހިލްއާ އެކު ކޮޓަރިއަށް ވަދެފައި ލަޔާލް ފުރަތަމަ ބޭނުންވީ ފެންވަރާލާށެވެ. ނިދަން ތައްޔާރުވެ ދެ މީހުން އެނދަށް އަރާފައި ސާހިލް ގައިގައި ލަޔާލް ބައްދާލިއެވެ.
“އައިމް ސޮރީ ސާހިލް.. ހުރިހާ ކަމަކަށް ފަހު އަހަރެންނަށް ސާހިލް ބޭނުންވެފަ ހުއްޓާ އަހަރެން ދިޔައީ.. އައިމް ސޮރީ.. އެކަމަކު އޭރު އަހަރެން ހުރީ ސާހިލްއަށް އަހަރެންގެ ފަރާތުން އެއްވެސް އެހީއެއް ދެވޭ ހާލަތެއްގައެއް ނޫން.. އެކޮޅަށް ގޮސް ކިޔާންގެ އެއްޗެހި ޕެކް ކުރަން އުޅުނު އިރު ކިޔާންގެ ހަނދާނާ އެކީ އުޅެން ދަސްކުރަން އެހީއަކަށް އެކަން ވީ.. އަސްލު އަހަރެން ދާން ޖެހޭނީ ސާހިލްވެސް ގޮވައިގެން، އެ ކަންތައް ކުރަން ޖެހޭނީ ސާހިލް ބައިވެރި ކޮށްގެން.. އެކަމަކު.. އަހަރެން އެކަނި އެ ވަގުތު ހޭދަ ކުރުން އަހަންނަށް ވަރަށް މުހިންމު ކަމަކަކަށް ވީ..” ލަޔާލް ހިތުގައި ވި އެއްޗެއް ސާހިލްއާ ހިއްސާ ކުރިއެވެ. އަދި ކަންތައް ކުރެވުނު ގޮތުން މަޢާފަށް އެދުނެވެ.
“އިޓްސް އޯކޭ ލަޔާ، މާފަށް އެދޭކަށް ނުޖެހޭ. އައިމް އޯކޭ.. ލަޔާ އޯކޭ ވިއްޔާ އަހަރެންވެސް އޯކޭ. މި ހިސާބުން ދެން އެކީގަ ހީލްވާން ޓްރައި ކުރާނީ” ލަޔާލް ގެނެސް މޭގައި ޖައްސާލަމުން ސާހިލް ބުންޏެވެ.
“އައި މިސް ހިމް.. އަދި އެ ބޭބީވެސް..” ލަޔާލް މަޑުމަޑުން ބުންޏެވެ.
“އަހަރެންވެސް..” ސާހިލްގެ ހިތުގައިވެސް ވީ އެހެންނެވެ. އިރުކޮޅަކަށް ދެ މީހުންވެސް ހިމޭންވީ އިރު ދެ ހިތުގައިވެސް ވީ ކިޔާންގެ ހަނދާނެވެ.
ލަޔާލް ހަމަޖެހިލަމުން ސާހިލްއާ ދިމާއަށް އެނބުރިލާ ދެ އަތުން ސާހިލްގެ މޫނުގައި ހިފާލަމުން ކައިރިވެލިއެވެ. ލަޔާލް އިސްނަގާ ކައިރި ވުމުން ސާހިލްއަށް ދުރުގައެއް ނޯވެވުނެވެ.
ހަފްތާއެއް ހާ ދުވަސް އާއިލާއާ އެކުގައި ހޭދަ ކޮށްފައި ލަޔާލްއާ ސާހިލް ހަނީމޫންއަށް ފުރިއެވެ. މެލޭޝިޔާގައި ތިން ހަފްތާ ކޮށްފައި އައި ގޮތަށް މާލޭގައި ދުވަސްކޮޅަކު މަޑުކޮށްފައި ދެން ދިޔައީ ކައިވެންޏަށް އެއް އަހަރު ފުރުން ފާހަގަ ކުރަން ދިޔަ ރިޒޯޓަށެވެ. ހިތްހަމަޖެހުމާ އުފަލުގައި ދުވަސްތައް ހޭދަ ކޮށްފައި ސާހިލްއާ ލަޔާލް މާލެއަށް އައިސް ދިރިއުޅުމާއިގެން ކުރިއަށް ދާން ފެށިއެވެ.
ލަޔާލް އަލުން އޮފީހަށް ނިކުތެވެ. ހަފްތާއަކު އެއް ދުވަސް ލަޔާލްއާ ސާހިލް، ނާފިޒްމެން ގޭގައި ހޭދަ ކުރެއެވެ. އެ ދުވަހަކީ އާޔާއާ ރިޝްވާންވެސް އެ މީހުންނާ އެކު ހޭދަ ކުރާ ދުވަހަކަށް ވިއެވެ. ކުޑަ އިރުން ފެށިގެން ލަޔާލް ދެކެމުން އައި ހުވަފެން ސީދާވިއެވެ. ނަސްމާގެ ފަރާތުން މަންމައެއްގެ ލޯބި ލިބުނެވެ. ނާފިޒްގެ ފަރާތުން ލަޔާލް އެދުނު ލޯތްބާ އަޅާލުން ލިބުނެވެ. މުހައިމިންގެ ފަރާތުން އަބަދުވެސް ލަޔާލްއަށް ލިބެމުން އައި ލޯތްބަށް ބަދަލެއް ނާދެއެވެ. އޭގެ އިތުރުން އާސިމާމެންނާ އެކުވެސް ވަގުތު ހޭދަ ކުރަމުން ދިޔައެވެ. އަހަރުތަކެއް ވަންދެން ލަޔާލް އެދުނު ހުރިހާ ކަމެއް ފުރިހަމަ ވެފައިވާ ފަދައެވެ.
ކިޔާންގެ ހަނދާން އެކަކުގެ ހިތުންވެސް ނުފިލައެވެ. ކިޔާންގެ އެއްޗެހި ލިބުމުން ޚާއްސަ ބައެއް އެއްޗެހި ފިޔަވާ ހުރިހާ އެއްޗެހި ސާހިލްއާ ލަޔާލް އަމިއްލައަށް ގޮސް ކުޑަކުދިންގެހިޔާއަށް ހަދިޔާ ކުރިއެވެ. ސާހިލްއާ ލަޔާލް ދިރުއުޅުމާއިގެން ކުރިއަށް ދިޔައީ ކިޔާންގެ ހަނދާނާ އެކުގައެވެ. އާއިލާގެ އެހީއާ އެއްބާރުލުން ލަޔާލްއަށް ފުރިހަމައަށް ލިބުނެވެ.
ތިން މަސް ފަހުން ލަޔާލްއާ އާޔާ އެކުގައި އާއިލާއަށް އުފާވެރި ޚަބަރެއް ދިނެވެ. ލަޔާލް ބަލިވެ އިންކަން އެނގުމުން ޓެސްޓް ކުރަން ކްލިނިކަށް ދިޔަ ރޭ، ހަމަ އެ ކްލިނިކުން އާޔާއާ ދިމާވުމުން ފުރަތަމަ ދެ މީހުން އެ ޚަބަރު އެކަކު އަނެކަކާ ހިއްސާ ކުރިއެވެ. ދެ މީހުން އެއްބަސްވެ އެކުގައި ގޮސް ނާފިޒްމެންނަށް އެ ޚަބަރު ދޭން ނިންމިއެވެ.
އޭގެ އަނެއް ރޭ، އާޔާގެ ރޭވުމާ އެއް ގޮތަށް މާހިރާއާ އިރުފާންވެސް ނާފިޒްމެންނާ އެކު ކެއުމުގައި ބައިވެރިވިއެވެ. އެންމެން ކައި ނިމުމުން އާޔާ ދެ ފަހަރަކު ކަރުކެހިލިއެވެ.
“އާޔާ، ކިހިނެއް ވީ؟” ނަސްމާ ކަންބޮޑުވެފައި އަހާލިއެވެ.
“އަމް.. މަންމާ.. މީ..” އެންމެންނާ ހިއްސާ ކުރަން ކެތްތެރިކަން ކުޑަވެފައި ވީ ނަމަވެސް އާޔާއަށް ބުނަން ނުކެރި ފަސް ޖެހުނެވެ.
“އެއްޗެއް ބުނަން ބޭނުން ވީތަ؟” ނާފިޒް އަހާލިއެވެ.
އާޔާ ބޯ ޖަހާލިއެވެ.
“ބުނެބަލަ” ދެންވެސް އާޔާ ނުބުނެ އިނުމުން ނަސްމާ ބުންޏެވެ. އާޔާއަކީ ބުނަން ބޭނުންވާ އެއްޗެއް ބުނަން ފަސްޖެހޭ ކުއްޖަކަށް ނުވާތީ އާޔާ އުޅުނު ގޮތުން ނަސްމާއާ ނާފިޒް ތިބީ ހައިރާންވެފައެވެ.
ރިޝްވާންވެސް ފާޑަކަށް ރަކިވެފައި އިން އިރު ސާހިލް ހިނި އައިސްފައި އާޔާއާ ދިމާއަށް ބަލަން އިނެވެ.
“ދޮންތަބޭ!” ސާހިލް އިން ގޮތުން އާޔާ ގޮވާލިއެވެ. އެ ވަގުތު ލަޔާލްއަށް ބާރަށް ހީގަނެވުނެވެ.
“މިރޭ އާޔާއަށް ކިހިނެއް ވެފަ އެހެރީ؟ ރިޝްވާންއަށް އެނގޭތަ؟” ނާފިޒް ދެން ސުވާލު ކުރީ ރިޝްވާންއާއެވެ.
އަވަސް އަވަހަށް ދެފަރާތަށް ބޯ ހަލުވާލަމުން ރިޝްވާން އެހީއަކަށް އެދި ސާހިލްއަށް ބަލާލިއެވެ.
“އާޔާ، ކިހިނެއް ވީތަ؟ ބުނެބަލަ ދެން” ނަސްމާ ތަންކޮޅެއް ހަރުކަށިކޮށް ބުންޏެވެ.
އާޔާ ނަސްމާއާ ކައިރިވެލަމުން ނަސްމާގެ ކަންފަތް ކައިރީ ސިއްރުން ބުނެލި ވާހަކަ އަޑު އަހާފައި ފުރަތަމަ ހައިރާންވެ އާޔާއާ ދިމާއަށް ބަލަން އިނދެފައި ނަސްމާ ބާރަށް ހޭން ފެށިއެވެ.
“ދެން މަންމާ..! އަހަރެން އެކަންޏެއް ނޫނޭ، ދޮންތަވެސް ޕްރެގްއޭ!” ހިތްހަމަނުޖެހިފައި އިނދެ އާޔާ ބާރަށް ބުންޏެވެ.
އެއާއެކު އެންމެން އެއްކޮށް ހޭން ފެށިއެވެ. ނަސްމާއާ މާހިރާ އެއްފަހަރާ އައިސް އާޔާއާ ލަޔާލް ގައިގައި ބައްދާލިއެވެ.
“ބައްޕަ ވަރަށް އުފާވެއްޖެ. ތި ދިނީ ވަރަށް އުފާވެރި ޚަބަރެއް. އެވެސް ޑަބަލްކޮށް” ނާފިޒް އައިސް ދެ ދަރިން ގަޔާ ކައިރި ކޮށްލިއެވެ. އެއަށް ފަހު އިރުކޮޅެއް ވަންދެން އޮތީ އެކަކު އަނެކަކަށް މަރުޙަބާ ކިޔުމެވެ.
“އަދި ހަތް މަސް.. ހާދަ ދުވަހެކޭ..” އެރޭގެ ވަގުތެކެވެ. އެނދުގައި އޮތް ލަޔާލް ބަނޑުގައި އަތް ޖައްސާލަމުން ބުނެލިއެވެ.
“ދުވަސްތައް ދާ ގޮތް ނުވެސް އެނގި ހަތް މަސް ހިނގައިދާނެ” ލަޔާލްގެ އަތްމަތީ އަތް ޖައްސާލަމުން ސާހިލް ބުންޏެވެ.
“އެކަމަކު ހާދަ ދުވަހެކޭ..” ލަޔާލް ކުޑަ ކުއްޖެއް ހެން ބޮޑާ ހާކާލިއެވެ.
“ހަތްމަސް ވަންދެން ލަޔާ ޑިސްޓްރެކްޓް ކުރާނެ ގޮތް އަހަންނަށް އެނގޭ” ސާހިލް އެހެން ބުނުމާއެކު އެ މަސައްކަތް ފެށުމުން ލަޔާލްގެ ފުރިހަމަ އެއްބާރުލުން ސާހިލްއަށް ލިބުނެވެ.
ދަރިފުޅު އުފަންވާނެ ދުވަހަކަށް ސާހިލްއާ ލަޔާލް އިންތިޒާރު ކުރަމުން ދިޔައިރު، ކިޔާންގެ ހަނދާން ދެ މީހުންގެ ހިތުގައި އަބަދަށްވެސް ވިއެވެ. އެ ހަނދާންތަކަކީ ދެ މީހުންނަށް ލިބޭ ހިތްހަމަޖެހުމަކަށް ވިއެވެ. އެ ދަރިފުޅުގެ ހަނދާނުން ލޮލުން ކަރުނަ އަންނަ ވަގުތުތަކާ އެކު، އެ ހަނދާންތަކުގައި އުފާވެރިކަންވެސް ވިއެވެ. ދުވަހަކުވެސް ދެން އަލުން ގުޅުމުގެ ފުރުޞަތެއް ނެތް ފަދަ ވަކިވުމަކުން ވަކިވުމަށް ފަހު ދެ މީހުން އަލުން ގުޅުމަށް މެދުވެރިވި ސަބަބަކީ ކިޔާންއެވެ. އެ ދަރިފުޅަކީ ދެ ހިތުގައިވި ލޯބި އަލުން ފާޅު ކުރުމަށް މެދުވެރިވި ސަބަބެވެ. ކިޔާން ދުނިޔެއަށް އައީ ސާހިލްއާ ލަޔާލް ވަކިވިޔަ ނުދިނުމަށެވެ. ކިޔާން ވަކިވެގެން ދިޔައީ މަންމައާ ބައްޕަގެ ހިތުގައި ވާ ލޯބި އާ ކޮށްދީ، އުމުރަށް އަލުން ގުޅުވާފައެވެ.
ނިމުނީ
13 Comments!
Comments are closed.








ސަލާމް ހުރިހާ ކުދިން، މި ހިސާބުން މި ވާހަކަ ނިމުނީ. މާޝާ ހީކުރަން މީ ކިޔުންތެރިންނަށް ކަމުދިޔަ ވާހަކައަކަށް ވީ ކަމަށް. ފެށިގެން ނިމެން ދެން ވާހަކަ ކިޔާލި ހުރިހާ ކުދިންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ، އަދި ކޮމެންޓް ކޮށްލަން އިތުރު ވަގުތު ހޭދަ ކުރި ކުދިންނަށްވެސް ޝުކުރިއްޔާ.
މި ވާހަކައަށް ފަހު މާޝާ ދުވަސްކޮޅެއްގެ ބްރޭކްއެއް ނަގާނަން. އެކަމަކު އިރާދަ ކުރެއްވިއްޔާ އަދި މާޝާގެ ވާހަކަތައް ކިޔުންތެރިންނާ ހަމައަށް އަންނާނެ. ކިޔުންތެރިންގެ އެއްބާރުލުމާ، ޚިޔާލުތަކަކީ ލިޔުމަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް. އަދިވެސް އެއްފަހަރަު މާޝާގެ ފޭންސްއަށް ވަރަށް ބޮޑަށް ޝުކުރިއްޔާ!
Alhey🥰 kurin ves hitha eri 30 vana part aki last part ey. Vaahaka kiyaa nimijje i am still crying i dnt knw why ? Vaahaka varah asaru gadha. Next year ga new story eh anaane kamah umeedhu kuran. Thy my fav
hehe, Marsha aslu mi vaahaka plan kury miahvureves kurukoh, but liyamun dhiya iru hykuri varah vure dhigu vy. vaahaka ehaa kamudhiyaeethy varah ufaa vejje, aa vaahakah adhi annaane, ekamaku dhuvaskolheh vaane, thank u Nadhoo mi vaahaka ah thi dhin vaguthah, lots of love
Maashaa Allah mi vaahaka vx Kuree thakekey eiii fadhain varah reethi….
Eii part in aneh part ah inthizaaru kuru Vx vaneee bodu veynakah…. ehaaa vx reethi….
Hiyeh vx nukuran mee enme fahu part ah vedhaane kamakah……
Marsha ge ehn vaahaka eiii kiyaalaa hithun hurevenee kee noon…
Dhn liyaa vaahaka liyaanee pro ah thw??
Can’t wait for next story……
Heevanee maaa avahah hen mi vaahaka thi ninmaalee….
Thee vrh fav author eh….
Heekuran vrh avahah bahdhal vaane kamah…..
thank u dear, pro story eh liyunas Marsha varah try kuraanan eaa eky free story ehves genesdheveytho, ehen vyma dhuvaskolheh nagaane, but inshaAllah ithuru vaahaka adhi fennaane. vaahaka kamudhiyaeethy varah ufaa vejje, adhi fav author ah vythy ves, much love dear
Masha Allah. vrh reethi vaahakaeh. pls… ehaa gina dhuvas nukoh avahah aa vaahakaeh genes dhehcheyyy…. ❤️
thank u Fiza. varah try kuraanan ehaa dhuvas nukoh aa vaahaka eh start kureveytho inge dear
Masha Allah vrh reethi ♥️♥️♥️ miyadhu ge part kiyaafa vrh dheravehje 😢.. marsha hurihaa vaahaka eh vx vrh reethi.. keep it up 🥰
anhaa, vaahaka mi nimuny happy ending akaa eku ehnu, dhen keehve Aisha eha dhera vy. be happy dear, thank you vaahaka kiyaalan vaguthu dheythy
Heyyy Mar sha..
Mi vaahaka vx Mar sha ge ehen vhk thakey ehfadha in vrh reethi Masha allah. kurin comment eh nukohli namavx abadhu vx Mar sha ge vhk thah kiyan.. saahil and layaal ah happy ending eh libuneema vrh ufaa vejje.. mar sha ge ehen vhk akah inthizaaru kuran.. 💜
hey Maash, so happy to see another writer’s comment on my story, adhi Marsha ge ehen vaahaka thah kiyaalythyves so happy. Marshage aa vaahaka ahves Maash ge comment libeyne kamah hykuran, lots of love dear
Hi marsha, varah miss vaane dhn. Varah avahah ehn story eh genes dhehchey ingey. Author ge stories thah abadhu ves kiyany varah shaugu veri kamaai eku. Abadhu ves thee hama alhugandu ge emme fav authors ge list ga himeneyne author eh!!
Komme part akah comment nukolliyas alhugandu hurihaa part ehvves kiyaalin. Varah furihama maa sha allah. Sifa kohdhinun ves perfect hama ingey..
All the best with your upcoming stories..
thank you butterfly, varah ufaa vey Marsha ge stories readers ah thiha kamudhaathy. varah try kuraan ehaa las nukoh aa vaahakaeh genesdheveytho, but not sure kihaa dhuvaheh vaane kan. hope u will wait for my stories, thank u n much love