Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހިތަކުން ނުދާނޭ ފިލާ 29

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments
December 16, 2025 7 Mins Read
7 Comments

ލަޔާލް ގޮވައިގެން ރާއިދާ ބޭރަށް ނިކުތުމުން ނަސްމާއާ އާޔާ އައިސް ލަޔާލް ގޮވައިގެން ގޮނޑިބަރީގައި އިށީން އިރުވެސް ލަޔާލް އެއްޗެއް ނުބުނެއެވެ. އިރުކޮޅަކު އިނދެފައި އިރުފާން ގައިގައި ބައްދާލައިގެން ހުރެ ރޮމުން ދިޔަ ސާހިލްއަށް ބަލާލާފައި ލަޔާލް ތެދުވިއެވެ. ލަޔާލް ތެދުވުމާއެކު ލަޔާލް ވެއްޓިދާނެތީ ސަމާލުވެ އާޔާ ތެދުވެ ލަޔާލް ގައިގައި ހިފަހައްޓާލަން އުޅުނެވެ. ނަމަވެސް އާޔާގެ އަތް ފޮޅުވާލަމުން ލަޔާލް ގޮސް ސާހިލް ކައިރީ ހުއްޓިފައި ސާހިލްގެ ބުރަކަށީގައި އަތް ޖައްސާލިއެވެ.

އިރުފާން ގައިން ދޫކޮށްލަމުން އެނބުރި ބަލާލި ސާހިލްއަށް ލަޔާލް ފެނުމުން ހައްތަހާ ބޮޑަށް ރޮވުނެވެ. ލަޔާލް ދެންވެސް ބަހެއް ނުބުނެ ދެ އަތުން ސާހިލް ގައިގައި ބައްދާލީއެވެ. އެއާއެކު ސާހިލްވެސް ލަޔާލް ގެނެސް މޭގައި ޖައްސާލިއެވެ. ސާހިލްގެ ހަށިގަނޑު ނުހިފެހެއްޓިގެން ލަޔާލް ވެއްޓެން ދިޔައެވެ. އިރުފާންއާ ނާފިޒް އައިސް ދެ ދަރިންގެ ގައިގައި ހިފަހައްޓާލަމުން ދުރުކޮށްލަން އުޅުނު ނަމަވެސް އެކަކުވެސް އަނެކަކު ގައިން ދުލެއް ނުކުރިއެވެ. ދެ މީހުން އެކުގައި އެ ތަނަށް ތިރިވެ މުށިތައް މަތީ އިށީނީއެވެ. އޭރުވެސް ސާހިލް ރޮމުން ދިޔައެވެ. ނަމަވެސް ލަޔާލްގެ ފަރާތުން ފެނުނީ ހިމޭން ކަމެވެ.

ލަޔާލް ރޯން ފެށީ ކިޔާންގެ މޫނުއެޅި ވަގުތުއެވެ. އެ ވަގުތުން ފެށިގެން ލަޔާލްގެ ލޮލުން ކަރުނަ ނުހިކެއެވެ. ކިޔާންގެ ޖަނާޒާގެ ހުރިހާ ކަމެއް ނިންމާލުމަށް ފަހު ގެއަށް ދިޔަ އިރު ލަޔާލްއާ އެކު ސާހިލްވެސް ދިޔައީ ނާފިޒްމެން ގެއަށެވެ. ހޮސްޕިޓަލުގައި ލަޔާލް ގޮސް ސާހިލް ގައިގައި ބައްދާލި ވަގުތުން ފެށިގެން ލަޔާލް ސާހިލްއާ ދުރަށް ދިޔައި ހަމަ އެކަނި ނަމާދު ކުރި ވަގުތުގައާއި ކިޔާން ވަޅުލުމަށް ސާހިލްމެން ސަހަރާއަށް ވަން ވަގުތުއެވެ.

ސާހިލްގެ ކޮނޑުގައި ބޯ ޖައްސާލައިގެން އިން ލަޔާލްއަށް ކާ އެއްޗެއް ހިފައިގެން އައިސް ނަސްމާ ލަޔާލް ކައިރީ އިށީނދެ ލަޔާލްއަށް ގޮވާލާފައި ކާންދޭން އުޅުނެވެ. ނަސްމާ އަތުގައި ހުރި ސޫޕް ތައްޓަށް ބަލާލުމާއެކު ލަޔާލްއަށް އޯކަށް ދެމުނެވެ. ނަސްމާ ވަގުތުން ތަށި ބަހައްޓާފައި ލަޔާލްގެ އަތުގައި ހިފާ ކޮޅަށް ނެގީ ކޮޓަރިއަށް ދާށެވެ. ނަމަވެސް ލަޔާލް އެ ވަގުތުވެސް ސާހިލްގެ އަތުން ދުލެއް ނުކުރިއެވެ.

ސާހިލް ތެދުވެ ލަޔާލް ގޮވައިގެން ކޮޓަރިއަށް ވަން ނަމަވެސް ފާހާނާއާ ހިސާބަށް ދެވުމުގެ ކުރިން ލަޔާލްއަށް ހޮޑުލެވުނެވެ. ލަޔާލް ފެންވަރުވާ ހަދާފައި އެނދުގައި ބާއްވާފައި ސާހިލްވެސް ފެންވަރާލިއެވެ. އިރުކޮޅެއް ފަހުން ނަސްމާ އެ ކޮޓަރިއަށް ވަނީ ލަޔާލްއާ ސާހިލްއަށް ސައި ހިފައިގެންނެވެ.

ސާހިލް ގޮތްދޫ ނުކުރުމުން ލަޔާލްއަށް ބޮވުނީ ނަސްމާ ގެނައި އިނގުރު ސައިތަށިން އެއްބައެވެ. ސާހިލްއަށް ގެނެސްފައި ހުރި ހެދިކާ ބަހައްޓާފައި ސާހިލްއަށްވެސް ބޯލެވުނީ ހަމައެކަނި ކޮފީ ތައްޓެވެ. ނަސްމާ ނިކުތުމުން ލަޔާލް ގައިގައި ބައްދާލައިގެން ސާހިލްވެސް އޮށޯތެވެ. އެހެން ތިބެ ދެ މީހުންނަށްވެސް ނިދުނީއެވެ.

އެރޭ ކާން ހަދާފައި ލަޔާލްއާ ސާހިލްއަށް ގޮވަން ނަސްމާ އެ ކޮޓަރިއަށް ވަން އިރު ދެ މީހުންނަށް ނިދިފައި ތިބުމުން ގޮވަން ނޫޅެ ނަސްމާ ނިކުތީއެވެ. އޭރު އެންމެން ތިބީ އެ މީހުންގެ އިންތިޒާރުގައެވެ. އާޔާއާ ރިޝްވާންވެސް ތިއްބެވެ.

“ކިހިނެއްވީ؟” ނަސްމާ އައިސް ފަހަރަކު މީހެއްގެ ތައްޓަށް ބަތް އަޅައިދޭން ފެށީ ނާފިޒް ނުކައިފާނެހެން ހީވުމުންނެވެ. އެ ވަގުތު ނާފިޒް ސުވާލު ކޮށްލީ ލަޔާލްމެން ނުނިކުންނާތީއެވެ.

“ނިދިފަ ދެ މީހުންވެސް ތިބީ. އެހެންވެ އިހަށް ނުގޮވާ އައީ” ނަސްމާ ބުންޏެވެ.

“ނަސްމާ ރަނގަޅަށް ތި ހެދީ. ދެ ކުދިން ތެރޭން އެކަކުވެސް މިއިން ދުވަހަކުވެސް ރަނގަޅަށް ނުނިދާ އެ އުޅުނީ” ބޯ ޖަހާލަމުން މުހައިމިން ބުންޏެވެ.

“ބައްޕާ، ބޮޑުއްތައާ ބޭބެއަށް ނުގުޅަންތަ؟” އާޔާ އަހާލިއެވެ.

“ގުޅިން ކާން އަންނަން ބުނަން. އެކަމަކު ބޮޑުއްތަ ކުޑަކޮށް ބައްޔޭ ބޭބެ ބުނީ” ނާފިޒް ޖަވާބުދިނެވެ.

އިތުރު ވާހަކައެއް ދެއްކުމެއް ނެތި އެންމެން ކާން ފެށި ނަމަވެސް އެކަކަށްވެސް ރަނގަޅަކަށް ނުކެވުނެވެ.

 

ދެން އައި މަހެއްހާ ދުވަސް ދިޔައީ އެ ގޮތުގައެވެ. ސަހަރާއިން ގެއަށް އައި ފަހުން ލަޔާލްއާ ސާހިލް ދިރިއުޅެމުން އައީ ނާފިޒްގެ އެޕާޓްމެންޓްގައި، ލަޔާލް ކުރިން އުޅުނު ކޮޓަރީގައެވެ. ލަޔާލްގެ ޙާލު ހައްތަހާ ގޯސްވަމުން ދިޔަ އިރު، ކޮންމެ ގޮތަކުން ނަމަވެސް ލަޔާލްއަށް އެހީވެވޭތޯ ސާހިލް ދިޔައި މަސައްކަތް ކުރަމުންނެވެ. އިރުކޮޅަކަށްވެސް ސާހިލްއާ ދުރަށް ދާކަށް ލަޔާލް ގަބޫލެއް ނުވެއެވެ. އެހެން ކަމުން ލަޔާލްއަށް ޓަކާ ސާހިލް ހިތްވަރު ކުރަމުން ދިޔައެވެ.

އޭރުވެސް ލަޔާލް ވަރުދެރަ ކަމުން އަމިއްލައަށް ކޮޅަށް ތެދުވެ ހިނގާލެވޭ ވަރު ވަނީ ކިރިޔާއެވެ. ލަޔާލްގެ ބަނޑަށް ބާރަ ހަފްތާ ވެފައި ވާއިރު ބަލިވެ އިނުމާ ގުޅިގެން ހޮޑުލެވެން ފަށާފައި ވާ އިރު، އެ ކަމުންވެސް ލަޔާލްގެ ހަށިގަނޑު ބަލިވަމުން އައެވެ. ޑޮކްޓަރަށް ދައްކަން ލަޔާލް އެއްގޮތަކަށްވެސް ގަބޫލެއް ނުވެއެވެ. ހޮސްޕިޓަލަށް ދާން ބޭނުން ނުވާތީ ކޮންމެވެސް ވަރަކަށް ކާ އެއްޗެއް ކާން ލަޔާލް މަސައްކަތް ކުރެއެވެ. ނަމަވެސް ހޮޑުލެވޭތީ ކާ އެއްޗެއް ބަނޑުގައި ހަރެއް ނުލައެވެ. ހޮސްޕިޓަލަށް އަދި ކްލިނިކަކަށްވެސް ދާން ލަޔާލް ބޭނުން ނުވާތީ ލަޔާލްގެ ކަންތައް ބަލަމުން އައީ ރާއިދާއެވެ.

ލަޔާލް ހޮސްޕިޓަލަށް ގެންދަން ޖެހުނީ ބަނޑުގައި ރިއްސަން ފެށުމުންނެވެ. ހަވީރު ނިދިފައި އޮވެފައި ލަޔާލްއަށް ހޭލެވުނީ ބަނޑުގައި ރިއްސާ ވަރުންނެވެ. ކައިރީގައި ސާހިލް ނެތުމުން ލަޔާލް ބާރަށް ގޮވާލިއެވެ. އިރުފާންއާ މާހިރާ އައިސްގެން ސިޓިންގްރޫމްގައި އިން ސާހިލް ލަޔާލް ގޮވާލި އަޑު އިވިގެން އައި އިރު ދެ އަތުން ބަނޑުގައި ހިފަހައްޓައިގެން ދެފައި ކުރުކޮށްގެން އޮތް ލަޔާލްއަށް ރޮވެނީއެވެ.

ނަސްމާ ވަގުތުން ގުޅީ ރާއިދާއަށެވެ. ހޮސްޕިޓަލުގައި ޑިއުޓީގައި އިން ވަގުތެއް ނަމަވެސް ރާއިދާ ވަގުތުން ފޯނަށް ޖަވާބު ދިނީ ބޮޑު ކަމެއް ވެގެން ނޫނީ ޑިއުޓިގައި އުޅެނިކޮށް ނުގުޅާނެ ކަން އެނގޭތީއެވެ. ނަސްމާ ވީގޮތް ކިޔާ ދިނުމުން ރާއިދާ އެދުނީ ވީހާވެސް އަވަހަކަށް ހޮސްޕިޓަލަށް އައުމަށެވެ.

ދިހަ ވަރަކަށް މިނަޓް ތެރޭ ހޮސްޕިޓަލަށް ގެންދެވި ލަޔާލްއަށް ފަރުވާ ދޭން ފެށުނެވެ. ނަމަވެސް ލަޔާލްގެ ބަނޑުގައި އުފެދެމުން އައި ދަރިފުޅު ސަލާމަތެއް ނުކުރެވުނެވެ. ވަކިވެގެން ދިޔަ ދެ ދަރިންނަށް ޓަކާ ލަޔާލް ރޮމުން ދިޔައެވެ. ދެ ދަރިންނާ އެކު ލަޔާލްވެސް ނިމިގެން ދާނެނަމައޭ ލަޔާލްގެ ހިތަށް އެރިއެވެ. ނަމަވެސް އެހެންނެއް ނުވިއެވެ.

ހަފްތާއެއް ވަންދެން ހޮސްޕިޓަލުގައި އޮވެފައި ގެއަށް ދިޔަ އިރު ލަޔާލް ކޮންމެވެސް ވަރަކަށް ހަމައަކަށް އެޅިއްޖެ ކަމުގައި އެންމެންނަށް ހީވި ނަމަވެސް، ލަޔާލްގެ ހިތުގައި ހިނގަމުން ދިޔަ ޚިޔާލުތަކެއް އެކަކަށްވެސް ނޭނގެއެވެ. އެންމެންނަށްވެސް ފާހަގަ ކުރެވުނީ ކިޔާން ނިޔާވި ދުވަހުގެ ފަހުން އިރުކޮޅަކަށްވެސް ސާހިލްއާ ދުރަށް ދާން ބޭނުން ނުވާ ލަޔާލް، ހޮސްޕިޓަލުން އައި ފަހުން ސާހިލްއާ ވަކިން ވަގުތު ހޭދަ ކުރަން ބޭނުންވާ ކަމެވެ. ސާހިލްގެ ހުރިހާ ވަގުތެއްހެން ލަޔާލް ކައިރީ ހޭދަ ކުރި ނަމަވެސް، ކުރިން ހެން ސާހިލްގެ އަތުގައި ހިފުމަށް، ނުވަތަ ސާހިލްގެ މޭގައި ބޯ އަޅައިގެން އޮތުމަށް ލަޔާލް ބޭނުން ނުވާ ކަހަލައެވެ. ކުރީގައި ސާހިލް ސުވާލު ކޮށްފި ނަމަ އެ ވަގުތެއްގައި ހިތުގައި ވާ އެއްޗެއް ސާހިލްއާ ހިއްސާ ކުރި ނަމަވެސް ފަހުން ސާހިލް ސުވާލު ކުރިޔަސް ލަޔާލްގެ ޖަވާބަކަށް ވަނީ ކަމެއް ނުވާ ކަމުގައެވެ.

ސާހިލްއާ ދުރުވަމުން އައި ހެން އެހެން މީހުންނާވެސް ލަޔާލް ދުރުވިއެވެ. ރަމްޝާ، ރާއިދާ ނުވަތަ އާޔާ އައިސް ލަޔާލްއާ ގާތު އެކިއެކި ވާހަކަ ދައްކަން ތިބޭ އިރުވެސް ލަޔާލްގެ ސަމާލުކަމެއް އެ މީހުންނަކަށް ނުދެވެއެވެ. އަބަދުވެސް ހީވަނީ ކޮންމެވެސް ވިސްނުމެއްގައި އިންނަ ހެންނެވެ. މާހިރާއާ އިރުފާން، އާސިމާ ނުވަތަ ނަސްމާ އަޔަސް ލަޔާލްގެ ފަރާތުން ފެންނަނީ އެއް ކަންތައްތަކެކެވެ. އެ މީހުން އައިސް މާ ގިނަ އިރު ވާ ނަމަ ލަޔާލް ތެދުވެގެން ދާނީއެވެ. ނޫން ނަމަ ނިދި އަންނަ ކަމުގެ ބަހަނާ ދައްކާފައި ކޮޓަރިއަށް ވަދެއެވެ.

ސާހިލް ކަންބޮޑު ވީ ވަރުން ރާއިދާއާ ވާހަކަ ދެއްކިއެވެ. ރާއިދާ ޚިޔާލު ދިނީ އަދި ދުވަސްކޮޅަކު ބަލާފައި ބަދަލެއް ނާންނަ ނަމަ ޑޮކްޓަރެއްގެ އެހީ ހޯދުމަށެވެ.

ދުވަސްތަކާ އެކު ކޮންމެ މީހަކުވެސް ހަމައަކަށް އެޅެމުން ކުރީގެ ދިރިއުޅުމަށް އެނބުރި ދާން ފެށިއެވެ. ނަމަވެސް ސާހިލްއަށް އެކަން ވީ އުނދަގޫ ކަމަކަށެވެ. ކިޔާން ވަކިވުމަށް ފަހު ލަޔާލްއަށް އަންނަމުން ދިޔަ ބަދަލުން ސާހިލް ކަންބޮޑުވެއެވެ. ދަރިފުޅުގެ ހަނދާން ހިތުން ފިލައިގެން ނުދާ އިރު، އަދިވެސް ހަނދާންވާ ކޮންމެ ފަހަރަކު ސާހިލްގެ ލޯ ތެންމާލައެވެ. ހަމައެއާއެކު ދުނިޔެއަށް ނާންނަނީސް ވަކިވެ ދިޔަ ދަރިފުޅު މަތިންވެސް ސާހިލް ހަނދާން ކުރެއެވެ.

ލަޔާލްއަށް ކަންތައްތަކާ ވިސްނެމުން ދިޔައެވެ. ބަނޑުގައި އޮވެ ވަކިވެ ދިޔަ ދަރިފުޅުގެ ހަނދާނަކީ ލަޔާލްއަށް ފެނުނު ހުވަފެނެއް ކަހަލައެވެ. ކިޔާންގެ ހަނދާނުން ހިތަށް ކެތް ނުވާ ވަރު ވާއިރު އެ ހަނދާންތަކުން ހިތަށް ލިބޭ ރިހުމަށް ލުޔެއް ހޯދޭތޯ ލަޔާލް ވިސްނަމުން ދިޔައެވެ. އެކަމަށް ލަޔާލްއަށް ފެނުނީ އެންމެ ގޮތެކެވެ.

އެ ދުވަހު މެންދުރު ލަޔާލް ކެއީ އާޔާ އައިސް އާދޭސް ކުރަން ފެށުމުންނެވެ. ލަޔާލްގެ ކޮޓަރީ އެނދުމަތީ ދެ މީހުން ނޫޑްލްސް ކާން ތިބި އިރު އާޔާ އެކި ވާހަކަ ދައްކަމުން ދިޔައެވެ. ނަމަވެސް އާޔާގެ އަޑެއް ލަޔާލްއަކަށް ނީވެއެވެ.

“އާޔާ، ސާހިލްއަށް ގޮވާލަދެއްޗޭ” ކާން އިން ތަށި އާޔާއަށް ދިއްކޮށްލަމުން ލަޔާލް އެދުނެވެ.

ބޯ ޖަހާލާފައި އިތުރު އެއްޗެއް ނުބުނެ ނޫޑްލްސްކޮޅުގެ އެއްބައިވެސް ހުސްވުނެ ހުރި ތަށި ހިފައިގެން އާޔާ ނިކުތެވެ. އޭރު ނާފިޒްއާ ނަސްމާއާ އެކު ސާހިލް ކާން އިނެވެ.

“ދޮންތަބޭ، ދޮންތަ ގޮވި އިނގޭ” ސާހިލް ކާން އިނުމުން މަޑުކޮށްލާފައި އާޔާ ބުނީ ސާހިލް ނިންމާފައި ތެދުވުމުންނެވެ.

“ގޮވިންތަ؟” އެނދުގައި އިށީނދެ ލަޔާލް ގައިގައި ބައްދާލަމުން ސާހިލް އެހިއެވެ.

ހިތުގައި އޮތް އެއްޗެއް ބުނުމުގެ ކުރިން ލަޔާލް ދެ އަތް ސާހިލްގެ ބުރަކަށީގައި ވަށާލަމުން އެ މޭގައި މޫނު ޖައްސާލައިގެން އިރުކޮޅަކު އިނީ ލަޔާލް ބުނާ އެއްޗެއް އަޑުއަހަން ސާހިލްއަށް އުނދަގޫ ވާނެކަން އެނގޭތީއެވެ.

“ކިހިނެއްވީ؟” ފަހަކަށް އައިސް ލަޔާލްގެ ފަރާތުން ނުފެންނަ ކަމެއް ފެނުމުން ސާހިލް އެހިއެވެ.

ލަޔާލް ފުން ނޭވައެއް ލަމުން ސާހިލްގެ ގައިން ދޫކޮށްލާ ދުރަށް ޖެހިލިއެވެ.

“އަހަރެން ބޭނުމީ ލަންކާއަށް ދާން. އަހަރެން އެކަނި. ޕްލީޒް ސާހިލް، ނޫނެކެ ނުބުނާތި!” ލަޔާލް ބުންޏެވެ.

ސާހިލްއަށް ބުނާނެ އެއްޗެއް ނުވިސްނުނެވެ. އެ ހުރިހާ ކަމަކަށް ފަހު ސާހިލްއާ ވަކިވާން ލަޔާލް ބޭނުން ވަނީ ހެއްޔެވެ؟ އަދިވެސް ސާހިލްއަށް މާފު ނުކުރެވެނީ ހެއްޔެވެ؟ ފާއިތުވި ފަސް މަހެއްހާ ދުވަސް ސާހިލްއާ އެކީ ލަޔާލް ހޭދަ ކުރީ ކިޔާންއަށް ޓަކާ އަމިއްލަ ނަފްސަށް މަޖުބޫރު ކޮށްގެން ހެއްޔެވެ؟

“ލަޔާ..” ސާހިލްއަށް ގޮވާލެވުނެވެ.

“ޕްލީޒް ސާހިލް.. އަހަރެން ޓްރައި ކުރީމެއްނު؟ އެކަމަކު އައި ނީޑް ދިސް.. ސާހިލްއާ ވަކިން ދުވަސްކޮޅެއް ބޭނުން.. އެންމެންނާ ވަކިން.. އައި ނީޑް ސަމް ޓައިމް.. ސަމް ސްޕޭސް..” އިސްޖަހައިގެން އިނދެ ލަޔާލް އެދުނެވެ.

“އަހަންނަށް ގޯސްކޮށް ކަމެއް ކުރެވުނީތަ؟” ލަޔާލްއާ ވަކިވާކަށް ސާހިލް އެއްގޮތަކަށްވެސް ނޭދެއެވެ.

ލަޔާލް ދެފަރާތަށް ބޯ ހަލުވާލިއެވެ.

ކުރަން ބޭނުން އެތައް ސުވާލެއް ހިތުތެރޭ ވީ ނަމަވެސް އެއްވެސް ސުވާލެއް ކުރުމުގެ ބޭނުމެއް ނެތް ކަން ސާހިލްއަށް ވިސްނުނެވެ. ހިތުގައި ޝަކުވާ އުފެދުނު ނަމަވެސް އެއްވެސް ޝަކުވާއެއް އަޑުއިއްވުމުގެ ބޭނުމެއް ނެތްކަންވެސް ވިސްނުނެވެ.

އެއްޗެއް ނުބުނެ ސާހިލް ބޯ ޖަހާލިއެވެ.

ލަންކާއަށް ދާން ބޭނުން ވާހަކަ ނާފިޒްމެން ކައިރީ ލަޔާލް ބުނީ ސާހިލް ޓިކެޓްގެ ކަންތައް ހަމަޖައްސާ ނިމުމުންނެވެ. ހޮނިހިރު ދުވަހު ހެނދުނު ފުރަން ހަމަޖެހުމުން އޭގެ ކުރީ ހުކުރު ދުވަހު މެންދުރު އެންމެން ކާން އެރި ގަޑީގައި ލަޔާލް ނިންމާފައިވާ ގޮތް ހާމަ ކުރިއެވެ. ފަހަކަށް އައިސް ހުކުރު ދުވަހުގެ މެންދުރުގެ ކެއުމުގައި މާހިރާއާ އިރުފާންވެސް ބައިވެރި ވާތީ އެ މީހުންވެސް ތިބުމުން އެންމެން ކައިރީ އެއްފަހަރުން ބުނަން ލަޔާލްއަށް ފަސޭހަވިއެވެ.

“ބައްޕާ.. މާދަމާ ހެނދުނު ފުރަން.. ލަންކާއަށް” މާހިރާގެ ކަނާއަތް ފަރާތުގައި އިން ލަޔާލް އެހެން ބުނީ އެންމެން ކައި ނިމުމުންނެވެ.

“ލަންކާއަށް..؟ ސާހިލްއާ އެކީތަ؟” ކުއްލިއަކަށް ފުރާ ވާހަކަ ބުނުމުން ހައިރާންވި ނަމަވެސް، ސާހިލްއާ ލަޔާލް އެކުގައި އެހެން މީހުންނާ ވަކިން ދުވަސްކޮޅެއް ހޭދަ ކޮށްލަން ލަޔާލް ބޭނުންވީއޭ ހީވެ އެއީ ނާފިޒްއަށްވެސް ކަމުދާ ޚިޔާލަކަށް ވިއެވެ.

“ނޫން.. އެކަނި” އިސްޖަހައިގެން އިނދެ ލަޔާލް ބުންޏެވެ.

އެއާއެކު އެންމެންގެ ނަޒަރު ސާހިލްއަށް އަމާޒުވިއެވެ.

“ސާހިލް..؟”

“ބޮޑުއްތާ!” ސާހިލްއަށް ގޮވާލަމުން މާހިރާ ކުރަން އުޅުނު ސުވާލު ފުރިހަމަ ނުކޮށް ހުއްޓާލީ ލަޔާލް ގޮވާލުމުންނެވެ.

“ސާހިލްއާ ސުވާލު ނުކުރޭ. މީ އަހަރެން ބޭނުންވާ ގޮތް. އެކަކުވެސް އިތުރު ސުވާލު ނުކުރޭ، ޕްލީޒް” ލަޔާލް އެދުނެވެ.

“ދަރިފުޅު، ކަމެއް ވީތަ؟” ނާފިޒް އެހިއެވެ.

“ނޫން.. ކަމެއް ނުވޭ. ހުރިހާ ކަމަކާ ދުރަށް ދާން ބޭނުމީ. ބައްޕާ، ބޮޑުއްތާ، އެއްވެސް ސުވާލެއް ނުކޮށް އަހަރެން ދާން ހުއްދަ ދީ، ޕްލީޒް!” އެހެން ބުނެފައި ލަޔާލް ތެދުވެގެން ގޮސް ކޮޓަރިއަށް ވަނެވެ.

“ސާހިލް. އަނެއްކާވެސް ދެ ކުދިންގެ މެދުގަ މައްސަލައެއް ޖެހުނީތަ؟” އިރުފާން އެހިއެވެ.

“އެއީ ލަޔާލް ބޭނުންވާ ގޮތް ކަމަށް ވަންޏާ އެކަކުވެސް ލަޔާލްއާ ސުވާލު ނުކުރޭ. ކުރީ ފަހަރު ދިޔަ ހެން ނުބުނެއެއް ނޫން އެ ދަނީ. އިހަށް ލަޔާލްއަށް ވަގުތު ދިނުން އެންމެ ރަނގަޅު ވާނީ” އިރުފާންގެ ސުވާލަށް ޖަވާބު ދިނުމެއް ނެތި ސާހިލް އެދުނީ ލަޔާލް ބޭނުން ގޮތަކަށް ކަންތައް ކުރަން ދޫކޮށްލުމަށެވެ.

އަނެއް ދުވަހު ހެނދުނު ލަޔާލް ގޮވައިގެން އެއަރޕޯޓަށް ދިޔައި ސާހިލްއެވެ. ކާރުގައި ތިބި އިރު އެކަކުވެސް އެއްޗެއް ނުބުނެއެވެ. ޓަރމިނަލް ތެރެއަށް ވަނުމުގެ ކުރިން ލަޔާލް އެނބުރިފައި ސާހިލްއަށް ބަލާލިއެވެ.

“ލަޔާލް ދެކެ ވަރަށް ލޯބިވޭ..” ލަޔާލް ދިއްކޮށްލި އަތުގައި ހިފާ ސަލާން ކޮށްލަމުން އެހެން ބުނި ސާހިލްގެ ލޮލުން ކަރުނަ ތިއްކެއް ފައިބައިގެން އައެވެ.

ޖަވާބެއް ނުދީ އިސްޖަހާލި ލަޔާލްގެ ލޮލުންވެސް ކަރުނަ އައެވެ. ނަމަވެސް އިތުރު އެއްޗެއް ނުބުނެ ސާހިލްގެ އަތުން ދޫކޮށްލާފައި ލަޔާލް އެތެރެއަށް ވަނީއެވެ.

 

އެ ދުވަހުގެ ހަވީރުގެ ވަގުތެކެވެ. ލަމްހާމެން ގޭގައި ލަޔާލްއާ ކިޔާން އުޅުނު ކޮޓަރީގައި އެނދުމަތީ ލަޔާލް އިނީ ކިޔާންގެ އެއްޗެހިތައް ކަރުދާސް ފޮށިތަކަކަށް އަޅާށެވެ. މާލެއިން ލަޔާލް ގެނައި ފޮށި ހުޅުވާފައި ހުރި އިރު އޭގައިވެސް ގިނައިން ހުރީ ކިޔާންގެ އެއްޗެއްސެވެ.

“ހެލްޕެއް ބޭނުންތަ؟” ދޮރުމައްޗަށް އެރި ލަމްހާ އެހިއެވެ.

“އަދިއެއް ނޫން.. ބުނާނަން..” މޭގައި ޖައްސާލައިގެން އިން ކިޔާންގެ ހުޑީ ދުރުކޮށްލަމުން ލަޔާލް ބުންޏެވެ. އިރުކޮޅަކު ހުރެފައި އެ ވަގުތު ލަޔާލް އެކަނިވުމަށް ދޫކޮށްލާފައި ލަމްހާ ދިޔައެވެ. ލަޔާލް އެ ކުރާ ހިތާމައަށް ލުޔެއް ހޯދައިދޭން ބޭނުން ވި ނަމަވެސް، ލަޔާލް އެކަނި ކުރަން ބޭނުން ކަމެއް ކުރުމަށް ދޫކޮށްލުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި ލަމްހާއަށް ގަބޫލު ކުރެވޭތީއެވެ. އެހެން މީހެއްގެ އެހީއަކަށް ބޭނުން ނަމަ ކޮންމެވެސް ގޮތަކުން އެކަން ލަޔާލް އަންގާނެ ކަން އެނގޭތީއެވެ.

ލަންކާގައި ހޭދަކުރި ކޮންމެ ދުވަހެއްގެވެސް ގަޑިއެއްހާ އިރު ލަޔާލް ހޭދަ ކުރަނީ ކިޔާންއާ ލަޔާލް ކުރިން ބޭނުން ކުރި ކޮޓަރީގައެވެ. އެހެން ވަގުތުތައް ހޭދަ ވަނީ ގިނަ ފަހަރަށް ލަމްހާއާ ލަމްހާގެ ތުއްތު ދަރިފުޅާ އެކުގައެވެ. ނޫން ނަމަ އެ ގޭގެ ޓެރެސްގައި އެކަނި އިނދެއެވެ. ކިޔާންގެ ހުރިހާ އެއްޗެއް ފޮށިގަނޑުތަކުގައި ބަންދުކޮށް ނިންމާލަން ބޭނުން ވި ނަމަވެސް އެ ކަމުގައި ގިނަ ވަގުތު ހޭދަ ކުރުމަކީ ލަޔާލްއަށް އުނދަގޫ ކަމެކެވެ. އެ މަސައްކަތުގައި ހޭދަވާ ވަގުތުތަކުގައި ލަޔާލް ނުހަނު ބޮޑަށް ސާހިލް މަތިން ހަނދާންވެއެވެ. ކިޔާންގެ ހަނދާންތަކާ ސާހިލްގެ ހަނދާންތައް ގުޅި، އެ ހަނދާންތަކުން ލަޔާލްގެ ހިތަށް ވޭނާ ރިހުން ގެނުވާ އިރު، ހަމަ އެ ހަނދާންތަކުން އެ ރިހުމަށް ޝިފާވެސް ލިބޭ ފަދައެވެ. އެ އިހުސާސްތައް ބުނެދޭކަށް ލަޔާލްއަކަށް ނޭނގެއެވެ. އެނގޭ އެއްޗަކީ ސާހިލްއާ ކިޔާންގެ ހަނދާންތަކާ އެކު ގިނަ ވަގުތު ހޭދަވި ވަރަކަށް ލަޔާލްގެ ހިތަށް ލުއިވާ ކަމެވެ. އެ ހިތާމައަށް ކެތްކުރަން ފަސޭހަ ވާ ކަމެވެ.

ލަންކާގައި ހުރި އިރު، ކޮންމެ ދުވަހަކު މަދުވެގެން އެއް ފަހަރު މާހިރާއަށާ ނާފިޒްއަށް ލަޔާލް ގުޅައެވެ. އެހެން ނަމަވެސް ސާހިލްއަކަށް ނުގުޅައެވެ. ލަޔާލް ނުގުޅި ނަމަވެސް ފުރަތަމަ ތިން ދުވަހު ހެނދުނާ ރޭގަނޑު ސާހިލް ގުޅިއެވެ. ނަމަވެސް އެއްވެސް ކޯލަކަށް ލަޔާލް ޖަވާބު ނުދިނުމުން އޭގެ ފަހުން ސާހިލް އެ ކަން ހުއްޓާލިއެވެ. މާހިރާ ގާތު ސާހިލްގެ ވާހަކަ ނޭހި ނަމަވެސް ކޮންމެ ފަހަރަކުވެސް ސާހިލްއާ ބެހޭ ގޮތުން ލަޔާލް އެނގެން ބޭނުން ވާނެހެން ހީވާ ހުރިހާ ކަމެއް މާހިރާ ކިޔާދެއެވެ.

ލަޔާލް އެހާ ދުރަށް އައީ އެންމެ ކަމަކުއެވެ. ކިޔާންގެ ގިނަ ހަނދާންތައް ވީ އެ ތަނުގައި ކަމަށް ވެފައި އެހެން އެންމެންނާ ދުރުގައި އެ ހަނދާންތަކާއެކު ވަގުތުކޮޅެއް ހޭދަ ކޮށްލަން ލަޔާލް ބޭނުންވީއެވެ. އޭގެ އިތުރުން ދުރުގައި ހޭދަވި މަހެއްހާ ދުވަސް ތެރޭ، ސާހިލްއާ މެދު ލަޔާލްގެ ހިތް އެދޭ ގޮތް އެއްވެސް ޝައްކެއް ނުވާ ވަރަށް ލަޔާލްއަށް ޔަގީންވިއެވެ. ސާހިލްއާ ވަކިވުމަކީ ދެން ލަޔާލްއަށް ކުރެވޭނެ ކަމެއް ނޫނެވެ. ކުރިން އެހާ ދުވަހު ހުރެވުނީ ކުރެވުނު ޝައްކެއްގެ ސަބަބުން ލަޔާލްއާ މެދު ސާހިލްއަށް ކަންތައް ކުރެވުނު ގޮތުންނެވެ. ހުރިހާ ކަމެއް އެނގުނު ފަހުން ސާހިލް މާފަށް އެދުނު ވަރާ، ލަޔާލް ލޯބި ވާކަން ހާމަ ނުކުރާ އިރުވެސް ސާހިލްގެ ފަރާތުން އިހުސާސް ކުރެވުނު ލޯބީގެ ސަބަބުން ލަޔާލްގެ ހިތް ކުރިއަށް ވުރެ ބޮޑަށް ސާހިލްއަށް އެދެން ފެށިއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

އެދިގެން ކަލާ ލިބޭތޯ 30

Next

އާއެކޭ ލޯބިވޭ… ފަންސަވީސް ވަނަބައި (އަސްލުވެސް ލިނީ އެއުޅެނީ ފުރަން)

Next
December 16, 2025

އާއެކޭ ލޯބިވޭ… ފަންސަވީސް ވަނަބައި (އަސްލުވެސް ލިނީ އެއުޅެނީ ފުރަން)

Previews
December 16, 2025

އެދިގެން ކަލާ ލިބޭތޯ 30

7 Comments!

  1. Mar Sha Mar Sha says:
    December 16, 2025 at 10:32 am

    ސަލާމް، 29 އަޕްލޯޑް ކޮށްލެވިއްޖެ، މާޝާ ހީކުރަނީ މިބައިވެސް ކިޔުންތެރިންނަށް ކަމުދާނެ ކަމަށް. މިބައި ތަންކޮޅެއް ދިގުވާނެ. ކަމުދަންޏާ ކޮމްންޓެއް ކޮށްލައްޗޭ. 30 ވަނަ ބައި ބުރާސްފަތި ދުވަހު ގެނެސްދޭނަން.

  2. zzz1 says:
    December 16, 2025 at 11:08 am

    Salaam ❤️ Sis Mashallah ♥️ Very hard work! This story is very beautiful and impressive. What part of this story did you particularly like?🤍❤️

    1. Mar Sha Mar Sha says:
      December 16, 2025 at 1:11 pm

      thank u dear. my favourite part was Layaal going to her father’s house after so many years with her and Saahil holding Kiyaan’s hands. i hope u liked that scene too

  3. 🌹🌺N🌺🌹 says:
    December 16, 2025 at 11:24 am

    Alheyy salability and layaway dhuru nukurahcheyy…..
    Can’t wait for next… when next?.

    1. Mar Sha Mar Sha says:
      December 16, 2025 at 1:12 pm

      hehe, autocorrect on work dho. lets see dho, Thursday ga 30

  4. Anonymous says:
    December 18, 2025 at 1:12 pm

    When next ??
    Can’t wait for next

    1. Mar Sha Mar Sha says:
      December 18, 2025 at 4:40 pm

      inshaAllah before 6

Comments are closed.

Next Episodeހިތަކުން ނުދާނޭ ފިލާ 30←


All Right Reserved!