ޖަވާހިރުގެ ބާރު – 3
އިރުކޮޅަކުން އޭނާ ސިފަ ބަދަލުވިއެވެ. “ތީ ކާކު؟” ވަރަށް ބިރުން ހުރެ އަހަރެން ސުވާލުކޮށްލީމެވެ. އަހަރެންގެ އަޑުގައި ކުޑަނަމަވެސް ތުރުތުރެއްވެއެވެ. “އަހަރެންނަކީ ކަލޭގެ ދޮންތަ ރިޒުއާނާ. ފުދިއްޖެތަ؟” ބޮލުގައި ދެ ދަޅު ފަޅާފައިހުރި ރިޒުއާނާ ބުންޏެވެ. “ކޮބާ ފޮތުގެ ވާނުވާ އެނގިއްޖެތަ؟” ޒީލަގަދަ އަޑަކުން އޭނާ ބުންޏެވެ. “ކީއްވެ ދޮންތަ ތި ސިފައިގައި ތިހުރީ؟” ދޮންތަ ކުރި ސުވާލަށް ޖަވާބުނުދީ އަހަރެންވެސް ކޮށްލީ ސުވާލެކެވެ. ” މަ މިހެންވާން ޖެހުނީ ހަމަ ކަލޭގެ ސަބަބުން! ހަހަހަހަހަހަހަ.” ނުލަފާ ރާގެއްގައި ރިޒުއާނާ ހިނިގަނޑެއް ޖަހާލިއެވެ. ރިޒުއާނާ ހުރިތަނަށް ކުއްލިއަކަށް ގެއްލުނެވެ.
ރޭގަނޑުގެ ވަގުތުކަމުން އަވަހަށް ކޮޓަރިއާ ދިމާއަށް މިސްރާބު ޖެހީމެވެ. އަވަސް ހިނގުމެއްގައި ގޮސް ކޮޓަރި ދޮރުލެއްޕިތަނާހެން ކޮންމެވެސް މީހަކު ދޮރުގައި ޓަކި ޖެހިއެވެ. ކާކުތޯ ބެލުމަށްޓަކައި މަޑުމަޑުން ދޮރު ހުޅުވާލީމެވެ. ނަސީބަކުން ހުރީ އެހީތެރިޔެކެވެ. ނަމަވެސް ތަންކޮޅެއް ދޮށީ އުމުރުފުރައިގެ މީހެކެވެ. ނިކަން ފަރުވާތެރިކަމާއެކު މޭވާ ތަބަކެއް އަހަރެންގެ އަތަށްލުމަށްފަހު ކޮރުޖަހަމުން ދިޔައެވެ. އަހަރެންވެސް އަޅައިނުލާ ކޮޓަރިއަށްވަދެ ދޮރު ލެއްޕީމެވެ. ބަނޑުހައިވެފައިވާލެއް ބޮޑުކަމުން އެ ތަބަކުގައި ހުރި އެއްޗެއް ހުސްކުރީމެވެ. ކޮޓަރިން ބޭރުގައިހުރި މޭޒުމައްޗަށް ތަބައް ލުމަށްފަހުގައި، އެނދަށް އަރާ އޮށޯތީމެވެ.
އަޑުގަދަ ހިނިގަނޑަކާއެކު، ރިޒުއާނާ ކޮޓަރީގެ ކަނަކުން ފާޅުވިއެވެ. “ހަހަހަހަހަހަހަހާ، ކަލޭ ދެންމެ ތިކެއީ ހުސް ސިހުރު. ކަލޭ ތިހިރީ މަގޭގެ ބާރުގެ ދަށުގައި. އެހީތެރިންވެސް އެހުރީ ސިހުރުގެ ބާރުގެ ދަށުގައި. ހަހަހަހަހަހަހާ. މަކަރުވެރިގޮތަކަށް ހިނގަނޑެއް ޖެހުމަށްފަހު އަނެއްކާވެސް ރިޒުއާނާ ގެއްލިއްޖެއެވެ.
އެރޭ އެއްކޮށް ދިޔައީ އެކަމާ ފިކުރުކުރުމުގައެވެ. ލޯމަރާލިޔަސް ސިފަވަނީ ރިޒުއާނާއެވެ. އިވެނީ ވެސް އޭނާގެ އަޑުތަކެވެ. ހަނދާންވަނީ އޭނާ ދެއްކި ވާހަކަތަކެވެ. އެރޭގެ ދަންވަރުގެ ވަގުތެއްގައި ކޮޓަރީގައި އުދުހޭ އަލިގުޅަތައް ނިވިދިއްލެން ފެށިއެވެ. އަހަރެން އޮތީ އޮތްތަނުން ގުޑާލަންވެސް ނުކެރިފައެވެ. ހެނދުނު އިރު އެރުމާ ހަމައަށް އަހަރެންގެ ހާލަތަކީ އެއީއެވެ. އަހަރެންނަށް ގޮވަން އައީ ރޭގައި އައި މުސްކުޅި މީހާއެވެ. އަހަރެން އޭނާ ގާތު މަޑުކުރުމަށް އެދުނީމެވެ. “އަހަރެންގެ ސުވާލަކީ، މި ގަނޑުވަރުގައި ރިޒުއާނާ ކިޔާ”… ސުވާލުކޮށް ނުނިމެނީސް އެ މުސްކުޅި މީހާ ދާން އުޅުނެވެ. އޭނާ ދޮރުގެ އަތްގަނޑުގައި ހިފިހެން، އަހަރެންގެ އަތުން އިސާހިތަކު ގަދަ ދަނބުކުލައިގެ ފުއްތަކެއް ނުކުމެ، އެ މުސް ކުޅި މީހާގެ ފައިކޮޅު ގަނޑުވިއެވެ. އަހަރެން އަޖައިބުވެ އަންތަރީސްވިއެވެ. އަހަރެންކުރި ސުވާލު ތަކުރާރުކޮށްލީމެވެ. އޭނާ ތުރުތުރުލާ ވާހަކަދައްކަން ފެށިއެވެ.
“އަހަރެންނަކީ ސަނީޒާ. ރިޒުއާނާއަކީ ރައިފާނާއަށް ލިބުނު ފުރަތަމަ ދަރި. އޭނާ ބޮޑުވިފަހުން އެއްދުވަހަކު، އޮޅިގެން ވަދެވުނީ ތަޚުތުގެ އިމާރާތުގެ ތެރޭގައިވާ ލޯގަނޑަށް. ނަމަވެސް އެތަނުގެ ތެރޭގައި ތާށިވެ، ނުނިކުމެވިގެން، ފޮތެއް ނަގާ ކިޔަންފެށީ. އެ ފޮތަކީ މީގެ ގަރުނެއްގެ ކުރިން ބޭނުންކުރުން މަނާކޮށްފައިވާ ފޮތެކެވެ. އެ ފޮތުގައިވާ ފޮޅުވަތެއް ކިޔުމުގެ ސަބަބުން ދެ ދަޅުފަޅާ ނިގުލެއްލައި ހަށިގަނޑު ކަޅުވެގެން ދިޔައީ. ފަހުން ޒަނީން ރިޒުއާނާ ހޯދިއިރު ހުރީ އެ ސިފައިގައި. އެހެންވެ މި ގަނޑުވަރުން ބޭރުކޮށްލީ. އިތުރަކަށް އަހަރެންނަކަށް ނޭނގެ އެ ވާހަކަ.” ވާހަކަ ނިމުމާއެކު، އަހަރެން ބެލީ ފިނިގަނޑު ވިރުވޭތޯ އެވެ. އެ ގަނޑު ވިރުވޭތޯ ވަރަށް މަސައްކަތް ކުރީމެވެ. އެ ފިނިގަނޑުގައި އަތްޖައްސާލިތަނާހެން އަތުން އަލިފާންގަނޑެއް ނުކުމެ، އޭތި ވިރިގެން ދިޔައެވެ. ނަމަވެސް އާންމުކޮށް ދިޔާވެގެން ފައިބާ ފެންތަކެއްނުފައިބައެވެ. މިއީ ޖާދޫކަން އަހަރެން މިހާރު ރަނގަޅަށް ދަންނަމެވެ.
އިރުގެ ފިޔާތޮށި ދޯދިތަކުން ކުލަ އަލިވެފައިވާ ބަގީޗާގައި ވަގުތުކޮޅެއް ހޭދަކޮށްލުމުގެ ނިޔަތުގައި އަހަރެން ގަނޑުވަރުން ނިކުތީމެވެ. އެހީތެރިޔެއްގެ ހިލަމެއްވެސް ނުވެއެވެ. ސަންގުމަރުމަރު ހިލައިގެ މަގުތަކުގެ އަރިމަތީގައި ރަތުރަނުން ބިނާކޮށްފައިވާ ދިގުގޮނޑިތަކެއްވެއެވެ. ރިޒުއާނާގެ ކަންތައްތަކާއިމެދު ވިސްނަމުންގޮސް، އޭގެން ދިގު ގޮނޑިއެއްގައި އިށީނީމެވެ. “ރިޒުއާނާ ދޮންތަގެ މައުލޫމާތު ހޯދޭނީ ކިހިނެތްބާ؟ ރޭގައި ފާޅުވީގޮތަށް އަދިވެސް ދޮންތަގެ ހިލަމެއްނުވޭ. ކޮންތާކުބާ އުޅެނީ؟ ހާހް.” މާނޭވާއެއްލަމުން ހިތާހިތާ ކިޔާލެވުނެވެ.
އިރުގެ ފިޔާތޮށި ދޯދިތައް އިސާހިތަކު ފަނޑުދަނބުކުލައެއް އަރާ ކަޅުވާންފެށިއެވެ. ހުރެވުނު ތަނެއްވެސް ނޭންގުނެވެ. ނޭވާ ލާންވެސް އުނދަގޫވެދިޔައެވެ. ވަރަށް ތުއި ޒީލަގަދަ އަޑެއް އިވެން ފަށައިފިއެވެ. އިރުގަނޑެއްފަހުން ނޭވާ ނުލެވިގެން ލޯމަރާލެވުނެވެ. “މިއީ ދޮންތަ ކުރާ ކަމެއް ހެއްޔެވެ؟” އަހަރެންގެ ހިތުގައި ދައުރުވަމުން ދިޔައީ ސުވާލެވެ. ނޭވާނުލެވި މަރަށް ތެޅިގަތް ވަގުތު، ލޯ ހުޅުވާލެވުނެވެ. އަހަރެންގެ ކަރުގައި ހިފައިގެން އޮތީ ރިޒުއާނާއެވެ. ނަމަވެސް ގިނައިރުތަކެއްނުވެ، އަހަރެން ހޭނެތުނެވެ.
ދެން ފެންނަން ފެށީ ކުރިން ފެނުނު ހުވަފެނެވެ. ނަމަވެސް މިފަހަރު ބައްޕަ ކައިރިއަށް ދިޔުމުގެ ބަދަލުގައި ފަހަތަށް އެނބުރުނީމެވެ. ފަހަތުގައި ހުރީ ގޮތްނޭނގޭ މީހެކެވެ. އޭނާގެ މޫނުވެސް ވަނީ ކަޅު ދުންތަކަކުން ފޮރުވިފައެވެ. އަހަރެން ގައިގައި ޖަހަން އައި މީހަކީ އޭނާކަން އެނގުނެވެ. އިރުކޮޅެއްނުވެ، ދަހަނާ އަޅައިގެން ހުރި މީހަކު ކަނޑުނޫކުލައިގެ ޖާދޫ ފުއްތަކެއް އޭނާއާ ދިމާއަށް އުކާލިއެވެ. އޭނާގެ ހަޅޭކާއެކު މުޅިތަނަށް ގުޑުން އަރާ ދިޔައެވެ. އެންމެ ފުރަތަމަ ފެނުނު ހުވަފެނުގައި އަޑު އިވުނީ އެމީހާގެ އަޑުކަން ފަހުމުވިއެވެ. އެއާއެކު މުޅިތަން ކަޅުވެ ދިޔައެވެ.
މަޑުމަޑުން ލޯ ހުޅުވާލެވުނެވެ. ހަމައަށް ނޭވާނުލެވި ގިނައިރުވުމުން ކޮށިއަރާ ކެއްސައިގަތެވެ. އެއާއެކު ކަރުން ލޭ ވެސް އައެވެ. އަނގައިގެ އަރިމަތިން ފައިބައިގެން ގޮސް ލައިފައިވާ ހެދުމަށް ލޭތައް އެޅިގެން ދިޔައެވެ. އަހަރެން ވަނީ ޖާދޫގެ ވެޔޮގަނޑަކުން ގޮނޑީގައި ބަނދެފައެވެ. ދެން ބަލާލެވުނީ އަހަރެންގެ ކުރިމަތީގައި ބެހެއްޓިފައިވާ ގޮނޑިއަށެވެ. އަހަރެންގެ މަތީގައި އަލިކޮޅުތަކެއް އުޅެއެވެ. އަހަރެން ބައިންދާފައިވާ ގޮނޑިއާއި ހުސްކޮށް ހުރި ގޮޑި ފިޔަވާ އިތުރު އެއްޗެއް އެތަނުން ވަކިވާކަށް ނެތެވެ. މުޅި އެތަން ހީވަނީ ކަޅުގަނޑެއް ހެންނެވެ.
ތޫލި އަޑަކާއިއެކު، ގޮނޑި މައްޗަށް ދަނބުކުލައިގެ ޖާދޫގެ ފުއްތަކެއް ފާޅުވިއެވެ. ދަނބުކުލަ ފަނޑުވި ތަނާހެން ރިޒުއާނާ ސިފަވިއެވެ. “ކޮބާ ހޭލެވުނީ؟” ނުލަފާ ރާގެއްގައި އޭނާ ބުންޏެވެ. “އަހަރެން މިތަނުން ދޫކޮށްލާ!” އަހަރެން ހަޅޭއްލަވައިގަތީމެވެ. މިއާއެކު ރިޒުއާނާގެ އަތުން ދަނބު ކުލައިގެ ކޮކާލެއް އަހަރެންގެ އަނގަމައްޗަށް ދޫކޮށްލިއެވެ. މިއާއެކު އަހަރެންގެ ދުލުން ވާގިކެނޑި އަނގަ ލެއްޕުނެވެ. “ކަލޭ މަށަށް ވީގޮތް ސާފުވެއްޖެ ދޯ މިހާރު؟ ކަލެއަށް އެ ވާހަކަތައް އެންގުމަށްޓަކައި އަހަރެން ހާދަ މަސައްކަތެއް ކޮށްފީމޭ! ކަލެއަށް ވަގުތުކޮޅަކަށް ބާރުވެސް ދިނިން. އެއީ އެއްކަލަ މުސްކުޅި ސަނީޒާގަނޑު މަގޭ ވާހަކަ ކަލެއަށް ކިޔައިދޭތޯ! އެވަރުންވެސް ކަލޭ ޝުކުރުވެރި ނުވެއޭ! އަދި ބުނަން އަހަރެންނަކީ މި ރަށް ހަލާކޮށްލުމަށް ހެދި ސިހުރުގައި ބައިވެރިވި މީހެއް!” ގޮނޑީގައި އިށީނދެ، ފައިމައްޗަށް ފައި ވަށްޓާލަމުން ރިޒުއާނާ ބުނެލިއެވެ. “ކަލޭވެސް މަރުވާނީ ހަމަ ތިޔަހެން އިންދާ!” މިހެން ބުނުމަށްފަހު ކޮޅަށްތެދުވެ، ދަނބުކުލައިގެ ކުނޑިތަކަކާއެކު ރިޒުއާނާ ގެއްލުނެވެ.
އަހަރެން ބަނދެފައިވާ ވެޔޮގަނޑު ނެއްޓޭތޯ މަސައްކަތްކުރަން ފެށީމެވެ. ފަހަތުން ބަނދެފައިވާ ދެއަތް ދުރުކުރުމަށް ބާރުލައި ހިފާލީމެވެ. ނަމަވެސް ކުރި މަސައްކަތް ދިޔައީ ފެނަށްވެގެންނެވެ. ވެޔޮގަނޑު އޮޅިފައިވާލެއް ވަރުގަދަވާން ފެށުމާއެކު އަހަރެންގެ ދެ އަތުން ވާގި ދިޔައެވެ. އަހަރެން ލެވި ހަޅޭކުގެ އަޑު އަހާނެ މީހަކު އެތަނުގައި ނުވެއެވެ. މިއީ އަހަރެންގެ ނިމުންކަމަށް ވިސްނައި މަންމަ އަދި ބައްޕައާއި ބައްދަލުކުރުމަށް މާ ގިނަ ވަގުތުތަކެއް ނެތްކަން ވިސްނިގެން ދިޔައެވެ. ހޫނުކަރުނަތައް ކޯތާފަތްމަތިން ފައިބަން ފެށިއެވެ. ހޯސްލާފައި ފޭބި ކަރުނަތައް ވެޔޮގަނޑަށް ފޭބިހިނދު، ވެޔޮގަނޑު ވިރިގެން ދިޔައެވެ. ނިވެން ގާތްވެފައިވާ އުންމީދުގެ ހުޅުކޮޅު އާވެއްޖެއެވެ. އަހަރެންގެ މައިންބަފައިންގެ މަތިން ހަނދާންކޮށް ގަދައަށް ރޯން ފެށީމެވެ. ކަރުނައިގެ ތިކިތަށް ޖެހުމާއެކު، ދަނބުކުލައިގެ ވެޔޮގަނޑު ދަނބުކުލައިގެ ފުއްކުނޑިތަކަކަށްވެ، ހަލާކުވިއެވެ. އަނގައިގަ ހުރި ލޭތަށް ހެދުމުގެ ފަސްބައިން ފޮހެލީމެވެ. ގޮނޑިން ތެދުވެ ފަރާތަކަށް ބެލުމެއްނެތި ދުވަން ފެށީމެވެ. ދުވެ ދުވެ، މާނޭވާލެވެން ފެށިއެވެ. އިރުގަނޑެއްފަހުން ގައިގެ ހަކަތަ ހުސްވެ ބިންމައްޗަށް ވެއްޓުނެވެ. ބިންމަތީގައި އުއްޑުން އޮއްތާލައިގެން މައްޗަށް ބަލަން އޮތީމެވެ.
ކުއްލިއަކަށް ފަނޑު ނާރިނގު ކުލައިގެ ދިއްލޭ އަލިގަނޑެއް މަތިން ފާޅުވިއެވެ. އޭތި ގާތްވީ ވަރަކަށް އޭގެ އަސްލު ސިފަ ބުނެދެން އެނގުނެވެ. ސާޅީހަކަށްފޫޓުގެ ޖަލިޔާކޮޅެއް ވަރުގެ އިސްކޮޅުން ދިގު، ފީފާ ހަމަކަށްވުރެ ފުޅާ ހަށިގަނޑެއް ލިބިފައިވާ މަޚުލޫގެކެވެ. އޭގެ ފިޔަ ގަނޑުވެސް ވިހިފޫޓުގެ ރިޔަލެއް ވަރުވެއެވެ. އޭގެ ވަރަގަނޑުގައި ރަތާއި، ނާރިނގު އަދި ގަދަ ރީންދޫ ކުލަ ހުއްޓެވެ. އޭތީގެ ބޮލުގެ ބައްޓަންވެސް ހަރުފައިގެ ބޮލާ ވައްތަރެވެ. މުޅިގައިގައި ބޮޑެތި ހުޅުނބުތަކެއް ވެއެވެ. ނިގުލު ކޮޅުގައިވެސް ފަތްތަކެއް ހުއްޓެވެ. ބާރު ދުވެލީގައި އުދުހިފަ އައިސް އޭގެ ނިގުލުން އަހަރެންގެ ގައިވަށާ އޮޅާލިއެެވެ. “އަހަރެން މިއައީ މިނާލް ހޯދުމަށް!” އަހަރެން ދޫކޮށްލާފައި މައްޗަށް އުދުހިގަތެވެ. “ތިއީ ކާކު؟” އަހަރެން ހައިރާންވެފައިވާ ރާގެއްގައި ބުނީމެވެ. ނަމަވެސް އިތުރަށް ވާހަކަ ނުދައްކާ އޭނާގެ ފަހަތަށް އެރުމަށް ނިގުލުކޮޅުން އިޝާރާތްކޮށްލިއެވެ. ސުވާލުކުރުމެއްނެތި އަހަރެން އެރީމެވެ.
ހަލުވި ބާރުމިނެއްގައި އެ ކަޅު އަނދިރި ތަނުން މައްޗަށް އުދުހިގަތެވެ. އަހަރެން އޭގެ ހުޅުނބުތަކުގައި ބާރަށް ހިފެހެއްޓީމެވެ. އިސާހިތަކު ގަސްބޯ ޖަންގައްޔަކަށް ނުކުމެވުނެވެ. “އެތާ އެތެރޭގައި ދެކެވޭ ކޮންމެ ވާހަކައެއް ރިޒުއާނާއަށް އަޑުއިވޭނެ. އެހެންވެ އަހަރެން ވާހަކަނުދެއްކީ. އަހަރެންނަކީ އިރު ދޫންޏެއް. ނަމަކީ ޤަރޫތު. އަހަންނަކީ މި ރަށުގެ ޖަވާހިރު ރައްކާތެރިކުރުމަށް ހަވާލު ކުރެވުނު އިރު ދޫނި. މި ރަށުގެ ޚާއްސަ ފޮތް ބެލިންތަ؟” އުދުހެމުން ޤަރޫތު ބުންޏެވެ. އަހަރެން ޖަވާބުގައި ބުނީމެވެ. “ލައްބަ، ވަރަށް އެހެން ކަހަލަ ފޮތެއް. އެ ފޮތުގައި ވީކަމެއް ސިފަވެގެންވެސް ދިޔަ!”
ޤަރޫތު އިތުރަށް ބުނެދިނެވެ. “އެ ފޮތުގައި ފެންނާނީ ވަޔާއެކު މިނާލް ރަށުން ބޭރަށް ގެއްލިގެން ދާތަން. ނަމަވެސް އަސްލަކީ، އެ ދުވަހު އަހަރެން ޖަވާހިރު ގަސް ކައިރިއަށް ދިޔައިރު ފުއްޓަރު ފަރާތުގައި ކަޅު ދުންގަނޑެއް އަރާތީވެ ފެނުނީ. ޖާދުއީ ގޮތުން އެހެން މީހުންގެ ލޯތަކަށް އަހަރެން ގެއްލުވާލިން. ދެން ރަސްކަންކުރާ ފަރާތްތައް ސަލާމަތްކުރުމަށް ގަނޑުވަރަށް ދިޔަ ދިޔުމުގައި އޭރު ޒަނީންގެ ކައިރިއަށް އެ ދުންގަނޑު އަރާ ހަމަވަނީ. އެހެންވެ، ހަމައެކަނި ސަލާމަތް ކުރެވުނީ މިނާލް. އެ ދުވަހު ޖަވާހިރުގެ ރަށުން ނިކުމެ، އާއްމު ރަށެއްގެ ގޭދޮށުގައި މިނާލް ބޭއްވިން. އަށާރަ އަހަރު މި ކުއްޖާ ބަލައިދިނުމަށް އަދި އެއަށްފަހު ހުވަދޫއަށް ފޮނުވައިދިނުމަށް ނޯޓުކޮޅެއްގައިވެސް ލިޔެފައި ވާނެ. ދެން މިނާލް ހުވަދޫއަށް ފުރި ދުވަހު ފިޔަގަނޑު ބޭނުންކޮށްގެން ބޮޑެތި ބިޔަ ރާޅު އުފެއްދިން. އަހަރެންގެ ރައްޓެއްސެއް ވިއްސާރަ ވިލާ ޖަމާކޮށް ވާރޭ ވެހުުވީ. އިތުރަށް ފަޅުވެރިންނަށް އޮޅުވާލުމަށް ލާންޗު ބަންޑުންވެސް ޖެހިން. އޭރު މިނާލްގެ ހޭވެރިކަން ވަނީ ނެތިގޮސްފައި. އެހެންވެ، ވާނުވާ ނޭނގި ބަނދަރުގައި ލައްގާފައި އެ ދުވަހު އޮތީ. މިއީ ކަންތައް ހިނގިގޮތަކީ.” އޭރު ޤަރޫތު ގޮސް ޖަވާހިރުގެ ގަހުގައި ޖައްސަނީއެވެ. ނަމަވެސް ޤަރޫތުއަށާއި އަހަރެންނަށް ނޭނގުނީ އަހަރެމެންގެ ފަހަތުން އެއްޗެއް އައިކަމެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.



reethi ❤️
ޝުކުރިއްޔާ!