ޖަވާހިރުގެ ބާރު – 4
އިސާހިތަކު އަހަރެމެންގެ ފަހަތުން ނުލަފާ ހިނިގަނޑެއްގެ އަޑު އިވުނެވެ. އެއީ ކާކުކަން އަހަރެން ދަންނަ ނަމަވެސް ޤަރޫތުއަށް އެއީ ކާކުކަމެއް ނޭނގުނެވެ. އޭނާ އައީ ޖަވާހިރުގެ ބޭނުމުގައިކަމަށް ޤަރޫތު ބުންޏެވެ. ޤަރޫތު ގޮސް އަހަރެން ޖަވާހިރު ގަހުގެ ހޮހޮޅަ ތެރެއަށްލައި ރިޒުއާނާ ކުރިމައްޗަށް ދިޔައެވެ. “ނޫން ޤަރޫތު. ނޫން ނުދާތި!” އަހަންނަށް ހަޅޭއްލަވައިގަނެވުނެވެ. “ޤަރޫތު! މީ ހަމަ ކަލޭގެ މައްސަލަ! ކީތްކުރަން މިނާލް މި ރަށަށް ގެނައީ؟ ކަލޭ މަރާލާނަން މިއަދު!” ރިޒުއާނާ ރުޅި އައިސްގެން މޫނުމަތިވެސް ހުރީ ރަތްވެފައެވެ. ރިޒުއާނާ އެއްލި ކަޅު ޖާދޫގެ އަލިފާން ގުޅައަކުން ޤަރޫތު އަނދަން ފެށިއެވެ. އޭރުވެސް ރިޒުއާނާ ޤަރޫތުއާ ތަޅާފޮޅަނީއެވެ.
ބާބު 3 – ޒައިލީ
ޤަރޫތު އަނދަމުން ގޮސް ހަށިގަނޑުގެ ދެބައިކުޅަ އެއްބައި އަނދާ ހުލިވިއެވެ. “މިނާލް! އަހަރެންގެ ބާރުތަކާއި ހަވާލުވޭ! އަހަރެންނަކަށް ދެން ސަލާމަތެއް ނުވެވޭނެ! މި ޖަވާހިރު ރިޒުއާނާގެ އަތުން ސަލާމަތް ކުރާތި!” ޤަރޫތު އޭނާގެ އެންމެ ފަހު ބަސް ބުންޏެވެ. ޤަރޫތު އެނދުމާއެކު ރަތްކުލަ ގަދަ ކައިވަތެއްހާ ފުޅާ ތުތިމަހެއްގެ ބައްޓަމަށް ހުރި ޔާގޫތެއް އުދުހެމުން އައިސް އަހަރެންގެ މޭ މައްޗަށް ވަނެވެ. ހީވަނީ މަޑު ބަލީހެއް ކޮށްޕާލި ހެންނެވެ. ހަމަ މިއާއެކު އަހަރެންގެ އިސްތަށިގަނޑުގެ ކަނާތު ކަންހުޅީގައި ރަތްކުލައިގެ އިސްތަށިތަކެއް ފެޅިއެވެ. ހަށިގަނޑުގެ ކޮންމެ ނާރެއްގައިވެސް އަލިފާން ރޯވާހެން ހީވެ ވޭން އަޅަން ފެށިއެވެ. ”ތީ މަގޭ ދޮންތައެއް ނޫން! ތީ ހަމަ ނުބައި ޖިންނިއެއް! ކީއްވެ ޤަރޫތު މަރާލީ!” ޖަވާހިރު ގަސް ތެރެއަށް ވަންނަން އައި ރިޒުއާނާއާ ދިމާއަށް ބުނެލީމެވެ. އޭރު އަހަރެންގެ ރުޅި އިންތިހާއަށް ގަދަވިއެވެ. މިއާއެކު އަހަރެންގެ އަނގައިން ރަތްކުލަ ގަދަ ބޮޑު އަލިފާން ގުޅައެއް ދޫކުރީމެވެ. އޭތި ރިޒުއާނާގެ މޫނުގައި ޖެހި އަނދަން ފެށިއެވެ. މޫނުމަތި ހީވަނީ ކަޅު ބަބުރެއް ހެންނެވެ. “ކިހިނެއް ދޮންތައަށް އިނގުނީ އަހަރެން ދިޔަ ތަނެއް؟” އަހަރެން ސުވާލު ކޮށްލީމެވެ. “ކަލޭ މަށަށް ދޮންތަ ނުކިޔާ! ކަލޭ މިހާރު ކުރިން ކޭ ސިހުރުމަތިން ހަނދާން ނެތުނީތަ؟ ކަލޭގެ ގައިގައި އެވާ މަޚްލޫޤަކީ ކަލޭ ދާހާ ތަނެއް ދައްކުވައިދޭ އެއްޗެއް!” ނުލަފާ ހިނިގަނޑަކާއި އެކު ރިޒުއާނާ ބުނެލިއެވެ. އޭނާ އަހަރެންނާއި ދިމާއަށް ކަޅު ކުލައިގެ ޖާދޫ ގުޅައެއް ދޫކޮށްލިއެވެ. ހަމައެވަގުތު އަހަރެންވެސް ނާރިނގު ކުލައިގެ އަލިފާން ވައިރޯޅިއެއް ދޫކޮށްލީމެވެ. ކުއްލިއަކަށް ބިޔަހިލަގަނޑެއް ފާޅުވެ އަހަރެން ދޫކުރި ވަޔާއެކު ގަހުގެ ހޮހޮޅަ ބަންދުވިއެވެ. ރިޒުއާނާވެސް ކުއްލިއަކަށް ގެއްލުނެވެ. ވީނުވީއެއް ނޭނގި ބޮލަށް އެނބުރުން އަރާ ހުރިތަނަށް ވެއްޓުނެވެ.
އެއްކަލަ ހުވަފެން ފެންނަން ފެށިއެވެ. މިފަހަރު ކަޅުގަނޑުގެ ބަދަލުގައި ތަޚުތު ހުރި އިމާރާތް ސިފަވިއެވެ. ކުރިންވެސް ހެދިގޮތަށް ފަހަތަށް އެނބުރުނީމެވެ. ދަހަނާގައި ހުރި މީހަކު ކަނޑު ނޫ ކުލައިގެ ފުއްތަކެއް އުކާލުމާއެކު ގޮތް ނޭނގޭ މީހާ ހަޅޭއްލަވައިގަތެވެ. އޭނާ އެ ހުރިތަނަށް ދިޔާވެ ފައިބައިގެން ދާންފެށިއެވެ. އޭރުވެސް އޭނާ ހަޅޭއްލަވަމުން ދިޔައީ އެންމެން މަރާލާނެކަމުގެ އިންޒާރުދެމުންނެވެ. އޭނާގެ އަތުގައި އޮތް އެއްޗެއް އަހަރެންނާއި ދިމާއަށް އެއްލިއެވެ. އެއީ ކޮން އެއްޗެއްކަން ނޭނގުނަސް އެއީ ތޫނު އެއްޗެއްކަން އެނގުނެވެ. ބިރުން ހުރެ އަހަރެން ފަޅިއަކަށް ޖެހެލީމެވެ. އޭރު އޭތި ގޮސް ކުޑަދޮރުގެ ބިއްލޫރިގަނޑު ފަޅާލާފައި ބޭރަށް ދިޔައެވެ. ލޯހުޅުވާލެވުނީ މާނޭވާލެވެމުންނެވެ. ގައިން ތުރުތުރުއަޅައެވެ. މި ހުވަފެނަކީ އަހަރެންނަށް ކޮންމެވެސް ފަރާތެއް ދައްކާ އެއްޗެއްކަން އެނގިގެން ދިޔައެވެ. ނަމަވެސް ވާ ކަންތައްތަކާއިމެދު ކޮންމެ ފަހަރަކު އެތަކެއް ސުވާލުކެއް އަހަރެންގެ ހިތުގައި ދައުރު ވަމުން ދެއެވެ.
އެ ހޮހޮޅައިގެ ތެރޭގައި ފަނޑު އަލިކަމެއް ފޯރުކޮށްދިން ހަމައެކަނި އެއްޗަކީ އެތާގެ މެދުގައި ފަނޑު ދަނބު ފިޔާތޮށި ކުލައަކުން ދިއްލިފައިވާ ޖަވާހިރެވެ. މަޑުމަޑުން އެއާ ދިމާލަށް ދިޔައީމެވެ. ޖަވާހިރާ ގާތްވި ވަރަކަށް ހަށިގަނޑުގައި ކުދިކުދި ވައިރޯޅި ބީހެމުން ދިޔައެވެ. ފަނޑުވެފައިވާ ދަނބު ފިޔާތޮށި ކުލަ ގަދަވަމުން ދިޔައެވެ. އާދަޔާޙިލާފު މިޔުޒިކީ ރާގެއް އިވެމުން ދިޔައެވެ. ޖަވާހިރު ބެހެއްޓިފައިވަނީ ކުޑަ ތަނބެއްފަދަ ތަނެއްގެ މަތީގައެވެ. އެ ޖަވާހިރުގައި އަތުން ބީހިލީމެވެ. ފަނޑުވެފައިވާ ދަނބު ފިޔާތޮށި ކުލަ އިތުރަށް ގަދަވެގެން ދިޔައެވެ. އަހަރެން ލޯމަތީ އަތް އަޅައިގެން ފަހަތަށް ޖެހެވުނެވެ. މަޑުމަޑުން އަތް ތިރިކޮށްލާ ބަލައިލީމެވެ. ޖަވާހިރުގެ ކުލަ ހުދު ކުލައަށް ބަދަލުވެގެން ދިޔައެވެ. އޭރު ފުސްވެފައިވާ ފިޔާތޮށި އަލިކޮޅެއް އަހަރެން ހުރި ދިމާއަށް އައެވެ. ލޯ އުނގުޅާލުމަށްފަހު އަދިވެސް އެއްފަހަރު ބަަލައިލީމެވެ.
އެ ފުސް ގަނޑަކީ ސާމަރާ ދޫންޏެކެވެ. އޭގެ މައިގަނޑުގައި ގަދަ ދަނބުކުލައެއްވެއެވެ. ފިޔަގަނޑުގައި ގަދަ ފިޔާތޮށިކުލައެއް ހުއްޓެވެ. އޭގެ ފިނދުފަތްގަނޑު ހުރީ އެކި ކުލަ ކުލައިގައެވެ. މުޅި ހަށިގަނޑުވަނީ ފަނޑުކޮށް ދިއްލިފައެވެ. ލޯމަރާފައިވާއިރު، ތުންގަނޑުވެސް ހުރީ ފަނޑު ރަތްކުލައެއްގައެވެ. އޭތި އަހަރެންގެ މެއާވީ ހިސާބަށް އައިސް އޭތީގެ ފަތްގަނޑުން އަހަރެންގެ މުޅި ގަޔަށް ފިޔާތޮށިކުލައިގެ ޖާދުގެފުއްތަކެއް ވިހުރުވާލިއެވެ. ވަގުތުން އަހަރެން ލައިގެން ހުރި ލޭޖެހިފައިވާ ހެދުން ރީތި ރަތް ފިޔާތޮށި ކުލައެއްގެ ހެދުމަކަށް ބަދަލުވެ ދިޔައެވެ. ހަމަ އެއާއެކު އަހަރެންގެ ހަށިގަނޑުން މަޚުލޫގެއް ނުކުތެވެ. ބިން މަތީގައި ޖެހުނުހެން ކުނޑިތަކަކަށްވެ އޭތި ނިމިގެން ދިޔައެވެ. އެއަށްފަހު އެ ސާމަރާ ދޫނި އަހަރެންގެ މޭމަށްޗަށް ވަނެވެ. އަހަންނަށް ވީ ގޮތުން ލޯވެސް މަރާލެވުނެވެ. އަހަރެންގެ ވަށައިގެން ރަތްކުލައިގެ ޖާދޫގެ ފުއްތަކެއް އެނބުރެމުން ދިޔައެވެ.
އިސާހިތަކު ލޯ ހުޅުވާލެވުނީ ޖަވާހިތް ގަނޑުވަރުގެ ދޮރޯށި ކުރިމަށްޗަށެވެ. އެއީ އަހަރެން ހިތުއަޅައިގެން ހުރި ގޮތެވެ. މި ހެދުނީ ޖާދޫކަން އަހަރެންނަށް އެނގުނެވެ. “އެކަމު ކުރިން ނުހެދުނު އެއްޗެއް މިހާރު ހެދެންވީ ކީއްވެބާ؟” މިހެން ހިތަށް އަރަމުން އަހަރެން ގަނޑުވަރުތެރެއަށް ވަނީމެވެ. ބަގީޗާގައި ގަސްތަކަށް ފެންދޭން ތިބި އެހީތެރިން އަހަރެންނާއި ދިމާއަށް އަންނަން ފެށިއެވެ. މި ދެދުވަހު ރާނީ ދިޔަތަނެއް ނޭނގިގެން މުޅި ގަނޑުވަރު ހޯދިކަމަށް އެހީތެރިން ބުންޏެވެ. “ދެ ދުވަސް؟” އަހަރެން ހައިރާންވެ އަންތަރީސްވެފައި ބުނެލީމެވެ. މާގިނަ އިރެއްނުވެ، ނުކައިހުރުމުގެ ސަބަބުން ކުއްލިއަކަށް އެތަނުން އެހީތެރިއެއްގެ ގައިމައްޗަށް ވެއްޓުނެވެ.
ލޯހުޅުވާލެވުނީ ހުސް ބިމަކަށެވެ. އުދަރެސް ވަނީ ފަނޑު ރަތް ފިޔާތޮށި ކުލައަކުން ދިއްލިފައެވެ. ރަތާއި ފިޔާތޮށި ޖާދޫގެ ފުއްތައް މުޅި އެތަނުގައި ވެއެވެ. “މިއީ ކޮންތަނެއް؟” އަހަރެންގެ ހިތާ ސުވާލުކުރެވެމުން ދިޔައެވެ. އިރުކޮޅެއްފަހުން ސާމަރާދޫންޏެއް ގޮވާލި އަޑަށް ފަހަތަށް ބަލައިލެވުނެވެ. ފަހަތުގައި ހުރީ ދަނބުކުލައިގައި ހުރި މަޚްލޫގެކެވެ. ހަށިގަނޑު އިންސާނެއްގެ ބައްޓަންކަމުގައި ވީނަމަވެސް، މުޅި ގައި ވަނީ ދަނބުކުލައިގެ ފަތްތަކުން ފޮރުވިފައެވެ. ޅިނދުކަށިގަނޑާއި ދިމާއިން އެކި ކުލައިގެ ދިގު ފަތްތަކެއް ތިރިއަށް ފައިބާފައިވެއެވެ. ދެ އަތް ވަނީ ގަދަ ފިޔާތޮށިކުލައިން ދިއްލިފައެވެ. ދެ ލޯވެސް ހީވަނީ ދެ ދަނބުމޭވާ ހެންނެވެ. ނޭފަތާއި އަނގައިގެ ބަދަލުގައި ފަނޑު ރަތް ކުލައިގެ ތުންގަނޑެއް ހުއްޓެވެ.
“ތީ ކާކު؟” ޖަވާބެއް ލިބޭނެ ކަމުގެ އުންމީދުގައި އަހަރެން ސުވާލުކޮށްލީމެވެ. ނަމަވެސް އިވުނީ ސާމަރާ ދޫންޏެއްގެ އަޑެވެ. އަހަރެންނަށް ފަހުމު ނުވާކަމުގެ، މޫނެއް ހަދާލީމެވެ. ވަގުތުން އޭތި އަނގަމަތީ އަތް އަޅާ، އަހަންނާއި ދިމާއަށް ފިޔާތޮށި ޖާދޫގެ ފުއްތަކެއް އުކާލިއެވެ. އެއާއެކު އޭނާ ދެއްކި ވާހަކަތައް ސާފުވެގެން ދިޔައެވެ. “އަހަރެންނަކީ ޒައިލީ. އަހަރެންނަކީ އެ ޖަވާހިރުގައި ބަންދުކޮށްފައިވާ ރޫހެއް. މިދިޔަ ހުރިހާ ދުވަހު އިންތިޒާރުކުރަމުން ދިޔައީ ތިފަދަ ބާރުގަދަ މީހަކު އައިސް އަހަރެން ސަލާމަތްކޮށްދޭނެކަމަށް. މިކަމަށް މިނާލްއަށް އިންތިހާއަށް ޝުކުރު އަދާކުރަން.” ޝުކުރުވެރިކަމާއެކު ޒައިލީ ބުންޏެވެ. ޝުކުރަށް ޖަވާބުދެމުން އަހަރެން ސުވާލުކޮށްލީމެވެ. “މިއީ ކޮން ތަނެއް؟” “އަދި ނޭނގޭތަ މިއީ ކޮންތަނެއްކަމެއް؟ މިއީ މިނެއް. އާއްމުކޮށް އިނގޭ ގޮތުގައި މިއީ ހަވަނަ މިން. މިހާރު މި ތިބެވެނީ މިނާލްގެ ހަވަނަ މިނުގައި.” މަޑުމައިތިރިކަމާއެކު، ޒައިލީ ބުނެލިއެވެ.
“ތިބުނީ މިއީ އަހަރެންގެ ތަނެކޭ! މި ތަނުގައި ވާނީ ކިހިނެއް؟” އަހަރެން އިތުރަށް ސުވާލުކޮށްލީމެވެ. ޖަވާބުގައި ޒައިލީ ބުންޏެވެ. “ލައްބަ. މިއީ މިނާލްގެ ސިކުނޑި ތެރޭގައި ވާކަމެއް. މިތަނުގައި މިހާރު އަހަރެންނާ ބައްދަލުވާނެ. އެއީ އަހަރެން މިނާލްގެ ހަށިގަނޑުގެ ތެރޭގައި ވާތީ.” ވިސްނަން ހުރުމަށްފަހު އަނެއްކާވެސް އަހަރެން ސުވާލުކޮށްލީމެވެ. “އެހެންވީމާ، އަހަރެންގެ ހުރިހާ ވިސްނުންތަކާއި ޚިޔާލުތަކާއި ހުރިހާ ހަނދާންތަކެއްވެސް ޒައިލީއަށް ވާނީ ފެނިފައެއްނު؟” އަހަރެން ކައިރިއަށް އައުމަށް ފިޔަވަޅު އަޅަމުން ޒައިލީ ބުންޏެވެ. “ ލައްބަ. މިނާލްގެ ހުރިހާ ކަމެއް މިހާރު އަހަރެން ދަންނަން.”
“ޒައިލީއަށް އަހަރެންގެ ހަށިގަނޑުން ނިކުމެވޭނެތަ؟” އަހަރެން ސުވާލުކުރީމެވެ. “ނޫން. ނުނިކުމެވޭނެ. ނަމަވެސް މިނާލް އާއެކު މި ތަނުގައި ވަގުތު ހޭދަ ކުރެވޭނެ. އަހަރެންނަކީ ރޫހެއް، އެހެންކަމުން ހަށިގަނޑެއްގެ ބޭރުގައި އުޅުމަކީ ކުރެވޭނެކަމެއް ނޫން. ނަމަވެސް މިއީ އަހަރެންނަށް އިނގޭ މިންވަރު. ” އަހަރެންގެ އަތާއި ޒައިލީގެ އަތް ޖޯޑުކޮށްލަމުން ބުންޏެވެ.
މިހެން ބުނުމާއެކު އަހަރެންގެ އަތުގައި ބާރަށް ހިފަހަށްޓައިގެން ޒައިލީ ދުއްވައިގަތެވެ. “ކޮން ތާކަށް ތި ދަނީ؟” އަހަރެން ސުވާލުކޮށްލީމެވެ. ޖަވާބެއްނުދީ ޒައިލީ ކުރިއަށް ދިޔައެވެ. ފުން ކަފަކޮޅެއްފަދަ ތަނެއްގެ ތެރެއިންލާފައި އަހަރެމެން ވަނީމެވެ. އެތާގެ ތެރޭގައި ވަނީ އަހަރެންގެ ހަނދާންތަކެވެ. ހަޔާތައް ހިތިކަމާއި ފޮނިކަން ގެނެސްދިން އެތަށް މީހެއްގެ ތަސްވީރުތަކެވެ. އަހަރެންގެ ހަޔާތުގައި ކުރި ހުރިހާކަމެއް ގޮތަށް ސިފަވެއެވެ.
ޒައިލީ ގޮސް ޤަރޫތުގެ ތަސްވީރަށް ފިޔަ ދިއްކުރިއެވެ. އަދި ބުންޏެވެ. “މިއީ މިނާލްއަށް އަލިފާނުގެ ބާރު ދަސްކޮށްދިން ފަރާތް ދޯ!” ސުވާލުވެރި މޫނަކާއިއެކު އަހަރެން ބުނީމެވެ. “އަލީފާނުގެ ކީކޭ؟” ޒައިލީ އިތުރަށް ކިޔައިދިނެވެ. “އަލިފާނުގެ ބާރު… ނުވަތަ ޖާދޫ. އެހެންވެ ތިހުރީ ކަނާތު ކަންހުޅީގައި ރަތްކުލައިގެ އިސްތަށި.” އަހަރެންގެ އިސްތަށިގަނޑަށް ބަލާލެވުނެވެ. އަހަރެން އަޖައިބުވިއެވެ.
“މި ބާރަކީ ގެންގުޅެން ވަރަށް އުނދަގޫ ބާރެއް. ކިރިޔާވެސް ނުބައި ގޮތެއް ހެދިއްޖެނަމަ މުޅިތާ ރޯ ވެދާނެ. އެހެންކަމުން އަހަރެން ބޭނުންވީ މި ޖާދޫ މިނާލްއަށް ދަސްކޮށްދެވޭނެ ގޮތެއް ހޯދަދޭން.” ޒައިލީ ނިކަން ބާރަށް ބުނެލިއެވެ. އަހަރެން އެކަމަށް އެއްބަސްވުމުގެގޮތުން އާނއެކޭ ބުނީމެވެ.
ކުއްލިއަކަށް ޒައިލީ ބުންޏެވެ. “މިހާރު އެކަމު މި ބާރު އަހަރެންނަށް ދަސްކޮށްދެވޭނެ ގޮތެއް ނެތް” އަހަރެން ނަށް ސުވާލު އުފެދުނެވެ. “އެއީ ކީއްވެ؟” ޖަވާބުގައި ޒައިލީ ބުންޏެވެ. “މިނާލް މިހާރު ތިއުޅެނީ ހޭލަންވެގެން”
އިސާހިތަކު މުޅިތަން ކަޅުވިއެވެ. އެއްކަލަ ހުވަފެން ފެންނަން ފެށިއެވެ. ވަށައިގެން ބެލިއިރުވެސް ޒައިލީއެއް ފެންނާކަށް ނެތެވެ. މިފަހަރުވެސް ފެންނަނީ ތަޚުތު ހުރި އިމާރާތެވެ. ކުރިން ފަހަރުތަކެކޭ ޚިލާފަށް ބައްޕައާއި މަންމަ ކައިރިއަށް އަހަރެން މިސްރާބު ޖެހީ ފަހަތުގައި ހުރި މީހާއަށް ކަޅިއަޅަމުންނެވެ. އަދިވެސް އޭނާގެ މޫނު ފެންނަގޮތެއް ނުވިއެވެ. އޭނާ އެއްލި އެތި ވެއްޓުނީ ކޮންތާކަށްތޯ ބެލުމުގެ ނިޔަތުގައި ކުޑަދޮރު ކައިރިއަށް ގޮސް ހުއްޓުނީމެވެ. ކުޑަދޮރާއި ސީދަލަށް ތިރީގައި ހުރި ބަގީޗާ ކައިރީ ހުރީ ރިޒުއާނާއެވެ. އެއްލި ތޫނު އެތި ބިއްލޫރިގަނޑު ތަޅާލާފައި ވެއްޓުނީ ރިޒުއާނާގެ އަތަށެވެ. މިއާއެކު މުޅިތަން ކަޅުވެ ދިޔައެވެ.
އަހަރެންގެ ހޭވެރިކަންވިއެވެ. ދެ ލޯ ތަންމިނަށް ހުޅުވުނެވެ. މާނޭވާލެވެއެވެ. ގަނެފައި ހުރި ބިރާއި، ކުއްލި ސިހުމާއިއެކުވެސް މެއެވެ. އަހަރެން ބާއްވާފައި ވަނީ ކޮޓަރީގެ އެނދުގައެވެ. ކައިރީގައި އެހީތެރިޔަކު ނެތެވެ.
ހަމަޖެހިލުމަށްފަހު، ދެންމެ ވީ ކަންތައްތަކާމެދު ވިސްނާލަން ކުޑަދޮރުގެ ކައިރިއަށް ޖެހިލީމެވެ. “ޒައިލީއަށްވީ ކިހިނެތް؟ އޭރު އޭނާ ހާދަ ދެރަވެފައި ހުރިކަން ފާހަގަވޭ. އެއީ ކީއްވެ ބާ؟ މި ފެންނަ ހުވަފެންތަކާއި ބެހޭގޮތުން އޭނާއަށް އެނގޭނެބާ؟ އަނެއްކާ މިއީ އޭނާ ދައްކާ ހުވަފެނެއްބާ؟” އަހަރެންގެ ހިތުގައި މިފަދަ ބައިވަރު ސުވާލުތަކެއް ރަސްކަން ކުރަމުން ގެންދިޔައެވެ.
ޚިޔާލީ ދުނިޔެއިން އަރައިގަނެވުނީ ކޮޓަރީގެ ދޮރު ހުޅުވާލި އަޑަށެވެ. އިސް އުފުލާ ފަހަތަށް އެނބުރުނީމެވެ. ފަހަތުގައި ހުރީ އެހީތެރިއެކެވެ. މޫނުމަތިން ރޮވެފައިވާކަން އެނގެއެވެ. އަޑުބެދުނު ނަމަވެސް އެހީތެރިޔާ ބުންޏެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.



Haadha lahuney up kurany