ޖަވާހިރުގެ ބާރު – 2
ގައިން ކިލާ ފޮޅާލުމަށްފަހު ތަންތަން ބަލައިލީމެވެ. އަހަރެން މި ވަނީ ކުތުބުޚާނާއެއްގެ ތެރޭގައެވެ. އެ ތަން ހަޑިއެއްނޫނެވެ. އަނދިރިއެއްވެސް ނޫނެވެ. ނަމަވެސް އެ ގަޑީގައި ގަނެފައިހުރި ބިރުގެ ސަބަބުން ނިކުމެވޭތޯ މަސައްކަތް ކުރީމެވެ. ނަމަވެސް މި ފަހަރު އަތް ދިމާކޮށްލުމުން ބޭރަކަށް ނުނިކުމެވުނެވެ. “އަހަރެން މިތިނުގައި ތާށިވީ ހެއްޔެވެ؟” އަހަރެން ހިތަށް އެރިއެވެ. އެތާގެ ހަރުގަނޑުތައް ހާވަމުން ދަނިކޮށް އެންމެ ފަހަތު ހަރުގަނޑުގައި އާދަޔާ ޚިލާފު ބޮޑުފޮތެއް އޮތްތަން ފެނުނެވެ. އެ ފޮތް ވަރަށް ބަރެވެ. ހިއްލާލެވެނީވެސް ކިރިޔާއެވެ. ބިންމަތީގައި ދަމަމުން ކަހަލަ ގޮތަކަށް ލޯގަނޑާ ހަމައަށް ގެންދިޔައީއެވެ. އެ ފޮތުގައި ހިފާއްޓައިގެންހުރެ ލޯގަނޑުން ބޭރަށް ނުކުމެވުނެވެ. ބޭރަށް ނުކުމެވުނުހެން މާނޭވާލެވެން ފެށިއެވެ. އިރުގެ އަލިކަން ވަރަށް ގަދައެވެ. “ގައިމު އަހަރެން ލޯގަނޑަށް ވަދެވުނު އިރު ހެނދުނު، މިހާރު މެންދުރުވީ، އެ ކީއްވެބާ؟” އަހަރެންގެ ހިތާ ސުވާލުކުރެވެމުން ދިޔައެވެ. އިތުރުކަމަކަށް ނުވިސްނާ، އަހަރެން ދިޔައީ އެ ފޮތް ހިފައިގެން އަހަރެންގެ ކޮޓަރިއަށެވެ. ކޮޓަރިއަށްވަދެ، އަލަމާރި ތެރެއަށް ފޮތް ލުމަށްފަހު، ފެންވަރާލައިގެން ނުކުމެ، އެނދުގައި އޮށޯވެލީމެވެ. އެއާއެކު އަހަރެންގެ ގާތަށް ނިދިއައެވެ.
އަނެއްކާވެސް އެއްކަލަ ހުވަފެން ފެންނަން ފެށިއެވެ. ނަމަވެސް މިފަހަރު އެ އަންހެން މީހާ ގާތުގައި އަހަރެންގެ ބައްޕަ ހުއްޓެވެ. އަދިވެސް އެ އަންހެން މީހާގެ މޫނު ފެންނަ ގޮތެއް ނުވިއެވެ. އަހަރެން ބައްޕަ ކައިރިއަށް ދިއުމަށް ފިޔަވަޅު އެޅުމާއެކު ފަހަތުން އައި މީހަކު އައިސް ބޮލުގައި ޖެހިތަނުން ހޭލެވުނެވެ. ވެފައިހުރި ވަރުބަލިކަން އިހުސާސްކުރެވި އަނެއްކާވެސް ނިދޭތޯ މަސައްކަތް ކުރީމެވެ. ފަރާތް ފަރާތަށް އެނބުރި އޮއްވާ ނިދުނެވެ.
ކުރިން ފެނުނު ހުވަފެން ފެންނަން ފެށިއެވެ. މިފަހަރު އެ އަންހެން މީހާ އިންސާނެއްގެ އަޑުން ވާހަކަ ދެއްކިއެވެ. ” ދަރިފުޅާ މިނާލް، އާދެބަލަ!” އަނެއްކާވެސް ފަހަތުން އައި މީހާ ޖެހިތަނުން ފުންމައިގެން ތެދުވެވުނެވެ. “ކާކުތަ ކޮންމެ ފަހަރަކު ފަހަތުން އައިސް ޖަހަނީ؟ ކާކުތަ އެއީ؟ ދެން އަހަރެންނާއި ވާހަކަދެއްކީ ކާކުތަ؟ އަހަރެންނަށް ވާވަރަށް ކެތް ކުރެވިއްޖޭ! ދެން ނިކަން ފާޅުވެބަލަ!” އަހަރެން ގާތަށް ވަރަށް ރުޅިއައެވެ. މެންދުރުފަހުގެ ކެއުން ހިފައިގެން އައިސް ހުރި އެހީތެރިޔާވެސް ބިރުން ފިތް ކަނޑައިގެން ގޮސް ކޮޓަރިން ބޭރަށް ދުވެފައި ދިޔައެވެ. ތެދުވެ، ފެން ވަރައިގެން އެ ފޮތް އަލަމާރިން ނެގީމެވެ. ފޮތް ހުޅުވަން އުޅުނު ގަޑީގައި ތަޅުދަނޑި ލޯވަޅެއް ފެނުނެވެ. އަނެއްކާވެސް ފުރޭމުކައިރިއަށް ދިޔައީއެވެ.
މިފަހަރު ފުރޭމު ކައިރިއަށް ދިޔައިރު ފުރޭމުގައި ވަނީ ވަކި އަޅާފައެވެ. މުޅި ފުރޭމުގައި ލޭގެ ކުލަ ހުއްޓެވެ. އަހަރެންނަށް ޖެހެވުނީ ފަހަތަށެވެ. ބަލި ރާގެއްގައި ފުރޭމު ވާހަކަ ދެއްކިއެވެ. “މިނާލް މި ވަކިތައް އަޅާފައިވަނީ މިނާލުގެ ދައްތަ ރިޒުއާނާ. ބައްޕައަކަށް މި ފުރޭމެއްގައި ނުހުރެވޭނެއެވެ. މި ފުރޭމުގެ ފަހަތުގައި ތަޅުދަނޑި ހޯދޭނެގޮތް ލިޔެފައިވާނެ!” މިއާއެކު އެ ފުރޭމުން ބައްޕަ ފަނޑުވެ ގެއްލިއްޖެއެވެ. “ބައްޕާ!” ކިޔާ ރޮއެގަނެވުނެވެ. އިރުކޮޅަކުން ވީގޮތެއް ނޭނގި ހޭނެތިގެން ވެއްޓުނެވެ.
ހޭލެވުނު އިރު އޮތީ އަހަރެންގެ އެނދުގައެވެ. ކައިރީގައި އެހީތެރިއަކު ހުއްޓެވެ. “ރާނީއަށް ކިހިނެއްތޯ ވީ؟ ” ސުވާލުވެރި މޫނަކާއިއެކު ބަލާލަމުން އެހީތެރިޔާ ބުނެލިއެވެ. “ކަމެއް ނުވޭ!” ނުވާކަމަށް ހެދި އަހަރެން ބުނެލީމެވެ. “ރާނީ ބޭނުންވާ ކަމެއް އެބައޮތްތޯ؟” އެހީތެރިޔާ ސުވާލުކުރިއެވެ. “އަހަރެން ބޭނުމީ ވީރާނާވެފައިވާ އިމާރާތްތައްވެސް ސާފުކޮށް ބާއްވަން!”އަހަރެން ބުނީމެވެ. ޖަވާބުގައި އެހީތެރިޔާ ޖޯޝާއެކު ބުންޏެވެ. “ތިޔަ ކަންތައް ފުރިހަމަ ކޮށްދެވޭތޯ ބަލާނަން.” އެހީތެރިން ވީރާނާވެފައިވާ އިމާރާތްތައް ސާފުކުރަންދިޔައެވެ.
އިރުއޮއްސުމުގެ ކުރިން އަހަރެން ތަޚުތުގެ އިމާރާތަށް ވަނީމެވެ. އޭރު އެހީތެރިން ވަނީ ރޭގަނޑުގެ ކެއުން ތައްޔާރުކުރުމަށް ގޮހެވެ. ފުރޭމު ހުރިތަނަށް ގޮސް ބެލީމެވެ. ރަތް ކުލައިގެ އަކުރުތަކުން ލިޔެވިފައިވަނީ،
” އިށީންނަން ހަދާފައިހުރި އެއްޗެއް، ރަސްގެފާނު ނުވަތަ ރާނީ އިށީންނަވާ ތަން.”
ވަގުތުން އަހަރެންގެ ވިސްނުން ދިޔައީ ތަޚުތު ހުރި އިމާރާތެވެ. އެތާގެ ވަށައިގެން ފާސްކުރީމެވެ. ތަޚުތުގެ ކަނާތު އަތްގަނޑުގައި ހިފާ ދަމާލުމުން ތިރިއަށް ދާން އޮތް ސިޑިބަރިއެއް ފާޅުވެގެން ދިޔައެވެ. ތިރިއަށް ފައިބަމުން ދިޔައިރު ފެންނަނީ އެކި ވައްތަރު ވައްތަރުގެ ޖަވާހިރުތަކެކެވެ. އޭގައި އަތްލުމަށް ކުރި މަސައްކަތް ވީ ބޭކާރެވެ. އެންމެ އަޑީގެ ބިންގަރާހަކަށް ފޭބުނެވެ. އެތަން ވަނީ ތުތިމަހެއްގެ ބައްޓަމަށެވެ. ފާރުގައި ރަންކުލައިން ތަޅުދަނޑި ދިއްލިފައިވެއެވެ. ދަޅަ އަރާ އެ ތަޅުދަނޑި، އަލި ފަނޑުވަމުން އައިސް އަހަރެންގެ މުށުތެރެއަށްވަނެވެ. ސިޑިން އަރަމުން ކޮޓަރިއާ ދިމާއަށް މިސްރާބުޖެހީމެވެ. އެ ފޮތް ހުޅުވޭނެތޯ ނުވަތަ ނުހުޅުވޭނެތޯ ހުރެ ދެ ޚިޔާލެއްގައެވެ. އެތެރެއަށްވަދެ ކޮޓަރި ތަޅުލައި އެފޮތުގެ ތަޅަށް ތަޅުދަނޑި ޖެހީމެވެ. އަދި ތަޅުދަނޑީގައި ހިފާ ބާރަށް އަނބުރާލީމެވެ. އެއާއެކު މުޅި ތަން އަނދިރިވެގެން ދިޔައެވެ.
*******
ބާބު 2 – ކުރީގެ ރަސްކަން
އަހަރެންނަށް ލޯ ހުޅުވާލެވުނީ ހުވަފެނުގައި ފެނުންފަދަ ހުސް ކަޅުތަނަކަށެވެ. ކުރަކި އަދި ބަރު އަޑަކުން އެ ފޮތް ވާހަކަ ދައްކަން ފެށިއެވެ. “ޖަވާހިތް ގަނޑުވަރަކީ މީގެ އެތައް ޤަރުނެއްގެ ކުރިން ބިނާކޮށްފައިވާ ގަނޑުވަރެކެވެ. މި ގަނޑުވަރު ބިނާކުރެއްވީ ކާކުކަމެއް އެކަކަށްވެސް ނޭންގެއެވެ. އިނގެން އޮތް ކަމަކީ މި ރަށުގެ އެތަކެއް ސިއްރުތަކެއް މި ގަނޑުވަރުގައި ވާކަމެވެ. ޖާދޫއަކީ މި ރަށުގައި އާދަޔާ ޚިލާފު ކަމެއްނޫނެވެ. ނަމަވެސް ސިޙުރަކީ ހަލާކެވެ. އެންމެފަހުގެ ރަސްކަން ނިމިއެދިޔައީވެސް، ސިހުރުވެރިއެއްގެ ބާރުގައެވެ. އެއީ ސިހުރުވެރިންގެ އާދައެވެ. މި މުޅިރަށަށްވަނީ ސިހުރު ހަދާފައެވެ. މިފަދަ ސިހުރެއް ނައްތާލުމަކީ އާދައިގެ މީހަކަށް ކުރެވޭ ވަރުގެ ކަމެއްނޫނެވެ. ބާރުގަދަ، ބާރުގެ ބޭނުން ރަނގަޅަށް ހިފަން އެނގޭ ވަރުގެ މީހަކު ބޭނުންވާނެއެވެ.” މިހެން އިވުމަށްފަހުގައި ފަހަތުން މީހަކު އަތްލިހެން ހީވާތީވެ، ބޭއިޚްތިޔާރުގައި ފަހަތަށް އެނބުރެވުނެވެ. ހުވަފެނުގައި ފެންނަ މަންޒަރުތައް ފެންނަން ފެށިއެވެ.
އެހެންފަހަރުތަކާއި މިފަހަރު ތަފާތެވެ. އަހަރެންގެ ބައްޕަގެ ގާތުގައިހުރީ މާބަނޑު އަންހެނެކެވެ. އޭނާގެ މޫނު ހުރީ އަހަރެންގެ މޫނު ހުރިގޮތަށެވެ. ކުޑަވެސް ތަފާތެއްނެތެވެ. އަހަރެންނަށް ހުއްޓުން އެރިއެވެ. އަދި ހިޔާލުތަކުގެ ތެރެއަށް ގެނބިގެން ދިޔައެވެ. “އެއީ އަހަރެންގެ މަންމަ ހެއްޔެވެ؟” ޚިޔާލުތަކުން އަރައިގަނެވުނީ ތަނުގެ ވަށައިގެންވާ ކަޅުގަނޑު ކުއްލިއަކަށް ތަޚުތުގެ އިމާރާތަށް ބަދަލުވުމުންނެވެ.
“ރައިފާނާ ބަނޑުގައި ރިއްސަނީތަ؟ ފޫޅުމައިމީހާ އެބަ އާދެޔޭ! ކެތްކޮށްލާ!” ރައިފާނާގެ ބަނޑުގައި ފިރުމާލަމުން ޒަނީން ބުންޏެވެ. އިރުކޮޅަކުން ފެނުނީ ފޫޅުމައިމީހާ އައިސް ވަންނަ ތަނެވެ. ފޫޅުމައިމީހާގެ މޫނު މަތިން ފެންނަމުން ދިޔަ ކުލަވަރުތަކުން އޭނާގެ ކޮންމެވެސް ކަމެއް ނުބައިކަން އެނގި ދިޔައެވެ. ރައިފާނާ އާއި ފޫޅުމައިމީހާ ކޮޓަރިއަކަށް ވެއްދުނެވެ. އިރުގަނޑެއްފަހުން ކުޑަކުއްޖެއް އުރާލައިގެން ފޫޅުމައިމީހާ ކޮޓަރިން ނުކުތެވެ. ޒަނީންއަށް އޭނާގެ ކުޑަ އަންހެން ދަރިފުޅު ފެނި އުފާވިއެވެ. ރައިފާނާގެ ހާލަތާއިމެދު ސުވާލު ކުރިއެވެ. ފޫޅުމައިމީހާ އިސްދަށަށް ޖަހާލުމަށްފަހުގައި ބުންޏެވެ. “ރައިފާނާވަނީ ވިހެއުމުގެ ތެރޭގައި މި ދުނިޔެއާ ވަކިވެފައި.” ޒަނީން ދިއްކޮށްލި ފައިސާ ކޮތަޅު ހިފައިގެން އޭނާ ތަޚުތުގެ އިމާރާތުން ބޭރަށް ނުކުތެވެ .އަހަރެން އޭނާގެ ފަހަތުން ދިޔައީމެވެ .ނަމަވެސް ގަނޑުވަރުގެ ބޭރު ދޮރާށި ކައިރިން މަކަރުވެރި ގޮތަކަށް ރުފިޔާގެ ކޮތަޅަށް ބަލައިލާ ކުއްލިއަކަށް ހުރިތަނުން ގެއްލުނެވެ .ހަމަ މިއާއެކު މުޅި އެތަން ކަޅުވެ، ގެއްލިގެން ދިޔައެވެ.
ދެން ފެންނަން ފެށީ ގަނޑުވަރުގެ ބިތްދޮށެވެ. ރައިފާނާގެ މަރުގެ ސަބަބުން ޒަނީން މާޔޫސްވެ، ދެރަވެފައިވާ ތަނެވެ. ގަނޑުވަރުގެ ވަލުފަރާތުގައި އޮތް ކަށުކަމާކެމީގެ ކަންތައްތައް ނިންމުމަށްފަހު، ޒަނީން އޭނާގެ ކޮޓަރިއަށް އައެވެ. އަހަރެންވެސް ބައްޕަގެ ފަހަތުން ކޮޓަރިއަށް ވަނީމެވެ .ހިތާމަކުރުމުގައި ތިންރޭ ތިންދުވާ ނުކައިނުބޮއެ ކޮޓަރީގައި ހުއްޓެވެ. އެހީތެރިންވެސް ކާންދެވޭތޯ އެކި ގޮތްގޮތަށް މަސައްކަތް ކުރިއެވެ. ނަމަވަސް ކޮންމެފަހަރަކު އިންކާރުކުރެއެވެ. ބޭރަށް މުޅި ރަށް ފެންނަގޮތަށް ހުރި ކުޑަދޮރެއް ކައިރީގައި، އަހަރެން ގޮވައިގެން އޭރު ބަގީޗާތެރޭގައި އުޅުނު އެހީތެރިޔާއާއި ދިމާއަށް ބައްޕަ ބަލަން ހުއްޓެވެ. އިސާހިތަކު އައި ވައިރޯޅިއަކާއެކު މިނާލް މައްޗަށް އުދުހޭތަން ފެނުމުން އަހަރެންގެ ބައްޕަވެސް އުދުހިގެން ނުކުތެވެ. އޭރު އެހީތެރިޔާވެސް އުދުހި، ގެއްލެމުން ދިޔަ މިނާލްގެ ފަހަތުން އުދުހެމުން ދިޔައެވެ. އަދި އެ ވައި ރޯޅި ފަހަތުން ދިޔައެވެ. ނަމަވެސް އޭގެ މާކުރިން ވައިރޯޅިއާއެކު އަހަރެން އެއްކޮށް ގެއްލިގެން ދިޔައެވެ. އޭނާގެ ދަރިފުޅަށްވީ ކިހިނެއްކަމެއްވެސް ޒަނީން އަކަށް ނޭނގުނެވެ. އޭރު ރަށުގެ ފުއްޓަރު ފަރާތުން ކަޅު ދުންގަނޑެއް އަރަމުން އާދެއެވެ. ޖަވާހިރުގެ ގަހާއި ދިމާލަށް ކަޅިއެއް އެއްލުމަށްފަހު، އެ ދުންގަނޑާއި ކުރިމަތިލުމަށް އަހަރެންގެ ބައްޕަ ނިންމިއެވެ. އޭރު އެ ދުންގަނޑު ގަނޑުވަރާ ހަމައަށް އާދެއެވެ. ހުރިހާ އެހީތެރިން ރައްކާތެރިކުރުމަށް ގަނޑުވަރުގެ ރިހި އިމާރާތްތައް ޖާދޫއިން ބަންދު ކުރިއެވެ. ނުކައިހުރުމުގެ ސަބަބުން ބައްޕަގެ ގައިގައި ވަރެއް ނެތްކަން އެނގެއެވެ. ގައިގަ ނެތް ހިއްވަރެއްނެރެ ދުންގަނޑާއި ކުރިމަތިލިއެވެ.
އެ ދުންގަނޑު ގަނޑުވަރާއި ކައިރިވަމުން ދިޔަވަރަކަށް އިންސާނެއްގެ ބައްޓަމަށް އެ ދުންތައް ޖަމާވާން ފެށިއެވެ. އެއީހަމަ ގައިމުވެސް ސިހުރުވެރިއެކެވެ. “ކޮބާ ޖަވާހިރު؟ “ބަރު އަޑަކުން އެ މީހަކު ބުންޏެވެ. ވާހަކަ ދެއްކިއިރު އަނގައިންވެސް ދުންތައް ނިކުމެއެވެ. މަރުވިޔަސް ހެޔޮކަމަށް ޒަނީން ނިންމިއެވެ. ޒަނީންގެ ކަރުގައި ހިފައި ބާރުކޮށްލިއެވެ. “ކޮބާހޭ އެ ޖަވާހިރު؟” އަނެއްކާވެސް ސުވާލު ތަކުރާރުކޮށްލިއެވެ. ފަރާތެއްގެ ބާރު ބޭނުންކޮށްގެން ޒަނީން ކުނޑިކޮޅުތަކަކަށް ހަދާލިއެވެ. އެއަށްފަހު ތަޚުތު ހުރި އިމާރާތަށްވަދެ، ނޭނގޭ ބަހުރުވައަކުން ކިޔެވެއްޔެއް ކިޔާ މުޅިރަށަށް އޭނާ ސިހުރެއް ހެދިއެވެ. މުޅި އެ އިމާރާތާއި ޖެހިގެން ހުރި އިމާރާތްވެސް ގުޑުން އަރައިގެން ދިޔައެވެ. ފާރުތަކުގައި ރެނދުލައި ވީރާނާވެ ދިޔައެވެ. “އެ ކަޅުދުންގަނޑުގެ ސިފައިގަ ހުރި މީހާ ހެދި ސިހުރަކީ ޖާދޫގެ ރަށް އާންމު ރަށަކަށް ބަދަލުވާ ސިހުރެކެވެ. މިއީ މީގެ ޤަރުނުތަކެއްގެ ކުރިން ބޭނުންކުރުން މަނާކުރި ވައްތަރުގެ ބާރެކެވެ.” މިހެން ފޮތް ވާހަކަދެއްކުމާއެކު މަންޒަރުތައް ފަނޑުވެ، ގެއްލިގެން ދިޔައެވެ.
ކުއްލިއަކަށް ލޯ ހުޅުވި މާނޭވާ ލާން ފެށުނެވެ. ހަމަޖެހުމަށްފަހުގައި ކޮޓަރީގެ ތަޅުންގަނޑުމަތިން ތެދުވެ، އެ ފޮތް ހިފައިގެން ތަޚުތު ހުރި އިމާރާތަށް މިސްރާބު ޖެހީމެވެ. ސާފުކޮށްފައިވާ ލޯގަނޑުން ކުތުބުޚާނާތެރެއަށް ވަނީމެވެ. އެ ފޮތް އޮތްތަނުގައި ބޭއްވުމަށްފަހު، ލޯގަނޑުން ނުކުމެ، އެ އިމާރާތުގެ ކުޑަދޮރުން ބޭރު ބަލާލުމަށް ހުއްޓިލައިގެން ހުރީމެވެ. އަދިވެސް ހަނދާންވަނީ މަންމަ އާއި ބައްޕަގެ ހަނދާންތަކެވެ. ހިފެހެއްޓިފައި ހުރި ކަރުނަތަކާއެކު ގިސްލަގިސްލާފައި ރޮވެން ފެށުނެވެ.
ފަހަތުން އިވެން ފެށީ ނުލަފާ ހިނިގަނޑެކެވެ. ކަރުނަތައް ފުހެލުމަށްފަހު ފަހަތް ބަލާލީމެވެ. ކަމަކުދާކަށް ނެތެވެ. ފަހަތުގައި ހުރީ އެއްކަލަ ހުވަފެނުގައި ފެނުނު ފޫޅުމައިމީހައެވެ. އޭނާ ހުރީ އެ ދުވަހު ގަނޑުވަރުން ނުކުން ގޮތަށެވެ. އަތުގައި ފައިސާ ކޮތަޅުވެސް އޮތެވެ. އޭނާއަށް ކުޑަކޮށްވެސް ބަދަލެއް އައިހެއްނެތެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.


