“އަހަރެން މިހުރީ އައިސް…” ފިރިހެންވަންތަ އަޑެކެވެ.
ހިދާ ވަރަށް މަސައްކަތުން ބޯހިއްލާލުމަށްފަހު ބަލާލިއެވެ. ފުސްކޮއް ފެނުނު ނަމަވެސް އެތަނުގައި ހިދާއަށް ފުރަގަސްދީގެން ވެލިގަނޑުމަތީ އިށީންދެލައިގެން އިނީ އިންސާނެކެވެ.
“ތީ އިންސާނެއްތަ؟…” ހިދާ ޔަޤީން ކޮއްލުމަށް ސުވާލުކޮއްލިއެވެ.
“ނޭނގިގެންތަ ތިއަހަނީ؟..” އެމީހަކުގެ އަޑުގައިވަނީ ރުންކުރުކަމެވެ. “މަށަކީ އިންސާނެއް ނޫން..” އެމީހަކު ޖަވާބުދިނެވެ.
“ކޮންނަމެއް ކިޔަނީ؟…ކީއްވެ އަހަރެން ފަހަތުން އަޅައިގަނެގެން ތިއުޅެނީ؟…ކޮބާ ބޭނުމަކީ؟..” ހިދާ ތެދުވެ ވެލިގަނޑުމަތީ އިށިންދެލުމަށްފަހު ސުވާލުތައް އެއްފަހަރާ ކޮއްލިއެވެ.
“އަހަންނަށް ހިދާ ފެނުނީ ހިދާ ވަރަށް ކުޑައިރު…އަހަރެން ކޮންމެހެން ބޭނުންވެގެނެއްނޫން ހިދާ ފަހަތުން މިއުޅެނީކީއެއް…އަހަރެން ހިދާއަށް އެއްވެސް އުނދަގުލެއް ކޮއްފައެއްވެސް ނޯނާނެ..” އެމީހަކު ވާހަކަދައްކަމުން ދިޔައީ ހިދާއަށް ފުރަގަސްދީގެންނެވެ.
“އުނދަގޫ ނުކުރަމޭ ތި ބުނަނީ އަހަންނަ ހުވަފެނުގަ ބިރުދެއްކީވެސް ހަމަ ކަލޭއެއްނު؟…ރީތިކޮއް ކަލޭގެ ބޭނުން ބުނީމަވީއެއްނު؟..” ހިދާގެ ގާތަށްވެސް އައީ ރުޅިއެވެ.
“އަހަންނެއް ނޫން ކަލޭއަށް ބިރުދެއްކީކީއެއް…ވާނުވާ ނޭނގި ކަލޭ މަށާ ދިމާލަށް ހަޅޭލަވަން ނަހަދައްޗޭ….އަހަރެން ހުރީތީ ކަލޭ ސަލާމަތުންވެސް ތިހުންނަނީ…” އެމީހާކުވެސް އައީ ރުޅިއެވެ.
“ދެން ކާކު މަށަށް ބިރުދައްކަނީ؟…” ހިދާ މަޑުމަޑުން އަހާލިއެވެ.
“އެއީ މާރިދެއް…ހިދާ ތަންކޮޅެއް ކުޑައިރު ވީކަމަކުން އޭތި ހިދާ ފަހަތުން އެ އުޅެނީ…” އެމީހަކު ކިޔާދިނެވެ. “ދެން ނާހާތި ކޮންކަމެއް ވެގެންތޯ…މަށެއް ބޭނުމެއް ނޫން އިތުރަށް އެއްވެސް އެއްޗެއް ކިޔާދޭކަށް..” އެމީހަކު ތެދުވިއެވެ.
“އޯކޭ އިތުރު އެއްޗެއް ކިޔާ ނުދިނަސް…ތީކާކުކަން ބުނެދީފާނަން؟…” ހިދާ ސުވާލުކޮއްލިއެވެ.
“އަޒަލް…” އަޒަލް ޖަވާބުދިނެވެ.
“ކީއްވެ މިރޭ އަހަރެން ސަލާމަށް ކޮއްދިނީ؟..” ހިދާ އަހާލިއެވެ.
“ތީ އިތުރު އެއްޗެއް ކިޔާނުދިނަސް އޯކޭއޭ ބުނި މީހެއްނު؟…” އަޒަލް ހިތްހަމަނުޖެހުނެވެ.
“އަހަރެން ބުނީ މާރިދާ ބެހޭގޮތުން ކިޔާ ނުދިނަސް ހެވޭ…” ހިދާ ޖަވާބުދިނެވެ.
“އަހަރެން ހިދާ ސަލާމަތްކުރީ އަހަރެން ބޭނުންވެގެން…މާސުވާލު ގިނަވަންޏާ ކުރިން އޮތްތަނަށް ލައިދީފާނަން…” އަޒަލް ކުރިޔަށް ހިނގައިގަތެވެ.
“އަހަރެން މާދަމާރޭވެސް އަންނާނަން…މާދަމާ އަހަރެން ކުރާ ސުވާލުތަކަށް އަޒަލް ޖެހޭނީ ޖަވާބުދޭން…” ހިދާ ހަރުކަށިކޮއް ބުނެލިއެވެ. “ކަންއޮތީ ކޮންމެވެސް ގޮތަކުން އަހަންނާ ގުޅިފަ…އަހަންނަށް އެނގުން ހައްޤު ކަންތަކެއްވެސް ހުންނާނެ…ޕްލީޒް…އަހަރެން އެނގެން ބޭނުން…” ހިދާ އެދުނެވެ.
އަޒަލް ހިދާގެ ކުރިމަތިން ގެއްލުނެވެ. އޭނާ ހިދާއަކަށް ވަކި ޖަވާބެއް ނުދެއެވެ. ހިދާ ދެރަވީ ކުޑަމިނުން އަޒަލްގެ މޫނުވެސް ނުފެނުނީމައެވެ. ހިދާ ގެޔަށް ގޮސް އަވަސްވެގަތީ ތެމިފައި ހުރި ހެދުމާއި ހަރުވާޅު ދޮވެލުމަށެވެ. ސަކީނާއަށް އިނގިދާނެތީ އެއްޗެހި ދޮވެލުމަށްފަހު ހިދާ އެއެއްޗެހި ކޮޓަރިއަށް ގެނެސް ހިއްކަން އަޅާލުމަށްފަހު އެނދުމައްޗައް ވެއްޓިގަތެވެ.
‘މާރިދަކީ ކޮބައިބާ؟…އޭތި ކީއްވެ އަހަރެންގެ ފަހަތުން އަޅައިގަންނަންވީކީ؟..އަޒަލް ބުނި އޭނާ ބޭނުންވެގެނެއް ނޫންނޭ އަހަރެން ފަހަތުން އެއުޅެނީކީ…ދެން ކީވެއްބާ؟…އަޒަލްގެ ބޭނުމަކީ ކޮބައިބާ؟…އޭނަ އަހަރެން ސަލާމަތް ކުރުމުގެވެސް ކޮންމެވެސް މަޤްޞަދެއްވާނެ….އަޒަލްއަށް އިތުބާރުކުރުން އެއި އަނެއްކާ ބުއްދިވެރި ގޮތެއްތަ؟…’ ހިދާ ވާހަކަ ދައްކަމުން ދިޔައި އަމިއްލަ ނަފްސާ މުޙާތަބުކޮށެވެ.
އަމިއްލަ ނަފްސާ ވާހަކަ ދައްކަން އޮއްވާ ހިދާއަށް ނިދުނީ ކިހާއިރަކު ކަމެއްވެސް ނޭނގެއެވެ. ހިދާއަށް ހޭލެވުނީ ހެނދުނު ހަތެއްޖެހިތަނާ ސަކީނާ އޭނާގެ ކޮޓަރީގެ ދޮރުފަތުގައި ޓަކި ޖަހަމުން ތައްޔާރުވާށޭ ކިޔާ ގޮވަންފެށި އަޑަށެވެ. ހިދާ ސަކީނާ ގާތު މިނުކުންނަނީ ކަމަށް ބުނެ އަވަހަށް ތެދުވެ ތައްޔާރުވާން އަވަސްވެގަތެވެ. ހިދާ ހައިރާންވީ ހިދާގެ ކަނދުރާގައި އިއްޔަ ހުރި ނިޝާނުގެ އެއްވެސް އަސަރެއް ނެތުމުންނެވެ. މާބޮޑަށް އެކަމާދޭތެރޭ ނުވިސްނައި ހިދާ ވަރަށް އަވަސް އަރުވާލައިގެން ނިކުތްއިރު ސަކީނާއިނީ ހިދާގެ އިންތިޒާރުގައެވެ.
“ސައިބޮއިގެން އަވަހަށް ވަޒީފާއަށް ދާތި…ރަނގަޅަށް މަސައްކަތް ކުރަންވާނެ…މަންމަ ހުންނާނެ ސައި ހަދާފަ…” ސަކީނާ ވާހަކަ ދައްކަމުންދިޔައީ ނުހަނު ލޯބިންނެވެ.
ވަކިއެއްޗެއް ނުބުނެ ހިދާ ސައިބޮއިގެން ފިހާރައަށް ދާން ހިނގައިގަތެވެ. މަޑުހިނގުމެއްގައި ހިދާގޮސް ފިހާރައަށް ވަތްއިރު ހިދާގެ އިންތިޒާރުގައި އިނީ ޒުވާން ފިރިހެނެކެވެ. އިސްކޮޅުން ދިގު ރިތި ޒުވާނެކެވެ. ފަން އިސަތަށިގަނޑުވަނީ ކުރުކޮށް ރީތީގޮތަކަށް ކޮށާލެވިފައެވެ. ކަސްރަތީ ހަށިގަނޑެއްގެ ވެރިއެކެވެ. އެހާ ތުނިނޫންކޮށް ކޮށާލެވިފައިވާ ތުނބުޅި އޭނާގެ ރީތިކަން އިތުރަށް ފުރިހަމަކޮއްދެއެވެ. ކަޅުކަންކަދަ އިސްތަށިގަނޑުން އޭނާގެ ދޮންމޫނު އިތުރަށް އަލި ކޮއްލާކަހަލައެވެ. ދެބުމަގޮއްޖަހައިލައިގެން އިންއިރު މުށިކަން ގަދަ ކަޅިން ހިދާގެ ގައިގައި އަލިފާން ރޯކޮއްލަން ތައްޔާރަށް ހުރިފަދައެވެ. ހިދާ ހައިރާންވީ އެޒުވާނާ އެހާ ރުޅިއައިސްގެން ހިދާއާއި ދިމާލަށް ބަލަހައަޓައިގެން އިނުމުންނެވެ. ގަޑިޖެހެން އަދި ދިހަމިނެޓު އެބައޮތެވެ. ހިދާ ގޮސް ހުއްޓިލީ އޭނާގެ ކުރިމަތީގައެވެ.
“ތީ ދޯ މަންމަ ވަޒީފާއަށް ނެގި ކުއްޖަކީ؟…” އެއަޑުގައިވަނީ ހަރުކަށިކަމެވެ.
“ލައްބަ..” ހިދާ އަދަބުވެރިކަމާއެކު ޖަވާބުދިނެވެ.
“މިތާގަ މާބޮޑު ކަމެއް ކުރާކަށް ނުޖެހޭނެ…ކައުޓަރުގަ ކުރަންޖެހޭ ކަންތަށް އަހަރެން މިގަޑީ ކިޔާދީފަ ދާނީ….އިތުރު އެއްޗެއް ނޭނގިއްޖެއްޔާ މޯޑު ކައިރީ އަހާލަ..އޭނަ އުޅޭނެ މިތާ ހުރިހާ ގަޑިޔަކުވެސް…” މިހެން ބުނެ ހިދާއަށް ވަރަށް ކުރުކޮއް އޭނާ ހުރިހާ އެއްޗެއް ކިޔާދިނެވެ. “އިތުރު ސުވާލެއް؟…” ހުރިހާ އެއްޗެއް ކިޔާދިނުމަށްފަހު އޭނާ ހިދާއާއި ސުވާލުކޮއްލިއެވެ.
“ނޫން…” ހިދާ މަޑުމަޑުން ބުނެލިއެވެ. “މޯޑު އެއީ ކާކުތޯ؟…” އަހަން ނުކެރިފައި ހުރި ނަމަވެސް ހިދާ ސުވާލުކޮއްލިއެވެ.
“އެއުޅެނީ މޯޑު..” ތަންކޮޅެއް އެތެރޭގައި ބައެއް އެއްޗެހީގައި އަގުޖަހަން އިން ބަންގްލަދޭޝް މީހަކަށް އިށާރާއިކޮއްލުމަށް ފަހު އޭނާ ޖަވާބުދިނެވެ. “ދެން އިތުރު ކަމެއް ދިމާވެއްޖެއްޔާ ސީދާ އަހަންނަށް ގުޅާލަ…ގެނެ ހިދާގެ ފޯނު…” ހިދާގެ އަތުން ފޯނުނެގުމަށް ފަހު އޭގައި އޭނާ ނަންބަރު ޖެހުމަށް ފަހު ހިދާގެ އަތަށް ފޯނު ދިނެވެ. “ފިހާރަ ހުޅުވާ ގަޑިތަކާ ބަންދުކުރާނެ ގަޑިތަށް ހިދާއަށް އިނގޭނެކަމަށް މި ބަލަނީ..ކައުންޓަރު ވަތްގަނޑުގަ އޮއްނާނެ ތަޅުދަނޑި…ފިހާރަ ބަންދުކުރާއިރު ރަނގަޅަށް ތަޅުލެވިފަތޯ އަބަދުވެސް ބަލާތި…” ހަރުކަށިކޮށް ބުނެލުމަށް ފަހު އޭނާ ފިހާރައިން ނުކުތުމަށް ހިނގައިގަތެވެ.
“އޯކޭ ސާރ…” ހިދާ ޖަވާބުދިނެވެ.
“އަޒަލް…މަށަށް ކިޔަނީ އަޒަލް…”
