Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހިތަކުން ނުދާނޭ ފިލާ 25

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments
December 7, 2025 6 Mins Read
11 Comments

ލޮލަށް ޖަމާވަމުން އައި ކަރުނަތައް ހިފަހައްޓައިގެން އިން އިރު ބިރުވެރި ޚިޔާލުތައް އައިސް ހިތާ ސިކުނޑިއަށް ގަދަވެގަންނަން މަސައްކަތް ކުރި ނަމަވެސް އެ ޚިޔާލުތައް ހިތުން ނެރެލުމަށް ލަޔާލް ހިތްވަރު ކުރަމުން ދިޔައެވެ.

ބޯ ޖަހާލަމުން ސާހިލް ވަގުތުން އެކަމާ އުޅުނެވެ. ފަސް މިނަޓް ތެރޭ ޓެކްސީ ލިބުނެވެ. ލަޔާލް ބުނެދެމުން ދިޔަ ގޮތަށް ސާހިލް ކަންތައް ކުރިއެވެ. އެފަދަ ކަމަކަށް ތައްޔާރު ވެގެން ލަޔާލް ހުރީތީ ހޮސްޕިޓަލަށް ދާން ގިނަ ވަގުތެއް ނުނަގައެވެ.

އިމަރޖެންސީގައި ކިޔާންއަށް ފަރުވާ ދޭން ފެށުނެވެ. ކިޔާންގެ ޙާލަތު އެނގުމާއެކު ކަމާ ބެހޭ ޚާއްސަ ޑޮކްޓަރުން އައެވެ. އެރޭގެ ބާރަ ޖެހި އިރު ކިޔާން އޮތީ އައިސީޔޫގައެވެ. އޭރު މާހިރާއާ އިރުފާންއާ ނާފިޒްއާ ނަސްމާ އައިސް ތިއްބެވެ.

އައިސީޔޫއާ ތަންކޮޅެއް ދުރުގައި ހުރި ވެއިޓިންގް އޭރިއާގައި އެ މީހުން މަޑުކޮށްލައިގެން ތިއްބެވެ. އެންމެ ފުރަތަމަ ގޮނޑިބަރީގައި މާހިރާއާ އިރުފާންއާ ނާފިޒްއާ ނަސްމާ ތިއްބެވެ. މާހިރާ ކައިރީ އިން ލަޔާލްގެ އަތުގައި ހިފަހައްޓާލައިގެން ލީޝާ އިނެވެ. އެ ތަނުން ފެންނަން ނެތީ ސާހިލްއެވެ. ލަޔާލްއަށް އެކަން ފާހަގަ ވެގެން ދެކޮޅު ބަލާލިއެވެ.

“އެބަ އަންނަން..” މާހިރާ ގާތު އެހެން ބުނެލާފައި ލަޔާލް ތެދުވެގެން ގޮސް އައިސީޔޫ ކައިރިއަށް ދިޔައީ އެތާ ސާހިލް ހުރެދާނެޔޭ ހިތް ބުނުމުންނެވެ.

ލަޔާލްއަށް ހީވީ ރަނގަޅަށެވެ. އައިސީޔޫއާ ޖެހިގެން ހުރި ހުސް ތަނުގައި، ފާރުގައި ބޯ ޖައްސާލާ ލެނގިލައިގެން ހުރި ސާހިލް ފެނިފައި ލަޔާލްއަށް މަޑުކޮށްލެވުނެވެ. ސާހިލްގެ މޫނުމަތިން ފެންނަމުން ދިޔައީ ލަޔާލްގެ ހިތުގައި އެ ވަގުތު ވީ އިހުސާސްތަކެވެ. ދަރިފުޅު އެ ޙާލުގައި ވާއިރު ސާހިލްއަށް ކުރެވެމުން ދާނެ އިހުސާސް ލަޔާލްއަށް އެނގެއެވެ. އެތައް ފަހަރަކު ލަޔާލް ވަނީ އެ ތަޖުރިބާ ކޮށްފައެވެ. އެ ވަގުތު ސާހިލްގެ ހިތަށް ކުރަމުން ދާނެ އަސަރު ލަޔާލްއަށް ވުރެ ބޮޑަށް އެނގޭނީ ކާކަށް ހެއްޔެވެ؟ އެ ޙާލުގައި ސާހިލް ފެނުމުން ލަޔާލްއަށް ދުރުގައި ހުރުން ކެތް ނުވެގެން ގޮސް ސާހިލްގެ ކުރިމަތީ ހުއްޓި އެ މޭގައި އަތް ޖައްސާލިއެވެ.

ސިހިގެން ދިޔަ ފަދައިން ސާހިލް ލޯ ހުޅުވާލިއެވެ. ކައިރީގައި ހުރި ލަޔާލް ފެނުމުން ސާހިލްގެ ލޯ ވަގުތުން ތެމިގެން އައެވެ. އިސް ޖަހާލަމުން ސާހިލް އެއްއަތުން ލޯ ފޮހެލިއެވެ.

ބަހެއް ބުނުމެއް ނެތި ލަޔާލް ކައިރި ވެލާ ދެ އަތުން ސާހިލްގެ ގައިގައި ބައްދާލާ އެ މޭގައި މޫނު ޖައްސާލިއެވެ. އެއާއެކު ސާހިލްއަށްވެސް ނުހިފެހެއްޓިގެން ރޮވުމާއެކު ލަޔާލް ގެނެސް ގަޔާލާ ފިއްތާލިއެވެ. ދެ މީހުންވެސް އެހެން ތިބެ ދަރިފުޅަށް ޓަކާ ރުއީއެވެ. ދެ ހިތުގައިވެސް ވަނީ އެއް ދުޢާއެކެވެ. އެ ދަރިފުޅު އެ މީހުންނާ ވަކި ނުވުމަށް އެދިއެވެ. އެ ދަރިފުޅެ ސަލާމަތުން އެނބުރި ދެއްވުމަށް އެދިއެވެ. އެ ދަރިފުޅުގެ އުމުރުގައި އަދި ވަގުތު ލެއްވުމަށް އެދިއެވެ.

ލަޔާލްގެ ފަހަތުން އައި ނަސްމާއާ މާހިރާއަށް އެ މަންޒަރު ފެނުމުން އެކަކު އަނެކަކަށް ބަލާލި އިރު އެ ދެ މީހުންގެ ލޮލުންވެސް ކަރުނަ އައެވެ. އެހެން ނަމަވެސް އެ މަންޒަރުން ދެ މީހުންގެ ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ. ލަޔާލްއާ ސާހިލްއަށް އެ ވަގުތުކޮޅު ދެމުން ދެ މީހުން އެކުގައި އަލުން އެނބުރި ދިޔައީއެވެ.

 

ދެން އައި ތިން ދުވަސް ހޭދަވީ އެ ގޮތުގައެވެ. ކިޔާންގެ ފުރާނައަށް ނުރައްކަލެއް ނެތްކަން ޔަގީން ވީ ތިން ދުވަސް ފަހުންނެވެ. އެހެން ނަމަވެސް ދެން އަންނަ ހަފްތާއެއްހާ ދުވަހު ކިޔާންއަށް ރަނގަޅަށް ބަލަން ޖެހޭތީ ކިޔާން ރޫމްއަކަށް ބަދަލު ކުރިއެވެ. އެ ތިން ދުވަހު ކޮންމެ ދުވަހަކުވެސް ގަޑިއެއްހާ އިރަށް ނޫނީ ލަޔާލް ގެއަކަށް ނުދެއެވެ. އެ ވަގުތުވެސް ގެއަށް ދަނީ ހަމައެކަނި ފެންވަރާލާ ހެދުން ބަދަލު ކޮށްލާށެވެ. ކާ އެއްޗެއް ކަނީ ބަނޑުހައި ވެގެން ގޮސް ކެތް ނުވާ ވަރު ވުމުން ކިރިޔާ ބަނޑަށް އެނގިލާ ވަރަށެވެ. ސާހިލްވެސް ލަޔާލްއާ ތަފާތެއް ނެތެވެ.

އިރުފާންއާ މާހިރާ، ނޫން ނަމަ ނާފިޒްއާ ނަސްމާ އަބަދުވެސް ލަޔާލްއާ ސާހިލް ކައިރީ ތިބެއެވެ. ހަމަ އެހެން ލީޝާގެ އާއިލާގެ ކޮންމެވެސް މީހަކު އަބަދުވެސް އެ މީހުން ގާތު ހުރެއެވެ. އާޔާއާ މުހައިމިން ކޮންމެ ދުވަހަކުވެސް އެތައް ވަގުތެއް ހޮސްޕިޓަލުގައި ހޭދަ ކުރެއެވެ. އާސިމާގެ އާއިލާވެސް އައިސް އެ މީހުން ގާތުގައި ވަގުތު ހޭދަ ނުކުރާ ދުވަހެއް ނުދެއެވެ.

ހިތުގައި ހިނގަމުންދާ އިހުސާސްތައް ލަޔާލްގެ ބޭރުފުށަކުން އެކަކަށްވެސް ނުފެނެއެވެ. ހަމައެކަނި ފެންނަނީ އެ ލޮލުގައިވާ ކަރުނައެވެ. ގޮނޑިއެއްގައި އިށީނދެގެން އިންނަ ގޮތަށް ޑޮކްޓަރެއްގެ ޚަބަރެއް ނުވާ ނަމަ ހަރަކާތެއްވެސް ކޮށްނުލައެވެ. ކޮންމެ ވަގުތަކު ނަމާދަށް ގޮވުމުން ވުޟޫކޮށްގެން އައިސް ނަމާދަށް އަރައެވެ. އެހެން އެއްވެސް ކަމަކަށް ލަޔާލްގެ ސަމާލުކަމެއް ނެތް ފަދައެވެ.

ނަމަވެސް ސާހިލް ތަފާތެވެ. ލަޔާލްއާ ދެ މީހުން ވަކިން، އެކަކު އަނެކަކުގެ އަތުގައި ހިފާލައިގެން ނުތިބޭ ވަގުތެއްގައި ނަމަ ސާހިލް އިންނާނީ އިރުފާންއާ މާހިރާ ކައިރީގައެވެ. މަންމަގެ ކޮނޑުގައި ބޯ އަޅައިގެން އިނދެ ސާހިލްއަށް ރޮވޭ އިރު އަމިއްލަ ނަފްސުގެ މައްޗަށް ސާހިލްގެ ބާރެއް ނުވާ ފަދައެވެ. ދަރިފުޅަށް ޓަކާ ހިތް ކުދިކުދިވަމުން ދާ އިރު، އެ ހުރިހާ ދުވަހު ލަޔާލް އެކަނިމާއެކަނި އުފުލަމުން އައި ވޭނާ ހިތާމަ އިހުސާސް ކުރެވި ލަޔާލްއަށް ޓަކާ ހިތް ރޮމުން ދިޔައެވެ. އެއާއެކު އަމިއްލަ ނަފްސު ކުށްވެރި ކުރެވޭ އިރު، ދަތިކަމެއް ނެތި އަމިއްލަ ހަށިގަނޑުން ލަމުން ދިޔަ ނޭވަޔާ މެދު ޝަކުވާ ކުރެވެނީ ދަރިފުޅު އެ ޙާލުގައި އޮތް އިރު ތިމާ ހެޔޮ ޙާލުގައި ސަލާމަތުން ހުރީތީއެވެ.

ކިޔާން ރޫމްއަށް ބަދަލު ކުރެވުނު ދުވަހުގެ ހަވީރު އިރުފާންއާ މާހިރާ، އަދި ނާފިޒްއާ ނަސްމާ އައިސް ގަދަކަމުން ސާހިލްއާ ލަޔާލް ގެއަށް ފޮނުވިއެވެ. ލަޔާލް ގެއަށް ދާން އެއްބަސްވީ ކިރިޔާ ކަމެއް ދިމާވިޔަސް ގުޅާނެ ކަމުގެ ޔަގީން ކަން ދިނުމުންނެވެ. މާހިރާ އެދުނީ ލަޔާލްއާ އެކު ސާހިލް ދިޔުމަށެވެ. ލަޔާލްއަށް ކާން ދިނުމާ، ފެންވަރާ ތާޒާ ވެލުމަށް ފަހު ލަޔާލްއަށް ނިދެންދެން ލަޔާލް ގާތު މަޑު ކުރުމަށް މާހިރާ ބުނުމުން ސާހިލް ދެކޮޅެއް ނުހަދައެވެ. ލަޔާލް ގޮވައިގެން ސާހިލް ނިކުތީ މާހިރާ ގެނައި ކޮތަޅު ހިފައިގެންނެވެ. މާހިރާ ބުނި ގޮތުން އެއީ ކާ އެއްޗެއްސާ އަދިވެސް ބޭނުންވާނެ ބައެއް އިތުރު އެއްޗެއްސެވެ.

ލަޔާލްއާ ސާހިލް އެކުގައި ބޭރަށް ނިކުތެވެ. ނާފިޒް އަދި އިރުފާންވެސް އައީ ސައިކަލުގައި ކަމަށް ވާތީ ކާރު ނެތުމުން، ސާހިލްގެ ސައިކަލު ހުރި ނަމަވެސް ޓެކްސީއެއްގައި ލަޔާލް އެކަނި ގެއަށް ފޮނުވުމުގެ ބަދަލުގައި ސާހިލް ބޭނުންވީ ލަޔާލް ގެއަށް ލާފައި ދާށެވެ. ނަމަވެސް މަގުމަތިންވެސް އަދި އޮންލައިންކޮށްވެސް ކާރެއް ނުލިބި ގިނަ އިރު ވުމުން ސައިކަލުގައި ދިޔުމަށް ސާހިލް ބުނީ ލަޔާލް އެއްބަސް ވާނެ ކަމަކަށް ނޫނެވެ. ލަޔާލް އެއްބަސް ވީ އަވަހަށް ގެއަށް ދާން ބޭނުންވެފައި ހުރުމުންނެވެ.

މޫސުމާ މެދު ދެ މީހުންނަށްވެސް ވިސްނާލެވުނީ ދަތުރުގެ މެދުން ވާރޭ ވެހިގަތުމުންނެވެ. ބޯކޮށް ވެހެން ފެށި ވާރޭގައި މިނަޓެއްގެ ތެރޭ ދެ މީހުން ތެމިފޯވިއެވެ. އެހެންވެ މަޑު ނުކޮށް ސާހިލް ބެލީ އަވަހަށް ގެއަށް ދެވޭތޯއެވެ.

“މިހާ ވިއްސާރައިގަ ގެއަށް ދާނީތަ؟ އިހަށް މައްޗަށް އަރަން ވީނު؟” ސައިކަލުން ފައިބާފައި ގެއަށް ވަންނަން އުޅެފައިވެސް ލަޔާލް އެނބުރިފައި ސާހިލްއަށް ބުންޏެވެ.

ދެކޮޅު ހެދުމެއް ނެތި ސާހިލް ބޯ ޖަހާލިއެވެ.

އެޕާޓްމެންޓަށް ވަން ގޮތަށް ލަޔާލް ކޮޓަރިއާ ދިމާއަށް ދިޔައީ ސާހިލްއަށް ތުވާއްޔެއް ގެނެސްދޭށެވެ. ނަމަވެސް ކުއްލިއަކަށް ލޯ މައްޗަށް އަނދިރިވެގެން ދިޔުމާއެކު ލަޔާލް ވެއްޓެން ދިޔައެވެ.

“ލަޔާ..!” ލަޔާލް ވެއްޓުމުގެ ކުރިން ހިފަހައްޓަމުން ސާހިލް ގޮވާލިއެވެ.

ފާއިތުވި ތިން ދުވަހު ރަނގަޅަށް ނުކެވުމާ، ނުނިދުމުގެ ސަބަބުން ވަރުދެރަވީ ކަން ލަޔާލްއަށް އެނގެއެވެ. ކިޔާން އެޑްމިޓް ކުރަން ޖެހޭ ކޮންމެ ފަހަރަކުވެސް ލަޔާލްގެ ޙާލަކީ އެއީއެވެ. ކުރިން ލަޔާލްއަށް އެހީ ވުމަށް ލީޝާމެން ތިބެއެވެ.

“އިރުކޮޅަކުން ރަނގަޅު ވެދާނެ..” ސާހިލްގެ މޫނަށް ބަލާލަމުން ލަޔާލް އެހެން ބުނެފައި ދުރަށް ޖެހިލަން އުޅުނެވެ. ނަމަވެސް އަމިއްލަ ބާރުގައި ކޮޅަށް ހުރެވޭނެ ވަރުވެސް އޭރު ލަޔާލްގެ ހަށިގަނޑުގައި ނެތުމުން ދެވަނަ ފަހަރަށް ވެއްޓެން ދިޔައެވެ. ސާހިލް އަނެއްކާވެސް ލަޔާލް ގައިގައި ހިފެހެއްޓިއެވެ.

“އިހަށް އިށީނދެލާ” ކާމޭޒު ކައިރިން ގޮނޑިއެއްގައި ލަޔާލް ބައިންދާފައި ސާހިލް ބުންޏެވެ. އަދި ތައްޓަކަށް ފެން އަޅައިގެން އައިސް ލަޔާލް އަތަށް ދިނެވެ.

“ކޮޓަރީގަ ހުންނާނެ ތުވާލި،، އަލަމާރީގެ ވައަތް ފަޅީގަ” ތެމި ފޯވެފައި ހުރި ސާހިލްއަށް ބަލާލަމުން ލަޔާލް ބުނެލިއެވެ.

ލައިގެން ހުރި ޓީޝާޓު ބާލާ ގޮނޑީގައި އަޅުވާލާފައި ސާހިލް ކޮޓަރިއާ ދިމާއަށް ދިޔަ އިރު ލަޔާލްގެ ނަޒަރު އެ ހަށިގަނޑަށް އަމާޒުވެފައި ވިއެވެ. ދެ މިނަޓެއް ހާ އިރު ފަހުން ނިކުތް ސާހިލް އުނަގަނޑުގައި ތުވާލި އޮޅާލައިގެން ހުރިއިރު، އެއް އަތުގައި ލައިގެން ހުރި ޖީންސް އަދި އަނެއް އަތުގައި އެހެން ތުވާއްޔެއް އޮތެވެ.

ޓީޝާޓް މަތީ ޖީންސް ބާއްވާފައި ލަޔާލްގެ ފަހަތުގައި ހުއްޓުނު ސާހިލް ލަޔާލް އަޅައިގެން ހުރި ވަށް ބުރުގާގައި ހިފާ ދަމާލުމާއެކު ލަޔާލް އެ ކަން ހުއްޓުވުމަށް އުޅުނު ނަމަވެސް ސާހިލް އެ ފުރުޞަތެއް ނުދިނެވެ.

“ލެޓް މީ..” ސާހިލް ބުންޏެވެ. ލަޔާލް އިތުރަށް ދެކޮޅު ނުހެދުމުން ސާހިލް ލަޔާލްގެ ބުރުގާ ނަގާފައި އިސްތަށިގަނޑުގައި ތުވާލި އޮޅާލިއެވެ.

“މާ ބޮޑަށް ފިނި ނުވަނީސް ޗޭންޖް ކޮށްލާ” ފަހަތަށް ޖެހިލަމުން ސާހިލް ބުންޏެވެ.

ލަޔާލް ބޯ ޖަހާލާފައި ތެދުވެ ކޮޓަރީގެ ދޮރާ ހަމަވެފައި އެނބުރި ބަލާލިއެވެ. އުނަގަނޑުގައި ތުވާލި އޮޅާލައިގެން ހުރި ސާހިލް ފެނިފައި ލަޔާލް ހަނދާންވީ ދެ މީހުން އެކުގައި އާ ޙަޔާތެއް ފެށި ރެއެވެ.

ލަޔާލްގެ ނަޒަރު ސާހިލްއަށް ހުއްޓިފައި ހުރި ކަން ފާހަގަ ކުރެވި ސާހިލްވެސް ލަޔާލްއަށް ބަލާލިއެވެ. ދެ މީހުން އެކަކު އަނެކަކަށް ބަލަން ތިބި އިރު ދެ ހިތުގައިވެސް ދައުރުވަމުން ދިޔައީ އެކުގައި ލޯބިން ހޭދަ ކުރި ދުވަސްތަކުގެ ހަނދާނެވެ. މަދު ދުވަސްކޮޅެއް ނަމަވެސް އެއީ ދެ މީހުންގެ ޙަޔާތުގައިވެސް އައި އެންމެ އުފާވެރި ދުވަސްތައް ކަން ޔަގީނެވެ. އެ ހަނދާނުން ދެ ހިތަށްވެސް ފޮނިފޮނި ތަދެއް އިހުސާސް ކުރެވެމުން ދިޔައެވެ. އެ ފަދަ ދުވަސްތަކަށް އެދި އެ ވަގުތު ލަޔާލްއާ ސާހިލްގެ ހިތާ ނަފްސު އެކުގައި އެއް އަޑަކުން ގޮވާލިއެވެ.

ސާހިލް ލަސް ފިޔަވަޅުތަކެއްގައި ލަޔާލްއާ ދިމާއަށް އަންނަން ފެށުމުންވެސް ލަޔާލް ބަލަން ހުއްޓެވެ.

“ނޯ!” އަތް ދިއްކޮށްލުމުން ލަޔާލްގެ ގައިގައި ޖެހޭ ހިސާބަށް ސާހިލްއަށް އާދެވެން ވީ އިރަށް ލަޔާލް އިސްޖަހާލަމުން ބުނެލީ އަމިއްލަ ނަފްސަށް ނަމަވެސް ވަގުތުން ސާހިލް ހުއްޓުނެވެ. އިރުކޮޅަކުވެސް އެތާ މަޑުކޮށްފި ނަމަ ހިތުގެ އެދުމަށް ދެކޮޅު ނުހެދިދާނެތީ ލަޔާލް ކޮޓަރީގެ ދޮރު ހުޅުވާލާފައި ވަނެވެ.

އެ ދޮރު ހުޅުވާފައި ލަޔާލްގެ ފަހަތުން ވަނުމަށް ސާހިލްގެ ހިތް ގޮވަމުން ދިޔައެވެ. އިރުކޮޅަކު ދޮރާ ދިމާއަށް ބަލަން ހުރެފައި ހިތުގެ އަޑަށް ބީރު ކަންފަތެއް ދެމުން ސާހިލް އެނބުރި ގޮސް ގޮނޑީގައި އަޅުވާލި އެއްޗެހި ނަގައިގެން މެޝިނަށް ލާފައި ހިއްކަން ޖައްސާލިއެވެ.  ކިޔާންގެ ކޮޓަރިއަށް ސާހިލް ވަނީ އެއްޗެހި ނަގާ ގޮނޑިމަތީ އަޅުވާފައެވެ.

ސާހިލް ފެންވަރައިގެން ނިކުތް އިރު އެނދުމަތީ ސާހިލްގެ ޓީޝާޓަކާ ޖީންސެއް އޮތެވެ. އެއްޗެހި ލައިގެން ސާހިލް ނިކުތް އިރު ލަޔާލް ހުރީ ކާން ހަދާފައެވެ.

“ބޮޑުއްތަ ހުރީ ސާހިލްގެ އެއްޗެހިވެސް ފޮނުވާފަ. ކާ އެއްޗެހި ހޫނު ކޮށްފަ މިހިރީ، އާދޭ ކާން” މޭޒު ކައިރީ ހުރި ލަޔާލް އާދައިގެ ރާގެއްގައި ބުންޏެވެ.

މޭޒުމަތީ އޮތް ސާހިލްގެ ފޯން ރިންގް ވުމުން ސާހިލް ފޯން ނަގާ ކަންފަތުގައި ޖައްސާލިއެވެ. މާހިރާ ގުޅީ ވިއްސާރައިގައި ނުޖެހި ގެއަށް ދެވުނުތޯ ބަލާށެވެ. ދެ މީހުންވެސް ތިބީ ލަޔާލްމެން ގޭގައި ކަން އެނގުމުން މާހިރާ އެދުނީ ވިއްސާރައިގައި ލަޔާލް އެކަނި ދޫކޮށްފައި ނުގޮސް ސާހިލް މަޑު ކުރުމަށެވެ. އަދި މާހިރާ ދިން ކޮތަޅުގައި ސާހިލްގެ އެއްޗެހި ހުންނާނެ ކަމަށް ބުންޏެވެ. އަދި ކިޔާންގެ ޙާލު އެ ވަގުތަށް ރަނގަޅު ކަމުގައިވެސް ބުންޏެވެ.

ފޯން ކަނޑާލާފައި މާހިރާ ބުނި އެއްޗެއް ލަޔާލް ގާތު ބުނުމަށް ފަހު ސާހިލް އިށީނުމުން ލަޔާލްވެސް އިށީނެވެ. ހިމޭން ކަމުގައި ދެ މީހުން ކާން ތިބި އިރު އިރުއިރުކޮޅާ އެކަކު އަނެކަކަށް ބަލާލައެވެ.

ހަވީރު ވެހެން ފެށި ވާރޭ ހުއްޓާލާ ދެ މީހުންނަށް ހޮސްޕިޓަލަށް ދެވުނީ އިރު އޮއްސުނު ފަހުންނެވެ. ދެ މީހުންގެ މެދުގައި އާދަޔާ ޚިލާފް ހިމޭންކަމެއް ވާކަން އެންމެންނަށްވެސް ފާހަގަ ކުރެވުނެވެ. ނަމަވެސް އެކަކުވެސް ސުވާލެއް ނުކުރެއެވެ.

 

ހަފްތާއެއް ފަހުން ގެއަށް ދެވޭ ވަރު ވާނެ ކަމުގައި ޑޮކްޓަރުން ބުނި ނަމަވެސް އެ ފަހަރު ކިޔާން ދޫކޮށްލީ ދެ ހަފްތާ ވީ ފަހުންނެވެ. އެ ފަހަރު ހެދި ޓެސްޓްތަކުން ކިޔާންގެ ބަލި ކުރިއަށް ވުރެ ގޯސްކަން އެނގުނެވެ. ކިޔާންގެ ހިތާ ފުއްޕާމޭގެ މަސައްކަތް ކުރިއަށް ވުރެ ދަށެވެ. ކުރިއާ ބަލާފައި ކިޔާންގެ ވާހަކަ ދެއްކުން ލަސްކަން ލަޔާލްއަށްވެސް ފާހަގަ ކުރެވުނެވެ. ކިޔާންގެ ކުރިމަތީ ހިތްވަރު ކުރި ނަމަވެސް ކިޔާން ނުފެންނަ ހިސާބަށް ދެވުމާއެކު ލަޔާލްގެ ކެތްތެރިކަން ކޮޅުންލައެވެ. ޑޮކްޓަރުން ތަފްޞީލްކޮށް ކިޔާ ނުދިން ނަމަވެސް ލަޔާލްއަށް ހުރިހާ ކަމެއްވެސް އެނގެއެވެ. ލަންކާގައި ކިޔާންއަށް ފަރުވާ ހޯދުމަށް ހޭދަވި އަހަރުތަކުގެ ތެރޭގައި ޑޮކްޓަރުން ލަޔާލްއަށް ކިޔާނުދޭ ކަމެއް ނެތެވެ. މާލެއަށް ބަދަލުވީވެސް އިތުރަށް ކުރެވޭނެ ކަމެއް ނެތް ކަން ޔަގީން ވުމުންނެވެ. ކިޔާން ދޫކޮށްލުމުގެ ކުރިން ކިޔާންގެ ބެލެނިވެރިންނާ ބައްދަލު ކުރުމަށް ޑޮކްޓަރ އެދުމުން ލަޔާލް ދެކޮޅު ހެދިއެވެ. ޑޮކްޓަރ ވާހަކަ ދެއްކީ ސާހިލްއާ އިރުފާންއާ ނާފިޒްއާއެވެ.

ކިޔާން ގޮވައިގެން ގެއަށް ދެވުނީ އެ ދުވަހުގެ މެންދުރުއެވެ. ފާއިތުވި މަހެއްހާ ދުވަހު ސާހިލް އޮފީހަށް ދިޔައީ ސާހިލް ގޮސްގެން ނޫނީ ނުނިންމޭނެ ކަންތަކާ އެކަންޏެވެ. އޮފީހުގެ ކަންތައްތައް ބެލެހެއްޓީ އިރުފާންއާ ނާފިޒްއެވެ. ކިޔާން އެޑްމިޓް ކުރި ދުވަހުން ފެށިގެން ލީވްގައި ހުރި ލަޔާލް ދެން އިތުރަށް އޮފީހަށް ނިކުންނާކަށް ގަސްތެއް ނުކުރިއެވެ. ލަޔާލް ވަޒީފާއިން ވަކިވާން އެދުމުން ނާފިޒްއެކޭ އެއްގޮތަށް މާހިރާއާ އިރުފާންވެސް ލަޔާލް ބޭނުން ދުވަހެއް ވަންދެން ލީވް އިތުރު ކުރުމަށް އެއްބަސްވިއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

މިހިތައް ލޯބިދޭށޭ – 09 ބައި

Next

ސާރާ 1

Next
December 7, 2025

ސާރާ 1

Previews
December 7, 2025

މިހިތައް ލޯބިދޭށޭ – 09 ބައި

11 Comments!

  1. Mar Sha Mar Sha says:
    December 7, 2025 at 1:49 pm

    ސަލާމް ކުދިން، ހެނދުނު ވާހަކަ އަޕްލޯޑް ކޮށްލަން ކަމަށް ހުރީ، އެކަމަކު ކުއްލި ކަމެއް ދިމާވެގެން ވަގުތު ނުވީ. މި ބައި ތަންކޮޅެއް ދިގު ވާނެހެން ހީވަނީ. އަވަހަށް ކިޔާލާފަ ކޮމެންޓްވެސް ކޮށްލައްޗޭ، 26 ވަނަ ބައި އަންގާރަ ދުވަހު ގެނެސްދޭނަން

    1. ZAM says:
      December 7, 2025 at 2:50 pm

      Walaikum assalam ❤️ Sis.❤️vvv nice story..👌Tall. good 👍
      Loyal and Saheel love ❤️couple son 👨‍👩‍👧
      Family 🤲

    2. Mar Sha Mar Sha says:
      December 9, 2025 at 10:51 am

      thank u zam

  2. Fiza says:
    December 7, 2025 at 10:14 pm

    Masha Allah. Vrh loabi.

    1. Mar Sha Mar Sha says:
      December 9, 2025 at 10:52 am

      thank u Fiza

  3. Girlllllly says:
    December 9, 2025 at 1:14 pm

    When is next part??

    1. Mar Sha Mar Sha says:
      December 9, 2025 at 4:38 pm

      irukolhakun upload kollaanan, lap nulibigen las vany inge

  4. kukoo says:
    December 9, 2025 at 3:37 pm

    miadhuge part koba

    1. Mar Sha Mar Sha says:
      December 9, 2025 at 4:39 pm

      adhi irukolheh vaane inge dear, but not long

  5. Aisha says:
    December 9, 2025 at 3:39 pm

    Miadhu ge part kon irakun???

    1. Mar Sha Mar Sha says:
      December 9, 2025 at 4:39 pm

      in a few minutes dear

Comments are closed.

Next Episodeހިތަކުން ނުދާނޭ ފިލާ 26←


All Right Reserved!