ކުރިމަތީހުރި ވެއިޓިން އޭރިޔާގައި ހުރި ގޮނޑިއެގައި ‘ސްކެޗް ބުކް’އެއް ހިފައިގެން ހުރި ޒުވާނާ އަށް ކަޅިޖަހާނުލައި ބަލަން ހުރެވުނެވެ. ނަމަވެސް މަދު ސިކުންތުކޮޅެއްގެ ތެރޭގައި އަމިއްލަ ނަފްސުގެ މައްޗަށް ބާރުފޯރުވައި އިސްޖަހާލަމުން އެންމެ ކުރިން ޖެހުނު ގޮނޑީގައި އިށިނދެލިއެވެ. ދެވަނަ ފަހަރަށް އިސް އުފުލައި އެޒުވާނާ އާއި ދިމާލަށް ބަލައިލުމުގެ ޙިޔާލެއް އަރްސަލާންގެ ނެތް ކަހަލައެވެ.
******
އަތުގެ އިނގިލިތަކު ތެރޭ ފަންސޫރު އަނބުރާލަ އަނބުރާލަ އިން މިލްނާ އިނީ ޒިވްޔާ ދިޔުމުން ފޫހިވެފައެވެ. ވެފައިވި ފޫހިކަން ފިލުވާލުމަށްޓަކައި ސިކުނޑިއަށް އައި މޮޅު ހިޔާލާއުކު ކުރަހަން ބޭނުންކުރާ ‘ސްކެޗް ބުކް’ ނަގައިގެން އިން އިރުވެސް ކުރަހާނެ އެއްވެސް އެއްޗެއް ސިކުނޑިއަކަށް ނައެވެ. އެގޮތުގައި ވަށައިގެންވި މާހައުލަށް ނަޒަރު ހިނގާލެވުމާއި އެކު މިލްނާ އިން ގޮނޑިއާއި ދިހަވަރަކަށް ފޫޓު ދުރުގައި އިން ޒުވާނާ ލޮލުގައި އަޅައިގަތެވެ. ކަޅުކުލައިގެ ޖިންސަކާއި ކަޅު ހުޑީގައި އެ ޒުވާނާ ފެންނަލެއް ނުހަނު ރީއްޗެވެ. ހިނދުކޮޅަކަށް ނަމަވެސް ހިތުގެ ތެޅުން އަވަސްވެލިހެން މިލްނާއަށް ހީވިއެވެ. ހިތާހިތުން އެ ރީތިކަމަށް ތައުރީފު ކުރެވުނު އިރު މިލްނާ އިނީ އަޖައިބު ވެފައެވެ. މީގެ ކުރިން ދުވަހަކުވެސް ފިރިހެނަކަށް މިލްނާގެ ދުލުން ކީއްކުރަންތޯއެ، ހިތުންވެސް ތައުރީފު ކޮށްފައެއް ނެތެވެ. ނަމަވެސް ކުއްލިޔަކަށް މިޔަދު މިވީ ކިހިނެއް ހެއްޔެވެ؟. ގޮތްނޭނގޭ ޒުވާނަކަށް ހިތާހިތުން ތަޢުރީފު ކުރެވުނީ ކީއްވެ ހެއްޔެވެ؟. އަމިއްލަ ޒަމީރާ އެތަކެއް ސުވާލުތަކެއް ކުރެވެމުން ދިޔައެެވެ.
‘ހުޑީގެ ހުޑް’ ބައި ބޮލުގައި އަޅުވައިލެވިފައި ނެތުމުން އެޒުވާނާގެ އިސްތަށިގަނޑު އޮތީ ހާމައަށެވެ. މާ ދިގު ނޫނަސް ރީތި ވަރަކަށް ދިގެވެ. އެ ޒުވާނާގެ އަތުގެ މުލައްދަނޑިއަށް، ލައިފައި ހުރި’ ހުޑީގެ’ އަތް ހިފާލާފައި ހުރުމުން އެ މުލައްދަނޑީގެ ބާރު ގަދަކަން ހާމަވަމުންދިޔައެވެ.
ހުރިހާއިރު އިނދެވުނީ އެ ޒުވާނާއަށް ބަލަންކަންވެސް ރެއަކާލީ ހިނދުކޮޅަކަށް ނަމަވެސް އެ ޒުވާނާގެ ތޫނު ނަޒަރު މިލްނާގެ ލޮލާ ސީދާވެލުމުންނެވެ. ސިހިފައި އިސްޖަހާލެވުނު ނަމަވެސް މިލްނާގެ ހައިރާންކަމާއި، ޝައުޤުވެރިކަންވީ އިތުރެވެ.
“ ހޫ އިޒް ދިސް މޭން އިން ބްލެކް، ވިތް ގްރީން އައިސް” އަމިއްލަ ނަފްސައް އިވޭވަރަށް މިލްނާއަށް ބުނެވުނެވެ. އެއްވެސް އިޙްރިޔާރެއްނެތި މިލްނާގެ އަތް މަސައްކަތް ކުރަމުން ދިޔައީ އެ ގޮތް ނޭނގޭ ޒުވާނާގެ ސޫރަ އެ ފޮތުގެ ތެރޭގައި ރައްކާކޮއްލުމަށެވެ. އިރު އިރުކޮޅުން އެ ޒުވާނާއަށް ނަޒަރު ހުއްޓާލެވެމުން ދިޔައީ ކުދި ކުދި ސިފަތައްވެސް އޭގެ އެންމެ ފުރިހަމައަށް ކުރެހުމުގެ ބޭނުމުގައެވެ.
ދުރުގައި އިން ޒުވާނާގެ ބެލުންތައް އަރްސަލާން އާއި އަމާޒުވަމުން ދާކަމުގެ އިހްސާސް ވުމާއެކު އިސް އުފުލައި އެދިމާލަށް ބަލައިލެވުނެވެ. އެހިނދު ސިހިފައި އެ ޒުވާނާ އިސްޖަހާލި މަންޒަރު ދުއްޓެވެ. އެކަމަށް މާބޮޑު ސަމާލުކަމެއް ނުދިނީ އެއީ އޭނާއަށް އާކަމަކަށް ނުވާތީއެވެ. ދާ ކޮންމެ ތާކުންވެސް އަންހެންވެރިންގެ ބެލުންތައް އަމާޒުވެއެވެ. އެހެންކަމުން ފަނޑު ހިނިތުންވުމެއް ތުންފަތްމައްޗަށް ވެރިކޮށްލައި އިސްޖަހާލިއެވެ. ނަމަވެސް ހިސާބަކަށް މީހާއަށް ހުއްޓުން އެރީ ކުރެވިދިޔަ ކަންތައް އިހްސާސްވުމައިއެކުއެވެ. އަންހެން ކުއްޖެއްގެ އަމަލްތަކުގެ ސަބަބުން ހިނިތުންވެލި މީ ފުރަތަމަ ފަހަރެވެ. އަންހެނުން ދެކެ ފޫހިވަމުން އައި އަރްސަލާން އަށް އަންހެން ކުއްޖެއްގެ ސަބަބުން ހިނިތުން ވެވުމުން ހުރެވުނީ އަޖައިބުވެފައެވެ. ފަޅި ސިކުންތަކަށް ނަމަވެސް ވެރިވި ހިނިތުންވުން ފިލުވައިލައި ހަރުކަށިކަމާއި، ރުންކުރުކަން އެ މޫނު މައްޗަށް ވެރިކޮށްލިއެެވެ.
އެ ޒުވާނައިގެ ބެލުންތައް އަރްސަލާން އައި އަމާޒުވަމުން ދިޔައިރު އޭނާއަށް ހުރެވުނީ އެކަމުން އުނދަގޫ ވެފައެވެ. ލޮލުގެ ހިމަކޮޅުން ބަލާލެވުނު ހިނދު ފެނުނު މަންޒަރުން އިތުރަށް އުނދަގޫވެ ރުޅިއަންނަ ގޮތް ވިއެވެ. ކުއްލިއަކަށް ތެދުވެ އެ ޒުވާނާ އައި ދިމާލަށް ހިނގައިގަނެވުނީ ބޭއިޙްތިޔާރުގައެވެ. ހެނދުނު ހެނދުނާ ހޮސްޕިޓަލަށް އަންނަން ޖެހުމުން ރުޅި އަންނަގޮތް ވެފައި ހުއްޓާ އެޒުވާނައިގެ އަމަލުން އަނދަ އަނދާ ހުރި އަލިފާނަށް ޕެޓުރޯލު އެޅުނު ކަހަލައެވެ.
“ އަހަރެން ތަ ތިކުރަހަނީ؟. “ މިލަނާ އައި ދާދި ގާތުން ފިރިހެނެއްގެ އަޑު އިވިގެން ދިޔައެވެ. ކުރެހުމުގެ ދުނިޔެއަށް ގެއްލިފައި އިން މިލްނާ ދިޔައި ސިއްސައިގެންނެވެ. އަވަސް އަވަހައް ކުރިމަތީ ހުރި ޒުވާނާއަށް ބަލައިލެވުނެވެ. ކުރިމަތީ ހުރީ މީގެ އިރުކޮޅެއްކުރިން ދުރުގައި އިން ޒުވާނާ އެވެ. މިލްނާގެ ސްކެޗް ބުކްގައި ރައްކާކުރަމުން ދިޔަ ސޫރައެވެ. ލިބުނު ސިހުމައިއެކު ދެލޯ ބޮޑުކޮށްލައިގެން ބަލަންހުރެވުނީ އެ ޒުވާނާ ކިޔަނީ ކީކޭ ތޯ ވެސް އަހާލަން ނޭނގިފައެވެ. އެ ބެލުމުންނާއި، ހަމަހިމޭންކަމުން އަރްސަލާން އަށް ކުރުވި އުނދަގޫ ވީ ދެގުނައެވެ. މިލްނާގެ ފަރާތުން ޖަވާބެއް ނައުމުން ދެންވެސް ވާހަކަ ދެއްކީ އަރްސަލާންއެވެ.
“ އަހަރެން ހޭ ތި ކުރަހަނީ ؟”. މަޑުން ބުނެލި ނަމަވެސް އެ ބަސް ތަކުގައި އެއްވެސް ގާތްކަމެއް ނެތެވެ. އެ ބަސްތައް މިލްނާއަށް އަމާޒުކޮށްލިއިރު އެ އަޑުގައިވަނީ ހަރުކަށިކަމާއި، ރުންކުރުކަމެވެ. އިތުރަށް ސިހުން ގެނުވި މިލްނާއަށް ބޯ ޖަހާލުން ފިޔަވައި އިތުރަކަށް އެއްޗެއް ނުބުނެވުނެވެ. ހިސާބަކަށް ފޫހިކަން ވެރިވިއެވެ.
“ބުނަންތަ ރަނގަޅު ވާހަކައެއް، ތިޔަކީ އަހަރެން އެއްވެސް ވަރަކަށް ހިތްހަމަޖެހޭ ކަމެއްނޫން، އެހެން ނޫނަސް މީހެއްގެ އިޒުނައާއި ނުލައި ތިފަދަ ކަމެއް ކުރުމީ ވަރަށް ހުތުރު ގޮތެއް” އަރްސަލާންގެ ރުންކުރު ބަސްތައް މިލްނާ އާއި ކުރިމަތިވަމުން ދިޔައިރު ރުޅި އާއި އެއްވަރައް މިލްނާ ދިޔައީ ހިތުގައި ޖެހެމުންނެވެ. ވާނީ ވެސް އެހެންނޫންހެ، އަރްސަލާން މިލްނާއަށް ދެއްކި ސިފައަކީ، އޭނާއަށް މުޅިން ބީރައްޓެހި ސިފައެކެވެ. މިޔަދާ ހަމައަށްވެސް އެއްވެސް މީހެއް މިލްނާއާއި ހަރުކަށިކޮއް ވާހަކަ ދައްކާފައެއް ނެތެވެ. އެއްވެސް އިންޒާރަކައި ނުލައި ލޮލައް ބޮނޑިވެ ގަންނަން އުޅުނު ކަރުނަތައް ތިރީ ތުންފަތުގައި ދައިގަންނަމުން ހިފަހައްޓާލިއެވެ. އަރްސަލާން އާއި ހަތަރުކަޅި ހަމަވި ހިނދު މިލްނާއަށް ހިނދިރުވާލެވުނެވެ. އެ ބެލުމުގައި ވަނީ ރުޅިވެރިކަމާއި ފޫހިކަމެވެ. އެހާ ގާތުން އެދެލޮލަށް ބަލަން ހުރުންވީ މިލްނާ އަށް ދަތިކަމަކަށެވެ. ފެހިކުލައިގެ ދެ ލޮލުގެ ޖާދޫގައި ޖެހުމުގެ ކުރިން އެ އިހްސާސްތަކުގެ މައްޗަށް އަތްގަދަ ކުރީ ރުޅިއެވެ. އެހެންނަމަވެސް މިލްނާ ޖަދަލު ކުރާކަށް ނޫޅުނެވެ. އިސްޖަހާލީ އެ ދެލޮލައް ބަލަން ނުކުޅަދާނަވެގެންނެވެ.
“ސޮރ-“
“އަރްސަލާން” މިލްނާ ބުނަންއުޅުނު ބަސް މެދުކަނޑާލަން ޖެހުނީ ދުރުން އަންހެނެއްގެ އަޑު އިވިގެންނެވެ. ދެމީހުން އެއްފަހަރާ ކަހަލަ ގޮތަކަށް އަޑުއައި ދިމާލައް ބަލައިލެވުނެވެ. އެ ޒުވާނައި ކުރިން އިން ގޮނޑި ބަރިއައި ދިމާލުގައިވި ކޮޓަރިން ނަރުސް ހެދުމުގައި ހުރި އަންހެނެއް ނިކުމެ ހުއްޓެވެ. އެވަގުތު އަރްސަލާންއަށް ބަލައިލެވުނީ އެ އަންހެންމީހާ ހުއްޓިލައިގެން ހުރި ކޮޓަރީގެ ބޭރުގައި ހަރުކުރެވިފައިވި ‘ޑިޖިޓަލް ޓޯކެން ސިސްޓަމް’ އައްށެވެ. އެވަގުތު އޭގައި އަރްސަލާން އަތުގައި އޮތް ގަނޑުކޮޅުގައިވި ނަންބަރު އަރުވާފައިވި ތަން ފެނުނެވެ. އެ އަންހެން މީހައި ނިކުމެ އެހުރީ އަރްސަލާން ނުވަދެ ގިނައިރު ވާތީކަން އިނގުމައި އެކު ހަރު ފިޔަވަޅުތަކެއްގައި އެ ދިމާލައް ހިނގައިގަތެވެ. މިލްނާ ކިޔަނީ ކީކޭތޯވެސް އަހައިލުމެއް ނެތިއެވެ. މިލްނާގެ ފަރާތުން ޖަވާބެއް އަރްސަލާން އަށް މުހިންމު ނޫން ކަހަލައެވެ.
“އާހްްހްހް……އައި ހޭޓް އެރޮގެންޓް މެން، އެހާވަރުން ސޮރީި ބުނަން އުޅިނީމަވެސް އެދިޔައި ކިޔާއެއްޗެއް އަޑުވެސް ނާހައި، ދެން ބުނާނެ އަހަރެން މީ ފޮނި ކުއްޖެކޭ ކުޑަމިނުން ސޮރީވެސް ނުބުނެއޭ، ހުހް އަރްސަލާން އޯ ރީތި ނަމެއްވެސް ނޫން” ހިތާހިތުން ކުދި ކިޔާލިއިރު، ފަހުންބުނެވުނު ޖުމްލައައި ހިތް އެއްބަސް ނުވާންވީ ސަބަބެއް ނޭނގުނެވެ. އަރްސަލާން ކޮޓަރިތެރެއަށް ވަދެ ގެއްލެންދެން ވެސް މިލްނާއަށް ހުރެވުނީ އެދިމާލަށް ބަލާށެވެ. އެހެން ހުރުމަށްފަހު މޫނުމައްޗަށް ވައްތަރެއް ޖައްސާލަމުން މިލްނާވެސް ފުރަގަސް ދިނެވެ. އެ ވަގުތުވީ ޒިވްޔާވެސް އައިސް އެތަނުގައި ހުއްޓިލި ވަގުތަށެވެ. ކަން ހިނގައިދިޔަ ގޮތް ޒިވްޔާއަށް ނޭނގުނު ނަމަވެސް މިލްނާގެ މޫނުމަތިން ފެންނަމުން ދިޔަ އަސަރުތަކުން ޒިވްޔާގެ ގާތައް ހިނި އަންނަ ގޮތް ވިއެވެ.
“ހާދަ ހީވޭ މީހަކު ރުޅި އައިސް ހުރިހެން” ޖެއްސުމުގެ ރާގަކަށް ޒިވްޔާ ބުނެލިއެވެ.
“ޒީޒީވްވް…..މިގަޑީ މިހުރީ ވަރަށް ‘މޫޑު އޮފް’ވެފަ. އަރްސަލާން ހީކުރީ ކީކޭކަމަށްތަ، އޭނައަށް ހީވާ ގޮތުގަ އޭނަ ވަރުގެ ރީތި މީހެއް މި ދުނިޔޭގަވެސް ނޫޅޭ ކަހަލަ. އަހަރެން އޭނާ ކުރެހިއެއް ކަމަކު އެހާވަރުތަކެއް ވާންޖެހޭތަ.” މިލްނާގެ ރުޅިގަނޑު ފަޅައިގެން ދިޔަ ކަހަލައެވެ.
“އަރްސަލާން” ޒިވްޔާ އަށް ލަސްލަހުން ކިޔާ ލެވުނެވެ. ހިސާބަކަށް ޒިވްޔާ ހުރީ ހައިރާންވެފައެވެ. ކުރަމުން ދިޔަ ޝަކުވާގެ ތެރެއިން މިލްނާގެ ދުލުން ބޭރުވި ނަމަކީ ޒިވްޔާ ދަންނަ ނަމެކެވެ. މީގެ ކުރިން އެއްގޮތަކަށް ވެސް ފިރިހެން ކުއްޖެއްގެ ޝަކުވާ ޒިވްޔާ ގެ ގާތު މިލްނާ ކޮށްފައެއް ނެތެވެ.
“އަނިއްކާ މިލްނާ މި ދައްކަނީ އަރޫ ސަރ ގެ ވާހަކަ ބާ…..މިލްނާ އަކަށް ސަރ ފެނިފައެއްވެސް ނޯންނާނެ. މިލް އޮފީހައް ޖޮއިން ކުރުމުގެ މާ ކުރިން ސަރ އޮފީހައް އައުން ހުއްޓާލައިފި އެއީ އަހަރެން ވެސް އޮފީހައް ޖޮއިން ވިތާ މަންތެއް ފަހުން. ސަރ އަށް ވެދާނެބާ؟ ވެއްޖިއްޔާ ދެންވާނީ ކިހިނެއް” ސުވާލުތަކުން ޒިވްޔާގެ ސިކުނޑީގައި ހައިޖާނުގަނޑެއް އުފެދުނެވެ.
“ޒިވް ކީކޭ ޑޮކްޓަރ ބުނީ” އައިސްފައި ހުރި ރުޅިގަނޑު ހިނދާލަމުން ޒިވްޔާގެ ހާލު އޮޅުންފިލުވަން އަވަސް ވެލިއެވެ.
“ޓެސްޓް ތަކެއް ހަދަން ބުނީ އެއަށްފަހު އޯ އެއްޗެއް ބުނަން އެނގޭނީ. އެކަމަކު މިޔަދަކު ނެތް ވަގުތެއް ޓެސްޓް ހަދާކަށް ސޯ، އެހެން ދުވަހަކުން އަންނާނީ ޓެސްޓް ހަދަން. ހިނގާ ދޯ ދާން ގަޑި ޖެހެނީނުން” ޒިވްޔާ ބުނެލިއެވެ. އޭރުވެސް އޭނާގެ ސިކުނޑީގައި ވަނީ އިރުކޮޅެއް ކުރިން މިލްނާ ބުނެލި ނަމެވެ.
“މިލީ ދެންމެ އަސްލު ކިހިނެއްތަ ވީ” އެންމެ ފަހުން ނުހުރެވިގެން ޒިވްޔާ އަހާލިއެވެ.
“ދެންމެ ވީ ކަންތައް ކިޔާއިދޭނަން އޮފީސް ނިންމާލާފަ. މިގަޑީ ނެތް އެވާހަކަ ދައްކާ މޫޑެއް” ލުއި ހިނިތުންވުމެއް ދެމުން ހިނގައިގަތެވެ.
ޑޮކްޓަރ ކޮޓަރިން ނިކުން އަރްސަލާންގެ ލޮލުގައި އަޅައިގަތީ ބިންމައްޗަށް ވެއްޓިފައި އޮތް ފާހެއެވެ. ފާސް ނަގައި ބަލައިލި ހިނދު އޭގައިވި ނަމާއި ފޮޓޯ ފެނުމުން ތުންފަތްމަތީ މާނަ ފުން ހިނިތުންވުމެއް ދުވެލިއެވެ. ޑޮކްޓަރ އަށް ދައްކަން ވަތް ނަމަވެސް އޭނާގެ ސިކުނޑި ހިސޯރު ކޮއްފައި ވަނީ އޭގެ އިރުކޮޅެއް ކުރިން ދިމާވި ޒުވާނާގެ ހިޔާލުތަކެ، އެޒުވާނާއައި ވާހަކަ ދެއްކުނު ގޮތެވެ. ރުޅި އައިސް ހުރެ އަރްސަލާންއަށް ވާހަކަ ދެއްކުނީ ވަރަށް ހަރުކަށި ކޮންނެވެ. ޑޮކްޓަރ ދެއްކި އެއްވެސް ވާހަކައެއް އޭނާގެ ސިކުނޑިއަށް ނަގައިގަނެވުނު ކަމާމެދު ޝައްކެވެ.ކުއްލިޔަކަށް އަރްސަލާންގެ ސަމާލުކަން އަތުލީ ފާހުގައި އިން ފޮޓޯ ގެ މަތީ ލިޔެފައިވި ނަމެވެ. އެއީ އޭނާގެ ބޮޑުބެ ހަވާލުވެ ހުރި އޭނާގެ ބައްޕަގެ ‘ކޮމްޕެނީ’ ނަމެވެ.
“މިލްނާ” ލަސްލަހުން އަރްސަލާން އަށް ފާހުގައިވި ނަން ކިޔާލެވުނެވެ. އަދި ފޯނު ނަގައި ނަންބަރަކަށް ގުޅާލަމުން ފޯނު ކަންފަތުގައި ޖައްސާލިއެވެ.
“ހެލޯ”
