Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ހިތް އެދޭހާ ކަމެއް.. (21 ވަނަބައި)

Anya Level 310 Stories100 Login
January 2, 2026 12 Mins Read
0 Comments

“އެކްސްކިއުޒް. މިވަގުތު މިކޮޅުގަ އިންޗަރޖްއަށް ހުންނަ ބޭފުޅަކާ ބައްދަލު ކޮށްލެވިދާނެތޯ؟” ޝައިނާ އެދުނެވެ. އެކުއްޖާ ބޯޖަހައިލުމަށްފަހު ޝައިނާ އެދުނު ފަދައިން އެތަނުގެ މެނޭޖަރ ގެނެސްދިނެވެ. ހުދު ކުލައިގެ ގަމީހަކާއި ކަޅު ފަޓުލޫނެއްގައި ކައިރިއަށް އައިސް ހުއްޓިލި ޒުވާނާފެނި ޒީވާ ޝައިނާގެ އަތުގައި ކޮށްޓައިލިއެވެ.

“އައްސަލާމް އަލައިކުމް އަޅުގަނޑަކީ ޖައިލަމް. މިކޮޅުގެ ސްޓޯރ މެނޭޖަރ” ޖައިލަމް ހިނިތުންވުމަކާއެކު ބުނެލިއެވެ. ޝައިނާ ފެނުމާއެކު އޭނާއަށް ކަޅިޖަހައިލަން ނޭނގިފައިހުރިތަން ފެނި ރާހިލްއަށް ލޯ ހަނިކޮށްލެވުނެވެ.

“ހައި.. މިކޮޅުން ބަލާލި ބޫޓެއްގެ ސައިޒް ނެތީމަ… ތިރީސް ދުވަސް ކުރިން އޯޑަރދޭން ކުރަން ޖެހޭ ކަމަށް ވަނީ.. އެކަމަކު އަޅުގަނޑުމެނަށް ބާކީ އޮތީ ނަވާރަ ދުވަސް.. އެހެންވެ ސާމްޕަލް ޝޫ ވިއްކިދާނެތޯ އަހާލަންވެގެން” ޝައިނާވެސް ރީތި ހިނިތުންވުމަކާއެކު ޖަވާބު ދިނެވެ.

“ސޮރީ މޭމް. ތިއީ އަޅުގަނޑުމެންގެ އުސޫލާ ހިލާފުކަމެއް” އަނެއްކާވެސް ކުރިން ލިބުނު ޖަވާބު އިވުމާއެކު ޒީވާގެ މޫނުމައްޗަށް އިރުކޮޅަކަށް ވެރިވި އުޖާލާކަން އޮއްސިގެން ދިޔައެވެ.

“އަޅޭ. އެކަމަކު މި ޝޫޒް ވަރަށް ބޭނުން. ހަމަ ނެތްތަ 19 ދުވަސް ތެރޭ ވާނެ ގޮތެއް؟” ޝައިނާ ދެރަވެފައި އަހައިލިއެވެ.

“އައިމް އަފްރައިޑް ދެޓް ވޯންޓް ބީ ޕޮސިބަލް” ޖައިލަމް އަނެއްކާވެސް އަދަބުވެރި ކަމާއެކު ބުންޏެވެ.

“އަޅެ ޕްލީޒް. އޯކޭ ސީދާ ނަވާރަ ވަނަ ދުވަހަށް ނިންމާލަދިނަސް. އަރ ޔޫ ޝުއަރ އޯޑަރ އެއް ޕްލޭސް ނުކޮށްދެވޭނެކަން. ވީ ވިލް ޕޭ ޓްވައިސް ދަ ޕްރައިޒް” ޝައިނާ އާދޭހުގެ ރާގެއްގައި ބުންޏެވެ. އަދި ލަސްލަހުން އެސްފިޔަ ޖަހައިލަމުން ޖައިލަމްއާ ހަތަރުކަޅި ހަމަކޮށްލިއެވެ. އެވަގުތު ޖައިލަމް ފުންނޭވާއެއް ދޫކޮށްލިތަން ރާހިލްގެ އިތުރުން ރިއާންއަށްވެސް ފެނުނެވެ.

“ކޮބާތޯ ބްރައިޑްއަކީ؟” ޖައިލަމް ކޮށްލީ މައުލޫއާ މުޅިން ނުގުޅޭ ސުވާލެކެވެ.

“އަހަރެން؟ އަހަހަ ނޯ.. އަހަރެންގެ ބެސްޓްފްރެންޑް ޒީ.. ދެން މީނީ ޒީގެ ދޮންބެ އެންޑް ހިޒް ބެސްޓް ފްރެންޑް” ޝައިނާ ހިނިތުންވެލަމުން އެންމެންގެ ތައާރާފެއް ދިނެވެ. އޭރު ރާހިލްގެ މޫނުމަތީގައި އުފަންވަމުންއައި ނުރުހުން ފެނި ރިއާންގެ ކަޅި އެއްފަހަރު ރާހިލްއަށް އަނެއްފަހަރު ޝައިނާއަށް ހުއްޓެމުން ދިޔައެވެ. ޖައިލަމް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލިއެވެ.

“އަޅެ ގޮތެއް ހަދާލެވޭތޯ ބަލާލާނީ ދޯ. އެކޮޅަށްގޮސް ވާހަކަ ދައްކާލަންވީނު” ޖައިލަމް ދުރުގައިހުރި ސޯފާސެޓެއް ދައްކައިލަމުން ބުންޏެވެ.

ޖައިލަމްގެ ވާހަކައިގެ ރާގު ބަދަލުވެގެންދިޔަ ގޮތްފެނި ރާހިލްއާ ރިއާން އަންތަރީސްވި ނަމަވެސް ޒީވާގެ ފަރާތުން އެކަމެއް ނުފެނެއެވެ. ޝައިނާ އެންމެ ރަނގަޅޭބުނެ ޒީވާއަށް އެއްލޯ މަރައިލުމަށްފަހު ޖައިލަމްގެ ފަހަތުން ހިނގައިގަތެވެ. އޭރު ރާހިލްގެ މޫނުމަތިން ނުރުހުމުގެ އަސަރު ފާޅުވާން ހުއްޓެވެ. ހީވީ ދެންމެ ދެންމެ ތެދުވެ ޖައިލަމްގެ ގަޔަށް ބޮލަށް އަރައިގެންފާނެ ހެނެވެ. ކައިރީގައި އިން ރިއާން އެވަރު ދެނެގަނެ ރާހިލްގެ ކޮނޑުގައި ހިފަހައްޓައިލީ ރާހިލް މޮޔަކަމެއް ކޮށްފާނެކަމުގެ ބިރުގައެވެ. އެހަރަކާތާއެކު ރާހިލް މައިތިރިވި ނަމަވެސް ދުރުގައި ތިބި ޝައިނާއާ ޖައިލަމްފެނި އޭނާއަށް ދަތްކުނޑި ވިކައިލެވުނެވެ. އެމީހުނަށް ތިބެވުނު ދިމާލުގެ ގޮތުން ޝައިނާގެ މޫނު ނުފެނުނު ކަމުގައިވިޔަސް ޝައިނާ ދައްކާ ބައެއް ވާހަކަތަކަށް ޖައިލަމް ހޭތަންފެނި ރާހިލްގެ ލޭކެކެމުންދިޔަ އެވެ.

ޝައިނާގާތު މަޑު ކުރުމަށް އިޝާރާތް ކުރުމަށްފަހު ޖައިލަމް ކައުންޓަރު ކައިރިއަށް ދިޔަތަން ރާހިލްއަށް ފެނި އެދިމާލަށް ދާން އުޅެވުނެވެ. ނަމަވެސް އެއަށްވުރެން ކުރިން މިފަހަރުވެސް ރިއާން ރާހިލްގެ ގައިގައި ހިފެހެއްޓިއެވެ.

“ރިއަލީ ރިއާން.. ޝީ އިޒް ޔޫސިންގް ހަރ ޕްރިޓީ ޕްރިވިލަޖް ޓު ގެޓް ވަޓެވަރ ޝީ ވޯންޓްސް. ހުންނަ ގޮތްކުޑަކަން ބަލާބަލަ..” ރާހިލްގެ ރުޅިގަނޑު ފަޅައިގެންދާން ކައިރިވިއެވެ.

“ދޮންބޭ! ދެން ކީކޭތަ ތިކިޔަނީ؟ ޝައި އަކީ ތި ހީކުރާކަހަލަ ވިޔާނުދާ މީހެއްނޫން.. ޕްރިޓީ ޕްރިވިލަޖް ޔޫސް ކުރެވެނީ ރީތި އަންހެނަކު ނުފެނިފަ ތިބޭ ދޮންބެމެން ކަހަލަ މޮޔަ ފިރިހެނުން ގިނަވީމައެއްނު.” ޒީވާ އޭނާގެ އެކުވެރިޔާ ދިފާއުކުރިއެވެ. އެ ވާހަކަ ރާހިލްއަށްވެސް ގަބޫލުކުރެވުނެވެ. އެބުނާފަދަ ވިޔާނުދާ ވާހަކަތައް ނުދެއްކިނަމަވެސް ޝައިނާގެ ރީތިކަމުގެ ޖާދޫގައިޖެހި ޖާނާއި މާލުން ކިތަންމެ އިމެއް ފަހަނަ އަޅައިދާނެ ފިރިހެނުން ދުނިޔޭގައި ގިނަވާނެކަން ރާހިލްއަށް އެނގެއެވެ. ނަމަވެސް އޭނާ ހިތް ނުތަނަވަސް ވަމުންދިޔައީ ޖައިލަމްގެ ހިތުގައި ޝައިނާއާ ދޭތެރޭ އޮންނާނީ ކޮން ނިޔަތެއްކަން އޭނާއަށް އެނގޭތީއެވެ. ޝައިނާ ހެއްލިދާނެފަދަ އުކުޅެއް ޖައިލަމްގެ ކުޅުމުގައި ގެންގުޅެފާނެތީއެވެ.

ރާހިލް ބަލަބަލައި އިންދާ އަނެއްކާވެސް ޖައިލަމް އައިސް ޝައިނާގެ ގާތުގައި އިށީނެވެ. އޭރު އޭނާގެ އަތުގައި އޭ5 ސައިޒުގެ ގަނޑުކޮޅެއް އޮތެވެ. ޝައިނާ ގާތު އިށީނދެ އެގަނޑުގެ ކޮންމެވެސް ހިސާބެއްގައި ސޮއިކޮށްލުމަށްފަހު އޭނާ އޭތި ޝައިނާގެ އަތަށް ދިއްކޮށްލިއެވެ. ދެމީހުން އެކުގައި ސޯފާއިން ތެދުވި ވަގުތު ޝައިނާ ކޮނޑުގައިވާ އަތްދަބަހުގެ ތެރެއަށް އެ ގަނޑުކޮޅު ވައްޓައިލަމުން ޖައިލަމާ ސަލާން ކޮށްލިއެވެ. އަދި އެއަށްފަހު ރާހިލްމެންތިބި ދިމާލަށް އަންނަން ފެށިއެވެ.

“ލިބުނުތަ؟” ޒީވާ ކެތްމަދުވެފައި އަހައިލިއެވެ.

“ޝައްކީތަ؟” ޝައިނާ ދަބަހުންނެގި ރަސީދު ނަގައި ޒީވާމެނަށް ދައްކައިލިއެވެ. އޭގައިވަނީ ކައިވެނީގެ ތިރީސްދުވަސް ކުރީގެ ތާރީހެއް ޖަހައި އޯޑަރު ނެގިކަމަށް ލިޔެފައެވެ. ޝައިނާގެ ކުޅަދާނަ ކަމާމެދު ބަސްހުއްޓިފައިހުރެ ރިއާންއަށް ރާހިލްއާ ދިމާލަށް ބަލައިލެވުނެވެ. ރާހިލް އިތުރަށް ޝައިނާގެ ކުރިމަތީގައި މަޑުކުރުމެއްނެތި ދުރު ފިޔަވަޅުތަކެއްގައި އެތަނުން ނުކުންނަން ހިނގައިގަތެވެ. އޭނާގެ ފަހަތުން ދެންތިބި ތިންމީހުންވެސް ނުކުތެވެ.

ކާރުގައި އިން އިރުވެސް ރާހިލްގެ ރުޅި އެންމެ ތަންފުކެއްވެސް މަޑުވިހެން ހީނުވެއެވެ. ބުމަ ގޮށްޖަހާލައިގެން އިނދެ އަތުގައި އޮތް ފޯނު އަނބުރައިލަ އަނބުރައިލަ އިންއިރު ނަޒަރު އަމާޒުވެފައިވަނީ ކާރުގެ ބިއްލޫރިގަނޑުން ބޭރަށެވެ. އޭނާގެ ކަތުރުކަށިގަނޑަށް ވާންވެފައިވާއިރު ހިންދިރުވާލާ ކޮންމެ ފަހަރަކު އެ ކޮލުގެ ކަށިގަނޑަށް އެނގުންވެލާ ގޮތްފެނި ފަހަތުގައި އިން ޝައިނާއަށްވެސް ކޮންމެވެސް ވަރަކަށް ރާހިލް ހިތްހަމަ ނުޖެހިފައިވާކަން އެނގުނެވެ.

“މި ފިހާރައަށް މަޑުކޮށްލަދެވިދާނެތަ؟ މަންމަމެން މާދަން ފުރާތީ ގަންނަން ބުނި އެތިކޮޅެއް ހުރީމަ” ޒީވާ އެދުނެވެ. ރިއާން އެ ފިހާރަ ކައިރިން މަގުގެ އެއްފަރާތަށް ކާރު މަޑުކޮށްލުމާއެކު ޒީވާ ކާރުން ފޭބިއެވެ. އެއާއެކު އޭނާ އެއްފަހަރު ރާހިލްއަށް އަނެއްފަހަރު ލޯގަނޑުން ފެންނަމުންދިޔަ ޝައިނާއަށް ބަލައިލުމަށްފަހު ފުންނޭވާއެއް ދޫކޮށްލިއެވެ.

“ގެޓް އައުޓް ރިއާން!” ރާހިލް ހަރުކަށިކަމާއެކު ބުންޏެވެ. އޭނާ ހުރީ ޝައިނާއާ އެކަހެރިކޮށް ވާހަކަދައްކަން ބޭނުންވެފައެވެ.

“ނޯ ރިއާން! މަޑުކުރޭ!” ޝައިނާ ހަމަ ރާހިލް ބުނި ރާގުގައި ބުނެލިއެވެ. ރިއާންއަކަށް ހަދާނެ ގޮތެއް ނޭނގުނެވެ.

“ހިތުން ވަރަށް މޮޅު ކަމެއް ދޯ ތި ކުރެވުނީ.. އަހަރެން މާ ގަޔާވާ ކަމެއްނޫން ތިކުރީ” ރާހިލް ހިތްހަމަނުޖެހިފައި ބުންޏެވެ.

“ރާހިލް ރުހޭތޯ ނުރުހޭތޯ ބަލާފަ އަހަރެން ކުރިކަމެއް ނޫނޭ އެއީ” ޝައިނާ ރައްދުދިނެވެ.

“ސަޅި! އަހަރެން ނުރުއްސިޔަކަސް ތަނަކުން ފެންނަހާ ފިރިހެނަކު ރުއްސޭތޯ ބަލާތި” ރާހިލްގެ ޖުމްލައާއެކު ޝައިނާ އިރުކޮޅަކަށް ހުއްޓުން އެރިއިރު ރިއާންއަަށް ދެލޯ ބޮޑުކޮށްލެވުނެވެ. ރާހިލް އެހާ މައްޗަށް އެކަންތައް ގެންދާނެ ކަމަކަށް އޭނާ ހިއެއް ނުކުރެއެވެ.

“އެކަކަށް ނޭނގުނަސް ރާހިލްއަށް އެނގޭނެކަމަށް އަހަރެން ހީކުރީ އަހަރެންނަކީ އެކަހަލަ މީހެއް ނޫންކަން. އެހެން ދިމާވާ މީހަކަށް އެންމެ ކުޑަމިނުން އަހަރެންގެ ފޯނު ނަންބަރ ކީއްކުރަން ސޯޝަލް މީޑިއާ އެކައުންޓެއްގެ ނަންވެސް ދީފަ ނޯންނާނެ.” ޝައިނާގެ އަޑުގައި ހިތްދަތިކަން އެކުލެވިފައިވިހެން ރާހިލްއަށް ހީވިއެވެ. “އަހަރެން ހީކުރީ ރާހިލް މުޅިން ބަދަލުވެއްޖެކަމަށް.. މިހާރު އެނގިއްޖެ އެރޭ އަހަރެންނާ ދިމާލަށް ކީ އެއްޗެހި އެއީ ރާހިލްއަށް ހެދުނު މިސްޓޭކެއް ނޫންކަން. ޕީޕަލް ޑޯންޓް މޭކް މިސްޓޭކްސް ޓްވައިސް. މިއަދު އަހަރެން އެގޮތަށް ކަންތައްކުރީ ތި ދެމީހުނަށް ފިލާވަޅެއް ދޭން..” އެހިސާބަށް ވާހަކަ ގެންދިޔުމަށްފަހު ޝައިނާ ސީޓުގެ ކުރިއަށް ޖެހިލާ ރިއާން އިން ޑްރައިވަރ ސީޓުގައި އަތް އަޅުވައިލިއެވެ.

“ޒީ އަކީ ސިންޑްރެލާއަށް ނުވެދާނެ.. ބަޓް އަހަރެންނަށް އަހަރެންގެ ބެސްޓް ފްރެންޑަކީ ވަރަށް އަގުހުރި ކުއްޖެއް.. އެންޑް ހޯޕްފުލީ ޝީ ވިލް މެރީ ސަމްވަން ދެޓް ވިލް ޓްރީޓް ހަރ ލައިކް އަ ޕްރިންސަސް” ޝައިނާ ރިއާންއަށް ދިމާލަށް ވަށްބަހެއް ފޮނުވައިލުމަށްފަހު ސީޓާ ދުރަށްޖެހިލި އެވެ. “ކޮންމެހެން އަހަރެމެންނަށް މަޑުނުކުރިޔަސް އެންމެ ރަނގަޅު. އަހަރެންނާއި ޒީއާ ދާނީ ހިނގާފަ” އޭނާ ކާރުން ފޭބުމުގެ ކުރިން ބުނެލިއެވެ.

“އަދިވެސް އަހަރެންތަ މި ގޯސްވީ؟” ޝައިނާ ފޭބުމާއެކު ރިއާންގާތު ރާހިލް އެއްސެވެ. ރިއާން އެ ސުވާލަށް ޖަވާބުދިނުމެއްނެތި ފުންނޭވާއެއް ދޫކޮށްލުމަށްފަހު ކާރު ދުއްވައިލިއެވެ.

***********

ރޭ ދެބައިވެ މީސްތަކުން ތަންމަތިތަކަށް ޖަމާވިއިރުވެސް ރާހިލްގެ ލޮލުގައި ނިދީގެ ކަންފުޅެއް ނެތެވެ. ޝައިނާއާމެދު ބަސްމަގު ބެހެއްޓުނު ގޮތާމެދު ވިސްނެމުން ދިޔައެވެ. ބުނެވުނީ ކީކޭކަން ރޭކައިލިއިރު މިވަނީ މާބޮޑަށްވެސް ލަސްވެފައެވެ. އޭނާގެ ހުށަހެޅުމަށް ޝައިނާ އިންކާރުކުރި ދުވަހަށްފަހު އެ ދެމެދުގައި ލެވިފައިވާ ފާރު މިއަދު އެ ބުނެވުނު ބަސްތަކުގެ ސަބަބުން އިތުރަށް ބޯ ވެގެންދާނެކަން ރާހިލްއަށް ޔަގީންވިއެވެ. އޭނާ އެކަމަކަށް ތައްޔާރެއް ނޫނެވެ. މިހާރުވެސް އެދެމެދުގައިވާ ދުރުކަން އޭނާއަށް ބަރުދާސްތު ކުރެވެނީ ހަމަ ކިރިޔާއެވެ. އޭނާގެ ސިކުނޑި ޝައިނާގެ ހިޔާލުތަކުން ހުސްވާ އެންމެ ސިކުންތެއްވެސް ދުވާލެއްގެ ސައުވީސް ގަޑިއިރުގެ ތެރޭގައި ވޭތު ނުވެއެވެ. އޭނާގެ ނަފްސަށް ކިރިޔާވެސް ހަމަޖެހުމެއް ލިބޭ ވަގުތަކީ ޝައިނާއާއެކު ހުރެވޭ ވަގުތުތަކެވެ. އެއީ ދާއިމީ ހަމަޖެހުމަކަށްވާން އޭނާ ބޭނުމެވެ. ކޮންމެ ފަދަ ހާލަތެއްގައި ވިޔަސް ޝައިނާ ހާސިލްކުރަން އޭނާ ބޭނުންވެއެވެ. ނަމަވެސް މިއަދު އޭނާގެ ދުލުން ބޭރުވި ބަސްތަކުގެ ސަބަބުން އޭނާ އެކަމަށްޓަކައި ކޮށަމުން އައި ރާސްތާގެ ފެށުނު ހިސާބަށް އަލުން އާދެވިއްޖެކަން ވިސްނުނެވެ. ދެން އޮތްގޮތަކީ ރާސްތާ ނުގެއްލެންދެން އަނެއްކާވެސް މަގު ކޮށަން ފެށުމެވެ.

ރާހިލް ވިސްނަމުން ދިޔައީ އެކަން ކުރާނެ ގޮތަކާ ދޭތެރޭގައެވެ. ޝައިނާގެ މަޢާފު ހޯދޭނެ ގޮތަކާ ދޭތެރޭގައެވެ. އެވިސްނުމުގައި އެރޭގެ އެތައް ގަޑިއިރެއް ޓެރަހުގައި ހޭދަ ކުރުމަށްފަހު ރާހިލް ތިރިއަށް ފޭބީ އޭނާ ބޯންހުރި ކޮފީތަށި ހުސްވިކަން އެނގުމުންނެވެ. ތަށި ހިފައިގެން ބަދިގެއަށް ވަތްއިރު އެތަނުގައި އިޝްވާ އުޅުނުތަން ފެނި ރާހިލްއަށް ހައިރާންކަމެއް ލިބުނެވެ.

“ވޯ ވޯ.. އަނެއްކާ މިރޭ ފަތިހު އިރު އަރާނީ ކޮން ކޮޅަކުންބާ މިގޭ ޕްރިންސަސް ބަދިގެއަށްވަދެ މި އުޅެނީ؟ ނަމަނަމަ އުނދުން ރޯ ނުކުރައްޗޭ.. ބަދިގެ ރޯވިއްޔާ މަންމަ ހީކުރާނީ އަހަރެން ކަމަށް” ރާހިލް އިޝްވާއާ ދިމާކޮށްލިއެވެ. އޭނާގެ އެންމެ ހާއްސަ ސިފައަކީ އެއީއެވެ. އަމިއްލަ ހަޔާތުގައި ހަތަރު އުދަރެސް ފެނުޖެހޭ ހިސާބަށް ދާއިރުވެސް އެކަން އެހެން މީހަކަށް އެންގުމެއް ނޯންނާނެއެވެ.

“ދެން ދޮންބޭ.. ވަރަށް ފޫހިވޭ.. ސިއްސައިގެނޭ ދިޔައީ!!އަދިވެސް ނުނިދާ ތި އުޅެނީއޯ؟ ފަތިހު ދުވަން ނުދަނީތަ؟” އިޝްވާ އަހައިލިއެވެ.

“ހްމްމް. މިރޭ ނުދާންކަމަށް” ރާހިލްގެ ޖަވާބު އިވި އިޝްވާއަށް ހައިރާންކަމެއް ލިބުނެވެ. ރާހިލްގެ ހަށީގަ ފުރާނަ ހުރިހާ ހިނދަކު ފަތިހުގެ ދުވުމަކީ އޭނާއާ ވަކިކުރެވޭނެ އާދައެއް ނޫންކަން އިޝްވާއަށް އެނގެއެވެ.

“ދޮންބެ ބަލީތަ؟” އިޝްވާ ރާހިލްއާމެދު ކަންބޮޑުވިއެވެ.

“ނޫން.. ނުނިދިގެން މި އުޅެނީ. އިޝީ ކީއްވެ ނުނިދާ؟” ރާހިލް އޭނާ ގެނައި ޖޯޑު ސިންކަށް ލުމަށްފަހު ބޯކަހަމުން އައިސް އިޝްވާގާތު މޭޒުގައި ލެގިލިއެވެ.

“ޓެސްޓަށް ދަސްކުރަން އިނދެފަ މި އައީ ބްރޭކްއެއް ނަގައިގެން.” އިޝްވާ ތައްޔާރު ކުރަމުންދިޔަ އެވޮކާޑޯ މިލްކްޝޭކް ތަށްޓަށް ރާހިލް ބަލައިލިއެވެ. އޭރު އިޝްވާ އެ ހަދައި ނިމެނީއެވެ. ހަމަ ނިމުމާއެކުހެން ރާހިލް އޭތި އިޝްވާގެ އަތުން ޖަހައިގަންނަމުން ދުވެލައިފައި ބަދިގެއިން ނުކުންނަން ހިނގައިގަތެވެ.

“ދެން ނޯ. ސިސް ކައިރި ބުނާނަން” އިޝްވާގެ ޖުމްލަ އިވުމާއެކު ރާހިލް ހަމަ އެ ދިޔަ ބާރުމިނުގައި އައިސް އިޝްވާގާތު ހުއްޓުނެވެ.

“އިޝީއަށް އަސްލު ނޭނގެނީއޭ ބަލާބަ. އަސްލު މިގޮތަށް ހެދީމަ މާ މީރުވާނެ ބަލަ–” ރާހިލް މޮޅު ވާހަކައެއް ހަދައިލަމުން އެ މިލްކްޝޭކް ތަށްޓަށް އެވޮކާޑޯގެ އެތިއެތިކޮޅު ކޮށައިފައި އަޅަން ފެށިއެވެ.

“ސިސްއޭ ބުނީމަ ހާދަ ވަރެކޭ ދޯ މި ވަނީ” އިޝްވާއަށް ރައްދު ދިނުމެއްނެތި ރާހިލް އެ ތަށި ގިރައިލުމަށްފަހު އަލުން އިޝްވާއަށް ދިއްކޮށްލަމުން އިޝްވާގެ ކޮނޑުގައި ޖަހައިލިއެވެ.

އިޝްވާހުރީ އަންތަރީސް ވެފައެވެ. ރާހިލް ހުރީ އެހާވެސް ބޮޑަށް ޝައިނާ ރުއްސަން ބޭނުންވެފައިބާއޭ އޭނާގެ ހިތަށް އެރިއެވެ. މީގެކުރިން ރާހިލް ވާހަކަ ދައްކައި އުޅޭ ކުއްޖެއްގެ ނަމެއް ބުނެގެން ރާހިލްގެ ހިތަށް ކެހެރުވަކެކޭވެސް ހީނުވާއިރު ޝައިނާގެ ނަން ބޭނުންކޮށްގެން ރާހިލްގެ ކޮންމެ ކަމެއް ހުއްޓުވޭނެ ހިސާބަށް ރާހިލްގެ ކަންތައް ދިޔައީހެއްޔެވެ.

“ވާއު.. އަސްލުވެސް ދޮންބެ ހަމަ ސިސްދެކެ އެހާ ލައިކްވޭތަ؟” އިޝްވާ އެ ތަށީގައި ހިފަމުން ރާހިލްއަށް ބުނެލިއެވެ.

“ޔާ އައި ގެސް..” ރާހިލް ހިތިގޮތަކަށް ހިނިތުންވެލަމުން ބުންޏެވެ.

“ޓޫ ބޭޑް. އިޝީ މިހާރު ބުނެފިން ދޮންބެ ރިޖެކްޓް ކުރަން. ރުޅި އަންނާނަންތަ؟” އިޝްވާ ދިމާކުރުމުގެ ރާގެއްގައި އަހައިލިއެވެ. ރާހިލް އަލަށް އެހާވާރަކުން އަންހެން ކުއްޖަކާހެދި އުޅޭތަން ފެނުން ވެގެންދިޔައީ އިޝްވާއަށް މަޖާ ކަމަކަށެވެ.

“ޔާ. ތޭންކްސް.. ޝީ އޮލްރެޑީ ރިޖެކްޓެޑް މީ” އެހެންބުނި ހިސާބުން ރާހިލްގެ މޫނުގައިވި ހިނިތުންވުން އޮއްސިގެން ދިޔަތަން ފެނި އިޝްވާއަށް ވެފައިހުރި މަޖަލަކިއްޔާ ފިލައިގެން ދިޔައެވެ. އެ މޫނުމަތީގައިވާ ހިތާމައާއި ވަރުބަލިކަން އިޝްވާއަށް ފުރަތަމަ ފަހަރަށް ފާހަގަވިއެވެ. ރާހިލްގެ މޫނަށް އެ ކުލަތަކަކީ ކިހާ ބީރައްޓެހި ކުލަތަކެއްކަން އެނގި އިޝްވާއަށް ރާހިލްގެ ހިތުގައި ޝައިނާއާމެދުވާ އިހުސާސްތަކުގެ ފުންމިން ހާމަވެގެންދިޔައެވެ.

“އައި.. އައިމް ސޮރީ ދޮންބޭ.. ދޮންބެ ސިސްގެ ކަންތަކާ ސީރިއަސްތަ؟” އިޝްވާ އަހައިލިއެވެ. ރާހިލް ބޯޖަހައިލިއެވެ.

“އަހަރެންނާ އަންހެނުންނާ ދޭތެރޭ އޮންނަ ހިސްޓްރީ އަކީ މާ ސްމާރޓް ހިސްޓްރީއަކަށް ނުވެދާނެ. މެއިބީ މާބޮޑު ވިސްނުމަކާނުލާ ކިތަންމެ ކަމެއް ކުރެވިފަ ހުރެދާނެ. އެކަމަކު މިފަހަރު އަހަރެން ވަރަށް ވިސްނިން. އަހަރެންނަކީ އެހާބޮޑު ގަމާރެއްނޫން.. ޝައިނާއަކީ މިގޭގެ ކޮންމެ މީހަކަށް.. ޒީއަށް.. އިޝްކޮއަށް.. އަދި މަންމައަށްވެސް އެހާ ހާއްސަ ކުއްޖެއްކަން އެނގިހުރެ އެ ގުޅުންތައް ހީނަރުވާކަމެއް ކުރާހާ އަހަރެން ފަރުވާކުޑައެއް ނޫން.. ޝައިނާއާ ދޭތެރޭ އަހަރެންނަށް ކުރެވުނު.. ކުރެވެނީ ކޮންމެ އިހުސާސަކަށްވިޔަސް މިއީ ވަރަށް ސާފު ތެދު އިހުސާސެއް” ރާހިލް އިޝްވާއަށް ކިޔައިދިނެވެ. އިޝްވާއަށް އެވަރު އެނގުމުގެ ހައްގު އޮންނާނެކަން އޭނާ ގަބޫލުކުރިއެވެ.

އިސްޖަހައިލައިގެންހުރި އިޝްވާގެ ދުލަކަށް ރައްދުގައި ބުނާނެ އެންމެ އެއްޗެއްވެސް ނައެވެ. އެވަގުތު ހިމޭންކަން ފިޔަވައި އިިތުރު ގޮތަކަށް ރާހިލްއަށް ހިތްވަރުދޭކަށް އޭނާއަކަށް ނޭނގުނެވެ. އޭނާއަށް އިސް އުފުލައިލެވުނީ ރާހިލްގެ މަޑު ހުނުމުގެ އަޑު ކަންފަތުގައި ޖެހުމުންނެވެ.

“ދިސް ސަކްސް އިޝީ.. ދިސް ސަކްސް ބިގް ޓައިމް.. އަހަރެންގެ ނަސޭހަތެއް އަހަންޏާ އިޝްކޮ ދުވަހަކުވެސް މީހެއްދެކެ މިވަރަށް ލޯބި ނުވާތި. އަބަދުވެސް ތިހެން އުފަލުގަ ހުރޭ.. ލޯތްބަކީ ބޮޑު ސްކޭމެއް އިޝީ… މެޖިކް އިން ދި އެއަރ.. މިއުޒިކް އިން ދި އިއަރސް.. އިޓްސް އޯލް ފޯލްސް އެޑްވަޓައިޒްމެންޓް… އެއިން އެއްވެސް ކަމަކީ މިކަމާ އެއްވެސް ގުޅުމެއް އޮތްކަމެއްނޫން… މިއަށްވުރެން ރަނގަޅުވާނެ ކަރަށް މަހާލައިފަ އޮންނަ ދަންމަޅިއެއްގެ ގޮތުގަ ލޯބި ސިފަކުރިޔަސް.. ދުރަށްދާ ކޮންމެ ފަހަރަކު ވާންވެ ނޭވާ ރޫޅިދާކަހަލަ.. އެހާވެސް ބޮޑަށް މިތަނުގަ ވޭންއަޅާ!!” ރާހިލް މުށްކަވައިލި އަތުގެ ބޮޑުވައި އިނގިލިން ދެފަހަރަކު މޭގައި ޖަހައިލަމުން އިޝްވާއަށް ބަލައިލިއެވެ. އެހިނދު ރާހިލްގެ ފަރާތުން އިވުނު ހުނުމަކީ އޭގައި އުފާވެރިކަމުގެ ޒައްރެއްގެ މިންވަރުވެސް އެކުލެވިފައިނުވާ ހުނުމެއްކަން އިޝްވާއަށް އެނގުނެވެ. އިޝްވާ މަޑުމަޑުން ރާހިލްގެ އަތުގައި ހިފައިލިއެވެ.

“އަޅޭ.. ދޮންބޭ.. އައިމް ސޯ ސޮރީ.. އިޝީ އަދި ސިސްއާ ވާހަކަދައްކާ-”

“ނޫން އިޝީ! އެއްވެސް ވާހަކައެއް ދައްކާނެ ކަމެއްނެތް. ޝައިނާ ބޭނުން ނުވާގޮތަށް އެއްވެސް ކަމެއް ކުރަން އިޝީ ބާރުއަޅައިގެން ނުވާނެ.. މި.. މިކަމުގަ ޝައިނާގެ ކުށެއް ނެތް.. ކުށްކުރީ އަހަރެން.. އަހަރެންގެ މޮޔަކަމުން ކުއްޖެއްދެކެ ލޯބިވީ.. އަދި އެވެސް މި މުޅި ދުނިޔޭގަވެސް ހުރި އެންމެ ގޮތްދޫނުކުރާ ބޯހަރު އަދި ހިތްހަރު ކުއްޖާ. މަގޭ ސަންތި ސްނޯ ކުއީންއަށް ދޫ ނުކުރާނެ! ފޯ ރިއަލް ޑޯންޓް ޔޫ ފީލް ކޯލްޑް ވެން ޝީޒް ނިއަރ؟ އިޓްސް އޯލް އައިސް” ރާހިލްގެ ވާހަކަ ނިންމަމުން މިފަހަރު ޖަހައިލި ހިނިގަނޑުގައި އިޝްވާވެސް ބައިވެރިވިއެވެ.

“އެކަމަކު ތިކަމުގަ ދޮންބެގެ ކުށެއް ނެތެއްނު.. ވީ ޑޯންޓް ޗޫޒް ޓު ފޯލް ފޯރ ސަމްވަން” އިޝްވާ ބުނެލިއެވެ.

“ބަޓް ވީ ޗޫޒް ދަ ސިޗުއޭޝަންސް އިޝީ.. ފުރަތަމަ ދުވަހުން ފަށައިގެންވެސް ދުރުގަ އުޅެވުން ނަމަ މިހެން ނުވީސް” ރާހިލް އޭނާގާތު ރިއާންބުނި ބަސްތައް ތަކުރާރު ކޮށްލިއެވެ. ފާއިތުވެދިޔަ މަދު ދުވަސްތަކުގައި އޭނާ ދިޔައީ ހުއްޓުމެއްނެތި އެ ބަސްތައް އަމިއްލަ މީހާއަށް ވިސްނައިދެމުންނެެވެ.

“ނޫން ދޮންބޭ.. ރަނގަޅަށް ވިސްނާލީމަ އެނގޭނެ ސިޗުއޭޝަނަކީވެސް އެއްވެސް ބާރެއް ފޯރުވޭނެ އެއްޗެއް ނޫންކަން… ތިހެން ބުނަންޏާ ސިސްއާ މެދު ކްރިއޭޓްވި ސިޗުއޭޝަނަށްވުރެން މާ އިންޓިމޭޓް ކިތައް ސިޗުއޭޝަން ދޮންބެ ކިތައް މީހުނާއެކު ކްރިއޭޓްކުރިން؟ ތިކަހަލަ އިހުސާސެއް އުފެދުނުތަ؟ ނޫނެއްނު؟ ހަގީގަތަކީ ހިތުގެ ލަގަން ދޫވާ ހިސާބުން އިންސާނާއަށް ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ..” އިޝްވާގެ ވާހަކައިގައިވާ ތެދުކަން ރާހިލްއަށްވެސް ގަބޫލުކުރެވުނެވެ. އޭނާއަށް މީހަކު ލޯބިވަންޏާ ލޯބިވެވޭނެ ކިތަންމެ ހާލަތެއް ކިތަންމެ ކަމެއް އެހެން ކިތަންމެ ކުއްޖަކާއެކު ހިނގައިފައިވާއިރުވެސް އޭނާގެ ހިތުގައި މި އިހުސާސްތަކެއް އުފެދިފައެއް ނުވެއެވެ.

“އޯކޭ އޯކޭ. އިޝްކޮވެސް މިހާރު ހާދަ މޮޅު ވެއްޖޭ ދޯ.. ތި މޮޅުކަން މިފަހަރުގެ ޓެސްޓުން ނިކަން ދައްކަންވާނެ.. ދެން މާ މޮޅެތި ވާހަކަ ނުދައްކާ ދޭ ފޮތްކިޔަން” ރާހިލް އިޝްވާ އަވަހަށް ފޮނުވައިލިއެވެ.

އިޝްވާ ދިޔުމާއެކު އޭނާ އަނެއްކާވެސް ފުން ހިޔާލެއްގެ ތެރެއަށް ގެއްލުނެވެ. މި ދިމާވި ކަންތަކުގައި އޭނާގެ ކުށެއް ނެތްކަން އިޝްވާ ބުނެދިން ހިސާބުން ހިތްވަރު އައުވިކަހަލައެވެ. ލިބުނު މޮޅު ހިޔާލާއެކު އޭނާ ހިނިތުންވެލިއެވެ.

************

ގަޑިއެއްހާއިރު ވަންދެން ކޮންމެ ދިހަ މިނަޓަކުން ހުއްޓުމެއްނެތި ރިންގުވަމުން ދިޔަ އެލާރމްގެ އަޑު ކަނޑައިލުމަށްފަހު ޝައިނާ އާފުރިލިއެވެ. ނިދި މޫނަކާއެކުގޮސް ފާހަނައަށް ވަތް ނަމަވެސް ފެންވަރާލައިގެން ނުކުތްއިރު އޭނާގެ މޫނުގައި ނިދީގެ އަސަރެއް ނެތެވެ. އަވަސްކަމާއެކު އޮފީހަށްދާން ރީތިވެލައިގެން ގަޑި ބެލުމަށްޓަކައި ފޯނު ބަލައިލިވަގުތު އޭނާގެ މޫނުގައިވާ ކުލަވަރު އޮއްސުނެވެ. ފޯނުގެ ސްކްރީނަށް އަރައިފައިވާ ރާހިލްގެ ނަން ފެނުމާއެކު ނޭނގޭ އެތައް ޖަޒުބާތުތަކެއް ހިތުގައި އުތުރި އަރަން ފެށިއެވެ. ރުޅިވެރިކަމާއި ހިތާމަ އަދި ނާއުއްމީދެވެ. އޭނާގެ ހަޔާތުގެ ބޮޑުބައެއް އޭނާ ވޭތުކުރީ އެ އާއިލާއަށް ނިސްބަތްކޮށް މީހުން ކިޔަމުންދިޔަ ބޭއަދަބީ ބަސްތައް އަޑު އެހުމުގައެވެ. އެކަމުގައި އޭނާގެ ދޮންތައާ ބޮޑުދައިތަގެ ކުށެއް ނެތްނަމަވެސް މީހުންގެ ދޫތަކުން އެމީހުންވެސް ސަލާމަތްނުވީތީ އެކަހަލަ ކަންކަމަށް ނިސްބަތްކޮށް މީހުން ބުނާ ބުނުންތަކަށް އޭނާ އިންތިހާއަށް ނަފްރަތު ކުރެއެވެ. މިހުރިހަ ހަގީގަތެއް އެނގިހުރެމެ ރާހިލް ކުރިން ކުރި ކުށް ތަކުރާރުކުރީތީ އޭނާ މާޔޫސްވިއެވެ.

“ސޮރީ”

“އެއީ އަހަރެންނަށް ވިސްނާނުލާ ބުނެވުނު އެއްޗެކޭ ޕްލީޒް”

“ފޯނު ނަގާބަ ޕްލީޒް”

“ޕްލީޒް ފޮގެޓް ވަޓް އައި ސެޑް! އިޓް މެންޓް ނަތިންގް.. އައި ވޯޒް އެންގްރީ”

“އަހަރެންނާ ވާހަކަދައްކަބަަލަ ޕްލީޒް.”

“ފޯނު ނެގިދާނެތަ؟”

“ގަބޫލުކުރަން ރުޅިއައުން ހައްގުކަން.. އަހަރެންނަށް މާފު ނުކުރިޔަސް އޯކޭ.. އެކަމަކު އަހަރެން ބުނި އެއްޗެއްގެ ސަބަބުން ޝައިނާގެ ނަފްސު ކުށްވެރި ނުކުރައްޗޭ.. ޕްލީޒް..”

“ގުޑް ނައިޓް ޑަރލިންގް”

“ހޭލައިފިންތަ؟”

ފުލުފުލުގައި އައިސްފައިވާ ރާހިލްގެ މެސެޖުތައް ކިޔައި ނިމުނުއިރުވެސް ޝައިނާގެ ހިތުގައިވި މާޔޫސްކަމަކަށް ބަދަލެއް ނާދެއެވެ. ހަގީގަތަކީ އޭނާ އެކަމާމެދު ރާހިލްދެކެ އެއްވެސް ވަރަކަށް ރުޅި ނާދެވުނު ކަމެވެ. އަދި ހިސާބަކަށް އެކަމުގައި އޭނާގެ އަމިއްލަ އަމަލުތައްވެސް ކުށްވެރި ކުރެވުނުކަމެވެ. އެހެނަސް އޭނާއަށް އެންމެބޮޑު އަސަރެއްކުރީ އެ ބަސްތައް އިވުނީ ރާހިލްގެ ދުލުން ކަމުގައިވާތީއެވެ. އޭނާއަކީ ފިރިހެނުންނަށް ކަންދެއްކެން އުޅޭ ގޮތެެއްނެތް އަންހެނެއްކަމުގައި ރާހިލް ދެކެމުންދާހެން ހީވާތީއެވެ. ފުންނޭވާއެއް ދޫކޮށްލުމަށްފަހު ފޯނު ދަބަހަށް ލަމުން ޝައިނާ އެޕަރޓްމެންޓްގެ ދޮރު ހުޅުވައިލިއެވެ. އެވަގުތު ދޮރު ކުރިމަތީގައި ބާއްވައިފައިއޮތް ރީނދޫކުލައިގެ މާބޮނޑިއަކާއި ކުޑަކުދިން ކުޅެން ގެންގުޅޭ ޒާތުގެ ކުޑަކުޑަ ރީނދޫކުލައިގެ ރަބަރު އަސްދޫންޏެއްގެ އިތުރުން ދެރަވެފައިވާ އިމޯޖީއެއް ކުރަހާފައިވާ ރީނދޫ ކަޕްކޭކް އޭނާއަށް ފެނުނެވެ.

“ކޮންމެވެސް ދުވަހަކުން އަހަރެންނަށް މަޢާފުކޮށްދޭނެ ކަމަށް އުއްމީދުކުރަން.. އަހަރެންނަށް ޝައިނާ ގެއްލޭކަށް ބޭނުމެއްނޫން. ޝައިނާ ބޭނުމީ ރަހްމަތްތެރިކަން ކަމުގަވަންޏާ ރަހްމަތްތެރިއެއްގެ ހައިސިއްޔަތުންވެސް އަހަރެންގެ ހަޔާތުގަ ހުރެދީ… ޔެލޯ ރޯޒަސް ފޯރ އަވަރ ފްރެންޑްޝިޕް” އަސްދޫނީގެ ފަހަތުގައި ތަތްކޮށްފައިވާ ލިޔުންކޮޅު ކިޔައިލުމާއެކު އެއީ ކާކުގެ ކަމެއްކަން އޭނާއަށް ވަގުތުން އެނގުނެވެ. ހިނި އައިސްފައިހުރެ އޭނާ ކޮޓަރިއަށް މާބޮނޑި ލުމަށްފަހު ރީތިވާ މޭޒުމަތީގައި އަސްދޫނި ބައިންދައިލިއެވެ. އަދި އަތުގައި އޮތް ކަޕްކޭކް ކަމުން އެޕަރޓްމެންޓުން ނުކުތެވެ. އޭނާ ހެއްވާލުމުގައި ރާހިލް ކާމިޔާބުވި ކަމުގައިވިޔަސް އެކަން ރާހިލްއަށް އަންގާކަށް އޭނާއެއް ނޫޅުނެވެ. ރާހިލްގެ މެސެޖަކަށް ރައްދު ދޭކަށްވެސް ނޫޅުނެވެ. މިހިސާބުން ރާހިލް މި ކަންތައްގަނޑު ނިންމާލާާނެ ކަމަށް އޭނާ ހީކުރިއެވެ. އެހެނަސް އެކަންވީ އޭނާއަށް ކުރެވުނު ކުށްހީއަކަށެވެ.

ޖެހިގެންއައި ދުވަހުވެސް އޭނާ އޮފީހަށް ދާން ނުކުތްއިރު ހަމައެފަދަ މާބޮނޑިއަކާއި އަސްދޫންޏެއްގެ އިތުރުން ކަޕްކޭކެއް ދޮރުމަތީގައި ބަހައްޓައިފައި ހުއްޓެވެ. ނަމަވެސް މިފަހަރުގެ ނޯޓު ތަފާތެވެ. އެއީ ކޮންމެ ދުވަހެއްގެ އާދައަކަށްވެ ހަފްތާބަންދު ނިމުނުއިރު އެފަދަ ހަތަރު މާބޮނޑިއާ އަސްދޫނި އޭނާގެ ކޮޓަރީގައި ހުއްޓެވެ. ޝައިނާ އިނީ ރާހިލްގެ އެ މޮޔަކަމާމެދު ވިސްނާނެ ގޮތެއްވެސް ނޭނގިފައެވެ.

***********

“ދެން މަންމަމެންވެސް ބޭރަށް ފުރައިފި. މިހެން ގެ ހުސްކޮށް ލިބޭނީވެސް މަދުފަހަރެއްގަ.. ހިނގާބަލަ ކޮންމެވެސް ކަމެއް ކުރަން މި ހަފްތާބަންދުގަ ޕްލީޒް ސިސް… އިޝީމެންގެ އެގްޒާމްވެސް ނިމުނީއޭ..” ފޯނުން އިޝްވާގެ ވާހަކަ އަޑުއަހަމުންދިޔަ ޝައިނާ އެއް އަތުން އޭނާގެ އަތުގައި އޮތް ރަބަރު އަސްދޫނި ގޮއްވައިލަ ގޮއްވައިލަ އިނެވެ.

“އަހަރެންނަށްވެސް އެނގެޔޭ އިޝީ.. ޒީގާތު ތިހެން ބުނީމަ ހުރީ ފާޑަކަށް.. އަހަރެން ބުނެފިން ގަރލްސް ނައިޓްއެއް ބާއްވަން ހިނގާބަލާށޭ.. ބުނީމަވެސް މާ ވަރަކަށް އެކަމަކާ ނުވޭ.. އެނގޭ މި ވެޑިންގްގެ ކަންތަކާކަން އޮފްވެފަ އެ ހުންނަނީ.. އިޝީ އަދިވެސް ހަމަ ރިއާންގެ ވާހަކަ ޒީއަށް ނާންގަންތަ ތި ހުންނަނީ؟” ޝައިނާ އަހައިލިއެވެ.

“ދެން އަޅެ އިޝީގެ ޕްލޭންއެއް އެބަ އޮތޭ.. ސިސް އެކަމާ ހާސްނުވެބަ. ދޮންތި އޯކޭ ވާނެ… ގަދަކަމުންވިޔަސް ގެނައިމަ މާ ގިނައިރެއްނުވެ މަޖާގަނޑުގެ ތެރެއަށް ވަންނާނެ… ހިނގާ ޓެރަހުގަ ބާބެކިއުއެއް ޖައްސަން” އިޝްވާ ހިޔާލު ހުށަހެޅިއެވެ.

“ޕްފްފްޓް.. އަހަރުމެން ތިންމީހުން އެކަނިތަ؟ ކޮން މަޖަލެއް ވާނީ” ޝައިނާ ފޫހި ރާގަކަށް ބުނެލިއެވެ.

“ދޮންބެވެސް ހުންނާނެ އެއްނު.. ދެން މާނުވެސް ގެންނާނީއޭ.. ޕްލީޒް ދެން މަންމަމެން ނެތިއްޔާއޭ މިކަހަލަ މަޖާގަނޑެއް ނެގޭނީވެސް” އިޝްވާ އާދޭސް ކުރިއެވެ.

“ހޫން. ޝިމާން ނުގެންދެވިގެން ދޯ މި ހުރިހާ އެއްޗެއް މި ކިޔަނީ” ޝައިނާ ދިމާކޮށްލިއެވެ.

“ދެން ޕްލީޒް ސިސް.. އެގްޒާމް ފެށުން ފަހުންވެސް އަދި މާނުއާ ދިމާ ނުވޭ… ސިސްގެ ރައްޓެހިންވެސް ގެންނާނީއޭ.. ދޮންތިގެވެސް ދޮންބެގެވެސް.. މަޖާވާނޭ ދެން ޕްލީޒް” އިޝްވާ ބުންޏެވެ.

“ތިހެން ބުނާއިރުވެސް އެނގޭދޯ އަހަރެންގެ މާ ގިނަ ރައްޓެހިންނެއް ނުހުންނާނެކަން.. ދެން އެކަމަކުވެސް އޯކޭ.. އަހަރެން ޒީއާ ތިވާހަކަ ދައްކާނަން” ޝައިނާ އެއްބަސްވިއެވެ.

“ޔެސް!! ހިނގާ މާދަމާ ހުކުރުގެ ފަހަށް ރާވަން ދޯ.. ނިންމާފަ ގަރލްސް ނައިޓްއެއް ބާއްވާނީ.. މޯމްމެން އަންނާނެ ހޯމަ ދުވަހު.” އިޝްވާ އުފަލުން ހަޅޭއްލަވައިގަތުމަށްފަހު ބުންޏެވެ.

“އޯކޭ އޯކޭ.. މާދަމައަށް ރެޑީ” އިޝްވާ އުޅޭގޮތުން ހިނިއައިސްފައި އިނދެ ޝައިނާ ބުންޏެވެ.

***********

ޝައިނާއާއި އިޝްވާގެ އެތައް އާދޭހަކާއި މަސައްކަތަކުން ޒީވާ އެއްބަސް ކުރެވުނެވެ. އެއަށްފަހު ރަސްމީކޮށް ބާބެކިޔުގެ ހުރިހާ އިންތިޒާމްތަކެއް ހަމަޖެއްސުމުގެ މަސައްކަތް ފެށުނެވެ. ހުކުރުން ފައިބައި މެންދުރުގެ ކެއުން ނިންމައިލުމަށްފަހު ޝިމާންއާއެކު ޒީވާމެން ގެއަށް ދިޔައިރު އެގޭގައި އެވަގުތު އުޅެނީ ރާހިލްއާއި އިޝްވާ އެކަންޏެވެ.

“ޒީ ކޮބާ؟ ރިއާންއަށް އާދެވޭނީ ތަންކޮޅެއް ލަހުންނޭ ބުނީ.. އިތުރު މީހަކު އާދޭތަ؟” ރާހިލް ސިޑިން ފައިބައިގެން އައިސް ސޯފާގައިތިބި އިޝްވާމެންގާތު އަހައިލިއެވެ. އިޝްވާއާއި ޝިމާން އޭރު ތިބީ އިޝްވާގެ ފޯނަށް ގެއްލި ހުސްވެފައިކަމުން ރާހިލްގެ ސުވާލަށް ޖަވާބުދޭން ޖެހުނީ ޝައިނާއަށެވެ.

“ޒީ ބުނީ އަދި އިރުކޮޅަކުންނޯ ޑިއުޓީ ނިމޭނީ.. އިތުރު މީހެއް އަންނަކަން އެނގިފައެއް ނެތް” ޝައިނާ ބުންޏެވެ. އޭރު އިޝްވާއާއި ޝިމާން އެކުގައި ތެދުވެގެން ސިޑިއާ ދިމާލަށް ހިނގައިގެންފިއެވެ.

“އޭ އޭ.. ކޮންތާކަށް؟” ރާހިލް އެދެމީހުން ހުއްޓުވިއެވެ.

“މާނު ފާހަނައަށް ވަންނަންވެގެން ފާހަނަ ދައްކަން” އިޝްވާ ބުންޏެވެ.

“ހުރިހާ ކޮޓަރިއެއް ހުރީ ހުސްކޮށް ކޮންމެ ކޮޓަރިއަކަށް ވަނަސް އޭނައަށް ފާހަނަ ފެންނާނެ. އިޝްކޮ ނުޖެހޭނެއެއްނު އޭނައާއެކު ވަންނާކަށް” ރާހިލްއަށް އިޝްވާއާމެދު ސަމާލުވެވުނެވެ.

“ސާބަހޭ ދޮންބެއަށް. އެންމެނަކީ ދޮންބެއެއް ނޫނޭ” އިޝްވާ ރާހިލްއަށް ރައްދުދިނެވެ.

“ރާހިލް… ހަމަޖެހިބަލަ… ޝިމާންއަށް އިތުބާރު ނުކުރިޔަސް އިޝީއަށް އިތުބާރުކޮށްބަަލަ…” ޝައިނާ މަޑުމަޑުން ރާހިލްގެ އަތުގައި ހިފަހައްޓައިލަމުން ހަމަޖެހެން އިޝާރާތް ކުރިއެވެ. ރާހިލްގެ ފަރާތުން ލިބިދާނެ ރައްދަކަށް ބެލުމެއްނެތި އޭރު އިޝްވާމެން ސިޑިން އަރައިގެންގޮސް އޮބައިލައިފިއެވެ.

ޝައިނާއަށް ރާހިލްގެ އަތުން ދޫކޮށްލެވުނެވެ. ދެމީހުން އެކަނިވުމާއެކު އެދެމެދަށް އާދަޔާހިލާފު ހިމޭންކަމެއް ވެރިވެގެންދިޔައެވެ. އެ ދަނޑިވަޅުބަލައި ރާހިލް ޝައިނާއާ ވާހަކަދެެއްކޭތޯ މަސައްކަތް ކުރިއެވެ.

“ޝައި.. އަމްމް. އައިމް ރިއަލީ ސޮރީ އައި.. އަހަރެން ޝައިއާ ދޭތެރޭ އެހެނެއް ނުދެކެން.. އަހަރެން.. އަހަރެންނަށް އެގަޑީ ރުޅިއާދެވުނީ” ރާހިލް އިސްޖަހައިލަމުން ބުންޏެވެ.

ޝައިނާގެ ބޮލުގައި ފާޑަކަށް ރިއްސައިލިއެވެ. ރާހިލް އޭނާއާ މުހާތަބު ކުރުމުގައި ރައްޓެހިންނާއި ދަންނަމީހުން އޭނާއަށް ނިސްބަތްކުރާ ކުރު ނަން ބޭނުންކުރީތީ އޭނާއަށް ހިސާބަކަށް އުނދަގޫ ވިއެވެ. މީގެ ކުރިން ރާހިލް އަބަދުވެސް އޭނާއަށް ނިސްބަތްކޮށްފައިވަނީ އޭނާގެ ފުރިހަމަ ނަމުންނެވެ. ނުވަތަ ގާތްކޮށްލުމުގެ ގޮތުން ބޭނުންކުރާ ވަނަމަކުންނެވެ. އެހެންކަމުން ޝައިނާއަށް ރާހިލްގެ އަޑުން އިހުސާސްވީ ބީރައްޓެހިކަމެވެ.

“އެކަމާ ދެން އަޅާނުލާ.. ހުރިހާ އެއްޗެއް ރެޑީތަ؟” ޝައިނާ ވާހަކައިގެ މައުލޫ ބަދަލުކޮށްލިއެވެ.

“ޔެސް. ގްރިލް ހުންނާނީ ތައްޔާރުކޮށްފަ ދެން ހުރި ހުރިހާ އެއްޗެއްވެސް ހުންނާނީ ބަހައްޓާފަ މޭޒުމަތީ.. ހިނގާބަ ޗެކްކޮށްލަން. އެހެންނޫނަސް އެންމެންވެސް އައިސް އަރާނީ ޓެރަހަކަށްނު” ރާހިލްގެ ވާހަކައަށް ބޯ ޖަހައިލަމުން ޝައިނާ ރާހިލްއާއެކު ޓެރަހަށް އަރައި ހަމަޖެހިލިއެވެ.

*********

ކޮޓަރިއަށް ވަދެވުމާއެކު އިޝްވާ ދޮރު ތަޅުލުމަށްފަހު ޝިމާންގެ ގަމީހުގައި ހިފައި ދަމައިގަންނަމުން ޝިމާންގެ މޫނާއި ކައިރިވެލިއެވެ.

“ރިއަލީ ބޭބް؟ އެހާވެސް ޑެސްޕަރޭޓް؟” ޝިމާން އެއްމިޔަކަނިން ހިނިތުންވެލަމުން އިޝްވާގެ ނިތްކުރީގައި ނިތްކުރި ޖައްސައިލިއެވެ. އޭރު އެކެއްއަނެކެއްގެ ހޫނު ނޭވާ ތުންފަތަށް އެޅެމުންދާހާ ގާތަށް އެދެމީހުނަށް ވަނީ ކައިރިވެވިފައެވެ.

“އައި މިސްޑް ޔޫ ސޯ މަޗް” އިޝްވާ އެ ހަނި ޖާގަ ނައްތައިލަމުން ބުންޏެވެ. އިތުރަށް އެ ވަގުތުކޮޅުގެ ތެރެއަށް ގެނބިގެން ދިޔުމަށްޓަކައި ޝިމާންގެ އިސްތަށިގަނޑަށް އޭނާގެ އިނގިލިތައް މަހައިލެވުނެވެ. އިޝްވާގެ އުނަގަނޑުގައި އަޅުވައިލެވިފައިވާ ޝިމާންގެ އަތްވެސް މަޑުމަޑުން މައްޗަށް ހަރަކާތްކުރަން ފެށިއެވެ.

“އައި މިސްޑް ޔޫ ޓޫ ބޭބް” ޝިމާން އިޝްވާގެ ފަހަތުގައިހުރި ދޮރުފަތުގައި އެއްއަ ތް ވިއްދައިލުމަށްފަހު އަނެއް އަތް އިޝްވާގެ ކަރުގައި ވަށައިލަމުން އެދޮރުފަތުގައި ޖައްސައިލިއެވެ. ދެމީހުންގެ ނޭވާއާ އެއްވަރަށް ހަރަކާތްތައްވެސް އަވަސްވަމުން ދިޔައެވެ. ޝިމާންގެ ތުންފަތް އިޝްވާގެ ކަނދުރާއިން ފެށިގެން ކަރަށް ދަތުރުކުރުމާއެކު އިޝްވާގެ ކެތްތެރިކަން ކޮޅުންލާން ފެށިއެވެ. ޝިމާން ލައިގެންހުރި ޓީޝާޓުގެ ފަސްބައިގައި ހިފައި މައްޗަށް ހިއްލައިލުމަށް އޭނާގެ އަތް ހަރަކާތްކުރަން ފެށިއެވެ. ނަމަވެސް އެކަން ކާމިޔާބުވުމުގެ ކުރިން ޝިމާން އަވަސްހަރަކާތަކާއެކު އިޝްވާގެ އަތުގައި ހިފެހެއްޓިއެވެ.

“ނޫން އިޝީ… ވީ ނީޑް ޓު ސްޓޮޕް..” ޝިމާން މާނޭވާލެވޭހާލު އިޝްވާއަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ.

“އެކަމަކު މިއީ އަހަރުމެން އަލަށް-”

“އެއްފަހަރު ކަމެއް ހިނގުމަކީ އެކަމެއް ތަކުރާރުކުރަންޖެހޭ ސަބަބެއް ނޫނެއްނު. އަހަރުމެންނަކީ އަލިފާނާއި ފެނާ ވަކިނުވާވަރު ކުޑަކުދިންނެއް ނޫނެއްނު.. މިއީ ރަނގަޅު ގޮތެއްނޫން ބޭބް.. ސިސްއާއި ބޭބެއާ އަހަރުމެންނަށް ކިހާ އިތުބާރުކުރާތީ ވަކިން އެ ފޮނުވީ.. ވީ ކާންޓް ޑޫ ދިސް… އައި ކާންޓް ޑޫ ދިސް.. ނެވަރ އަގައިން” ޝިމާން ލޯތްބާއެކު އިޝްވާގެ ނިތްކުރީގައި ބޮސްދިނެވެ.

“އެކަމަކު މާނު އަހަރެންދެކެ ލޯބިވެއެއްނު؟ ރައިޓް؟ މާނު އަހަރެން ދޫކޮށްލާފައެއް ނުދާނަމެއްނު.. އެެހެންވިއްޔާ އެއީ މައްސަލައެއް ނޫނެއްނު.. މާނު އެދުވަހު ބުނީމެއްނު އެހެން” އިޝްވާ ދެއަތުން ޝިމާންގެ މޫނުގައި ހިފަހައްޓައިލިއެވެ.

ޝިމާންއަށް ހިންދިރުވައިލެވުނެވެ. އޭނާއާއި އިޝްވާއާ ދެމެދު އެބުނާ ގުޅުމެއް ހިނގި ދުވަހަކީ އެމީހުން ރައްޓެހިވިތާ މަހެއްވީ ދުވަހެވެ. އިޝްވާ ލޯބި ހުށަހެޅުމުން އޭނާ އެ ހުށަހެޅުން ގަބޫލުކުރިނަމަވެސް އޭރު އޭނާގެ ހިތުގައި އިޝްވާއާމެދު އެއްވެސް އިހުސާސެއް ނެތެވެ. އޭނާއަށް އިޝްވާ ފެނުނީ ހަމައެކަނި ރައްޓެހިންނަށް ދައްކާލަން ކުރެވުނު މޮޅު ކަމެއްގެ ގޮތުގައެވެ. މުޅި ސްކޫލަށް ބެލިކަމުގައި ވިޔަސް އިޝްވާއަކީ އެންމެ ދޫހެލޭ އެންމެ ހަރަކާތްތެރި ކުއްޖާ ކަމަށްވުމާއެކު ގިނަ ކުދިންތަކެއްގެ މެދުގައި އިޝްވާގެ ނަން ފެތުރިފައި އޮތީ އެފަދަ ނަހަމަ ގުޅުންތަކުގައި އަރައިހުރި ކުއްޖެއްގެ ގޮތުގައެވެ. އެހެންކަމުން އިޝްވާއާއެކު އެ ގުޅުމެއް ހިނގިއިރު އިޝްވާއަކީ އެކަމަށް މުޅިން އާ މައުސޫމު ކުއްޖެއްކަމަށް އޭނާއަކަށް އުއްމީދުވެސް ކުރެވިފައެއް ނެތެވެ. އެކަން އެނގުނު ހިސާބުން އިޝްވާއަށްޓަކައި އޭނާގެ ހިތް މަޑުވާން ފެށިއެވެ. ރައްޓެހިންގެ އަވައިގައިޖެހި އެވަރު ކަމެއް ކުރެވުނީތީ އޭނާއަށް އަމިއްލަ ނަފްސު އިންތިހާއަށް ކުށްވެރި ކުރެވުނެވެ. އެކަން ނިމުމުން އިޝްވާއާ ވަކިވެ ގުޅުން ކަނޑައިލުމަށް އެމީހުން ބުނި ކަމުގައިވިޔަސް އެމީހުންނަށް ނޭނގުނުކަމަކީ އޭރު އިޝްވާ އޭނާގެ ހިތުގައި ހާއްސަ ވެފައިވާކަމެވެ. އޭނާގެ ހަޔާތުގައިވެސް އެކަހަލަ ގުޅުމެއް އަލަށްވެސް ބޭއްވިފައިވަނީ އިޝްވާއާއެކުގައި ކަމެވެ. އެހެންކަމުން އިޝްވާ ދޫކޮށްލުމަކީ ޝިމާންއަށް ފަސޭހަ ކަމަކަށް ނުވީއެވެ. އަދި ދުވަހެއްދުވަހަކަށް އިޝްވާއާމެދު ހިތުގައި އުފެދެމުންއައި ކުލުނު އިތުރުވަމުންގޮސް އިޝްވާދެކެ އިންތިހާއަށް ލޯބިވެވުނީއެވެ. ނަމަވެސް އޭނާ އިޝްވާއާއެކު ލޯބީގެ ގުޅުމަކަށް ދިޔައީ ކުޅޭ ކުޅިވަރެއްގެ ގޮތުގައިކަމާއި، އިޝްވާގެ ހަޔާތުގެ އެންމެ އަގުހުރި ހަދިޔާ އޭނާއަށް ދިންއިރު އެހިތުގައި އިޝްވާއަށްޓަކައި ލޯބީގެ ކަންފުޅެއްވެސް ނެތްކަން ހާމަކުރުމުގެ ހިތްވަރު މިއަދާ ހިސާބަށްވެސް އޭނައަށް ލިބިފައެއް ނުވެއެވެ.

“މާނޫ.. ކީއްވެ އެއްޗެކޭ ނުބުނީ؟” އިޝްވާ ހާސްވިއެވެ.

“ލޯބިވެޔޭ! ދެން އެކަމަކު. މިވަގުތު ދެން ދާން ހިނގާ.. އެހާ ގިނައިރު ވަންޏާ ބޭބެވެސް ހިތްހަމައެއް ނުޖެހޭނެ.” ޝިމާންގެ ވާހަކައަށް ބޯ ޖަހައިލަމުން އިޝްވާ ހިނިތުންވެލިއެވެ. އަދި ޝިމާންގެ އަތުގައި ހިފައިގެން ދޮރުން ނުކުމެ ކުރިއަށް ހިނގައިގަތެވެ.

އިޝްވާއާއި ޝިމާން ޓެރަހަށް އައިތާ ގިނަ އިރެއްނުވެ ޝައިނާއަށް ޒީވާގެ ކޯލެއް އައެވެ. ޒީވާ އުޅެނީ އެންމެ ފަހު ވަގުތު ބައިވެރި ނުވާންހެން ހީވުމާއެކު ޝައިނާ ހިތްހަމަ ނުޖެހުނެވެ. ނަމަވެސް ޒީވާ ގުޅީ އޭނާއާއެކު އިތުރު ރައްޓެއްސެއް ގެނައުމުގެ ހުއްދައަކަށް އެދިއެވެ. ޝައިނާގެ ހިތްހަމަނުޖެހުން ފިލައިދިޔައެވެ. ޒީވާގާތު އެމީހަކު ގެނަޔަސް މައްސަލައެއް ނެތްކަމުގައި ބުނެ ފޯނު ބޭއްވުމާއެކު ރާހިލް ކިހިނެއްވީހޭ އަހާލާ ފަދައަކުން ބުމަ އަރުވައިލިއެވެ.

“ޒީ އިތުރު މީހެއް ގޮވައިގެން އަންނާތީ ކުޑަކޮށް ލަސްވީއޯ.. އެކަމަކު މިހާރު ނައްޓާލައިފީމޯ ބުނީ” ޝައިނާ އޮޅުން ފިލުވައިދިނެވެ. މާގިނައިރެއްނުވެ ޒީވާ އެބުނި ރަހްމަތްތެރިޔާއާއެކު އައިސް ގޭގެ ޓެރަހަށް އެރިއެވެ.

“ކޮބާ އަދިވެސް ތި ފެށޭވަރު ނުވަނީތަ؟” ޒީވާ އައިސް ގްރިލް ކައިރިއަށް ހުއްޓިލަމުން އާދައިގެ ގޮތަކަށް އަހައިލިއެވެ. ނަމަވެސް އެތަނުން އެކަކަށްވެސް ޒީވާ ބުނި އެއްޗެއް އަޑު ނީވޭ ކަހަލައެވެ. އެ އެންމެންގެ ސަމާލުކަން ހުއްޓިފައިވަނީ އެތަނުގައިހުރި ޒުވާނާއަށެވެ. އޭނާއަށް އެކަން ފާހަގަވީ ކަންނޭނގެއެވެ. އެތަނުގައި ތިބި އެންމެންނަށް ހީލުމަށްފަހު ގްރިލްކައިރީގައި ހުރި ރާހިލްއަށް ސަލާމުގެ އަތެއް ދިއްކޮށްލަމުން ތައާރަފުވެލިއެވެ.

“ޑރ. އައިދަން.. ޒީއާ އެއްކޮށް މަސައްކަތް ކުރަނީ” އައިދަން ހިނިތުންވެލި އެވެ. ރާހިލް ހިނިތުންވެލައިފައި ސަލާންކޮށްލަމުން އެތަނުގައިތިބި އެންމެން ތައާރަފު ކޮށްދޭން ފެށިއެވެ.

“ރާހިލް.. ޒީގެ ދޮންބެ.. އެކޮޅުގަ އެތިބީ އިޝްވާ އަވަރ ޔަންގަސްޓް އެންޑް ޝިމާން ހަރ ބީ.އެފް. ދެން މީ-”

“ޝައިނާ..” ރާހިލްއަށްވުރެން ކުރިން ޝައިނާ ކުރިއަށް ޖެހިލައި އައިދަންއާ ސަލާންކޮށްލިއެވެ.

“ލެޓް މީ ގެސް. ޒީގެ ފަހަރިތަ؟”

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Anya

Level 310 Stories100 Login

A writer wishing to chase away at least a tiny bit of your worries with words and spark a smile on your face. Thank you for being my superpower!

Other Articles

Previous

ހިތް އެދޭ މަންޒިލަކީ… 21

Next

ފުރާނަ 2

Next
January 3, 2026

ފުރާނަ 2

Previews
January 2, 2026

ހިތް އެދޭ މަންޒިލަކީ… 21



All Right Reserved!