Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ހިތް އެދޭހާ ކަމެއް.. (22 ވަނަބައި)

Anya Level 310 Stories100 Login
January 4, 2026 12 Mins Read
3 Comments

“ޝައިނާ..” ރާހިލްއަށްވުރެން ކުރިން ޝައިނާ ކުރިއަށް ޖެހިލައި އައިދަންއާ ސަލާމް ކޮށްލިއެވެ.

“ލެޓް މީ ގެސް. ޒީގެ ފަހަރިތަ؟” އައިދަންގެ ސުވާލަށް ޒީވާއާއި ޝައިނާއާ އެއްފަހަރާ “ނޯ” އޭ ބުނެލިއެވެ.

“އައިދަން ދައްކާ ވާހަކަ. މިއީ އަހަރެންގެ ބެސްޓްފްރެންޑް. އެނީވޭ ޔޫ ގައިޒް ކެޗްއަޕް.. އަހަރެން އެބަ އަންނަން ޗޭންޖް ކޮށްލައިގެން” ޒީވާ އަދިވެސް ހުރީ ޑިއުޓީ ނިމުނު ގޮތަށް ޔުނީފޯމާއެކު ކަމަށްވުމުން އެތަނުން ދިޔައެވެ.

“އައިދަން ބޭނުންތަ ޗޭންޖް ކުރަން؟ އަހަރެންގެ އެއްޗެހި ހެޔޮވަރު ވާނެހެން ހީވަނީ…” ރާހިލް ބުންޏެވެ.

“ނޫނޭ ރަނގަޅުވާނެ. ދެން ގެއަށްގޮސް ފެންވަރާލަނީ.. ނަސީބަކުން އަހަރުމެން ނުޖެހެއެއްނު ޒީމެންހެން ޔުނީފޯމް ލާކަށް. އެކަމް.. ދެންމެ އެހެން ހީކުރެވުނީތީ ސޮރީ.. ތިދެމީހުން އެކަކު އަނެކަކާ ވަރަށް ގުޅޭ.. އެހެންވެ އަހަރެންނަށްވެސް އެހެން ހީކުރެވުނީ” އައިދަން ރަކިވެފައިހުރެ ބޯ ކަހައިލިއެވެ.

“އިޓްސް އޯކޭ ރިއަލީ…” ޝައިނާ ބުންޏެވެ. އޭރު ރާހިލްގެ ނަޒަރު އޭނާއަށް ހުއްޓިފައިވާކަމުގެ އިހުސާސް ޝައިނާއަށް ކުރެވެމުން ދިޔައެވެ. ނަމަވެސް އޭނާ އެކަމާ އަަޅައިނުލާ ދޫކޮށްލިއެވެ. ތިންމީހުން އެކި ވާހަކައިގައި ތިއްބައި ޒީވާ އެނބުރި އަތުވެއްޖެއެވެ. އޭނާ އައިދަން ގެންގޮސް އިޝްވާމެން ތިބި ދިމާލުން ޖޯއްޔެއްގައި ބޭންދުމަށްފަހު އައެވެ.

“އޯ މައިގޯޑް ޒީ.. ޒީ ކީއްްވެ އަހަރެންގާތު ކުރިން އައިދަންގެ ވާހަކަ ނުބުނީ.. ހީ އިޒް ސޯ ޑްރީމީ.. އަދި ގްރޫމް ބަދަލު ކޮށްލާކަށް ލަހެއް ނުވޭ އެނގޭ” ޝައިނާ ދިމާކުރުމުގެ ރާގެއްގައި ބުންޏެވެ.

“އަހަހަހަހަ. ސާބަސް. އަހަރެން ބަހައްޓާ.. އަހަރެންނަށް އޮތް ފުރުސަތަކިއްޔާ މިހާރު ގެއްލިއްޖެ އެކަމަކު ޝައިއަށް އަދިވެސް ފުރުސަތު އެބައޮތް.. އެކަމާ އުޅެލަދޭން ވީތަ؟ އައިދަން ވަރަށް ރަނގަޅުވާނެ” ޒީވާ ދިމާކުރުމުގެ ރާގެއްގައި އަހައިލިއެވެ.

“ތިހެން ބުނާއިރުވެސް އެނގޭދޯ އަހަރެން ނޫޅެންކަން..” ޝައިނާ ތުން އަނބުރައިލިއެވެ.

“އަޅެ ގޮތް ބަލާލެވިދާނެއެއްނު.. މުޅި އުމުރު ދުވަހު ހުއްސަރިބަޔަށް ހުންނާނީތަ؟” އެހިސާބަށް ވާހަކަ ދިޔުމާއެކު ދުރުގަައިހުރި އައިދަން ގޮވައިލިހެން ހީވެ ޒީވާ އެދިމާލަށް ދުއްވައިގަތެވެ.

“އެއީތަ މި ވާ ގޮތަކީ؟” އެ ހުރިހާއިރު ޒީވާއާއި ޝައިނާ ދެއްކި ވާހަކަތައް އަޑުއިވޭ ހިސާބުގައިހުރި ރާހިލް އަހައިލިއެވެ.

“ވަޓް؟” ޝައިނާއަށް ރާހިލްގެ ސުވާލު ސާފެއް ނުވިއެވެ.

“ޑޮކްޓަރުންތަ ޝައިނާގެ ޓައިޕަކީ؟ އެހެންވެތަ އަހަރެން ރިޖެކްޓް ކުރީ؟” ރާހިލް ހިތްހަމަނުޖެހިފައި އަހައިލިއެވެ.

“ސީރިއަސްލީ ރާހިލް؟ އަހަރެން ހީކުރީ މިއީ މިހާރު ނިމިފަ އޮތް ވާހަކައެއް ކަމަށް” ޝައިނާ ހިތްހަމަ ނުޖެހުނެވެ. އަދި ގްރިލްގައި ހުރި އެއްޗެހި ފުށުން ޖެހުމަށް ބޭނުންކުރާ އޫ ދޫކޮށްލުމަށްފަހު އެތަނުން ހިނގައިގަތެވެ.

ރާހިލްއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ވިސްނުމަކަށް ގެއްލިފައިހުރެ އެކަނިމާއެކަނި ގްރިލްގައި ހުރިހާ އެއްޗެއް އަތުރަމުން ދިޔައެވެ. އޭރު ދެން ޓެރަހުގައި ތިބި ހުރިހާ އެންމެން އުޅުނީ އިރުއޮއްސި އުޑުގައި ފެތުރެމުންދިޔަ ރަތްވިލާތަކުގެ ރީތި މަންޒަރު ފޯނުތަކުގައި ރައްކާކުރުމުގައެވެ.

މަޢްރިބް ނަމާދުގެ ވަގުތުޖެހި އެންމެން ނަމާދުކޮށްގެން އަލުން ޓެރަހަށް ޖަމާވިއިރުވެސް ރިއާންގެ ހަބަރެއް ނުވާތީ ރާހިލް ރިއާންއަށް ފޯނު ކުރިއެވެ. ނަމަވެސް އޭނާ ފޯނަށް ޖަވާބެއް ނުދިނެވެ. އެންމެފަހުން ރިއާން ނާންނާނެކަމަށް ބަލައި ރިއާން ގެންނަން ހަމަޖެހިފައިވާ އެއްޗެހި ގަތުމަށް ޒީވާ ފޮނުވިއެވެ.

“ޒީ!! ހިިއެއްނުވޭ ރިއާން އަންނާނެ ހެނެއް. ދާންވީނު ތިރީ ފިހާރައިން ޑްރިންކްސް ގަނެލައިން އަންނަން. މިހާރު ކާއެއްޗެހި ތައްޔާރުވީ.. އައިދަންވެސް ގޮވައިގެން ދޭ” ރާހިލް ޖީބުން ނެގި ވޮލެޓު ޒީވާއަށް ދިއްކޮށްލަމުން ބުންޏެވެ.

“އިޓްސް އޯކޭ މޭން.. އަހަރެން ގަނެލަފާނަން..” އައިދަން ރާހިލްގެ ވޮލެޓުގައި ޒީވާ ހިފުމުގެ އިޒުނައެއް ނުދިނެވެ.

ރާހިލް އައިދަންއަށް ރައްދު ދިނުމެއްނެތި އޭނާ ކުރަމުންއައި މަސައްކަތަށް ރުޖޫއަވިއެވެ. ފަރުވާތެރި ކަމާއެކު ޝައިނާއާއި އިޝްވާގެ އިތުރުން ޝިމާން ހިފަހައްޓައިގެންހުރި ތަށިތަކަށް ގްރިލްއިން ނަގާ އެއްޗެހި އަޅަމުން ދިޔައެވެ. އޭނާ ހުރީ އައިދަން ފޮނުވާލެވުނީތީ ހިތްހަމަ ޖެހިފައެވެ. ފުރަތަމަ ދިމާވިއިރު އޭނާ އައިިދަންގެ މިޒާޖާ ގަޔާވިކަމުގައި ވިޔަސް އެކުގައި ގަޑިއެއްހާއިރު ވެގެން ދިޔައިރު އޭނާ އައިދަން މަތިން ފޫހިވެއްޖެއެވެ. ވަކިން ހާއްސަކޮށް ޝައިނާވެސް އެހެން އެންމެނާ އެއްބައިވެގެން އައިދަންއާ މާ ގާތްކޮށް ވާހަކަ ދައްކައި އައިދަން ކިޔާ ޖޯކުތަކާ މާ ގަޔާވެ ހެމުންދާތީ އޭނާ ބޭނުންވީ އިރުކޮޅަކަށް ނަމަވެސް އައިދަން ފޮނުވައިލައި ޝައިނާގެ ސަމާލުކަން އޭނާއަށް އަނބުރައިލުމަށެވެ.

“ހިތަށް އަރާ އަނެއްކާ ދޮންތިގެ ވެޑިންގް މީ ހަމަ އެންމެ ރަނގަޅު ގޮތްބާއޭ؟ ބަލާބަ އައިދަންއާ ދެމީހުން.. ކިހާ ގުޅޭ؟ ދުވަސްކޮޅަކަށް މަޑުކޮށްލިނަމަ ދޮންތިގެ މާޒީ ހަނދާން ނައްތާލާފަ މޫވް-އޮން ކުރީސް ކަންނޭނގެ؟” އިޝްވާ ވިސްނުމަކަށް ގެއްލިފައިހުރެ ބުންޏެވެ.

“މޫވް-އޮން ކުރިޔަސް އައިދަން ކަހަލަ މީހަކާ ޒީ ގުޅޭކަށް އަހަރެން ބޭނުމެއްނޫން. އިޝްކޮމެންނަށް ނުފެނޭތަ؟ ތާކުން ޖެހޭހާ މީހަކާ އެކަހަލަ މީހުން ފްލަރޓް ކުރާނެ. ނުފެނޭތަ އިޝްކޮއާވެސް ޝައިއާވެސް ފްލާރޓް ކުރިތަނެއް؟” ރާހިލްގެ ބުމަ ގޮށްޖެހިގެން ދިޔައެވެ.

“އަހަރެމެންނަކާ ނުކުރޭ ދޯ ސިސް. ތިއީ ދޮންބެއަށް ފެނުނު ގޮތް. އަޅެ މާނުއަށް ފާހަގަވިތަ އެކަހަލަ ކަމެއް؟” އިޝްވާގެ ސުވާލަށް ނޫނެކޭ ބުނުމުގެ ގޮތުން ޝިމާން ދެފަރާތަށް ބޯ ހޫރައިލިއެވެ.

“ސީ.. މާނުއަކަށްވެސް ފާހަގައެއް ނުވޭ. ތިއީ މުޅިން އެހެން ކަމެއް.. ސިސް އައިދަންއާ ވާހަކަދެއްކީމަ ދޮންބެ ހަމަ ޖޭ ވަނީ” އިޝްވާ ދިމާކުރުމުގެ ރާގެއްގައި ބުންޏެވެ. އެއާއެކު ޝައިނާއާއި ރާހިލްއަށް އެއްފަހަރާ އެކަކު އަނެކަކަށް ބަލައިލެވުނެވެ.

“ޗީޑި. އަހަރެން އެބަ އުޅެންތަ ޖޭ ވެގެން. އޭނައަށް އެހުންނަނީ އަމިއްލަ މީހާ ފެނިފަ” ރާހިލް ފޫހި ރާގަކަށް ބުންޏެވެ. ނަމަވެސް އޭނާގެ މޫނުމަތީގައިވާ ކުލަވަރުން އޭނާއަށް އައިދަންއާއި ޝައިނާގެ ދެމެދުގައި އުފެދިގެންދިޔަ ގުޅުން ކަމުނުދިޔަކަމުގެ ހެކި ޝިމާންއަށާއި އިޝްވާއަށްވެސް ފާހަގަވިއެވެ. އެހެނެއްކަމަކު އިތުރަށް ތަނުގެ މަސްލަހަތު ގޯސް ނުކުރުމަށް އެއިން އެކަކުވެސް އެވާހަކަ ކުރިއަކަށް ނުގެންދިޔައެވެ.

ޒީވާއާއި އައިދަން ފިހާރައިން ނުކުމެ ގެއާ ދިމާލަށް މިސްރާބުޖެހި ވަގުތު އެދެމީހުންގެ ފިޔަވަޅުތަކަށް ހުރަސް އެޅުނީ އެ މަގުގެ ކަންމަތީގައި އޮންނަ ގްރޫޕްގައި އުޅޭ ފައިސަލް ޒީވާއަށް ގޮވައިލުމުންނެވެ.

“ޒީ.. އޭ މަޑުކޮށްބަލަ. ޒީ” ފައިސަލްގެ ގޮވުން ނުހުއްޓާނެކަން އެނގުމުން ޒީވާ ހުއްޓުނެވެ. އަދި ފުންނޭވާއެއް ދޫކޮށްލުމަށްފަހު ބުމަ ގޮށްޖަހައިލަމުން ފައިސަލްއާ ކުރިމަތިލިއެވެ.

“ކިހިނެއްވީ؟” ޒީވާ ރުޅި އައިސްފައި އަހައިލިއެވެ.

“ކަމެއްނުވޭ.. ޒީ މެރީ ކުރަނީތަ؟ މި އުޅޭ އިއްސެ ކީ ޒީ މެރީ ކުރަނީއޭ.. އަހަރެން ބުނިން ޒީ އަހަރެން ނޫން މީހަކާ މެރީއެއް ނުކުރާނޭ” ފައިސަލް ހެވިދިލިފައި އަހައިލިއެވެ.

“ފައިސަލް ތިއުޅެނީ މޮޔަވެގެންތަ؟ އަހަރެން ކިހާ ވަރަކަށްތަ ބުނަންވީ ފައިސަލްއާ ގުޅުމުގެ އެއްވެސް ނިޔަތެއް އަހަރެންގެ ނެތޭ؟ ކިހިނެއް ވެގެންތަ ތި އުޅެނީ؟ ތި ކައްކަނީ ހުސް ހިޔާލީ ފޮލާ.. އެހެންނޫނަސް އަހަރެން ކޮންމެ މީހަކާ އިނަސް އެއީ ފައިސަލްއާ ބެހޭކަމެއް ނޫން” ޒީވާ ހަރުކަށިކަމާއެކު ބުންޏެވެ. އަދި ފައިސަލްއަށް ފުރަގަސްދީ ހިނގައިގަތެވެ.

“އޭ! ބޭނުންހާ އެއްޗެއް ކިޔާފަ ދެވޭނެ ކަމަށްތަ ހީކުރަނީ؟” ފައިސަލްގެ ރާގު ބަދަލުވިއެވެ. ކުއްލިއަކަށް ރުޅިއައިސްފައިހުރެ ޒީވާގެ އަތުގައި ހިފެހެއްޓިއެވެ. އޭރު އައިސްފައިވާ ރުޅީގެ ސަބަބުން އޭނާގެ ދެލޯ އަނގުރު އަލިފާނުގެ ކުލައަށް ބަދަލުވަމުން ދިޔައެވެ.

“ދޫކުރޭ!” ޒީވާ ހަރުކަށިކަމާއެކު ބުންޏެވެ. އެހެން ކޮންމެ މީހެެއްދެކެ ބިރުގަތަސް ފައިސަލްދެކެ އޭނާ ބިރެއް ނުގަނެއެވެ. ޖެހިލުމެއްވެސް ނުވެއެވެ. ވަނީ ފޫއްސެވެ.

“މާބާރަށް ނުފެލި އަހަރެން ކިޔާ އެއްޗެއް އަޑު އަހާ” ފައިސަލް އަމުރުކުރިއެވެ. އަދި ޒީވާގެ އަތަށް އިތުރަށް ބާރުކޮށްލިއެވެ.

“އައްދޯތް ތަދުވެޔޭ.. ފައިސަލްގެ އެއްވެސް ވާހަކައެއް އަހަރެން އަޑު އަހާކަށް ނުޖެހޭނެ. ދޫކުރޭ.. ދޫކުރާށޭ.. ނޫނިއްޔާ ފުލުހުންނަށް ގުޅާނީ.. އައިދަން” ޒީވާ އެހީއަށް އެދުނެވެ.

“މޭން.. ތިއީ ކޮންކަމެއް.. ދޫކޮށްލާ” އައިދަން ޒީވާގެ އެދުމަށް ފައިސަލްއާ ވާހަކަ ދެއްކޭތޯ މަސައްކަތް ކުރިއެވެ.

“މީ އަދި ކޮން ސޮ* ގޮލައެއްތަ؟” ފައިސަލް އައިދަންއަށް ކަޅިއެއްލުމަށްފަހު އަނެއްކާވެސް ޒީވާގެ އަތަށް ބާރުކޮށްލިއެވެ.

“އެކަކާވެސް ނީނދެވޭނެ.. ކަލޭ ޖެހޭނީ އަހަރެން ކިޔާ އެއްޗެއް އަޑު އަހަ–” ފައިސަލްގެ ވާހަކަ ނުނިމެނީސް ކުއްލިއަކަށް ކޮންމެވެސް މީހަކު ފައިސަލްގެ ޓީޝާޓުގައި ހިފައި އޭނާ ދުރަށް ހޫރައިލިއެވެ. އެވަގުތު އެތަނުގައި ތިބި އެންމެންގެ ސަމާލުކަން އެމީހަކަށް ހުއްޓުނެވެ. އެއީ ރިއާންކަން އެނގުމާއެކު ޒީވާގެ އިތުރުން ފައިސަލްއަށްވެސް ހައިރާންކަމެއް ލިބުނެވެ.

“ކަލޭދޯ. މަގޭ ކުރިމައްޗަށް ކަލޭ ނާރައިގެން ހުންނަތާ ހާދަ ދުވަހެއް-” ފައިސަލް ކުރިއަށް އަޅައިލި ފިޔަވަޅު ހުއްޓުނީ ރިއާން އަނެއްކާވެސް އަތް ދަމައިލާ ފައިސަލް ދުރަށް ކޮށްޕައިލުމުންނެވެ.

“ކިޔާ އެއްޗެއް ކިޔާނީ ދުރުގަހުރެ… ޒީވާއަށް އުނދަގުވާނެހެން ކުރިއަށް އެންމެ ފިޔަވަޅެއް އެޅިޔަސް ދެން ކަލެއާ ދޭތެރޭ ކަންތައްކުރަން ޖެހޭނެގޮތް އެނގޭނީ މަށަށް” ރިއާން އިންޒާރުދިނެވެ.

“ކަލޭ ބައްޕަގެ ލާރިގަނޑު އޮތީމަ ހީވަނީ ދޯ ލައްކައެކޭ.. ކަލެއަށް މަށަކީ ކާކުކަން އެނގޭތަ އޭން؟” ފައިސަލް ރިއާންއަކަށް ދުލެއް ނުކުރިއެވެ.

“ތެދެއް.. މަށަކަށް ތީ ކާކުކަމެއް ނޭނގޭ. އެކަމަކު ކަލެއަށް މަށަކީ ކާކުކަން އެނގޭކަން އިނގިއްޖެ.. ބަދަލުގަ މަށަށް ކަލޭ ނޭނގެންޏާ އޭގެ މާނައަކި ކަލެއަކީ އެހާ މުހިއްމު މީހެއް ނޫނޭ.” ރިއާން މަލާމާތުގެ ރާގެއްގައި ބުންޏެވެ.

“އޭ ކައޭ ހަނދާން ކުރައް-”

“ޝްޝްޝް.. ތި އިންޒާރުތައް މަށަށް ދިނުމަކީ ބޭކާރުބކަމެއް. މަށަކީ ތި ކަންކަމަށް އާ މީހެއް ނޫން. މަ ނޫޅޭ ގޮތަކަށް ކަލޭމެނަކަށް އަދި އުޅެވިފައެއް ނޯންނާނެ. ތިއީ މަ ނުދަންނަ ބަހުރުވައެއް ކަމަށް ހީކުރީތަ؟ އަމިއްލަ މީހާ ފިހެން ބޭނުން ނެތިއްޔާ އަލިފާނާ ނުކުޅޭ ތި އައި ތާކަށް ނައްޓާލާ” ރިއާން ބުންޏެވެ. ބަދަލުގައި ފައިސަލްގެ އަނގައިން ނުކުތް ހަޑިހުތުރު ބަސްތަކަށް ބީރު ކަންފަތެއް ދެމުން ރިއާން ޒީވާއާއި އައިދަންގެ ފަހަތުންގޮސް ގޭގެ ދޮރާށިން ވަނެވެ.

ލިފްޓަށް އެރުމާއެކު ޒީވާ ރިއާންއަށް އަވަސް ނަޒަރެއްދިނެވެ. ރީތި ވަރަކަށް ގަޔަށް ހިފައިލައިފައިވާ ކަޅުކުލައިގެ އަތްދިގު ޓީޝާޓާއި ޖިންސުގައި ރިއާން ހުރިއިރު ޒީވާގެ ލޮލުގައި އެންމެ އަޅައިގަތީ ރިއާންގެ އެއް ކަންފަތުގައި ލެވިފައިވާ ކަޅުކުލައިގެ ސްޓަޑެވެ. އެއީ އާންމުގޮތެއްގައި އޭނާއަށް ރިއާންގެ ފަރާތުން ނުފެންނަ ކަމަކަށް ވާތީ އެކަން އޭނާއަށް ފާހަގަކުރެވުނީއެވެ.

ލިފްޓުގެ އަލީގައި ރިއާންއަށްވެސް ފުރަތަމަ ފަހަރަށް ޒީވާގެ ގާތުގައިހުރި ޒުވާނާގެ މޫނަށް ބަލައިލެވުނެވެ. އެ މޫނަކީ އޭނާ ދަންނަ މޫނެއްހެން ހީވި ނަމަވެސް އެކަމާ މާބޮޑަށް ވިސްނުމެއްނެތި އޭނާ އެމީހާއާ ދިމާލަށް ފިޔަވަޅެއް އަޅައިލިއެވެ.

“ޑރ. އައިދަން” ރިއާން ކުރިއަށް އަޅައިލި ފިޔަވަޅު ފެނި އައިދަން އަވަސްކަމާއެކު ސަލާމަށް އަތްދިއްކޮށްލިއެވެ. ރިއާން އެ ސަލާމް ރައްދުކުރާކަށް ނޫޅުނެވެ. ވަކި އެއްޗެކޭ ނުބުނެ މޫނު އަނބުރައިލީ ދުރަށެވެ. އައިދަންގެ ކުރިމަތީގައި ފައިސަލް އައިސް ޒީވާއަށް ފުރައްސާރަ ކުރިއިރުވެސް އައިދަން ހިމޭނުން ހުރި ހުރުން ރިއާންއަށް އެއްވެސް ވަރަކަށް ކަމު ނުދިޔައީއެވެެ. އެންމެ މަތީ ފަންގިފިލާއަށް ލިފްޓު ހުޅުވުމާއެކު އޭނާ އަވަސް ފިޔަވަޅުތަކެއްގައި ޓެރަހަށް ދާން ހުރި ސިޑިން އަރައިގެން ގޮސް ގެއްލުނެވެ.

“އައި ގެސް ހީ ޑަޒަންޓް ލައިކް މީ؟” އައިދަން ޒީވާގާތުން އޮޅުން ފިލުވިއެވެ.

“އެއީ ރިއާންގެ ގޮތް. އެކަމާ އަޅާނުލާ ދާން ހިނގާ.. މިހާރު ދޮންބެމެން ތިބޭނީ ލަސްވެފަ” ރިއާން ކަންތައްކުރި ގޮތުން ގަނޑުވެފައިހުރި އައިދަންގެ އަތުގައި ހިފައިގެން ޒީވާ ލިފްޓުން ނުކުތެވެ.

“ކޮބާ މި އައީއެއްނު ބިޒީ މީހާ.. މިހާރު ރިއާންބެ ލަސްވެގެން ދޮންތިމެން ފޮނުވައިފިން ޑްރިންކްސް ގަންނަންވެސް.. މި.އައީ ދޯ ދޮންތިމެންވެސް.. އެއްކޮށް ދޯ ތި އައީ” އިޝްވާއަށް ރިއާންގެ ފަހަތުން އައި ޒީވާއާއި އައިދަން ފެނި ބުންޏެވެ.

“ކޮބާ ބިޒީ މީހާ؟ ހުކުރެއް ހޮނިހިރެއްވެސް ނޯވޭ ދޯ.. އަސްރުން ފައިބައިގެން އަންނަން ބުނި މީހާ ވިއްޔާ ތީ.. ފޯނުވެސް ނަގަނީކީ ނޫން” ރާހިލްވެސް ރިއާންއާ ދިމާކޮށްލިއެވެ. ރިއާން އެއިން މީހަކަށް ރައްދުދިނުމުގެ ބަދަލުގައި އޭނާ ގެނައި ކޮތަޅުގައި ހުރި ފުޅިތައް ލަކުޑިން ޖަހަިއފައިވާ މޭޒުމަތީގައި ބަހައްޓައިލަމުން ބުންޏެވެ. އޭރު ހުރިހާ އެންމެން ކެއުމަށްޓަކައި މޭޒުގެ ކައިރިއަށް ޖަމާވަމުން ދިޔައެވެ.

“ހޫމް ކޮންކަމަކާތަ ބިޒީވީ؟” ރާހިލް އޮޅުން ފިލުވިއެވެ.

“އެއްކަލަ ހޮޓެލް ކަންތަކުގަ ދައުވާ މި ކުރަނީނު ކުރިން އުޅުނު ދެ މުވައްޒަފުންނަށް. އެކަމުގަ އުޅޭ ލޯޔަރ ގުޅައިގެން ހަވީރު ބިޒީވީ” ރިއާން ބުންޏެވެ.

“ހުމްމް. އެކަންތައް ކިހިނެއްތަ އޮތީ؟ ކިހާވަރެއް ރިކަވަރ ވާނެހެން ހީވަނީ؟” ޝައިނާ އަހައިލިއެވެ.

“ބާކީ އިން ބާރައަކުން ނުވައެއްވަރު ވާނެހެން ހީވަނީ” ރިއާން ބުންޏެވެ.

“ނުވަ ލައްކަ؟” ތައްޓަށް އެއްޗެހި އަޅަމުންދިޔަ ރާހިލް މާބޮޑު ވިސްނުމަކާނުލައި އަހައިލިއެވެ.

“ޔޫ އަރ ފަނީ މޭން.. ނައިން މިލިއަން.. ބްރޯއަށް ހީވޭތަ އެންމެ ނުވަލައްކަ ހޯދަން އަހަރެން  އިނގިލީގެ ކުރިވެސް ހިއްލާލާނޭ؟” ރިއާން ސާފުކޮށްދިނެވެ. އެ އަޑު އިވޭ ހިސާބުގައި ތިބި ޒީވާއާއި އިޝްވާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. ރިއާން އެމީހުނާއެކު އުޅޭ އުޅުމުގައި ހުންނަ ސާދާ ގޮތުގެ ސަބަބުން ގިނަފަހަރަށް ރިއާންއަކީ ކިހާ ފެންވަރެއްގެ މުއްސަންޖެއްކަން އެމީހުންގެ ހަނދާނުގައެއް ނުހުރެއެވެ.

“ކޮބާ ކޮބާ.؟ ގޭމް ކުޅޭ އެންމެން އަވަހަށް އާދޭ މިކޮޅަށް” އިޝްވާ ތަށި ހިފައިގެން ޖޯލިފަތިތައް ކައިރިއަށް ދަމުން ގޮވައިލިއެވެ. އޭނާގެ ފަހަތުން އެހެންމީހުންވެސް ގޮސް އިށީނެވެ. ކުރިމައްޗަށް ވާގޮތަށް ހުރީ ދެ ޖޯލިފަތި ކަމަށްވުމާއެކު އިޝްވާއާ ޝިމާން އިން ޖޯލިފަތީގައި ޝިމާންއާ ޖެހިގެން ހުސްކޮށްހުރި ދެ ޖޯލީގައި ރާހިލްއާއި ރިއާން އިށީނެވެ. އަދި އޭގެ ކުރިމައްޗަށް ވާގޮތަށް ހުރި ޖޯލިފަތީގައި ޝައިނާއާއި ޒީވާގެ އިތުރުން އައިދަން އިށީންއިރު އައިދަން އިނީ އެދެމީހުންގެ މެދަށްވާ ގޮތަށެވެ.

“މިވެސް ޓްރުތް އޯ ޑެއަރ ކަހަލަ ގޭމެއް އެނގޭ” އިޝްވާގެ އިއުލާނާއެކު އެތަނުގައި ތިބި މީހުންގެ ފަރާތުން ފޫހިކަމާއި ނުރުހުމުގެ އަޑުތައް އިވުނެވެ.

“ދެން ތިނޫން ގޭމެއް ނެތީތަ؟ ދެމީހަކު އެއްވިއްޔާ ތިނޫން ކަމެއް ނޯވޭ” ރާހިލް ޗޮކެއް ކަނޑައިލިއެވެ.

“ކިހިނެއްވީ؟ ދޮންބެ ހޫނު ފެނަށް ވެއްޓޭލެ މާ ގިނައީ ދޯ” ޒީވާ ބުންޏެވެ.

“ޕިސް އޯކޭ އޯކޭ.. އަޑުއަހާ! މީތި ކުޑަކޮށް ތަފާތު ވާނެ އިނގޭ. މިއޮތީ ތާސްބައި. ކޮންމެ މީހަކަށްވެސް ލިބޭނީ މީގެން އެއްގަނޑު. ހަނދާންވޭތަ ކުޑައިރު މެތްސް ގަ ކުރަހާ ބޮޑުމަސް ގޮސް ކުޑަމަސް ކާލާ ފޮޓޯ. މިހަމަ އެކަހަލަ އެއްޗެއް! ގަނޑުތައް ލިބުނީމަ އެންމެން އެއްފަހަރާ އަނެއް ފުށަށް ޖަހާނީ.. އެންމެ ބޮޑު ގަނޑު ލިބޭ މީހާ ޖެހޭނީ އޭނައާ ޖެހިގެން ދެން ކުޑަ ގަނޑު ލިބޭ މީހާއާ ސުވާލު ކުރަން. ޑެއަރ އެއްވެސް ކުރެވިދާނެ. ސަލާމަތެއް ނުވެވޭނެ.. ދެން އެމީހާ ޖެހޭނީ އަނެއްކާވެސް އޭނާއާ ޖެހިގެން އެންމެ ކައިރިން ކުޑަ ގަނޑެއް ލިބޭ މީހަކާ ސުވާލު ކުރަން.. އެގޮތަށް ބޮޑުން ކުޑަޔަށް އެ އޯޑަރ އިން އޯކޭ؟” އިޝްވާ ކިޔައިދިނެވެ.

“ދެން އެންމެ ބޮޑު ގަނޑު ލިބޭ މީހާއޯ.. އޭނާއާ ސުވާލު ކުރާނީ ކާކު؟” ޝައިނާ އެހިއެވެ.

“އެންމެ ބޮޑުމަސް ކާލެވޭވަރު މަހެއް ނޫޅޭނެ އެއްނު.. އެހެންވީމަ ބޮޑު ގަނޑު ލިބޭ މީހާ އެއީ ސޭފް މީހާ. ދެން ކުޑަ މަހަކަށް ކާނެ އިތުރު މަހެއް ނުލިބޭނެއެއްނު ސޯ ކުޑަގަނޑު ލިބޭ މީހާއަށް އެއްވެސް މީހަކާ ސުވާލެއް ނުކުރެވޭނެ ސާފުތަ؟ ބައިދަވޭ ކީޕް ޔޯ ކުއެޝަންސް އެންޑް ރިކުއެސްޓްސް ފީޖީ ތާޓީން” އިޝްވާ ގަނޑުތައް ބަހައިލަމުން ބުންޏެވެ.

“އެކަމަކު މިތާކު ތޭރަ އަހަރުން ދަށުގެ މީހެއް ނެތެއްނު” ރާހިލް ބުންޏެވެ.

“ދޮންބޭ. ދެން އެނގެއެއްނު މި ބުނަން އުޅެނީ ކީކޭކަން. އޯކޭ އެންމެން.. ގަނޑު އަނެއްފުށަށް” އިޝްވާ ބުންޏެވެ.

“އޯކޭ އޯކޭ” ރާހިލް އެހެން މީހުނާއެކު ގަނޑު އަނެއްފުށަށް ޖަހައިލިއެވެ.

“މިއީ ދެން އެއްވެސް ގޮތެއްނޫން.. އަހަރެންނަށް ތިނެއް” ޒީވާ ޝަކުވާ ކުރިއެވެ.

“އޯކޭ ތިނަކަށްވުރެ ދަށުން ލިބުނު މީހެއް.. ނެތްދޯ.. ދޮންތި ފުލަށް… ކާކަށް އެންމެ މަތިން ލިބުނީ” އިޝްވާ ހޯދައިލިއެވެ. އެއާއެކި ރިއާން ކައިރީގަ އިން ރާހިލްއަށް ބުމަ އަރުވައިލަމުން އަތުގައި އޮތް ކާލާ މަންނަ އިޝްވާއަށް ދައްކައިލިއެވެ.

“އޯކޭ އޯކޭ. އެހެންވީމަ ރިއާންބެ ފުރަތަމަ ސުވާލުކުރަން ޖެހޭނީ. އިޝީއަށް ލިބުނީ ކިންގްއެއް އިޝީއާ ސުވާލު ކުރަން ޖެހޭނީ” އިޝްވާ ބުންޏެވެ.

“އޯކޭ ފޭވްރިޓް ފުޑް؟”

“ރިއާން!!” ރިއާންކުރި ފޫހި ސުވާލުގެ ސަބަބުން ޝައިނާއާއި ރާހިލްއަށް އެއްފަހަރާ ސުވާލު ބަދަލުކުރާށޭ ބުނާކަހަލަ ރާގަކުން ގޮވައިލެވުނެވެ.

“އޯކޭ އޯކޭ ޗިލް… މިތަނުން އިޝްކޮގެ އެންމެ ފޭވަރިޓް މީހުން ރޭންކް ކުރަންވީ.. އޯޑަރުން އެނގޭ” ރިއާން އިރުކޮޅެއްވަންދެން ވިސްނައިލުމަށްފަހު ބުނެލިއެވެ.

“އޯކޭ އޯކޭ.. ފުރަތަމަ ދޮންތި ދެން ސިސް..”

“އަހަރެންނޯ؟” ޝިމާންއާއި ރާހިލްއަށް އެއްފަހަރާ ބުނެވުނެވެ.

“ދެން މާނު، ދެން ރިއާންބެ ދެން އައިދަން.. ފައިނަލީ ދޮންބެ” އިޝްވާގެ ޖަވާބު އިވުމާއެކު ރާހިލްގެ އަނގައިން އިތުރު ބަހެއްވެސް ނުނިކުތެވެ. ރިއާންއަށް އެމަންޒަރު ފެނި ހިނިގަނޑު ހިފަހައްޓައިލެވެނީ ކިރިޔާއެވެ. އޭނާ އެ ސުވާލު އިޝްވާއާ ކުރީވެސް ރާހިލް ދެރަކޮށްލާނެ ކަމުގެ އުއްމީދުގައެވެ.

“އެ ކިހިނެއް؟ އޯކޭ ޝިމާން އެކަމަކު އައިދަން؟” ރާހިލް ޝަކުވާކުރިއެވެ.

“އިޝީ ބަލަ ދޮގު ހަދަންޏާ ގޭމްގެ މާނައެއް ނެތް” ޒީވާ ބުނެލިއެވެ.

“އޯކޭ އޯކޭ ފުރަތަމަ ދޮންބެ ދެން ދޮންތި ދެން މާނު” އިޝްވާ ތެދަށް ބުންޏެވެ.

“އަހަރެންގެ މައްސަލައެއް ނެތް” ޝައިނާ ދެކޮނޑު އަރުވައިލަމުން ބުންޏެވެ. އޭރު ރާހިލް އިނީ ލިސްޓުގެ އެއްވަނައަށް އެރުނީތީ ފޮނިވެފައެވެ.

“އޯކޭ އޯކޭ ދެން އަހަރެން ދޯ.. ސިސްއާ ދޯ ޖެހޭނީ ސުވާލު ކުރަން.. އޯކޭ ހިނގާ ގޭމް ކުޑަކޮށް ޝައުގުވެރިކޮށްލަމާ.. ވެން ޑިޑް ޔޫ ހޭވް ޔޯ ފަސްޓް ކިސް” އިޝްވާ ހިނިގަނޑަކާއެކު އަހައިލިއެވެ.

“އަހަރެން ހީކުރީ ހުރިހާ ސުވާލެއް ޕީޖީ ތަރޓީންކަމަށް” ޝައިނާ ލޮލުގެ ހިމަކޮޅުން ރާހިލްއަށް ބަލައިލަމުން ބުންޏެވެ. އޭރު ރާހިލްވެސް އޭނާއަށް ބަލަހައްޓައިގެން އިންއިރު އެ ބެލުމުގައިވަނީ ލާނެތް ކަމެވެ. ޝައިނާ ހާސްވެފައި ރާހިލްއަށް ލޯ އަޅައިލި ގޮތުން ރާހިލްއަށް އެއް މިޔަކަނިން ހިނިތުންވެލެވުނެވެ.

“ހޫން އެ ބޯރިންގް ކޮށްލީ.. އޯކޭ. ސުވާލު ބަދަލު ކުރަންތާ މި ޖެހުނީ ދޯ.. ހްމްމް.. މީހަކު ފެނުނީމަ އެމީހެއްގެ ފަރާތުން އެންމެ ފުރަތަމަ ފާހަގަވަނީ ކޮން ކަމެއް..” އިޝްވާ އެހިއެވެ. ރާހިލްވެސް އެ ސުވާލަށް ޝައިނާ ދޭނެ ޖަވާބާމެދު ޝައުގުވެރިވިއެވެ.

“އޯކޭ.. ސްޓައިލް.. މިބުނީ.. ހެދުން އެޅުމުގެ ފާޑުވެރިކަން… ދެން އައިޒް…އެންޑް ޔެސް ހޭންޑްސް.. ހޭންޑްސް ވިތް ދޯސް ވެއިންސް އެންޑް..”

“އޯކޭ އޯކޭ.. ދެން ހުއްޓާލާ ފުދިއްޖެ.” ޝައިނާގެ ވާހަކަ ހުއްޓައިލަމުން ޒީވާ ހީނގަތެވެ. އޭރު ރާހިލް އިނީ ފާޑަކަށް އަމިއްލަ އަތަށް ބަލަހައްޓައިގެނެވެ. ރިއާންއަށް އެ މަންޒަރު ފެނި ހިނި އާދެވުނެވެ.

“އޭ ރޯމިޔޯ.. ތިއަތުގެ ވާހަކައެއް ނޫނޭ އެ ދައްކަނީ” ރިއާން ރާހިލްއަށް އެކަނި އިވޭ ވަރަށް ސިއްރުން ބުނެލިއެވެ.

“އޯކޭ އޯކޭ. ދެން ކާކު؟” ޒީވާ އިނީ އެތަނުން ދާން ލަސްވެފައެވެ. ރިއާންވެސް އެތަނުގައި އިނުމުން އޭނާއަށް އުނދަގޫވަމުން ދިޔައެވެ. އެންމެން އެކަކުއަނެކަކާ ސުވާލު ކުރަމުންގޮސް ރާހިލްގެ ފަހަރާ ޖެހުނެވެ. އޭނާގެ ސުވާލު ރައްދުވާ ފަރާތަކަށްހުރީ އައިދަނެވެ.

“އޯކޭ.. އައިދަން އެންމެ ގަޔާވަނީ ކޮންކަހަލަ އަންހެންކުދިންނަކާ” ރާހިލް އިނީ އެސުވާލު ކުރަން ބޭނުންވެފައެވެ. އެއްވެސް ވަރަކަށް އައިދަންގެ ލެންސަށް ޝައިނާ އަރައިފިތޯ ނުވަތަ ނޫންތޯ ޔަގީންކުރަން އޭނާ ބޭނުންވިއެވެ.

“ސޮރީ ގައިޒް އައި ތިންކް އައި ނީޑް ޓު އެޓެންޑް ދިސް” އައިދަން ރާހިލްގެ ވާހަކައަށް މާބޮޑު ސަމާލުކަމެއް ދިނުމެއްނެތި ފޯނު ނެގިއެވެ. އަދި އެކޮޅުން ކީ އެއްޗެއް އިވުމާއެކު އެހާމެ އަވަހަށް ފޯނު ކަނޑައިލިއެވެ.

“ސޮރީ ގައިޒް. އެމަރޖެންސީ ޕޭޝެންޓެއް އައިސްގެން ދާން ޖެހިއްޖެ..” އައިދަން ކޮޅަށް ތެދުވެލަމުން ބުންޏެވެ.

“އަހަރެން ދާނަން އައިދަންއާއެކު” ޒީވާ އައިދަންއާއެކު ތެދުވިއެވެ. ރިއާންގެ ނަޒަރު އެ ދެމީހުންނަށް ހަނިވެގެން ދިޔައީ ބޭއިޙްތިޔާރުގައެވެ.

“އެކަމަކު ދެން އޮތީ އައިދަންގެ ފަހަރޭ” ޝައިނާ ބުނެލިއެވެ.

“އަހަރެންގެ ސުވާލު މިހާރުވެސް ކޮށްފިން ދޯ ޒީ.. ވަޓް ވުޑް ޔޫ ރޭޓް މީ އައުޓް އޮފް އަ ޓެން؟” އައިދަން ޒީވާއަށް އެއްލޯ މަރައިލިއެވެ. އެސުވާލާއެކު ރިއާންގެ ސިކުނޑީގައި ދުރު ހަނދާނެއް ކޮށްޓައިލިއެވެ. މިއީ ޒީވާގެ އިންސްޓަގްރާމް ސްޓޯރީގައި އެގާރައަކުން ރޭޓްކުރި ޑަކްޓަރުކަން ހަނދާންވިއެެވެ.

“އެއިޓް” އެޖަވާބާއެކު ރިއާންއަށް ހިތްހަމަ ޖެހުމެއް ލިބުނީ ކީއްވެކަމެއް ނޭނގެއެވެ.

“ސީ– ވަޓް؟ ކުރިން އެކަމަކު އަހަރެންނަށް އެގާރަ ދިނީމެއްނު” އައިދަން ޝަކުވާ ކޮށްލިއެވެ.

“ހޫމް އެއީ ކުރިއޭ މީ މިހާރޭ.. ދެން ލަސްވެގެންނު ތި ދަނީ.. ދެންވެސް އަވަސް ކޮށްބަ..” ޒީވާ އައިދަންގެ ބުރަކަށީގައި އަތް އަޅައި ކޮށްޕައިލިއެވެ.

“އޯކޭ އޯކޭ ބާއީ އިޝީ ޑަރލިންގް.. ސީ ޔޫ ޝައި ލަވް” އައިދަން ދަމުން ގޮވައިލިއެވެ. ރާހިލްއަށް ގަބޫލު ނުކުރެވިފައި އިނދެ ޒީވާއާއި އައިދަން ދިޔަ ދިމާލަށް އިނގިލި ދިއްކޮށްލަމުން އެއްފަހަރު ރިއާންއަށް އަނެއްފަހަރު ޝިމާންއަށް ބަލައިލިއެވެ.

“އަހަރެންނަށް ފެނުނު ގޮތްތަ؟ އޯރ ޑިޑް ދިސް ގައި ޖަސްޓް ފްލަރޓް ވިތް ދަ ތްރީ އޮފް މައި ގަރލްސް އިން ވަން ޝޮޓް؟” ރާހިލްގެ ސުވާލާއެކު ޝައިނާ ލޯ އަޅައިލިއެވެ.

“އޯކޭ އައިމް ސޮރީ.. ކަރެކްޝަން! ޑިޑް ހީ ޖަސްޓް ފްލަރޓް ވިތް ދަ ޓޫ އޮފް މައި ގަރލްސް އެންޑް ދިސް ސަންތިގަނޑު އިން ވަން ޝޮޓް؟” ރާހިލް ސުވާލު ތަކުރާރު ކޮށްލިއެވެ.

“ހާދަ ގޮތެއް ނެތް މީހެކޭދޯ” ޝިމާންވެސް ރާހިލްއާ އެއްބަސްވިއެވެ.

“ސާބަހޭ.. އެއީ ދެން ފްލަރޓް ކުރުންތަ؟ ތި ދެމީހުން މޮޔަ އީ.. މާނުވެސް ދޮންބެއާ އެއްކޮޅަށް އެރީތަ؟” އިޝްވާ ބުންޏެވެ.

“އެމީހުން ފްލަރޓް ކުރާ ބަޔަކަށްނު އެންމެ ރަނގަޅަށް އެނގޭނީ އެކުރީ ފްލަރޓް ތޯ ނޫންތޯ.. ޝިމާންގެ ގޮތެއް ނޭނގެ. އެކަމަކު އިޝީގެ ދޮންބެ އެހެރީ އެކަމުން ޕީ.އެޗް.ޑީ ނަގަންވެފަ” ޝައިނާވެސް އެމީހުންގެ ވާހަކައިގަ ބައިވެރިވިއެވެ.

“އަހަރެން ދޯ އެންމެފަހުން މިކަމުގަވެސް މި ގޯސްވީ؟” ރާހިލް ބުންޏެވެ. އެވަގުތު ރިއާން ރާހިލްގެ އަތުގައި ކޮށްޓައިލަމުން އެތަނުން ދިޔުމުގެ އިޒުނައަކަށް އެދުނެވެ. ވާހަކައިގައި ޖެހިފައި އިން ރާހިލްއަށް އެކަމަށް މާބޮޑު ސަމާލުކަމެއްނުދީ ބޯ ޖަހައިލުމާއެކު ރިއާން އެތަނުން ތެދުވެގެން ހިނގައިގަތެވެ.

ޓެރަހުން ފޭބުމަށްޓަކައި ސިޑީގެ ހަރުފަތްތައް ގިރާކުރަމުންދިޔަ ވަރަކަށް އޭނާއަށް ލިފްޓުކައިރީގައި ތިބި ޒީވާއާއި އައިދަންގެ ވާހަކަ އިވެމުން ދިޔައެވެ. އޭނާ އެދެމީހުނަށް ނުފެންނާނެހެން ސިޑީގެ ވަކި ހިސާބެއްގައި މަޑުކޮށްލިއެވެ.

“އަހަރެންނަކަށް ހަމަ އަދިވެސް ނޭނގޭ ޒީ މިކަހަލަ ކައިވެންޏަކަށް އެއްބަސްވާންވި ސަބަބެއް.. ތިއީ ނުލާހިކު ރީތި ރަނގަޅު ކުއްޖެއް” އައިދަން ބުންޏެވެ.

“ދެން ތިވާހަކަ ނުދައްކާ އެއީ އެހާވަރު ކަމެއް ނޫން… އެހެންނޫނަސް ތިބުނާހާ އުފާވެރި ކައިވެނިތައް މިޒަމާނުގަ އޮވޭތަ؟ ހިއެއް ނުވޭ މިއީވެސް ތި ހީކުރާހާ ބޭޑް އެކްސްޕީރިއަންސަކަށް ވާނެހެނެއް. ލިފްޓް އެ އައީ.. އަވަހަށް ދޭ” އައިދަން ޒީވާގެ ވާހަކައަށް ބޯ ޖަހައިލުމަށްފަހު ލިފްޓަށް އެރިއެވެ.

އައިދަން ދިޔުމާއެކު ޒީވާގެ މޫނުމަތީގައިވި މަސްނޫއީ ހިނިތުންވުން އެކީ ފިލައިގެން ދިޔަތަން ރިއާންއަށް ފެނުނެވެ. ނަމަވެސް ހަމަ އެހާ އަވަހަށް ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ޒީވާ އަލުން އެ ހިނިތުންވުން މޫނު މައްޗަށް ވެރިކޮށްލަމުން އެ ފްލޯގައިވާ އެމީހުންގެ އެޕާރޓްމެންޓްގެ ދޮރާ ދިމާލަށް ހިނގައިގަތެވެ. ރިއާންއަށް އިތުރަށް އެމަންޒަރު ބަލާކަށް ނުހުރެވުނެވެ. އަވަސް ފިޔަވަޅުތަކެއްގައި ސިޑިން ފައިބައިގެން އައިސް ޒީވާގެ ކައިރިއަށް ހުއްޓުނެވެ.

“ރިއާން؟ ސިއްސައިގެނޭ ދިޔައީ.. ކެއުން ނިންމާލީތަ؟ ދޮންބެމެން ކޮބާ؟” ޒީވާއަށް ލިބުނު ސިހުމުގެ ސަބަބުން މޭގައި އަތް އަޅައިގެން ހުރެ އެއްފަހަރު ރިއާންއަށް އަނެއްފަހަރު ސިޑިއާ ދިމާލަށް ބަލަމުން އަހައިލިއެވެ.

“އަހަރެން ކިތަންމެ ގަޔާނުވާ މީހަކު ބުންޏަސް ތެދެއް ވާނީ ތެދަކަަށް..” ރިއާން ޒީވާގެ ސުވާލަށް ޖަވާބު ދިނުމެއްނެތި ބުންޏެވެ.

“ކާކު؟” ޒީވާއަަކަށް ރިއާންގެ ވާހަކަ ފަހުމެއް ނުވިއެވެ.

“ދެޓް ޑޮކްޓަރ” ރިއާންގެ ދުލުން އައިދަންގެ ނަންވެސް ކިޔަން ބޭނުން ނުވާ ކަހަލައެވެ.

“އޯހް..އައިދަން؟ ރިއާން އަޑު އެހީތަ؟” ޒީވާ ގަބޫލު ނުކުރެވިފައިހުރެ އަހައިލިއެވެ.

“އެހީކީ ނޫން. އިވުނީ.. އަހަރެންވެސް ގަބޫލުކުރަން މީ ނޫންކަން ޒީވާއަށް ހައްގު މިންވަރަކީ” ރިއާން ބުންޏެވެ.

“އަހަރެން ނުބުނަންތަ އަހަރެން މިހިރީ މިކަމާ އުފަލުންނޭ.؟ ރިއާން ތި އުޅެނީ ކީކޭ ކިޔާނަމޭ ހިތާތަ؟” ޒީވާ ހިތްހަމަ ނުޖެހުނެވެ. ރިއާންއަށް ފަސްދީ ހިނގައިގަތެވެ. ރިއާން ފުންނޭވާއެއް ދޫކޮށްލަމުން އެއްއަތުން ބޮލުގެ އިސްތަށިގަނޑުގައި އަތްފުނާ އަޅައިލިއެވެ.

“ޒީވް މަޑުކޮށްބަލަ” ރިއާންގެ އަޑަށް ޒީވާގެ ފިޔަވަޅުތައް އޭގެ އިހްތިޔާރުން ބޭރުގައި މަޑުޖެހިލިއެވެ. ނަމަވެސް ރިއާންއާ ކުރިމަތިލުމުގެ ގަސްދެއް އޭނާގެ ނެތެވެ.

“އަމް… މީގެ އަށް އަހަރު ކުރިން ޒީވް އަހަރެންނަށް ކުރި އޮފަރ.. އިޒް އިޓް… އިޒް އިޓް ސްޓިލް ވެލިޑް؟” ރިއާން ހިންދިރުވައިލަމުން އަހައިލިއެވެ. ޒީވާ ދޭނެ ޖަވާބަކާމެދު ކެތްމަދުވެ އޭނާގެ ހިތް ބާރުބާރަށް ތެޅެމުންދިޔައެވެ.

“ނޯ..” ހިނދުކޮޅެއްގެ ހިމޭންކަމަކަށްފަހު ޒީވާ ބުންޏެވެ. އޭނާގެ ނަފްސުގައިވާ ހުރިހާ ހިތްވަރެއް އެ ލަފްޒަށްޓަކަައި ދުލުކުރިއަށް ގެންނަން ޖެހުނެވެ. “ނޯ އިޓްސް ނޮޓް ވެލިޑް ރިއާން.. އަހަރެންނަށް ރިއާންއާ އެއްވަރަށް ވިޔަފާރިއާއި ގާނޫނު ނޭނގުނަސް އަހަރެންނަށްވެސް އެނގޭ އެ އޮފަރ ގަބޫލުކުރެވޭނެ މުއްދަތު މިހާރު ފާއިތު ވެއްޖެކަން.. ދި އޮފަރ އިޒް ވޮއިޑް ރިއާން.. ޔޫ އަރ ޓޫ ލޭޓް” ޒީވާ އަނެއްކާވެސް ކުރިއަށް ހިނގައިގަތެވެ.

“ޒީވާ ޕްލީޒް.. ޒީވާގެ މުޅި ހަޔާތް ތިހެން ހަލާކުގެ ތެރެއަށް ދޫކޮށް ނުލާ.. ތިގޮތަށް އަމިއްލަ ނަފްސަށް ގެއްލުންދޭން ހެޔޮނުވާނެ.. އަހަރެން ޒީވާއަށް އެހީވާނެ ފުރުސަތެއް ދީ” ރިއާން ޒީވާގެ ފަހަތުން ހިނގައިގަތެވެ. އޭރު ޒީވާ މަސައްކަތް ކުރަމުންދިޔައީ އެޕަރޓްމެންޓްގެ ތަޅު ހުޅުވުމަށެވެ. ރިއާން އެދެމެދަށް ހުރަސްވެލަމުން ޒީވާގެ މަސައްކަތަށް ހުރަސް އެޅިއެވެ.

“ކޮން އެހީއެއް ރިއާން. ރިއާންއަށް ވަކި ކުރެވޭނީ ކީއް؟ އަހަރެންނާ އިންނާނީތަ؟ އޭން؟ ދުރުގަހުރޭ!!” ޒީވާއަށް ރުޅިއައިސްފައި އަހައިލެވުނެވެ. ރިއާންގެ އުޅުން ހުރިގޮތުން އޭނާގެ ރުޅިގަނޑު ފަޅައިގެން ނުގޮސްހުރީ ހަމަ ކިރިޔާއެވެ. ރިއާން ހީކުރަނީ މިއީ އޭނާއަށް ރިއާންއާއެކު ހިއްސާކުރަން މާ ފަސޭހަ މައުޟޫއެއް ކަމަށްހެއްޔެވެ؟

“ޔެސް.. މެރީ މީ..”

ރިއާންގެ ޖުމުލައާއެކު ޒީވާއަށް ކުއްލި ސިހުމެއް ލިބުނެވެ. ނަމަވެސް ރިއާންގެ ފަރާތުން ދެން އިވިގެންދިޔަ ވާހަކަތަކުގެ ސަބަބުން އައި ރުޅިއާއެކު އޭނާގެ ލޭ ކެކިގަތެވެ.

“އަހަރެންނަކަށް ނޭނގެ މި ކައިވެންޏަށް އެއްބަސްވާން ޒީވާއަށް އޮތީ ކޮން މަޖުބޫރެއްކަމެއް. އެކަމަކު އެއީ ކޮންމެ ކަމަކަށްވިޔަސް އަހަރެންނަށް އެކަމަށް ނިމުމެއް ގެނެސްދެވިދާނެ. މިއީ ނާޝިދުބެގެ ވިޔަފާރިއެއްގެ ބޭނުމަށް ނޫނީ ސިޔާސީ ބޭނުމަށް ކުރާކަމެއް ކަމަށްވިޔަސް ނާޝިދުބެމެންނަށް އަހަރެންނަށްވުރެން ރަނގަޅު ޑީލެއް ނުހޯދޭނެ! އަހަރެންނަށް ޔަގީން އަހަރެން އެޕްރޯޗް ކުރިއްޔާ އެމީހުން އެއްބަސް ވާނެކަން. އެންޑް ޔޫ ޑޯންޓް ހޭވް ޓު ކޮމްޕްރޮމައިޒް… ޒީވާގެ ދިރިއުޅުން މިކަމަށް ގުރުބާން ކުރާކަށް ނުޖެހޭނެ! އެ މަޖުބޫރީ ހާލަތެއް ނިމޭހާ އަވަހަކަށް ޒީވާ ބޭނުން އިރަކުން އަހަރެން ޒީވާ މިނިވަން ކޮށްދޭނަން” ރިއާންއަށް ވިސްނުނު އެންމެ ރަނގަޅުގޮތް ޒީވާއާ ހިއްސާ ކުރިއެވެ. އޭނާ އުއްމީދުކުރީ އެހިޔާލަށް ޒީވާ ތާއީދު ކުރާނެ ކަމުގައެވެ. ނަމަވެސް އޭނާއާ އަމާޒުވެދިޔަ ޒީވާގެ ރުޅިވެރި ނަޒަރުފެނި ރިއާންއަށް އެއީ ކުށްހީއެއްކަން ޔަގީން ކުރެވުނެވެ.

“ރިއާން ހީކުރީތަ ކައިވެންޏަކީ ކުޅޭ ކުޅިވަރެކޭ؟ ބޭނުންވީމަ އިނދެފަ ބޭނުންވީމަ ވަރިވެފަ.. ހީކުރީތަ އަހަރެން އެއްވެސް ވަރަކަށް މިކަމުގަ ރިއާންގެ ހަމްދަރުދީ ބޭނުންވާނޭ؟ ރިއާންގެ ހިތުގަ އަހަރެންނާ ދޭތެރޭ އިހުސާސްތަކެއް އުފަން ނުވުމަކީ ރިއާންގެ ކުށެއް ނޫނޭ! އެއީ ކޮން ޒަމާނެއް؟ މިހާރު އަހަރެންގެ ހިތުގަވެސް ރިއާންއާ ދޭތެރޭ އެއްވެސް އިހުސާސެއް ނެތް! އެދުވަހު އެހެން ހެދުނީތީ އަހަރެންނާ ދޭތެރޭ ހަމްދަރުދީވެ އެކަން ފޫބައްދަން ކޮންމެހެން މިކަމަށް ހައްލެއް ހުށަހަޅާކަށް ރިއާންއަކަށް ނުޖެހޭނެ! ރިއާން ބުނިހެން އިޓް ވޯޒް ޖަސްޓް އަ ސްޓުޕިޑް ކްރަޝް! ރިއާންގެ ހަމްދަރުދީ އަހަރެން ބޭނުމެއްނޫން!” ޒީވާ ރިއާން ދުރަށް ކޮށްޕައިލުމަށްފަހު އެޕަރޓްމެންޓްގެ ތެރެއަށް ވަދެގަތެވެ.

“ރިއަލީ ޒީވާ؟ އަރ ޔޫ ދިސް ޑެސްޕެރޭޓް؟ އަހަރެން ބުނާ އެއްޗަކުން ގޯސް މާނައެއް ނަގައިގެންވިޔަސް ޒީވާ އަމިއްލައަށް ތި ނިންމުން ރަނގަޅުކަން ސާބިތު ކޮށްްދޭން ތިއުޅެނީ ކިހާ ވަރެއްގެ އިތުބާރެއް ނުވެސް ދަންނަ މީހަކަށް ކުރާތީތަ؟” ރިއާންވެސް ޒީވާގެ ފަހަތުން އެ ގެއަށް ވަނެވެ.

“އެއްވެސް އިތުބާރެއް ނުކުރަން! އެކަމަކު ކާކަށްތަ އެނގެނީ އަހަރެންގެ ނަސީބެއް؟ އަހަރެންގެ ލޯތްބާއި އޯގާތެރިކަމުގެ ބާރުގަ އެމީހެއްގެ ހިތް އަހަރެންގެ މައްޗަށް ލެނބުންވެސް އެކަށީގެންވޭ… ތި ބުނަނީ ރިއާންއަށް ނުވެވުނިއްޔާ އަހަރެންދެކެ ލޯބިވާނެ އިތުރު މީހަކު ނުވާނެއޭތަ؟ އަހަރެންދެކެ ލޯބިވުމަކީ މީހަކަށް ހަމަ އެހާވެސް އުނދަގޫ ކަމެއްތަ؟” ޒީވާ ސިޓިންގްރޫމްގެ ލައިޓްތައް ދިއްލައިލުމަށްފަހު އެތެރެއަށް ހިނގައިގަތެވެ.

“ޒީވާ ޕްލީ-”

“އާހް” ރިއާންއަށް ޒީވާގެ އަތުގައި ހިފައިލެވުނު ވަގުތު ޒީވާއަށް ވޭނީ އާހަކާއެކު އަތް ދަމައިގަނެވުނެވެ. ނަމަވެސް ރިއާންގެ ލޮލުގައި ޒީވާގެ އަތުގެ ކުޑަހުޅާ ހިސާބުން ނޫފައިގެންފައިވާ ހިސާބު އަޅައިގަތެވެ. އޭނާއަށް އަތްލެވުނީ ކުރިން މަގުމަތިން ދިމާވިއިރު ފައިސަލް ހިފަހައްޓައިގެންހުރި އަތުގައިކަން ހަނދާންވިއެވެ. ފައިސަލްގެ ސަބަބުން ޒީވާއަށް ލިބުނު އަނިޔާ ފެނުމާއެކު ރިއާންގެ ބޮލަށް ރުޅިވެރިކަން ސަވާރުވިއެވެ. ޒީވާއާ ދައްކަމުންދިޔަ ވާހަކަވެސް ހަނދާން ނެތުނެވެ.

“އައިމް ފައިން” ރިއާންގެ ނަޒަރުން ފޮރުވަން އުޅޭކަހަލަ ގޮތަކަށް އަތް ފުރަގަހަށް ލަމުން ޒީވާ ސިޑިން މައްޗަށް އަރަައިގެންގޮސް ކޮޓަރިއަށް ވަނެވެ. އެއާއެކު ރިއާންގެ ބުމަ ގޮށްޖެހިގެން ދިޔައެވެ. ޖީބުގައިވާ ފޯނު ނެގުމަށްފަހު “ޑީ.ސީ.ޕީ” ޖަހައިފައިވާ ނަންބަރަކަށް ގުޅަމުން އެ އެޕަރޓްމެންޓުން ނުކުތެވެ.

***************

ރިއާންގެ ވާހަކަތަކުން ލިބުނު ނުތަނަވަސްކަން ފިލުވައިލައި ހަމަޖެހިލުމަށްޓަކައި ޒީވާ ކޮޓަރިއަށް ވަދެވުމާއެކު ފެންވަރައިލުމަށް އަވަސްވެގަތެވެ. އަދިވެސް އޭނާގެ ބަސްނާހާ ހިތް ވިންދު ޖަހަމުންދަނީ ރިއާންއަށްޓަކައި ކަމުގައިވިޔަސް ދެން އިތުރަށް ރިއާންއާމެދު ނުވިސްނުމަށް ޒީވާގެ ސިކުނޑިއަށް މަޖުބޫރު ކުރަމުން ދިޔައެެވެ. އެހެންކަމުން ފެންވަރައި ނިންމައިލުމަށްފަހު އޭނާ އަވަސްވެގަތީ ކޮޓަރި ސާފުކުރުމުގައި މަސްއޫލުވުމަށެވެ. އޭނާގެ މަސައްކަތަށް ހުރަސްއެޅުނީ ބައި ގަޑިއެއްހާއިރު ފަހުން ޝައިނާއާއި އިޝްވާ އައިސް އެ ކޮޓަރިއަށް ވަނުމުންނެވެ.

“ދޮންތީ.. މިތާ ތެރޭގަ ބަންދުވެގެން ކީއްތަ ތިކުރަނީ؟ އަހަރެންނާ ސިސްއާ އެކަނިމާއެކަނި މި އައީ ޓެރަސްވެސް ސާފުކޮށްފަ” އިޝްވާ ވަތްގޮތަށް ޝަކުވާ ކުރަން ފެށިއެވެ.

“އެކަންޏޭ؟ ކޮބާ ދެންތިބި މީހުން؟” ޒީވާ ނިސްބަތްކުރީ ޝިމާންއާއި ރާހިލްއަށެވެ.

“ދޮންތި ދިޔައިރަށް ނޭނގެ ރިއާންބެ ގެއްލުނު ތަނެއްވެސް. ދެން ދޮންބެއާއި މާނުވެސް މިތާ ތިރީގަ ހިނގައިގެން އުޅޭ ކަންތައްގަނޑުގެ ވާނުވާ ބަލާށޭ ކިޔާފަ ދިޔަގޮތަށް ހަބަރެއްވެސް ނުވި.” އިޝްވާ އެނދަށް ވެއްޓިގަންނަމުން ބުންޏެވެ.

“ތިރީގަ ކިހިނެއްވީ؟” ޒީވާ އެހިއެވެ.

“ޒީއަށް ނޭނގޭތަ؟ ފައިސަލްމެން ހައްޔަރުކޮށްގެން ގެންދަނީއެއްނު. ފުލުހުންގެ ވެހިކަލްވެސް އައިސް އެބައޮތް” ޝައިނާ ކޮޓަރީގެ ކުޑަދޮރާ ކައިރިވެލަމުން ބުންޏެވެ. ޒީވާވެސް ޝައިނާގާތަށް ގޮސް އިތުރަށް ދޮރުފޮތިގަނޑު ކަހައިލަމުން ތިރިއަށް ބަލައިލިއެވެ. އޭރު އެއްވެފައިވާ ގިނަބައެއްގެ ކުރިމަތީގައި ފައިސަލް ހައްޔަރުކޮށްގެން ގެންދަނީއެވެ.

“ހާދަ ކުއްލި ގޮތަކަށޭ ދޯ” ޒީވާއަށް ބުނެވުނެވެ.

“އެކަހަލަ ކަންކަން ވާނީ ކުއްލިއަކަށޭ.. އެހެންނޫނަސް ކީއްކުރާ ފައިސަލްއެއްތަ؟ އޭނަ ދޮންތިއަށް ކިހާ އުނދަަގޫކުރޭ ދޯ ސިސް؟ ރަނގަޅަށް ކަންނޭނގެ ތިވީ.. ތިއެއް ނޫނޭ! ހިނގާބަލަ މިރޭ ގަރލްސް ނައިޓަށް ކަމެއް ކުރަން!! ޕިއްޒާ އޯޑަރު ކުރަންވީނު؟ ނަސީބެއްނު ދޮންތި ރޫމްގަ ޓީވީއެއް ހަރުކުރިކަންވެސް. ކޮން ފިލްމެއް ބަލާނީ؟ ބިރުވެރި އޯކޭދޯ؟” އިޝްވާ ޓީވީ ހުޅުވައިލިއެވެ.

****************

“ތި ބުނަނީ ރިއާންއަށް ނުވެވުނިއްޔާ އަހަރެންދެކެ ލޯބިވާނެ އިތުރު މީހަކު ނުވާނެއޭތަ؟ މީހަކަށް އަހަރެންދެކެ ލޯބިވުމަކީ އެހާވެސް އުނދަގޫ ކަމެއްތަ؟”

އޭސީގެ މަޑުފިނި ހިފައިލައިފައިވާ ކާރުގެ ތެރޭގައި ދެލޯ މަރައިލައިގެން އިންއިރު ރިއާންގެ ސިކުނޑީގައި ޒީވާގެ ބަސްތައް ތަކުރާރުވަމުން ދިޔައެވެ. އެވާހަކަތަކުގެ ތެދުކަން ޙުދު އޭނާއަށްވެސް އިހުސާސްވެއެވެ. ޒީވާފަދަ ކުއްޖެއްދެކެ ލޯބިވާނެ ކިތަންމެ މީހަކު ވާނެކަމާއި، ޒީވާއަށް އެ ކައިވެނި އުފާވެރި ކައިވެންޏަކަށް ހެދިދާނެކަން އޭނާއަށް ގަބޫލު ކުރެވެއެވެ. އެކަމަށްޓަކައި އޭނާ އުފާކުރަން ޖެހޭނެކަން އެނގިހުރެވެސް އޭނާގެ ސިކުނޑި ހާސްވާން ފެށިއެވެ. އޭރު އޭނާގެ ހަނދާންތައް ދަތުރުކުރަމުން ދިޔައީ އޭގެ އަށް އަހަރު ކުރިއަށެވެ.

– ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Anya

Level 310 Stories100 Login

A writer wishing to chase away at least a tiny bit of your worries with words and spark a smile on your face. Thank you for being my superpower!

Other Articles

Previous

ހިތް ކަލާއަށް އެދޭތީ 2

Next

ވާނުހޭ ގާތުގާ- ސާދަވަނަ ބައި

Next
January 5, 2026

ވާނުހޭ ގާތުގާ- ސާދަވަނަ ބައި

Previews
January 4, 2026

ހިތް ކަލާއަށް އެދޭތީ 2

3 Comments!

  1. Anonymous says:
    January 4, 2026 at 4:48 pm

    Aneh vaahaka up kurany kn irakun?

  2. 💙🦋💙 says:
    January 4, 2026 at 8:28 pm

    Mee kiyaafa oii vhk eii nama vx reethi kamun kiyey….
    Vrh vrh reethi…..
    Another story up kuraany kn dhuvaku?.

    1. Rana Lathyf says:
      January 4, 2026 at 9:15 pm

      Aww thankyouu. Submit kohlaafa vee ekolhah reminders dhemun dhaanan

Comments are closed.

Next Episodeހިތް އެދޭހާ ކަމެއް.. (23 ވަނަބައި)←


All Right Reserved!