“މިހާރު ދެން އެ ވާހަކަތައް ދައްކާނެ ކަމެއް ނެތް. އެއްވެސް ކަމެއް ބަދަލެއް ނުވާނެ. ކިޔާން އެދޭ ކޮންމެ ކަމެއް ފުރިހަމަ ކޮށްދޭން އަހަރެން ބޭނުން. ކިޔާން ފެނުނީމަ ސާހިލްއަށްވެސް ގަބޫލު ކުރެވޭނެ އަހަރެން އެ ދުވަހު ބުނީ ތެދެއް ކަން. އޭނަ ބޭނުން ވަނީ އާއިލާ އެންމެންނާ އެކީ ވަގުތު ހޭދަ ކުރަން. ސާހިލްއަށް އުނދަގޫ ނުވަންޏާ ކޮންމެ ދުވަހަކުވެސް ކިޔާންއަށް ވަގުތުކޮޅެއް ހުސްކޮށްލަދީ. އެ ނޫން ކަމެއް އެކަކުގެ ފަރާތުންވެސް ބޭނުމެއް ނޫން” ލަޔާލް ބުންޏެވެ.
ސާހިލް އެއްޗެއް ނުބުނެ ހަމައެކަނި ބޯ ޖަހާލިއެވެ. ލަޔާލްއާ ދައްކަން ބޭނުން ކިތަންމެ ވާހަކައެއް ހިތުގައި ހުރި ނަމަވެސް ސާހިލް ހިމޭންވެފައި ހުރީއެވެ. ސާހިލް ދައްކާ އެއްވެސް ވާހަކައެއް އަޑު އަހަން ލަޔާލް ބޭނުމެއް ނުވާނެއެވެ. ލަޔާލް ދެއްކި ވާހަކަ ސާހިލްވެސް އަޑު ނޭހި ފަދައިންނެވެ.
ދެން އައި ދެ ހަފްތާ ތެރޭ ކޮންމެ ދުވަހަކު ލަޔާލްއާ ސާހިލް ދިމާވެއެވެ. އޮފީހުގައި ހޭދަވާ ވަގުތުގެ އިތުރުން ކޮންމެ ދުވަހަކު ހަވީރު ގެއަށް އައިސް ކިޔާންއާ އެކު ސާހިލް ހޭދަ ކުރާ ވަގުތުވެސް ދެ މީހުން ދިމާވެއެވެ.
ޢަޞްރު ނަމާދަށް ފަހު ކޮންމެ ދުވަހަކު ސާހިލް ދަނީ ލަޔާލްމެން ގެއަށެވެ. ގިނަ ދުވަސްދުވަހު ހަތެއް ޖަހަން ވާ އިރަށް ވަރުބަލި ވެގެން ކިޔާންއަށް ނިދެއެވެ. އެންމެ ލަސް ވިޔަސް އަށެއް ޖަހާ އިރު ކިޔާންއަށް ނިދެއެވެ. ދަރިފުޅާއެކު ވީހާވެސް ގިނަ ވަގުތު ހޭދަ ކުރަން ސާހިލް ބޭނުން ވެއެވެ.
ސާހިލް ގޭގައި އުޅޭ ވަގުތު ކޮޓަރިން ނުނިކުމެ ވޭތޯ ލަޔާލް ބަލައެވެ. ނަމަވެސް ކިޔާންއަށް އެ ގޮތެއް ކަމަކު ނުދެއެވެ. ސާހިލްއާ އެކުގައި ހޭދަކުރާ ވަގުތުގައި އެ ދެ މީހުން ގާތު ލަޔާލްވެސް ހުރުމަށް ކިޔާން ބޭނުން ވެއެވެ. ކިޔާން ބުނެފި ނަމަ ލަޔާލްއަށް ދެކޮޅެއް ނުހެދެއެވެ. އެހެން ކަމުން ދުވާލުގެ ގިނަ ވަގުތު ލަޔާލްއަށް ހޭދަ ކުރެވެނީ ސާހިލް ފެންނަ ހިސާބުގައެވެ.
އެ ވަގުތުތަކަކީ ސާހިލްއާ ލަޔާލްގެ ހިތަށް ތަފާތު އިހުސާސްތަކެއް ކުރުވާ ވަގުތުތަކެކެވެ. ބޭނުން ނުވިޔަސް ކުރީގެ ހަނދާންތައް ލަޔާލްގެ ހިތަށް ތަދު ކުރުވާ ވަގުތުތަކެކެވެ. ދެ މީހުން ދުރުވާން ޖެހުނު ގޮތުގެ އިތުރުން އެކުގައި ހޭދަ ކުރެވުނު އުފާވެރި ވަގުތުތަކުގެ ހަނދާންވެސް ލަޔާލްގެ ހިތާ ކުޅެމުން ދެއެވެ.
ހަމަ އެހެން ސާހިލްގެ ހިތުގައިވެސް އެ ހަނދާންތައް ވިއެވެ. ލަޔާލްގެ މާފަށް އެދި އާދޭސް ކުރުމަށް ހިތް ގޮވަމުން ދިޔަ ނަމަވެސް އެ އާދޭހަށް ބީރު ކަންފަތެއް ދެނީ ލަޔާލްގެ މާފު ސާހިލްއަށް ހައްގު ނޫން ކަން އަމިއްލަ ހިތަށް ހަނދާން ކޮށްދެމުންނެވެ. އެހެން ނަމަވެސް ސާހިލްގެ ހިތާ ނަފްސު އެކީ ލަޔާލްއަށް އެދޭ އެދުން ހިތުގައިވި ނުފިލާ ރިހުމަކަށް ވިއެވެ.
ނާފިޒްއާ ނަސްމާ މަދުވެގެން ހަފްތާއަކު ދެ ފަހަރު އައިސް ކިޔާންއާ އެކު ވަގުތު ހޭދަ ކުރެއެވެ. މާހިރާއާ އިރުފާންވެސް ކޮންމެ ދެތިން ދުވަހަކުން އާދެއެވެ. ކިޔާން އެންމެ ލޯބިވާ މާމައަކީ މާހިރާއެވެ. އަދި އެންމެ ލޯބިވާ ކާފައަކީ މުހައިމިންއެވެ.
ކުރިއެކޭ އެއްފަދައިން ލީޝާގެ އާއިލާއަށްވެސް ލަޔާލް ވަގުތު ދެއެވެ. އެކަނި ވީ ވަގުތު ލަޔާލްއަށް އެހީވެދިން ލީޝާއާ ލީޝާގެ އާއިލާ މަތިން ލަޔާލް ހަނދާނެއް ނުނެތެއެވެ. ލަޔާލްއަށް ކަންތައް ވީ ގޮތް އެނގުމުން ލަޔާލްގެ އާއިލާވެސް ލީޝާމެންނާ ގާތް ގުޅުމެއް ބޭއްވުމަށް މަސައްކަތް ކުރާކަން ލަޔާލްއަށް އެނގެއެވެ.
އެ ދުވަސްކޮޅު އާޔާވެސް ގިނަ ވަގުތު ހޭދަ ކުރަނީ ކިޔާންއާ އެކުއެވެ. އޮފީހުން ޗުއްޓީ ނަގައިގެން އައިސް ކޮންމެ ދުވަހަކު ލަޔާލް އޮފީހުގައި ވާ ވަގުތު ކިޔާން ބަލަން އާޔާ އަންނަނީ އަމިއްލައަށް ބޭނުން ވެގެންނެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މުޅި އާއިލާއިން ކިޔާން އެންމެ ލޯބިވާ މީހަކީ އާޔާއަށް ވިއެވެ.
ލަޔާލް ހީކުރީ އާޔާވެސް މަސައްކަތް ކުރަން ބޭނުން ވާނީ އޯޝަންލައިންގައި ކަމުގައެވެ. ނަމަވެސް އާކިޓެކްޗަރ އިން ޑިގްރީއެއް ނެގުމަށް ފަހު އެއް އަހަރު އޮސްޓްރޭލިއާގައި ހޭދަ ކުރީ އިންޓީރިއަރ ޑިޒައިން އާ ބެހޭ އެކިއެކި ކޯސްތައް ހެދުމުގައެވެ. އެއަށް ފަހު ރާއްޖެއަށް އައިސް މަސައްކަތް ކުރަން ފެށީ އާޔާގެ އެކުވެރިއެއްގެ އާއިލާއިން ހިންގާ ކުންފުންޏެއްގައެވެ. ރާއްޖޭގެ އެކި ހިސާބުން އާޔާގެ މަސައްކަތް ފެންނަމުން ދެއެވެ. ފުރަތަމަ ކުދި ކުދި އިމާރާތްތަކުން ފެށި ނަމަވެސް ފަހަކަށް އައިސް ރިޒޯޓްތަކާ ހޮޓެލްތަކުންވެސް އާޔާގެ ޑިޒައިންތައް ފެންނަމުން ދެއެވެ.
އާޔާ ކައިވެނި ކުރަން އުޅޭ ވާހަކަ ލަޔާލް ގާތު ބުނީ އާޔާ އަމިއްލައަށެވެ. އާއިލާގެ އެހެން މީހުންނަށް ވުރެ ކުރިން ލަޔާލް ގާތު ބުނެފައި އާޔާ އެދުނީ އެ ވާހަކަ ނާފިޒްއާ ހަމައަށް ގެންގޮސްދިނުމަށެވެ.
“ކާކު އެއީ؟ ކޮން ނަމެއް ކިޔަނީ؟ ކޮން އިރަކު ދިމާވީ؟” އެއް ދުވަހު ހަވީރު ސައި ބޯން ތިބެފައި އާޔާ އެ ވާހަކަ ބުނުމުން ލަޔާލް ފޯރިއާ އެކު ސުވާލު ކުރިއެވެ. އޭރު ކިޔާން ވީ ސާހިލްއާ އެކު މާހިރާމެން ގޭގައެވެ.
ރިޝްވާންއަކީ އާޔާ މަސައްކަތް ކުރާ ކޮމްޕެނީގެ އެއް ޕާޓްނަރއެވެ. “ކޮރަލް ސްޓުޑިއޯ” އަކީ ރިޝްވާންއާ ރިޝްވާންގެ ބޮޑުބޭބެގެ ދަރިފުޅު އާދިންއާ އެ ދެ މީހުންގެ އެކުވެރި ލުޖައިން އެކުގައި އުފެއްދި ކުންފުންޏެކެވެ. އާޔާއަކީ އެ ކޮމްޕެނީގައި މަސައްކަތް ކުރާ އެގާރަ މުއައްޒަފުންގެ ތެރެއިން އެކަކެވެ. އާޔާއާ ރިޝްވާން ދިމާވީ އޮސްޓްރޭލިއާ އިންނެވެ. އެ ދެ މީހުންގެ ގުޅުން އެ ހިސާބުން ފެށުނު ނަމަވެސް މާލެއަށް އައިސް ކޮރަލް ސްޓޫޑިއޯ އިން ވަޒީފާ ލިބުނު އިރު އެއީ ރިޝްވާންއާ ގުޅުމެއް އޮތް ތަނެއް ކަމެއް އާޔާއަކަށް ނޭނގެއެވެ. އެ ކޮމްޕެނީގައި އޮތް ވަޒީފާއަކަށް އެދި ލިޔުންތައް ހުށަހަޅާ، އިންޓަވިއުއަށް ގޮސް އާޔާއަށް ވަޒީފާ ލިބުނު އިރުވެސް ރިޝްވާން ހުރީ އޮސްޓްރޭލިއާގައެވެ. އޭރު ކޮމްޕެނީގެ ހުރިހާ ކަމަކާ ހަވާލު ވެގެން ތިބީ އާދިންއާ ލުޖައިންއެވެ.
އާޔާގެ ވިސްނުން ފުރަތަމަ ހުރީ އޯޝަންލައިންއާ ގުޅޭށެވެ. އެ ފަހަރު އައިސް އެހެން އޮފީހަކުން ވަޒީފާއަކަށް އެދުނު ނަމަވެސް ކާމިޔާބު ވާނެ ކަމަކަށް އާޔާ ހިއެއް ނުކުރެއެވެ. ކޮރަލް ސްޓޫޑިއޯއަކީ އޭރު އަދި ވަރަށް އާ ތަނަކަށް ވީތީ އެއީ މާ ގިނަ މީހުންނަށް އެނގޭ ނަމެއްވެސް ނޫނެވެ. އެއީ ރިޝްވާންގެ އަމިއްލަ ކޮމްޕެނީއެއް ކަން އާޔާއަށް އެނގުނީ އެ ތަނުގައި މަސައްކަތް ކުރާތާ ހަ މަސް ވީ ފަހުން އޮފީސް ތެރެއިން ރިޝްވާން ފެނުމުންނެވެ. އާޔާ މަސައްކަތް ކުރަނީ ކޮރަލް ސްޓޫޑިއޯގައި ކަން ރިޝްވާންއަށްވެސް އެނގުނީ އެ ދުވަހުއެވެ.
އޮސްޓްރޭލިއާގައި އެކުގައި ހަތްމަސް ހޭދަވި އިރު ދެ މީހުން ވަނީ ކައިވެނީގެ ވާހަކަ ދައްކާފައެވެ. މާލެއަށް އައިސް ރިޝްވާން ފުރަތަމަ މަސައްކަތް ކުރީ ކޮރަލް ސްޓޫޑިއޯއަކީ ރާއްޖޭގައި ނަން ހިނގާ ތަނަކަށް ހެދުމަށެވެ. އެކަން ކާމިޔާބު ވުމުން ދެ މީހުންވެސް ދެން އެންމެ ބޭނުންވީ ވީހާވެސް އަވަހަށް ކައިވެނި ކުރާށެވެ.
މަންމަ ގާތު އެ ވާހަކަ ބުނަން ވިސްނައިގެން ހުއްޓާ ލަޔާލް އެނބުރި އައުމުން އެއީ ކައިވެނީގެ ވާހަކަ ދައްކަން އެންމެ ރަނގަޅު ވަގުތު ނޫން ކަން ވިސްނި އާޔާ މަޑުކޮށްލީއެވެ. އޭރު ލަޔާލްއާ ސާހިލްގެ ވާހަކަ އާޔާ ވަނީ ރިޝްވާންއަށް ކިޔާދީފައެވެ. އެހެން ކަމުން ދުވަސްކޮޅަކަށް ކައިވެނީގެ ވާހަކަ ފަސްކޮށްލުމާ މެދު ރިޝްވާން ދެކޮޅެއް ނުހަދައެވެ.
ސާހިލްއާ ލަޔާލްގެ ކަންތައް ވަކި ގޮތަކަށް ނުނިމުނު ނަމަވެސް އެ ކަންތައް ހަމައަކަށް އެޅިފައި ވުމުން އާޔާ ދެން އިތުރަށް ލަސް ކުރާކަށް ބޭނުމެއް ނުވިއެވެ. އެހެން ކަމުން ހުރިހާ ވާހަކައެއް ލަޔާލްއަށް ކިޔާދިނުމަށް ފަހު އާޔާގެ އެދުން ހާމަ ކުރިއެވެ.
“ދޮންތަ ބުނާނަން ދޯ؟” އާޔާ އަހާލިއެވެ.
“ބައްޕަ ކައިރީ ބުނާކަށް ނުކެރޭނެ، އެކަމަކު ބޮޑުއްތަ ކައިރީ ބުނާނަން ބައްޕައާ ވާހަކަ ދައްކަން، އޯކޭނު؟” އާޔާ ގައިގައި ބައްދާލަމުން ލަޔާލް ބުންޏެވެ.
އިރު އޮއްސުމުގެ ކުރިން ކިޔާން ގޮވައިގެން ސާހިލް އައި އިރު މާހިރާއާ އިރުފާންވެސް އައެވެ. އެ ދުވަހު ގޭގައި ތައްޔާރު ކުރި މަސްބަތާ ތެލުލި ރިހާކުރަކީ ލަޔާލްއަށް ކަމުދާ ކެއުމެއް ކަން އެނގޭތީ މާހިރާ އައީ ލަޔާލްއަށް ކާއެއްޗެހި ހިފައިގެންނެވެ.
ހަތެއް ޖެހުމުން ކިޔާން ގޮވައިގެން އާޔާ ކޮޓަރިއަށް ވަނެވެ. ސާހިލްއާ އިރުފާން މިސްކިތަށް ދިޔުމުން ލަޔާލް ކޮފީ ގިރައިގެން އައިސް މާހިރާ ގާތު އިށީނެވެ.
“ބޮޑުއްތާ، ބައްޕަ ކައިރީ ވާހަކައެއް ބުނެދެވިދާނެތަ؟” ލަޔާލް ބުންޏެވެ.
“ކޮން ވާހަކައެއް؟” ލަޔާލްއާ ދިމާއަށް އެނބުރިލަމުން މާހިރާ އަހާލިއެވެ.
“އެއީ އާޔާ މެރީ ކުރަން ބޭނުން ވާތީ..” އެ ވަގުތަށް ކޮންމެހެން ބޭނުން ވާނެ މައުލޫމާތު ލަޔާލް މާހިރާއަށް ކިޔާދިނެވެ.
“އެންމެ ކުޑަ މީހާވެސް މީހަކާ އިންނަންވީ ދޯ؟ އާނ، ބައްޕަ ކައިރީ ބޮޑުއްތަ ބުނާނަން” ހިނި އައިސްފައި އިނދެ މާހިރާ އެއްބަސްވިއެވެ.
އިރުކޮޅަކު އެކި ވާހަކައިގައި ދެ މީހުން ތިއްބެވެ.
“ލަޔާ، ދަރިފުޅާ ސާހިލް ދެން ކިހިނެއް ހަދަން ވިސްނަނީ؟” އާޔާގެ ވާހަކަ ދައްކަމުން ގޮސް މާހިރާ އަހާލިއެވެ.
ލަޔާލް އެއްޗެއް ނުބުނެ އިސްޖަހާލިއެވެ. ކޮންމެވެސް ދުވަހަކުން މާހިރާ އެ ވާހަކަ ދައްކާނެ ކަން ލަޔާލްއަށް މާ ކުރިންވެސް އެނގެއެވެ. އެއީ ލަޔާލް އެއްގޮތަކަށްވެސް ވިސްނަން ބޭނުންވާ މިސްރާބެއް ނޫނެވެ. އަމިއްލަ މުސްތަގްބަލާ މެދު ވިސްނުމަށް ވަގުތު ބޭކާރު ކުރުމަށް ވުރެ ލަޔާލްއަށް މުހިންމީ ކިޔާންގެ އުފަލާމެދު ވިސްނުމެވެ.
“ދެ ކުދިން ދެން ތިހެން ތިބެނީތަ؟” މާހިރާ އަހާލިއެވެ.
ލަޔާލް ޖަވާބެއް ނުދީ އިނީއެވެ.
“ދެ ކުދިން ދުރުގަ ތިއްބަސް ތީ އަދިވެސް ދެމަފިރިން. ސާހިލް އެހެން ކައިވެންޏަކާ މެދު ވިސްނާކަށްވެސް ބޭނުމެއް ނުވޭ، ލަޔާ ވަރިވާކަށް ބޭނުމެއް ނުވޭ. އޭރު ކަންތައް ވީ ގޮތް ހަނދާން ނައްތާލުމަކީ ފަސޭހަ ކަމެއް ނޫން ކަން ބޮޑުއްތައަށް އެނގޭ. ދަރިފުޅުމެން ދެ ކުދިންވެސް އަލުން ވިސްނާލަން ވީނު؟ އެގާރަ އަހަރު ވީ އިރު ސާހިލްއާ ލަޔާ ވަކި ނުވެ ތި ތިބީ އަދިވެސް ލޯބި ވާތީކަން ބޮޑުއްތައަށް އެނގޭ” ލަޔާލްގެ ބޮލުގައި ފިރުމާލަމުން މާހިރާ ވާހަކަ ދެއްކިއެވެ.
“ބޮޑުއްތާ ޕްލީޒް.. ތި ވާހަކަ ނުދައްކާ” ލަޔާލް މަޑުމަޑުން ބުންޏެވެ.
“އުމުރުގެ ވަކި ހިސާބަކަށް ދާ އިރު އެކުގަ ބައިވެރިއަކު ހުރުމަކީ ވަރަށް ބޮޑު ނަސީބެއް. ލަޔާއާ ސާހިލްއަކީ ހަމަ ބޮޑުއްތަގެ އަމިއްލަ ދަރިން ފަދަ ދެ ކުދިން. ތި ދެ ކުދިން ހަމަޖެހިގެން އުޅޭ ތަން ދުށުމަކީ ބޮޑުއްތައަށް މި ދުނިޔެއިން ލިބޭނެ އެންމެ ބޮޑު އުފާ. ލަޔާލް، ދަރިފުޅު ވިސްނައްޗޭ..” މާހިރާ އެދެނީ ކޮން ކަމެއް ކަން ލަޔާލްއަށް ބުނެދިނެވެ.
“ވީ ހުރިހާ ކަމަކަށް ފަހު، މިހާ ދުވަސް ފަހުން އަހަންނާ ސާހިލްއަށް އެކީ އުޅެވިދާނެ ހެން ބޮޑުއްތައަށް ހީވޭތަ؟ އަހަންނަކީ ދުވަހަކުވެސް އަހަރެން ހިތް އެދޭ ލޯބި ލިބުނު މީހެއް ނޫން. މިހާ ތަނަށްވެސް އެކަން ވެފައެއް ނެތް. ދެން ވަކި އެހެން ވެދާނެތަ؟ ސާހިލް އަހަންނާ އެކީ އުޅޭކަށް ބޭނުމެއް ނުވާނެ. މި ހުރިހާ ދުވަހު އަހަރެން ވަރިނުކޮށް ހުރީ އަހަރެންގެ އުނދަގުލެއް ނުވާތީ. ހީކުރި ގޮތަށް ކަންތައް ނުވީމަ މިހާރު އެ ހުންނަނީ ވަރިކުރަން ނުކެރިފަ. އެއްވެސް މީހަކު އަހަރެންގެ ދިރިއުޅުމަށް ގެންނާކަށް އަހަރެން ބޭނުމެއް ނޫން. އަހަރެންގެ ހުރިހާ ވަގުތެއް ދޭން ބޭނުން ވަނީ ކިޔާންއަށް” ލަޔާލް ބުންޏެވެ.
“އެކަމަކު—” މާހިރާ ދެންވެސް ވާހަކަ ދައްކަން އުޅުނެވެ. ނަމަވެސް އެ ވަގުތު ބެލް ޖަހާލި އަޑު އިވުމުން ޖެހުނީ ހުއްޓާލާށެވެ.
ލަޔާލް ތެދުވެގެން ގޮސް ދޮރު ހުޅުވާލިއެވެ.
“ބޭބެ، ކޮފީއެއް ގެނެސްދެންތަ؟” އިރުފާންއާ ސާހިލް އެތެރެއަށް ވަނުމުން ލަޔާލް އިރުފާންއަށް ގޮވާލަމުން އެހިއެވެ.
“ނޫނޭ، ދެން ގެއަށް ގޮސް ކާނީނު؟ މާހިރާ، ދަމާ؟” ލަޔާލްއަށް ބަލާލާފައި ހީލަމުން އިރުފާން ބުންޏެވެ.
މާހިރާ ބޯ ޖަހާލަމުން ތެދުވިއެވެ.
“ކިޔާން ނިދީތަ؟” މާހިރާމެން ދިޔުމުން ސާހިލް އިށީނދެފައި އެހިއެވެ.
“ހްމްމް.. ސާހިލްއާ ދިމާއަށް ބަލާލުމެއް ނެތި ޖަވާބު ދެމުން ބަދިގެއަށް ވަދެފައި އިރުކޮޅަކުން ލަޔާލް އައިސް ކޮފީ ތައްޓެއް ސާހިލްގެ ކުރިމަތީ ބެހެއްޓިއެވެ.
އާޔާ ބޭރަށް ނިކުތީ އެ ވަގުތުއެވެ.
“ދޮންތާ، ބަލާ އައިއްސި، ދަނީ އިނގޭ” ފޯނުން ވާހަކަ ދައްކަމުން އައި އާޔާ އެހެން ބުނަމުން ލަޔާލް ގައިގައި ބައްދާލާފައި ނިކުތެވެ.
އެހެންޏާ ސާހިލް އައިސް އުޅޭ ވަގުތުގައި އެ ދެމެދުގައި ނުވާ ފަދަ ހިމޭން ކަމެއް އެރޭ ސާހިލްއާ ލަޔާލްގެ މެދުގައި ވިއެވެ. މާހިރާ ދެއްކި ވާހަކަ ލަޔާލްގެ ހިތަށް އުނދަގޫ ކުރަމުން ދިޔަ އިރު، ލަޔާލްގެ އާދަޔާ ޚިލާފް ހިމޭން ކަން ސާހިލްގެ ހިތަށް އުނދަގޫ ކުރަމުން ދިޔައެވެ. ސާހިލް އޭގެ ސަބަބު ނުހަނު ފަސޭހައިން ދެނެގަތެވެ.
“މަންމަ އެއްޗެއް ބުނީތަ؟” ދިހަ ވަރަކަށް މިނަޓް ވީ އިރުވެސް ލަޔާލް ބަހެއް ނުބުނާތީ ސާހިލް އަހާލިއެވެ.
“ކީއްވެ މީހަކާ ނީނދެ ތި ހުންނަނީ؟” ޖަވާބު ދިނުމުގެ ބަދަލުގައި ސާހިލްއަށް ބަލާލަމުން ލަޔާލްވެސް ސުވާލެއް ކޮށްލިއެވެ.
ސިހިގެން ދިޔަ ފަދައިން ސާހިލް ލަޔާލްގެ މޫނަށް ބަލާލިއެވެ. އެއާއެކު އަތުގައި ހުރި ކޮފީތަށި މޭޒުމަތީ ބަހައްޓާފައި ފުން ނޭވައެއް ދޫކޮށްލިއެވެ.
“އައި އޭމް އޯލްރެޑީ މެރިޑް” ސާހިލް ބުންޏެވެ.
“ބޮޑުއްތަ ބޭނުންވޭ ސާހިލް މީހަކާ އިނދެގެން ދިރިއުޅުމެއް ފަށަން” ލަޔާލް ބުންޏެވެ.
“އަހަރެންގެ އަނތްބަކު އެބަ ހުރި. ދެވަނަ ކައިވެންޏެއް ކުރާކަށް ނުވިސްނަން. އެކަން މަންމައަށް އެނގޭނެ. އަހަރެންގެ އަންހެނުންނަށްވެސް އެނގޭނެ” ސާހިލް ޖަވާބު ދިނެވެ.
“ނަމެއްގަ އަނތްބަކު ހުއްޓަކަސް ދިރިއުޅުމަކަށް ނުވާނެ. މިހާ ދުވަސް ވީ އިރު އެހެން މީހަކާ އިން ނަމަ ސާހިލްގެ އެހެން ދަރިންވެސް ތިބީހެއްނު؟ ބޭބެއާ ބޮޑުއްތަ އެދޭ ކަންތައް ފުރިހަމަ ވީހެއްނު؟” ލަޔާލް ބުންޏެވެ.
“ޕްލީޒް ލަޔާ..” އެއް އަތުން ނިތްކުރީގައި ފިރުމާލަމުން ސާހިލް ބުންޏެވެ.
“އަހަރެން ބުނެފިއްޔާ ސާހިލް.. ސާހިލް އަހަރެން ވަރި ކުރާނަންތަ؟” އިސް ޖަހައިގެން އިނދެ ލަޔާލް އަހާލިއެވެ.
ސާހިލް އެއްޗެއް ނުބުނެ ލަޔާލްއާ ދިމާއަށް ބަލަހައްޓައިގެން އިނެވެ.
ލަޔާލް އިސްއުފުލާލީ ސާހިލް ޖަވާބު ނުދީ ގިނަ އިރު ވާން ފެށުމުންނެވެ.
“ތީ ލަޔާލް ބޭނުން ވާ ގޮތް ކަމަށް ވަންޏާ ބުނޭ. އަހަރެންވެސް ބޭނުން ތިކަން އަހަންނަށް ވޭތޯ ބަލާލަން” ސާހިލް ބުންޏެވެ.
“ސާހިލް ބޭނުމިއްޔާ—” ލަޔާލް ބުނަން ފެށިއެވެ.
ނަމަވެސް ލަޔާލްއަށް ފުރިހަމަ ކުރާނެ ފުރުޞަތެއް ސާހިލް ނުދިނެވެ.
“އަހަރެން ބޭނުމެއް ނޫން ލަޔާލް ވަރި ކުރާކަށް. އެހެން މީހަކާ އިންނާކަށްވެސް ބޭނުމެއް ނޫން. ލަޔާލް އެހެން މީހަކާ އިންނަން ބޭނުމިއްޔާ ބުނޭ” ސާހިލް ބުންޏެވެ.
“ވަންސް ވޯޒް އިނަފް!” ދެފަރާތަށް ބޯ ހަލުވާލަމުން މަޑުމަޑުން ލަޔާލް ބުނެލިއެވެ.
“ލަޔާ.. އަހަރުމެން މެރީ ކުރީ ފެމިލީ އިން އެރޭންޖް ކޮށްގެން. އެއް އަހަރު ދުވަހު އެކީގަ އުޅުނު އިރު ހަގީގީ ކައިވެންޏެއް ގޮތުގަ އުޅެވުނީ ފަސް މަހެއްހާ ދުވަހު. އެހާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގަ ތިހެން ބުނަން އެނގޭނީ ކިހިނެއް؟” މަޑުމައިތިރި ކަމާއެކު ސާހިލް އަހާލިއެވެ.
“ލޯބިވާ މީހާއާ އިނދެގެން ކަންތައް ވީ ގޮތް އެއީ. އެއްވެސް މީހަކަށް ދެވަނަ ފަހަރަށް އަހަރެންގެ ދިރިއުޅުމުން އެ ވަރުގެ ބާރެއް ނުދެވޭނެ..” ސާހިލް ވާހަކަ ދެއްކިހާ މަޑުން ލަޔާލްވެސް ބުންޏެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.








When’s next…?
Tuesday
When is next part
އަޕްލޯޑް ކޮށްލައިފިން އިމްކޮ