ވިހަ ލޯބި 17
އެތާ ހުރީ ނިޔަލް ނޫން ދެވަނަ މީހެއް ނޫނެވެ. އޭނާގެ މުޅި ދިރިއުޅުން ބަރުބާދުކޮށްލައި ބޮޑު ނަރަކައަކަށް ހަދައިލި ނުލަފާ އިބިލީހެވެ. އޭނާގެ ކައިރީގައި ޕާޓޭ ވައްތަރު ޖަހާ ދެ މީހަކުވެސް ހުއްޓެވެ. ބަލާ ބެލުމަށް އެ އެންމެންވެސް ތިބީ ހަމަ ހެއަކު ނޫނެވެ. ދެން ވާން އުޅޭ ގޮތް އެނގުމާއިއެކު އޭނާގެ މުޅި ހަށިގަނޑު ފިނިވެގެން ދިޔައެވެ. ހިފަހައްޓައިގެންހުރި ކަރުނަތައް ބަންޑުންވެ، ރޮވެން ފެށިއެވެ.
“ޝްޝްޝް.. ނުރޮއެ، ކަނބުލޯ. އަހަރެން ބުނީމެއްނު؟ މަގޭ ގާތަކުން އަދި ސަލާމަތެއް ނުވާނެއޭ. ތި ތާޒާ މަލުގެ ފޮނިކޮޅު ބޮއެލުމަކުން ނޫނީ އަހަރެން ގެ މި ހިތެއް ނުފުރޭނެ.” އެ ވަގުތު ޒީކްއަށް ނިޔަލް ސިފަވީ ކަރުހިއްކައި ގަނެފައި ހުރި ނުބައި ނުލަފާ ވަލު ޖަނަވާރެއްގެ ސިފައިގައެވެ.
“ހަޅޭ ލަވައި ރުއިމަކުން އެއްވެސް ފައިދާއެއް ނުކުރާނެ. މި ހިސާބަކުން ރަށުތެރެއަކަށް އެއްވެސް އަޑެއް ނީވޭނެ.” ނިޔަލް އެހެން ބުނިއިރު އޭނާގެ ލޯ ހުއްޓިފައިވީ ޒީކް ލައިގެން ހުރި ޓީޝާޓަށެވެ.
އެއާއިއެކު އެ އެންމެން ހޭން ފެށިއެވެ. ޒީކްއަށް އިތުރަށް ރޮވުނީއެވެ. ހިތާއި ހިތުން މި ނުލަފާ މީހުންގެ ކިބައިން ސަލާމަތްކޮށްދިނުމަށް ހެއްދެވި ފަރާތަށް ދުޢާކުރަމުން ދިޔައެވެ.
ނިޔަލްމެން ޒީކްއާއި ކައިރިވަމުން ދިޔައެވެ. ޒީކް މަސައްކަތްކުރަމުން ދިޔައީ އެ ނުލަފާ މީހުންގެ އަތް ދަށުން ސަލާމަތްވުމަށެވެ. ބާރު ބާރަށް އަތުގައި ހުރިވަރެއް ލާފައި ޒީކް ދަމަމުން ދިޔައެވެ. ނަސީބު ދިމާކުރިގޮތުން އެންމެ ފަހު ވަގުތު ބާރަށް އަތް ދަމައިގަތުމާއިއެކު އަތް އައްސައިފައި އޮތްގޮފިގަނޑާއިއެކު ބިންދައިގެން ގޮސް ޒީކް ބިންމައްޗަށް ވެއްޓުނެވެ. ވެއްޓުނު ގޮތަކުން ބިންމަތީގައި ހުރި ގާތަކެއް އޭނާގެ ކަކުލަށް ހެރުނެވެ. އެއާއިއެކު މަޑު ‘އާހް’ އެއް އޭނާގެ އަނގައިން ނިކުތެވެ.
އަވަހަށް ތެދުވަން އުޅުނު ވަގުތު ނިޔަލް ޒީކްގެ އިސްތަށިގަނޑުގައި ހިފައި އޭނާ އާއި ދިމާލަށް ދަމައިގަތެވެ. ބޮލަށް އެރި ތޫނު ދަދާއިއެކު އޭނާއަށް އަނެއްކާވެސް ރޮއެގަނެވުނެވެ. އަނެއް ދެމީހުން އައިސް ހިފެހެއްޓީ ޒީކްގެ ހަތަރެސްފައިގައެވެ. ނުލަފާ ހިނިތުންވުމަކާއިއެކު ޒީކްއަށް ބަލަން ނިޔަލް ހުރުމަށްފަހު މެދުން ކުއްލިއަކަށް ޒީކްގެ ޓީޝާޓު ވީދައިލިއެވެ. ޒީކްގެ ރުއިން ގަދަވެގެން ދިޔައެވެ. ބޮލަށް އެނބުރުން އަރައިގެން ދިޔައެވެ. އަދިވެސް އޭނާ ދިޔައީ ސަލާމަތްވުމަށް ރޯ މަހެއްހެން ތެޅެމުންނެވެ. ހެމުން ދެން ނިޔަލް އަތް ގެންދިޔައީ ޒީކް ލައިގެން ހުރި ޖިންސާއި ދިމާލަށެވެ. ރުއިން ބާރުވުމާއިއެކު ޒީކް ލޯ މެރީ އެއީ ބަލަން ކެތްވާ ވަރުގެ މަންޒަރަކަށް ނުވާނެކަން އެނގޭތީއެވެ.
“ހުއްޓާލާ! ދެން އެންމެ ފަހަރަކު ޒީކްގެ ގައިގައި އަތް ލިޔަސް ކަލޭގެ ދުވަސް ދުއްވައިލާނަން!” ކުއްލިއަކަށް އިވުނު ރުޅިގަދަ ހަޅޭކެއް އެ އެންމެންގެ ސަމާލުކަން ދަމައިގަތެވެ.
އެ މީހުންނާއި ދާދި ކައިރީގައި ވާރެ އާއި ތެމި ފޯވެ، މާނޭވައިލަން ހުރީ ނުހައިން ނޫން ދެވަނަ މީހެއް ނޫނެވެ. ޒީކްވެސް ސިހިފައި ދެލޯ ހުޅުވައިލައިފިއެވެ. ނުހައިކް ފެނުމުން މިފަހަރުވެސް އެ ހިތަށް ލިބުނީ ހިތްހަމަޖެހުމެކެވެ. ހޫނު ކަރުނަތައް އަނެއްކާވެސް ޒީކްގެ ކޯތާފަތް މައްޗަށް ބަންޑުންވާން ނެގީ މަދު ސިކުންތުކޮޅެކެވެ.
ނިޔަލްއަށް ހީވީ ބޮޑު ބިރެއް ފެނުނު ހެންނެވެ. ނުހައިކްގެ ފަހަތުން އެހެން މީހަކު ނުނިކުތުމުން އޭނާ ޖަހައިލީ ބާރު ހިނިގަނޑެކެވެ.
“ކަލޭ! އަހަންނަށް މަކަރު ހެދީ ކީތްވެ؟ ޒީކް އޭ ކިޔައިގެން މަގޭ ގާތުގައި ދޮގު ވާހަކަތައް ދެއްކީ ކީތްވެ؟ ތީ ތަ އަހަރެންގެ ދޮންބެއަކީ؟” އެ ހުރިހާ ސުވާލެއް ރުޅިވެރިކަމާއިއެކު ބަންޑުންކޮށްލި ނުހައިކްގެ ހިތުގައި ވީ ޝަކުވާ ޒީކްއަށް ސިއްރެއް ނުވިއެވެ.
“މަށެއްނު މި ގޯސް ވީ؟ ބަލަ، މަ މީ ކަލޭގެ ބޭބެ އޭ!” ނިޔަލް ތެދުވެ، ނުހައިކްއަށް ބަލައިލިއިރު އެ ދެލޮލުގައި ވީ ރުޅިވެރިކަމެވެ.
“ކީތްވެ؟” ނުހައިކް ވައި އަޑުން އަހައިލިއިރު އޭނާގެ ނަޒަރުވަނީ ޒީކްއަށް ހުއްޓިފައެވެ.
ޒީކްގެ ހަތަރެސްފައިގައި އަދިވެސް އެ ޕާޓޭ ދެ މީހުން ހިފަހައްޓައިގެން ހުއްޓެވެ. ޒީކްގެ މޫނު މަތީގައިވި ކަރުނަތައް ފެނުމާއިއެކު ނުހައިކްގެ އެތެރެ ހަށިގަނޑުގައި އަލިފާން ރޯވި ކަހަލައެވެ. ގަދަކަމުން އިރައިލައިފައި އޮތް ޓީޝާޓު ފެނުމާއިއެކު ނުހައިކްގެ ކަތުރުކަށިގަނޑު ވާންވެގެން ދިޔައެވެ. ވަގުތުން އަނެއް ފަރާތަށް މޫނު އަނބުރައިލެވުނެވެ.
“ކީއްވެ ހެއްޔޭ؟ މަގޭ ދިރިއުޅުން ކަލޭ ފޭރިގަތީ. ކަލޭ ލިބުނު ފަހުން މަންމަ އާއި ބައްޕަވެސް ބޮޑަށް އިސްކަންދޭން ފެށީ ކަލެއަށް. އަހަންނެކޭ ގޭގަ ނެތް މީހެކޭ އެއްފަދަ. ގޭ މީހުން ގާތުގައިވެސް މާތްވީ ކަލޭ. ނުވިތާކަށް އަހަންނަށް ކިޔަވާ ނުދީ ފޮނުވީ ރިސޯޓަށް. އެކަމަކު ކަލޭ،.. ކަލޭ މާލެ ފޮނުވި.” ނިޔަލްގެ ވާހަކަތަކުން ނުހައިކްއަށް ލިބުނީ ސިހުމެކެވެ.
“އާނ! އަހަރެން ބޭނުމީ ކަލޭގެ މުޅި ދިރިއުޅުން ބަރުބާދުކޮށްލަން. އެ މަންޖެ ބޭނުން ކުރީ އެހެންވެ. އަމިއްލައަށް ނެޓުން ފޮޓޯޝޮޕްކޮށްގެން އޭނާގެ އޮރިޔާން ފޮޓޯތައް ހަދާ ލީކް ކޮށްލީ އަހަރެން. އޭނާގެ ގަޔަށް އެރީ އަހަރެން. އާނ، ހުރިހާ ކަމެއް ކުރީ އަހަރެން. އޭނާ މަރައިލައިގެން ކަމަކު އަހަރެން ކަލޭގެ މުޅި ދިރިއުޅުން ނަރަކައަކަށް ހަދައިލާނަން.” ނިޔަލް އެ ހުރިހާ އެއްޗެއް ކީއިރު އޭނާ ހުރީ ހަމަހެޔަކު ނޫންހެން ހީވިއެވެ.
ނުހައިކް ހުރީ ބަސްހުއްޓިފައެވެ. ވީ ދެރަ އާއި އެއްވަރަށް އޭނާގެ ގާތަށް ރުޅިވެސް އައެވެ. އެ ހުރިހާ ވާހަކައެއް އަޑު އަހަން އޮތް ޒީކްގެ ހިތް ނެގިނެގިފައި ޖެހެމުން ދިޔައިރު އޭނާވެސް ވަނީ ހަމަ އެހާ ހައިރާންވެފައެވެ.
“އޭނާ އާއި ނުބެހި މަށާ ތި ކުރާ ކަމެއް ކޮށްބަލަ. ކުށެއް ނެތް އަންހެން ކުއްޖެއް މި ދޭތެރެއަށް ވައްދައިގެން ވަނީ ކޮން ފައިދާއެއްތަ؟” ނުހައިކް ކުރިއަށް ފިޔަވަޅެއް އަޅައިލިއެވެ.
“ދެން އެންމެ ފިޔަވަޅެއްވެސް ކުރިއަށް އަޅައިގެން ނުވާނެ!” ނިޔަލް ކުއްލިއަކަށް ބިންމަތީގައި އޮތް ވަޅިއެއް ނެގިއެވެ.
ޒީކްއަށް ދެލޯ ބޮޑުކޮށްލެވުނެވެ. ނުހައިކް ހުރިތަނުގައި ގަނޑުވިއެވެ. ޒީކް އަނެއްކާވެސް މަސައްކަތްކުރަން ފެށީ އެމީހުންގެ އަތުން ދޫވޭތޯއެވެ. އައި ރުޅީގައި ކުއްލިއަކަށް އެތަނުން އެކަކުގެ ގޮއް މުށުގެ ހޫނު ހަމަލާއެއް ޒީކްގެ ކޯތާފަތް މައްޗަށް އެރިއެވެ. އަނެއްކާވެސް ރޮއެގަތުމާއިއެކު ތުންފަތް ފަޅައިގެން ދިޔަ ތަނުން ހޯސްލައިފައި ލޭ އަންނަން ފެށިއެވެ. ނުހައިކްގެ ލޭ ކެކިގެން ދިޔައެވެ.
ބާރު ހިނިގަނޑެއް ޖަހައިލުމަށްފަހު ނުހައިކް ޒީކްގެ ގާތުގައި ގޮސް އިށީނެވެ. އަޑުމަޑުން އިރިފައި އޮތް ޓީޝާޓުގައި އަތްލިއެވެ. ކުއްލިއަކަށް ނުހައިކް ކުރިއަށް އަންނަން ފެށުމާއިއެކު ޒީކްގެ މެޔަށް ވަޅި މަޑުމަޑުން ހަރަން ދިމާކޮށްލިއެވެ. އެއަށްވުރެ ކުރިން ނިޔަލްގެ އަތުގައި ހިފެހެއްޓީ ބާރުގަދަ އަތެކެވެ.
ހަޅޭލަވައިގަންނަން ފަހަތް ބަލައިލުމާއިއެކު ފުލުސް ޔުނީފޯމްގައިހުރި މީހާ ފެނުނެވެ. ވަގުތުން އޭނާގެ މޫނު މަތީގެ ކުލަވަރު އޮއްސުނެވެ. ފުލުހުން އެ އެންމެން ވަށައިލަން މާކަ ގިނައިރުތަކެއް ނުނެގިއެވެ.
ނިޔަލް އާއިއެކު ޕާޓޭ ދެމީހުންވެސް ހައްޔަރުކުރެވުނެވެ. ޒީކް އެމަޖަންސީކޮށް ގެންދެވުނީ އެ ރަށު ހަސްފަތާލަށެވެ. އެއިރު ޒީކްގެ ހެޔެއްވެސް ނެތެވެ. ނަސީބު ރަނގަޅުކުރިގޮތުން ނިއްކުރިއާއި ތުންފަތް ފިޔަވައި އެހެން ތާކަށް މާކަ ބޮޑު އަނިޔާއެއް ލިބިފައެއް ނެތެވެ. ވަގުތުން ޒީކް އެޑްމިޓްކުރެވުނީއެވެ. ޔާނިއު އާއި އުޝާންގެ މޫނު މަތިން ރުޅިވެރިކަމާއި ހާސްކަން ވީއިރު، މަލްކާ އާއި އަލްޔާއަށް ތިބީ ރޮވިފައެވެ. ނުހައިކްވެސް މާޔޫސްވެފައި ދިޔައީ އޭނާގެ މަންމަގެ ހާލެއް ބެލުމަށެވެ.
އަނެއް ދުވަހުގެ އިރު އަރައިގެން އައިއިރު މުޅި ރަށަށް އޮތީ އެ ޚަބަރު ފެތުރިފައެވެ. ޒީކް އާއި މެދު ކުށްހީ ކުރެވުނު އެތަކެއް މީހުންނެއް ހާސްވެފައި ރަށުގައި އެ ވާހަކަ ދައްކަމުން ދިޔައެވެ.
މަޑުމަޑުން ދެލޯ ހުޅުވައިލި ޒީކްގެ ބޮލުގައި ވީ ރިހުމެއް އުފެދިފައެވެ. ވަށައިގެން ބަލައިލިއިރު ފުރަތަމަވެސް އޭނާގެ ލޮލުގައި އަޅައިގަތީ ރޮއެ ރޮއެ ދެލޯ ރަތްވެފައި ތިބި މަލްކާ އާއި އަލްޔާއެވެ. ޒީކްގެ ދެލޯ ހުޅުވައިލިތަން ފެނުމާއިއެކު އެދެ ޒުވާނުން އައިސް ޒީކްގެ ގައިގައި ބައްދައިލިއެވެ.
“ޒީ، ހައު އާރ ޔޫ މިހާރު؟ އޯކޭ ތަ؟” ދުރުވެލަމުން ޒީކްގެ ބޮލުގައި އަތްކާއްތައިލުމަށްފަހު މަލްކާ އަހައިލިއެވެ.
ބޯ ޖަހައިލިއިރު ޒީކްއަށް އަނެއްކާވެސް ރޮވެން ފެށިއެވެ. އެ ވަގުތުވީ އުޝާން އާއި ޔާނިއު ހެނދުނުގެ ނާސްތާ ހިފައިގެން ވޯޑަށް ވަތް ވަގުތަށެވެ. ޒީކް ލޯ ހުޅުވައިގެން އިންތަން ފެނުމާއިއެކު ދުވަމުން ކަހަލަ ގޮތަކަށް އެ ދެ ޒުވާނުން ޒީކްގެ ގާތަށް އައެވެ.
“ދެން ނުރޮއެ، ދެން އެ މީހުންގެ އުނދަގުލެއް އިރާދަކުރެއްވިއްޔާ ޒީއަކަށް ނުޖެހޭނެ. އެ މީހުންވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފަ. އެއީ އެކަހަލަ މީހެއްކަން އެނގުނު ނަމަ ހަމަހިލާ ގެއަށް ނުވެއްދީސް. ހާދަ ގޮތެއް ފޮތެއް ނެތް މީހާގަނޑެކޭ.” ޒީކް ރޮމުން ދިޔައިރު އަލްޔާ މަސައްކަތްކުރަމުން ދިޔައީ ޒީކް ހުއްޓުވޭތޯއެވެ.
“ތެދެއް. އަހަރެން ހުއްޓަކާ ދެން ހަމަހިލާ ޒީ އަކާ ކައިރިވިޔަކަ ނުދޭނަން. އެއީ ކޮންމެ މީހަކަސް ހެޔޮ.” އުޝާން ދެލޯ އަޅައިލަމުން ބުންޏެވެ.
އެތައް އެއްޗެއް ކިޔައިގެން ޒީކް ރުއިން ހުއްޓިއެވެ. ކާން ގެނައި ސޭންޑްވިޗްވެސް ކާންދެވުނީ އެތައް އާދޭހެއް ކޮށްގެންނެވެ. މި ހުރިހާ މަންޒަރެއް ބަލަން ކުޑަދޮރު ކައިރީގައި ހުރި ނުހައިކްއެއް ހަމަ އެކަކަށް ނުފެނެއެވެ. ފުން ހިތާމައާއިއެކު ބަލަހައްޓައިގެން އެތައް އިރަކު ނުހައިކް ހުއްޓެވެ. އޭނާ ސިހުނީ ކުއްލިއަކަށް ޒީކްގެ ނަޒަރު އެ ދިމާއަށް ސީދާވުމުންނެވެ. ރޮއެ ރޮއެ ރަތްވެފައިވާ އެ ދެލޯ އޭނާގެ ދެލޮލާއި ސީދާވުމާއިއެކު އޭނާގެ ހިތުގައި ރިއްސައިލިއެވެ. އިސްއޮއްބައިލަމުން ހިތާއި ދެކޮޅަށް އޭނާ އެތަނުން އަވަހަށް ދިޔައެވެ.
ކުޑަދޮރު ކައިރީގައި ހުރެފައި ދިޔަ ނުހައިކް ފެނުމުން ހައިރާންވުމާއި އެއްވަރަށް ހިތަށް ހިތްހަމަޖެހުންވެސް ލިބުނެވެ. އެދެލޮލުގެ ތެރެއަށް ޣަރަގުވެގެން ދިޔަ ވަގުތު އެ ދެލޮލުގައި ވި ގަދަ ރިހުން އޭނާގެ ހިތުގެ އެންމެ ފުންމިނަށް އަސަރުކޮށްފިއެވެ. އޭނާގެ ސިކުނޑި މިހާރު ހަމަޖެހެން ފަށައިފައިވީ އިރު ނުހައިކް އާއި މެދު އޭނާއަށް ވިސްނެން ފެށިއެވެ. ޚިޔާލެއްގައި ހުރެފައި އެންމެ ފަހުން އޭނާ ގާތުގައި ހުރި ޔާނިއުއަށް ބަލައިލިއެވެ. އެއިރު އެންމެންވެސް އުޅުނީ ނާސްތާ ނެގުމުގައެވެ.
“ކޮބާ ނުހައިކް؟” އެންމެ ފުރަތަމަވެސް ވާހަކަދައްކަން ފަށައިގެން އެހި ސުވާލާއިއެކު ޔާނިއު ކޮށިއަރައިގަތެވެ.
“ނާއިމައްތަ ގާތުގަ ވީ. ކިހިނެތް ވީ؟” ޔާނިއު ވިސްނަމުން ބުނެލިއެވެ.
އެންމެން ވެސް ބަލަމުން ދިޔައީ ޒީކްއަށެވެ. އެންމެންގެ އެ ބެލުންތަކުގެ ސަބަބުން ޒީކް ލަދުގަންނަ ގޮތްވިއެވެ. ބުނަންވީ ކީކޭކަމެއް ނޭނގުނެވެ.
“އެ.. އަރގ.. ހަމަ އަހާލީ.” ދޫ އޮޅެމުން ކަހަލަ ގޮތަކަށް ޒީކްއަށް ބުނެވުނެވެ.
އުޝާން ދެލޯ ހަނިކޮށްލައިގެން ބަލަން ހުރިގޮތުން ޒީކްގެ ހިތް ނެގިނެގިފައި ޖެހެން ފެށިއެވެ. މަލްކާ އާއި އަލްޔާ ހުނުން ހިފަހައްޓައިލައިގެން ހުއްޓެވެ.
“އޯކޭ ދެން.” އެންމެ ފަހުން ބޯ ޖަހައިލަމުން އެހެން ބުނުމާއިއެކު ޒީކްއަށް ދޫކޮށްލެވުނީ ހަމަޖެހުމުގެ ނޭވާއެކެވެ.
ދެންވެސް ވެރިވީ ހިމޭންކަމެވެ. ކުއްލިއަކަށް މަލްކާ ތެދުވެލިއެވެ. ފިހާރައަށް އެއްޗެއް ގަންނަން ދާން ޖެހޭ ކަމަށް ބުނެއެވެ. ޒީކްއަށް ދިމާވި ކަންތައްތަކުގެ ސަބަބުން މަލްކާ އެކަނި ފޮނުވައިލުމަކަށް އުޝާންގެ ހިތެއް ނޭދުނެވެ. އެހެން ކަމުން މަލްކާގެ ފަހަތުން ކަހަލަ ގޮތަކަށް އުޝާންވެސް ނިކުތެވެ.
“މާ ލަދުގަނެގެން އުޅޭ ދެ މީހުންނެއް އެއީ. ރަނގަޅަށް ބަލާލާފަވެސް އެބަ އިނގޭ ދެ މީހުންނަށް އެކަކު އަނެކަކު ކަމުދާކަން.” އަލްޔާ ބޯ ހޫރުމައިލަމުން އެހެން ބުނުމާއިއެކު ޒީކް އާއި ޔާނިއުގެ ހިނިގަނޑު ދިޔައީ ފަޅައިގެންނެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

