Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ވިހަ ލޯބި 18

afu.shvvn
afu.shvvn Level 110 Stories
November 8, 2025 5 Mins Read
0 Comments

އެންމެން ވެސް ބަލަމުން ދިޔައީ ޒީކްއަށެވެ. އެންމެންގެ އެ ބެލުންތަކުގެ ސަބަބުން ޒީކް ލަދުގަންނަ ގޮތްވިއެވެ. ބުނަންވީ ކީކޭކަމެއް ނޭނގުނެވެ.

“އެ.. އަރގ.. ހަމަ އަހާލީ.” ދޫ އޮޅެމުން ކަހަލަ ގޮތަކަށް ޒީކްއަށް ބުނެވުނެވެ.

އުޝާން ދެލޯ ހަނިކޮށްލައިގެން ބަލަން ހުރިގޮތުން ޒީކްގެ ހިތް ނެގިނެގިފައި ޖެހެން ފެށިއެވެ. މަލްކާ އާއި އަލްޔާ ހުނުން ހިފަހައްޓައިލައިގެން ހުއްޓެވެ.

“އޯކޭ ދެން.” އެންމެ ފަހުން ބޯ ޖަހައިލަމުން އެހެން ބުނުމާއިއެކު ޒީކްއަށް ދޫކޮށްލެވުނީ ހަމަޖެހުމުގެ ނޭވާއެކެވެ.

ދެންވެސް ވެރިވީ ހިމޭންކަމެވެ. ކުއްލިއަކަށް މަލްކާ ތެދުވެލިއެވެ. ފިހާރައަށް އެއްޗެއް ގަންނަން ދާން ޖެހޭ ކަމަށް ބުނެއެވެ. ޒީކްއަށް ދިމާވި ކަންތައްތަކުގެ ސަބަބުން މަލްކާ އެކަނި ފޮނުވައިލުމަކަށް އުޝާންގެ ހިތެއް ނޭދުނެވެ. އެހެން ކަމުން މަލްކާގެ ފަހަތުން ކަހަލަ ގޮތަކަށް އުޝާންވެސް ނިކުތެވެ.

“މާ ލަދުގަނެގެން އުޅޭ ދެ މީހުންނެއް އެއީ. ރަނގަޅަށް ބަލާލާފަވެސް އެބަ އިނގޭ ދެ މީހުންނަށް އެކަކު އަނެކަކު ކަމުދާކަން.” އަލްޔާ ބޯ ހޫރުމައިލަމުން އެހެން ބުނުމާއިއެކު ޒީކް އާއި ޔާނިއުގެ ހިނިގަނޑު ދިޔައީ ފަޅައިގެންނެވެ.

މަލްކާ ހަސްފަތާލުން ނިކުތްއިރު އުޝާން އޭނާގެ ފަހަތުގައި ހުރިކަން އޭނާއަށް އިނގެއެވެ. އެހެން ކަމުން އުޝާން އޭނާ އާއި އަރައި ހަމަވަންދެން މަލަކް ގޭޓު ކައިރީގައި މަޑޫކޮށްލިއެވެ. ފާއިތުވެ ދިޔަ ހަތަރު ދުވަސް ތެރޭގައި ދެ މީހުންގެ ގުޅުންވެސް ވަނީ ބަދަހިވަން ފަށައިފައެވެ. އެކަކު އަނެކަކު ރަނގަޅަށް އިނގެމުން ދާ ވަރަކަށް ދެ ހިތުގައިވެސް އެކަކު އަނެކަކަށްޓަކައި ވި ލޯބި ދިޔައީ އުތުރި އަރަމުންނެވެ. އުޝާން އައިސް ހަމަވުމާއިއެކު ވާހަކައެއް ފައްޓަމުން ދެ ޒުވާނުންވެސް ކުރިއަށް ހިނގައިގަތެވެ. ކަންމަތީގައި ހުރި ފިހާރައަކަށް ވަދެ، އެކި ސްޓޯލްތައް ބަލަމުން މަލްކާ ދިޔައެވެ. އެއިރުވެސް މަލްކާ ހޯދަމުން ދިޔައީ ކޯޗެއް ކަމެއް އުޝާންއަކަށް ނޭނގެއެވެ.

“މަލް، ކޯޗެއްތަ ތި ހޯދަނީ؟ ބުނީމައެއްނު އަހަރެންނަށް އެހީވަން ވެސް އިނގޭނީ؟” ހެވިލައިފައި އުޝާން އެހެން ބުނުމުން މަލްކާގެ ދެކޮލަށް ރަތްކުލަ ފާއްދައިލިއެވެ.

“އަމްމް.. ސެނިޓަރީ ޕެޑްސް…” މަޑުމަޑުން ކިރިޔާ އެހެން އިވޭވަރަށް މަލްކާ ބުނި ދެ ބަހާއިއެކު އުޝާންގެ ވެސް ހިނިތުންވުންފިލައި، ރަކިވާ ގޮތް ވިއެވެ.

އިސްތަށިގަނޑުގައި އަތް ފުނައި އަޅަމުން ރަކިވި ކަން ފޮރުވުމަށް ތަންކޮޅެއް ދުރަށް ގޮސް ބަލަން ފެށުމުން މަލްކާއަށް ވެސް ހެވިއްޖެއެވެ. އެ ދިޔަ ގޮތަށް ގޮސް އުޝާން އައީ އޭގެ ފޮއްޓެއް ހިފައިގެންނެވެ. މަލްކާގެ އަތަށް އޭތި ލައްވައިދެމުން ކަރު ކެހިލުމަށްފަހު ގޮސް އެއަށް ޕޭ ކޮށްދިނެވެ.

“އަޅެ، ކީތްވެ ތަ ޕޭ ކުރީ؟ މަލް އައީ ރުފިޔާވެސް ހިފައިގެންނޭ..” ފިހާރައިން ނިކުންނަމުން މަލްކާ އެހެން ބުނިއިރު އެ އަޑުގައި ވީ ލަދުވެތިކަމެވެ.

“އެ ދެން އެއްވެސް ކަމެއް ނޫނޭ. މާ ބޮޑަށް އެކަމާ ނުވިސްނަބަލަ.” އުޝާން ހެވިފައި ބުނެލިއެވެ.

މަލްކާވެސް ހީލައިފައި ދެފަރާތަށް ބޯ ހޫރުވައިލަމުން ކުރިއަށް ހިނގައިގަތް ވަގުތު އެރުނީ ޗަކަސް ގަނޑެއްގެ މައްޗަށެވެ. އުޝާންއަށް މިތަން ފެނުމާއިއެކު އެއްޗެކޭ ބުނެލަން އަނގަ ހުޅުވައިލިއެވެ. ހަމަ އެ ވަގުތެވެ. ކައްސައިލައިފައި މަލްކާ ވެއްޓެން ދިޔައެވެ. އުޝާން ދެލޯ ބޮޑުކޮށްލަމުން މަލްކާގެ އަތުގެ މުލައްދަނޑީގައި ހިފި ވަގުތު ބެލެންސް ކަޓައިގެން އޭނާވެސް ވެއްޓެން ދިޔައެވެ. ހަދައިލި ގޮތަކުން ވެއްޓުނުއިރު މަލްކާއަށް އޮވެވުނީ އުޝާންގެ ގައި މަތީގައެވެ.

އިސް ހިއްލައިލައި އުޝާންގެ މޫނަށް މަލްކާ ބަލައިލިއެވެ. އެ ތުންފަތުގައި ވި ލާނެތް ހިނިތުންވުން ފެނުމާއިއެކު އަނެއްކާވެސް މަލްކާގެ ދެ ކޮލަށް ރަތްކުލަ ފާއްދައިލިއެވެ. އުޝާންއަށް ހަމަ ބަލަހައްޓައިގެން އޮވެވުނީއެވެ. އުމުރު ދުވަހު މި މަންޒަރު ފެނުނަސް އޭނާ ފޫއްސެއް ނުވާނެވެ.

“އަހަރެންގެ ގައި މާ އަރާމީތަ؟” އިރުކޮޅަކުން އުޝާން މަޑުމަޑުން އެހެން އަހައިލުމާއިއެކު މަލްކާއަށް ފުންމައިގެން ކޮޅަށް ތެދުވެވުނެވެ.

އަވަސް އަވަހަށް ހިނގައިގަތުމާއިއެކު އުޝާން ފެށީ ހޭށެވެ. އުޝާންވެސް ތެދުވެ، ކުޑަކޮށް ދުވެލަމުން ގޮސް މަލްކާ އާއި ހިސާބަށް އަރައި ހަމަކޮށްލިއެވެ. މަލްކާގެ ލޯބި މޫނުކޮޅު ޖަންބެއްހާ ރަތްވެފައިވާ ތަން ފެނުމާއިއެކު ދެން އެ އަންހެން ކުއްޖާ ރަކިކޮށްލަން އެއްޗެކޭ ބުނާކަށް އުޝާންއަކަށް ނުކެރުނެވެ.

“ޒީ ފޯނަށް އެބަ މީހަކު ގުޅާ، ވަޓްސްއެޕްއިން.” ޔާނިއު އެހެން ބުނެ، ޒީކް އަތަށް ފޯނު ދިނުމާއިއެކު ޒީކްގެ ހިތުގެ ހިނގުން އަވަސްވެގެން ދިޔައެވެ.

ކޯލަރ އައިޑީއަށް އަރައިފައިވި ބައްޕަގެ ނަމާއިއެކު އޭނާގެ މޫނު މަތިން އޮއްދާ ހިއްލަން ފެށިއެވެ. ރާއްޖެއަށް އައިއްސުރެ އޭނާ ބައްޕައާއި ވާހަކަ ދެއްކީ މެސެޖުންނެވެ. ނުގުޅައެވެ. އެއިރު ދިމާވި އެ ހާދިޘާ އާއި ގުޅިގެން އޭނާގެ ބައްޕަ، ޒާހިރު އޭނާގެ މަތިން މުޅިންހެން ފޫހިވީއެވެ. ދައްކަން މަޖުބޫރު ވާހަކައެއް ނޫނީ ނުދައްކައެވެ. އޭނާ ބަލައިލީ ކަންބޮޑުވެފައި އޭނާ އާއި ދިމާލަށް ބަލަހައްޓައިގެން ހުރި އަލްޔާ އަދި ޔާނިއުއަށެވެ. އެ ބެލުމުގެ މާނަ އެ ދެ ޒުވާނުންނަށް ދޭހަވި ކަހަލައެވެ. ވަގުތުން ޒީކްއަށް ވަގުތުކޮޅެއް ދެމުން ވޯޑުން ނިކުތީއެވެ. ކަން ދިމާކުރިގޮތުން ވޯޑުގައި އެޑްމިޓު ކުރެވިފައިވީ ޒީކް އެކަންޏެވެ.

ފުން ނޭވާއެއް ދޫކޮށްލަމުން އޭނާ ފޯނު ނަގައިފިއެވެ. އަދި ކަންފަތާއި ކައިރިކޮށްލީ އެ ބައްޕަގެ ދުލުން އަޑު އިވޭނީ ކޮންފަދަ ބަސްތަކެއް ބާ އޭ ހިތަށް އަރަމުންނެވެ.

“ދަރިފުޅާ…” ކުރަކިވެފައިވާ އަޑާއިއެކު ޒާހިރު އެހެން ގޮވައިލުމާއިއެކު ބޭއިޚްތިޔާރުގައި ޒީކްއަށް އަނގަ މަތީގައި އަތް އެޅުނެވެ.

ދެ އަހަރަށް ފަހު ދަރިފުޅާ އޭ ކިޔައި އެހާ ލޯބިން ޒާހިރު ޒީކްއަށް ގޮވައިލި މީ އަދި ފުރަތަމަ ފަހަރެވެ. އެހެން ބުނުމާއިއެކު ޒީކްއަށް އަނެއްކާވެސް ފެށީ ރޮވޭށެވެ. އޭނާ މިހާ ބަލިކަށިވީ ކޮން އިރަކު ހެއްޔެވެ؟
“ބައްޕާ….” ހަމަ އެ ރާގުގައި ޒީކްއަށްވެސް ގޮވައިލެވުނެވެ.

“ދަރިފުޅާ، ނުރޮއެ. ބައްޕައަށް ހުރިހާ ކަމެއްވެސް އިނގިއްޖެ. ރޭގަ އުޝާން ގުޅައިފަ ހުރިހާ ވާހަކައެއް ކިޔައިދީފި. ދަރިފުޅާ، ބައްޕައަށް މާފުކުރޭ. ތަންދޮރު ނުބަލައި ދަރިފުޅު ދެއްކި ވާހަކަތަކާއި ކުރި އާދޭސްތައް އަޑު އެހުމުގެ ބަދަލުގައި ބައްޕައަށް ދެވުނީ ބީރު ކަންފަތެއް. އެ ވާހަކަތައް އަޑު އިވުމުން ބައްޕައަށް ކެތްނުވީ. ދަރިފުޅަށް އޮތް އިތުބާރު ގެއްލުނީ. މާފުކުރޭ، ދަރިފުޅާ. ބައްޕައަށް މާފުކުރޭ…” ޒާހިރުގެ ވާހަކަތައް އަޑު އިވި، ފުރަތަމަ ފަހަރަށް ބައްޕަ ރޯ އަޑު އިވުމާއިއެކު ޒީކްއަށް ވަރަށް ބޮޑަށް އަސަރުކުރިއެވެ.

“ބައްޕައަށް މާފުކޮށްފިން. ހިތުގެ އެންމެ ފުންމިނުންވެސް ބައްޕައަށް މާފުކޮށްފިން. އެ ނުލަފާ މީހުން ރާވައިގެން ކުރި ކަމެއްވީމަ ތެދު ދޮގު ގަބޫލުކުރަނ ބައްޕައަށް ވެސް ދަތިވީ. ބައްޕައަށް ހެޔޮ ހޮތުން އަޅުގަނޑު މާފު ދީފިން.” ޒީކްވެސް ރޮވެމުން ދިޔަ ޙާލު ބުނެލިއެވެ.

“ދަރިފުޅުގެ މަންމަ މިއަދު ހެޔޮ ޙާލުގައި ހުރި ނަމަ ހާދަ އުފާވީހޭ. ކޯމާގަ ދެ އަހަރު ދުވަސް ވޭތުވެގެން ދިޔައިރުވެސް..” އެ ހިސާބުން ޒާހިރުގެ އަޑު ބެދުނެވެ.

“ހިތްވަރު އެލުވާނުލާ ބައްޕާ. މާތްﷲގެ އިރާދުފުޅުން ހެޔޮ ޙާލުގާ މަންމަ އެނބުރި އަޅުގަނޑުމެން ގާތަށް އަންނާނެ. ހިތްވަރުކުރޭ.” ޒީކް ގިސްލަމުން ދިޔައިރުވެސް މަސައްކަތްކުރީ ޒާހިރަށް ހިތްވަރު ދެވޭތޯއެވެ.

“ތީ ބައްޕައަކަށް ލިބޭނެ ހަމަ އެންމެ ރަނގަޅު ދަރިއެއް. ތި ކަހަލަ ރަނގަޅު ކިޔަމަންތެރި ދަރިއެއްގެ އަގު ވަޒަން ނުކުރެވި ބަޔަކު ރާވައިގެން ކުރި ކަމަކަށް ހެއްލުން އެއީ އަހަރެމެންގެ މޮޔަކަން..” ޒާހިރުގެ ރުއިމުގެ އަޑުވެސް ޒީކްގެ ރުއިމުގެ އަޑާއި އެކުވެގެން ދިޔައެވެ.

ވޯޑުގެ ދޮރު ކައިރީގައި މި ވާހަކަ އަޑު އަހަން ތިބި އެންމެންނަށްވެސް ވަރަށް ބޮޑަށް އަސަރުކޮށްފައެވެ. މަލްކާ އާއި އުޝާންއަށް އާދެވުނީ އަލްޔާމެން ބޭރަށް ނިކުތުމުން ކަމަށްވެފައި އެ ދެ ޒުވާނުންވެސް ބޭރުގައި މަޑު ކުރީއެވެ. އަނެއްކޮޅުން، ނުހައިކް އަނެއްކާވެސް އައިސް ކުޑަދޮރު ކައިރީގައި ޒީކްއަށް ނުފެންނާނެހެން ފާރެއްގައި ލެނގިލައިގެން ހުރިއިރު އޭނާއަށްވެސް ދެކެވުނު ހުރިހާ ވާހަކައެއް އަޑުއިވުނެވެ. ޒީކްގެ އަޑުގައި ވި ރިހުން އަޑު އިވިފައި ނުހައިކްގެ ހިތް އެދެމުން ދިޔައީ އެތެރެއަށް ވަދެ، ޒީކް މަސަލަސްކޮށް ދިނުމަށެވެ. ޒީކްގެ ކޮންމެ ގިސްލުމަކުން އޭނާގެ ހިތް ހީވަނީ ފޮތި ފޮތިވެގެން ދާ ހެންނެވެ.

ޒީކް އާއި ޒާހިރުގެ ދެމެދުގައި ދެކެވުނު އެތަކެއް ވާހަކަތަކާއިއެކު ދެ މީހުންވެސް އެންމެ ފަހުން ހަމައަކަށް އެޅުނެވެ. ޒީކް އެ ކޯލު ނިންމައިލީ ދެމީހުންގެ ދެމެދުގައި ވި ހުރިހާ މައްސަލަތަކެއް ހައްލުވެފައިވާކަން ޔަޤީންކޮށްފައެވެ. ފޯނު ކަނޑައިލިއިރު ޒީކްގެ ތުންފަތުގައި ވީ މިއިން ދުވަހަކު ފެނިފައި ނުވާފަދަ ރީތި ހިނިތުންވުމެކެވެ.

ދުވަސް ކުރިއަށް ދިޔަ ވަރަކަށް، އެ ރުށުގައި ކުރިން ޒީކް އާއި ވާހަކަ ދައްކައި އުޅުނު ގިނަ މީހުން ޒީކްގެ ގާތަށް މާފަށް އެދެން އައެވެ. ތެދު ދޮގެއް ބެލުމެއް ނެތި ޒީކްގެ ބޮލުގައި ތުހުމަތުތަކެއް އެޅެވުނުކަމަށްޓަކައި ގިނަ މީހުން ތިބީ ނުހަނު ލަދު ގަނެފައެވެ. ނުހައިކްގެ މަންމަ، ނާއިމާވެސް އައިސް އެއްޗެހި ކިޔުނު ކަމަށްޓަކައި މާފަށް އެދުނެވެ. ހިތް ބުރަ ނުކޮށް ޒީކް ހުރިހާ އެންމެންނަށްވެސް މާފުކޮށްދިނެވެ.

ޒީކް ހަސްފަތާލުން ދޫކޮށްލީ އަނެއް ދުވަހުއެވެ. ގެއަށް ގޮސް ސޯފާއަށް ވެއްޓިގަތް ޒީކްގެ ޚިޔާލުތައް ދަތުރުކުރަމުން ދިޔައީ ނުހައިކްއަށެވެ. އެ ދުވަސް އެއްކޮށް ދިޔައީ ކުޑަމިނުން ނުހައިކްގެ މެސެޖެއް އެއްޗެއް ވެސް އޭނާއަށް ނުލިބިއެވެ. އެކަމާއި މެދު ވިސްނުމަށް ބޭނުން ނުވިޔަސް އޭނާ ހުރީ އެކަމާއި މެދު ހިތުގައި ޖެހިފައެވެ. ނުހައިކްގެ ހިތުގައި އޭނާ އާއި މެދު ހަމްދަރުދީގެ ކަންފުޅެއް ނެތީބާ އޭ ވެސް ހިތަށް އެރި ފަހަރެއް މަދެއް ނޫނެވެ.

ގޭތެރެއަށް އުޝާން އާއިއެކު އައިސް ވަތް ޔާނިއުއަށް ޒީކް ފުން ޚިޔާލަކަށް ގެނބިފައިއިން މަންޒަރު ފެނުނެވެ. ވަގުތުން އެ ވިސްނަނީ ކޮން ކަމަކާއި މެދުކަން އޭނާއަށް އެނގުނެވެ. އުޝާން ފެންވަރައިލުމަށް ކޮޓަރިއަށްވަނެވެ. އަލްޔާ އާއި މަލްކާ ބަދިގޭގައި މެންދުރުގެ ކެއުން ތައްޔާރުކުރުމުގައި އުޅުނެވެ. ޔާނިއު ގޮސް އިށީނީ ޒީކްގެ ގާތުގައި ސޯފާގައެވެ.

“ޔާން، އައީ ތަ؟ ކޮންތާކުން ތި އައީ؟ ކޮބާ ދޮންބެ؟” ޔާނިއު އައިސް އިށީނުމާއިއެކު ޒީކްއަށް އޭނާގެ ޚިޔާލުތަކުން ބޭރުވެވުނެވެ.

“އާނ، އަލްމެން ބުނެގެން އުޝާން އާއިއެކު ސައިކަލުގަ ދިޔައީ ފިޔައިކޮޅެއް ގަންނަން. އުޝާން އެ ދިޔައީ އެ ބަދިގެއަށް ލައިފަ ފެންވަރަން ށޯ.” ޔާނިއު ބުނެލިއެވެ.

“އަމް..” ޔާނިއު އަދި އެހެން ވާހަކައެއް ބުނަން އުޅޭހެން ޒީކްއަށް ހީވަން ފެށިއެވެ.

“ކިހިނެތްވީ؟” ޒީކް ދެބުމަ ކައިރިކޮށްލަމުން އަހައިލިއެވެ.

“ހަވީރުން ހިނގާބަލަ އަތިރިމަތީގައި ހުރި ގާތައް ކައިރިއަށް ދާން.” ބުނަން ނުބުނަން ހުރެފައި ޔާނިއު ބުންޏެވެ.

ޒީކް މާ ބޮޑަށް ވިސްނައިލުމެއް ނެތި އެއްބަސްވިއެވެ. އަދި ކުޑަކޮށް ޔާނިއުއަށް ވާހަކަ ދައްކައިލުމަށްފަހު ހަވީރުގެ ކުރިން އަރާމުކޮށްލަން ކޮޓަރިއަށްވަނެވެ.

ހަވީރު ޒީކް ކޮޓަރިން ނިކުތްއިރު ޔާނިއު އިންތިޒާރުގައި ޖޯލިފަތީގައި އިށީނދެއިނެވެ. ނޭވީ ބްލޫ ކުލައިގެ ގަމީހަކާއި އާދައިގެ ޖިންސެއްގައި ހުރި ޔާނިއު ބަލައިލަން ނުހަނު ހިތްގައިމެވެ. އަވި އައިނެއް އަޅައިފައިވުމުން އޭނާގެ ސްމާޓްކަން އިތުރުވެފައިވާހެން ހީވެއެވެ. ޒީކް ނިކުތުމާއިއެކު ކުޑަ ހީލުމަކާއިއެކު ޔާނިއު ތެދުވެލިއެވެ.

“ހިނގާ ދާން.” ޔާނިއު ހިނގައިގަތެވެ.

“މަލްމެންނެއް ނުގެންދާނަން ތަ؟” ކުޑަކޮށް ދުވެލައިފައި ގޮސް ޔާނިއު އާއި އެއްވަރުކޮށްލަމުން ޒީކް އަހައިލިއެވެ.

“ނޫނޭ. އަންނާނަމޯ އިރުކޮޅަކުން.” ޔާނިއުގެ ޖަވާބު ކުރެވެ.

ޔާނިއު މާ މަޑުން ހުންނަން ފެށުމުން ޒީކްއަށް އިތުރު އެއްޗެކޭ ބުނާކަށް ނުކެރުނެވެ. އަތިރި މައްޗާއި ހިސާބަށް ދެވެންދެން އެ ދެމެދުގައި ވަށައިގެންވީ ހިމޭން ކަމެވެ. ޔާނިއުގެ ނުތަނަވަސްވެފައި ވާ މޫނެއް އެއިރަކުވެސް ޒީކްއަކަށް ފާހަގައެއް ނުވެއެވެ. އަތިރިމައްޗަށް އާދެވުމާއިއެކު ޔާނިއު ފޯނު ހުޅުވައިލިއެވެ. ފުން ނޭވާއެއް ބޭރުކޮށްލުމަށްފަހު ޔާނިއު ވާހަކަ ދައްކަން ފެށިއެވެ.

“އުޝާން އެ މެސެޖުކުރީ. އަހަރެން އެބަ އަންނަން އެ މީހުން ގޮވައިގެން. ޒީ މަޑުކުރޭ. އަހަރެންގެ ފަހަތުން ނާންނާތި!” ހަރުކަށިކަމާއިއެކު އެހެން ބުނުމަށްފަހު ޒީކްއަށް އެއްޗެކޭ ބުނެވުމުގެ މާ ކުރިން ޔާނިއު ހިނގައިގަނެފިއެވެ.

ޔާނިއު ދިޔަ ދިމާލަށް ބަލަހައްޓައިގެން ޒީކްއަށް ހުރެވުނީ ހައިރާންވެފައެވެ. މިއިން ދުވަހަކު ޔާނިއު އޭނާއަކަށް މިހާ ހަރުކަށިކޮށެއް ވާހަކައެއް ނުދައްކައެވެ. ޔާނިއުގެ ރާގު ހުރިގޮތުން އޭނާއަށް އުނދަގޫވިއެވެ. ކުޑަކޮށް ދެރަވެ، ރުޅިވެސް އާދެވުނެވެ. ޔާނިއުގެ ފަހަތުން ދާން ބޭނުންވި ނަމަވެސް އައި ރުޅީގައި އޭނާ އެތާ މަޑުކުރީއެވެ. ތުން އަނބުރައިލަމުން އޭނާ ބަލައިލީ މޫދާއި ދިމާލަށެވެ.

ނުހަނު ހިތްފަސޭހަ ސަރަހައްދެކެވެ. ގަލުގައި އިށީނުމާއިއެކު މޫދެ ފެނެއެވެ. އަނެއް ފަރާތުން ހެދިފައިހުރި ފިތުރޯނު ގަސްތަކުގެ ސަބަބުން ތާޒާ ވައި ޖެހެއެވެ. ފަސް ގަޑި ބައިވަން ކައިރިވެފައިވުމާއިއެކު އެ ހިސާބުގައި ދެންމެ ހުރި އަންހެން މީހާ އާއި އޭނާ އާއިއެކު ހުރި ކުޑަ އަންހެން ކުއްޖާވެސް ގޮސްފިއެވެ. ޒީކް އެކަނިކޮށްލައިފައެވެ. މޫދާއި ދިމާލަށް ނަޒަރު ހުއްޓައިލައިގެން ހުރި ޒީކް ކުއްލިއަކަށް ސިހިފައި ފަހަތް ބަލައިލެވުނީ މީހަކު ހުރިހެން ހީވެގެންނެވެ. ފަހަތް ބަލައިލުމާއިއެކު ފެނުނު ސޫރައެއްގެ ސަބަބުން އޭނާ ދެލޯ ބޮޑުވެގެން ދިޔައެވެ.

 

ނުނިމޭ

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

afu.shvvn
Follow Me Written By

afu.shvvn

Level 110 Stories

. 17y

Other Articles

Previous

ހިދާ 2

Next

ހިތް އެދޭ މަންޒިލަކީ… 2

Next
November 8, 2025

ހިތް އެދޭ މަންޒިލަކީ… 2

Previews
November 8, 2025

ހިދާ 2



All Right Reserved!