ވިހަ ލޯބި 16
ވާރޭގެ ސަބަބުން އިސްތަށިގަނޑު ތެމިފައިވުމުން ނުހައިކް ފެންނަމުން ދިޔައީ ނުހަނު ހުވަފެނީ ގޮތަކަށެވެ. ދެބުމަ ގޮއް ޖަހައިގެން ބަލަން ހުރި ގޮތުން ޒީކްއަށް އިސް ޖެހުނެވެ.
“ދާ ކޮންމެ ތާކުން މި ހަންޑިއަކާ ދިމާވާނެ، ސަލާމަތެއް ނެތް.” ނުހައިކް ކުރިއަށް ހިނގައިގަންނަމުން ބުނި ވާހަކައިން ޒީކްގެ ހިތަށް ތަދުވެލިއެވެ.
ތުންފަތުގައި ދަތް އަޅައިލަމުން އޭނާ އަނެއްކާވެސް ހިނގައިގަތެވެ. އޭނާ ގޮސް ބޮޑު މަގަށް އެޅިއިރު ވާރޭ ވެހުމުގެ ސަބަބުން އެއްވެސް މީހަކު ބޭރަކު ނެތެވެ. އޭނާ އެހެން ދަނިކޮށް އަނދިރި ގޯޅިގަނޑެއް ކުރިމަތިން ހުރަސްކޮށްލަން ޖެހުނެވެ. ޒީކް ސިހުނީ ކުއްލިއަކަށް މީހަކު ޒީކްގެ އަތުގެ މުލައްދަނޑީގައި ހިފައި، އެ ގޯޅިގަނޑަށް ދަމައިގަތުމާއިއެކުގައެވެ. ހަޅޭލަވައިގަންނަން ހުޅުވައިލި އަނގައިގައި ފޮތިގަނޑެއް އެމީހަކު އެޅިއެވެ. އަޑު ނުނިކުމެ އުޅެނިކޮށް އޭނާގެ ހެޔަށް ގޮތްގޮތްވެ، ލޯ މައްޗަށް އަނދިރިވާނެ ފެށިއެވެ. އެ މީހެއްގެ އަތުން ދޫވަން ކުރި މަސައްކަތާއި ތެޅުނު ތެޅުން ވެގެންދިޔައީ ބޭކާރު ކަމަކަށެވެ. އެއާއިއެކު ހޭނެތިގެން އެ މީހަކުގެ އަތްމައްޗަށް ޒީކް ދެމުނެވެ.
“އަޅެ ކޮބާތަ އެ ޒީ؟ ހާދަ ލަސްވެއްޖެ އޭ. އެ ދިޔަ ފިހާރައިން މި ހިސާބަށް އަންނަން ފަނަރަ މި ނެޓުވެސް ނުނަގާނެ.” ފާރުގައި ހުރި ގަޑިއަށް ބަލައިލަމުން ޔާނިއު އެހެން ބުނިއިރު ހާސްވަން ފަށައިފިއެވެ.
“ވެދާނެއެއްނު ވާރޭ ވެހޭތީ ކަމަށް.” އަލްޔާ ބުންޏެވެ.
“ނޫން، އަލް. ވާރޭ މިހާރު ތުނިކޮށްލިތާ އެތަށް އިރެއް.” ޔާނިއު ހާސްވެފައި ބުނެލިއެވެ.
ޔާނިއު އެހެން ބުނުމާއިއެކު ސޯފާގައި ތިބި އުޝާން އާއި އަލްޔާ އާއި މަލްކާގެ ހިތަށްވެސް ހާސްކަން ވެރި ވެއްޖެއެވެ. އުޝާން އަވަސްކޮށްލާފައި ޒީކްގެ ނަންބަރަށް ޑައިލްކޮށްލިއެވެ. ފޯނެއް ރިންގުވަމުން ދިޔަ އަޑަށް އެ ހަތަރު ޒުވާނުންނަށްވެސް ބަލައިލެވުނީ ތަންކޮޅެއް ދުރުގައި ހުރި މޭޒަށެވެ. ޒީކް ފިހާރައަށް ދިޔައީ ފޯނު ބާއްވައިފައެވެ.
“އަދި މިރޭ ތަ ފޯނުވެސް ބާއްވައިފަ ދާން އެނގުނީ؟” މޫނު މަތީގައި އަތް އުނގުޅައިލަމުން ކަންބޮޑުވުމާއިއެކު މަލްކާއަށް ބުނެވުނެވެ.
“ބައި ގަޑީރު ވެއްޖެ. އަހަރެން ހާދަ ބިރެއް ގަނެއޭ އެބަ.” ދެ ފަރާތަށް ބޯ ހޫރުވައިލަމުން އަނެއްކާވެސް މަލްކާ ބުނެލިއެވެ.
“ނުހައިކްއަށް ގުޅާބަލަ. އޭނާއަށް ފަހަރެއްގާ އިނގިދާނެ އެއްނު؟” އަލްޔާ ބުނެލިއެވެ.
“އަހަރެންގެ އަތަކު ނެތް އޭނާގެ ނަންބަރެއް.” އުޝާން ބަލައިލީ ޔާނިއުއަށެވެ.
ނުހައިކްދެކެ ކިތަންމެ ވަރަކަށް ރުޅިއައިސްފައި ހުރި ނަމަވެސް މަސްލަހަތަށްޓަކައި އެ ރުޅި އެއްފަރާތްކޮށްލަމުން އޭނާ ނުހައިކްއަށް ގުޅިއެވެ. ފުރަތަމަ ގުޅުމުން ފޯނެއް ނުނެގިއެވެ. އެއީ ގަސްތަގާ ކުރާ ކަމެއްކަން އެނގިގެން ތިން ހަތަރު ފަހަރުވެސް ގުޅިއެވެ. ހަތަރުވަނަ ރިންގާއިއެކު އޭނާ ފޯނު ނަގައިފިއެވެ.
“އަޅެ، މޮޔަވެގެންތަ ތި އުޅެނީ؟ ފޯނު ނަގަން ބޭނުން ނުވާތީ ދޯ ފުރަތަމަ ފަހަރު މަ ނުނެގީ.” ނުހައިކް ބުނި އަޑު އިވުނެވެ.
އުޝާންމެންނަށް ބަލައިލުމަށްފަހު ތަންކޮޅެއް ދުރަށް ޔާނިއު ޖެހެލިއެވެ. އުޝާންމެންނަށް އަޑު ނީވޭ ހިސާބަކަށެވެ.
“މަށެއް ނޫޅެމޭ ކަލެ އާއި ގުޅާ ހިތަކުންނެއް ވަކި. މިރޭ މިހެން ނުވި ނަމަ އަހަންނަށް ކަލެއާ ގުޅާކަށް ނުޖެހުނިސް.” ޔާނިއުގެ ރުޅިވެރި އަޑު އިވި، ނުހައިކްގެ ހިތުގައި ނޭނގޭ ބިރުވެރިކަމެއް ދުވެލިއެވެ.
ނުހައިކް އެއިރު ހުރީ ބޭރުގައެވެ. އޭނާގެ ގޭގެ ފާރުގައި ލެނގިލައިގެން ވެހެމުން ދިޔަ ތުނި ވާރޭއަށް ބަލަހައްޓައިގެންނެވެ. ޔާނިއު އެހެން ބުނުމާއިއެކު ނުހައިކްގެ ދުލުގައި ތަޅެއް އެޅެވުނެވެ.
“ޒީ ފެނުނުތަ މިރޭ؟” ޔާނިއު އަހައިލި ސުވާލުން ނުހައިކްގެ މޫނަށް ވެރިވީ ހައިރާން ކަމެވެ.
“އާނ، އަހަރެން ގެއަށް އަންނަނިކޮށް ފެނުނު. އޭނާ ފިހާރައަކުން ނިކުމެގެން އައިތަން ފެނުނީ.” ނުހައިކް އެހެން ބުނުމާއިއެކު ދެން އެ ދެމެދަށް ވެރިވީ ހިމޭންކަމެވެ.
އެ ހިމޭންކަން ނުހައިކްއަށް އުނދަގޫކުރަމުން ދިޔައެވެ. ޒީކްގެ ޚިޔާލުތަކުން އޭނާގެ ސިކުނޑި ވަށައިލަމުން ދިޔައިރު ނުބައިކަމެއް ވެއްޖެކަމުގެ ރަތް ސިގްނަލް އޭނާގެ ހިތަށް ލިބެމުން ދިޔައެވެ. ޒީކްދެކެ އައިސްފައި ހުރި ރުޅި ބޭނުންނުވެ ހުއްޓައި ފިނިވެގެންދިޔައީ ކުއްލިއަކަށެވެ. އޭނާއަށް ވީ ކިހިނެތް ތޯ އަހަން ބޭނުންވި ނަމަވެސް އެހެން އަހަން ނުހައިކް ހުރީ ހިސާބަކަށް ޖެހިލުންވެފައެވެ.
“ކިހިނެތް ވީ އޭނާއަށް..؟” ނުހައިކް ނުވިސްނައި ހުއްޓާ އޭނާގެ އަނގައިން އެ ބަސްތައް ނިކުތެވެ.
އަނެއްކާވެސް ވެރިވީ ހިމޭންކަމެކެވެ. ޔާނިއު އެ ސުވާލަށް ޖަވާބު ނުދޭނެހެން ހީވަން ފެށުމާއިއެކު އެކޮޅުން ވާހަކަ ދައްކާ އަޑު އިވުނެވެ.
“ޒީ ގެއަކަށް ނާދެ. އެ ބައި ގަޑީރަށްވުރެ ގިނައިރު ވީ. އަހަންނަށް އިނގޭ ނުހައިކް ފިޔަވައި ދެން ޒީކް ވާހަކަދައްކާނެ އެހެން މީހަކު މިރަށަކު ނުހުންނާނެކަން.” ޔާނިއު ބުނެލި އެއްޗަކުން ނުހައިކްގެ ބޯ އެނބުރުން އަރައިގަތެވެ.
“ގެއަކަށް ނާދެއޭ..؟” މަޑުމަޑުން ނުހައިކްއަށް އަހައިލެވުނެވެ.
“އާނ، އެ ވާހަކަ އަހައިލަން މި ގުޅީ.” ޔާނިއު އެހެން ބުނުމަށްފަހު ފޯނު ކަނޑައިލީއެވެ.
ނުހައިކް އެ ހުރި ގޮތަށް ހުރީ ގަނޑުވެފައެވެ. އަނެއް އަތުން ރޯކޮށްފައިވި ސިނގިރޭޓަށް ބަލައިލަމުން އޭނާ ރުޅިވެރިކަމާއިއެކު އޭތި ބިންމައްޗަށް އެއްލައިލައި ފައިން އޭގެ މައްޗަށް އަރަމުން ޗިސްކޮށްލިއެވެ. އޭނާ ރުޅިއައީ އަމިއްލަ ނަފްސުދެކެއެވެ. ނިޔަލްއަށް ޒީކް ކަންތައްކުރި ގޮތުން އޭނާ ޒީކްދެކެ ރުޅި އަންނަން ޖެހޭނެއެވެ. ޒީކްއަށް ކަމެއް ވެދާނެކަމަށް މި ވަރަކަށް ވިސްނާކަށް ނުޖެހޭނެއެވެ. އޭނާ މީ ކޮންކަހަލަ ކޮއްކޮއެއް ހެއްޔެވެ؟
ދެޚިޔާލެއްގައި ހުރެފައި އޭނާ ބާރު ބާރަށް ކުރިއަށް ހިނގައިގަތެވެ. ކުރެވެން އުޅޭ ކަންތައް ރަނގަޅަށް އެނގުނު ނަމަވެސް އެކަމަށް އޭނާ ފަރުވާލެއް ނުބެހެއްޓިއެވެ. އޭނާ ގޮސް ހުއްޓުނީ ޒީކް އާއި ކުރިން އޭނާ ބައްދަލުވި ހިސާބުގައެވެ. އެ ހިސާބުން ފެށިގެން އޭނާ ހިނގަން ފެށިއެވެ. ޒީކް ގެއަށް ދާ މަގު ފާހަގަ ކުރަމުންނެވެ. ދާ ކޮންމެ މަގެއްގައި ހުރި އަނދިރި ގޯޅިތެރެއެއްވެސް ރަނގަޅަށް ބަލައި ދިރާސާކުރަމުން ކަހަލަ ގޮތަކަށެވެ. އެންމެ ފަހު ގޯޅިއަށް ވަދެ ބެލުމަށްފަހު އެތާ ހުރި ފާރެއްގައި އޭނާއަށް ލެނގިލެވުނެވެ. ޒީކް ހޯދުމުގައި އެއްވެސް ކުރިއެރުމެއް ނުލިބުމާއިއެކު އޭނާ ހުރީ މާޔޫސްވެފައެވެ.
މެސެޖެއް އައިހެން ހީވުމާއިއެކު ނުހައިކް ފޯނު ނެގިއެވެ. ފޯނު ނެގުމުގެ ތެރޭގައި ފޯނު ވެއްޓެން އުޅުމުން ހިފުނު ގޮތަކުން އޭނާއަށް ފްލޭޝްލައިޓް ދިއްލުނެވެ. ކުދި ކިޔަމުން ފްލޭޝް ނިއްވައިލަން އުޅުނު ވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ ތިރިއަށް ވެއްޓިފައި އޮތް ފަށެކެވެ. ތުރުތުރު އަޅަމުން ދިޔަ އަތަކުން އޭނާ އޭތި ނަގަމުން ރަނގަޅަށް އެ ފަށާއި ދިމާލަށް ބަލައިލިއެވެ. ފަށު ފުލުގައި ވި ‘ޒެޑް’ އަކުރުން އެއީ ޒީކްގެ ފަށެއްކަން ވަރަށް ރަނގަޅަށް އޭނާއަށް އެނގިގެން ދިޔައެވެ.
ފަށް އޭނާ ލައިގެން ހުރި ގިންސްގެ ޖީބަށް ލުމަށްފަހު އެހެން ދިމަދިމާއަށް އަލިކުރަން ފެށިއެވެ. އިތުރު އެއްޗެއް ފެނޭތޯއެވެ. އޭނާއަށް ޔަޤީންވިއެވެ. ޒީކް މި ގޯޅީގައި އުޅުނުކަމެވެ. ތަންކޮޅެއް ދުރުގައި ވެއްޓިފައި އޮތް ކޮތަޅެއްވެސް އޭނާގެ ލޮލުގައި އަޅައިގަތެވެ. އެ ކޮތަޅުގައި އޮތް ތާސްބައި އޭނާއަށް ފެނުނެވެ. އެއީ އެރޭ ޒީކް ހިފަހައްޓައިގެން ހުރި ކޮތަޅުކަން އެއާއިއެކު އޭނާއަށް ޔަޤީންވިއެވެ. ކޮތަޅު ހިފައިގެން ތެދުވިއިރު އޭނާއަށް ފާރާއި ދިމާއަށް އަލިކޮށްލެވުނެވެ. ފާރުގައި ހޭކިފައިހުރި ރަތް ކުލައިގެ އެއްޗެއް ފާހަގަވީދެނެވެ. ލަސްލަހުން ބޯ ހޫރުވައިލަމުން އޭނާ އޭގައި އިނގިލި ހާކައިލިއެވެ.
ލެއެވެ. އޭނާގެ ހިތް ބިރުގަންނަން ފަށައިފިއެވެ. އަވަސް އަވަހަށް ފޯނުން ފޮޓޯ ނަގައިލަމުން އޭނާ އޭތި ފޮނުވައިލީ ޔާނިއުއަށެވެ. އަދި މެސެޖުން އޭނާއަށް ފެނުނު ހުރިހާ އެއްޗެއް އޭނާ ކިޔައިދިއެވެ. ނުހައިކް ވިސްނަން ފެށީ ދެނެވެ. އޭނާއަށް ޔަޤީންވިއެވެ. ޒީކްގެ ފުރާނަވަނީ ނުހަނު ބޮޑު ނުރައްކަލެއްގެ ތެރޭގައެވެ. ފުލުހުންނަށް އަންގައި، އެހިސާބަށް އާދެވެންދެން އެތާ ހަނު ހުންނާކަށް ނުހައިކްއަކަށް ކެތެއް ނުވިއެވެ.
އިސްތަށިގަނޑުގައި އަތް ހިންގައިލަމުން އޭނާ ވިސްނަން ފެށިއެވެ. ޒީކްއަށް އެވަރުކޮށްލަން ބޭނުންވާ ބަޔަކު ފެނުނު ތޯ ނުވަތަ އިނގޭތޯއެވެ. އޭނާގެ ހަނދާނަށް ކަމެއް އަންނަން ފެށިއެވެ. މިއަދު ނިޔަލްގެ ކޮޓަރި ކައިރިން ހުރަސްކޮށްލި ވަގުތު ދޮރު ކުޑަކޮށް ހުޅުވައިފައި ހުރުމުން އޭނާ ފޯނެއްގައި ހުރެ ދެއްކި ވާހަކަތަކެވެ.
“ހަމަ ހުވާ ކަލޯ، ސަޅި މަންޖެއެއް. މަ ކުރިންވެސް މަސައްކަތްކުރީމޭ! އާނ، މިރޭ ވާނެ ދޯ؟ ބީޗް ކައިރީ ހުރި ގަސް..” އެ ހިސާބަށް ނުހައިކްއަށް އަޑުއިވުނެވެ.
މާ ބޮޑަށް އަޅައިނުލީ އެއީ އެހާ މުހިންމު ވާހަކަތަކަކަށް ނުވާނެކަމަށް ހިތަށް އަރައިފައެވެ. ނުހައިކްއަށް ޤަބޫލުކުރަން ދަތިވިއެވެ. މިހާ ބޮޑު އޮޅުވައިލުމެއް ނުވަތަ އަނިޔާއެއް އޭނާގެ ދޮންބެ އޭނާއަކަށް ނުދޭނެއެވެ. އެއީ އެހެން ކަމަކަށްވެސް ވެދާނެއެވެ. ނަމަވެސް…
އޭނާގެ ފައި ހަރަކާތްކުރަން ފެށިއެވެ. ބޭއިޚްތިޔާރުގައި ދުވަމުން ކަހަލަ ގޮތަކަށް އޭނާ ރަށުގެ އަނެއް ފަރާތަށް މިސްރާބު ޖެހީ ދާ ތަން ޔާނިއުއަށް މެސެޖުކޮށްލުމަށް ފަހުގައެވެ. އެ ވަގުތު ވީ ވާރޭވެސް ބޯކޮށްލި ވަގުތަކަށެވެ.
ބޮލަށް އެރި ތަދަކާއިއެކު ޒީކްއަށް ދެލޯ ހުޅުވައިލެވުނެވެ. އަނދިރިކަން އޭނާ ވަށައިގެން ވުމާއިއެކު އެ އަނދިރިކަމަށް ހޭނެން ކުޑަ އިރުކޮޅެއް ނެގިއެވެ. ބޮލުގައި ބޮޑު ރިހުމެއް އުފެދިފައި ވީ އިރު އޭނާ ވީ މުޅިއެކުންހެން ތެމިފައެވެ. އޭނާގެ އަނގަޔަށް ވެއްޓުނު ވާރޭ ތިއްކެއް އޭނާއަށް ދިރުވައިލެވުނެވެ. ނޫނެކެވެ. ލެއެވެ. ލީ ލޭ ރަހައެވެ. ހައިރާންވެފައި އަތް ހަރަކާތްކޮށްލަން އުޅުނު ވަގުތު އޭނާ ހުއްޓުން އެރިއެވެ. އަތެއް ހަރަކާތެއް ނުކުރިއެވެ. މަތި ބަލައިލިއިރު ދެއަތް އެއްކޮށް ގަހެއްގެ ގޮފިގަނޑަކާއިއެކު އައްސައިފައިވާތަން ފެނުނެވެ.
ޒީކްއަށް ވަމުން ދިޔަ ކަންތައްތައް ހަނދާނަށް އަންނަން ފެށިއެވެ. ފިހާރައިން އައި ވަގުތެވެ. ނުހައިކް އާއި ބައްދަލުވިއެވެ. އަނދިރި ގޯޅިގަނޑަކަށް ވަރުގަދަ ބާރަކުން ދަމައިގަތް ގޮތެވެ. ސަލާމަތް ވަން އުޅުނު ވަގުތު ބާރަށް ބޯ ޖެހި، ލޭ އަންނަމުން ދިޔަ ވަގުތު އަނގައިގައި ފޮތިގަނޑެއް އަޅައި އޭނާ ހޭނައްތައިލި ގޮތެވެ.
ވި ކަންތައްތަކުގެ ސީރިޔަސްކަން ނަގައިގަނެވި އޭނާގެ ހިތުގެ ތެޅުން އަވަސްވެގެން ދިޔައެވެ. ޒީކް ސިހިގެން ދިޔައީ ހަޅޭލަވަން ހުޅުވައިލި އަނގައިގައި އެޅުނު އަތެއްގެ ސަބަބުންނެވެ. ސިހިފައި އެ މީހަކާއި ދިމާއަށް ބަލައިލެވުނެވެ. އެ ވަގުތު ޖަހައިލި ބާރު ގުގުރިއާއިއެކު ކުރިމަތީގައި ހުރި ސޫރަ ފެނިގެން ދިޔައީ އަރައި ހުރި ނުބައި ޝައިތާނެއްގެ ސިފައިގައެވެ. މުޅި ހަށިގަނޑު ބިރުން ރޫރޫ އަޅަމުން ދިއުމާއިއެކު އެ މީހެއްގެ ހިނިގަނޑު ޒީކްއަށް އަޑު އިވުނީ ބިރުވެރި ހޮނު ގުގުރިއެއްގެ ސިފައިގައެވެ.
އެތާ ހުރީ ނިޔަލް ނޫން ދެވަނަ މީހެއް ނޫނެވެ. އޭނާގެ މުޅި ދިރިއުޅުން ބަރުބާދުކޮށްލައި ބޮޑު ނަރަކައަކަށް ހަދައިލި ނުލަފާ އިބިލީހެވެ. އޭނާގެ ކައިރީގައި ޕާޓޭ ވައްތަރު ޖަހާ ދެ މީހަކުވެސް ހުއްޓެވެ. ބަލާ ބެލުމަށް އެ އެންމެންވެސް ތިބީ ހަމަ ހެއަކު ނޫނެވެ. ދެން ވާން އުޅޭ ގޮތް އެނގުމާއިއެކު އޭނާގެ މުޅި ހަށިގަނޑު ފިނިވެގެން ދިޔައެވެ. ހިފަހައްޓައިގެންހުރި ކަރުނަތައް ބަންޑުންވެ، ރޮވެން ފެށިއެވެ.
“ޝްޝްޝް.. ނުރޮއެ، ކަނބުލޯ. އަހަރެން ބުނީމެއްނު؟ މަގޭ ގާތަކުން އަދި ސަލާމަތެއް ނުވާނެއޭ. ތި ތާޒާ މަލުގެ ފޮނިކޮޅު ބޮއެލުމަކުން ނޫނީ އަހަރެން ގެ މި ހިތެއް ނުފުރޭނެ.” އެ ވަގުތު ޒީކްއަށް ނިޔަލް ސިފަވީ ކަރުހިއްކައި ގަނެފައި ހުރި ނުބައި ނުލަފާ ވަލު ޖަނަވާރެއްގެ ސިފައިގައެވެ.
“ހަޅޭ ލަވައި ރުއިމަކުން އެއްވެސް ފައިދާއެއް ނުކުރާނެ. މި ހިސާބަކުން ރަށުތެރެއަކަށް އެއްވެސް އަޑެއް ނީވޭނެ.” ނިޔަލް އެހެން ބުނިއިރު އޭނާގެ ލޯ ހުއްޓިފައިވީ ޒީކް ލައިގެން ހުރި ޓީޝާޓަށެވެ.
އެއާއިއެކު އެ އެންމެން ހޭން ފެށިއެވެ. ޒީކްއަށް އިތުރަށް ރޮވުނީއެވެ. ހިތާއި ހިތުން މި ނުލަފާ މީހުންގެ ކިބައިން ސަލާމަތްކޮށްދިނުމަށް ހެއްދެވި ފަރާތަށް ދުޢާކުރަމުން ދިޔައެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

