ވިހަ ލޯބި 15
“ދެން އަނެއްކާ މާފޮޅުވާނީކީ ނޫން ގޮސް.” އަލްޔާ ސަމާސާކޮށްލިއެވެ.
މަލްކާ ހެމުން ބޯހޫރުވައިލީއެވެ. ޔާނިއު އެ އެންމެންނަށް ހަނާ އަޅައިލަމުން ޒީކްގެ އަތުގައި ހިފައިގެން ހިނގައިގަތެވެ. ޒީކް ސިހުނު ނަމަވެސް އެއްޗެކޭ ނުބުނެއެވެ.
“ކޮންތާކަށް މި ދަނީ؟” އިރުކޮޅަކަށް ފަހު ޒީކް އަހައިލިއެވެ.
“ކެތްތެރިވެބަލަ ޒީ.” ޔާނިއު ހީލިއެވެ.
ތުން ދިގުކޮށްލަމުން ޒީކް ކަޅި އަބުރައިލިއެވެ. ޔާނިއު ގޮސް މަޑުކޮށްލީ ފިހާރައެއްގެ ކުރިމަތީގައެވެ. އަދިވެސް ޔާނިއު މި ކުރަން އުޅޭ ކަމެއް ޒީކްއަކަށް ނުވިސްނުނެވެ.
ޔާނިއުމެން ދިއުމާއިއެކު އަލްޔާމެން ތިބީ ފޫހިވެފައެވެ. އެހެން އިނދެފައި ޔާނިއުމެން އައުމުން ނިކުންނާނެ ކަމަށް ބުނެފައި އަލްޔާ އެތެރެއަށް ވަނެވެ. އެއާއިއެކު މަލްކާ އާއި އުޝާން އެކަނިވިއެވެ. ދެހިތުގެ ހިނގުން އަވަސްވެފައި ވީ އިރު އިސްވެ ވާހަކަ ދައްކަން އެކަކަށްވެސް ނުކެރުނެވެ.
“މި ރަށް.. ކަމުދޭ ތަ؟” ކަރު ކެހެލަމުން އުޝާން އަހައިލިއެވެ.
“އާނ، ވަރަށް ރީތި ރަށެއް. ވަރަށް ގިނަ ދުވަސްކޮށްލާފަ ރާއްޖެ ތެރޭ ރަށަކަށް މި އައީ.” މަލްކާ ލަދުން އިނދެ ޖަވާބުދިނެވެ.
މަލްކާގެ މި ލަދުރަކިކަން އުޝާންއަށް ވަރަށް ކަމުދިޔައެވެ. ކުޑަ އިރުކޮޅަކު މަލްކާ އާއި ދިމާލަށް އުޝާން ބަލަހައްޓައިގެން ހުރި އިރު މަލްކާގެ ހިތް ދިޔައީ ބާރު ބާރަށް ތެޅެމުންނެވެ.
“ހިޔެއްވެސް ނުކުރަން މަލްއާ އަލުން ބައްދަލުވެދާނެ ކަމަކަށް.” އުޝާން ބުނެލިއެވެ.
މަލްކާ އުޝާންގެ މޫނަށް ބަލައިލިއެވެ. އެ މޫނުގައި ވި ފިރިހެންވަންތަކަމުންނާއި އެ ތޫނު ނަޒަރުގެ ނަޒަރުން އޭނާ އަދިވެސް އިނީ ކުޑަކޮށް ލަދުގަނެފައެވެ.
“ދެން އަނގައިން ނުބުނެ އަހަރެންގެ މޫނަށް ބަލަހައްޓައިގެން އިންނާނީ ތަ؟” މަލްކާ އެހެން އިންނަން ފެށުމުން އެއްމިޔަނަކުން އުޝާން ހީލިއެވެ.
“ނު-ނޫން..” މަލްކާ އަވަހަށް ދެލޯ ބޮޑުކޮށްލަމުން އިސް ޖަހައިލިއެވެ.
އުޝާން ފެށީ ހޭށެވެ. އޭނާ ހޭން ފެށުމާއިއެކު މަލްކާއަށްވެސް ކުޑަކޮށް ހިނިތުންވެވުނެވެ. މަލްކާ ކިތަންމެ މަދުން ވާހަކަ ދެއްކި ނަމަވެސް އެ ދެ ޒުވާނުންގެ އެކުވެރިކަން ނުހަނު އަވަހަށް ބަދަހިވިއެވެ.
“އަލް، ހިނގާބަލަ މިއަދު އެންމެން ގޮވައިގެން ދަތުރު ދާން. އަހަރެންގެ ދޮންބެއަށް ދޯންޏެއް ވެސް ލިބިއްޖެ.” ނުހައިކް ފޯނުން ވާހަކަ ދައްކަމުން ގެންދިޔައީ އަލްޔާއަށެވެ.
“އަސްލު ތަ؟ އާނ، އަހަރެން ބުނެލާނަން ދޮންބެ އާ މަލް ގާތުގަ. ޒީ ނެތް ގެޔަކު.” ނުހައިކް އަޅައިގަތީ އަލްޔާ އެންމެ ފަހުން ބުނި ޖުމުލައިގައެވެ.
“ކޮންތާކު ވީ؟” ބޭއިޚްތިޔާރުގައި ނުހައިކްއަށް އެހުނެވެ.
“ހަމަ ދެންމެ އެ ދިޔައީ ޔާން އާއިއެކު ކޮންމެވެސް ތާކަށް. އަދި ދޮންބެ ކައިރީ ބުނެފަ ދިޔައީ ވެސް އެ ޔާން، ޒީ ސްޓީލްކޮށްލަނީ އޯ.” ނިކަން ހެވިފައިހުރެ އަލްޔާ އެހެން ބުނިއިރު އޭނާއަށް ނޭނގި ހުރި ކަމަކީ ނުހައިކް ހިތްހަމަ ނުޖެހުނުކަމެވެ.
“ޔާން އާއި އެއްކޮށް؟” ނުހައިކް އަހައިލިއެވެ.
“އާނ، އަހަންނަށް ވަރަށް ހީވޭ އެ ދެމީހުން ކަމެއް ހެން.” ހިނިގަނޑެއް ޖަހައިލުމަށްފަހު އަލްޔާ ބުނެލިއެވެ.
“މަންމަ އެބަ ގޮވާ. އެ މީހުން ކައިރީގަ ބުނާތި ބަރާބަރު އެގާރަ ޖަހާއިރަށް ރެޑީވާށޭ.” ނުހައިކް ވަރަށް ނުގޮތަކަށް އެހެން ބުނުމަށްފަހު އަލްޔާ ވާހަކަ ދެއްކުމަށް އެއްވެސް ފުރުސަތެއް ދިނުމެއް ނެތި ފޯނު ކަނޑައިލިއެވެ.
ފޯނު ބޭއްވި ގޮތަށް އޭނާއަށް ދޫކޮށްލެވުނީ ފުން ނޭވާއެކެވެ. އޭނާއިނީ ސިޓިންރޫމް ސޯފާގައި އިށީނދެއެވެ. ބޭރުން ގެއަށް އައިސް ވަތް ނިޔަލްއަށް ނުހައިކް މޫނުގައި އަތް އުނގުޅައިލިތަން ފެނުނެވެ. މަޑުމަޑުން ހިނގައިލައިފައި ގޮސް ނިޔަލް ނުހައިކްގެ ގާތުގައި އިށީނެވެ.
“ހާދަ ކަންބޮޑު ވެފަ ތި އިނީ؟” ނިޔަލްގެ އަޑަށް ނުހައިކް ބަލައިލިއެވެ.
“އާނ، ކަންބޮޑު ވާނެއެއްނު؟ އެ ޔާންގަނޑެއް އެ އުޅެނީ އެ ނުލަފާ ހަންޑިގަނޑާ އަޅައިގަނެގެން.” ނުހައިކްގެ އަޑުގައިވި ނަފްރަތު އަޑުއިވިފައި ނިޔަލްގެ ތުންފަތުގައި ދުވެލީ މަކަރުވެރި ހިނިތުނވުމެކެވެ.
“ސުބްޙާނަﷲ، ދޮގު ނުހަދާ. ޒީކްއަށް ވުރެ މާ ރީތި ކުދިން އެ ސޮރަށް ލިބޭނެ.” ބޯ ހޫރުވައިލަމުން އެހެން ބުނިއިރު ނިޔަލްގެ ސިކުނޑީގައި ދިޔައީ އެތަކެއް ކަންތައްތަކެއް ރާވަމުންނެވެ.
“ނޭނގެ ދެން.” އައި ރުޅީގައި ނުހައިކް ތެދުވެ ދިޔައީ ބޭރަށެވެ.
ބޭރަށް ނިކުތް ޒީކްގެ ތުންފަތުގައި ވީ އުފާވެރި ހިނިތުންވުމެކެވެ. އެއްއަތުގައި ކަނޑައިފައި އޮތް މެގްނަމެއް އޮތްއިރު އޭނާ އިންތިޒާރުކުރަމުން ދިޔައީ ޔާނިއު ފިހާރައިން ނިކުންނާނެ އިރަކަށެވެ. އޭގެ ކުޑަ އިރުކޮޅެއް ފަހުން ފައިސާ ދެއްކުމަށްފަހު ޔާނިއުވެސް މެގްނަމްއެއް ހިފައިގެން ނިކުތެވެ. ދެ ޒުވާނުންވެސް ހީ ސަކަރާތް ޖަހަމުން ގެ އާއި ދިމާލަށް ހިނގައިގަތެވެ. ޒީކްއަށް އެތަކެއް މީހުންތަކެއްގެ ނަޒަރު ސީދާވި ނަމަވެސް އޭނާ އެކަމަށް މާކަ ބޮޑަކަށް އަޅައެއް ނުލިއެވެ. ދެ ޒުވާނުން ހިނގަމުން ދިޔަ މަގުމަތިން ކުއްލިއަކަށް ކުރިމައްޗަށް ޖެހުނީ ނުހައިކްއެވެ.
“ކަލޭމެން ދެމީހުންނަށް ސާބަސް.” ބޯ ހޫރުވައިލަމުން ނުހައިކް އެހެން ބުނިއިރު އެ އަޑުގައިވި މަލާމާތުގެ ރާގެއް އެއިން އެކަކަށްވެސް ސިއްރެއް ނުވިއެވެ.
“ކޮން ކަމަކު ތި އުޅެނީ؟” އެކަމަށް މާ ބޮޑަށް ފަރުވާ ބެހެއްޓުމެއް ނެތި ޔާނިއު އަހައިލިއެވެ.
“އަހަރެން ތަ ކަމަކު މި އުޅެނީ؟ ކަލެއެއްނު މި ހަންޑިގަނޑު ގޮވައިގެން ތި ތަންތަނަށް ދުވަނީ؟” ނުހައިކްގެ އެ ހިތި ބަސްތައް އަޑުއިވި ޒީކް އިސްޖެހުނު އިރު، ޔާނިއުގެ ގާތަށް އަންނަން ފެށީ ރުޅިއެވެ.
ނަސީބު ދިމާކުރި ގޮތުން އެ ވަގުތަކު އެ ހިސާބަކު އެއްވެސް މީހަކު ނެތެވެ. އެ ތިން ޒުވާނުންނަށް ވެސް ތިބެވުނީ ފަޅު ގޯޅިގަނޑެއްގެ ތެރޭގައެވެ. ޔާނިއުގެ އަތް މުއްކެވުނެވެ.
“ހަންޑި އޭ؟” މަޑުމަޑުން ޔާނިއު އެހެން އެހި ކަމުގައިވިޔަސް އެ އަޑުގައިވީ ރުޅިވެރިކަމެއް ނުހައިކްއަށް ސިއްރެއް ނުވިއެވެ.
“އާނ، ހަންޑި. ވިޔާނުދާކޮށް މީހުންގެ ގައިން ގަޔަށް އަރަމުން ދުވާ-” ނުހައިކް އެއްކޮށް އެހެން ބުނެ ނިމުމުގެ ކުރިން އަތުގައި ހުރި ބާރެއް ލައިފައި އަތުގައި އޮތް މެގްނަމް ޔާނިއު އޭނާގެ ކޯތާފަތް މައްޗަށް ޖެހިއެވެ.
“ހުއްޓާލާ! ޒީ އޭ ކިޔައިގެން ވާހަކަ ވާހަކަ ދައްކަން ތީ ކާކު؟” ޔާނިއުގެ އަޑު ބާރުވުމާއިއެކު ޒީކްގެ ހިތް ބިރުގަންނަން ފެށިއެވެ.
އައި ރުޅީގައި ނުހައިކް ޔާނިއުއަށް ލޯ އަޅައިލިއެވެ. ކޯތާފަތް މަތީގައި މަޑުމަޑުން އަތް ހާކައިލަމުން ކުރިއަށް ފިޔަވަޅެއް އަޅައިލިއެވެ.
“އޭނާ ދިފާޢުކުރަން ކަލޭ ތީ ކާކު؟” ނުހައިކްވެސް ކޮށްލީ ސުވާލެކެވެ.
ދެއަތް މުއްކަވަމުން ނުހައިކް އާއި ދިމާލަށް ފިޔަވަޅެއް އަޅައިލި ޔާނިއު ހުއްޓުނީ އަތުގެ މުލައްދަނޑީގައި ޒީކް އަތް ބާއްވައިލުމުންނެވެ. ޔާނިއު ޒީކްއަށް ބަލައިލުމާއިއެކު ތިކަން ނުކުރާށޭ ބުނާފަދަގޮތަކަށް ޒީކް ބޯ ހޫރުވައިލިއެވެ.
“އޭނާ ބުނާހާ ގޮތެއް ހަދާތި. ނޭނގެ މިހާރު ކަލެއަށްވެސް އޭނާ ހަށި ނުވިއްކާކަމެއް.” ނުހައިކްގެ އަނގައިގައި ބަސް އޮއްވައި އޭނާގެ ކޯތާފަތް މައްޗަށް އެރީ ޔާނިއުގެ އަތުގެ ހޫނު ހަމަލާއެކެވެ.
“ޔާނިއު..” ލިބުނު ސިހުމުގައި ޒީކްއަށް ވައި އަޑުން ބުނެވުނެވެ.
“ދެން ޒީކް އޭ ކިޔައިގެން އެންމެ އެއްޗެކޭވެސް ކަލޭގެ ދުލުން ބޭރުވެގެން ނުވާނެ.” ނުހައިކްގެ މޫނަށް އިނގިލި ދިގުކޮށްލުމަށްފަހު ޔާނިއު ކުރިއަށް ހިނގައިގަތެވެ.
ކޯތާފަތް މަތީގައި އަތް ބާއްވައިލައިގެން ހުރެ ޒީކްވެސް ޔާނިއު ފަހަތުން ދިޔަ ދިމާއަށް ނުހައިކް ބަލައިލިއެވެ. އައި ރުޅީގައި އޭނާއަށް ދަތްކުނޑިވިކައިލެވުނެވެ. ކުޑަ އިރުކޮޅަކު އެހެން ހުރެފައި ނުހައިކް ގެއަށް ދާން ހިނގައިގަތެވެ. އެއިރުވެސް އޭނާގެ ކޯތާފަތް މަތި ހުރީ ރަތްވެފައެވެ.
ޔާނިއު އެއްވެސް ސުވާލެއް ނުކުރެއެވެ. ނުހައިކްގެ ދުލުން ބޭރުވި ބަސްތަކުގެ ސަބަބުން ޒީކް ކިތަންމެ ހިތުގައި ޖެހިފައިވީ ކަމަކު އޭނާ ބެލީ އެކަން މާ ބޮޑަށް މޫނުން ނުދައްކާ ވޭތޯއެވެ. ގެއަށް އައި ގޮތަށް އުޝާންގެ ގާތުގައި މިރޭ އެ ކޮޓަރީގައި އޭނާ ނިދުމުގެ ކަންތައް ހަމަޖެއްސުމަށް އެދުނެވެ. ނުހައިކް އާއި ޔާނިއު ގެ މެދުގައި ކުޑަ މައްސަލައެއް ޖެހުނީ ކަމުގައި ބުނުމުން ވަގުތުން އުޝާން އެއްބަސްވިއެވެ. އެ ދުވަހުގެ ދަތުރުވެސް ކެންސަލް ވީއެވެ. ޔާނިއުގެ ގާތުގައި އެކަމާއި ބެހޭ ގޮތުން ސުވާލުކުރާކަށް ހަމަ އެކަކަށް ނުކެރުނެވެ. ޒީކްވެސް ނޭނގޭކަމަށް ހަދައިގެން ހުރީއެވެ.
ނުހައިކް ގެއަށް ދިޔަ ގޮތަށް ނިޔަލްގެ ގާތުގައި ވެ ދިޔަ ހުރިހާ ކަމެއްގެ ވާހަކަ ކިޔައިދިނެވެ. ނިޔަލް ބޭރުފުށުން ނުދެއްކި ކަމުގައި ވިޔަސް އެތެރެއިން ހުރީ ދިމާވަމުން ދިޔަ މައްސަލަތަކާއިއެކު އުފަލުން ފޮޅިފައެވެ.
ޢީދުގެ ހަތަރު ދުވަސް ފާއިތުވެގެން ދިޔައިރު ޒީކްމެން ނުހަނު މަޖާކުރިއެވެ. ނަމަވެސް އެ މަޖަލުގައި ނުހައިކްއެއް ބައިވެރިއެއް ނުކުރެއެވެ. ނުހައިކްވެސް މަޖާކުރިއެވެ. ލިޝާ އާއި އޭނާގެ އެހެނިހެން ކުރީގެ އެކުވެރިންނާއިއެކުގައެވެ. ނިޔަލް އާއިއެކުވެސްމެއެވެ.
އެއީ ހަތަރުވަނަ ޢީދު ދުވަހުގެ ރެއެވެ. އެ ރޭ ވީ ނުހަނު ވައި ގަދަ ރެއަކަށެވެ. ޒީކް ފިހާރައަށް ދާން ނިކުތީ އެ ގޭގައި ތާސްބައި ނެތުމުން ތާސްބައި ގަތުމަށެވެ. އޭނާ ތާސްބައިގަނެގެން ފިހާރައިން ހަމަ ނިކުތުމާއިއެކު ވިއްސާރަ އޮހިގެންފިއެވެ. ޒީކް ޗޮކެއް ކަނޑައިލަމުން އަވަހަށް ގެއެއްގެ ފުރާޅު ދަށަށްވަނެވެ. އެ ގެ ވީ ފަޅު ގެއަކަށެވެ. އޭނާއަށް މަޑުކޮށްގެން ހުރެވުނީވެސް ފަޅު ގޯޅިގަނޑެއްގައެވެ. ތަންކޮޅެއް ދުރުގައި ފާރަލަން މީހަކު ހުރިކަމެއް ޒީކް ނުދެނަހުއްޓެވެ.
ޒީކް އެހެން ހުއްޓައި ވާރޭ ތުނިކޮށްލިއެވެ. ފުން ނޭވާއެއް ބޭރުކޮށްލަމުން ޒީކް އަވަސް އަވަހަށް ހިނގައިގަނެފިއެވެ. އޭނާ އެހެން ގޯޅިގަނޑަކަށް ހަމަ އަޅައިލުމާއިއެކު ތަނަވަސް މޭމައްޗެއްގެ ކުރިމައްޗަށް ޖެހުނެވެ. އިސް އުފުލައިލައި ޒީކް ބަލައިލިއިރު ފެނުނު މޫނަކުން އޭނާގެ ހިތަށް ފިނިވެލިއެވެ.
ވާރޭގެ ސަބަބުން އިސްތަށިގަނޑު ތެމިފައިވުމުން ނުހައިކް ފެންނަމުން ދިޔައީ ނުހަނު ހުވަފެނީ ގޮތަކަށެވެ. ދެބުމަ ގޮއް ޖަހައިގެން ބަލަން ހުރި ގޮތުން ޒީކްއަށް އިސް ޖެހުނެވެ.
“ދާ ކޮންމެ ތާކުން މި ހަންޑިއަކާ ދިމާވާނެ، ސަލާމަތެއް ނެތް.” ނުހައިކް ކުރިއަށް ހިނގައިގަންނަމުން ބުނި ވާހަކައިން ޒީކްގެ ހިތަށް ތަދުވެލިއެވެ.
ތުންފަތުގައި ދަތް އަޅައިލަމުން އޭނާ އަނެއްކާވެސް ހިނގައިގަތެވެ. އޭނާ ގޮސް ބޮޑު މަގަށް އެޅިއިރު ވާރޭ ވެހުމުގެ ސަބަބުން އެއްވެސް މީހަކު ބޭރަކު ނެތެވެ. އޭނާ އެހެން ދަނިކޮށް އަނދިރި ގޯޅިގަނޑެއް ކުރިމަތިން ހުރަސްކޮށްލަން ޖެހުނެވެ. ޒީކް ސިހުނީ ކުއްލިއަކަށް މީހަކު ޒީކްގެ އަތުގެ މުލައްދަނޑީގައި ހިފައި، އެ ގޯޅިގަނޑަށް ދަމައިގަތުމާއިއެކުގައެވެ. ހަޅޭލަވައިގަންނަން ހުޅުވައިލި އަނގައިގައި ފޮތިގަނޑެއް އެމީހަކު އެޅިއެވެ. އަޑު ނުނިކުމެ އުޅެނިކޮށް އޭނާގެ ހެޔަށް ގޮތްގޮތްވެ، ލޯ މައްޗަށް އަނދިރިވާނެ ފެށިއެވެ. އެ މީހެއްގެ އަތުން ދޫވަން ކުރި މަސައްކަތާއި ތެޅުނު ތެޅުން ވެގެންދިޔައީ ބޭކާރު ކަމަކަށެވެ. އެއާއިއެކު ހޭނެތިގެން އެ މީހަކުގެ އަތްމައްޗަށް ޒީކް ދެމުނެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

