Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިލޯބި

ގާތުގައިވި އަނދިރިކަން 11-2

umny Level 210 Stories
October 16, 2025 4 Mins Read
0 Comments

ކާކު؟ ކާކު މިފަދަ ކަމެއް ކުރީ؟ ކާކު ކުރާނީ ވެސް!؟ ” އަރީން ވެސް ގޮސް ހުސްވެއްޖެއެވެ. މަލަކްގެ އަތުން ދޫކޮއްލުމަށްފަހު އޭނައަށް ހިނގައިގަނެވުނީ ގަސްތަކުގެ އެތެރެއަށެވެ. ހިކިފަތްތަކުގެ މަތިން މުރަނަ އަޑު ކިޔަމުން ދިޔަ އަޑު އެދުވާލު ވަގުތު ވެސް ނާމާން އަޑެއް ފަދައިން އިވެމުން ދިޔައެވެ. އަރީންގެ ފިޔަވަޅުތައް ބާރު ކޮއްލެވުނެވެ. އޭނަގެ މަންމަ ސިހުރު ހެދި ދިމާލުގައިވި އަމާނީގެ މަހާނަ ފެންނަން ހުއްޓެވެ. އޮއްސާލި ބޯ ވާރެއާއިއެކު މޮޔަވެފައިވާ މީހެއް ފަދައިން ބިންމައްޗަށް ތިރިވެ ދެއަތުން އެތަން ކޮންނަން ފެށިއެވެ. އެދޮން ދެއަތް ވެއްޔާއި އެކު ކިލާވިއެވެ. މާ ގިނަ އިރު ކޮންނާކަށް ނުޖެހުނެވެ. ކޮއްކޮ އަމާނީގެ ކަށިގަނޑު ފެނުނެވެ. އެހެނަސް ބޮލެއް ނެތެވެ..

“އަމާނީ! ” އަރީންއަށް ރޮއެގަނެވުނީ ދެނެވެ. އަރީންގެ ފުރަގަހުން އޭނަގެ ގައިގައި އޮޅުލައި ގަތް މަލަކްގެ ދެލޯ ވެސް ކަރުނުން ފުރިގެން ދިޔައެވެ.

—

މެންދުރުވެގެން އައި އިރު އުޑުމަތި އަދިވެސް ވަނީ ބަނަކޮށެވެ. ގަދަވަޔާއި އެއްވަރަށް ހެލެމުން އެދިޔަ ފަތްތަކަށް ވެސް ހުއްޓުމެއް ނެތް ކަހަލައެވެ. ވިދުމާއި ގުގުރުންވެސް މެދި ނުކެނޑެއެވެ. ހީވާ ކަހަލައެވެ. އަރީންގެ ދެމަފިރިންގެ ހިތާމައިގައި މާހައުލު ވެސް ބައިވެރިވާކަމެވެ.

” މަލް.. ކޮންމެވެސް އެއްޗެއް ކާލަން ހިނގާ… ” އަރީން އައިސް މަލަކްގެ ގާތުގައި އެނދުގައި އިށީނެވެ. ރަނާއި ބެއިޖްކުލައިގެ އެނދުގެ ހެޑްބޯޑުގައި ބޯ ޖައްސާލައިން އިން މަލަކްގެ ދެލޮލުން އޭރު ވެސް ކަރުނަތައް އޮހޮރެމުން ދިޔައެވެ.

” ކިހިނެތް އަހަރެން ކާނީީ؟ އަމާނީއަށް އެހާލު ޖެހިފައި ހުރީމައި ކިހިނެތް ކެވޭނީ ވެސް؟ އެޖިންނި އަމާނީގެ ހަށިގަނޑުން ނެރެވޭނެ ގޮތެއްވެސް ނޭނގޭ… ނޭނގޭ އަހަރެމެންނަށް ނުފެންނަ އިރު އެފަކީރު އުޅޭނީ ކިހިނެތް ކަމެއް ވެސް.. ” މަލަކްގެ ނަޒަރު ހުރީ ބެލްކަނި ދޮރުން ބޭރުގައި މިހާރު ވެސް ވެހެން ތައްޔާރު ކުރަމުން ދިޔަ ވިލާގަނޑަށެވެ.

” ކޮންމެވެސް އެއްޗެއް ކާންވާނެ ދޯ؟ ހެނދުނު ވެސް ސައިނުބޮއެ. މަލް ބަލިވެއްޖެއްޔާ ކިހިނެތް އަހަރެމެން ދެމިހުން އަމާނީ ސަލާމަތްކުރަން އުޅެވޭނީ؟ ކުރިން ވެސް މަލް ވަރަށް ހިތްވަރު ކުރީމެއްނު. އަހަރެމެންގެ ދެކުދިންނަށްޓަކައި ވެސް ؟ ” އަރީން މަލަކްގެ އަތުގައި ހިފާލަމުން ފިރުމާލިއެވެ.

” އަހަރެން ހިތްވަރުކުރަން ބޭނުމޭ އަރޫ. އެބަ މަސައްކަތް ކުރަމޭ.. އެކަމަކު ވެސް އަހަރެން ހިތަށް އަރަނީ ކީއްވެބާއޭ މިހެން މިދިމާވީ؟ އަހަރެމެން އުފަލުގައި އުޅޭތީ މީހަކު ހަސަދަވެރިވަނީތަ؟ ” މަލަކް ތެދުވެ އަރީންއަށް ބަލާލިއެވެ.

” ވެދާނެ. އާއިލާއަކާއި މުދާ ލިބުނީމައި ހަސަދަވާ މީހުން މަދެއްވެސް ނުވާނެ… ” އަރީން ބުނެލިއެވެ.

” އެކަމަކު ކީއްވެހޭ ހަމަ ކުއްލިއަކަށް؟ އިހަކަށް ދުވަހު ވީ ކަމެ..އް! ” މަލަކްއަށް ވިސްނާލެވުނު އެއްޗަކުން ބަސް ހުއްޓުނެވެ.

” ކީކޭ؟ ކިހިނެތްވީ؟ ” އަރީން ނިއްއަރުވާލި އިރު ނިތުގައި ހުރި ރޫތައް ފާޅުވެގެން ދިޔައެވެ.

” އަނެއްކާ ޒޯޔާގެ ކަމެއް ނޫންތަ؟ މިހެން ދިމާވާން ފެށީ އެދެމިހުން ކައިވެންޏަށްފަހު. ޒޯޔާ އައި ހިސާބުން ފެށިގެން. ކައިވެނި ކުރަން އުޅުނު ދުވަހު މެންދުރު މިގެޔަށް ބަދަލުވި އިރު ވެސް އޭނަ އުޅުނު އުނދޯލި ކައިރީ މާ ބިންނަން. ކިތަންމެ ބިޔަކޮށް ހުރި ގަސްތަކަކަށް ވިޔަސް އެތަނަށް ވަދެވޭނެ ދެކަކޫ ޖަހައިގެން.. ” މަލަކް ހިތަށް އެރި އެއްޗަކުން މުޅި ގައިން ހީބިހި ނަގައިގެން ދިޔައެވެ.

” މޮޔަވީތަ މަލަކް.؟ ތިހެން ހަމަ ނޭނގި ހުރެ މީހެއްގެ ބޮލުގައި އިލްޒާމު ތިއަޅުވަނީ؟ ” އަރީންގެ ގާތަށް އިންތިހާއަށް ރުޅިއައެވެ.

” މަށަށް ހަމަ ވިސްނެނީ އެހެންނޭ…. ދެން އެހެންނޫނީ ކާކުތަ؟ ” މަލަކްގެ ކަރުނަތައް ދެގުނަވިއެވެ.

ދެމަފިރިންގެ ވާހަކަ އަޑު އަހަން ހުޅުވިފައިވާ ދޮރު ކައިރީގައި އިރުފާން ހުއްޓެވެ. ރޭގައި ޒޯޔާ ގޮވައިގެން ގެއިން ދިޔަ ފަހުން ވަރަށް ކަންތައްތައް ދިމާވީ ވާހަކަ ތައުމާ ބުނުމުން އޭނަ މަންމައާއި ބައްޕަ ކޮބައިތޯ ބަލާލަން އައި އިރު އިވުނު ވާހަކަތަކުން އޭނަ ހުރީ ހުއްޓުން އަރާފައެވެ. މަންމަ އެދައްކަނީ ތެދު ވާހަކައެއްކަމަށް ވެދާނެއެވެ. މިފަހަކަށް އައިސް ޒޯޔާ އުޅޭ ގޮތުން ކޮންމެވެސް ކަމެއް ފޮރުވަން އުޅޭކަން އެނގެއެވެ. އެހެނަސް ނޭނގެނީ ފޮރުވަން އުޅެނީ ކޮންކަމެއް ކަމެވެ. ޒޯޔާ ވިޔަސް ނޫނީ އެހެން މީހެއް ވިޔަސް އޭނަގެ ކޮއްކޮއާއި މަންމައާއި ބައްޕައަށް ގެއްލުން ދޭ މީހަކަށް އޭނަ މާފެއް ނުކުރާނެއެވެ.

ފުންނޭވާއެއް ދޫކޮއްލުމަށްފަހު އިރުފާން މައްޗަށް އަރައިގެން ގޮސް ކޮޓަރިއަށްވަނެވެ. ދޮރު ވެސް ބާރަށް ޖެހި ގޮތުން އޭނަ އެހެރީ އިންތިހާއަށް ރުޅިއައިސްފައިކަން އެނގެއެވެ. ދެއަތް ދެއަތާއި މޮޑެމުން ދެން ހަދަންވީ ގޮތެއް އޭނައަކަށް ނޭނގުނެވެ. ކުއްލިއަކަށް އެއްޗެއް ހިތަށް އެރުމާއި އެކު ގޮސް ޒޯޔާގެ އެއްޗެހިތައް ލައިފައި ހުރި އަލަމާރީގެ ވަތްގަނޑުތައް ބަލަން ފެށިއެވެ. ފާހަގަ ކުރެވޭ އެއްޗެއް ނުފެނުމުން ފުންނޭވާއެއް ދޫކޮއްލުމަށްފަހު އޭނަ ގޮސް އެނދުގައި އިށީނެވެ. އެހެނަސް ދެވަނަ ސިކުންތުގައި އޭނަ އެނދުން ތެދުވިއެވެ. އަދި އެނދުގެ ގޮދަނޑި ހިއްލާލުމަށްފަހު ހެދުންތައް ނަގާފަައި ހުރި ޒޯޔާގެ ބޮޑު ފޮށިގަނޑު އެނދުގެ ދަށުން ނެގިއެވެ. މަޑު އަޅިކުލައެއްގެ އެފޮށިގަނޑު ނަގައި ބިންމަތީގައި ބޭއްވުމަށްފަހު ގޮދަނޑި ތިރިކޮއްލިއެވެ. އަދި ބިންމަތީގައި ދެކަކޫ ޖަހައިގެން އިށީނދެ ފޮށިގަނޑު ހުޅުވާލިއެވެ. އޭނަ ހުސްކޮށް އޮތް އެފޮށިގަނޑުގައި ޒިބު ދަމާފައިވާ ތަންތަން ޗެކްކުރަން ފެށިއެވެ. އެންމެ އެތެރެއަށް އިން ވަތްގަނޑުގައި އަތް ޖައްސާލި ތަނާ  ފޮއްޓެއް ކަހަލަ އެއްޗެއްގައި އަތް ޖެހުނެވެ. މަޑުނޫކުލައިގެ ބިއްލޫރި ހިތެއްގެ ބައްޓަމަށް އިން އެފޮށިގަނޑު ގިނަ ދުވަސްވުމުގެ ސަބަބުން ވަނީ ތަޅު ހަލާކުވެފައެވެ. ވުމާއެކު ފަސޭހައިން ހުޅުވާލެވުނެވެ. އޭގައިވަނީ މަޑު އެއްޗެކެވެ. ކަޅުކުލައިގެ ހިމަ ޗެއިން ފަށަކާއި ކުޑަކުޑަ ފޮޓޯ ގަނޑެކެވެ. ދެމަފިރިއެކެވެ. ޒުވާން އުމުރުގެ ދެމިހުންގެ މޫނުމަތިން ހިނިތުންވުން ފެންނަމުން ދިޔައެވެ. އަންހެންމީހާގެ އެއްއަތް ބަނޑުގައިވާ ގޮތުން ބަނޑުބޮޑުކަން އަންގައިދެއެވެ. ފިރިހެންމީހާ ޔޫރަޕު ވައްތަރުވުމުން އެއީ ޒޯޔާގެ މައިންބަފައިންކަން ޔަޤިންވިއެވެ. ޒޯޔާ މުޅިން ވެސް ވައްތަރުވަނީ އޭނަގެ ބައްޕައާއި އެވެ.

ހިތްހަމަޖެހުމުގެ ނޭވާއަކާއި އެކު އިރުފާން އެއެއްޗެހި ހުރި ގޮތަށް ލައި ފޮށިގަނޑު ލައްޕާލިއެވެ. އޭނައަށް އެކުރެވެނީ ކުށްހީއެވެ. މަންމައަށްވެސް އެކުރެވެނީ ކުށްހީއެކެވެ. ޒޯޔާއަކީ ރަނގަޅު ކުއްޖެކެވެ. އޭނަގެ އާއިލާއަށް ދެރައެއް ނުދޭނެއެވެ. އަދި އަމުދުން އޭނައަށް މާރަނގަޅަށް ނޭނގޭ ސިހުރުގެ ވާހަކަ ޒޯޔާއަށް ވަކި އެނގޭނީ ވެސް ކިހިނެތް ހެއްޔެވެ؟ ބައްޕަ ބުނެފައިވާ ގޮތުން އެކަން ހިނގި ދުވަސްވަރުގެ ގިނަ މީހުން ނިޔާވެއްޖެއެވެ. ދެން ތިބި ބަޔަކު ތިބީ ބަލި ހާލުގައެވެ.

” އިރުފާން؟ ކޮބާ މަންމަމެން ގާތަށް ގޮސް ތިއައީ؟ ” ރޯގާވެގެން އަޑު ކުރެހިފައިވާ ޒޯޔާ އަހާލިއެވެ. އޭނަ އެނުކުތީ ފާހަނައިންނެވެ.

” ނޫން. މިގަޑިގައި ރެސްޓްކުރަން ތިބީމައި. ދެން ހަވީރުން ބުނާނީ. ދެންމެއެއްނު އަދި މިއާދެވުނީ. އޮށޯވެ ރެސްޓްކޮއްލާ އިނގޭ. އަހަރެން އަންނާނަން އިރްދީނާއްތަ ގާތުގައި ސޫޕްއެއް ތައްޔާރުކޮއްލަން ބުނެލާފައި. ” އިރުފާން ތެދުވެ ޒޯޔާގެ ކޮލުގައި ފިރުމާލަމުން ކޮޓަރިން ނިކުންނަން ހިނގައިގަތެވެ.

—

ނިދިފައިވާ އަމާނީއަށް ހޭލެވުނު އިރު ދަންވަރު އެގާރަ ޖަހަނީއެވެ. އަނގައިގައި ކުނި ރަހައެއް ލާހެން ހީވެގެން އެނދުން ފުންމައިގެން ގޮސް ފާހާނައަށް ވަދެ އަނގަ ދޮވެލި އިރު ހިކިފައިވާ ކަހަލަ ލޭގެ އަސަރުތަކެއް ހުއްޓެވެ. ހައިރާންވެފައި އޭނަ ތެދުވެ ލޯގަނޑުން މޫނު ބަލާލި އިރު މޫނުގައި ވެސް ވަނީ ލޭގެ އަސަރުތަކެވެ. ދެލޯ ބޮޑުވެ ދެއަތާއި ހެދުމަށް ބަލާލި އިރު ވެސް ވަނީ ލޭ ހިކިފައިވާ ކަމުގެ އަސަރުތަކެވެ. ދެން ހިޔާލަށް އައީ ރޭގައި އަލަމާރިން ރޯމަސް ކޭކަމެވެ. އަދި ނުވި ތާކަށް ގޯތިތެރެއަށް އައި ކާޅެއް ވެސް ރޮލާއި ކެވުނުކަމެވެ.

ވަގުތުން އޯކަށް ދެމިގަނެ ފާހާނަ ތަށި ތެރެއަށް ހޮޑުލެވުނެވެ. ހޮޑުލައި ނިމުމުން ރަނގަޅަށް ތެދުވެ ހަމަޖެހިލަމުން އިސްކުރުން ރަނގަޅަށް އަނގަ ދޮވެލިއެވެ. އަދި ފެންވަރައި ތާޒާވެލައިގެން ނިކުމެ އާ ހެދުމެއްލިއެވެ. އާ ދުވަހަކަށް ތައްޔާރުވެ ނަލަވެލައިގެން ސެންޓް ޖަހާލަން އުޅެނިކޮށް އެއިގެން ވެސް ދުވީ ނުބައި ވަހެކެވެ. ދުވަހަކުވެސް ވާގޮތެއް ނޫންކަން ސެންޓް ފުޅި ސަކަރާތްވީ ކަމަށް ހިތާ އެފުޅި ޑަސްބިނަށް ލިއެވެ. ދެން ހުރި ފުޅިތަކުން ވެސް އެފާޑު ވަހެއް ދުވާތީވެ ރޭގައި ކެވުނު އެއްޗެއްގެ ސަބަބުން ވާ ގޮތެއް ކަމަށް ހިތާ ގޮސް އޭނަ އެނދުގައި އިށިނދެލިއެވެ. އިއްޔެ ކޮލެޖަށް ދިޔަ މަގުމަތީގައި ގަތް އަގުބޮޑު މަޑު ދަނބުކުލައިގެ ފޯނު އޮތީ ނިވިފައެވެ. ޗާޖަށް ޖަހާލުމަށްފަހު ފޯނު ހުޅުވާލި އިރު ފުލުފުލުގައި މިސްކޯލުގައި މެސެޖުތައް އައިސްފައިވެއެވެ. މިއަދު ކޮލެޖަށް ނުދިއުމުން އެކަމާއި ޓީޒަރުންނާއި އެކުވެރިން ކޮއްފައިވާ މެސެޖުތަކެވެ. އަމާނީ ހައިރާންވިއެވެ. ދެން ބަލާލެވުނީ ގަޑިއަށެވެ. ދަންވަރު އެގާރަ ޖަހަނީކަން އެނގުމުން އޭނައަށް ދެލޯ ބޮޑުކޮއްލެވުނެވެ. އޭނަ މުޅި ދުވަސް އެއްކޮށް ނިދީ ހެއްޔެވެ؟ ސުބްހާނަﷲއެވެ. މީގެ ކުރިން ދުވަހަކުން ވެސް ކުރެވުނު ކަމެއް ނޫނެވެ.

އަމާނީ ފޯނު ބާއްވައި ރަނގަޅަށް ވިސްނާލިއެވެ. މިފަހަކަށް އައިސް އޭނައަށް ތަފާތު ބަދަލުތަކެއް އަންނަކަން ފާހަގަވެއެވެ. ލަހުން ތެދުވެވުމާއި ރޭގަނޑު ދަންވަރު އުނދޯލި ކައިރިއަށް ދާހިތްވެ މޭނުބައި ކުރުމާއި އެހެންޏާއި ދުވަހަކުވެސް ނުކާ އެއްޗެހި ކެވުން ވެސް ފާހަގަވެއެވެ. އަދި ޔާނިއުއާއި އިއްޔެ ދެއްކި ވާހަކަތައް ވެސް ހަނދާންވިއެވެ. އޭނަ ޔާނިއުދެކެ ނުހަނު ލޯބިވާ އިރު ޔާނިއުއާއި ދިމާއަށް އެއްޗެހި ކިޔާ ބުރޭކްއަޕް ވެވުނީ ކީއްވެ ބާވައެވެ؟ އޭނަ އެކަމާއި ދެރަވެސް ނުވާކަން ފާހަގަވިއެވެ. ޖަވާބެއް ނެތް ކަހަލަ ސުވާލުތަކެއް ކަންނޭނގެއެވެ. ވެދާނެއެވެ. މާ ބިޒީކޮށް އުޅެވުނީމައި ވާގޮތެއް ކަންނޭނގެއެވެ.

ނުނިމޭ

އަޅުގަނޑު ބަލިވެ އުޅޭތީވެ މިހަފްތާގެ ޕާރޓްތައް ލަސްވާކަމަށްޓަކައި ކިޔުންތެރިންގެ ކިބައިން މައާފަށް އެދެމެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

umny

Level 210 Stories

Other Articles

Previous

ހިތުގެ އަނގުރު – ބާބް 3

Next

މާސްކު (ޕާޓް 23)

Next
October 16, 2025

މާސްކު (ޕާޓް 23)

Previews
October 16, 2025

ހިތުގެ އަނގުރު – ބާބް 3



All Right Reserved!