”ޔޫ އެއްޗެހި ބަދަލު ކޮއްލާ. ނިމުނީމަ ގޮވާލާ އޭރުން ނިކުންނާނަން“ ނިކްޔާން ބުންޏެވެ. ޔޫއާ ބޯޖަހާލިއެވެ. ބޮލުގައި އިން ޝޯލް ބާލާފައި ޔޫއާ ކައިވެނީގެ ހެދުން ބަދަލު ކޮއްލިއެވެ. އަދި ފާހާނާ ދޮރުގައި ޓަކި ޖަހާލިއެވެ. ”ނިމިއްޖެ“ ޔޫއާ ޓަކި ޖަހާލުމުން ނިކްޔާން ނިކުތެވެ. އަދި ބާލީހާއި ފޮތިގަނޑެއް ހިފައިގެން ސޯފާގައި އޮށޯއޮތެވެ. ”ޔޫ ނިދާ އެނދުގަ“ ނިކްޔާން ބުންޏެވެ. ޔޫއާ ބޯޖަހާލިއެވެ. ފާހާނާއަށް ވަދެ ޔޫއާ މޫނު ދޮވެލިއެވެ. އޭރު ޔޫއާގެ މޫނު މަތީގައިވީ ފުރިހަމަ ހިނިތުންވުމެކެވެ. ނިކްޔާން އަކީ ޔޫއާ ހީކުރިހާ ”ފޮނި“ މީހެއް ނޫންތާއެވެ.
(6 ވަނަ ބައި)
ފަތިހުގެ ފިނި ފިނި ވަގުތެވެ. ނިދިފައި އޮތް ޔޫއާއަށް ހޭލެވުނީ ނިކްޔާން ގޮވަން ފެށުމުންނެވެ. ”ޔޫ.. ބަންގި ގޮވައިފި.. ތެދުވޭ ނަމާދު ކުރަން“ އޭރު ނިކްޔާން ހުރީ މިސްކިތަށް ދާން ތައްޔާރު ވެގެންނެވެ. ނިކްޔާންގެ އެޢަމަލުން ޔޫއާގެ ހަށިގަނޑުން ހީބިހި ނަގައިގަތެވެ. މިޒަމާނުގައި އެކަހަލަ ފިރިހެނުން އުޅޭ ކަމެއް ޔޫއާ ނުދެނަހުއްޓެވެ. މިހާރުގެ ފިރިހެން ކުދިންނަށް މިސްކިތް ގޭދޮރުމަތީ ހުއްޓަސް މިސްކިތަށް ދިޔުން ވަނީ ބޮޑު ވޭނަކަށްނުން ހެއްޔެވެ؟ ޔޫއާ ހިނިތުންވެލާފައި ތެދުވެ އިށީނެވެ. އަދި ބޮލުގެ އިސްތަށިގަނޑުގައި އަތްފުނާ އަޅާލިއެވެ.
”ޔާން މިސްކިތަށް މިދަނީ އިނގޭ. ނުނިދައްޗޭ ދެން“ ނިކްޔާން ބުންޏެވެ. ޔޫއާ ބޯޖަހާލިއެވެ. އަދި ފާހާނާއަށް ވަނެވެ. ފަތިސް ނަމާދުކޮށް ނިމުމުން އިރުކޮޅަކު ޤުރްޢާން ކިޔަވަން ޔޫއާ އިނެވެ. އިރުކޮޅެއް ފަހުން ނިކްޔާން ވަނެވެ. ”ފިނިކޮށް ކިރު ތައްޓެއް ގިރާދީބާ“ ނިކްޔާން އެދުނެވެ. ޔޫއާ ބޯޖަހާލާފައި ބަދިގެއަށް ދިޔައެވެ. އިރުކޮޅެއް ފަހުން ނިކްޔާންވެސް ނިކުތެވެ. އަދި ޔޫއާ ގިރައިދިން ކިރުތަށި އެއްނޭވާއިން ބޯލިއެވެ. ”ޖިމްއަށް މިދަނީ އިނގޭ.. އަންނާނަން އިނގޭ 15 7 ހާއިރު.. 8 ޖަހާއިރު ޑިއުޓީ އިންނާނެ. އެއްޗެއް އިސްތިރި ކޮއްލަ ދެއްޗޭ“ ނިކްޔާން ބުންޏެވެ. ޔޫއާ ބޯޖަހާލިއެވެ.
ނިކްޔާން ދިޔުމުން ޔޫއާވެސް އިށީނީ ސައިބުއިމަށެވެ. ޔޫއާ ސައިބޯން އިންދައި މާޔާ ބަދިގެއަށް ވަނެވެ. ”އަނހާ ސައިބޮނީދޯ؟ ނިކްޔާން ދިޔައީތަ ޖިމްއަށް؟“ މާޔާ އެއްސެވެ. ”ހަމަ ދެންމެ އެދިޔައީ“ ޔޫއާ ހިނިތުންވެލިއެވެ. މާޔާ ވެސް ކޮފީ ތައްޓެއް ގިރައިގެން އަހިސް ޔޫއާ ގާތުގައި އިށީނެވެ. ”އަސްލު އިނގޭތަ؟ ނިކްޔާނަކީ ވަރަށް މަޑުމައިތިރި މިޒާޖެއްގެ ކުއްޖެއް. ބައެއް ފަހަރު އަރާ ފޯރީގަ އޭނަ ވަރަށް މީހުނަށް ޖެއްސުން ކުރާނެ ހެހެ.. އެކަމަކު ނިކްޔާން ވަރަށް ހަރުދަނާ ވާނެ. އަބަދުވެސް ގަޑިއަށް ފަރުވާތެރި ވާނެ. މީހުނަށް އިހުތިރާމް ކުރާނެ.. ހޮސްޕިޓަލުގައި ވެސް މީހުން އެންމެ އިތުބާރު ކުރާ ލެބޯޓަރިސްޓް ނިކްޔާނަކީ“ މާޔާ ވާހަކަ ދެއްކީ ފަޙުރުވެރި ވެފައި އިނދެއެވެ.
”މަންމަގެ ހުރިހާ އުންމީދެއް ފުރިހަމަވީ ދެންމި.. ނިކްޔާންއަށް ފަހު މަންމައަށް އިތުރަށް ދަރިން ލިބުމުން މަހުރޫމްވީ.. ވިހެއުމުގެ ތެރެއިން.. މިހާރު ނިކްޔާން އެހުރީ ކިޔަވައިގެން ރަނގަޅު ވަޒީފާއެއްގައި.. ދެން މިހާރު ނިކްޔާންގެ ކައިވެނިވެސް ކުރެވުނީއެ.. ދެން ކާމިޔާބު ނުވެ އޮތީ އެންމެ އުންމީދެއް ހެހެ..“ މާޔާ ބުންޏެވެ. ”އެއީ ކޮން އުންމީދެއްތަ؟“ ޔޫއާ އެއްސެވެ. ”މާމަ ދަރިއެއް ލިބުމެއްނުން؟ ހެހެ“ މާޔާގެ ޖަވާބާއި އެކު ޔޫއާގެ ދޮން މޫނަށް ޖަންބު ކުލަ ވެރިވިޔެވެ.
”އުޅޭ ސައި ހަދަން.. ކޯއްޗެއްތަ ދަރިފުޅަށް އެންމެ މީރީ؟“ މާޔާ ހީލާފައި އެއްސެވެ. ”އޯކޭ ހަމަ ކޮންމެ އެއްޗެއްވެސް.. މަންމަ ކޯއްޗެއް ހަދަން ތިވިސްނަނީ؟“ ޔޫއާ އެއްސެވެ. ”ހުންނާނެ ރޭގަ ބިސް ގަނެފަ. މިއަދު ބިސް ރިހައާއި ރޮށި ހަދަން ކަމަށް“ މާޔާ ބުންޏެވެ. ”ލައްބަ އޯކޭ.. އެބަ އަންނަން ނިކްޔާންގެ އެއްޗެހި އިސްތިރި ކޮއްލަ ދީފަ“ ޔޫއާ ބުންޏެވެ.
ނިކްޔާންގެ އެއްޗެހި އިސްތިރިކޮށް ނިމުނު ތަނާހެން ނިކްޔާން ވަނެވެ. ނިކްޔާން ލައިގެން ހުރި ކަޅު ކުލައިގެ ޓީޝާޓު ގައިގައި ތަތްލާފައި ހުރި އިރު ދާހިލިފައި ހުރުމުގެ ސަބަބުން ބޮލުން ފެންތިކި ޖަހަމުން ދިޔައެވެ. އަތުގައި އޮތް ފެންފުޅީގައި ތުންޖަހައިގެން ހުރި އިރު ޔޫއާއަށް ހުރެވުނީ ކަޅި ޖަހާނުލާ ނިކްޔާންގެ ކަސްރަތީ ހަށިގަނޑާއި ދިމާލަށް ބަލަންށެވެ. ފެންފުޅި ހުސްކޮއްލާފައި ނިކްޔާން ޔޫއާ އާއި ދިމާލަށް ބަލައިލިއެވެ. ދެލޯ ބޮޑުކޮއްގެން ހުރި ޔޫއާ ފެނި ނިކްޔާންއަށް ހެވުނެވެ. ”ކިހިނެތްވީ؟ އަހަރެން މޫނު މަތީގަ އެއްޗެއް އޮތީތަ އަނެއްކާ؟“ ނިކްޔާން ހީލާފައި އެއްސެވެ. އެއާއި އެކު ޔޫއާ އަށް ހަމަ ބިމަށް އާދެވުނެވެ. ”ހޫމް.. އަގްލީނެސް“ ދޫނެރެލާފައި ޔޫއާ ބުންޏެވެ. ނިކްޔާން ހީލާފައި ފާހާނާއަށް ވަނެވެ. އެއާއި އެކު ޔޫއާއަށް މޭގައި ފިރުމާލެވުނެވެ.
ފެންވަރާ ތާޒާ ވެލައިގެން ނިކްޔާން ފާހާނާއިން ނިކުތެވެ. 5 ވަރަކަށް މިނިޓް ތެރޭގައި ރެޑީ ވެލައިގެން ނިކްޔާން ގެއިން ނިކުތެވެ. ނިކްޔާން ގެއިން ނިކުތުމުން ވަގުތުގެ ބޭނުން ހިފާ އޭނާ ކޮޓަރި ޖާލި ދޮރުން ނިކްޔާންއާއި ޔޫއާގެ ކޮޓަރިއަށް ވަނެވެ. ދެފަރާތް ބަލަމުން އޭނާ ގޮސް ކޮޓަރި ތެރޭގައި ހުރި ޑަސްބިން ހާވަން ފެށިއެވެ. ފާހާނާ ޑަސްބިންވެސް މެއެވެ. އޭނާ ހޯދި އެއްޗެއް ނުފެނުމުން ރުޅި އަހިސްފައި އޭނާ ގޮށް މުއްކަވާފައި ފާރުގައި ޖެހިއެވެ. އޭރު އޭނާގެ ހަށިގަނޑު ރޫރޫ އަޅަމުން ދިޔައެވެ.
ސައި ހަދާ ނިމުމުން ޔޫއާ ދިޔައީ އޭނާގެ ގެއަށެވެ. ގެއަށް ވައިން އިރު ސޯފާގައި ހިދާޔާ އިން އިރު ހިދާޔާގެ އުނގުގައި އިން ހިނާޔާ ފެނި ޔޫއާ އެތެރެއަށް ދުއްވައި ގަތެވެ. ”އަޅޭ ދޮންތި ބިސްކޮޅު“
”ހެހެ ކޮބާތަ ފިރިކަލުން“ ހިދާޔާ އަހާލީ ދިމާކުރާ ރާގަކަށެވެ. ”ޑިއުޓީގަވީ“ އެވަގުތު ޔަޒީދާ ކޮޓަރިން ނިކުތެވެ. ”އަސްތާ ދަރިފުޅާ ކޮން އިރަކު އައީ؟ އުޅޭ ސައިބޯން؟“ ޔަޒީދާ ހިނިތުންވެލިއެވެ. ”ހެހެ ހަމަ ދެންމެ މިއައީ.. ނޫނޭ ސައެއް ނުބޯނަން. ސައިބޮއެގެން މިއައީ..“ ޔޫއާ ބުންޏެވެ.
ހަމަ އެވަގުތެވެ. ރިއާނާއާއި ކައިޝަލް ތިބީ އަތިރި މަތީގައެވެ. ”ދެން އެހެންވެ ކިހިނެތްތަ ހަދާނީ؟“ ކައިޝަލްގެ ކޮނޑުގައި ބޯއަޅާލައިގެން އޮތް ރިއާނާ އެއްސެވެ. ”ކައިއަށް ފެންނަނީ ރިއާ ކިޔަވަންދާން.. މިހާރު ދެން ކައިވެނީގެ ކަންކަމާ އުޅެން ވިއްޔާމުން ވަރަށް ސްޓްރެސްފުލް ވާނެއްނުން ރިއާ އަށް.. ކޮޓަރި ހަދާ ނިމޭނެ ކަމަށް މިބަލަނީ ރިއާ ފައުންޑޭޝަން ނިމެންވާއިރަށް.. އޭރުން ދެން ކައިވެނި ކުރަން ކައިއަށް ފެންނަނީ.“ ކައިޝަލް ރިއާނާގެ އަތުގައި ފިރުމަމުން އިނދެ ވާހަކަ ދެއްކިއެވެ. ”އެކަމަކު 1 އަހަރު ކައި އާއި ދުރުގަ ރިއާ ނޭނގެ އުޅޭނެ ގޮތެއްވެސް..“ ރިއާނާގެ ދެލޮލުގައި ކަރުނައިގެ މުތީތަށް ބަބުޅަން ފެށިއެވެ.
”އަޅޭ ކައީގެ ޕްރިންސެސް ރޮނީތަ؟ ހުއްޓާލާ ލޯބީ.. މިހެން ކޮންމެވެސް ކަހަލަ ގުރުބާނީ ތަކެއް ވެވިގެންނޭ ހަޔާތެއް ފެށޭނީ.. ކައީ ހުންނާނަމޭ ރިއާގެ އިންތިޒާރުގަ. އޯލްވޭސް އެންޑް ފޯރްއެވާރް.“ ރިއާނާގެ ބޮލުގައި ކައިޝަލް ތުންފަތް ޖައްސާލަމުން ބުނެލިއެވެ. ”ޕްރޮމިސް…؟“ ކުޑަވައިން އިނގިލި ދައްކާލަމުން ރިއާނާ ބުނެލީ މައުސޫމް ގޮތަކަށެވެ. ”ޕްރޮމިސް“ ރިއާނާގެ ކުޑަވައިން އިނގިލީގައި އިނގިލި އަޅުވާލަމުން ކައިޝަލް ބުނެލިއެވެ. ”ޔޫއާ މެރީ ކުރީމަދޯ މިއަދު މާ މެރީ ކުރާ ވާހަކަ ތިދައްކަނީ؟ ހެހެ“ ކައިޝަލް އަހާލިއެވެ. ”ކިޔޭނެދޯދެން. ހެހެ.. ރިއާ ބޭނުން ކައިގެ އަންހެނުންނަށް ވާން“ ރިއާނާ ތުންކޮޅު އޫކޮށްލަމުން ބުންޏެވެ. ”ހެހެ ހަމަ ޖެހިބަލަ ދޫނީ ސޫން އިންޝާ ﷲ“ ކައިޝަލް ބުންޏެވެ.
ދުވަސްތަށް ފާއިތު ވަމުން ދިޔައެވެ. ޖެހިގެން އަންނަ ދުވަހަކީ ޔޫއާ އާއި ރިއާނާ މާލެދާން ފުރާ ދުވަހެވެ. ޔޫއާ އާއި އެކު ނިކްޔާންވެސް މާލެ ދެޔެވެ. އެހެން ކަމުން އެރޭ އިރު އޮއްސުނީން ސުރެ ޔޫއާ އިނީ ދަބަސްތައް ތައްޔާރު ކުރުމަށެވެ.
”މިގެވެސް ޕެކް ކޮއްލަން މަށަށް ފެންނަނީ ހަހަ“ ނިކްޔާނަކަށް ޔޫއާ އާއި ދިމާލަށް އެއްޗެއް ނުބުނެ ނީނދެވުނެވެ. ”ކިހިނެތްތަވީ؟“ ޔޫއާ ކަޅި އަޅާލިއެވެ. ”ނޭނގެ މަށަކަށް ހަހަ“ ނިކްޔާން ހޭން ފެށިއެވެ. ”މިއަދި ބޮލުން ރޮދި ކެނޑިފަ ހުންނަ މީހެކޭދޯ“ ޔޫއާ ކަޅި އަނބުރާލިއެވެ. އެވަގުތު މާޔާ ކޮޓަރިއަށް ވަނެވެ.
”ކޮބާ ޕެކްކޮށް ނިމުނީތަ؟“ މާޔާ އެނދުގައި އިށީނެވެ. ”ލައްބަ. މިނިމުނީ ދެން“ ފޮށީގެ ޒިބު ދަމާލަމުން ޔޫއާ ބުންޏެވެ. ”ދަރިފުޅުމެން ދިޔައީމަ މަންމަ ވަރަށް އެކަނިވެރިވާނެ ދެން. ކިހާ ދުވަހެއްގެ ކޯހެއްތަ ތިހަދަނީ؟“ މާޔާ އަހާލިއެވެ.
”އަހަރެއް ކަމަށް ބަލަމާ ހެހެ“ ޔޫއާ ހީލިއެވެ. ”ހެހެ އެހެންތަ؟ އިންޝާ ﷲ ތިކޯހުންވެސް ދަރިފުޅު ފާސްވެ، ނަރުހަކަށް ވެވޭނެ. މިހާރު އެދުވަހަށް އެންމެ އިންތިޒާރު ކުރެވެނީ“
”ދެން އެހެން ކަމެއް އޮތީތަ މަންމަ އިންތިޒާރު ކުރާ؟ އަވަހަށް ބުނޭ. އޭރަށްދޯ އެކަމެއް ކޮއްދެވޭނީވެސް“ މާޔާގެ ވާހަކައިގައި ނިކްޔާން ބައިވެރިވެލިއެވެ. ”ދެން ތިއީ ކުރާ ކަހަލަ ސުވާލެއްވެސް ނޫނެއްނުން؟ މަންމަދެން އެންމެ ބޭނުންވާނީ މާމަ ދަރިއެކޭނުން؟ ޔޫއާ ކިޔަވަން ދާ ވާހަކަ ކިޔާތީ އެހެން ކިޔަންވެސް ނުކެރިފައި މިހުންނަނީ ހެހެ“ މާޔާގެ ވާހަކައާއި އެކު ނިކްޔާން ލަދުގަތެވެ. އެއީ މަންމަ ބޭނުންވާނޭ ކަމެއްކަން އެނގޭ ނަމަވެސް މަންމަ ދުލުން އެހެން ފުރަތަމަ ފަހަރަށް ބުނުމުން ނިކްޔާން ހަގީގަތުގައި ލަދުގަތެވެ.
އެހެނަސް ޔޫއާއަށް ކުރެވުނީ ތަފާތު އިހުސާސެކެވެ. މައެއްގެ އުންމީދު ހަލާކު ކޮއްލެވުނު ކަހަލަ އިހުސާސެކެވެ. ނިކްޔާނާއެކު އުޅޭކަށް އޭނާ އެއްގޮތަކަށްވެސް ބޭނުމެއް ނޫނެވެ. ނިކްޔާންގެ މޫނަށް އެރި ކުލަވަރުން ޔޫއާގެ މޫޑު ވަކިން ހަރާބު ވިއެވެ.
(ނުނިމޭ)
ހަތްވަނަބައިގެ ތެރެއިން:
ދޮރުގެ އަނެއް ފަރާތުގައި ހުރި ނިކްޔާންވެސް ހުރީ އެފަދަ ހާލެއްގައެވެ. މޭމަތީގައި އަތް ޖައްސާލައިގެން ހުރި އިރު ނިކްޔާންގެ ހިތް ”ޑަން ޑަން“ ލާފައި ތެޅެމުން ދިޔައެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.







Maasha Allah ❤️🫶
I am becoming Emotional by reading this story Yooaa doesn’t have her own decision maker It’s completely weird Alu I so so sad about hearing Yooaa s, life I completely understand her feelings Anyways , When’s next ?lysmm Tc
Jazaakalllah khairan dearr
Aslu vess dhww.. just because she is a girl dosent mean she dosent have any righs dhw.. next in sha allah on tuesday lyt
ވާވާވާ ވަރަށް ވެސް ރީތި އިނގޭ ވާހަކަ ހަމަ ހަބޭސް މި ވާހަކަ ކިޔާކަށް ނޫންއަސްލު ފެށުނީ ވާހަކައެއްގެ ފެށުމެއް ގެންނާނެ ގޮޔތެއްގެ އައިޑިއާ
އެއް ހޯދަންވެގެން އެކަމު ހަޤީގަތުގަވެސް މި ވާހަކަ ކިޔަން ފެށީމަ ވާހަކަ ލިޔެލާހިތްވެއްޖެ
ހަމަ ފިލްމެއްބަލާއިރު އެ ފިލްމުބަލާހެން މި ވާހަކަ ކިޔާއިރު ސީދާ އެސީން ފިލްމެއްހެން ފެންނަ ކަހަލަ
މާޝްﷲ މާޝަﷲ ވަރަށް ވެސް މޮޅު
Jazaakallah khairan Anonymous this comment made me soooo happyyy🥹🥹🥹🥹🥹
In sha allah you can be a author yourself too hama kuda kuda hiy vareh beynun vaany🥰