“ޔައި..” ޔައިލީގެ އަތުގައި ބޮސްދެމުން އާކިން ފެށިއެވެ. “އުފަންވީއްސުރެ އަހަރުމެން އުޅުނީ އެއްކޮށް.. ގާތް ރަހުމަތްތެރިންގެ ގޮތުގައި.. އެކަމު އެ ހުރިހާ ކަމެއް ބަދަލުވީ ކޮން އިރަކުކަމެއްވެސް ނޭނގެ.. އަހަރެން ޔައި ދެކެ ލޯބިވެވެންފެށުނީ.. ޔައި ކޮއްލާ ކުދިކުދި ކަންކަމުންވެސް ހިތްފުރިގެންދޭ.. ޔައި ދެރަވީމަ އަހަރެންވެސް ދެރަވޭ، ޔައި ރޯތަންފެނުނީމަ ހިތް ކުދިކުދިވޭ.. ޔައިއާއެކު ހުރިހާ ވަގުތެއް ހޭދަކުރަން ބޭނުންވޭ.. ޔައި ނެތްތާކު ޔައިމަތިން ވަރަށް ހަނދާންވޭ.. ޔައިގާތަށް ދާން ބޭނުންވޭ.. ކަމެއްވެދާނެތީ ބިރުގަނޭ.. ބޭނުންވަނީ ޔައިއާއެކު މުޅި އުމުރު ހޭދަކުރަން.. ޔައިގެ ހަޔާތުގެ ބައިވެރިއަށްވާން.. ޔައި ކުރާކޮންމެ ކަމެއްގައި އެހީވާން އެންމެ ކުރީސަފުގައި ހުންނަން.. ފަސް އަހަރުވަންދެން ރައްޓެހިވެގެން އުޅެވިއްޖެ.. ވަރަށް ސޮރީ މިހާ ލަސްކޮށްފަ މިކަމާ އުޅެވޭތީވެސް.. އެކަމު އަހަރެން ބޭނުންވީ ޔައިއަށް ވަގުތުދޭން.. ދެމީހުންވެސް އަމިއްލަ ފައިމައްޗަށް ތެދުވެ ހަރުދަނާ ބަޔަކަށް ވާން.. އަހަންނަކަށް ދެނެއް ޔައިއާ ދުރުގައެއް ނޫޅެވޭނެ.. ބޭނުންވަނީ ޔައިއާ އެއްކޮށް ދިރިއުޅުމެއްފަށަން.. އެކީކަ ލޯބިލޯބި އާއިލާއެއް ބިނާކުރަން.. އަހަރުމެންވެސް ކޮންމެވެސް ދުވަހަކުން މިދުނިޔެ ދޫކޮށްފަ ހިނގައިދާނެ.. އެކަމު އެދުވަސް އަންނައިރު އަހަރެން ބޭނުމީ ޔައި އަހަރެންގެ އަނބީގެ ގޮތުގައިހުރެ ވަކިވެދާން.. ޔައިގެ ފިރީގެގޮތުގައި ވަކިވެދާން.. ސޯ.. އައިމިނަތް ޔައިލީ… ވިލް ޔޫ މެރީ މީ؟ އަހަންނަށް ޔައިގެ ހަޔާތުގެ ބައިވެރިއަށް ވުމުގެ ޝަރަފު ލިބޭނެތަ؟”
“ޔެސް..”
*ސޯޅަވަނަ ބައި*
“ޔެސް އާކީ ޔެސް!!!” އެހެން ބުނެފައި ޔައިލީ އާކިންއަށް ވާއަތް ދިއްކޮށްލިއެވެ. އޭރު ޔައިލީއަށް ހުރީ ރޮވިފައެވެ. ޔައިލީ އަތްދިއްކޮށްލުމާއެކު އާކިން ޔައިލީގެ އިނގިލީގައި އެ އަނގޮޓި އަޅުވާލިއެވެ. އާކިން ދެފައިމައްޗަށް ތެދުވެ ޔައިލީގެ ނިތުގައި ބޮސްދިނެވެ. އަދި ޔައިލީގައިގާ ބައްދާލީ ދުވަހަކުވެސް ދުލެއްނުކުރާނަމޭ ބުނާފަދައިންނެވެ. ދުރުގާއި ހުރި ފޮޓޯގްރަފަރު ދިޔައީ އެކިގޮތްގޮތަށް ފޮޓޯ ނަގަމުންނެވެ. ޔައިލީ ހުރީ އަދިވެސް ބަސްހުސްވެފައެވެ. އާކިންއަށް އެހާ މޮޅަށް ވާހަކަދައްކަން އެނގުނީ ކޮންއިރަކުބާއެވެ؟ އަނެއްކޮޅުން އާކިންވެސް ހުރީ ދެންމެ އެދެއްކުނު ވާހަކަތަކުން އަމިއްލައަށްވެސް އާޝޯހުވެފައެވެ. ވާނީވެސް އެހެނެއްނޫންހެއްޔެވެ؟ ޔައިލީއަށްޓަކައި އާކިންއެހުރީ ޖާނާމާލުން ގުރުބާންވާން ތައްޔާރަށްވިއްޔާއެވެ. އާކިން ޔައިލީދެކެ ލޯބިވާވަރު މިންނުކުރެވޭހާ ބޮޑެވެ.
އެކަންތައްގަނޑަށްފަހު އާކިން ޔައިލީގޮވައިގެން އެތާނގައި ތައްޔާރުކޮއްފައިން ޑިނަރ ޓޭބަލްއަށް ގޮސް ކާންފެށިއެވެ. އެ މޭޒުމަތީގައި ޔައިލީއަށް އެންމެ ކަމުދާ ބާމިގޮރެންގ ހުރުމުން ލަސްކުރުމެއްނެތި ކާންފެށީ ބާރަކަށް ތެޅެމުންދިޔަ ހިތް ހަމައަކަށް އެޅުވޭތޯއެވެ. އާކިންވެސް ޔައިލީއާއެއްކޮށް ކާންފެށިއެވެ. އިރުކޮޅެއްވަންދެން އެ ހިމޭންކަމުގައި ކާން ތިއްބެވެ. “އާކީ ނުބުނަންތަ އެއްވެސް މީހެއްކައިރީ.. ދީމެން މީހެއްގާތު؟” ޔައިލީ އަހައިލީ ސުވާލުގެ ޖަވާބު އެނގިހުރެއެވެ. އެހެނަސް ތަނުގެ ފަޅުކަން ފިލުވާލާށެވެ. “ޔައިއަށް އިނގެޔެއްނު ބުނެފިއްޔާ މިތަން މިވަގުތު އެހާ ހިމޭނުންނެއް ނޯންނާނެކަން.. އެމީހުންނަށް ސަޕްރައިޒެއް ދޭންކަމަށް ނުބުނެ މިހުންނަނީ..” މަޑު ހުނުމަކާއެކު އާކިން ބުންޏެވެ.
އެދެމީހުން އެވާހަކައިގައި ތިއްބާ ކުއްލިއަކަށް ޔައިލީގެ ފޯނު ރިންގުވާންފެށިއެވެ. ފޯނުނަގައި ބަލާލިއިރު ގުޅަނީ ދީމާ ކަމުން ފޯނުނަގައި ކަންފަތުގައި ޖަހާލުމާއެކު ދީމާގެ ފުންނޭވާތަކުގެ އަޑު އިވެންފެށުމާއެކު ޔައިލީ ދިޔައީ އެލާޓަށެވެ. އަދި ވީކީއްތޯ އެހިއެވެ. “ޔައި.. ވަރަށް އަވަހަށް އާދެބަ ހޮސްޕިޓަލަށް. އި..” އެހިސާބަށް ބުނެވުމާއެކު ފޯނުކެނޑުނެވެ. ކަމަކުދާކަށް ނެތެވެ. ޔައިލީ ފޯނު ޗާޖު ހުސްވެގެން ނިވުނީއެވެ. ޔައިލީ ހާސްވެފައިހުރިތަން ފެނުމުން އާކިން ޔައިލީ ހަމަޔަކަށް އެޅުވޭތޯ އުޅުނެވެ. “އާކީ!! ހިނގާބަ އަވަހަށް ހޮސްޕިޓަލަށް… އިރާއަށް ކޮންމެސް ގޮތެއްވެއްޖެ ކަންނޭނގެ..” އެހެން ބުނެވުނުއިރު ޔައިލީއަށް ރަނގަޅަށްވެސް ވަނީ ރޮވިފައެވެ. ލަސް ކުރުމެއްނެތި ދެމީހުން ސައިކަލުގައި އޭޑީކޭއާ ދިމާލަށްދިޔައީ ޓްރެފިކް ލައިޓަކަށް އެހެން އެއްޗަކަށް ބެލުމެއްނެތިއެވެ.
ދެމީހުންވެސް ދުވަމުން މަރުވަމުން ކަހަލަގޮތަކަށް ދިޔައީ އައިރާއޮތް ކޮޓަރިއަށެވެ. މާނޭވާލެވޭ ހާލު ޔައިލީ ދޮރުހުޅުވާލިތަނާ ޔައިލީގެ ލޮލުން ކަރުނަ އަންނަންފެށިއެވެ. ވާނީވެސް އެހެނެއްނޫންހެއްޔެވެ؟ ދެލޯ ހުޅުވައިގެން ޔައިލީއާ ދިމާލަށް ބަލަންއޮތީ އައިރާ ނޫން ދެވަނަ މީހެއް ނޫނެވެ. ޔައިލީ ދިޔަގޮތަށްގޮސް މަޑުމަޑުން އައިރާގެ އަތުގައި ހިފާލިއެވެ. އޭރު ދީމާވެސް ހުރީ ލޮލުން ކަރުނައަންނަ ހާލު އައިރާގެ އަނެއް އަތުގައި ހިފަހައްޓައިގެންނެވެ. އެތާތިބި އެންމެންވެސް ހުރީ އައިރާ ސިއްހަތު ސަލާމަތުން ހުރީތީ ﷲއަށް ހަމްދުކޮށްލަކޮށްލައެވެ. އައިރާގެ ބޮލުގައި މަޑުމަޑުން ފިރުމަމުންދިޔަ ފާތުންވެސް އިރުއިރުކޮޅާ ލޮލުން ކަރުނަފޮހެލައެވެ.
ޔައިލީ މަޑުމަޑުން އައިރާއަށް ގޮވާލިއެވެ. ކަރުނަވީ ލޮލަކާއެކު ޔައިލީއާ ދިމާލަށް އެއްވެސް ހަރަކާތެއްނެތި ބަލަންއޮތް އައިރާފެނި ޔައިލީގެ ހިތަށް ތަދުވެލިއެވެ. ނަމަވެސް އެ އިހުސާސްތައް އެއްފަރާތަކަށް ޖައްސާލީ އައިރާގެ ހާލަތަށް ވިސްނާފައި އެއީ އާންމު ކަމެއްކަން ޔައިލީއަށް އިނގޭތީއެވެ. އަދި އައިރާގެ އަތްހިތްލައިލާފައި މަޑުމަޑުން އެއަތުގައި ބޮސްދިނެވެ. އެވަގުތު އައިރާ ދީމާއާއި ޔައިލީއާށް ބަލާލީ އެއްޗެއް ބުނަންބޭނުންވެފައި ހުރިގޮތަކަށެވެ. އައިރާއަށް އަދި ވާހަކަ ނުދެއްކުނެއްކަމަކު ސަލާމަތުން ހުރީތީ އެދެކުދިން ﷲ އަށް ހަމްދުކުރިއެވެ.
އިރުކޮޅެއް ކުރިން…
މެޝިނުތަކުގެ އަޑު ބަދަލުވާންފެށީ ކުއްލިއަކަށެވެ. އެވަގުތު އައިރާގާތު ހުރި ފާތުން ގަތީ ބިރެވެ. ލަސްކުރުމެއްނެތި ފާތުން ޑޮކްޓަރުންނަށް ގޮވިއެވެ. ޑޮކްޓަރުގެ އިތުރުން ނަރުހެއް އައިސް އައިރާ ބެލިއެވެ. ކުޑައިރުކޮޅަކަށް ޑޮކްޓަރުގެ ހަރަކާތްތައް ހުއްޓުނީ މަޑުމަޑުން އައިރާ ލޯހުޅުވާތަން ފެނިފައެވެ. އަދި މަޑުމަޑުން އައިރާއަށް ގޮވާލީ އެއަޑަށް އައިރާ ރައްދުދޭތޯއެވެ. ވީވެސް ހީކުރިގޮތަށެވެ. އެއަޑު އައި ދިމާލަށް އައިރާ ކަޅި ހިނގާލިއެވެ. ދިގު މަހަކަށްފަހު މި ލިބުނީ އުފާވެރި ޚަބަރެކެވެ. އައިރާ ހޭ އެރީއެވެ.
މަޑުމަޑުން ދެލޯ ހުޅުވާލި އައިރާއަކަށް އެއްވެސް ހަރަކާތެއް ނުގެނެވުނެވެ. މީހަކަށް ގޮވާލަން ބޭނުންވިއެއްކަމަކު އަނގަ ހަރަކާތެއްކޮށްނުލެވުނެވެ. އެކަމަކު މޫނު ދެފަރާތަކަށް ކުޑަކޮށް ހަރަކާތްކޮށްލެވުނެވެ. އެވަގުތު ޑޮކްޓަރު އައިރާގެ ވައިޓަލްސްއާއި ހިތުގެ ހިނގުން ބަލަނީއެވެ. ކުޑައިރުކޮޅަކަށް އަމިއްލަ މީހަކީވެސް ކާކުކަން ހަނދާންނެތުނު ފަދައެވެ. ދުރުން ފަނޑުކޮށް އައިރާ މަންމަގެ އަޑު އިވުނެވެ. އެއީ އައިރާގެ މަންމަކަންވެސް ހަނދާންވީ ދެންމެއެވެ. އައިރާއަށް މިވަނީ ކީއްހެއްޔެވެ؟ އަމިއްލަ މަންމަވެސް ކުޑަވަގުތުކޮޅަކަށް ހަނދާނުން ކައްސާލަން އައިރާއަށް ބޮޑު ކަމެއްވީ ހެއްޔެވެ؟ ބޮލުގައި ސުވާލު އުފެދެންފެށިވަރަކަށް ބޮލުގެރިހުން އިތުރުވިއެވެ. ނަމަވެސް ދެން ފެނުނު ސޫރައަކުން އައިރާގެ ހިތުގެ ހިނގުން ކުޑަކޮށް އަވަސްވެލިއެވެ. ނަމަވެސް އެއީ ކާކުތޯއެއް އައިރާއަކަށް އިނގޭގޮތެއްނުވިއެވެ. އެއީ ކާކުތޯ ނޭނގިގެން އުޅެނިކޮށް ފެނުނީ ވަރަށް ދަންނަ ބައެކެވެ. ބަލާލުމުން އެއީ އައިރާގެ އާއިލާކަން ހަނދާންވިއެވެ. ފަހަރަކު މީހަކަށް ކަޅި ހިނގަމުން ދަނިކޮށް ދީމާ ވަންތަން ފެނުނެވެ. އެއީ ދީމާކަން ފެންނަ އިރަށް އެނގުނެވެ. ކީއްވެ ހެއްޔެވެ؟ ހިނދުކޮޅެއްގެ ތެރޭގައި އައިރާގެ ލޮލުން ކަރުނަ ހިލިއެވެ. އަތުގެ އިނގިލިތައް އެކަނި ނަމަވެސް ހަރަކާތްކޮށްލެވޭތޯ ބެލީ ދީމާކައިރިއަށް ދާން ބޭނުންވިލެއް ބޮޑުކަމުންނެވެ. މާކަގިނައިރުނުވެ ޔައިލީވެސް ދުވެފައި އައިރާގާތަށް އައެވެ. ޔައިލީއާ ދީމާ ގާތުގައި ހުރުމުން އައިރާއަށް ވީ އުފަލެއް ބުނެދޭކަށް ނޭނގޭނެއެވެ. އެ އެކުވެރިކަން އެހާވެސް ވަރުގަދަވެފައި ފުނެވެ.
ދުރުގައި މަންޒަރު ބަލަންހުރި އަލާންގެ ލޮލުގައި ކަރުނަ ވިދާލައެވެ. ފަނޑު ހިނިތުންވުމަކާއެކު އެދިންކުދިންގެ ހަރަކާތްތަކަށް ބަލަންހުރީ އައިރާއަށް ޔައިލީއާ ދީމާފަދަ އެކުވެރިންތަކެއް ލިބުނީތީ އައިރާއަށްޓަކައި އުފާވެހުރެއެވެ. ކަރުނަތައް ހިންދާލާފައި އަލާން އައިރާއަށް ގޮވާލީ ފުން ހިނިތުންވުމަކާއެކުއެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އެ ހިނިތުންވުން ފޮހެވުނީ އަލާންއާ ދިމާލަށް ބީރައްޓެހިގޮތަކަށް ބަލަން އޮތް އައިރާ ފެނިފައެވެ. އައިރާގެ ދެލޮލަށް ވަރަށް ފުންކޮށް ބަލާލުމުން އަލާންއަށް ފެނުނީ ހުސްކަމެވެ. ކީއްވެހެއްޔެވެ؟ އައިރާއަށް އެހާލު ޖެއްސީތީ އެކަމާ އޭނާދެކެ ރުޅިއައިސްގެން ހެއްޔެވެ؟ ނޫނީ އޭނާ އެތާނގައި ހުރުމުން އައިރާއަށް އައިރާއަށް އުނދަގޫވަނީ ހެއްޔެވެ؟ ނޫނީ އައިރާއަށް އޭނާމަތިން ހަނދާންނުވަނީ ހެއްޔެވެ؟ ނޫނެކެވެ. އެހެނެއް ނުވާނެއެވެ. އޭނާމަތިން ހަނދާންނެތުމަށްވުރެ އެދެކުދިންގެ މެދުގައި އޮންނަނީ ވަރަށް އެހެން ކަހަލަ ބާރުގަދަ ގުޅުމެކެވެ. ދެން ކީއްވެހެއްޔެވެ؟ ސުވާލަކަށްފަހު ސުވާލެއް އަލާންގެ ބޮލުގައި އެނބުރެމުންދިޔައީ އައިރާގެ އެ ކަތި ނަޒަރުން އެއްވެސް މާނައެއް ނެގޭތޯއެވެ. ނަމަވެސް އެބެލުމުން އަލާންއަށް އުނދަގޫވާންފެށީ ކަޅިޖަހައިނުލާ އައިރާ އޭނައާ ދިމާލަށް ބަލަން އޮތުމުންނެވެ. އޭނައަށް މިވަނީ ކީއްހެއްޔެވެ؟ އެ ބެލުމުން އެކަނި އަލާންގެ ހިތް އަވަސްކުރުވައިފިއެވެ. ނަމަވެސް ބިރުންނެވެ. ކީއްވެހެއްޔެވެ؟ އެބެލުމުން އައިރާ އެބުނަނީ ކީކޭހެއްޔެވެ؟ އައިރާއަށް އެހާލު ޖެއްސީތީ އޭގެ އަދަބު އަންނާނެ ވާހަކަ ހެއްޔެވެ؟ އެހެންކަމަށްވާނަމަ މިހާރުވެސް އަލާންއަށް އެދަނީ އެކަމުގެ އަދަބު ލިބެމުންނެވެ. އޭގެ އިތުރަށް ކޮން ކަމެއް ހެއްޔެވެ؟ އަލާންގެ ބޮލުގައި އެނބުރެންފެށި ސުވާލުތަކުން ބޮލަށް އެނބުރުން އަރައިގަތެވެ. ނަމަވެސް އެވަގުތު އަލާން ކައިރީހުރި އާކިންގެ ކޮނޑުގައި އަތް ބާއްވާލީ އަލާން ވެއްޓިދާނެހެން ހީވެގެންނެވެ. “ބްރޯ އޯކޭތަ؟؟” މިކަން ފާހަގަވި އާކިން އަލާންގެ ކޮނޑުގައި އަތްއަޅާފައި މަޑުމަޑުން އަހާލިއެވެ. އެހެން މީހަކަށް ނީވޭނެ ވަރަށެވެ. ރައްދުގައި އަލާން ހަމައެކަނި ބޯޖަހާލާފައި އަނެއްކާވެސް އައިރާއާ ދިމާލަށް ބަލާލިއެވެ. އޭރު އައިރާ އޮތީ ލޯމަރާލައިގެންނެވެ. ހީވަނީ ދެންމެ ނިދުނުހެންނެވެ. އަލާންއަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނީ ދެނެވެ. އެކަމަކު އައިރާ އަލާންއަށް ބަލަން އޮތުމުން އަލާންއަށް އެހާ އުނދަގޫވާންވީ ކީއްވެހެއްޔެވެ؟
ގެއްލިފަހުރި ހިޔާލުން އަލާންއަށް ބޭރުވެވުނީ އާކިން އަލާންގެ ކޮނޑަށް ބާރުކޮށްލުމުންނެވެ. އޭރު އާކިންހުރީ ކަންބޮޑުވުމުގެ ނަޒަރަކުން އޭނައާ ދިމާލަށް ބަލާށެވެ. “ކީކޭ ބްރޯ؟” ނޭނގޭކަމަށް ހަދާފައި އަލާން އާކިންގާތު އަހައިލިއެވެ. “ބަލަ މަށެއްނު އެލަންގާތު ތި ސުވާލުކުރަން ޖެހޭނީ.. މިހެން ކައިރީހުރެ ގޮވާތާ ކޮންއިރެއް މިހާރު. ހިޔާލަކަށް ގެއްލިފަ އެބަހުރިހަމަ.. ކީކޭދެން ބުނާނީ..” އަލާންގެ ކުލައޮއްސިފަހުރި މޫނުފެނި އެ ބަދަލުކޮށްލުމަށްޓަކައި އާކިން ވާހަކަދައްކަން ފެށީ ފަހުން އަލާންއާ އެ ވާހަކަ ދައްކަން ނިންމައިގެންނެވެ. “ދެން ސޮރީއޭ މޭން.. ނޭނގެޔޭ ގޮވިކަމެއް.” އަލާން ބުންޏެވެ. “ނޭނގޭނެއްނު ހިޔާލީ ފޮލާ ކައްކަންޏާއެއް.. މޫނުމަތިން ހީވަނީ ނިދިއައިސްފަ ހުރިހެން.. ދޮގެއްތަ މިބުނީ؟” އަލާންގެ މޫނަށް ބަލާލަމުން ދީމާ ސުވާލުކޮށްލިއެވެ. އެހެންވެސް ބުނެވޭނެއްނޫންހެއްޔެވެ؟ އަލާންގެ މޫނުމަތިން ހީވަނީ ދުވަހަކުވެސް ނުނިދާއުޅޭ މީހެއްހެނެވެ. ލޮލުކައިރި ކޮންމެވެސް ވަރަކަށް އަނދިރިވެފައިހުރިއިރު އިސްތަށިގަނޑުން ކުރިން ފެންނަ ތަތްކަމެއް މިހާރަކު ނުފެނެއެވެ. ނަމަވެސް ކުރިން އަލާން އެއީ އޭނަގެ އިސްތަށިގަނޑަށް ނުހަނު ފަރުވާތެރިވާ މީހެކެވެ. ކީއްވެކަން އެތާތިބި އެންމެނަށް އެނގުނެއްކަމަކު އެވާހަކަ އަލާންގާތު ނުދައްކަނީ އެއީ އަލާންގެ މޫޑު ހަރާބުކުރުވާ ވާހަކަތަކަށް ވާތީއެވެ. އެ އެކްސިޑެންޓުގެ ފަހުން އަލާންއަށް އަންނަމުންދިޔަ ބަދަލުތަކުން އެކުދިން ތިބެނީ ފިކުރުބޮޑުވެފައެވެ. އެހެންކަމުން ކެތްތެރިކަމާއެކު މަޑުމަޑުން އަލާންއަށް ރަނގަޅު ފަރުވާހޯދޭތޯ އެކުދިން އަބަދުވެސް ބަލައެވެ. އެއީ އައިރާގެ އިތުރުން އަލާންއަށްވެސް ވަރަށް އަސަރުކޮށްފައިވާތީއެވެ. ނަމަވެސް ފަރުދާގެ ފަހަތުގައި އަލާން ވަރަށް ބޮޑުކަމެއް ފޮރުވައިގެން އުޅޭކަމެއް މަދު ބަޔަކަށް ނޫނީ ނޭނގޭނެއެވެ.
ދަންވަރުވެފައި ވުމުންނާއި އައިރާއަށް ނިދިފައިވުމާއެކުއާ ފާތުންއާއި ނަދީމް އެތާ މަޑުކޮށްފައި އެންމެން ގެއަށް ދިޔައީ މާދަމާ އަނެއްކާވެސް އައިރާގާތަށް އައުމަށެވެ. ހިތާ ދެކޮޅަށް އަލާން ގެއަށްދިޔައީ އެހެންވެއެވެ. ގެއަށް ގޮސް އަލާން ކޮޓަރިއަށްވަތް ގޮތަށް އުޑުވަތަށް އެނދަށްޖެހުނެވެ. އޭރު އަލާންގެ ދެލޮލުން ހޯސްލާފައި ކަރުނަ ފައިބަނީއެވެ. ކީއްވެހެއްޔެވެ؟ އައިރާއަށްޓަކައި ހެއްޔެވެ؟ އެކަމަކު މިރޭ ދިމާވި ކަންތަކަށްފަހު އަލާންއަކަށް އައިރާގެ ކުރިމައްޗަށް އެރުން ވާނީ އުނދަގޫ ކަމަކަށެވެ. ކީއްވެހެއްޔެވެ؟ ހުސްވެސް ޖަވާބު ނުލިބޭ ސުވާލުތަކެވެ. އެގޮތަށް ފިކުރުގެ ކަނޑުގައި ފެތެމުން އަލާންއަށް ނިދުނީ ކޮންއިރަކުކަމެއްވެސް ނޭނގެއެވެ.
ފުންމައިގެން އަލާންއަށް ހޭލެވުނެވެ. ނަމަވެސް އެއްވެސް ތަނެއް ސާފުވާގޮތެއްނުވިއެވެ. ކަނު އަނދިރިއެވެ. އެއްވެސް އައްޔެއްގެ ނިޝާނެއްވެސް ފެންނާކަށް ނެތެވެ. ރަނގަޅަށް ވިސްނާލެވުމުން އަލާން އޮތް އެނދުގެ އަރާމުކަމެއް އިހުސާސެއްނުވިއެވެ. މިހުރެވެނީ ބިންމަތީގައިތޯވެސް އަލާންއަކަށް ނޭނގުނެވެ. އެއްކޮށް ކަޅެވެ. އަނދިރިއެވެ. މިހުރެވުނީ ކޮންތާކުހެއްޔެވެ؟ ހަމަގައިމުވެސް އަލާންގެ ކޮޓަރިއަކުއެއް ނޫނެވެ. ދެން ކޮންތާކު ހުއްޔެވެ؟ ވައިރޯޅިއެއްގެ އަޑުވެސް ނީވެއެވެ. އިވެނީވެސް ހަމައެކަނި އަލާންގެ ނޭވާގެ އަޑެވެ. އަމިއްލަ ހިތުގެ އަޑުވެސް އިވޭހެން އަލާންއަށް ހީވިއެވެ. މަޑުމަޑުން އަލާން ކޮޅަށް ތެދުވެލިއެވެ. އަދި މަޑުމަޑުން ހިނގައިގަތީ އެ ހުރެވޭތަނުން ނިކުމެވޭތޯއެވެ. ނަމަވެސް މިދެވެނީ ކޮންތާކަށް ކަމެއް އަލާންއަކަށް ނޭނގެއެވެ. ކަނު އަނދިރީގައި އަލާން ހިނގަމުންދިޔައީ ދެވޭ މިސްރާބެއް ނޭނގިއެވެ. ވަކި ހިސާބަކަށް ހިނގާފައި ދަނިކޮށް ކުއްލިއަކަށް އަލާން ހުއްޓުނީ އަންހެން ކުއްޖެއްގެ ހުނުމުގެ އަޑެވެ. އެ އަޑު އައީ ފަނޑުކޮށެވެ. ދުރުންނެވެ. ނަމަވެސް އައީ ކޮން ދިމާލަކުން ކަމެއްނޭނގެއެވެ. އަނެއްކާވެސް އެ އަންހެންކުއްޖާގެ ހުނުމުގެ އަޑު އިވުނެވެ. މިފަހަރު އެކުއްޖާ އަލާންއަށް ގޮވާލިއެވެ. އެއީ އަލާންއަށް ދުވަހަކުވެސް އޮޅޭނެ އަޑެއްނޫނެވެ. އައިރާގެ އަޑެވެ. ކޮންތާކުން ހެއްޔެވެ؟ އައިރާއަށް ގޮވަމުން އަލާން ދުއްވައިގަތީ ވަކި ދިމާލަކަށް ނޫނެވެ. އެހެނަސް އައިރާ ފެނޭތޯއެވެ. ގާތްގަނޑަކަށް ދިހަ މިނެޓުވަންދެން ދުވެފައި ވަރުބަލިވެގެން އަލާން ހުއްޓުނެވެ. ހަމަ އެ އަނދިރިގަނޑު ތެރޭގައެވެ. ދޭވޭ ދިމާލެއް ނޭނގިއެވެ. ގޮތްހުސްވެފައިހުރި މީހެއްހެން އަލާން ދެކޮޅުބަލަންފެށިއެވެ. ލޮލުކޮޅަށްދަންދެން ކަނު އަނދިރިއެވެ.
އަލާންގެ ގައިން ހީބިހި ނަގުވާލީ ކުއްލިއަކަށް ޖެހުނު ވައިރޯޅިއަކުންނެވެ. ފަހަތުގައި މީހެއްހުރިހެން ހީވެ އަލާން ފަހަތްބަލާލިއެވެ. އެއާއެކު އަލާންގެ ލޮލުގައި ކަރުނަ ހިލާލިއެވެ. ކުރިމަތީ ހުއްޓިލައިގެން އެހުރީ އައިރާނޫން ދެވަނަ މީހެއްނޫނެވެ. ހަމަ އެ ހެދުމުގައެވެ. އެ ޝޯލެވެ. އެއާއެކު ލޮލުގައި ވިދަމުންދިޔަ ކަރުނަތައް ވެރެންފެށިއެވެ. “އައިރާއެވެ. ހެޔޮނުވާނެއެވެ. އަހަންނަށް ތިހެން ނުހަދާށެވެ. އަހަންނަކަށް ދެނެއް ކެތެއްނުވާނެއެވެ. އަހަންނަށް މާފުކުރާށެވެ. އެދުވަހަށްފަހު އަހަރެން އަމިއްލަ ނަފްސު ކުށްވެރިނުކުރާ އެންމެ ދުވަހެއްވެސް ނުދެއެވެ.” އަލާންގެ ސިކުނޑީގައި އެނބުރެމުންދިޔައީ އެޔެވެ. ނަމަވެސް އެއްވެސް ބަހެން އަނގަޔަކުން ނުނިކުމެއެވެ. ބުނަން ނުކެރެނީހެއްޔެވެ؟ އައިރާގެ ފުން ދެލޮލަށް ގެއްލިގައިހުއްޓާ ކުއްލިއަކަށް ދެން ފެނުނީ އައިރާގެ އަނގައިން މަޑުމަޑުން ލޭފައިބާތަނެވެ. އެކަމަކު އައިރާ ހުރިގޮތަށް ހުއްޓެވެ. އިނގިލިކުރިވެސް ހިއްލައިނުލައެވެ. އެތަންފެނި އަލާން ދުވެފައި އައިރާގާތަށް ދާން އުޅުނެވެ. ނަމަވެސް އަލާންގެ މެއަށް އެރި ކުއްލި ތަދާއެކު އަމިއްލަ އަތަށް ބަލާލެވުނުއިރު އަތުގައި ހުރީ ހުސް ލެޔެވެ. އަތް އެކަންޏެއް ނޫނެވެ. މުޅި ގައިގަވެސް މެއެވެ. ހަންގަނޑުވެސް އަމިއްލައަށް މަށައިގެންދާން ފެށިއެވެ. އެހެނަސް އަލާންއަކަށް އެ ތަދެއް އިހުސާސެއްނުވެއެވެ. ކީއްވެހެއްޔެވެ؟ އެ ހައިރާންކަމުގައި އަލާން އަނެއްކާވެސް އައިރާއާ ދިމާލަށް ބަލާލިއެވެ. ނަމަވެސް އައިރާއެއް ނެތެވެ. އެހާ ކުޑަވަގުތުކޮޅެއްގައި އައިރާ އެދިޔައީ ކޮންތާކަށް ހެއްޔެވެ؟ ދެކޮޅުބަލަމުންދަނިކޮށް ދެން އިވިގެންދިޔައީ ކާރުތަކުގެ އަޑެވެ. ފުރޮޅު ކެހޭ އަޑެވެ. ދަންނަ އަޑެކެވެ. ވަރަށް ދަންނައެވެ. އެހެނެއްނުވާނެއެވެ. ކުއްލިއަކަށް އަލާން ކައިރިން އަނެއްކާވެސް ކާރެއްގެ ބަރުގޮނުގެ އަޑާއި ފޮރުޅު ކެހޭއަޑުއިވުނެވެ. އެއަޑާއެކު އަލާން ކަންފަތްމަތީގައި އަތްއަޅާފައި ތިރިވެލީ ކުޑަކުއްޖެއް ބިރުން އުޅޭހެނެވެ. އޭރު އަލާންދިޔައީ ފުން ނޭވާތަކެއްލަމުންނެވެ. މަޑުމަޑުން ބޯ އުފުލާލައި ކުރިބަލައިލިތަނާ ދުރުގައި ވެއްޓިފައިއޮތް އައިރާ ފެނުނެވެ. ހަމަ އެދުވަހު އޮތްގޮތަށެވެ. އެހާވަރަށް ލޭވެސް އެބަހުއްޓެވެ. އޭރު އަލާންވެސް އޮތީ ލެއިން ތަތްތެޅިފައެވެ. އައިރާކައިރަށް ދާން ބޭނުންވިއެއް ކަމަކު އަލާންގެ އަތެއް ހަރަކާތެއްނުކުރެވުނެވެ. ކަރު ފަޅައިގެންދާވަރަށް ހަޅޭއްލަވަން ބޭނުންވިއެވެ. އެވަގުތު އަލާންގެ ދެލޯމެރިގެންދިޔައެވެ.
“އައިރާ!!!!” ބާރު ހަޅޭކަކާއެކު އަލާންއަށް ފުންމައިގެން ތެދުވެވުނެވެ. އޭރު ލައިގެންހުރި ޓީޝާޓު އޮތީ ދަލުން ފޯވެފައެވެ. ފުން ނޭވާތަކެއްލަމުން އަލާން ދިޔައީ ދެންމެ ފެނުނު ހުވަފެނަކީ އަސްލެއްނޫންކަން އަމިއްލަ ނަފްސަށް އަންގައިދެމުންނެވެ. އެހެނަސް އެއީ އަސްލުވެފައިވާ ކަމެކެވެ. އައިރާ މިއަދު ހޮސްޕިޓަލުގައި އެއޮތީ އޭނައާ ހެދިއެވެ. އަމިއްލަ ނޭވާ ހަމަޔަކަށް އަޅަމުންދިޔަ ވަގުތު ކައިރީގައި އިން އަލާންގެ ބުރަކަށީގައި ފިރުމަމުންދިޔަ އަލާންގެ މަންމަ ނަދާ ފެނުނެވެ. މަންމަ އެތަނަށް ވަނީ ކޮންއިރަކުތޯ އަލާންގެ ހިތަށް އެރިއެވެ. ނަމަވެސް އެ ސުވާލުވެސް ނުކުރެވުނީ އަދިވެސް އަލާންގެ ނޭވާ ހަމަޔަކަށް ނޭޅޭތީއެވެ. ކައިރީގައި އިން ނަދާވެސް އެއްވެސް ސުވާލެއްނުކޮށް އިނީ އެއީ އާންމުކަމެއްހެނެވެ. އާނއެކެވެ. ހޭއެރިދުވަހުއްސުރެ އަލާންއަށް ދިޔައީ އެ ހުވަފެންތަކެއް ފެންނަމުންނެވެ. އެއީ ކީއްވެކަންވެސް ނަދާއަށް އިނގެއެވެ. “އަން.. ފެންފޮދެއް ބޯލަބަ..” އަލާންގެ އަނގައާދިމާލަށް ފެންތައްޓެއް ދިއްކުރަމުން ނަދާ ބުންޏެވެ. އަލާން މަޑުމަޑުން އެ ފެންތަށި ބޮއެ ހުސްކޮށްލިއެވެ. “މިހާރު ރަނގަޅުތަ؟ އަދި ނިދޭނެތަ ދަރިފުޅަށް؟ އަދި ފަތިހެއްވެސް ނުވޭ.. މަންމަ ހުންނަންވީތަ ދަރިފުޅު ކައިރީ މިރޭ؟” ނަދާ އެ ސުވާލު އަލާންއާ ކޮށްލީ އަލާން ދޭނެ ޖަވާބު އެނގިހުރެއެވެ. ރައްދުގައި އަލާން ހަމައެކަނި ބޯ ހޫރުވާލީއެވެ. އޭރުވެސް ނަދާ ދިޔައީ އަލާންގެ ބޮލުގައި މަޑުމަޑުން ފިރުމަމުންނެވެ. އެ އަރާމު އިހުސާސުން އަލާންއަށް ނަދާގެ އުނގުގައި އޮށޯވެވުނެވެ. މަންމަގެ ލޯބި ފިރުމުންތަކުން އަލާންގެ ސިކުނޑީގައި އެނބުރޭ ހިޔާލުތައް ފިލައިގެންދާ ކަހަލައެވެ. އެއާއެކު އަލާންގެ ހަނދާނަށް އައީ އަލާން ކުޑައިރު މަންމަ އަލާންއަށް ނުނިދުނީމަ މަންމަ އަބަދުވެސް އުނގުމަތީގައި ބާއްވައިގެން ނާނާއެއްކިޔައިގެން ނިންދުވައިދޭ ހަނދާނެވެ. އަލާންއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ.
އަނެއްކޮޅުން ނަދާވެސް ހުރީ ފުން ހިޔާލަކަށް ގެއްލިފައެވެ. އަލާން ގެއަށް ދޫކޮށްލި ދުވަހުން ފެށިގެން އަލާންއަށް އެ ހުވަފެންތައް ފެންނަން ފެށިއެވެ. އެއީ އެ ހުވަފެނެއް ފެނުނު ފުރަތަމަ ރެއެވެ. ނަދާ ބަދިގެއަށް ދިޔައީ ކަރުހިއްކައިގަނެގެން ފެންފޮދެއް ބޯލާށެވެ. ނަމަވެސް އަލާންގެ ކޮޓަރި ކައިރިންލާފައިދިޔަ ވަގުތު އަލާންގެ ހަޅޭކުގެ އަޑު އިވެންފެށުމާއެކު ކުރަން އުޅުނު ކަންތައް މަތިން ހަނދާން ނެތުނުކަހަލައެވެ. އަލާންގެ ކޮޓަރީގައި ޓަކިޖަހަންފެށީ އަލާންއަށް ކަމެއްވީކަމަށް ހީކޮށެވެ. ކޮޓަރިހުރީ ތަޅުލާފައި ކަމުން ލާމިއުއަށް ގޮވައި ކޮޓަރީގެ އިތުރު ތަޅުދަނޑި ނަގައި ދޮރުހުޅުވީ އަލާންއަށް ގޮވައިގެންވެސް ޖަވާބެއް ނުލިބުމުންނެވެ. ނިދީތެރޭގައި ދެކޮޅަށް ފުރޮޅެމުން ހަޅޭއްލަވަމުންދިޔަ އަލާންފެނި އެދެމަފިރިންގެ ހިތްފަޅައިގެންނުދިޔައީ ކިރިޔާއެވެ. އައިރާއަށް ގޮވަމުން ހަޅޭއްލަވަމުން ދިޔައިރު އަލާންގެ ގައިން އޮއްދާހިއްލަމުން ދިޔައެވެ. އަލާން ހޭލާތޯ ކުރަމުންދިޔަ މަސައްކަތްވެސް ދިޔައީ ފެނަށެވެ. ގާތްގަނޑަކަށް ފަނަރަވަރަކަށް މިނެޓު ވަންދެން އަލާންއަށް ގޮވުމުން ސިއްސައިގެންގޮސް އަލާން ތެދުވެ ނަދާގައިގާ ބައްދައިގަތެވެ. އެރޭގެ ފަހުން އަލާންގާތު ކޮޓަރި ތަޅުނުލާ ނިދަން ބުނުމުން އަލާން ނިދަނީ ދޮރު ތަޅުނުލައެވެ. އަލާންގެ އެދުމާއެކު އެދެމަފިރިން އެވާހަކަ އެއްވެސް މީހެއްގާތު ނުދައްކައެވެ. އަލާންގެ ތެރަޕިސްޓް ފިޔަވައެވެ. އަލާން އޭނަގާތުވެސް އެވާހަކަ ބުނީ ނަދާއާއި ލާމިއު އާދޭސްކުރަންފެށުމުންނެވެ.
ނަދާއަށް ހިޔާލުން ބޭރުވެވުނީ އަލާން އޭނައަށް ގޮވާލުމުންނެވެ. އޭރު ލާމިއު ކޮޓަރީ ދޮރުމަތީ ލެނގިލައިގެން އެދެމައިންނަށް ބަލަންހުއްޓެވެ. އަލާން އޭނައަށް ގޮވީ އެހެންވެގެންކަން ނަދާއަށް އިނގޭކަށް ސިކުންތެއްނުވިއެވެ. އެނދުން ތެދުވެ ނަދާ ލާމިއުގާތަށް ގޮސް މަޑުމަޑުން ލާމިއުގައިގާ ބައްދާލިއެވެ. މަންމައާއި ބައްޕަގެ ލޯބި ހަރަކާތްތަކުން އަލާންއަށްވެސް ހިނިތުންވެވުނެވެ. އިނދެގެން އުޅޭތާ 25 އަހަރަށްވުރެ ގިނަދުވަސްވީއިރުވެސް އެގުޅުން ދުވަހަކަށް ވުރެ ދުވަހެއް ވަރުގަދަވެއެވެ. އެ ގުޅުން ދުވަހަކުވެސް ނުގެއްލޭތޯ އަލާން އަބަދުވެސް ދުއާކުރެއެވެ. އަދި އެދެމީހުންގެ އުމުރު ދިގުކުރައްވާތޯވެސް އަލާން ދުއާކުރެއެވެ. އަލާންއަށްވެސް އެކަހަލަ ގުޅުމެއް އުޅެން ލިބޭނީ ކޮންދުވަހަކުންތޯ ހިތާހިތުން ސުވާލުކުރެވުނެވެ. އެދެމީހުންނަށް ރޭގަނޑުގެ ސަލާމް ބުނުމަށްފަހު އަލާން އަނެއްކާވެސް އެނދުގައި އޮށޯވެލީ އަލާން އެކަނިވުމުންނެވެ.
ފުން ހިޔާލަށް އަނެއްކާވެސް ގެނބުނީ ކުރާނެ އިތުރުކަމެއް ނެތިގެންނެވެ. އަލާންއަށް އެ ހުވަފެން މަތިން ވިސްނެން ފެށިއެވެ. އައިރާމަތިން ވިސްނެންފެށިއެވެ. އެވާހަކަ އޭނަގެ އެކުވެރިންގާތު ބުނާކަށް ހިޔާލެއްވެސް ނުކުރެއެވެ. މިހާރުވެސް އޭނައާމެދު ފިކުރުކުރާކަން އޭނާ ދަނެއެވެ. އިތުރު ތުރާއަކަށްވާކަށް އޭނާ ބޭނުމެއްނޫނެވެ. ދެން ސިފަވީ އައިރާ މިރޭ އޭނައާ ދިމާލަށް ބަލަން އޮތްގޮތެވެ. އެ ބެލުމަކީ އެހުވަފެނުގައިވެސް އައިރާ އަލާންއަށް ބަލަން ހުންނަ ގޮތެވެ. އެބެލުމުން އަލާންއަށް އެހާ އުނދަގޫވީ އެހެންވެތާއެވެ.
އަލާންގެ ސިކުނޑީގައި އޮތީ އެންމެ އެއްޗެކެވެ. “އައިރާއެވެ. އަހަންނަށް މާފުކުރާށެވެ.”
ނުނިމޭ!
2 Comments!
Comments are closed.

hey guyss heres the new episode! IA next week ga anehkaaves aa episode eh nereveyne. Hope you enjoy 🙂 Love, Lilac.
Lilac lysm ❤️ a new author eh dho?