Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ވިހަ ލޯބި 11

afu.shvvn
afu.shvvn Level 110 Stories
October 12, 2025 4 Mins Read
0 Comments

“ނުހައިކް؟ ހާދަ އިރެކޭ ތި ނަގަނީ.” އުނަގަނޑުގައި އަތް ވިއްދައިލަމުން ލިޝާ އައިސް ނުހައިކްގެ ގާތުގައި ހުއްޓުނެވެ.

އާއެކެވެ. އޭނާ ދޮގު ހެދީއެވެ. އޭނާ އަދިވެސް ހުރީ ބޭރުގައެވެ. ޔާނިއު އާއިއެކު ޒީކް ކުޑަ އިރުކޮޅެއް ކުރިން ބޭރުން ފެނުމާއިއެކު ނުހައިކް ޒީކްއަށް ގުޅީއެވެ. އޭނާގެ ހިތް ބިރުގަތީއެވެ. ކީތްވެ ކަމެއް ނޭނގުނެވެ. ނޫނެކެވެ. ކީތްވެ ކަން އެނގުނުކަމުގައި ވިޔަސް ނޭނގޭ ކަމަށް ހެދީއެވެ. ލިޝާގެ ގާތުގައި ރައްޓެއްސަކަށް ގުޅަން ޖެހޭ ކަމަށް ބުނެ ދުރަށް ގޮސް އެ ގުޅީ ޒީކްއަށެވެ.

“ސޮރީ، ލިޝް.” ރީތި ހިނިތުންވުމަކާއި އެކު ނުހައިކް ހިނގައިގައިގަތުމާއިއެކު ވާހަކައެއް ފަށަމުން ލިޝާވެސް ފަސްފަހަތުން ހިނގައިގަތެވެ.

އެ ރޭގެ އެ ހިތްގައިމު ވަގުތުގައި އެއްބައި ހިތްތައް ހިތާމައާއިއެކު ފޯވަމުން ދިޔައެވެ. އަނެއްބައި ހިތްތަކުގައި އެކުވެރިކަން އާލާވަމުން ދިޔައެވެ. އަނެއްބައި ހިތްތަކުގައި ލޯތްބާއި އުންމީދު އާވަމުން ދިޔައިރު އަނެއްބައި ހިތްތަކުގެ ސިއްރު ވަނީ މުޅިއެކުހެން ކަޝްފުވެފައެވެ.

އަނެއް ދުވަހުގެ ހެނދުނުގެ ވަގުތެވެ. ސައި ތައްޔާރުކުރަން ބަދިގޭގައި އަވަދި ނެތި ޒީކް އުޅުނުއިރު އެކަމުގައި އެހީތެރިވުމަށް މަލްކާ އާއި އަލްޔާވެސް ހަރަކާތްތެރިވަމުން ދިޔައެވެ. ސިޓިން ރޫމްގައި ހަމަ ޖެހިލައިގެން އުޝާން އިންއިރު ޔާނިއުވެސް އައިސްއިނެވެ. މަދުވަނީ ހަމަ އެކަނި ނުހައިކްއެވެ. ޔާނިއު ބުނާ ގޮތުން ނަމަ ނުހައިކްއަށް އާދެވޭނީ ލަހުންނެވެ.

“އަޅޭ، ސައިފަތް ޕެކެޓުތައް ހުސްވެއްޖެ.” އަލްޔާ އެހެން ބުނެލި އަޑަށް ޒީކްއަށް ބަލައިލެވުނެވެ.

“އޯކޭ ވާނެ. ގާތްގަނޑަކަށް ނިމުނީނު މި. އަހަރެން ގޮސްދާނަން ސައިފަތް ގަންނަން.” ސިންކު ކައިރިއަށް ގޮސް އަތް ދޮވެލަމުން ޒީކް ބުންޏެވެ.

މަލްކާ އާއި އަލްޔާ އެކަމަށް އެއްބަސް ވަމުން ތަށިތައް މޭޒު މައްޗަށް ގެނައުމަށް އަވަސްވެގަތެވެ. ލައިގެން ހުރި ސްވެޓްސްގައި އަތް ފުހެލަމުން ރުފިޔާއެއް ހިފައިގެން ނިކުންނަން އޭނާ ހިނގައިގަތެވެ. ބޭރަށް ނިކުތުމުގެ ކުރިން ޔާނިއުމެންނާއި އެކު ވާހަކައިގައި އިން ނުހައިކްވެސް އޭނާގެ ލޮލުގައި އަޅައިގަތެވެ. ބޭރަށް ނިކުމެ އެއް ފިޔަވަޅު ނޭޅޭނިސް އޭނާގެ ލޮލުގައި އަޅައިގަތީ ފޯނު ކޯލެއް ނިންމުމަށްފަހު ފޯނު ޖީބަށް ލަމުން އެނބުރެލި ޒުވާނާއެވެ.

އެ ޒުވާނާގެ ސޫރަ ފެނި، ހުރި ފިޔަވަޅު މަތީގައި ޒީކް ގަނޑުވި ކަހަލައެވެ. ދެލޯ ބޮޑުކޮށްލި އިރު އޭނާގެ އަތުގައި އޮތް ރުފިޔާވެސް އަތުން ސޮހިގެން ވެއްޓިއްޖެއެވެ. އޭނާގެ މުޅި ހަށިގަނޑު ރޫރޫ އަޅަން ފެށިއިރު ހިތް ނެގިނެގިފައި ޖެހެން ފެށިއެވެ. ޒީކް ފެނުމާއިއެކު އެ ޒުވާނާގެ މޫނު މައްޗަށް ވެރިވީ ހިނިތުންވުމެކެވެ.

“ޒީ ތަ؟ ހާދަ ތަފާތޭ މިހާރު.” އޭނާގެ އެ ތޫނު ނަޒަރުންވެސް ޒީކްއަށް އުނދަގޫތަކެއް ވެރިވެގެން ދިޔައެވެ.

“ސަޕްރައިޒް ވީ ތަ ޒީ؟ މިސް ވި ތަ؟ އަހަރެންވެސް ވަރަށް މިސްވި.” ޒީކް އާއި ގާތުގައި ހުއްޓެމުން ހަމަ އެ ހިނިތުންވުމުގައި ހުރެ އެ ޒުވާނާ ބުންޏެވެ.

ހަމަ ކައިރިވުމާއިއެކު ޒީކް ދުރުވިއެވެ. ބިރެއް ފެނުނު ފަދައިންނެވެ. ވެއްޓިފައި އޮތް ރުފިޔާ ނަގަމުން އޭނާ ތެދުވެލިއެވެ. ނުހައިކް ލަސްވި ސަބަބު އެނގުނީ އަދި ކިރިޔާއެވެ. ޢީދަށް ޗުއްޓީ ހޯދައިގެން މީނާވެސް އެ ރަށަށް އައީއެވެ. ނުހައިކް ދިޔައީ އެ ޒުވާނާ ލަފާ ތަނަށެވެ.

“އަހަރެން.. ނުވޭ މިސްއެއް. ތި ކަހަލަ މުޑުދާރު މީހަކު ދެކެ އަހަރެން މިސްވާނެ ކަމަށް ތަ ހީކުރީ، ނިޔަލް؟” ތުރުތުރު އަޅަމުން ދިޔަ އަޑަކުން ޒީކް ވާހަކަ ދެއްކިއެވެ.

ނިޔަލް ޖަހައިލީ ހިނިގަނޑެވެ. ބޮޑާ ކަމާއިއެކު ޒީކްއަށް ބަލައިލުމަށްފަހު އިތުރަށް ކައިރިވެލަމުން ޒީކްގެ ކަންފަތް ކައިރިއަށް ގުދުވެލިއެވެ.

“ޒީ ހީކުރީ އަހަރެންގެ ކައިރިން ސަލާމަތް ވެވުނީ ކަމަށް ތަ؟ ވީ އާރ ޖަސްޓް ގެޓިން ސްޓާޓެޑް.” ވައި އަޑުން އެހެން ބުނުމަށްފަހު ޒާތަކަށް ހީލަމުން އޭނާ އެތެރެއަށް ވަނެވެ.

ހިފަހައްޓައިލައިގެން ހުރި ފުން ނޭވާ ޒީކްއަށް ދޫކޮށްލެވުނީ ދެނެވެ. ބިރުން މުޅި މީހާ ރޫރޫ އަޅަމުން ދިޔައިރު އެއިރުގެ ބިރުވެރި ހަނދާންތައް އޭނާގެ ހިތަށް ވެރިވަން ފެށިއެވެ. އޭނާގެ ކަތުރުކަށިގަނޑަށް ވާންވެގެން ދިޔައެވެ. ދެ ފަރާތަށް ބޯ ހޫރުވަމުން އޭނާ އަވަސް އަވަހަށް ހިނގައިގަތީ ފިހާރައަކާއި ދިމާލަށެވެ.

ފިހާރައިން އައިސް ސައިފަތް ޕެކެޓު މަލްކާމެންނަށް ހަވާލުކުރުމަށްފަހު އޭނާ އަވަސް އަވަހަށް ގޮސް ވަނީ ކޮޓަރިއަށެވެ. މި ގަޑީގައި ބަނޑުގައި ރިއްސާތީ ފަހުން ކާނެ ކަމުގައި ބުނެފައެވެ. ޒީކް ދިޔަ ދިމާލަށް ބަލަހައްޓައިގެން ނުހައިކް ހުރީ ރުޅިވެރި ނަޒަރަކުންނެވެ.

ޒީކް ވަތް ގޮތަށް ގޮސް ޖެހިގަތީ އެނދު މައްޗަށެވެ. ދެލޮލުން ހޫނު ކަރުނަތައް ފުރޭނިގެން ކޯތާފަތް މައްޗަށް ބަންޑުންވިއެވެ. ނިޔަލް ފެނުމާއިއެކު އޭނާގެ މުޅި މޫޑު މިއަދު ދިޔައީއެވެ. އިރުކޮޅެއް ފަހެވެ. ދޮރުގައި ޓަކި ތަޅާ އަޑަށް އޭނާއަށް ފުންމައިގެން ތެދުވެވުނެވެ. އަވަހަށް ކަރުނަތައް ފުހެލަމުން ގޮސް އޭނާ ދޮރު ހުޅުވައިލިއެވެ. ރަނގަޅަށް ކުރިމަތީގައި ހުރި މީހާގެ މޫނު ނުބެލެނިސް އޭނާ އެތެރެއަށް ދެމިގަތެ ޒީކްގެ އަނގައިގައި އަތް އަޅަމުން ދޮރު ލެއްޕިއެވެ. ގަތް ބިރުންނާއި ހިތަށް އެރި އެއްޗަކުން އޭނާއަށް ހަޅޭލަވައި ނުގަނެވުނީ ކިރިޔާއެވެ.

“ޒިޒީ.. އިޓްސް މީ.” ނުހައިކްގެ އަޑު އިވުމާއިއެކު އޭނާ މައިތިރިވިއެވެ.

އަނގަމަތީގައި އޮތް ނުހައިކްގެ އަތް ނައްޓުވައިލަމުން ޒީކް އޭނާއަށް ކުރިމަތިލިއެވެ. އޭނާގެ ތޫނު ނަޒަރު ޒީކްއަށް ހުއްޓިފައި ވީ އިރު އެއީ ޒީކްގެ ހިތް އެދެމުން ދިޔަ ނަޒަރެއް ނޫނެވެ. އެ ނަޒަރުގައި ވަނީ އިންތިހާ ރުޅިވެރިކަމާއި ނަފްރަތެވެ.

“ކިހިނެތް.. ވީ؟” ހިންދިރުވައިލަމުން ޒީކް މަޑުމަޑުން ކޮށްލީ ސުވާލެކެވެ.

“ކިހިނެތްހޭ ވީ؟” ނުހައިކް ހިނިގަނޑެއް ޖަހައިލި ނަމަވެސް އެ އަޑަކު އެއްވެސް ކަހަލަ ސަމާސާކަމެއް ނެތެވެ.

“އަހަރެންނަށް ރޭގަ އެ ވާހަކަ ދޮންބެ ނުކިޔައިދިން ނަމަ… ނުވެސް އިނގުނިސް.” ދެ ފަރާތަށް ބޯ ހޫރުވައިލަމުން ނުހައިކް ބުންޏެވެ.

“އާނ، އަހަރެންނަށް ފަޅާއަރައިފި. ޒީކް. އަހަރެންގެ ދޮންބެއަށް ގަދަކަމުން..” ނުހައިކް އެ ހިސާބުން ވާހަކަ ހުއްޓައިލައި ލޯ މަރައިލީ އެ ކުރި ކަންތައް ބުނަންވެސް ލަދުންނެވެ.

“އަހަރެންނަށް އެނގިއްޖެ ހުރިހާ ކަމެއް. އަހަރެން ހީކުރި ވަރަށްވުރެ ޒީކްގެ ޢަމަލުތައް މުޑުދާރު.” ނުހައިކް އަނެއް ފަރާތަށް މޫނު އަނބުރައިލިއެވެ.

“ނޫން، ނުހައިކް. އެހެނެއް ނޫން..” ޒީކް ސިއްސައިގެން ދިޔައީ ތަންކޮޅެއް ބާރަށް ނުހައިކް ވާހަކަ ދައްކަން ފެށުމުންނެވެ.

“ދެން ތި ދުލުން އެންމެ ބަހެއްވެސް ބޭރުކޮށްގެން ނުވާނެ. މި ޢީދުގަ އަހަރެންގެ ދޮންބެ އާއި ކައިރިވެގެން ވެސް ނުވާނެ. މި ހިސާބުން.. އަހަރެމެން ގެ އެކުވެރިކަން ނިމުނީ.” ދަތްކުނޑި ވިކަމުން އެހެން ބުނުމަށްފަހު ނުހައިކް ނިކުމެ ދިޔައީއެވެ.

“ނޫން..” ދެފަރާތަށް ބޯ ހޫރުވައިލަމުން ޒީކް ހުރިތަނަށް ތިރިވިއިރު އަނެއްކާވެސް އޭނާއަށް ގިސްލެވެން ފަށައިފިއެވެ.

އަނެއްކާވެސް އެ ގޮތަށް ކަންތައް ވަނީއެވެ. ނުހައިކް އޭނާއަށް ގެއްލުނީއެވެ. ދެން ގެއްލޭނީ ޔާނިއު ކަންނޭނގެއެވެ. ނުވަތަ މަލްކާއެވެ. އެ ގޮތަށް ގޮސް ފަހަރަކު މީހެކެވެ. މި ކަންތައް މިހެން ދިމާވާކަށް އޭނާ ނޭދެއެވެ. އޭނާއަށް ރުޅި އާދެވުނީ ނިޔަލްދެކެއެވެ. މި ހުރިހާ ކަމެއް މި ވީ އޭނާގެ ސަބަބުންނެވެ.

އައި ރުޅިއާއި ވީ ދެރައިގެ ސަބަބަބުން މިއަދު އޭނާ ކޮޓަރިން ނުވެސް ނިކުމެއެވެ. މެންދުރު ކެއީވެސް ގޭގައި އެ ކުދިން ނެތް ގަޑި ބަލައިފައެވެ. އެއިން ކުއްޖަކު ވަންނަން ދޮރުގައި ތަކި ތެޅިކަމުގައި ވިޔަސް އޭނާ ބަލިކަމަށް ބުނެ ދޮރު ނުހުޅުވައެވެ.އެ ރޭގެ ވަގުތެވެ. ދޮރުގައި ޓަކި ޖެހި އަޑަށް އެނދުގައި އޮތް ޒީކް އިސްހިއްލައި ދޮރަށް ބަލައިލިއެވެ.

“ކިހިނެތް ވީ؟” ޒީކް އެ އޮތް ތަނުގައި އޮވެ ގޮވައިލިއެވެ.

“ޒީ، އަހަރެން ވައްދަބަލަ. މި އައީ ކާ އެއްޗެސްވެސް ހިފައިގެން.” މަލްކާ ނުފެނުނު ކަމުގައި ވިޔަސް އެ އަޑުގައިވީ ކަންބޮޑުވުން ނިކަން ރަނގަޅަށް އޭނާއަށް ދެނެގަނެވުނެވެ.

ދެ ޚިޔާލެއްގައި ހުރެ ޒީކް ތެދުވެލިއެވެ. ލަސްލަހުން ހިނގައިލައިފައި ގޮސް ދޮރު ހުޅުވި އިރު ކުރިމަތީގައި ތައްޓެއް ހިފައިގެން މަލްކާ ހުއްޓެވެ. ޒީކްއަށް ހީކުރެވުނު ފަދައިން އެ މޫނުގައި ވީ އިންތިހާ ދަރަޖައިގެ ކަންބޮޑުވުމެވެ. ދޮރު ހުޅުވުމަށްފަހު މަލްކާ ވަނުމަށް ޒީކް ތަން ދެއްކިއެވެ. އަވަސް ކޮށްލައިފައި މަލްކާ ވަނެވެ.

“ޒީ ކިހިނެތް ވެގެން ތޮ އުޅެނީ. ނުބުނައްޗެ ބަލީ އޭ. އަހަރެންނަށް ރަނގަޅަށް އިނގޭ ޒީ ބަލި ނޫންކަން.” މޭޒު މަތީގައި ތަށި ބަހައްތަމުން މަލްކާ ބުނެލިއެވެ.

“އަހަރެންނަށް އިނގޭ ޒީ އާ ނުހައިކް އާއި ދޭތެރޭގައި ކުރިން އޮތީ އެކުވެރިކަމުގެ ގުޅުމެއް ވެސް ނޫންކަން. ޔޫ ބޯތް އާރ ސޯ އޮބްވިޔަސް.” ބޯ ހޫރުވައިލަމުން މަލްކާ ގޮނޑިއެއްގައި އިށީނެވެ.

ޒީކްއަށް ލިބުނީ ހައިރާންކަމެވެ. މީހުން ދަސްކުރުމުގައި މަލްކާ މިހާ މޮޅުވީ ކޮން އިރަކު ހެއްޔެވެ؟ ހިންދިރުވައިލަމުން މަލްކާ އާއި ކުރިމަތިވާ ގޮތަށް ގޮސް އެނދުގައި އޭނާ އިށީނެވެ.

“މަލް، ހިޔެއް ނުވެ އަހަރެން މި ދައްކާ އެއްވެސް ވާހަކައެއް މަލް ޤަބޫލުކުރާނެ ހެނެއް. އަހަރެން އަސްލު މީ ވަރަށް ގޯސް ކުއްޖެއް.” އިސްޖަހައިލަމުން ޒީކް އެހެން ބުނެލީ މަޑުމަޑުންނެވެ.

“ނޫން. އަހަރެން ޤަބޫލުކުރާނަމޭ. ސީރިޔަސްކޮށް. އަހަރެމެން ދިމާވެގެން މި ވީހާ ދުވަހަކު ޒީ ދޮގު ހަދައިފައި ވާ ތަނެއް އަހަރެންނަކަށް ނުފެނޭ. ޒީގެ ބެކް ސްޓޯރީ ފިޔަވާ. މިހާރު ތޮ ވާހަކަ ކޮންމެވެސް މީހަކަށް ޝެއާ ކުރަން ވެއްޖެއެއްނު؟ އެހެން ނޫނީ ޒީގެ ތި ބޮލަކަށްވެސް ލުޔެއް ނުލިބޭނެ.” ޒީކްގެ އަތްތިލައިގައި މަޑުމަޑުން ހިފައިލަމުން އޯގާތެރިކަމާއިއެކު މަލްކާ ވާހަކަ ދެއްކިއެވެ.

“މަލް، ޕްލީޒް ހުވާ ކުރޭ. މިއިން އެއްވެސް ވާހަކައެއް އެއްވެސް މީހަކަށް ކިޔައި ނުދެން.” ޒީކްގެ އަޑުގައި ވަނީ އާދޭހެވެ.

ޒީކްގެ އަޑުގައިވި ރިހުމާއި އާދޭސް ދެނެގަނެވި، މަލްކާގެ ހިތަށް ގޮތެއް ވެލިއެވެ. ޒީކްގެ އަތަށް މަޑުމަޑުން ފިއްތައިލަމުން ބޯ ޖަހައިލީ އަހަރެންނަށް އިތުބާރު ކުރާށޭ ބުނާ ފަދައިންނެވެ. ފުން ނޭވާއެއް ބޭރުކޮށްލަމުން ޒީކްގެ މާޒީގެ އެ ކަޅު ޞަފުޙާތައް މަލްކާގެ ކުރިމަތީގައި ހުޅުވައިލިއެވެ.

 

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

afu.shvvn
Follow Me Written By

afu.shvvn

Level 110 Stories

. 17y

Other Articles

Previous

ހިތަކުން ނުދާނޭ ފިލާ 6

Next

ތައުބާގެ މަގު

Next
October 12, 2025

ތައުބާގެ މަގު

Previews
October 12, 2025

ހިތަކުން ނުދާނޭ ފިލާ 6



All Right Reserved!