Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އެދިގެން ކަލާ ލިބޭތޯ 15

Niraa Level 6100 Login10 Stories
October 9, 2025 5 Mins Read
0 Comments

(15 ވަނަ ބައި)

“ދެންމެ ތިބުނީ ކީކޭތަ؟” ހިޒްޔާންގެ އަތްތިލަ މުއްކެވިގެންދިޔައިރު އެ އަޑުގައި އަމުރުވެރިކަންވިއެވެ. އޭރު އައިކަންގެ ހައިރާންކަމުން ފުރިގެންވީ ނަޒަރު ހިޒްޔާންގެ މޫނަށް ހުއްޓިފައިހުރިއިރު ހިޒްޔާން ދުރަށް މޫނު އަނބުރާލަމުން ދެލޯ މަރާލިއެވެ. އެ މޫނުމަތީން ހިނދުކޮޅަކަށްވެސް ކަމެއް ޤަބޫލުކުރަން ދަތިވެގެން އުޅޭފަދަ އަސަރުތަކެއް ފާޅުވިއެވެ.

އީޒަންއާއި އީޒަންގެ އާއިލާއާއި ބެހޭ ގިނަމައުލޫމާތުތަކެއް ޔަލާގެ ފަރާތުން އޭނައަށް އިނގިފައިވެއެވެ. އީޒަންއަކީ ރާއްޖޭ ގެ ނިސްބަތުން މަޝްހޫރު އާއިލާއަކުން އައިސްފައިވާ ކުއްޖެއްކަމުން ޔަލާއާއި އީޒަން ގުޅުމުގެ ކުރީންވެސް ކުންފުނީގެ ބައެއް ހަފްލާތަކުން އީޒަންއާއި އީޒަންގެ އެއްމާބަނޑު ބޭބެ އިޒިކް އޭނައާއި ބައްދަލުވެފައިވެއެވެ. ގިނަ ދުވަސްތަކެއްވާން ދެން ލޯބީގެ ގޮތުން ގުޅިގެން އުޅުނު އަންހެންކުއްޖާއާއި އިޒިކްގެ ކައިވެނި ކުރެވިގެންދިޔައީ މީގެ ހަމަސްކުރީންނެވެ. އޭނަ އާއި އައިކަން ރަޝިޔާގައި ތިއްބާ އެ ކައިވެނީގެ ހަފްލާ ބޭއްވިގެންދިޔައިރު ޔަލާއާއިއެކު މެހެލްގެ އާއިލީ މެންބަރުންވެސް އެ ކައިވެނީގައި ބައިވެރިވިއެވެ. އެކައިވެނީގެ ބައެއް މައުލޫމާތުތައް ޔަލާގެ ފަރާތުން އޭނައަށް އިނގުނަސް އިޒިކްގެ ކައިވެނި ކުރެވުނީ ކޮންއަންހެންކުއްޖަކާއި ކަމެއް އޭނައަކަށް ނޭނގުނެވެ. ކުރީން އެކަމާއި މާބޮޑު ސަމާލުކަމެއްނުދެވުނަސް އައިކަންގެ ބަސްތައް ކަންފަތުގައި ޖެހިގެންދިޔުމާއިއެކު ނުބައިގޮތަކަށް އޭނަގެ ބޮލުގައި ރިއްސާލިއެވެ.

އިޒިކްގެ ކައިވެނިކުރެވިގެންދިޔައީ ޔުމްނުއާއި ހެއްޔެވެ؟ އެ ހިޔާލުން އެކަނިވެސް ހިޒްޔާންގެ ހިތުގައި ދަތިގޮތަކަށް ވިންދު ޖަހާލައިގެން ދިޔަކަހަަލައެވެ. އައިކަންގެ ފަރާތުން ޖަވާބަކަށް އިންތިޒާރުކުރުމެއްވެސް ނެތި އޭނަ ހަލުވި ފިޔަވަޅުތަކެއްގައި ކޮޓަރިން ނިކުންނަން ހިނގައިގަތީ އެކަން ޔަޤީންކުރަން ބޭނުންވީވަރުންނެވެ. އޭނައަށް މި ހީވާހީވުން ހަޤީގަތަކަށްވެއްޖެނަމަ މިރޭ އޭނަގެ އަތުން ފައިން ގޯހެއް ނުހެދި ނުދާނެކަން ޔަޤީނެވެ. ޔުމްނުގެ ހަށިގަނޑުގައިވީ ކޮންމެ ލަކުނަކާއި ތާޒާ ޒަޚަމަކާއި އެ ރީތި ލޮލުން އޮހުނު ކޮންމެ ކަރުނައެއްގެ ބަަދަލު އޭނަ ޔުމްނުގެ އަނިޔާވެރިއެއްގެ ފަރާތުން ހޯދާނެއެވެ.

ދުވެފައިކަހަަލަގޮތަކަށް ހިޒްޔާންއަށް ސިޑީގެ ހަރުފަތްތައް ގިރާކުރަމުން އައިސް އެންމެ ފަހު ހަރުފަތާއި އަރާހަމާވީއިރު ތަނަވަސް ލިވިންރޫމްގެ ސޯފާގައި ތިބި އެންމެންގެ ހައިރާންކަމުގެ ނަޒަރުތައް އޭނައާއި ދިމާލަށް ހުއްޓިފައިވިއެވެ. ޒިޔަމް އާއި ވިދްހާންއާއިއެކު މުހިންމު ވާހަކައެއްގައި އިނދެފައި އައިޝަމްގެ ހިޒްޔާންގެ މޫނަށް ބަލަހައްޓައިގެން އިނީ ހައިރާން ކަމުގެ ނަޒަރަކުންނެވެ. ބެލްކަނީގެ ދޮރު ކައިރީގައި އީޒަންއާއިއެކު ހުރެފައި ހިޒްޔާންގެ ބިޔަ ފިޔަަވަޅުތަކުގެ އަޑުއިވިގެން ޔަލާވެސް ހިޒްޔާންއާއި ދިމާލަށް އައެވެ.

“ޒޭން… ކިހިނެތްވީ… ހުރިހާކަމެއްވެސް ރަނގަޅުތަ؟” ޔަލާ ހިޒްޔާންއާއި ގާތަށް ޖެހިލަމުން ސުވާލުކުރިއިރު ލިވިންރޫމް ގައި ތިބި އެންމެންގެ ނަޒަރު އޭނައަށް ހުއްޓިފައިހުރިގޮތުން ހިޒްޔާން ކުޑަކޮށް ލަދުގަންނަގޮތްވިއެވެ. އީޒަންގެ އާއިލާގެ އެހެން މެންބަރުންނާއި އާއިލީގެ ދޮށީ މެންބަރުން އެ މަންޒަރު ފެންނަ ހިސާބުގައި ތިބުމުން އޭނައަށް އިސްއުފުލާ ބަލާލަންވެސް ނުކެރުނެވެ.

“އެއީ… އައިކް… އައިކްއާއި ކުޑަކޮށް ސަކަރާތްޖަހާލީ…” އެވަގުތު ސިޑިން ފައިބައިގެން އައި އައިކަން ފެނުމާއިއެކު ހިޒްޔާންއަށް ޔަލާއަށް ދޭނޭ ޖަވާބެއް ވިސްނުމަށް އައިކަހަލައެވެ. އޭނަ އައިކަންއާއި ދިމާލަށް އިޝާރާތްކުރަމުން ބުނެލިއިރު އައިކަން އައިސް އެ ހިސާބާއި އަރާހަމާވީއެވެ. އެބަސްތައް އަޑުއިވުމުންވެސް އައިކަން އެއްޗެކޭ ބުނުމެއްނެތި ހިމޭންކަން އިޙުތިޔާރުކުރިޔަސް ހިޒްޔާންގެ މޫނަށް ބަލާލީ ޝައްކުގެ ނަޒަރަކުންނެވެ. އޭރު އައިޝަމްވެސް ހިނިތުންވެލައިގެން އިނދެ ފައި ޒިޔަމް ކައިރީގައި ކޮންމެވެސް އެއްޗެކޭ ބުނެލައިފިއެވެ.

“ދަރިފުޅުމެން ތިއައީތަ؟ ލަސްވެގެން މަންމަ މޯނާވެސް ފޮނުވަން އުޅެފިން…” ކާކޮޓަރީން ނިކުމެގެން އަންނަމުން ރިޔާނާ ހިޒްޔާންމެން ފެނިގެން ގާތްގޮތަކަށް ވާހަކަދެއްކިއެވެ. އޭރު ރޭގަނޑުގެ ކެއުމަށް ސުފުރާމަތި ތައްޔާރުކުރެވިފައި ހުރިގޮތް ބެލުމަށްފަހު ޒައިތޫންވެސް ކާކޮޓަރިން ނިކުމެގެން އައިސް އެންމެން ކައިރިން ކާކޮޓަރިއަށް ދާން އެދުނީއެވެ.

“ޔުމްނު.. ދަރިފުޅާ އިޒް ކޮބައިތަ؟” ޒައިތޫންގެ ފަހަތުގައި ތިބެގެން ހުރިހާ މެންބަރުންތައް ކާކޮޓަރިއަށް ވަންނަން ދިޔަ އިރު ދޮށީ ދަރިފުޅު އިޒިކް ފެންނަން ނެތުމުން ލައިޝާ ޔުމްނުއާއި ސުވާލުކުރި އަޑުއިވުނެވެ.

“ފޯނެއް އައިސްގެން ބޭރަށް ނިކުތީ… އަޅުގަނޑު އިޒް ކޮބައިތޯ ބަލާލާނަން…” ނުހަނު އަދަބުވެރިކަމާއިއެކު ޔުމްނު އެ ސުވާލަށް ޖަވާބުދިންއިރު ހިޒްޔާންގެ ނަޒަރު ޔުމްނުއަށް ހުއްޓިފައިވެއެވެ. ފުރަގަހުން ޔުމްނު ފެންނަމުންދިޔަގޮތުން އޭނަގެ ހީކުރުންތަކާއިމެެދު ވަކިގޮތެއް ނިންމުމަށް ހިޒްޔާންއަށް ދަތިވެފައިވިއެވެ.

އެވަގުތު ޔުމްނު އަނެއް ފަރާތަށް އެނބުރެމުން މައި ދޮރާއި ދިމާލަށް ދާން ފެށުމާއިއެކު ހިޒްޔާންގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އޭނަ ހައިރާންވެފައި ބަލަހައްޓައިގެން ހުއްޓާ ޔުމްނު ދޮރާއި ކައިރިއަށް ގޮސް ދޮރުން ވަދެގެން އައި އިޒިކްގެ އަތުގައި ގާތްގޮތަކަށް ހިފަހެއްޓިއެވެ. އެއާއިއެކު ޔުމްނުގެ ކޯތާފަތުގައި ހިފާލަމުން ކަންފަތްދޮށުގައި އިޒިކް ކޮންމެވެސް ލާނެތް އެއްޗެކޭ ކިޔާލިގޮތުންވެސް އެދެމެދުގައިވީ ލޯބި ހިޒްޔާންއަށް އިޙުސާސްކުރެވުނެވެ. އެވަގުތުކޮޅު ޔުމްނު ހިޒްޔާން ހުރި ފަރާތަށް އެނބުރިލުމާއިއެކު ހިޒްޔާންގެ ހުރިހާ ހީތަކެއް ވަޔަށް ބުރައިގެންދިޔަކަހަަލައެވެ. އަމިއްލަ ނަފްސުގެ މޮޔަ ކަމާއި ހެދި އޭނަ އަމިއްލަ ނަފްސު ދެކެވެސް ރުޅިއަންނަގޮތްވިއެވެ. އެއް ނަމެއް ކިޔާ ދެމީހަކު އުޅެދާނެކަމަށް އޭނަގެ މޮޔަ ސިކުނޑިއަށް ނުވިސްނުނީ ކީއްވެގެންހެއްޔެވެ؟ އިޙުސާސްތަކުގައި ބެދިގެން ގޮސް އޭނައަށް ގޯހެއް ނުހެދުނީތީވެ ހިޒްޔާން އަށް ހިތާހިތުން ޝުކުރުކުރެވުނެވެ.

ދެއާއިލާގެ މެންބަރުން އޮލަ ވާހަކައެއްގައި ތިބެ ކާކޮޓަރިއަށް ވަތްގޮތަށް ގޮނޑިތަކުގައި ހަމަޖެހިލިއިރު ހިދުމަތުގައި ނޯކަރު ކުދީން ދުރުގައި މަޑުކޮށްލައިގެން ތިއްބެވެ. ތަށިތަކުގެ މަތިތައް ހިއްލި ނުހަނު އުފާވެރި މާހައުލެއްގައި ކެއުން ކުރިއަށް ދިޔައިރު ޔަލާއާއި އީޒަންގެ ކައިވެންޏާއި ގުޅިގެން ދެއާއިލާގެ ދެމެދުގައި މަޝްވަރާތައް ކުރެވެމުންދިޔައެވެ. ކުރިއަށް ރޭވެމުން އައި ކައިވެންޏާއިއެކު ދެއާއިލާގެ އުފާވެރިކަން ދެގުނަވެފައިވާކަހަލައެވެ.

ދެ އާއިލާގެ ދެމެދުގައި ދެކެވިގެންދިޔަ ވާހަކަަތަކަށްފަހު ފުދޭވަަރަކަށް ދަންވީފަހުން ޒިޔަމްގެ ދެމަފިރީން އެނބުރި ދިޔައީ ދެއާއިލާގެ އެހެންމެންބަރުންނާއި ބައްދަލުކުރުމަށް އެހެން ދުވަހެއް ކަނޑައަޅާފައެވެ. ނާދީންއާއި ޒިޔަމްގެ ކޮއްކޮ ޝެނީން އަށް އެރޭ އެ އާއިލާއާއި ބައިވެރިނުވެވުމުން އެހެން ދުވަހަކުން ބައްދަލުކުރުމަށް ހަމަޖެއްސީ ކައިވެނީގެ ކަންތަކުގައި އެދެމީހުންގެ ހިޔާލު ހޯދުމަކީ މުހިންމުކަމެއްކަމަށް އެންމެންނަށްވެސް ޤަބޫލުކުރެވެމުންނެވެ.

އިޒިކްގެ ދެމަފިރީންނާއިއެކު ލައިޝާއާއި ޒިޔަމް މެހެލްއިން ދިޔުމުން ހުރިހާ ޒުވާން ކުދީންކޮޅު ގޭގެ މަތީބަޔަށް އައީ ޔަލާގެ ހިޔާލަކަށެވެ. ކުރިއަށް އޮތީ ހަފްތާ ބަންދު ދެދުވަސްކަމުން އެހިޔާލާއި އެއްވެސް ކުއްޖަކު ދެކޮޅުހަދާކަށް ނޫޅުނެވެ.   އައެވެ. ޔަލާއާއި އައިލީ އަދި ޔޫލީން ޕޮޕް ކޯން ތަށިތަކާއި ލުއި ބުއިންތައް ހިފައިގެން އައިސް ސްކްރީންއިން ބިރުވެރި ފިލްމެއް އަޅުވަން އުޅުނުއިރު ހޯލްތެރޭ ފޯރި ގަދަވެފައި އޮތެވެ. ބިރުވެރި ފިލްމު ބަލަން ފޯރި ދެއްކިޔަސް ފަހުން ޔަލާ މެން ބިރުން އުޅޭނެކަން ޔަޤީންވާތީ އައިކަންއާއި އީޒަން ތިބީ އަންހެންކުދިންނާއި ދިމާކުރުން ނުހުއްޓަން ނިންމައިގެން ނެވެ. އެއިން އެއްވެސް ސަކަރާތެއްގައި ބައިވެރިވުމެއްނެތި ހިމޭނުން އިނީ ހިޒްޔާންއެވެ. އޭނަ އެއްފަރާތަކަށް ނަޒަރު ހުއްޓާލައިގެން އަމިއްލަ ވިސްނުމަކަށް ގެއްލިފައި އިނެވެ.

އިރުކޮޅެއްގެ ތެރޭގައި މުޅި ހޯލްތެރެ އަނދިރިވެގެން ދިޔުމާއިއެކު ބޮޑު ސްކްރީން ދިއްލިގެންދިޔައެވެ. ސްކްރީނުން ފެންނަ މުންދިޔަ މަންޒަރަށް އެންމެންގެ ނަޒަރުތައް ވަގުތުން ހުއްޓިގެންދިޔައިރު ހިޒްޔާންއަށް ވެސް ސްކްރީންއާއި ދިމާލަށް ބަލާލެވުނެވެ. އޭރު ފިލްމުގެ ކްރެޑިޓްސް އަރަމުންދިޔައިރު އައިލީ ހިޒްޔާންގެ ކައިރީގައި އިށީންގޮތަށް ސްކްރީންއަށް ދެލޯ އަމާޒުކޮށްލައިގެން އިނީ ނުހަނު ޝައުގުވެރިކަމާއި އެކުގައެވެ. އުނގުމަތީގައި ބައިންދާފައި އިން ބޮޑު ޕޮޕްކޯން ތަަށިން އެތިކޮޅެއް ނަގައި އަނގަޔަށްލަމުން އޭނަ ހިޒްޔާންއާއި ދިމާލަށް ބަލާލިއެވެ. ހިޒްޔާންގެ ނަޒަރު އެއްދިމާލަށް ހުއްޓިފައިހުރި އޭނަގެ ސަމާލުކަން ދެވިފައިވީ މުޅީން އެހެން ކަމަކަށެެވެ. ދުރުބަލަހައްޓައިގެން ފުން ވިސްނުމެއްގައި އިންގޮތުން އޭނައަށް ހިޒްޔާންގެ ސަމާލުކަން ހޯދަން ޖެހުނެވެ.

“ޒޭން…” އައިލީ ހިޒްޔާންގެ އަތުގައި ހިފާ ތަޅުވާލުމާއިއެކު ހިޒްޔާންއަށް ބަލާލެވުނީ ސިހިފައެވެ. އެ ވަގުތު އައިލީ އަތުގެ އިޝާރާތުން ސްކްރީން ދައްކާލިޔަސް އޭނައަށް ސްކްރީނާއި ދިމާލަށް ބަލާލެވުނީ ފަރުވާކުޑަ ގޮތަކަށެވެ. ކުޑަ ހިނދުކޮޅަކަށް އޭނަގެ ލޮލަށް ފިލްމުގެ މަންޒަރު ފެނިލިޔަސް އޭނަގެ ސަމާލުކަން ވަގުތުން ކުޑަވެގެންދިޔައެވެ. ހޯލް ތެރެއަށް ވެރިވެފައިވީ އާދަޔާ ހިލާފު ހިމޭންކަމުގެ ސަބަބުން އޭނަ ބޭނުންނުވިޔަސް އޭނަގެ ހިޔާލުތައް އެއް މިސްރާބަކަށް ބެހެއްޓުމަކީ ފަސޭހަކަމަކަށްނުވިއެވެ.

“ވަރަށް ކްރީޕީ ދޯ…” ފިލްމުގެ މެދުތެރެއިން އައިލީ ސުވާލުކޮށްލިޔަސް ހިޒްޔާންގެ ފަރާތުން ޖަވާބެއް ނުލިބުނެވެ. އިރު ކޮޅެއްފަހުން އައިލީއަށް ހިޒްޔާންގެ މޫނަށް ބަލާލެވުނުއިރު ދަތްދޮޅީގައި އަތްވިއްދާލިގޮތަށް ސްކްރީންއަށް ނަޒަރުދީގެން ހިޒްޔާން އިނީ އަމިއްލަ ހިޔާލަކަށް ހުސްވެގެންނެވެ. އެ ތޫނު ލޯ ސްކްރީން އާއި އަމާޒުކުރެވިފައިވިޔަސް ދައްކަމުންދިޔަ މަންޒަރުވެސް ހިޒްޔާންއަށް ނަގައިގަނެވެމުންދާކަމާއި މެދު އައިލީގެ ހިތުގައި ޝައްކު އުފެދުނެވެ. އޭނައާއި ކިތަންމެ ގާތުގައި އިނަސް އެވަގުތުކޮޅު އޭނައަށް ހިޒްޔާން ފެނުނީ ދުރުން ފެންނަމުންދާ އަވާމެންދުރެއްގެ ސިފައިގައެވެ.

ގޮށްޖަހާލެވިފައިވާ ބުމައާއިއެކު ހަނިކޮށްލެވިފައިވާ ދެލޮލަށް ބާރުކުރަމުން ހިޒްޔާން ވިސްނަމުންދާ ކަމަކާއި މެދު ފުރަަތަމަ ފަހަރަށް އައިލީގެ ހިތުގައި ސުވާލުތައް ގިނަވެގަތެވެ. ނަމަވެސް ވަގުތުގެ ގޮތުން އޭނަ ހިމޭންކަން އިހުތިޔާރުކުރީއެވެ. ފިލްމަށް ދެވިފައިވީ ޝައުގުވެރިކަން ކުޑަވެ އޭނަައަށް ހިޒްޔާންގެ މޫނަށް ނަޒަރު ހުއްޓާލައިގެން އިނދެވުނީ އެމޫނަށް އަންނަމުންދިޔަ ބަދަލުތައް ދެނެގަންނަން މަސައްކަތް ކުރަމުންދާފަދަ ގޮތަކަށެވެ. ދޭތެރެއަކުން އެތަނަވަސް ނިއްކުރިއަށް ރޫތައް އަރުވާލަމުން ފުންނޭވާއެއް ދޫކޮށްލާގޮތުން ހިޒްޔާން ފުންވިސްނުމެއްގައި އުޅެމުންދާކަހަލައެވެ. ހުއްޓުމެއްނެތި ނިއްކުރީގައި އިނގިލިތައް ހިންގަމުންދިޔަގޮތުން ހާސްކަމެއް ލިބިފައިވާ މީހަކާއި ތަފާތެއްނެތެވެ. އެ ސިކުނޑިތެރޭގައި އެތަށް ހިޔާލުތަކެއް ބުރުޖަހަމުންދާކަހަަލައެވެ.

****************

ހަމަހިމޭންކަމުގައި ރޭގަނޑުގެ ބޮޑުބައެއް ހޭދަވެގެންދިޔުމަށްފަހު މެންދަންވީއިރު އުޑުމަތީން ވިިއްސާރައިގެ ކުލަވަރު ދައްކާ ލައިފިިއެވެ. ބަނަފުސްވިލާތަކުން ހަތަރު އުދަރެސް ފޮރުވާލިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ބޯކޮށް ވާރޭވެހެންފެށިއެވެ. ބާރު ވައިރޯޅިތަކާއި ހަނގުރާމަކުރަމުން އައި ރުޅިވެރި ރާޅުތައް ގާތަކުގެ މައްޗަށް މުގުރަމުންދާ އަޑު ވެހެމުންދާ ވާރޭގެތެރެއިން ވެސް ދުރަށް އިވެއެވެ. ރާޅާއި މުގުރެމުންދާ އަކިިރީގެ މުރުމުރު އަޑުގެ ތެރެއިން ވައިގެ “ޒޫން” އަޑު ވާރޭގެތެރޭގައި ހިފާލައިފައިވަނީ ކަންފަތަށް އުނދަގޫވާފަދަ ގޮތަކަށެވެ.

ފުރަމެންދަމުގެ އެވަގުތު މާލޭގެ ހަލަބޮލި މަގުތައް މަތީން ދިިރިހުރި އިންސާނެއްގެ ހިިލަމެއްވެސް ނެތެވެ. ކަނޑުފެންނަގޮތަށް ލެވިފައިވާ ތޮށިގަނޑުމަތީގައި ހުރި އަންހެންކުއްޖާ ނޫނީ އެހެން މީހަކު ވެހެމުންދިޔަ ބޯވާރޭގެތެރެއަށް ނިކުތުމުގެ ހިޔާލު ވެސް ނުކުރާފަދައެވެ. ހޮޅިލައި ނަގަމުންދިިޔަ ރާޅުތަކަށް ނަޒަރު ހުއްޓާލައިގެން އެ އަންހެންކުއްޖާ ހުރިިއިރު މޫނުމަތީ ވިދަމުންދާ ވާރޭގެ މުތީތަކާއިިއެކުވެސް އެދެލޮލަށް ކަރުނަތައް ގިނަވެފައިވެއެވެ. ދިރުންނެތިިގެންގޮސްފައިވާ ފަނޑު މުށި ދެލޮލުގެ ތެރޭގައި އެތައްހާސް ހިތާމައެއް ފޮރުވިފައިވާފަދައެވެ. ވާރޭގެ ފިނިިކަމަށް ކެތްނުކުރެވިިގެން ތުރުތުރުއަޅަމުންދިޔަ ދެ ތުންފަތާއިއެކު ދެއަތް މުށްކެވި އެ ތުނި ހަށިިގަނޑުވެސް ރޫރޫއަޅަމުންދިޔައެވެ. ފާއިތުވަމުންދިޔަ ކޮންމެ ސިކުންތުކޮޅަކާއި އެކު އެ ހަށިގަނޑަށް އަންނަމުންދިިޔަ ހަަރަކާތްތައް ލަސްވެ، ވަރުދޫވެގެންދިޔަ ހަށިގަނޑު އޭގެ ބާރުންނެއްޓި ކަނޑާއި ދިމާލަށް ތިިރިިވާންފެށިއެވެ. ވައިރޯޅިތަކުގެ މަދަދުވެރިިކަމުގައި ކަނޑާއި ހަށިގަނޑު ހަވާލުކުރަމުން އެއަންހެންކުއްޖާ ފަޔަށް ލާފައިވާ ވާގި މަޑުމަޑުން ދޫކޮށްލިއެވެ. އެއާއިއެކު އެއްވެސް ހިފަހެއްޓުމެއްނެތިި އަރިވެގެންދިޔަ ހަށިގަނޑު ކަނޑުގެ ލޮނުގަނޑުގައި ޖެހިިގެންދިިޔުމާއިިއެކު ރުޅިވެރިިކަމުގައި ކެކިގަތް ލޮނުގަނޑު ދުރަށް ބުރައިގެންދިޔަ އަޑު ވާރޭތެރޭގައިވެސް ގުގުމައިގެންދިިޔައެވެ.

ސިކުންތުކޮޅެެއްގެ ތެރޭގައި ނޭފަތުގެ ހިނދުރީގެތެރެއަށް އެތެރެވެގަތް ލޮނުފެންތަކާއިއެކު އަރުތެރެ ބެދި ނޭވާހާސްވެގެންދިޔަ “ޔުމްނު”އަށް ނޭވާއަށް އެދި ތެޅިގަނެވުނެެވެ. އޭނަ ގެނބެމުންދިޔަ ކައްވަޅުގެ އަނދިރިިކަންފަދަ ފުން އަނދިރިިކަމުން ސަލާމަތްވުމަށްޓަކައި ދެފައި ހަރަކާތްކުރަމުން އަލިކަމެއް ފާޅުވަމުންދިޔަ ކަނޑުގެ ސަތަހައާއި ދިިމާލަށްދާން މަސައްކަތް ކުރިޔަސް ނޭނގޭ ބާރަކުން އޭނަގެ ހަށިގަނޑު ކަނޑުގެެ އަޑިއަށް ގެންދަމުންދާފަދައެވެ. އަމިއްލަ ބާރަކާއިނުލާ ހަށިގަނޑު އަޑިއަށްދަމުން ދިޔަވަަރަކަށް އޭނަ ވަށާލައިފައިވާ އަނދިރިިކަން ފުންވަމުންދިޔައެވެ. ހަށިގަނޑަށް ވެރިވަމުންދިޔަ އާދަޔާހިލާފު ފިނިކަމާއި އެކު އޭނަގެ އަތާއި ފައިގެ ވަރުބަލިވެ ވަރުދޫވަމުންދިޔައިރު ދެލޯ ހުޅުވައިގެން އޮންނަން ދަތިވަމުންދިޔައެވެ. ނޭވާއަށް އެދިގެން އަނގަހުޅުވާލެވޭ ކޮންމެ ފަހަރަކު އަރުތެރެ ފުރިގެންދާ ކަނޑުފެންތަކުން މޭ ކަށިގަނޑުފަޅާލައި ފުއްޕާމޭ ނިކުމެދާނެފަދައެވެ. އަތުގެ ކުޑަހުޅާއި ދިމާލުން ކެނޑިފައިވާ މައިނާރުން ބޭރުވަމުން ދިޔަ ލޭތައް ލޮޮނުގަނޑުތެރެއަށް ފޭދެމުންދިޔައީ ލޮނުގަނޑުގެ ކުލަ ކަޅިކުރަމުންނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Niraa

Level 6100 Login10 Stories

Author of Vakivee loabin, Beeveema and Edhigen Kalaa Libeythw

Other Articles

Previous

ހަންޖަރު 9

Next

އަބަދުވޭ ހިތުގާ މަގޭ 16

Next
October 9, 2025

އަބަދުވޭ ހިތުގާ މަގޭ 16

Previews
October 8, 2025

ހަންޖަރު 9



All Right Reserved!