ހިތުގެ ރިހުން (33)
ޔާސިން ގެންގޮސް ތަހުގީގު ކޮޓަރިއަށް އަހުމަދު ވެއްދިއެވެ.
“އަޅުގަޑުގެ ކްލައިންޓާ ބޭނުން ވަކިން ވާހަކަ ދައްކާލަން..” ރާއިދު ބުނެލިއެވެ. އަހުމަދު މިހެން ބުނުމުން އެދެމީހުން އެތާ ބަހައްޓާފައި އެކޮޓަރިން ނިކުތެވެ.
“ސާރ ހާދަ ހާސްވެފަ..” ޖައިޝް އައިސް އަހާލިއެވެ.
“މިކޭސް މިދިޔައީ އަހަރުން އަތުން… ނޭގެ މިކޭސްގެ ސަބަބުން އަހަރުން ޔުނިފޯމް ބާލަން ނުޖެހޭނެ ކަމެއްވެސް..” އަހުމަދު މިބުނި އެއްޗަކުން ޖައިޝްވެސް ހާސްވާން ފެށިއެވެ.
“އެއީ އޯ ކީއްވެ އަޅުގަނޑު… އަޅުގަޑު ކަންތައްކުރީ ސާރ ބުނި ގޮތަށް… އަޅުގަނޑަށް ޕޮމޯޝަން ދޭނަމޭ ކިޔާފަ ވަޒީފާތަ ދުއްވާލަނީ..” ޖައިޝް ހިތްހަމަ ނުޖެހުނެވެ. ވަގުތީ އުފަލަކަށް މުޅި ދިރިއުޅުން ހަލާކު ކޮށްލެވުނުހެން ހީވިއެވެ.
“ޝްޝްޝް… މާ ބާރަށް ވާހަކަ ނުދައްކާ… ކަލެއަށް ނޭގޭތަ އެތާ އެތެރޭ ޖައިޝްގެ ލޯޔަރަކަށް އިނީ ކާކުކަމެއް.. ރާއިދު… އާން މުޅި މި ރާއްޖޭގަ ހުރި އެންމެ މޮޅު ލޯޔަރު…” އަހުމަދު މިހެން ބުނުމުން ޖައިޝްގެ ހާސްކަން ވީ އިތުރެވެ.
****
“ކޮބާ މިހާރު މަންމަ… އަހަރެން ބޭނުން މަންމަ އާ ސުވާލު ކުރަން.. އަހަންނަށް މިހެން ހެދީ ކީއްވެތޯ…” މިންހާ ރޮމުން ވާހަކަ ދެއްކިއެވެ.
“ދަރިފުޅާ… ބައްޕަ މިދައްކާ ވާހަކަ ވަރަށް ރަގަޅަށް އަޑުއަހައްޗޭ… ކޮންމެ އިންސާނަކީވެސް މިދުނިޔެ ދޫކޮށްދާނެ މީހެއް… ދަރިފުޅު މަންމަވެސް މިދުނިޔަކު މިހާރަކު ނެތް…” މަންސޫރު މިންހާ ގައިގާ ބައްދާލަމުން ބުނެލިއެވެ. މިބުނި އެއްޗަކުން މިންހާގެ ބަޑި ފަޅައިން ދިޔައެވެ. އޭނާއަށް ނޭގި އެތައް ފަހަރަކު މަނާލްއާ ދިމާލަށް އެއްޗެހި ކިޔާފައި ވެއެވެ. ދޮންމަންމަ ކަމަށް ހީކޮށް މަނާލްއާ ދޭތެރޭ އޭނާ ދެކުނީވެސް ވަރަށް ނުބައިކޮށެވެ.
“އަހަރެން… އަހަރެން މަންމަ އާ ދިމާލަށް ވަރަށް އެއްޗެހިކިން.. އަހަންނަށް މާ ރަގަޅުވާނެ ކަމެއްނެތޭ.. ބައްޕަގެ މުދަލާ ފައިސާއާ ހެދިއޭ އުޅެނީ މިހެންގޮސް ނޭގެ ކިޔުނު ނުކިޔުނު އެއްޗެއްވެސް… އެކަމް އޭރުވެސް މަންމަ ބުނީ އަހަރެން ދެކެ ވަރަށް ލޯބިވާ ވާހަކަ އާ އަހަރެންނަށްޓަކާ ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެކަމަށް..” މިންހާ ރޮމުން ވާހަކަ ދެއްކިއެވެ.
“އެއީ ވެސް ތެދެއް އެކަމުގެ ހެއްކަކީ ދަރިފުޅު ބައްޕަގެ ދަރިއެއް ގޮތުގަ ހުރުން..” މަންސޫރު މިބުނި އެއްޗެއް މިންހާ އަކަށް ނަގައި ނުގަނެވުނެވެ.
“ބައްޕަގެ އަސުލު އުފަން ދަރިފުޅު ވަގަށް ނަގައިގޮސް ދަރިފުޅު ބޮޑުދައިތައާ ހަވާލް ކުރީ.. އަދި ދަރިފުޅު ބައްޕަމެންގެޔަށް ގެނައި އެޑަޕްޓް ކުރި ކުއްޖެއް ގޮތުގަ.. އަލްހަމްދުﷲ ބައްޕަ އަށް މިހާރު ބައްޕަގެ އުފަންދަރިއާ ދިމާވެއްޖެ…” މަންސޫރު މިހެން ބުނުމުން މިންހާ ދެރަވެ ހާސްވިއެވެ. މަންސޫރުގެ އުފަންދަރި ފެންނިއްޖެ ނަމަ އޭނާގެ ބޭނުމެއް ނެތެވެ. މަންސޫރަށް މިންހާ ވިސްނަމުން ދާ ކަންތައް އެގޭކަހަލައެވެ.
“އެކަމް މިންހާ ތީ އަބަދުވެސް ބައްޕަގެ ދަރިއެއް.. ބައްޕަ މިންހާ ބާކީކޮށް ނުލާނަން..” މަންސޫރު އިތުރަށް މިންހާ ގައިގާހިފާ ބާރުކޮށްލިއެވެ.
*****
“ޔުނާން އޭތަ ތިބުނީ…” ރާއިދުގެ މޫނު މައްޗަށް ނުލަފާ ހިނިގަނޑެއް ވެރިވިއެވެ. އޭނާ އައީ ވަރަށް ރަގަޅަށް ޔާސިންގެ މައްސަލައަށް ތައްޔާރުވެގެންނެވެ. ޔުނާންގެ އައިލާގެ ނުފޫޒު އޭނާއަށް ވަރަށް ރަގަޅަށް އެގެއެވެ. މިހާރު އޭނާ ނަގައިން އުޅޭ މައްސަލަވެސް ކޮޅެއްގައި ނުޖެހި ހުރީ އެއާއިލާގެ ނުފޫޒުންނެވެ.
“ސަލާމް… ޔުނާން ޖައުފަރަށް ރާއްޖޭން ބޭރަށް ނުދެވޭ ގޮތަށް އަމުރެއް ވަރަށް އަވަހަށް ނެރެދީ.. މަރުގެ މައްސަލައެއްގަ” ރާއިދު ފޯނު ނަގާ އޭނާގެ އެސިސްޑެންޓް ގާތު ބުނެލިއެވެ. ފޯނު ބޭއްވިތަނާ އަހުމްދު އަބުރާ އެތަނަށް ވަނެވެ.
“ކޮބާ ރެޑީތޯ؟” އަހުމަދު އަހާލިއެވެ.
“އާދެ.. ވަރަށް ބޮޑަށްވެސް..” ރާއިދު ހަމަޖެހިފައި ހުރިވަރުން އަހުމަދު ބިރުގަންނަން ފެށިއެވެ. ހާސްކަން ފޮރުވަމުން އައިސް ގޮޑީގައި އިށީދެލިއެވެ. ތަހުގީގު މިހާ ހިސާބަށް ދިޔަގޮތް ކިޔާދެމުން ދިޔައެވެ. އަހުމަދާ ރާއިދުގެ ފޯނަށް އެއްފަހަރާ މެސެޖެއް އައެވެ. ރާއިދު ފޯނު ބަލާލުމަށްފަހު އެއްމިއްޔަކުން ހީލިއެވެ.
“އެބަ އަންނަން އެމަޖެންސީ” އަހުމަދު އަވަސް އަރުވާލައިން ނިކުތެވެ.
“ކީކޭ އެއާޕޯޓުން ހިފެހެއްޓީއޭ… ބައްޔެއް އަހަރެން ބުނި ގޮތަށް ކަލޭ ޓިކެޓް ނަގާ އޭނަ ފޮނުވި ނަމަ ތިހެން ނުވީސް ދޯ.. ދެން މަ ކީއްތަ ކުރަންވީ” އަހުމަދުގެ ރުޅި ކޮންޓްރޯލުން ނެއްޓިއެވެ.
“އޭނަ ހުންނާނީ މިހާރު ބިރުން ހަލާކުވެފަ… ކޯޓު އަމުރު އެއައި ޔުނާން ހައްޔަރު ކުރަން..” ރާއިދު ވާހަކަ ދެއްކީ ޔާސިން އާއެވެ.
“މީގަ ސޮއި ކޮއްލާ” އަހުމަދު އެތެރެއަށް ވަދެގެން އައެވެ. ރާއިދު އަށް އޭނާ ލޯ ކުރިމަތިން މިފެންނަ ގަޑުގައިވާ އެއްޗެއް ގަބޫލު ކުރަންވެސް ދަތިވިއެވެ.
“މިޔަކު އަޅުގަނޑު ކްލައިންޓެއް ސޮއި ނުކުރާނެ… އޭނަ ނުކުރާ ކުށަކަށް ހެއްކެއް ނެތި ތިހެން މަޖުބޫރުން އަދި ސޮއި ނުކުރެވޭނެ.” ރާއިދު މިހެން ބުނުމުން އަހުމަދު ލެޕްޓޮޕް ހުޅުވާލުމަށްފަހު ދައްކާލިއެވެ.
“މިއަށްވުރެ ވަރުގަދަ ހެއްކެއް ކޮބާ؟” އަހުމަދު ބޭނުންވީ އަވަހަށް ޔާސިން ބޮލުގައި އެކަން އަޅުވާ ކޭސް ނިންމާލުމަށެވެ.
“ހެހެހެ.. އާން ޕޮލިހުންގެ ޑާރޓީ ޓްރިކްސް އަހަންނަށް ވަރަށް ރަގަޅަށް އިނގޭ… މި ޕެންގަ ހުންނާނެ އެކަން ކުރީ ޔާސިން ނުންކަން އަންގައިދޭ ހެކި ރަގަޅަށް ދެލޯ ހުޅުވައިން ބަލާލާ” އަހުމަދު ޕެންޑްރައިވް ރާއިދު އަތުން ނެގުމަށްފަހު ލެޕްޓޮޕަށް ޖަހާ ވީޑިއޯ ޕްލޭކޮށްލިއެވެ. ވީޑިއޯއިން ފެނިގެން ދަނީ ޔުނާން ގޮސް އެއެޕާރޓްމެންޓަށް ފުރަތަމަ ވަންނަތަނެވެ. އަދި ޔުނާން ނުނިކުންނަނީސް ޔާސިން ވަންނަތަން ފެނިގެން ދެއެވެ. ޔާސިން ބިރުން ނިކުތްތާ ބައިގަޑިއިރު ފަހުން ޔުނާން އެޕާރޓްމެންޓުން ނިކުމެއެވެ. އަހުމަދު ނިއްކުރި މަތިން ދާތިކިތައް ކަންހޮޅިއާ ދިމާއިން ފައިބަން ފެށިއެވެ.
“އަދިވެސް ތިބުނަނީ ޔާސިން އޭތަ އާދަމް މަރާލީ؟ މިއޮތީ ހެކި.. އަދި މަޑުކުރޭ ތީގަ އިންނާނެ އޯޑިއޯއެއް އެ އަޑުއަހާލަބަލަ..” ރާއިދު އޯޑިއޯ ފައިލް އަޅުވާލިއެވެ.
“ހަލޯ.. މީހަކު މަރައިގެން މިއުޅެނީ… ގާތިލު އެބަހުރި އެޕާރޓްމަންޓްތެރޭ…” އޯޑިއޯއިން އަޑު އިވެމުން ދިޔައެވެ. އަހުމަދަކަށް ޔުނާންގެ އަޑެއް ނޯޅޭނެއެވެ. ލެޕްޓޮޕް ބާރަކަށް ލައްޕާލިއެވެ.
” އަން… މިވެސް ބަލާލާ” ރާއިދު ގަޑެއް ދިއްކޮއްލިއެވެ. އޭގައި އިނީ ޕޮލިހަށް އެކަންތައް ރިޕޯޓު ކުރި ނަންބަރާ އެނަންބަރުގެ ވެރިފަރާތުގެ ނަމެވެ. އަހުމަދު އެ ގަޑުވެސް ވީދާލިއެވެ.
“ބުނަން ކަލޭމެންނަށް ތިހެން މަޖުބޫރު ކޮށްގެން ބިރުދައްކައިން ނުކުރާ ކުށަކަށް އަދަބު ދެވެނީ ކަންކަން ނުދަންނަ މީހުންނަށް… އަހަރެން ކަލޭގެ މައްސަލަ ޖައްސާނަން އަދި ބަލާނަން ކިހާ ދުވަހަކު ކަލެއަށް ތި ވަޒީފާގަ ތި މަގާމުގަ ގަދަވެފަ ހުރެވޭތޯ… ދެންވެސް ބަލަން ނުހުރެ ޔުނާން ޖައުފަރު ހައްޔަރު ކުރެވޭތޯ ބަލާ…” ރާއިދު ބުނެލިއެވެ.
ޕޮލިސް ސްޓޭޝަނުން ނިކުމެ ޔާސިން ރާއިދު އާ ސަލާމް ކޮށްލިއެވެ.
“ޔާސިންގެ ސަބަބުން މިހާ އަވަހަށް ކޯޓު މަރުހަލާއަށް ނުގޮސް މިކަންތައް މި ނިމުނީ.. ތީ ހަމަ ވަރަށް ހިތްވަރުގަދަ މީހެއް..” ރާއިދު ހިނިތުން ވެލާފައި ބުނެލިއެވެ.
“ދެން މި މައްސަލާގައި އަޅުގަޑަކަށް ނުގުޅާނެތޯ… ” ޔާސިން އަހާލިއެވެ.
“އާނ ނުގުޅާނެ… ޔާސިން ބޭނުމިއްޔާ އަހަރެން އަހުމަދުގެ މައްޗަށް ދައުވާ ކޮށްފާނަން އަނިޔާ ކުރީތީ.. އެމަގާމުގަ ހުރެ އެއީ ވަރަށް ބޮޑު ކުށެއް އޭނަ ކުރި..” ރާއިދު މިހެން ބުނުމުން ޔާސިން އެގޮތް ބޭނުން ނުވާކަމަށް ބުންޏެވެ. އަދި ދެމީހުން ދެމިސްރާބަށް ހިގައިގަތެވެ.
“ހަލޯ ބައްޕާ… އަޅުގަނޑުގެ މައްސަލަ ޕޮލިހުން ނިންމާލައިފި.. އާދަމް މަރާލި އަސްލު ގާތިލުވެސް ހޯދައިފި… ބައްޕަ ކޮންތާކުތޯ ތިހިރީ..” ޔާސިން ގުލައިގެން ވާހަކަ ދެއްކީ ޔާސިރު އާއެވެ.
“އޭޑީކޭގަ.. މިންހާ ގައިގަ ވަޅި އަޅައިން ގެނެސް އޮތީމަ ބައްޕަ މިހިރީ މަންސޫރު ކައިރި.. ދަރިފުޅު ދެންދޭ ގެޔަށް ގޮސް ފެންވަރައިން ކައި ހަދާލައިން އަރާމުކޮށްލަން… 5 ދުވަސް އެތާ ޕޮލިހުގަ ތެޅުނީމަ ހުންނާނީ ވަރަށް ވަރުބަލިވެފަ ނުން..” ޔާސިރު މިހެން ބުނުމުން ޔާސިން އާންއެކޭ ބުނެ ފޯނު ބޭއްވިއެވެ. ނަމަވެސް އޭނާ ދިޔައީ ގެޔަކަށް ނޫނެވެ. ކާރަކަށް އަރައިން ގޮސް މަޑުކޮށްލީ އޭޑީކޭ ދޮރު މައްޗަށެވެ.
އެވަގުތު ހުޝާމްއާއި ނޫރާ އަތުގުޅުވާލައިން ކެންޓީނުން ނިކުމެގެން އަންނަތަން ޔާސިންއަށް ފެނުނެވެ. ހުޝާމްއަށް ޔާސިން ފެނުމުން ނޫރާގެ އަތުން ދޫކޮށްލަން އަތް ދަމާލިއެވެ. ނަމަވެސް ޔާސިންއަށް ފެނިދާނެތީ ބިރަކުން ނޫރާ ނޫޅެއެވެ. ހުޝާމްގެ އަތުގައި ހިފާ އިހުނަށްވުރެ ބާރު ކޮށްލިއެވެ. ޔާސިންގެ ހިތުގައި ރިހުމެއް އުފެދުނެވެ. ނަމަވެސް އޭނާވެސް ވަކި ނޫރާ އާ ދޭތެރޭ ކަންތައް ކުރީ ރަގަޅަކަށް ނޫނެވެ. އެކަމާ ދެރަވެ މިހާރު އޭނާ ހިތާމަ ކުރެއެވެ.
“ޕޮއް” ފަހަތުން އައިސް ޔަޝްފާ ޔާސިން ސިއްސުވާލިއެވެ. ޔާސިން ފަސް އެބުރި ޔަޝްފާއަށް ބަލާލިއެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.



