ހިތުގެ ރިހުން (32)
“އަހަރެން މަރުވިއްޔާ އެންމެނަށްވެސް ރަގަޅުވާނީ” މިންހާ އޭނާގެ އަތުގައި ވަޅި ޖައްސާ ބާރު ކޮށްލިއެވެ. ނުވިސްނާ ހުރި މިންހާއަށް އޭރު އޭނާގެ އަތުން ލޭ ފައިބަމުން ދާކަން އިހުސާސްއެއް ނުކުރެވެއެވެ.
“މިންހާ.. ދަރިފުޅާ” މަންސޫރު ދުވެފައި ގޮސް މިންހާ އަތުގައި އޮތް ވަޅި ނަގާ އެއްފަރާތަކަށް އެއްލާލިއެވެ. ހަމަ އެވަގުތު ލޭ އެވަރަށް ފޭބުމުން މިންހާ އަބުރައިގަނެގެން ވެއްޓުނެވެ.
*****
ހުޝާމްއާ ނޫރާ އެއްޗެއް ކާލުމަށް ބޭރަށް ނިކުތް ވަގުތަކީ އެންބިއުލާންސް އައިސް ދޮރު މައްޗަށް މަޑުކޮށްލި ވަގުތެވެ. ލެއިން ތަތްތެޅިފައި ހުރި މަންސޫރު އެންބިއުލާންސްއިން ފޭބީ އެވަގުތުއެވެ.
“ބޭބޭ… ކިހިނެއްވީ…” ނޫރާ މަންސޫރަށް ބައްޕަ ކިޔަން ޖެހިލުންވެ ހުރެ އަހާލިއެވެ. އެވަގުތު ބިރުގަނެ ހާސްވެފައިވާ މަންސޫރު އެއްޗެކޭ ނުބުނެ މިންހާ ބާއްވާފައިވާ އެދާ އެކު އެތެރެއަށް ވަންނަން ހިގައިގަތެވެ. މި މަންޒަރުވީ ނޫރާ އިންތިހާއަށް ދެރަވި ކަމަކަށެވެ. މަންސޫރަށް އޭނާގެ އުފަން ދަރިއަށްވުރެވެސް އޭނާ އެޑަޕްޓް ކުރި ދަރި މުހިންމުކަން އިހުސާސް ކުރެވުނެވެ. ހުޝާމް އަށް ނޫރާގެ މޫޑު ބަދަލުވިކަން ވަގުތުން ނަގައިގަނެވުނެވެ.
“ވެދާނެ މަންސޫރުބެއަށް އަޑު ނީވުނީކަމަށް” ހުޝާމް ނޫރާ ހަމަ ޖައްސާލަން ބުނެލިއެވެ. ނޫރާވެސް އެކަން މާބޮޑު ކަމަކަށް ނަހަދާ ހުޝާމް އާ އެކު ގޮސް ކެންޓީނަށް ވަނެވެ.
މިންހާގެ އަތުން ލޭމަނާ ކުރުމަށް ނަރުހުން މަސައްކަތް ކުރަމުން ދަނިކޮށް ކުއްލިއަކަށް އޭނާ ޝޮކަކަށް ދިޔައެވެ. ހުޝާމް ގުޅުމުން ޔާސިރުވެސް އެތަނަށް އައިސް މަޑުކޮށްލިއެވެ. މަންސޫރުގެ ލޮލުން ކަރުނަ ހިލުނެވެ. އަމިއްލަ ދަރިޔަކު ފަދައިން ބަލާ ބޮޑު ކުރި ކުއްޖަކު ނެތި ހިގައިދާނެ އިހުސާސެއް ކުރެވެން ފެށުނެވެ. ޔާސިރު ހިތްވަރު ދިނުމުގެ ގޮތުން މަންސޫރުގެ ބުރަކަށީގައި އުގުޅާލަ އުގުޅާލަ ހުއްޓެވެ.
މަންސޫރުގެ ފޯނު ރިންގުވާން ފެށިއެވެ. ގުޅަމުން ދިޔައީ ޕޮލިސް ސްޓޭޝަނުންނެވެ.
“ކީކޭތޯ؟” ކުރަކި އަޑަކުން މަންސޫރު އަހާލީ ދެވަނަ ފަހަރަށްވެސް އެމީހުން އެބުނި އެއްޗެއް ގަބޫލު ނުކުރެވިގެންނެވެ.
“މަނާލް އަމިއްލައަށް މަރުވެއްޖެ. އަޅުގަނޑުމެންނަށްވެސް ފެނުނީ މެންދުރު ކާންދޭން ވެގެން ކާއެއްޗެހި ހިފައި ގޮޅިއަށް ދިޔަ އިރު. އޭރު އަޅައިން ހުރި ޝޯލް ނަގައިން އޭގެން ދަން ޖެހިފަ ހުރީ..” މަންސޫރު ތުރުތުރު އަޅައިގަތެވެ. މަނާލްއަށް އަދަބު ލިބެންޖެހޭކަމަށް އޭނާ ގަބޫލު ކުރެއެވެ. ނަމަވެސް އެވަރުގެ ކުފުރެއް މަނާލް އެވީ އަހަރެމެންގެ ނަފްސަކީ ކިހާވަރެއްގެ އެއްޗެއްކަން ހަމަ ނޭގިބާއެވެ.
“މަންސޫރަށް. މިހެން ކިޔާފަ އެބައިން ސިޓީއެއްވެސް…” އެކޮޅުން ވާހަކަ ދެއްކު މީހާ ބުނެލިއެވެ.
“ކަލޭމެން ތީ ރައްޔިތުން ހިދުމަތުގައޭ ކިޔާފަ ތިބޭބައެއް. ބަލަ ތިތަނަށްވެސް ތި ވެއްދެނީ ހަމަ އާންމު ރައްޔިތުންނޭ ކިތަންމެ ކުށެއް ކުރިއަސް… އޭނަ އަށް އެވަރު ކަމެއް އެވީ ކަލޭމެން ފަރުވާ ކުޑަކަމުން ބަލަން ޖެހޭ ވަރަށް ނުބެލުނީމަ..” މަންސޫރު އައިސް ހުރި ރުޅި ބޭލީ އެމީހާއަށެވެ.
“ހަލޯ… އާން ކީކޭ އަދުނާން” އެކޯލް ބޭއްވިތަނާ އަނެއްކާ އައި ފޯނު ކޯލަށް ޖަވާބު ދެމުން މަންސޫރު އަހާލިއެވެ.
“ރާއިދު އެއައީ ހަމަ މާލެ މިއަދު… ބުނި ތިކޭސް މިހާރު މިނަގަނީޔޭ… އެއްވެސް ފީއެއް ދޭނެ ކަމެއް ނެތޭ” އަދުނާން ބުނެލިއެވެ.
“އާނ އަހަރެންގެ ކަމަކު ވެއްޖެޔާ އޭނަ އަށް ނުކެރޭނެ ފީ ނަގަން..” މަންސޫރު ފޯނު ބޭއްވިއެވެ.
“ޔާސިރު ދޭ ގޮސް ޑޮކްޓާރ ޔަޝްފާ ގާތު ބުނޭ ލޯޔަރު ހުރީ ސްޓޭންޑް ބައިގައޭ..” މަންސޫރު މިހެން ބުނުމުން ޔާސިރު ހިގައިގަތެވެ. އެދެމީހުންގެ ދެމެދުގައި ކެކެމުން ދިޔަ އަލިފާން ގަޑު ނިވޭ ކަމުގެ ސިގްނަލްތައް އިރެއް އިރަކަށް ދަނީ ލިބެމުންނެވެ.
*****
“ހުޝާމް ކޮން އިރަކު އަހަރެންނަށް ހިތް ކިޔަން ފެށީ” ނޫރާ ހުޝާމަށް ބަލާލަމުން އަހާލިއެވެ. ކާ އެއްޗެހި އަންނަންދެން ދެމީހުން ވާހަކައިގައި ތިއްބެވެ.
“ނޫރާ ފެނުނު ފުރަތަމަ ދުވަހުއްސުރެ…” ހުޝާމް ނޫރާގެ ކުރަގި ދެލޮލަށް ބަލާލަމުން ބުނެލިއެވެ.
“ފުރަތަމަ ދުވަހޭ؟ އޮރިއެންޓޭޝަން އޮތް ދުވަހު؟” ނޫރާ ހައިރާންވިއެވެ. ހުޝާމާ ނޫރަ އެންމެ ފުރަތަމަ ބައްދަލުވީ ކޯސް ފެށުމުގެ ކުރިން ބޭއްވި އޮރިއެންޓޭޝަނުގައެވެ. އޭރު ނޫރާ ހުރީ ސިންގަލް ކޮށެވެ. ޔާސިން އާ ރައްޓެހިވީވެސް އޭގެ މާ ފަހުންނެވެ.
“ދެން ކީއްވެ އޭރު އަހަރެން ކައިރި ނުބުނީ… އޭރު ގައިމު އަހަރެން ޔާސިން އަކާ ރައްޓެހިވެސް ނުވަން…” ނޫރާ އަނެއްކާ އަހާލިއެވެ.
“ހޫމްމް.. ނުވޭ ބަޓް ޔޫ ނޯ މީ އެންޑް ޔާސިން އާ ބަޑީސްކަން އޭރުވެސް… އެދުވަހު ޔާސިން އަށްވެސް ނޫރާ ފަސްޓް ފެނުނީ.. އަހަރެން ކައިރި ނޫރާ ސެޓު ކުރަން ހެލްޕް ވެދެން ޔާސިން ފުރަތަމަ ބުނީ….ސޯ އައި ގެސް އެހެންވެ ކަންނޭގެ… ” ހުޝާމް ތެދަށް ކިޔާދިނެވެ.
” ދެޓް ވޯޒްދަ ރީޒަން ޔޫ ކޭމް އެންޑް ޓޯކްޑް އަބައުޓް ޔާސިން އެވްރީ ސިންގަލް ޓައިމް؟” ނޫރާ އަހާލިއެވެ. ހުޝާމް ބޯ ޖަހާލުމަށްފަހު ނޫރާގެ އަތުގައި ހިފާލިއެވެ.
“ނޫރާތީ އަހަރެންގެ ފަސްޓް އަދި ލާސްޓް ލަވް.. އަހަރެން އަބަދުވެސް ނޫރާ ދެކެ ވަރަށް ލޯބިވޭ.. އަހަންނަށް ނޫރާ ގެއްލުނީ ޔާސިން އާ ރައްޓެހިވީމަ… އެކަމް ބަލާބަލަ އެކަލާނގެ ނިޔާ… އަހަންނަށް މާ ޕާފެކްޓް ނޫރާ އެއް ލިބެން ނުންކަމެއްވެސް ނޭގެ ނުން ނޫރާ އާ ޔާސިން ރައްޓެހިވެ ބްރޭކަޕްވީ ވެސް..” ހުޝާމް ނޫރާގެ އަތަށް ފިއްތާލުމުން ބުނެލިއެވެ. ނޫރަ ލަދުން އިސް ދަށަށް ޖަހާލިއެވެ.
*****
“މިންހާ ހޭއަރައިފި.. އެތެރެއަށް ވަދެލާ.. ބައްޕަ އޭ އެންމެ ފުރަތަމަ ވެސް ބުނީ ލޯ ހުޅުވާލި ގޮތަށް…” މަންސޫރު އަވަހަށް އެތެރެއަށް ވަނެވެ. އޭރު މިންހާ އޮތީ އަނެއް ފަރާތަށް އެބުރިގެންނެވެ.
“ދަރިފުޅާ… މިހިރިއްޔޭ ބައްޕަ” މަންސޫރު މަޑުމަޑުން މިންހާ އަށް ގޮވާލިއެވެ. މިންހާ އެބުރި ބަލާލިއެވެ. އޭނާގެ މޫނުމަތިން ހިތަމަ ފާޅުވޭވޭ ހުއްޓެވެ.
“ބައްޕަތީ އަހަރެންގެ ބައްޕަ ނޫނިއްޔާ ކޮބާ އަހަރެންގެ ބައްޕަ އާ މަންމަ” މިންހާ ހުރިހާ ސުވާލަކަށް ޖަވާބު ބޭނުންވެއެވެ.
“ދަރިފުޅުގެ އުފަން ބައްޕަ އަކީ ކާކު ކަމެއް ބައްޕަ އަކަށް ވެސް ނޭގެ… އެކަމަކު ދަރިފުޅުގެ މަންމަ ބައްޕައަށް އިނގޭ!” މަންސޫރު ކުޑަކޮށް ވިސްނާލީ މަނާލްގެ ވާހަކަ މިންހާ އަށް ކިޔާދޭނެ ގޮތަކާ މެދުއެވެ.
“ކާކު އެއީ.. ކާކު.. އަހަރެން އެއްލާލާފަ ދިޔައީ ކޮން ސަބަބަކާ ހުރެތޯ ބަލަން އަހަރެން ބޭނުން..” މިންހާ ބުނެލިއެވެ.
“ދަރިފުޅު މަންމަ ދަރިފުޅު އެއްލައެއް ނުލާ… ދަރިފުޅު މިއަދާ ހަމަ އަށް އެއްވެސް ކަމެއް އުނި ނުކޮށް ލޯބި ދީގެން ބެލީ ދަރިފުޅު މަންމަ..” މަންސޫރު އަދިވެސް މަނާލް އެކޭ ނުބުނެއެވެ.
“ހެހެ.. އަހަރެން މަންމައޭ އަހަރެން ބެލީ… ކާކު ގޭގަ ގެންގުޅޭ ނޯކަރު ޕްރިޔާތަ؟” މިންހާ މިހެން ބުނީ އޭނާގެ ގިނަ ކަންކަން ކޮއްދީ ހެދީ ޕްރިޔާކަމުންނެވެ.
“ނުން.. މަނާލް.. އާނ… ދަރިފުޅު ދޮންމަންމަ ކަމަށް ދެކިގެން މިއޮއްހާ ދުވަހު އުޅުނު އަންހެނަކީ ދަރިފުޅު ބަޑު އަޅާ ވިހެއީ މައިމީހާ…. އޭމަ ބައްޕައަށް ވެސް އޮޅިވާލީ…” މަންސޫރު މަނާލްގެ ހުރިހާ ވާހަކަ އެއް މިންހާއަށް އަކުރުން އަކުރަށް ކިޔާދިނެވެ.
*****
“ޕޭޝަންޓް ސްޓޭބަލް… މިހާރު ހޭ އަރައިފި ބޮޑަށް ލަފާ ކުރެވެނީ ޖަހާފަ ހެން. އެއީ ކޮލުގެ ކަށިގަނޑުގައި އެބައިން ރެދެއް ލާފަ… ތިބޭފުޅުން މިހާރު ތަހުގީގު ކުރާ މީހުންނަށް އަނިޔާވެސް ކުރަނީތޯ..” ޔަޝްފާ ވާހަކަ ދެއްކީ އަހުމަދުއާ އެވެ. އޭރު ޔާސިރުވެސް ގާތުގައި ހުއްޓެވެ. ޔާސިންގެ އެދުމުގެ މަތިން ޔާސިރު އެއްވެސް އެއްޗެކޭ ނުބުނެ މަޑުން ހުއްޓެވެ. ދެން އޭނާއަށް އެއްވެސް ގޮތަކުން ބެދޭނެ ފުރުސަތެއް ނުދިނުމަށެވެ.
“ޕޮލިހުން ތަހުގީގު ކުރާ ގޮތާ ކުރަން ޖެހޭ ގޮތް އެއީ ޑޮކްޓަރުން ބަލަން ޖެހޭ އެއްޗެއް ނުން… ކަލޭމެން ބަލާ އަބަދުވެސް ފުރާނައެއް ސަލާމަތް ކުރެވޭތޯ؟” އަހުމަދު ރުއްކުރު ގޮތަކަށް ބުނެލިއެވެ.
އެތެރެއަށް ވަދެ ޔާސިންގެ އަތުގައި ބިޑި އެޅުވުމަށްފަހު ވޭނަށް އަރުވަން ކޮއްޕަމުން ކޮއްޕަމުން ހިގައިގަތެވެ. ޔާސިރުގެ ހަމަހިމޭންކަމާއި މަންސޫރު ފެންނަން ނެތުންވީ އަހުމަދަށް ހާސްކަން ގެނުވި ކަމަކަށެވެ. ޕޮލިސް ސްޓޭޝަނަށް ވަދެގެން އާއިރު ރާއިދު ހުރިތަން ފެނުމުން އަޙްމަދަށް ތެޅިގަނެވުނެވެ. ރާއިދަކީ އެންމެންވެސް ދަންނަ ނަން ހިގާ %100 ކޭސްތައް ކާމިޔާބުކޮށްފައިވާ ލޯޔަރެކެވެ. އަދި ޔުނާންގެ މާރާމާރީ މައްސަލައެއްގެ ވިކްޓިމް ފަރާތު ލޯޔަރަކީވެސް ރާއިދެވެ.
“ޔާސިންގެ ކޭސް ނަގަން އަޅުގަޑު މިއައީ ދެން ތަހުގީގު ކުރިއަށް ގެންދާނީ އަޅުގަޑުގެ ހާޒިރުގަ.” ރާއިދު ބުނެލިއެވެ.
އަހުމަދުގެ މޫނު މަތި އެއްކޮށް އަދިރިވެގެން ދިޔައެވެ. ދެން ޔުނާން ސަލާމަތެއް ނުވާނެކަން އޭނާއަށް އިގުނެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.




Vrh reethi maashaa Allah ❤️
Varah varah reethi… maasha Allah ❤️
When next??
Curiously waiting 😍