” އަނާ…؟ ” ކުވިލްޓް ބޮލުގައި އަޅައިގެން ޒޯޔާއަށް ފުރަގަސްދީގެން އިން އަމާނީ ފެނި ޒޯޔާ ބިރުން ގޮވާލިއެވެ.
” އަނާ… އަނގައިން ބުނެބަލަ… ” އަމާނީ އިން ދިމާލުން ކުރަކި ފާޑެއްގެ އަޑުތަކެއް ވެސް އިވެމުން ދިޔައެވެ. ބިރުން ހުރެ ނަމަވެސް އަމާނީ އޭނަ ބިރުގަންނަވަނީ ކަމަށް ހީކޮށް އަމާނީ ގާތަށް ގޮސް މަޑުކުރި ޒޯޔާއަށް ފެނުނު މަންޒަރުން ދެލޯ ބޮޑުކޮއްލެވުނެވެ.
ކުރު އިސްތަށިތަކުން މޫނު އެއްކޮށް ނިވާވެފައިވީ ނަމަވެސް ހަންގަނޑުވަނީ އެއްކޮށް ކަޅުވެފައެވެ. އަނގައިން ފާޑެއްގެ އަޑުތަކެއް ލައްވަމުން ދިޔައިރު މުޅި އަތުގެ އިނގިލިތައްވަނީ ނިޔަފަތިތައް ދިގުވެ ހިކިގެން ގޮސް ހަންގަނޑު ވެސް ނޮޅިފައެވެ.
” އާ.. ” ސިހިފައި ޒޯޔާ ދެފިޔަވަޅު ފަހަތަށް އަޅާލިތަނާ ފައި އަރި އަޅާލައިގެން ވެއްޓުނީއެވެ. ވީ ތަދާއިއެކު ރޮއެގަނެފައި ޒޯޔާއަށް ދެލޯ މަރާ ބާރުކޮއްލެވުނީ ކުއްލިއަކަށް އަމާނީ އެނދުން ފުންމާލައިގެން އޭނަގެ މޫނާއި ގާތަށް އަންނަން ފެށުމުންނެވެ. މޫނު ނުފެނުނަސް އިސްތަށިގަނޑު އެއްފަރާތް ކޮއްލުމުން ހުންނާނެ ސޫރަ ބަލާކަށް ޒޯޔާ ބޭނުމެއް ނޫނެވެ. ދެން ވީގޮތެއް ނޭނގުނެވެ.
—
” ޒޯޔާ….؟ ” ދުރުން އިވުނީ އިރުފާންގެ އަޑެވެ. ދެން އިވުނީ ބާރަކަށް ދުވެފައި އައިސް ޒޯޔާގެ ގާތަށް އިރުފާން ތިރިވި އަޑެވެ. ދެން އިހުސާސްވީ ޒޯޔާގެ މޫނުގައި ހިފަހައްޓާލި އިރުފާންގެ ތެތް ފިނިފިނި ދެއަތެވެ.
” ޒޯ… ލޯ ހުޅުވަބަލަ… ކިހިނެތްވީ؟ ކީއްވެ ބިންމަތީގައި ތިއޮތީ؟ ” އިރުފާންގެ ކަންބޮޑުވެފައިވާ އަޑު އިވުމާއިއެކު ޒޯޔާއަށް މަޑުމަޑުން ދެލޯ ހުޅުވާލެވުނެވެ. އަދި ދާދި ގާތުގައި ހުރި އިރުފާން ފެނުމާއެކު އަވަސް އަވަހަށް ތެދުވެ އޭނަގެ ގައިގައި ބައްދާލެވުނެވެ.
” ހަމަޖެހިބަލަ ޒޯ.. އަހަރެން ތެތްކޮށް މިހުރީ ވެސް… ގެޔަށް ނުވަދެވެނީސް ބޯކޮށް ވާރޭ އޮއްސާލައިފި… ” އިރުފާން ޒޯޔާ ދުރުކޮއްލިއެވެ. އޭރު އޭނަގެ ކުރުކޮށް ކޮށާލެވިފައިވާ ފަންފަން އިސްތަށިގަނޑާއި ގަމީހާއި ޖިންސުން ވާރޭގެ ތިކިތައް ފައިިބަމުން ދިޔައެވެ.
” ކޮޓަރިއަށް ވަންނަން އުޅެނިކޮށް ބައްޕަ ބުނީ ޒޯޔާ މި ކޮޓަރީގައޭވީ ބުނީމައި ކޮބާތޯ ބަލާލަން މިއައީ… ބޮކިތައް ވެސް ނިވިފައި ހުރީމައި ކިރިޔާ ކަހާލައިގެން ނުވެއްޓުނީ ވެސް… ދެން އައި އިރު ޒޯޔާ އޮތީ ބިންމަތީގައި… ” އިރުފާން ޒޯޔާގެ ބުރުގަލުން ނިކުމެފައިވާ އިސްތަށިކޮޅެއް އެތެރެއަށް ލައްވާލިއެވެ.
” އަހަރެން… އަހަރެން އައީ އަނާއަށް ސައިބޯން ގޮވަންވެގެން. ދެން ފެނުނީ ފާޑަކަށް އެނދުމަތީގައި އަޑުތަކެއް ލައްވަން އިންދާ… ހަންގަނޑުވެސް ވަރަށް ކަޅުކޮށް ހުރީ… ދެން ނޭނގެ… ވަރަށް ޒާތަކަށް ހުރީ… ދެން އަރި އަޅާލައިގެން ވެއްޓުނީ… ދެން ނޭނގެ ވީ ގޮތެއް… ” ޒޯޔާއަށް އަތުގައި ހިފަހައްޓާލެވުނީ ތަދުވާހެން ހީވެގެންނެވެ. މަޑުމަޑުން ލައިގެން ހުރި އަޅި ހެދުމުގެ އަތްކުރި މައްޗަށް ޖައްސާލި އިރު އަތުގެ އުޅަބޯއްޓާއި ދިމާލުން ބޮޑު ތަންގަނޑެއް ނޫފާ ގަނެފައި ހުއްޓެވެ. އޭނަގެ ހަނދާނަށް އައީ ވެއްޓުނު ވަގުތު އެންމެ ފުރަތަމަ ޖެހުނީ އަތްކަމެވެ.
” ސުބްޙާނަﷲ… ހާދަ ބޮޑުވަރުވެފައި…؟ ” އިރުފާން ކުރިޔަށްވުރެ ކަންބޮޑުވިއެވެ.
” އެހާ ތަދެއް ނުވޭ… އައިސް ޖައްސާލަނިކޮށް އޯކޭ ވެދާނެ… ” ޒޯޔާއަށް ތަދުވި ނަމަވެސް އިރުފާން މާބޮޑަށް ކަންތައް ބޮޑުވެދާނެތީ ފަނޑު ހިނިތުންވުމެއް ދެމުން ތަދު ނުވާ ކަމަށް ހަދާލިއެވެ.
” ނޫން… ހިނގާ ހޮސްޕިޓަލަށް ދާން.. ” އިރުފާން ހިތްހަމައެއް ނުޖެހުނެވެ.
” ދެން ފަހުން… އައިސް ޖައްސާފައި ރަނގަޅު ނުވަންޏާ… ހިނގާ އިހަށް މިގަޑީގައި ސައިބޯން… ” ޒޯޔާ ތެދުވަން އުޅުމުން އިރުފާން އޭނަގެ ކޮނޑުގައި ހިފާ ނަގައިދިނެވެ.
” އަނާ ކޮބާ؟ ” ހުސްކޮށް އޮތް އެނދު ފެނިފައި ޒޯޔާ ހިންދިރުވާލިއެވެ.
” ނޭނގޭ.. މިތަނަށް ވަތް އިރަކު ކޮޓަރިން ފެންނާކަށް… ” އިރުފާން ވެސް ވަށައި ހޯދާލިއެވެ.
” މަ ތަ ތި ހޯދަނީ؟ އޭ… ހުއްދަ ނުހޯދާ ކޮޓަރިއަށް ވަނީދޯ؟ ” ތެތް އިސްތަށިގަނޑު ތުވާލިން ހިއްކަމުން ފާޙަނާ ދޮރު ހުޅުވާފައި ނިކުތް އަމާނީ ދެމިހުން ވެސް ހައިރާންވިއެވެ. މަޑުނޫކުލައިގެ އަތްދިގު ޓޮޕްކޮޅުގެ ދަށުން ހުދު ސުކާޓެއް ލައިފައި ހުރި އަމާނީ ފެންވަރައިން ނުކުތް އިރު މޫނުމަތީގައިވަނީ ތާޒާކަމެވެ.
” ރޭ ކުޑަކޮށް ލަހުން ނިދުނީމައި ލަހުން މިތެދުވެވުނީ… ކޮފީތަށި ވެސް ނުބޮއެ. މިހާ ލަހުން ތެދުވެވުނީމައި މުޅި ދުވަސް ޙަރާބުވީ ކަންނޭނގެ… ” އަމާނީ އެކަނި އެކަނި ކިޔަމުން ދިޔަ އެއްޗިއްސަށް ޒޯޔާއަށް ބަލަހައްޓައިގެން ހުރެވުނީއެވެ. މީގެ އިރުކޮޅެއް ކުރިން ފެނުނު އަމާނީގެ އެއްވެސް ސިފައެއް ފެންނާކަށް ނެތެވެ.
” އަޅެ ފަހެ މަށަށް ވާހަކަ މިދެއްކެނީ މިހިރަ ފާރާތަ؟ ދޮންބެއާއި ދޮންބެދައްތައާއި ދެމިހުން ކިހިނެތްވެ އަނގައިން ނުބުނެވިފައި ތިތިބީ؟ އެހެންނޫނަސް ހުއްދަ ނުހޯދާ ކީއްކުރަން މިކޮޓަރީގައި…؟ ” އަމާނީ ހިސާބަކަށް ހިތްހަމަ ނުޖެހިފައި ވާހަކަ ދެއްކިއެވެ.
” ދޮންބެދައްތަ އަނާ ސައިބޯން ބަލައި އައި ތަނާ ކޮންމެވެސް ކަމެއް ދިމާވީ… މިއޮއް ހުރިހާ އިރު ފާޙަނައިގަތަ އަނާ ތިއުޅުނީ؟ ” އިރުފާން ސުވާލުކޮއްލިއެވެ.
” ހޫމް… ދޮންބެއަށް ވެސް އިނގެއެއްނު ބައްޕަ އަބަދުވެސް އަހަރެމެންނަށް އަވަހަށް ނަމާދަށް ތެދުވަން އާދަކޮއްދީފައި ހުރީމައި އެހާ އަވަހަށް ތެދުވާކަން. ފާހަނައިގައި އެހާ ގިނައިރު ވާތީވެ ދޮންބެއަށްވުރެ ނަމާދުގެ އެއްގަޑިއިރުގެ ކުރިން އަބަދުވެސް އަހަރެން ތެދުވަމެއްނު… މިއަދު ދެން ލަހުން ތެދުވެވުނީ… އެކަމަކުވެސް ފާހަނައަށް ވަތް ފަހުން މިހާރު ގަޑި އިރެއްވަރު ވެދާނެ… ” އަމާނީގެ އަތުގައި އޮތް ތުވާލި ކައިރީގައި ހުރި ސުޓޭންޑްގައި އަޅުވާލިއެވެ.
” އަދިވެސް ތިބެނީތަ؟ ދޮންބެ ތެމިގެން ހުރެ އަހަރެންގެ ކޮޓަރި އެއްކޮށް ފެންބޮޑު ކޮއްލަނީއެއްނު ތި؟ ދެން ދޭބަލަ ބޭރަށް… މިނިކުންނަނީއޭ ސައިބޯން… ” އަމާނީ އަތުން ދާށޭ ބުނެ ހަނާ އަޅާލިއެވެ.
ބަސް ހުއްޓިފައި ހުރި ޒޯޔާ ހީވި ހީވުމެއްކަމަށް ބަލާ އިރުފާންގެ ފަސް ފަހަތުން ކޮޓަރިން ނިކުތެވެ. އަދި ސައި ތައްޔާރުކޮއްލަން ޒޯޔާ ތިރިޔަށް ދިއުމުން އިރުފާންވަނީ ތެތް އެއްޗެހި ބަދަލުކުރަން ކޮޓަރިއަށެވެ.
—
” ދަރިފުޅާ ހާދަހާ ލަހުން ތެދުވި ދުވަހެއް؟ އަނެއްކާ މާބޮޑަށް ބަލީތަ؟ ” އަމާނީގެ ނިއްކުރީގައި އަތް ޖައްސާލަމުން މަލަކް އަހާލިއެވެ. އޭރު ދާދި ގާތުގައި ސައިތަށި ބޯން އިން އަރީން ވެސް ކަންބޮޑުވެފައި އަމާނީއަށް ބަލާލިއެވެ. އާއިލާގެ ފަސްމީހުން ތިބީ ކާމޭޒު ދޮށުގައި ހެނދުނުގެ ސައިބޯށެވެ.
” ރޭގައި ލަހުން ނިދުުނީމަ އާއި ފޯނު ރޭގައި ވެއްޓި ތެޅުނީމައި އެއްކޮށް އެލާމް ނުވާތީވެ ނުހޭލެވުނީ… އަޅުގަނޑު ރަނގަޅޭ މަންމާ… ” އަމާނީ ހިނިތުންވެލަމުން ބުނެލިއެވެ.
” އެހެންތަ؟ ސައިބޮއެގެން ބައްޕަ ރުފިޔާ ފޮނުވާނަން އިނގޭ… ލަސްނުކޮށް ފޯނެއް ގަންނާތި.. ނުލާހިކު މުހިންމު އެއްޗެއް ދަރިފުޅު ކޮލެޖަށް ދާއިރު… މިއަދު ކޮލެޖު ބަންދުތަ؟ ” އަރީން ސުވާލުކޮއްލިއެވެ.
” ހޫމް.. ކުރީ ހަފްތާ ކުލާސް އޮތަސް މިއަދު ބަންދު… ” އަމާނީ ޖަވާބުދިނެވެ.
” ދަރިފުޅު ހާދަ މަޑުމަޑުން؟ ބަލީތަ؟ ” އަރީންއަށް ޒޯޔާ ފާހަގަވެގެން އަހާލިއެވެ. ހެނދުނުވީ ކަންތަކާއި ހުރެ ޒޯޔާ އިނީ ނެގިމަޑުވެފައެވެ. މަލަކް ވެސް ކަންބޮޑުވެފައި ޒޯޔާއަށް ބަލާލިއެވެ.
” ނޫން… ކާގަޑިގައި އަޅުގަނޑު އެހާ ވާހަކަދައްކާ ނޫޅެން.. ” ޒޯޔާ ފަނޑު ހިނިތުންވުމެއް ދިނެވެ. އެހެނަސް ޒޯޔާ އެބުނީ ތެދެއް ނޫންކަން އިރުފާންއަށް އެނގޭތީ އިރުފާން ވެސް ޒޯޔާ އެހެން އިނުމުން މާގިނަ ވާހަކައެއް ކާމޭޒު ދޮށުގައި ނުދައްކައެވެ.
—
ސައިބޮއެގެން މެދު ގޯތިތެރެއަށް ނިކުތް އަމާނީގެ މިސްރާބު ހުރީ އުނދޯއްޔާއި ދިމާއަށެވެ. ވާރޭ ހުއްޓާލައިފައިވީ ނަމަވެސް އުޑުމަތި އޮތީ އަދިވެސް ބަނަކޮށެވެ. ވެހުނު ބޯވާރޭގެ ތިކިތަކުގެ ސަބަބުން ކޮންމެވެސް ވަރަށް ހިނގާ ތަނުގައި ފެން ހެދިފައިވީ ނަމަވެސް ފައި ނުތެއްމައި ހިނގާލެވޭ ވަރު ވެއެވެ.
ސައިބޯންވެގެން ހެދި ކޮފީތަށި ސައިބުއި ގަޑީގައި ނުބޮއެ އެހިފައިގެން އަމާނީ ގޮސް އިށީނީ އުނދޯލީގައެވެ. ކޮފީތަށި ބޮމުން ދިޔައިރު މަޑުމަޑުން ޖެހެމުން ދިޔަ ވައިރޯޅިތައް ހަށިގަނޑުގައި ބީހެމުން ދިޔައެވެ. ދެލޯ މަރައިގެން މަޑުމަޑުން ރާގުކޮޅެއް ކިޔަމުން ދިޔައިރު މީހާ ހުރީ ނުހަނު ހަމަޖެހިފައެވެ. ހީވާ ގޮތުން ރޭގައިވީ އެއްވެސް ކަމެއް އޭނަ ހަނދާނެއް ނެތެވެ.
އެއްވަރަކަށް އުނދޯލި ފައިން ހެއްލަމުން ދަނިކޮށް ސިހިފައި ފައި މައްޗަށް ނެގުނީ މީހަކު ބަނޑާއި ދިމާލުން އަތްލިހެން ހީވެގެންނެވެ. ދެލޯ ހުޅުވާލަމުން ވަށައި ބަލާލެވުނު އިރު މީހެއް ފެންނާކަށް ނެތެވެ. ހީއެއްކަމަށް ހިތާ ކުރިޔެކޭ އެއްގޮތަށް ހަމަޖެހިލިއެވެ.
މެންޝަންގެ ހުޅުވުނު ގޭޓުން ވަދެގެން އައީ ޒުވާން އަންހެން ކުއްޖެކެވެ. ހީވާ ގޮތުން އަމާނީއާއި އުމުރުގެ ގޮތުން އެހާ ދޮއްޓެއް ނުވާނެއެވެ. އާދައިގެ ގޮތްތަކަށް ލޯބި ކުރާކަން ލައިގެން ހުރި ކަޅު ހެދުމަށް ބަލާލުމުން ވެސް އެނގޭނެއެވެ. ކޮނޑުގައި އޮތް ހުދު ދަބަހުގެ ވާގަނޑުގައި ހިފަހައްޓާލައިގެން އައިސް ދޮރުމައްޗަށް މަޑުކޮއްލި އެކުއްޖާއަށް ދުރުގައި ހެއްލެމުން ދިޔަ އުނދޯލި ފެނުނެވެ. އުނދޯލީގައި އިން އަމާނީގެ ގާތުގައި އިން ކަޅު އެތި ލޮލުގައި އަޅައިގަތުމާއި އެކު ބިރުން ފަހަތަށް ޖެހިލެވުނެވެ.
ނުނިމޭ
މިސީޒަންގެ ހަތަރުވަނަ ބައި ވާނީ އަޕްލޯޑުކޮއްފައެވެ. އަޅުގަނޑަށް ސަބްމިޓް ކުރެވިފައި އިން ގޮތުން ވެބްސައިޓްގެ އެޑްމިން އަޕްލޯޑު ކޮއްފައި އިނީ ތިންވަނަ ޕާރޓުގެ ކުރިން ހަތަރުވަނަ ޕާރޓެވެ. އެކަމަށް ކިޔުންތެރިންގެ ކިބައިން މައާފަށް އެދެމެވެ.
މިވާހަކައިގެ ޕާރޓްތައް އަޅުގަނޑު ސަބްމިޓް ކުރާނީ ކޮންމެ ހަފްތާއެއްގެ އާދީއްތަ، ހޯދަ އަދި ބުރާސްފަތި ދުވަހުއެވެ. އަޅުގަނޑުގެ މިވާހަކައަށް ކިޔުންތެރިން ތިދޭ ތަރުޙީބަށް ނިޔާހަތަށް ޝުކުރުވެރިވަމެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.


Kobaa part 4 😭😭😭
Already there dear… you can click my name on the very top and you can see there. I have already submitted part 6 in the morning as well. But admin still haven’t uploaded it yet.