“ޒައީ” އުޔައިނާ ގޮވާލި އަޑަށް ޒައިނީ ސިހުނެވެ. “ޔެސް؟” ޒައިނީ ހަމަ ޖެހިލިއެވެ. “ޕިންކް ރާމެން ކޮޅު އަޅާލަބަ” އުޔަައިނާ ބުނެލިއެވެ. “ލައްބަ” ޒައިނީ ފިޔާތޮށި ކުލައިގެ ޕެކެޓުތަށް ނަގާ ފެންގަނޑު ތެރެއަށް އަޅަން ފެށިއެވެ. ރާމެންތަށް އެޅުމުގެ ތެރެއިން އޭގެން ފެންތިއްކެއް ދަރުތަށް ހަމަޖައްސަން ހުރި ޔުއެލްގެ އަތަށްބުރިއެވެ. “އައްދޯތް” ޔުއެލް ބާރަކަށް ބުނެލިއެވެ. އެއަޑަށް ސިހުނީ ޒައިނީ އެކަންޏެއް ނޫނެވެ. އެންމެން ވެސްމެއެވެ.
(5 ވަނަ ބައި)
“ތަންކޮޅެއް ބަލާލައިގެން އުޅިބަލަ” އަތުގައި ފިރުމާލަމުން ޔުއެލް ކަޅި އަޅާލިއެވެ. “ސޮރީ…” ޒައިނީއަށް ރޮވޭ ގޮތްވިއެވެ. “ދެން އެއޯކޭ ވާނޭ ބްރޯ. މާ އަވަހަށޭ އެލް ތި ރުޅި އަންނަނީ” ނަވާން ޔުއެލްގެ ކޮނޑުގައި ޖަހާލަމުން ބުނެލިއެވެ. ޒައިނީއާއި ދިމާލަށް ކަޅި އަޅާލާފައި ޔުއެލް ބަރުހެލި ފިޔަވަޅުތަކެއްގައި ގޮސް ގަސްތަކު ތެރެއަށް ވަނެވެ.
“ތިމީހުން ހަމަ މޮޔަވާނެ އިނގޭ މި ރާމެން ކައިފަ. ދޯ އަކޫ؟ އަކޫ އަށް ވަރަށް މީރެއްނުން ކުރީ ދުވަހު އުޔައި ކެއްކި-” ބުނެވެން އުޅުނީ ކީކޭކަން އެނގުމުން އުޔައިނާ އަށް އަނގަމަތީގައި އަތް އެޅުނެވެ.
“ކަލޭމެން ވަރަށް ހިންގާ ދޯ އެބަ އަހަރެމެންނަށް އަންގާ ވެސް ނުލާ؟ އަނެއްކާ ކަމެއް ތަ؟” ހެވިފައި ހުރެ ރައިޒެކް އަހާލިއެވެ. އެންމެން ހޭންފެށިއެވެ. އެހެނަސް ނިޝްވާއަކަށް މަޖަލެއް ނުވިއެވެ. އެންމެނާ ދުރަށް ޖެހިލާފައި ރާޅު ޖެހޭ ހިސާބަށް ދިޔައީ އެހެން ވެގެންނެވެ.
ބޯކިރު ފޮދެއްފަދަ ހުދު ވެލި ގަނޑު ތެރެއަށް ފައިގެ އިނގިލިތައް ކޮއްޕާލައިގެން ހުރި ނިޝްވާގެ ތުންކޮޅުވަނީ އޫކޮށްލެވިފައެވެ. ކުރިމަތީގައި އޮތް މާސިންގާ ކަނޑާއި ދިމާލަށް ބަލަން ހުރި އިރު ތަފާތު އެކި ޙިޔާލުތައް އޭނާގެ ސިކުނޑީގައި ވިއެވެ.
“ކިހިނެތް ވީ ބިމަށް ތުންހަރައިގެން ތިހުރީ” ފަހަތުންއައި ނަވާން ނިޝްވާ ގާތުގައި އިށީނެވެ. “ކަމެއް ނުވޭ؟ ހިނގާ ދާން” ނިޝްވާ ހީލާފައި ހިނގައިގަތެވެ. އެވާހަކަ ދައްކާކަށް ނިޝްވާ ބޭނުމެއް ނުވިއެވެ.
“އޭ!! މީގެ ގިނި ތަންކޮޅެއް މަޑު ކޮއްބަލަ މިއޮށް އަނދަނީމި” ކުއްލިއަކަށް އުޔައިނާ ގޮވާލި އަޑު އިވުނެވެ. އެއަޑަށް ފެންބޯން ހުރި ރައިޒެކް ފުޅީގެ މަތިގަނޑަށް ފެންކޮޅެއް އަޅާލަމުން ގޮސް އުޔައިނާ ގާތުގައި ހުއްޓުނެވެ. “އަން. މީތި އަޅާލާ” ހިނިގަނޑު ހިފަހައްޓާލަމުން ރައިޒެކް ބުނެލިއެވެ. “ދެން ދޮންބެ ގަނޑާ” އުޔައިނާ ރައިޒެކްގެ އުނަގަނޑުގައި ތަޅައިގަތެވެ. އެންމެން ހޭންފެށިއެވެ.
“އޭ. ނަވާން ދޭބަލަ ޔުއެލް ހޯދަން. މިހުރީ ނިމިފަ. ހުރިހާ ރާމެންތަށް ދޮލަނގަށް އަޅާ ނިމުމުން ރައިޒެކް ބުނެލިއެވެ. “މަ މިހުރީ” އެވަގުތު ޔުއެލްއައެވެ. “ކަމަކު ބުނެފާނެތީ ދޯ ތި ބެޗީ؟” އަކްޔަލް ހީލާފައި ބުނެލިއެވެ. ޔުއެލް ހީލިއެވެ.
“އަސްލު އިނގޭ ތަ؟ ރާމެން އެންމެ މީރު ވުމުގެ ސިއްރަކީ މީގެ ކުޅިގަނޑު. ކުޅިވެގެން ރޮވޭ ވަރު ނުވިއްޔާ މިއީ އަޅެ ރާމެން ތަ؟” ހުރިހާ އެންމެނަށް އުލެއް ދެމުން އުޔައިނާ ބުނެލިއެވެ.
“ކާކު ދެއްކި ވާހަކައެއް ތަ؟ ހަހަ” އެލީކާ އަހާލިއެވެ. “މީ. ދި ރާމެން ކުއީން” އުޔައިނާ ފޮނިވެލިއެވެ. “ހޫން. ދެން މީގަ ހުރި މީރު ކަމެއް ބަލަމާ. ބިސްމިއްލާހް” އެލީކާ ކާންފަށަމުން ބުނެލިއެވެ.
“ސުބްހާނައްﷲ މިއީ އަޅެ ވިހައެއް ތަ؟ މިއީ ރާމެންއެއްނޫން. މިއީ ކެމިކަލް ހަނގުރާމައެކެއްނުން. އަހަރުން މަރާލަން ތަ ތިއުޅެނީ؟” ނިޝްވާ ކޮށިއެރިއެވެ. ނިޝްވާއަކީ އެންމެ ކުޑައިރުން ސުރެ ވެސް ކުޅިކޮށް ނުކެވޭ ކުއްޖެކެވެ.
“ދެން ނިޝް ދައްކާ ވާހަކަ. މިނުވާނެ އެހާ ކުޅިއެއް. މިޔަށް މިހުރީ ކިރުވެސް އަޅާފަ އެހެންވެ އެހާ ކުޅިއެއް ނުވާނެއްނުން” އުޔައިނާ ބުނެލިއެވެ. “މިލްކޭ؟ ވަޓް އާރް ޔޫ؟ އަ ސައިކޯޕެތް؟” ނިޝްވާ ފެންފުޅީގައި ތުންޖަހާލަމުން ބުނެލިއެވެ. ޔުއެލް ކަރުކެހިލިއެވެ. “ދެން ބޮޑާ ނުހާކަ ކައިބަލަ” ޔުއެލް ބުނެލިއެވެ.
“މީގަ ލަނީ ޝޭމްޕޫ ރަހަ” އޯކާށް ދެމިލަމުން ރައިޒެކް ބުނެލިއެވެ. “ހޫން. ސޮރީ. ހަނދާން ނެތުނީ ދޮންބެ ޝޭންޕޫ ބޯކަން ހަހަ” އުޔައިނާ ހީނލާފައި ބުނެލިއެވެ. “ހަމަ އަސްލުވެސް އިނގޭ. މާރްޑާރް މިސްޓްރީސް މަތިން ދެން ހަމަ ހަނދާން ނައްތާލަންވީ. މިއީ ހަގީގީ ކްރައިމް އަކީ” ނިޝްވާ ބުނެލިއެވެ.
“މަށަށް ފެންނަނީ މި ރާމެންގަނޑު ވަޅުލަން. މީހުން ވަޅުލާހެން މިއެއްޗެހި ވެސް ވަޅުލަން ވާނޭނުން؟” ރައިޒެކް ހީލާފައި ބުނެލިއެވެ. އުޔައިނާ ކަޅި އަޅާލިއެވެ.
މަޖަލާއި ސަކަރާތުގައި އުޅިފައި އެކުވެރިން ގެއަށް ދިޔަ އިރު ހަވީރު ވެއްޖެއެވެ. ހުރިހާ ކުދިންނަށް ވަދާއީ ސަލާމް ކިޔާފައި އެކުއްޖަކު އެކުއްޖެއްގެ ގެއާއި ދިމާލަށް ދިޔައެވެ.
ރޭގަނޑުގެ ހިތްގައިމު ވަގުތެވެ. ރެއަކީ ފަނަރަ ވިލޭރޭ ނަމަވެސް ކަޅު ބޯވިލާ ތަކުގެ ސަބަބުން ހަނދުގެ ރިހި އަލިވަނީ ވަންހަނާ ވެފައެވެ. ޖެހެމުން ދިޔަ ފިނި ވައިރޯޅި ތަކުގެ ސަބަބުން ހީކަރުވާހާ ވެޔެވެ. ކިލާހުގައި އިން ރައިޒެކް، ނަވާން، ނިޝްވާއަދި އެލީކާ ޓީޗަރު ދައްކަމުން ދިޔަ ވާހަކަ އެހުމަށް ތިއްބެވެ.
“އަހަރެމެން ގާތިލުން ދިރާސާކުރާއިރު، އަހަރެމެންނަށް ގިނައިން ހީވަނީ ފެންނާނީ ޖަނަވާރުން ކަހަލަ ބައެކޭ. ނުރައްކާތެރި ގޮތަކަށް ފެންނަ، ނުރައްކާތެރި ގޮތަކަށް އަމަލު ކުރާ ބައެކޭ. އެހެނަސް ހަގީގަތަކީ އެއަށް ވުރެ މާ ބިރުވެރި އެއްޗެއް. ގިނަ ގާތިލުންނަކީ ބޭރުފުށުން އާދައިގެ ބައެއް. ހިނިތުންވެ، ރައްޓެހިން ހޯދާ، ލޯބިވެރިންވެސް ހޯދާ. ދެން ސުވާލަކީ އަހަރެމެން އެމީހުން ވަކި ކުރާނީ ކިހިނެތް ތޯ؟ އަހަރެމެން ސައިކޯޕެތްސް ފާހަގަ ކުރާނީ އެމީހުންގެ އަމަލު ތަކަކުން ނޫން. އެމީހުންގެ ވިސްނުމުން. އެމީހުނަށް ޖަޒުބާތުތަށް ނަކަލު ކުރެވިދާނެ ނަމަވެސް ސައިކޯޕެތްސް އަކަށް ހަގީގަތުގައި އެއްވެސް އިހުސާސެއް ނުކުރެވޭނެ. އެމީހުންނަށް ކްލާހުގައި ތިބާގެ ކައިރީގައި އިށީނދެ، ތިބާއާއެކު މަޖާ ހަނދާން ތަކެއް ހިއްސާކުރެވޭނެ. އަދިވެސް އެމީހުންގެ ދެން އޮތް ކުށް ރޭވުން. އެއީ ނަފްސާނީ ޕްރޮފައިލިންގ އެހާ މުހިންމު ސަބަބަކީ. ފޮރުވިފައިވާ އުސޫލުތައް، މާސްކުގެ ދަށުން ހަގީގަތް ހާމަވާ ސުލޫކުތައް ހޯދުން” ދިޔާނާ މިސް ދައްކަމުން ދިޔަ ވާހަކައަށް ހުރިހާ ކުދިންގެ ސަމާލުކަން ވެސް ވަނީ ހުއްޓިފައެވެ.
(ނުނިމޭ)
ހަވަނަބައިގެ ތެރެއިން:
އިވިގެން ދިޔަ ޙަބަރުން ޔީޝާއަށް ހުރިތަނަށް ތިރިވެވުނެވެ. އަނެއްކާ ވެސް އެ ބިރުވެރި ހުވަފެން ހަގީގަތަށް ވީ ހެއްޔެވެ؟
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.






