ހިތްދަތިވެފައި ހުރެ އަމާނީ ތެދުވެ ބެލްކަންޏަށް ނިކުމެލީ މިހަމަހިމޭން ޤުދުރަތީ މާހައުލުން ކުޑަ ވެސް ހިތްހަމަ ޖެހުމެއް ލިބޭތޯއެވެ. ޖެހެމުން ދިޔަ ވަޔާއި އެއްވަރަށް އަމާނީ ލައިގެން ހުރި އަތްދިގު ހުދުކުލައިގެ ދިގު ނިދާ ހެދުން ވަޔާ ނަށަމުން ދިޔައެވެ. ދޫކޮއްލެވިފައިވާ ކޮނޑާ ހަމަޔަށް އަރާ ފަންފަން ކަޅު އިސްތަށިގަނޑުވެސް ހަރަކާތް ކުރަމުން ދިޔައީ ވަޔާ އެއްގޮތަށެވެ. ބެލްކަނީގެ ރެއިލިންގައި ހިފަހައްޓާލައިގެން ހުރި އަމާނީ، ވައިރޯޅިތައް އިސްތަށިގަނޑުގައި ބޭނުން ގޮތަކަށް ޖެހުމަށް ދޫކޮއްލަމުން ދެލޯ މަރާލި ވަގުތު ބާރު ބާރަށް އައި ކަޅު ދުންގަނޑެއް އަމާނީގެ ނޭފަތް ތެރެއަށް ވަނެވެ. ދެލޯ ކަޅުކުލައަށް ބަދަލުވެގެން ދިޔައީ ސިކުންތު ކޮޅެއްގެ ތެރޭގައެވެ.
ހިނދުކޮޅެއް ނުވެ ހޭވެރިކަންވެ ނޭވާއަށްވީ އުނދަގުލާއިއެކު އަމާނީ ބާރަކަށް ކެއްސައިގަތެވެ. ފުންނޭވާތަކެއް ލަމުން އޭނަ ބެލްކަނި ދޮރު ލައްޕާ ފޮތިގަނޑު ކަހާލާފައިވަނީ އެތެރެއަށެވެ. އަދި ކިންގު ސައިޒު ބޮޑު އެނދުގައި އޮށޯވެ ހަމަޖެހިލަން މަސައްކަތް ކުރިއެވެ. އެހެން އޮވެ ނިދުނު އިރެއްވެސް ނޭނގުނެވެ.
—
” ޒޯޔާ ހާދަ ލަހުން ތިތެދުވީ؟ ” ހެނދުނު ހަތެއް އިރު ބަދިގޭގައި ހުރި މަލަކްއަށް ޒޯޔާ އައިތަން ފެނިގެން ހިތްހަމަ ނުޖެހިފައި ބާރަކަށް ބުންޏެވެ. ޒޯޔާއަށް ސިހުމެއް ލިބިފައި ނޭވާ ހިފަހައްޓާލެވުނެވެ. އޭރު ގާތުގައި ހުރި ތައުމާއާއި އިރްދީނާވެސް ހުރީ މަަލަކްގެ ހަރަކާތުން ބަސް ހުއްޓިފައެވެ. މީގެ ކުރިން މަލަކް ނުކުރާ ކަމަކަށްވުމުންނެވެ.
” ދަރިފުޅު ބިރުގަތީތަ؟ ސޮރީ… މަންމަ ހަމަ ސަމާސާއެއް ކޮއްލީ… ” ޒޯޔާއަށްވީ ގޮތް ފެނި މަލަކްގެ ގާތަށް އައީ ލާނެތް ހިންޏެކެވެ. އިރުފާންއަށް ލާނެތްކަން ލިބިފައިވަނީ މަލަކްގެ ފަރާތުންކަން އެނގުމުން ޒޯޔާއަށް ހިނިތުންވެލެވުނެވެ.
” ކޮބާ އިރުފާން މިސްކިތައް ދިޔަތަ؟ ދަރިފުޅު ދޭބަލަ އެފޮތިގަނޑު ކަހާލަން.. ” މަލަކް ދެފިޔާ ކަބަޑުން ނަގަމުން ބަދިގޭގެ ބިއްލޫރި ކުޑަދޮރުތައް ފަރުދާކޮއްފައިވާ ފޮތިގަނޑު ދަމާލަން ބުންޏެވެ.
” ލައްބަ… ނަމާދުން ނިމިގެން އޮފީހަށް ވަދެލާފައި ސައިބޯން އަންނާނަމޭ ބުނީ… ވިއްސާރަ ވެސް ހަދާފައި އޮތީ.. ނޭނގެ އަންނާނެ އިރެއްވެސް… މަންމަ ކޯޗެއް މިއަދު ތިހަދަނީ؟ ” ޒޯޔާ ގޮސް މަޑުނޫކުލައިގެ ފޮތިގަނޑު ކަހާލުމާއިއެކު ކަނޑާއި އެއްކުލައިގެ ވިލާތަކުން އުޑުމަތިވަނީ ފުރާލާފައެވެ.
” މިއަދުވެސް އޮފީހަށްތަ ދިޔައީ؟ އަދި ކައިވެނި ކުރިތާ ސައްވީސް ގަޑި އިރު ނުވޭ… ބައްޕަ ކަހަލަ ހަމަ… މިގޭގައި ދަރިފުޅުގެ ފުރަތަމަ ހެނދުނުވީމައި ހިތަށް އެރީ މިއަދު މަސްހުނިއާއި ޑިސްކް ހަދާނިއްޔޭ… ދަރިފުޅު ކާއެއްޗެއްތަ އަނެއްކާ؟ ” މަލަކް ފިޔާ ކޮށަމުން އަހާލިއެވެ. އޭރު ތައުމާއާއި އިރްދީނާ ޑިސްކް ހަދަން ފުއްގަނޑު ތައްޔާރު ކުރަނީއެވެ.
” ލައްބަ. މަންމަ ރާއްޖޭ މީހަކަށްވީމައި އަޅުގަނޑަށް އާއެއްޗެއް ނޫން… ގެނޭ މަންމާ އަޅުގަނޑު އަތަށް ކޮށަން… ” ޒޯޔާ މަލަކް އަތުން ވަޅިއާއި ފިޔާ އަތުލަން އުޅުނެވެ.
” އުހުން.. މިއަދު ދަރިފުޅު ރެސްޓްކޮއްލާ… މާދަމާ އިން ފެށިގެން ދެން ކަމެއް ކުރަންޏާ ކުރާނީ.. އަސްލު ތައުމާއާއި އިރްދީނާ ދައްތަމެން އުޅެންޏާ އެހާ މަސައްކަތެއް ނުހުންނާނެ. އެކަމަކު ވެސް މަންމައަށް ހަމަ ނުހުރެވިގެން ބަދިގެޔަށް ވަދެވެނީ… ދަރިފުޅު ތިގޮތަށް ހެލްޕްވާން އައީމައި މަންމަ ހަނދާންވަނީ މީގެ ތޭވީސް އަހަރު ކުރިން މަންމަ ވެސް މިގެޔަށް އައި ފުރަތަމަ ދުވަހު އުޅުނު ގޮތް. މިހާރު ވެސް އަކީޝާއްތަ އާއި މެލެރީ ދައްތަ މަތިން ވަރަށް ހަނދާންވޭ… މެލެރީ ދައްތަ ނިޔާވިތާ މިހާރު ވެދާނެ އަހަރެއްވަރު. އަކީޝާއްތަ ވަރަށް ބަލި. ޑުރައިވަރު ނިރްވެދްބެ ވެސް ނިޔާވެއްޖެ. އާދަމްބޭ އަދިވެސް މިގެޔަށް އާދޭ ދޭތެރެއަކުން. އެބޭބެ ވެސް ވަރަށް މުސްކުޅި މިހާރު. ބައްޕަ އެންމެ ކުޑަ އިރުއްސުރެ އެމިހުން ވިއްޔާ މިގޭ ކަންތައް ކުރަނީ… ” މަލަކް އެވާހަކަ ބުނެލި އިރު ދެލޯވަނީ ފެންކަޅިވެފައެވެ.
” ދަރިފުޅު ދާންވީނުން އަނާ ކޮބައިތޯ ބަލާލަން؟ މިއަދު ވަރަށް ގިނައިރު ނިދާ ދުވަހެއް… ކިތަންމެ ބައްޔަސް އެހެންޏާ ކޮންމެ ދުވަހަކު ފަތިސް ނަމާދަށް ތެދުވާ ގޮތަށް އިންނާނެ އުނދޯލީގައި ކޮފީ ބޯން ބައްޕަ ފަރާތު ކާފަ ސަލީމް ގޮތަށް… މިއަދު ދެން ބަދިގެޔަށް ނުވަންނައްޗޭ… ހަމަ ތަޅުލާފައި ދެން ބަހައްޓާނީ ވަންނަން އުޅެންޏާ.. އިރުފާންއަށް ގުޅާފައި ބުނާތި ލަސްނުކޮށް ސައިބޯން އަންނައްޗޭ.. ” މަލަކް ހީގަނެފައި ޒޯޔާ ބަދިގެއިން ބޭރުކުރިއެވެ.
” ކޮބާ ދަރިފުޅު އަދި ތިތެދުވީތަ؟ ” ހެނދުނު ދުވަސް ގޮސް އައިސް އެތެރެއަށް ވަތް އަރީންއަށް ޒޯޔާ ފެނިގެން އަހާލިއެވެ.
” ނޫން… ބައްޕަ ދުވަން ގޮސް ތޯ ތިއައީ؟ ” ޒޯޔާ ވަރުބަލިވެފައި ހުރި އަރީންއަށް ބަލާލަމުން ސުވާލުކޮއްލިއެވެ.
” އާން.. ކޮބާ އިރުފާން؟ އަދި ނުތެދުވޭތަ؟ އަނާ އެއްވެސް ނުފެނޭ… އެހެންޏަ ކޮންމެ ދުވަހަކު ވިއްސާރަ ނޫނިއްޔާ އުނދޯލީގައި އިންނާނެ މިގަޑީ ކޮފީ ބޯން… ” އިރުފާންއާއި އަމާނީ ފެންނަން ނެތުމުން އަރީން ހައިރާންވެފައި ސުވާލުކޮއްލިއެވެ.
” އިރުފާން ނަމާދުން ނިމިގެން އޮފީހަށް ގޮސްވީ.. ބުނީ ސައިބޯން އަންނާނަމޭ ފަހުން… އަނާގެ ހަބަރެއް ނުވެގެން މަންމަ ބުނެގެން ކޮބައިތޯ ބަލާލަން މިދަނީ… ” ޒޯޔާ ލައިގެން ހުރި އަޅިކުލައިގެ ދިގު ހެދުމާއި ގުޅޭ އަޅައިގެން ހުރި އާދައިގެ ކަޅު ބުރުގާ ރީތިކޮއްލަމުން ބުނެލިއެވެ.
” މިއަދުވެސް އިރުފާން އޮފީހަށް ދިޔައީ ދޯ؟ އަވަހަށް ގޮސް އަނާއަށް ގޮވާފައި ބުނޭ ސައިބޯން ތެދުވަން… ގަޟާއަށް ނަމާދުކުރަން ހަނދާކޮއްދެއްޗޭ… އިރުފާންއަށް ވެސް ގުޅާފައި ބުނޭ އަވަހަށް ސައިބޯން އަންނަން… ވަރަށް ވިއްސާރަ ވެސް ހަދާފައި އޮތީ. ” އަރީން ދުވެފައި ގޮސް ސިޑިން އަރައިގެން ދިޔައެވެ.
” ހަލޯ… ކޮބާ އޮފީހުގަތަ؟ ” ސިޑިން އަރަމުން ޒޯޔާ އިރުފާންއަށް ގުޅާލިއެވެ.
” ހޫމް. ކިހިނެތްވީ ދޫނި؟ ” އިރުފާން ލޯތްބާއިއެކު އަހާލިއެވެ. ޒޯޔާ ވަގުތުން ލަދުން ރަތްވިއެވެ.
” ލަދުގަތީދޯ އަނގައިން ނުބުނެ ތިހިރީ؟ ” ޒޯޔާގެ ހަބަރެއް ނުވެގެން އިރުފާން ހީގަތެވެ.
” ސައިބޯން އަންނަން މިގުޅީ… ވަރަށް ވިއްސާރަވެސް ހަދާފައެއްނު އޮތީ… ބައްޕަވެސް މަންމަވެސް ބުނެފި މިއަދު ކީއްވެހޯ އޮފީހަށް ތިދިޔައީ… މެރީ ކުރިތާ އަދި ސައްވީސް ގަޑި އިރު ވެސް ނުވެ އެއްނު ހޯ… ” ޒޯޔާ ފަހަރަކު ހަރުފަތެއް ގިރާކުރަމުން ގޮސް ދެވަނަ ފުލޯއަށް އެރި އިރު ގޭގެ ޑުރައިވަރު އަދި ގޭގެ އެހެން މަސައްކަތް ކުރަން އުޅޭ ހުމޭރު ސިޑިން އަރާތާ ކައިރީގައި ސުވިޗު ބޯޑާއި ކުޅެން ހުއްޓެވެ.
” ބިޒީކަމުން ދޯ… މިދަނީ އިނގޭ… ޒޯ ވާނީ އަހަރެންނާއި އެއްކޮށް ސައިބޯން އިނގޭ… ” އިރުފާން ފޯނު ބޭއްވިއެވެ.
” ހުމޭރުބެ ކޯޗެއް ތިހަދަނީ؟ ” ޒޯޔާ ސުވާލުކުރިއެވެ.
” އެހެރި އެންމެ އެތެރޭގައި ހުރި ހުރިހާ ލައިޓްތައް ނިވި ދިއްލެނީ… އެހެންވެ ވާގޮތެއް ބަލަން ވެގެން… ” ހުމޭރު އިޝާރާތްކުރީ ކޯރިޑޯ ތެރެއިން އެންމެ އެތެރެއަށް ވާ ގޮތަށް ހުރި ބޮކި ތަކާއި ދިމާއަށެވެ. އަހަރުތައް އިތުރުވެގެން ދިޔަ ފަހުން އަރީންގެ އެދުމަށް ކޮންމެ ފުލޯއެއްގައި އިތުރު ފަސް ކޮޓަރި އިތުރު ކުުރުމަށް ބުނުމުން ކޮންމެ ފުލޯއެއްގައި ހުންނަނީ މިހާރު ދިހަ ކޮޓަރިއެވެ. އަރީންގެ ކޮއްކޮ އަމާނީގެ ކޮޓަރި އަދި އަދަށް ދާންދެން ވެސް ހުރިގޮތަށް އެންމެ އެތެރޭގައި ހުރެއެވެ. ކޮއްކޮ އަމާނީގެ ކޮޓަރިއާއި ޖެހިގެން ވާތް ފަރާތަށް އެންމެ ފުރަތަމަ އިންނަނީ އަރީންގެ ހަގު ދަރިފުޅު އަމާނީގެ ކޮޓަރިއެވެ. ގެސްޓް ހައުސްއެކޭ އެއްފަދައިން ބޮޑު ކޯރިޑޯއެއް މިހާރު އިންނާތީ ހިނގަން އިންނަ ދިމާ ނުހަނު ދިގެވެ. މިވަގުތު ގާތްގަނޑަކަށް ކޯރިޑޯގެ މެދުން ފެށިގެން ނިމޭ ހަމަޔަށް ހުރި ހުރިހާ ބޮތްކެއް ނިވިދިއްލެނީއެވެ.
” ކީއްވެ ވަކި ބޮކިތަކެއް؟ ” ޒޯޔާ ހައިރާންވިއެވެ.
” ނޭނގެ. މޭމްގެ ތި ކޮޓަރި ކައިރި ވެސް ރަނގަޅެއްނު. ގައިމު އެއްސުވިޗަކުން މި ކޯރިޑޯގެ ހުރިހާ ބޮތްކެއް ދިއްލޭނީ ވެސް… ” ހުމޭރު ކޮށިކޮށް ދިވެހި ބަހުން އެހެން ބުނެލީ ސިޑިން އަރާއިރު އެންމެ ކައިރިއަށް ހުރި ޒޯޔާއާއި އިރުފާންގެ ކޮޓަރިއަށް އިޝާރާތްކޮށެވެ.
” ކޮޓަރިތައް އެތެރޭގައި ހުރި ބޮކިތައް ވެސް ނިވެނީތަ؟ ” ޒޯޔާ ދާން ނުކެރިފައި ހުރެ އަހާލިއެވެ.
” ނޭނގޭ.. ބޭބެ ނުބަލަން…. އަންނާނަން އިނގޭ ތިރިޔަށް ގޮސްލާފައި. ކޮއްކޮ ބަލައިގެން ދާތި… އެކޮޅު ވަރަށް އަނދިރިއެއްނު ” ހުމޭރު ހަރުގަނޑުން ފައިބައިގެން ސިޑިން ތިރިޔަށް ހިނގަިއގަތެވެ. ހުމޭރު ދިއުމުން ޒޯޔާ ކުރިޔަށްވުރެ ބޮޑަށް ބިރުގަތެވެ.
ލަސް ފިޔަވަޅުތަކެއް އަޅަމުން ޒޯޔާ ގޮސް އަމާނީގެ ކޮޓަރިއާއި އަރާ ހަމަވި ތަނާ ނިވިދިއްލެމުން ދިޔަ ހުރިހާ ބޮކިތަކުގެ އިތުރަށް ކޯރިޑޯ ތެރޭގައި ހުރި ހުރިހާ ބޮތްކެއް ނިވުނެވެ. ހިންދިރުވާލަމުން ފޯނުން އަލިކޮއްލަން ބަލާލި އިރު ފޯނުވަނީ ނިވިފައެވެ. ބެޓެރިއަށް ރަނގަޅަށް ނުބެލެނީއޭ ބާ ހިތާ އަވަސް އަވަހަށް އަމާނީގެ ކޮޓަރީގައި ޓަކި ޖަހާލިއެވެ. ދެ ފަހަރަކު ޓަކި ޖަހާލުމުން ވެސް ޙަބަރެއް ނުވެއެވެ. ދޮރުގެ ތަޅުގައި ހިފާ ތިރިކޮއްލުމުން ތަޅުނުލާ ހުރި ދޮރު ނުހަނު ރީތިކޮށް ހުޅުވުނެވެ. ހެނދުނުގެ އެވަގުތު އަނދިރިކަން އޮތް ކޮޓަރި ތެރެއަށް އަޅާލި ފިޔަވަޅާއިއެކު ދެފިޔަވަޅު ފަހަތަށް ޒޯޔާއަށް އަޅާލެވުނެވެ.
” އަނާ…؟ ” ކުވިލްޓް ބޮލުގައި އަޅައިގެން ޒޯޔާއަށް ފުރަގަސްދީގެން އިން އަމާނީ ފެނި ޒޯޔާ ބިރުން ގޮވާލިއެވެ.
” އަނާ… އަނގައިން ބުނެބަލަ… ” އަމާނީ އިން ދިމާލުން ކުރަކި ފާޑެއްގެ އަޑުތަކެއް ވެސް އިވެމުން ދިޔައެވެ. އަމާނީ އޭނަ ބިރުގަންނަވަނީ ކަމަށް ހީކޮށް ބިރުން ހުރެ ނަމަވެސް އަމާނީ ގާތަށް ގޮސް މަޑުކުރި ޒޯޔާއަށް ފެނުނު މަންޒަރުން ދެލޯ ބޮޑުކޮއްލެވުނެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

