Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިލޯބި

ގާތުގައިވި އަނދިރިކަން، 3-2

umny Level 210 Stories
September 23, 2025 5 Mins Read
2 Comments

” ބަހައްޓާ ޒޯޔާ… އަނާ އުޅޭނީ މުޅިން ވެސް އެހެން.. އަލްޙަމްދުލިﷲ މަންމައަށް އިތުރު އަންހެންކުއްޖެއް ލިބުނީމައި… މަންމަ ވަރަށް ދިގު އިންތިޒާރެއް ކުރި ރެއެއް މިއީ… ” މަލަކް ޒޯޔާއަށް ބަލާލަމުން ފުންކޮށް ހީލީ ހިތްހަމަޖެހިފައި ހުރެއެވެ.

” ހިނގާ ތިރިޔަށް ދަމާ ދޯ…” ޒޯޔާ ހެދުމުގެ ފަސްބައިގައި ހިފައިގެން އަނެއް އަތުން މަލަކްގެ އަތުގައި ހިފައިގެން ހިނގައިގަތުމުން އަމާނީވެސް އެދެމިހުންގެ ފަހަތުން ތިރިޔަށް ހިނގައިގަތެވެ.

ކައިވެންޏަށް އައިސް ތިބީ އެކުޑަ އާއިލާގެ މެންބަރުންނާއި ތިން ނޯކަރުންނާއި ކައިވެނި ކޮއްދޭ މީހުންގެ އިތުރުން އަރީންގެ އޮފީހުގައި ގާތްކޮށް އުޅޭ ތިންވަރަކަށް މީހެކެވެ. ކުޑަ އެހެނަސް އުފާވެރިކަމާއިއެކު ރޭގަނޑު އަށެއް ޖަހާއިރު އިރުފާންއާއި ޒޯޔާގެ ކައިވެނި ކުރެވިގެން ދިޔައެވެ. އަނބި ޤަބޫލުކޮއްފީމޭ ބުނި ވަގުތު ފައިމަތީގައި އަތް ބައިންދާލައިގެން އިން އިރުފާންގެ އަތުގައި ޒޯޔާއަށް ހިފާލެވުނީ އުފަލުގެ ކަރުނަ ތިއްކަކާއި އެކުގައެވެ. އިރުފާން ޒޯޔާއަށް ބަލާލަމުން ހިނިތުންވެލިއެވެ.

ދެމަފިރިންގެ މަންޒަރުތަކަށް ނަޒަރު ހުއްޓައިގެން ހުރި މަލަކްއަށް އަރީންއާއި ދިމާއަށް ބަލާލެވުނެވެ. އަރީން ހިތްހަމަޖެހުމުގެ ހިނިތުންވުމެއް މަލަކްއަށް ދެމުން އޭނަގެ އަތުގައި އަރީން ހިފާލިއެވެ. އެއްކުއްޖަކު ނަމަވެސް ކައިވެނި ކުރެވުނީތީ އަރީންއާއި މަލަކް ހުރީ ނުހަނު ހިތްހަމަ ޖެހިފައެވެ. ލިބުނު އެއްމާބަނޑު ދެބެއިންގެ އިތުރުން އިތުރު ކުއްޖެއް ހޯދަން ކުރި މަސައްކަތް ކާމިޔާބުވާ ގޮތް ނުވުމުން ދެމަފިރިންގެ ހަމައެކަނި އުއްމީދަކަށްވެފައިވަނީ އިރުފާންއާއި އަމާނީއެވެ. އަރީންގެ އޮފީހުން އިސް މަޤާމެއްގައި ވަޒީފާ އަދާކުރަމުންދާ އިރުފާންގެ ތަރުބިއްޔަތަށް ބޭނުންވާ ހުރިހާ ކަމެއް މިއަދު ކޮއްދެވިއްޖެ ކަމުގެ އިހުސާސް ދެމަފިރިންނަށް ވެސް ކުރެވުނެވެ. އަދި އަމާނީއަށް އެފަދަ ދުވަހެއް އަންނާނެކަމަށް އެދެމިހުން އުއްމީދުކުރެއެވެ.

—

ކައިވެންޏަށްފަހު ރޭގަނޑަށް ހާއްސަކޮށް ހަދާފައިވާ ބިރިޔާނީ ކެއުން ގަނޑަށްފަހު ނޯކަރުން ފިޔަވާ އިތުރު މެހެމާނުން ދިއުމުން އާއިލާގެ ފަސް މެންބަރުން ތިބީ ސޯފާގައެވެ.

” ދަރިފުޅުމެން ދެކުދިން ދެން ހެޔޮ ގޮތުގައި ރަނގަޅަށް އުޅެވޭތޯ ބަލާތި އިނގޭ… ކައިވެންޏަކީ ކުޅޭ ކުޅޭ ކުޅިވަރެއް ނޫން. ކަމެއްވާ ކޮންމެ ފަހަރަކު ރުޅި އިސްކޮށް ވަރި އިސް ނުކުރާތި.. ދެކުދިން އެކަކު އަނެކަކު ދެމެދުގައި ވާހަކަ ދައްކައިގެން ހައްލު ކުރެވޭތޯ ބަލާތި… ” އަރީން ކިޔައިިދީ މީގެ ސައްވީސް އަހަރު ކުރިން މަލަކްގެ މަންމަ އޭނައަށް ދިން ނަސޭހަތެވެ. މަލަކް ވެސް އެކަމާއި އެއްބަސްވުމުގެ ގޮތުން ބޯޖަހާލިއެވެ.

” ލައްބަ ބައްޕާ… ” އިރުފާން ޒޯޔާގެ އަތުގައި ހިފާލަމުން ބޯޖަހާލިއެވެ.

” ބައްޕާ އަޅުގަނޑެއް ނޫނޭނުންތޯ ކައިވެނި މިކުރީ؟ މިހާރު ބާރަ ޖަހަނީ… އޯކޭތަ އަޅުގަނޑު ދެން ކޮޓަރިއަށް ދިޔަސް؟ ” އަމާނީ އިނީ އެހާ ހެނދުނާ ތެދުވުމުން ނުހަނު ނިދި އައިސްފައެވެ.

” މަޑުކޮއްބަލަ ދަރިފުޅު… ” އަރީން ތެދުވަން އުޅުނު އަމާނީގެ އަތުގައި ހިފާ ސޯފާގައި ބޭންދިއެވެ.

” ދަރިފުޅު ވާނެ ދޮންބެދައްތައަށް ކަންކަމުގައި ފަސޭހަކޮއްދޭން އިނގޭ.. ދޮންބެދައްތަ ވެސް އެހާ ދުވަސްކޮއްފައި ފެމެލީއެއް ގާތަށް އުޅެން އެއައީ.. ” އަރީން އަމާނީއާއި ދިމާއަށް ބަލާލަމުން ބުނެލިއެވެ.
” ދެން އެންމެ ރަނގަޅު ކޮޓަރިއަށް ދިޔަސް… އިރުފާންމެން ދެކުދިން ވެސް ދޭ… ބައްޕަމެން ވެސް މިދަނީ ދެން ނިދަން ދާން… ” އަރީން ބުނެލިއެވެ.

” އަޅުގަނޑު ވަރަށް އުފާވޭ މިކަހަލަ ފެމެލީއެއް ގާތަށް އުޅެން އާދެވުނީތީ… އިން ޝާ ﷲ އަޅުގަނޑު ވެސް ބަލާނަން ބައްޕަ ތިބުނުއްވި ގޮތަށް އުޅެވޭތޯ… އަޅުގަނޑުގެ ސަބަބުން މިގޭގެ މަސްލަހަތު ގޯސްވާކަށް އަޅުގަނޑު ނޭދެން… ” ޒޯޔާ ހިނިތުންވެލިއެވެ.

” ދެން ދޭ ދެކުދިން. މިހާރު މާ ލަސްވެއްޖެ… ވަރަށް ވަރުބަލި ވެސް ވެފައެއްނު ތިތިބީ… އެހާ ހެނދުނާ ތެދުވެ އުޅުނު ގޮތަށް ވިއްޔާ ތިއުޅެނީ… ” މަލަކް އަރީންއަށް ބަލާލާފައި އިރުފާންއާއި ޒޯޔާއަށް ބަލާލަމުން ހިނިތުންވެލިއެވެ. މަލަކްގެ ބަހަށް ކޮޓަރިއަށް ދިއުމަށް ތެދުވި އިރުފާންގެ ދެމަފިރިންގެ ފަހަތުން އަމާނީ ވެސް ސިޑިން އަރަން  ހިނގައިގަތެވެ.

” ދޮންބެދައްތައަށް ވީ ގިފްޓެއް އިންނާނެ ސައިޑް ޓޭބަލް މަތީ… ” އިރުފާންގެ ފަސް ފަހަތުން ހިނގާފައި ދިޔަ ޒޯޔާ ހުއްޓުވުމަށްފަހު އަމާނީ ހީގަނެފައި ސިއްރުން ސިއްރުން ޒޯޔާގެ ކަންފަތް ދޮރުގައި ބުނެލިއެވެ. ޒޯޔާއަށް ވަގުތުން ކޯޗެއްކަން ފަހުމްވެ ދެލޯ ބޮޑުވިއެވެ. އަދި ހީގަނެފައި އިރުފާންގެ ފަސް ފަހަތުން ކޮޓަރިއަށް ވަނެވެ.

—

ޒޯޔާއަށާއި އިރުފާންއަށް ކަމުދާނެހެން އިރުފާންގެ ކޮޓަރި ތައްޔާރުކުރި އަމާނީގެ މަސައްކަތް ނުހަނު ފުރިހަމައެވެ. ހުދުކުލައިގެ ފަރުނީޗަރާއި ހިލާފަށް ކޮޓަރިތެރެ ފާހަގަވާން ހުރީ ރަތްކުލައިގެންނެވެ. ރަތް ފިނިފެންމަލުގެ ފިޔަތަކުން އެނދާއި ބިންމަަތި ފުރިފައިވާތަން ފެނުމުން ޒޯޔާ ލަދުން އިސް ޖަހާލިއެވެ.

” ދެން ލަދަކުން ނޫޅެވޭނެ… ” އިރުފާން ޒޯޔާގެ ފަހަތުން ބައްދާލިއެވެ.

” އަލްޙަމްދުލިﷲ. އަހަރެން ވަރަށް އިންތިޒާރު ކުރި ދުވަހެއް މިއީ… އަހަރެންގެ ޒޯ… ” އިރުފާން ޒޯޔާގެ ކޮނޑުގައި ދަތްދޮޅި ޖައްސާލަމުން ބުނެލިއެވެ.

” އަހަރެން ވެސް… ” ޒޯޔާގެ އުނަގަނޑާއި ދިމާލުގައިވާ އިރުފާންގެ އަތުގައި ހިފަހައްޓާލަމުން މޫނު އަނބުރާލުމަށްފަހު އިރުފާންގެ ކޯތާފަތަށް ބޮސްދިނެވެ. އޭރު ޒޯޔާގެ ދެލޮލުގައި ކަރުނަތައް ގިނަވެފައި ހުއްޓެވެ.

” އައި ރިއަލީ ލަވް ޔޫ ސޯ މަޗް ޒޯ…. ” އިރުފާން ޒޯޔާގެ ގައިން ދޫކޮއްލުމަށްފަހު ޒޯޔާއާއި ދިމާއަށް އެނބުރި ނިއްކުރިޔަށް ބޮސްދިނެވެ. އުފަލުން ގިނަވެފައިވާ ކަރުނަތައް ޒޯޔާގެ ކޯތާފަތްމަތިން ފައިބައިގެން އައި ދެނެވެ.

” އަހަރެންގެ ޒޯ ރޮނީތަ؟ އިން ޝާ ﷲ އަަހަރެން ދުވަހެއްގެ ކޮޅުން ވެސް ޒޯ ދެރަވާ ވަރުގެ ކަމެއް ނުކުރާނަން… ” އިރުފާން ޒޯޔާގެ ދެލޮލުން ފޭބި ކަރުނަތައް ފުހެލަމުން ބައްދާލިއެވެ. ޒޯޔާ ހިނިތުންވެލަމުން ބޯޖަހާލިއެވެ.

” ހިނގާ ދޯ ސުންނަތް ނަމާދުކޮއްލަން… އަހަރެން އަންނާނަން ފާޙާނައަށް ވަދެލާފައި.. ” އިރުފާން ކަރުގައި އޮތް ޓައީ ނައްޓާލަމުން ފާޙާނައާއި ދިމާއަށް ހިނގައިގަތެވެ. ޒޯޔާ ވެސް ނަމާދު ކުރުމަށް ތައްޔާރުވުމަށް ޝޯލްގެ ޕިންތައް ނެއްޓުމަށް ޑުރެސިން ޓޭބަލް ކައިރީގައި ގޮސް މަޑުކޮއްލިއެވެ. ބުރުހަމަ ހަނދުވަރު އަލިން ބޮކި ނުދިއްލާ ހުރި ކޮޓަރިއަށް ފުދޭ ވަރަކަށް އަލި އެޅިފައިވަނީ ޑުރެސިން ޓޭބަލްއާއި ޖެހިގެން ދޮރުފޮތި ނުދަމާ ހުރި ބޮޑު ބިއްލޫރި ބެލްކަނި ދޮރުންނެވެ. ރޭގަނޑުގެ މި ވަގުތުގައި އަލަށް އުޅެން އާދެވުނު މިމެންޝަންގެ ބޭރު ބަލާލުމަށް ޝޯލްގެ ދަތިތައް ނައްޓާލުމަށްފަހު ކުޑަ ގޮތަށް ޝޯލް ބޯމަތިން ވަށާލަމުން އެހާ ދަންވެފައި ހުރުމުން ބެލްކަނި ދޮރު ނުހުޅުވާ ބޭރު ރީތިކޮށް ފެންނާނެހެން ޒޯޔާ މަޑުކޮއްލިއެވެ. އަލަތު ކައިވެނި އެންމެ ބޭނުންވި ބައިވެރިޔާއާއި ކުރެވުނީތީ ހިތްހަމަޖެހިފައި ހުރެ ޒޯޔާ ދޮރުގައި ލެނގިލަމުން ދުރުން ފެންނަން ހުރި ކަނޑާއި ދިމާއަށް ބަލާލިއެވެ. ބޮޑެތި ބިޔަ ރާޅުތައް ނަގަމުން އައި ކަނޑަށް ހަނދުގެ އަލިކަން އެޅިފައިވުމުން ނުހަނު ހިތްގައިމެވެ. މެންޝަންގެ ވަށައިގެން ފަރުބަދައިގެ އެންމެ ކޮޅާ ޖެހެން ދެން ހުރި ވިނަތައް ވެސް ނުހަނު ޗާލެވެ. ދުރުގައި ފެންނަން ހުރި އުނދޯއްޔާއި ދިމާއަށް ނަޒަރު ހުއްޓުމާއިއެކު ޒޯޔާއަށް ލިބުނީ ހައިރާންކަމެކެވެ. އުނދޯލި ވަށައިގެން ރަތްކުލައިގެ ސޫފިތަކެއް އެނބުރެމުން ދާތަން ފެނުމުން އޭނައަށް ހިނިތުންވެވުނެވެ.

” ކޯޗެއް ޒޯ ތިބަލަނީ؟ ” އިރުފާން ތުވާލިން މޫނާއި އަތް ފުހެލަމުން އައިސް ޒޯޔާގެ ގާތުގައިި މަޑުކޮއްލިއެވެ.

” އެހެރި އުނދޯލި ހުރީމައި… އަހަރެން ވަރަށް އެކްސްޕެކްޓް ކޮއްގެން ހުރި ޑުރީމްއެއް އެއީ… އުނދޯލި ހުންނަ ގެއެއްގައި އުޅުން… ތެންކިޔު އިރުފާން އަހަރެން ބުނި ގޮތަށް މިގޭގައި އުޅެން ވިސްނީމައި… ” ޒޯޔާ ފުންކޮށް ހީލުމުން އިރުފާން ވެސް ނުހަނު ހިތްހަމަޖެހުނެވެ.

” އެނީތިންގް ފޯރ މައި ވައިފް… ” އިރުފާން ޒޯޔާގެ ކޮލުގައި ހިފަހައްޓާލިއެވެ. ވައިފްއޭ ބުނުމުން ލަދުން އެސްފިޔަތައް ތިރިކޮއްލި ޒޯޔާ ފެނި އިރުފާންގެ ގާތަށް އައީ ހިންޏެވެ.

” ދެން ދޭ ވުޟޫކޮއްލައިގެން އަންނަން. އަހަރެން އެބަ އަންނަން ތިރިޔަށް ގޮސް އެއްޗެއް ހިފައިގެން… ” އިރުފާން ފާހަނައާއި ދިމާއަށް އިޝާރާތްކޮއްލަމުން ހިނގައިގަތީ ކޮޓަރި ދޮރުން ނުކުންނާށެވެ.

—

ބާރަގަޑި ބައިވެ ބޮޑުވި އިރު ފެންވަރައި ތާޒާވެލައިގެން ފާހަނައިން ނިކުތް އަމާނީގެ ދެލޮލުގައިވަނީ ނިދީގެ އަސަރުތަކެވެ. ވަކިން ހާއްސަކޮށް ތާފަނާ ފެނުން ފެންވަރާލުމުން އޭނަ ހުރީ ކުރިޔަށްވުރެ ބޮޑަށް ނިދި ގަދަވެފައެވެ. އެހެނަސް ޔާނިއުއާއި ވާހަކަ ނުދައްކާ ހިތްހަމަޖެހިގެން އޭނައަކަށް ނުއެއް ނިދޭނެއެވެ. ރޭގައި ކޮލެޖުން އައި އިރު ދައްކަން އައި ވާހަކަ ބައްޕައާއި ނުދެއްކުމުން ފަހުން ޔާނިއުއަށް ގުޅާކަށް އޭނައަކަށް ނުކެރުނެވެ. ރޭގައި ދެތިން ފަހަރަކު ޔާނިއު ގުޅުމުން ވެސް ފޯނު ނުނެގީ އެސަބަބާއި ހުރެއެވެ. އަނެއްކާ މިއަދު ވެސް އެހާ ހެނދުނުއްސުރެ ބުރަކޮށް އުޅުމުން ޔާނިއުއާއި އެއްވެސް ވަރަކަށް ވާހަކަ ދެއްކޭ ގޮތެއް ނުވިއެވެ.

ފަރުދާ ކަހާލައިފައިވާ ބެލްކަނިން ބޭރު ފެންނަ ގޮތަށް އިން ބެއިޖް ކުލައިގެ ރިކްލައިނާގައި އަމާނީ އިށީނދެލި އިރު އަތުގައި އޮތް ފޯނުން ޔާނިއުއަށް ގުޅާލިއެވެ. ފުރަތަމަ ގުޅާފައި ނުނެގުމުން ދެން ވެސް އަމާނީ ޔާނިއުއަށް ގުޅިއެވެ. މިފަހަރު ދެފަހަރަކު ރިންގުވި ތަނާހެން ޔާނިއު ކޯލް ބިޒީކޮއްލީއެވެ. އޮޅިގެން ބިޒީކޮއްލެވުނީ ކަމަށް ހިތާ އަމާނީ ދެން ވެސް ޔާނިއުއަށް ގުޅާލިއެވެ. މިފަހަރުވެސް ފޯނު ބިޒީކޮއްލީއެވެ. މުހިންމު ކަމެއްގައި އުޅެނީ ކަމަށް ހިތާ އަމާނީ ގުޅާލާށޭ ކިޔާ މެސެޖު ކޮއްލިއެވެ. މެސެޖު ދިޔަ ފަހުން ވެސް ފަސް ވަރަކަށް މިނެޓު ވާންދެން މަޑުކުރުމަށްފަހު އަމާނީ އަނެއްކާވެސް ޔާނިއުއަށް ގުޅާލިއެވެ. ފޯނު އޮތީ ނިއްވާލާފައެވެ. އޭނަ ރުޅިއައިސްފައި ހުރިކަން އަމާނީއަށް ފާހަގަވުމުން ދެލޯ ކަރުނުން ބަރުވިއެވެ. ދެން ކިތަންމެ ވަރަކަށް ގުޅިއަސް އޭނަ ގުޅާނީ އޭނަ ބޭނުންވި އިރަކުކަން އެނގޭތީ އަމާނީ ހިތްދަތިވިވަރުން ފޯނު ދުރަށް ހޫރާލިއެވެ. ބާރު އަޑާއިއެކު ފޯނު ގޮސް ފާރުގައި ޖެހުނު ވަގުތު އަމާނީ ދިޔައީ ސިއްސައިގެންނެވެ. ދުވެފައި ގޮސް ފޯނު ނަގާ ބަލާލި އިރު ފޯނުގެ ޑިސްޕުލޭ އޮތީ ތެޅިފައެވެ. ދެލޮލުން ކުރިޔަށްވުރެ ގިނައިން ކަރުނަތައް ފައިބައިގަތެވެ. ދެން ޔާނިއު ގުޅި އަސް ނުވެސް އިނގޭނެއެވެ.

ހިތްދަތިވެފައި ހުރެ އަމާނީ ތެދުވެ ބެލްކަންޏަށް ނިކުމެލީ މިހަމަހިމޭން ޤުދުރަތީ މާހައުލުން ކުޑަ ވެސް ހިތްހަމަ ޖެހުމެއް ލިބޭތޯއެވެ. ޖެހެމުން ދިޔަ ވަޔާއި އެއްވަރަށް އަމާނީ ލައިގެން ހުރި އަތްދިގު ހުދުކުލައިގެ ދިގު ނިދާ ހެދުން ވަޔާ ނަށަމުން ދިޔައެވެ. ދޫކޮއްލެވިފައިވާ ކޮނޑާ ހަމަޔަށް އަރާ ފަންފަން ކަޅު އިސްތަށިގަނޑުވެސް ހަރަކާތް ކުރަމުން ދިޔައީ ވަޔާ އެއްގޮތަށެވެ. ބެލްކަނީގެ ރެއިލިންގައި ހިފަހައްޓާލައިގެން ހުރި އަމާނީ، ވައިރޯޅިތައް އިސްތަށިގަނޑުގައި ބޭނުން ގޮތަކަށް ޖެހުމަށް ދޫކޮއްލަމުން ދެލޯ މަރާލި ވަގުތު ބާރު ބާރަށް އައި ކަޅު ދުންގަނޑެއް އަމާނީގެ ނޭފަތް ތެރެއަށް ވަނެވެ.

ނުނިމޭ

ވާހަކަ ލިޔުމުގައި މައްސަލައެއް ދިމާވެގެން މިޕާރޓް ލަސްވި ކަމަށްޓަކައި ކިޔުންތެރިންގެ ކިބައިން މައާފަށް އެދެމެވެ. ވާހަކައާއި ބެހޭ ގޮތުން ކިޔުންތެރިންގެ ހިޔާލެއްވާނަމަ ކޮމެންޓް ކޮއްލާށެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

umny

Level 210 Stories

Other Articles

Previous

އެކުގައިވާނަން-11

Next

ކަޅު ވިލާގަނޑު

Next
September 23, 2025

ކަޅު ވިލާގަނޑު

Previews
September 23, 2025

އެކުގައިވާނަން-11

2 Comments!

  1. Ghost girl 👻 says:
    September 23, 2025 at 8:26 pm

    Woowwww Masha Allah mi part ves vrh reethi vrh ufaa vehje ehaa busy koh ulhey iru ves vhk kiyaalan genesdheytheeeve curiously waiting for the next part when’s next lysm tc ❤️🥹

    1. umny says:
      September 25, 2025 at 2:30 pm

      Jazakillah hairan ghost girl for all the support you are giving. Next part already uploaded. Part 5 submit kohlaafa ihnaaney. Lyt. U too tc 🩷🩷🩷

Comments are closed.

Next Episodeގާތުގައިވި އަނދިރިކަން 4-2←


All Right Reserved!