Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތް އެދޭ މަންޒިލަކީ… 27

Nayaa
Nayaa Level 1010 Stories100 Comments100 Login500 Comments100 Stories
February 16, 2026 8 Mins Read
9 Comments

ތަކުރާރުކޮށް ޔާނިއު ކުރަމުން ދިޔަ ސުވާލާއި އެކު އެ ދެލޮލުގައި ވިދަމުން ދިޔަ ކަރުނައިގެ މުތީތައް ފެނުމުން ލިވްޔާއަށް ކެތް ކުރަން އުނދަގޫވިއެވެ. އެއްފަހަރު ހާސްވެފައި ހުރި ރައިހާންގެ މޫނަށް، އަނެއް ފަހަރު ކުރިމަތީގައި ރޮވިފައި ހުރި ޔާނިއު މޫނަށް ބަލަމުން ދިޔަ އިރު އެ ނާޒުކު ހިތުގައި ރެނދު ލަމުން ދިޔައީ މުޅި ނަފްސުގެ ހަމަޖެހުން ނަގައިލަމުންނެވެ.

“ކުޑާ.. ކުޑާ ވީ-” ބޭއިޚްތިޔާރުގައި ލިވްޔާ ބުނަން އުޅުނު ބަސް މަޑުވީ އެވަގުތު ގޯތިތެރޭގައި އޮތް އަނދިރި ބަގީޗާގެ ތެރެއިން ފެނުނު ނާއިފްގެ ސޫރައިންނެވެ. އިންޒާރުގެ ނަޒަރަކާ އެކީ ނާއިފް އޭނާގެ އަތުގައި އޮތް ފޯނު ދައްކައިލުމުން ލިވްޔާއަށް ހިންދިރުވައިލެވުނެވެ. އޭނާއަށް އެޅޭ އެންމެ ކަތި ފިޔަވަޅަކާ އެކީ ނާއިފް ކޮށްލާ އެންމެ ފޯނު ކޯލަކުން ލައިނީއާއި ލައިނީގެ ބަނޑުގައިވާ ނުއުފަން ދަރިފުޅު މި ދުނިޔެއަށް އަލްވަދާޢު ކިޔަން ޖެހިދާނެއެވެ. ކުރެވެން އުޅުނު ކަންތައް ހިތަށް އެރުމާއި އެކު ލިވްޔާގެ ދެލޯ ބޮޑުވެގެން ދިޔަ އިރު އިސާހިތަކު އެ ރީތި ދެލޮލުގައި ބިރުވެރިކަމާއި ހާސްކަމުގެ ކުލަވަރުތައް ރަސްކަން ކުރަން ފަށައިފިއެވެ. ނިމްޝާއާއި ނާއިފް ބުނި ފަދައިން އެމީހުންނަށް ސިއްރުން އެއްވެސް މީހަކަށް ހަގީގަތް ކިޔައިދިނުމަކީ ކިހައި އުނދަގޫ ކަމެއް ކަން ލިވްޔާއަށް އިހުސާސް ކުރެވުނީ އަދިކިރިޔާއެވެ.

“އަހަރެމެން.. އަހަރެމެން ގެއަށް އަންނަނިކޮށް.. ބަޔަކު.. ކުޑާ..” ހިންދިރުވައިލަމުން ލިވްޔާ ފެށީ ނިމްޝާއާއި ނާއިފް އިރުޝާދު ދީފައިވާ ގޮތަށެވެ. އޭރު ވެސް ބަގީޗާ ތެރެއިން ފާޅުވާން ހުރި ނާއިފްގެ ސޫރަ ލިވްޔާއަށް ފެންނަމުން ދިޔައީ އިންޒާރެއް ފަދައިންނެވެ.

“ބަޔަކު ކުޑާ.. ކިޑްނެޕް ކޮށްގެން ގެންދިޔައީ..” ދެލޯ މަރައި ބާރުކޮށްލަމުން ލިވްޔާ ބުނެލި ވާހަކައިން ރައިހާންގެ ދެލޯ ބޮޑުވެގެން ދިޔަ އިރު، ކުރިމަތީގައި ހުރި ޔާނިއުގެ ހިތް އަތަށް އައި ފަދައެވެ.

“ކިޑްނެޕް ކުރީއޭ..؟ ކާކު؟ ކޮން ބައެއް؟” ވަގުތުން ލިވްޔާގެ ދެކޮނޑުގައި ހިފައި ތަޅުވައިގަންނަމުން ޔާނިއު އަހައިލި އިރު އެ އަޑުގައިވީ އަސަރަކުން ލިވްޔާގެ ހިތަށް އިހުނަށްވުރެ ތަދުުވީ، މިވަގުތު ޔާނިއުގެ ހިތަށް ވާނޭ ތަދު އަންދާޒާކޮށްލެވުމުންނެވެ.

“ލިވީ! ޖަވާބު ދީބަލަ! ކިހިނެއްވީ ކަމެއް؟! ލިވީއަށް އެކަން ކުރި މީހެއްގެ މޫނު ފެނުނުތަ؟ އެއްވެސް އެއްޗެއް ހަނދާން އެބަހުރިތަ؟!” ޔާނިއުގެ ދުލުން ބޭރުވަމުން ދިޔަ ސުވާލުތައް ފުނިޖެހެމުން ދިޔަ އިރު ވެސް ލިވްޔާއަށް ކުރެވުނު ހަމައެކަނި ކަމަކީ ބަލަހައްޓައިގެން ހުރުމެވެ.

“ލިވްޔާ! ޖަވާބު ދީބަލަ!” ލައިނީއާ މެދުގައި ކަންބޮޑުވެ ހާސްވެފައިވީ ހުރި ވަރުންނާއި، ލިވްޔާ އެއްޗެކޭ ނުބުނެ ހުންނަން ފެށުމުން ޔާނިއުއަށް ރުޅި އާދެވުނީ ގަސްތަކައި ނުލައެވެ.

“ޔާން!” ޔާނިއު އަޑުއުފުލާ ލިވްޔާއާ ދިމާއަށް އެއްޗެކޭ ބުނުމުން ވަގުތުން ހިތްހަމަނުޖެހިފައި ހުރެ ރައިހާން ޔާނިއުގެ ކޮނޑުގައި ހިފައި ލިވްޔާއާ ދުރުކުރުވިއެވެ.

“އަހަންނަށް އެނގޭ މިވަގުތު ޔާން ތިހުރީ ވަރަށް ހާސްވެފައިކަން.. އެކަމަކު ރުޅިއައިސްގެން ލިބޭނެ އެއްވެސް މޮޅެއް ނޯންނާނެ.. ޔާން ޕޮލިހަށް ގުޅާ.. އަހަރެން ޒާމިންއަށް ގުޅާނަން..” ޔާނިއުގެ ކޮނޑުުގައި ހިފަހައްޓައިލަމުން ރައިހާން ވިސްނައިދޭ ރާގެއްގައި ބުނެލި ނަމަވެސް، މިވަގުތު ޔާނިއު ހާސްވެ ދެރަވާނޭ ވަރު ޚުދު އޭނާއަށް ވެސް އެނގެއެވެ. ރައިހާންގެ ބަސްތަކުން ހަމަޖެހެން މަސައްކަތް ކުރަމުން ޔާނިއު ލިވްޔާގެ ކޮނޑުން ދޫކޮށްލުމަށް ފަހު މޫނުގައި އަތް އުނގުޅައިލި އިރު އެ ދެލޯ ކަރުނުން ފުރި ބަރާވެއްޖެއެވެ.

“ލިވީ.. ކޮންމެސް އެއްޗެއް ހަނދާން ކުރެވޭތޯ ބަލާބަލަ.. ކޮންމެސް އެއްޗެއް..” އިހުނަށްވުރެ މަޑުން ޔާނިއު ބުނެލި އިރު އެ އަޑު ވަނީ ކުރަކިވެފައެވެ. ދެންމެ ދެންމެ ގިސްލަގިސްލާފައި ރޯން ފަށާނެޔޭ ހީވަމުން ދިޔަ އިރު، ޔާނިއުގެ ހާލަތުން ރައިހާންއަށް ވުރެ ބޮޑަށް ލިވްޔާއަށް އަސަރު ކުރީ، މިވަގުތު ޔާނިއުއަށް އެއްވެސް އެހީއެއް ވެދެވެން ނެތުމުންނެވެ.

“ޔާން.. ފަހުން ލިވްޔާއާ ވާހަކަ ދައްކާނީ.. އިހަށް ޕޮލިހަށް ގުޅާ..” މިވަގުތު ލިވްޔާއަށް ކޮށްފައި ހުރި އަސަރު ވިސްނުމުން ރައިހާން ބުނެލުމާއެކީ ޔާނިއު ވެސް ނޭފަތް ދަމައިލަމުން ބޯޖަހައިލިއެވެ. ޔާނިއު ޖީބުން ފޯނު ނެގުމާ އެކީ ރައިހާން ލިވްޔާގެ އަތުގައި ހިފައިގެން ގެންގޮސް ސޯފާގައި ބައިންދާފައި، ލިވްޔާގެ ކައިރީގައި އިށީން އިރު އެ ދިގު އިނގިލިތައް ވަނީ ލިވްޔާގެ ހިމަހޯލި އިނގިލިތަކާ މަހައިލެވިފައެވެ.

ފުލުހުންނަށް ގުޅުމަށް ފަހު ޔާނިއު ޒާމިނަށް ވެސް ގުޅާފައި ވީ ގޮތް ކިޔައިދިނީ މިކަމުގައި ޒާމިނަށް ވުރެ ބޮޑަށް އެހީވެދެވޭނޭ ދެވަނަ މީހަކު ނުހުންނާނެތީއެވެ. ޒާމިން ހަމަ މިހާރު މަސައްކަތް ފަށަނީ ކަމަށް ބުނެފައި ފޯނު ބޭއްވި ނަމަވެސް ޔާނިއުގެ ހިތަށް ކުޑަވެސް ހަމަޖެހުމެއް ނުލިބުނެވެ. އޭނާގެ ދަރިއަކު ބަނޑުގައި އޮތް އިރު، ލޯބިވާ އަންހެނުން މިވަގުތު ވީ ތަނެއް، އުޅޭ ޙާލެއް ނޭނގޭތީ އެ ހިތުގައި އަޅަމުން ދިޔަ ވޭން ދެނެވޮޑިގެން ވާނީ ހެއްދެވި ފަރާތެވެ. ލައިނީއަށް ކުޑަ ވެސް އަނިޔާއެއް ލިބިއްޖެ ނަމަ އޭނާ ދުނިޔެއިން މޮޔަވެދާނެއެވެ. އޭނާގެ އަލަތު ދަރިފުޅު އުރައިލާ، ބޮސްދީ ހެދުމުގެ ނަސީބު ނުލިބެނީސް ބީވެއްޖެ ނަމަ އޭނާގެ ހަށިގަނޑާ ފުރާނަ ވެސް ދެތަން ވެދާނެއެވެ.

“ލައި.. ޕްލީޒް.. ދެން އަހަރެން ކައިރިޔަށް އާދޭ..” ގިސްލެވެމުން ދިޔަ ޙާލު ވައި އަޑުން ޔާނިއުއަށް ބުނެވުނު އިރު ދޮރާ ދިމާއަށް ބަލައިލެވުނީ ލައިނީ ފެނިދާނެ ކަމުގެ އުއްމީދުގައެވެ. އެ ލަދުރަކި ހީލުމާ އެ ފަރި އަދާތަކުން އޭނާ މަޙުރޫމު ނުވޭތޯ ހިތާހިތުން ދުޢާކުރެވެމުން ދިޔަ ޙާލުގައެވެ.

ބަގީޗާ ތެރޭގައި ހުރެ އެ މަންޒަރު ބަލަމުން ދިޔަ ނާއިފްގެ ތުންފަތް މަތީގައި ދުވެލީ މަކަރުވެރި ހިނިތުންވުމެކެވެ. ވަގުތުން ނިމްޝާއަށް ގުޅައިލާފައި ހުރިހައި ކަމެއް ވެސް ދަނީ ރަނގަޅަށް ކަމުގައި ބުނެލުމާއެކު ދެން ގުގުމައިލީ އެ ދެމީހުންގެ ނުލަފާ ހުނުމުގެ އަޑެވެ.

*** ** ***

އިރު އޮއްސެމުން ދިޔަ ވަގުތު ބެލްކަނީގައި ޔާނިއު އިން އިރު އެ ނަޒަރު އަމާޒުވެފައި ވަނީ ރަތާއި އޮރެންޖު ކުލައިން ފެވެމުން ދިޔަ އުދަރެހަށެވެ. އެ މޫނުމަތީގައި އެއްވެސް ދިރުމެއް ނުވާ އިރު، އެ މަޑު މުށިކުލައިގެ ރީތި ދެލޮލުން ފެންނަމުން ދިޔައީ ނިމުމެއް ނެތް ހިތާމައާއި އުދާހެވެ. ލައިނީގެ ޚަބަރެއް ނުވާތާ ދެ ދުވަސް ވެފައިވާ އިރު، ލައިނީއާ އެކުގައި އޭނާގެ އުފާވެރިކަން ވެސް ބީވެގެން ދިޔަ ފަދައެވެ.

ބެލްކަނީގެ ދޮރުމަތީގައި ޔާނިއުގެ މިލާފައިވީ މޫނަށް ނަޒަރު ހުއްޓާލައިގެން ހުރި އިރު ރައިހާންގެ ހިތް ވެސް ދިޔައީ ޔާނިއުއަށް ޓަކައި ކަރުނަ އޮހޮރަމުންނެވެ. ލައިނީގެ ޚަބަރެއް ނުވާތާ ދެ ދުވަސް ވެފައިވާ އިރު، ޔާނިއުގެ ހާލު ދުވަހަކަށް ވުރެ ދުވަހެއް ގޯސްވަމުން ދާ މަންޒަރު ބަލަން ރައިހާންއަށް ވަނީ މަޖުބޫރުވެފައެވެ. ޔާނިއުގެ އިތުރުން އަނީސާއި، ރައިހާންގެ އާއިލާ އެންމެން ވެސް ލައިނީގެ ޚަބަރެއް ނުވާތީ ކަންބޮޑުވެފައިވާ ވަރު ރައިހާންއަށް އަބަދުމެ ފެންނަމުން ދިޔައެވެ.

އެހެނަސް ޔާނިއުގެ ޙާލު އެހެން އެންމެނަށް ވުރެ ގޯހެވެ. އަރުތެރެއިން ކާއެއްޗެއް ނުދިރޭ ތާނގައި އަބަދުމެ ޔާނިއުގެ ކަމަކީ ރޮއެ ހިތާމަކުރުމެވެ. ވީނުވީއެއް ނޭނގި ގެއްލިގެން އެ ދިޔައީ ފުރާނަ ފަދައިން ލޯބިވާ އަނބިމީހާއާއި ނުއުފަން ތުއްތު ދަރިފުޅު ވެސް މެއެވެ. އެއްވެސް ކަމެއް ކުރާނެހައި ހިތްވަރު ޔާނިއުގެ ނެތް އިރު، ކަށީގައި ނެތް ހިތްވަރު ލައިގެން ކޮމްޕެނީގެ ހުރިހައި ކަންތައްތަކަކާއި، ގޭ އެންމެންގެ ކަންތައްތައް ބަލަހައްޓަމުން ދިޔައީ ރައިހާންއެވެ. ޢުމުރު ދުވަހު ޔާނިއު ވާ ވަރަށް އޭނާއަށް ޓަކައި ޤުރުބާންވެއްޖެއެވެ. މިއަދު މިއީ އޭނާ ޔާނިއުއަށް އެކަން ކޮށްދޭން ޖެހޭ ދުވަސް ކަމުގައި ރައިހާން ޤަބޫލުކުރެއެވެ.

ދެ ދުވަސް ވީ އިރު ލިވްޔާގެ ފަރާތުން ވެސް އެހެންޏާ ނުފެންނަ ފަދަ އާދަޔާޚިލާފު ދުރުކަމެއް ރައިހާންއަށް ފާހަގަ ކުރެވެމުން ދިޔައެވެ. އެއީ ލައިނީގެ ކުއްލި ވަކިވުމާ ގުޅިގެން ލިވްޔާއަށް އައި ބަދަލެއް ކަމުގައި ވިިސްނައިގެން ހުރި ރައިހާންއަށް ލިވްޔާގެ ހިތް ކުދިކުދިވެފައިވީ މިންވަރާއި، އޭގެ ފަހަތުގައި ފޮރުވިފައިވީ އަސްލު ސަބަބު ބަޔާން ކުރަން ނުކުޅެދުނެވެ. އެހެން މީހުންނާ ޚިލާފަށް ލިވްޔާ ހިތާމަ ކުރާ މަންޒަރު ނުފެނި، އަބަދު ކަހަލަ ގޮތަކަށް ކޮމްޕެނީގައި ހޭދަކުރަމުން ދިޔުމުން ރައިހާންއަށް ލިވްޔާގެ ހިތުގައިވީ އެއްޗެއް ދެނެގަންނަށް އުނދަގޫވިއެވެ. ބަޔަކު އައިސް ލިވްޔާގެ ކުރިމަތީގައި ގަދަކަމުން ލައިނީ ގެންދިޔަ އިރު، ދެކޮޅަށް ކަމެއް ނުކުރެވުނު ތާނގައި، އެ ކަންތައްވީ ގޮތް ކިޔައިދޭން ވެސް ލިވްޔާއަށް ނޭނގޭކަން ޤަބޫލު ކުރަން ރައިހާންއަށް އުނދަގޫ ވަނީއެވެ. އޭނާގެ ލިވްޔާއަކީ އެއަށް ވުރެ މާ ކެރޭ، މާ ޖެހިލުންކުޑަ، ކުޅަދާނަ އަންހެން ކުއްޖެކެވެ. އެންމެ ލޯބިވާ ދައްތަ ލޯކުރިމަތީގައި ވަކިކޮށްގެން ގެންގޮސް، ޚަބަރެއް ނުވާތާ ދެ ދުވަސްވީ އިރު، އެކަމުން އެއްވެސް އަސަރެއް ނުދައްކާ ލިވްޔާ ހުރި ހުރުން އެއީ ރައިހާންއަށް ޤަބޫލުކުރެވޭ ކަމަކަށް ނުވިއެވެ. މި ހުރިހައި ކަމެއްގެ ފަހަތުގައި ފޮރުވިފައިވީ ސަބަބުތަކެއް ވާކަމުގައި ރައިހާންގެ ހިތް ބުނަމުން ދިޔަ ނަމަވެސް، އެކަމަށް ޔަގީން ޖަވާބެއް ނުދެވެނީ ލިވްޔާގެ ފަރާތުން އިހުސާސް ކުރެވެމުން ދިޔަ އާދަޔާޚިލާފު ކުއްލި ބީރައްޓެހިކަމާއި ދުރުކަމުންނެވެ.

ދެ ދުވަސްވީ އިރު ލައިނީގެެ ވަކިވުމާ އެކީގައި މުޅި ގޭތެރޭގެ ދިރުން ވެސް ގެއްލިގެން ދިޔަ ފަދައެވެ. މުޅި ގޭތެރެ ހަމަހިމޭން ވެފައި އޮތް އިރު، ލައިނީގެ ޚަބަރެއް ނޭނގޭތީ އެންމެން ކަރުނަ އޮހޮރަމުން ދިޔަ މަންޒަރު ބަލަން ރައިހާންއަށް ހުރެވުނީ ގޮތްހުސްވެފައެވެ. ފުލުހުންނަށް އަންގައިގެން ވެސް އެއްވެސް އަލިމަގެއް ނުފެނުނު އިރު، މިފަހަރު ކުޅަދާން ޒާމިނަށް ވެސް ލައިނީގެ ޚަބަރެއް ހޯދުން ވީ ނުހަނު އުނދަގޫ ކަމަކަށެވެ. ޔާނިއުއާއި ރައިހާންގެ އެދުމުގެ މަތިން ޒާމިން ވެސް ރެޔާ ދުވާލު ލައިނީ ވީ ތަނެއް، ވީ ޙާލެއް ހޯދޭތޯ އުޅެމުން ދިޔަ ނަމަވެސް، އަދިވެސް އެކަން ކާމިޔާބުވާ ގޮތް ވަނީ ނުވެފައެވެ. އެއަށްވުރެ ލައިނީ ގެންދިޔަ ބަޔަކު ކަންތައް ކުރަމުން ދިޔައީ މާ ވިސްނުންތެރިކަމާ، މަކަރުވެރިކަމާ އެކީއެވެ.

ފުން ނޭވާއެއް ދޫކޮށްލުމަށް ފަހު ރައިހާން ލަސް ފިޔަވަޅުތަކެއްގައި ގޮސް ޔާނިއުއާ ޖެހިގެން އުނދޯލީގައި އިށީނދެލިއެވެ. އެވަގުތު ރައިހާންގެ ހަނދާނުގެ ވާފަށް ގުޅިގެން ދިޔައީ އޭނާއާ ލިވްޔާ ފުރަތަމަ ރައްޓެހިވީ ދުވަހުގެ ރޭ ހަމަ މި އުނދޯލީގައި ތިއްބާ ޔާނިއުއާއި ލައިނީ އައިސް އައިސާމަނިކެ ގާތު ބުނާނަމޭ ކިޔައި ބިރުދައްކައިގެން އެދެމީހުން މިތަނުން ފޮނުވައިލި ރެޔާއެވެ. މި އުނދޯއްޔާއި، މި މާހައުލަކީ ޔާނިއުއާއި ލައިނީގެ ކައިވެނީގެ އެތައް ފުން ހަނދާންތަކެއް ގުޅިފައިވާ ތަނެއް ކަން ހަނދާންވުމުން ރައިހާންގެ ހިތް އިތުރަށް ކުދިކުދިވީ މިވަގުތު ޔާނިއު ވާނޭ ދެރަ އަންދާޒާ ކޮށްލެވުމުންނެވެ.

“ޔާން..” ޔާނިއުގެ ކޮނޑުމަތީގައި އަތް ބާއްވައިލާފައި ރައިހާން ގޮވައިލުމާއެކީ ޔާނިއު ރައިހާންއަށް ބަލައިލި ނަމަވެސް އެ ބެލުމުގައި އެއްވެސް ދިރުމެއް ނުވެއެވެ.

“ރެން.. އަހަރެން.. އަހަރެންގެ ލައި..” އެހައި ހިސާބަށް ބުނެވުނުތަނާ ޔާނިއުގެ ދެލޯ ފެންކަޅިވީ މަންޒަރު ބަލަން ރައިހާންއަށް އިނދެވުނީ ގޮތްހުސްވެފައިވާ މީހަކު ފަދައިންނެވެ. ލޯބިވާ ބޭބެގެ ހިތާމަތައް ލުއިކޮށްދޭން ބުނާނެ އެއްޗެއް، ކޮށްދޭނޭ ކަމެއް އެ ވިސްނުންތޫނު ސިކުނޑިއަކަށް މިވަގުތު ނައެވެ.

“ޔާން.. ހިތްވަރު ކުރޭ… އިންޝާﷲ އަދި ލައި ފެންނާނެ..” ޔާނިއުގެ ގައިގައި ބައްދައިލަމުން ރައިހާން ބުނެލި އިރު ޚުދު ރައިހާންގެ ދެލޯ ވެސް ފެންކަޅިވެއްޖެއެވެ. ލައިނީ އަކީ ހަމައެކަނި އޭނާގެ ފަހަރިއެއް ނޫނެވެ. އެއީ ރީނާގެ ފަރާތުން އެއްބަނޑުއެއްބަފާ ދައްތައެއްގެ ލޯބި ނުލިބުނު އިރު، އެ މަޤާމު ފުރައިލަދިން ފަރާތެވެ. އޭނާއާ ލިވްޔާއާ ދިމާވުމަށް މެދުވެރިވީ ޙަޤީޤީ ސަބަބެވެ. އެ ހަށިތެރޭގައި ވިންދު ޖަހަމުން ދަނީ އޭނާގެ ބޭބެ، ޔާނިއުގެ އަލަތު ދަރިފުޅެވެ. އޭނާއަށް ބޮޑުބޭބެ ކިޔާނޭ ތުއްތުތުއްތު މައުސޫމު ފުރާނައެކެވެ. ލައިނީއަށް ނުވަތަ އެ ބަނޑުގައި ވާ ކުޑަކުޑަ ފުރާނައަށް ކަމެއް ވެއްޖެ ނަމަ ޚުދު ރައިހާންގެ ހިތް ވެސް ހަލާކުވެދާނެއެވެ.

“ރެން.. އަހަރެންގެ ލައި.. އަހަރެންގެ ބޭބީ… ލައި އެހާލުގަ އިންދާ.. އަހަރެން.. އަހަރެން ހާދަ ބިރެއް ގަނޭ.. ހާދަ ދެރައެއް ވެޔޭ.. ލައިއަށް ކަމެއް ވެއްޖެއްޔާ.. ބޭބީއަށް ގޮތެއް ވެއްޖެއްޔާ.. އެއިން އެކަކަށް ކުޑަ ވެސް ގެއްލުމެއް ލިބުނަސް.. އަހަރެން މަރުވެދާނެ.. ރެން..” ރައިހާންގެ ގައިގައި އޮޅުލައިގަންނަމުން ޔާނިއު އެ ހިތުގެ އުދާސްތައް ބޭރުކުރަމުން ދިޔަ އިރުު ގިސްލަގިސްލާފައި ރޮވެމުން ދިޔައެވެ. ޔާނިއުގެ ހަށިގަނޑުގައިވީ މަޑު ތުރުތުރާއި، އެ ވޭނީ ގިސްލުމުގެ އަޑުން ރައިހާންގެ ހިތަށް އިތުރަށް އަސަރު ކުރަމުން ދިޔައެވެ.

“ތިހެން ނުވިސްނާ ޔާން.. އިރާދަކުރެއްވިއްޔާ ހުރިހައި ކަމެއް ވެސް ރަނގަޅުވާނެ.. މާތްﷲއަށް ވަކީލު ކުރޭ.. އެކަލާނގެ އެއްވެސް އަޅަކަސް ދެރަ ގޮތެއް މެދުވެރިއެއް ނުކުރައްވާނެ.. ގިނަގިނައިން ދުޢާ ކުރޭ.. ވީ ވިލް ޓްރައި އަވަރ ބެސްޓް.. އިންޝާﷲ ލައި ވަރަށް އަވަހަށް ފެންނާނެ.. ލައި ވެސް ބޭބީ ވެސް ހަމަ އޯކޭ ވާނެ.. އަދި ކުޑަކުޑަ ހިތްވަރެއް ކޮށްލާ ޔާން..” ރައިހާން ދެމުން ދިޔަ ހިތްވަރުގެ ބަސްތަކުން ވެސް ޔާނިއުގެ ހިތަށް ހަމަޖެހުމެއް ލިބުނުހެން ހީނުވެ، އިތުރަށް ރޮވޭ ގޮތް ވީއެވެ.

“ކީއްވެތަ މިހެން މިވީ..؟ އަހަރެންގެ ކުށަކީ ކޮބާ..؟ ލައިގެ ކުށަކީ ކޮބާ..؟ ދުނިޔެމަތީގަ ފިރިއަކަށް ލިބޭނެ އެންމެ އުފާވެރި ޚަބަރު އަހަންނަށް ލިބުމަށް ފަހު.. ކުޑަ ދުވަސްކޮޅެއް.. ދެމަސް ދުވަސް ވެސް ނުވެ އަހަންނަށް ލައި ގެއްލުނީ.. އަހަރެން ދެން.. ދެން ކިހިނެއް ހަދާނީ..؟” ޔާނިއުއަށް އަދިވެސް ޝަކުވާ ކުރެވެމުން ދިޔައީ ހިތާމައިގައި އެ ހިތް ބަލިކަށިވެފައިވީ މިންވަރުންނެވެ.

“ޔާން.. ޔާންއަކަށް އަދި ލައިއެއް ނުގެއްލޭ.. އަދި ލައި ފެންނާނެ.. އެހައި އަވަހަށް ގިވަޕް ނުކުރޭ.. އިންޝާﷲ ވަރަށް އަވަހަށް ޔާންއަށް ލައި ފެންނާނެ.. އަހަރެން އެކަން ޔަގީން ކުރާނަން.. އަހަންނަށް އިތުބާރު ކުރޭ..” އެ ޔަގީންކަން ޔާނިއުއަށް ރައިހާން ދިން އިރު، އެ ބުނި ބަހުގައި އެކުލެވިފައިވާ ޙަޤީޤަތް ރައިހާންއަށް ނުވިސްނުނީއެވެ. ޔާނިއުއަށް ހެޔޮ ޙާލުގައި ލައިނީއާއި، އަލަތު ދަރިފުޅު ލިބެން އޮތް ހަމައެކަނި ގޮތަކީ ރައިހާންގެ އުފާތަކާއި، ރައިހާންގެ ލޯބި ޤުރުބާންކޮށްގެން ކަން ރައިހާންއަށް ވިސްނޭނީ ފަހެ ކިހިނަކުން ހެއްޔެވެ؟

ބެލްކަނީގެ ދޮރުމަތީގައި އެ މަންޒަރު ބަލަން ހުރި ލިވްޔާގެ ހިތް ހީވަނީ ވިރިގެން ފައިބާ ހެންނެވެ. މެޔާ ދިމާލުން ދިލަ ތަދެއް އިހުސާސް ކުރެވެމުން ދިޔަ އިރު، ލިވްޔާގެ ދެލޯ އިސާހިތަކު ފުރިގެން ދިޔައީ ވޭނީ ކަރުނައިގެ މުތީތަކުންނެވެ. ފަހަތަށް އެނބުރި ބެލްކަނީގެ ދޮރާ ޖެހިގެން ހުރި ފާރުގައި ލެނގިލައިގެން ހުރި އިރު ހިތާވީ ދިމާލުން މޭގައި އަތްއަޅައި ބާރުުކޮށްލެވުނީ ހިތަށް ވަމުން ދިޔަ ތޫނު ތަދެއްގެ ސަބަބުންނެވެ.

ލައިނީ ވީ ތަނާއި ލައިނީގެ ޙާލު އެނގި ހުރެމެ އޭނާގެ ދުލުގައި ތަޅެއް ލެވިފައި ވަނީ ބާރު ގަދަ އަތްތަކަކުންނެވެ. ޔާނިއުގެ ފަރާތުން ކޮންމެ ދުވަހަކުމެ އޭނާއަށް ފެންނަމުން ދިޔައީ ފިރިއަކު އަނތްބަކަށް ޓަކައި އޮހޮރާ ކަރުނައެވެ. ބައްޕައަކު ދަރިއަކަށް ޓަކައި ކުރާ ހިތާމައެވެ. އެކަން ފެނިމެ، އެއްވެސް ކަމެއް ކުރެވޭކަށް ނެތެވެ. އެއްވެސް އެއްޗެއް ބުނެވޭކަށް ވެސް ނެތެވެ. ނިމްޝާ ދިން ތިން ދުވަހުގެ މުހުލަތުން ދެ ދުވަސް ފާއިތުވެގެން ގޮސްފައިވީ އިރު، ލިވްޔާ ދިޔައީ އޭނާގެ އުފާތައް އަމިއްލަ ދެއަތުން ވެއްޔާ މޮޑެލަން ތައްޔާރުވަމުންނެވެ. ކިތަންމެ ބޮޑު ޤުރުބާނީއެއް ވެގެން ވެސް ލޯބިވާ ދައްތަގެ އުފާ ދައްތައަށް މިލްކުކޮށްދޭން ލިވްޔާ ހުރީ ތައްޔާރަށެވެ. އެ ދައްތަ މުޅި ޢުމުރު ދުވަސް ހޭދަކުރީ އޭނާހެ ޙައްޤުގައެވެ. މިއަދު މިއީ އޭނާ އެކަމުގެ ބަދަލު އެ ދައްތައަށް ދޭން ޖެހޭ ދުވަހެވެ.

ބޭރުފުށުން އެއްވެސް އަސަރެއް ނުދައްކާ، މުޅި ދުވަސް ކޮމްޕެނީގައި އޭނާ ހޭދަކުރަނީ ހަމަ ލޯބިވާ ދައްތަގެ ޙައްޤުގައި ކަން އެނގޭނީ ފަހެ ކާކަށް ހެއްޔެވެ؟ އޭނާގެ ކޮންމެ ޢަމަލެއް، ކޮންމެ އަދާއެއް ނިމްޝާއާއި ނާއިފް ނުހަނު ގާތުން ބަލަމުން ދިޔަ އިރު، އޭނާގެ މަޖުބޫރީ ޙާލަތުގެ ވާހަކަ ބުނާނީ ފަހެ ކާކުގެ ގާތުގައި ހެއްޔެވެ؟ އެހީއަކަށް އެދި އޭނާ ދާނީ ކާކުގެ ގާތަށް ހެއްޔެވެ؟

އިތުރަށް އެތަނުގައި ހުންނަން ކެތް ނުވުމުން ލިވްޔާ ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ސިޓިންރޫމަށް ނުކުތެވެ. އެވަގުތު ސޯފާ ކައިރީގައި ހުރި ގޮނޑީގައި އިން އަނީސް އިސްޖަހާލައިގެން އިން އިރު، އެ މޫނުމަތީގައި އޮޅިފައިވީ ހިތާމައިގެ ސާލުން ލިވްޔާ އިތުރަށް ބަލިކަށި ވިއެވެ. ލައިނީ ގެއްލުނީއްސުރެ އަނީސް އިންނަނީ އެފަދަ ޙާލެއްގައެވެ. މިހާރު ކޮންމެވެސް ވަރަކަށް ޙަރަކާތްކޮށް، ބަސްބަސް ކިޔައި އުޅެވުނު ނަމަވެސް ލައިނީ ގެއްލުމަށް ފަހު، އެއިން އެއްވެސް ޙަރަކާތެއް ވެސް އަނީސްގެ ކިބައިން ނުފެނެއެވެ. އިއްޔެގައި އޮތް ސްޕީޒް ތެރަޕީ ސެޝަންއާއި ފިޒިއޮތެރަޕީ ސެޝަނަށް ދިޔުމަށް ވެސް އަނީސް ދެކޮޅު ހެދީ ލައިނީ ނޫން މީހަކާ އެކީ ނުދާނަމޭ ކިޔާފައެވެ. ލޯބިވާ ބައްޕަ ކުރާ ހިތާމަ ބަލަން ކެތް ނުވުމުން ލިވްޔާ އިތުރަށް އެތަނުގައި މަޑުނުކޮށް ގޮސް ވަނީ އޭނާގެ ކޮޓަރިއަށެވެ.

ކޮޓަރީގެ ދޮރު ތަޅުލުމަށް ފަހު، ކޯތާފަތް މަތީ ފިރުކެމުން ދިޔަ ކަރުނަތައް ފުހެލާފައި ލިވްޔާ ގޮސް ހުއްޓުނީ އަލަމާރީގެ ކުރިމަތީގައެވެ. ލަސް ޙަރަކާތްތަކަކާ އެކީ އަލަމާރީގެ ދޮރުފަތް ހުޅުވައިލާފައި ލައިނީ ނެގީ އެރޭ ނިމްޝާ ދިން ފައިލެވެ. އޭގެ އިތުރުން މި ވެއަތުވެގެން ދިޔަ ދެ ދުވަސް ތެރޭ އޭނާ ނިމްޝާ ބުނެގެން ކޮމްޕެނީ ތެރޭގައި ކުރި މަސައްކަތްތަކުގެ ރެކޯޑާއި ލިޔުންތައް އެކުލެވޭ ފައިލު ވެސް ނެގި އިރު، އެ ދެ އަތް ތުރުތުރުލައެވެ.

މިއަދު ދެމީހުންގެ ފުރާނަ އޮތީ އޭނާގެ އަތްމަތީގައެވެ. އެތައް ބައެއްގެ އުފަލާއި ހިތްހަމަޖެހުން ގުޅިފައިވަނީ އޭނާ ކުރަން އިޚްތިޔާރު ކުރާ ކަމަކާއެވެ. ފަހަރުގައި ވެސް އަމިއްލަ އެދުން އިސްކުރުމަކީ އޭނާ ކުރަން ބޭނުންވާ ކަމެއް ނޫނެވެ. އެއްވެސް ފަސްޖެހުމަކައި ނުލައި މިއަދު ވެސް ލިވްޔާ އެ ދަނީ ލޯބިވާ ދައްތައަށް ޓަކައި އަމިއްލަ އުފާތައް ޤުރުބާން ކުރަމުންނެވެ. އެހެނަސް…

އެހެނަސް މިއަދު އޭނާ ޤުރުބާން ކުރަމުން އެ ދަނީ ހަމައެކަނި އޭނާގެ އުފަލެއް ނޫނެވެ. ފުރާނަ ފަދައިން ލޯބިވާ ރައިހާންގެ އުފަލާއި ހިތްހަމަޖެހުން ވެސް މެއެވެ. ރައިހާންގެ މައިންބަފައިންގެ ކުއްލި ވަކިވެދިޔުމަށް ފަހު ރައިހާންއާއި ޔާނިއު އެތައް އަހަރެއް ވާންދެން ކުރި ބުރަ މަސައްކަތުގެ ފޮނި ނަތީޖާއެވެ. ރައިހާންގެ މުޅި ޢާއިލާގެ ނަމާއި ޤަދަރުވެރިކަމެވެ. އެހެނަސް އިއްޒަތާ ޤަދަރާއި، ފައިސާއަށް ވުރެ މިއަދު ޔާނިއުއަށް ވެސް، ރައިހާންއަށް ވެސް، އަދި އެ މުޅި ޢާއިލާއަށް ވެސް ލައިނީއާއި ލައިނީގެ ބަނޑުގައި އަށަގަންނަމުންދާ ތުއްތު ފުރާނަ މުހިއްމުވާނޭކަން ލިވްޔާއަށް ޔަގީނެވެ. އެހެނަސް އޭނާއަށް އަދިވެސް ނޭނގުނު ކަމަކީ ނިމްޝާއާއި ނާއިފް ގުޅިގެން މިވަރުގެ ކަމެއް ކުރަންވީ ސަބަބެވެ. ކުރިން ކަންތައް ވެފައި އޮތް ގޮތުން، މިއީ އިއްޔެއަކު މިއަދަކު އެމީހުން ރޭވިި ކަމެއް ނޫން ކަން އެނގޭހައި ވެއެވެ. އެހެނަސް މިއީ އެތައް އަހަރެއްގެ ކުރިޔާ ގުޅިލާމެހިފައިވާ އަޑިނޭނގޭ އަނދިރި ކަންތައްގަނޑެއް ކަން ލިވްޔާއަށް ޔަގީންވެއެވެ. އެހެނަސް އޭނާއަށް ނޭނގެނީ އެއީ ކޮން ކަންތައްގަނޑެއް ކަމެވެ.

ފައިލްތައް ހުޅުވައިގެން ފުން ވިސްނުމަކަށް ގެއްލިފައި ހުރި ލިވްޔާ ކުއްލިއަކަށް ސިހުނީ ހަމަ އެ ކަބަޑު ތެރޭގައި އޮތް ފޯނަށް އައި މެސެޖެއްގެ އަޑުންނެވެ. ފުން ނޭވާއެއް ދޫކޮށްލާފައި، ނޭފަތް ދަމައިލަމުން ލިވްޔާ އެ ފޯނު ނަގާފައި ހުޅުވައިލިއެވެ. އެއީ އެރޭ އޭނާގެ ފޯނު ހަލާކުކޮށްލުމަށް ފަހު، ނިމްޝާ އޭނާއަށް ދިން ފޯނެކެވެ. އޭނާ އެންމެންނަށް ސިއްރުން ގެންގުޅޭ ފޯނެކެވެ. އެ ފޯނުން ވާހަކަ ދެއްކޭނީ ނުވަތަ ގުޅޭނީ ހަމައެކަނި ނިމްޝާއާ ނުވަތަ ނާއިފްއާއެވެ. އިތުރު ކަމެއް އެ ފޯނުން ނުކުރެވޭ އިރު، ކުރަން މަސައްކަތް ކޮށްފި ނަމަ އެކަން ވެސް ވަގުތުން ނިމްޝާއަށް އެނގޭނެއެވެ. އެހައި ވެސް އެ އަންހެނާގެ ރޭވުން ނުބައިވެފައި މަކަރުވެރިއެވެ.

“ދެ ދުވަސް ފާއިތުވެއްޖެ.. ބާކީ އެންމެ ދުވަހެއް.. އުފާބެރި ޚަބަރަކަށް އަހަރެން އިންތިޒާރު ކުރަން.. އެހެންނޫނީ ލައިނީ…” ނިމްޝާ ކޮށްފައި އޮތް މެސެޖު ކިޔައިލެވުމާ އެކީ ލިވްޔާގެ ދެތުންފަތް ފޫއަޅުވައިލާފައި ގިސްލުމުގެ އަޑު ބޭރުވީ ހިތަށް ކުރި އަސަރެއްގެ ބޮޑުކަމުންނެވެ. އަމިއްލަ މީހާގެ މަޖުބޫރީ ޙާލަތު ވިސްނި، އަމިއްލަ ބަލިކަށިކަން އިހުސާސްކުރެވުނުލެއް ބޮޑުކަމުންނެވެ. އިހުނަށްވުރެ ބާރަށް ފޯނުގައި ހިފަހައްޓައިލީ އިރު، ދެފައިން ވާގި ދޫވެގެން ގޮސް ދެކަކޫ މައްޗަށް ތިރިވެވުނު އިރު އެ ދެލޮލުން ހޯސްލާފައި ކަރުނަ ފައިބަމުން ދިޔައީ ލިވްޔާގެ ހިތުގައި އުފެދިފައިވާ ހައިޖާނުގަނޑު ކަޝްފުކުރަމުންނެވެ. ގިސްލަގިސްލާފައި ރޮވެމުން ދިޔަ އިރު އެ ހިތުގައި އަޅަމުން ދިޔަ ދިލަ ވޭން އިހުސާސް ކުރެވި، ލިވްޔާ މުޅިން ބަލިކަށިވެއްޖެއެވެ. ހަދާނެ ގޮތް ހުސްވެ، ބިކަވެއްޖެއެވެ.

 

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Nayaa
Follow Me Written By

Nayaa

Level 1010 Stories100 Comments100 Login500 Comments100 Stories

I write for therapeutic reasons. Author of "Hithuge Shakuvaa", "Hoadhan Neydhen Loebbeh Thiya Noon", "Thiya Loebbah Edheveythee" and "Hiyy Edhey Manzilakee"

Other Articles

Previous

އަބަދުވޭ ހިތުގާ މަގޭ 2 (29) ފަހުބައި

Next

ތި ސޫރަ ނޫން 47

Next
February 17, 2026

ތި ސޫރަ ނޫން 47

Previews
February 16, 2026

އަބަދުވޭ ހިތުގާ މަގޭ 2 (29) ފަހުބައި

9 Comments!

  1. Anonymous says:
    February 16, 2026 at 1:08 pm

    Soo touching. Hama rovijje 💔💔💔

  2. Shishashu says:
    February 16, 2026 at 1:32 pm

    Gisslevihje😭😭💔💔.. Haadha emotional ey💔💔.. Livy evanee haadha bodu gurubaanee ekey😭😭.. I anm sure i cant do that😭😭💔💔

  3. Anonymous says:
    February 16, 2026 at 3:43 pm

    Aley soooo 😢.. livy nikan zaamin kairi bunegn gotheh veytho balaabala livy thihaa findhi vegn thikameh nuvaane.. ren and yaan ge bura mashakah fenah dhuhvaalaakah nuvaane ehnu

  4. Ehkl meeha says:
    February 16, 2026 at 4:02 pm

    Alheyyyyy I feel so bad for livy😭

  5. Fr says:
    February 16, 2026 at 6:03 pm

    I nama hama e meehun kalhi mathee jahaannannnnnnn

  6. gurrrl says:
    February 18, 2026 at 4:35 am

    Naayooo this is so unfair why livyy ah ehn thihadhaniii mi hus e nimshaa gandu kanthakeyy btw im so curious pls livy n ren dhuru nukurahche 😭😭😭 lai aa yaan ge baby vess plsss 😭😭😭😭
    Rohihje fr 💔💔💔
    Keep it up
    When next part i cant wait 😭😢

  7. 🥀 says:
    February 18, 2026 at 4:36 am

    Insaaniyathu kameh huri namaka nimshaa ehn nuhadhaane livy aa lai akah… so hurt frr 💔💔💔😭😭😭😭😭😭

  8. Eelam.. says:
    February 19, 2026 at 5:05 pm

    💔💔💔💔🥲

  9. Anonymous says:
    February 26, 2026 at 7:08 pm

    When next???
    Are u dead???
    Tell us a reason why the next episode is late.

Comments are closed.

Next Episodeހިތް އެދޭ މަންޒިލަކީ… 28←


All Right Reserved!