ހިތް އެދޭ މަންޒިލަކީ… 26
“ހަޅޭއްލަވާ.. ހަމަ ބޭނުން ވަރަކަށް ހަޅޭއްލަވަންވީ.. އެކަމަކު ހަނދާން ކުރައްޗޭ.. އަޑުފޮށި ފަޅައިގެންދާ ވަރަށް ހަޅޭއްލެވިޔަސް ކަލޭ ސަލާމަތް ކުރާނެ މީހަކު އަންނާނެ..” އެ ރަޙުމުކުޑަ ބަސްތައް އިވުނު ދިމާއަށް ބަލައިލި އިރު ލިވްޔާގެ އިތުރުން ލައިނީގެ ދެލޯ ވެސް ބޮޑުވެގެން ދިޔައީ ލިބުނު ސިހުމަކުންނެވެ. އެވަގުތު އެތަނަށް ވަދެގެން އައި ދެމީހުންގެ މޫނުމަތީގައިވީ މަކަރުވެރި ހިނިތުންވުމަށް ވުރެ ބޮޑަށް އެ ދެބެން ޖެހިލުންވީ، އެ ދަންނަ މޫނުތައް ފެނުމުންނެވެ. އެހެނަސް، ލިވްޔާއަށް ވެސް އަދި ލައިނީއަށް ވެސް ނޭނގުނީ އެދެމީހުން ގުޅިގެން މިވަރުގެ ކަމެއް ކުރަން ޖެހުނު ސަބަބެވެ. އެދެމީހުންގެ މެދުގައި އޮތް ގުޅުމެވެ.
ވައިއަޑުން ލިވްޔާގެ ދުލުން އެ ދެ ނަން ބޭރުވުމާ އެކީ ލައިނީގެ ހިތް ވެސް ތެޅިލީ ނިކަން ނުބައި ގޮތަކަށެވެ.
“ނިމްޝާ… ނާއިފް…” ލިވްޔާގެެ ދުލުން އެ ދެނަން ބޭރުވުމާ އެކީ ކުރިމަތީގައި ތިބި ނިމްޝާއާއި ނާއިފްގެ ތުންފަތަށް ވެރިވީ މަކަރުވެރި ހިނިތުންވުމެކެވެ.
“ފެނުނީމަ އެނގިއްޖެ ދޯ..؟ ނަސީބެއްނު ހަނދާން ހުރިކަން..” މަކަރުވެރި ހިނިތުންވަމަކާ އެކީ ނިމްޝާ ބުނެލި ގޮތުން ލިވްޔާއާއި ލައިނީގެ ހިތް ނުބައި ގޮތަކަށް ތެޅިލިއެވެ.
“ނިމްޝާ.. ނާއިފް.. ތި ދެމީހުން…” ލައިނީގެ ހަށިގަނޑުގައި އެ ސުވާލު ފުރިހަމަކޮށްލާނޭ ހިތްވަރު ވެސް ނެތް ފަދައެވެ.
“ތި ހިތަށް އަރަނީ އަހަރެމެން ދެމީހުން އެކީގައި މިތިބީ ކީއްވެ ބާއޭ ދޯ..؟” ނިމްޝާ އަހައިލުމާ އެކީ ބިރުން ތިބެ ވެސް ލިވްޔާއާއި ބޯޖަހައިލީ އެ ސުވާލުގެ ޖަވާބު ބޭނުންވެފައިވީ ވަރުންނެވެ.
“ދޮންބޭ.. މި މީހުންނަށް ކިޔައިދޭ ކަހަލަތަ..؟” ނާއިފްއަށް އަމާޒުކޮށް ނިމްޝާގެ ދުލުން “ދޮންބެ” އެ ލަފްޒު ނުކުތުމާ އެކީ ލިވްޔާއާއި ލައިނީގެ ދެލޯ ދިޔައީ މުދުނަށް އަރައިގެންނެވެ. ދެބެންގެ ހިތަށް ވެސް އެވަގުތު އެރީ ހަމަ އެއް ސުވާލެކެވެ. ނާއިފާއި ނިމްޝާ އެއީ ދެބެން ހެއްޔެވެ؟
“ހައިރާން ވެއްޖެ ދޯ..؟ ވަރަށް ހައިރާން ވެއްޖެ ދޯ..؟” ދެމީހުންގެ މޫނަށް އަރާ ފޭބި ކުލަވަރުތައް ބަލަން ހުރެފައި ނިމްޝާ ބުނެލި އިރު އެ އަޑުގައިވީ މަލާމާތެވެ.
“ތި ދެމީހުން.. ކިހިނެއް..؟ ކީއްވެ..؟” ލިބުނު ޝޮކުގައި ބުނަންވީ ބަހެއް، އަހާނޭ ސުވާލެއް ވެސް ލިވްޔާއަކަށް ނުވިސްނުނެވެ. އެހެނަސް ލިވްޔާ ކުރަން ބޭނުންވީ ސުވާލުތައް ނިމްޝާގެ އިތުރުން ނާއިފްގެ ތޫނުފިލި ސިކުނޑިއަށް ނިކަން ފަސޭހައިން ވިސްނުނެވެ. އެހެނަސް އެ ސުވާލުތަކަށް ޖަވާބު ދޭ ކަހަލަ ޚިޔާލެއް އެދެމީހުން ނުގެންގުޅޭކަން ދެމީހުންގެ މޫނަށް އަރާފައިބަމުން ދިޔަ ކުލަވަރުން އެކަނި ވެސް އެނގެއެވެ.
“އަހަރެމެން ދެމީހުން މި ވާހަކަ ސިއްރުކުރީ ކީއްވެކަމާ މިކަން މިގޮތަށް ކުރީ ކީއްވެކަން އެއީ ކަލޭމެން ބަލަން ޖެހޭ ކަމެއް ނޫން.. މިވަގުތު އެއަށް ވުރެ މާ އަގުހުރި އެއްޗަކާ ދޭތެރޭ ކަލޭމެން ވިސްނަން އެބަޖެހޭ..” އިންޒާރެއް ދޭ ކަހަލަ ނުރައްކާތެރި ރާގެއްގައި ނާއިފް ބުނެލުމުން ލިވްޔާއާއި ލައިނީގެ ހިތް ތެޅިގަތީ އެޔެއް މިއެއް ބަލާފަކައި ނޫނެވެ.
ލިވްޔާ އާއި ލައިނީގެ މޫނަށް ވެރިވަމުން ދިޔަ ޝުޢޫރުތައް ދެކެން ހުރި ނިމްްޝާ މަކަރުވެރި ހިނިތުންވަމަކާ އެކީ އައިސް ހުއްޓިލީ ސީދާ ލައިނީގެ ކުރިމަތީގައެވެ. އިސްއުފުލައި ލައިނީ އޭނާއަށް ބަލައިލި އިރު އެ ދެލޮލުގައިވީ ބިރުވެރިކަމުން ނިމްޝާގެ ހަރު ހިތަށް ލިބުނީ ހިތްހަމަޖެހުމެކެވެ.
“ލައި.. ބަނޑަށް ކިތަށް މަސްތަ..؟” ގުދުވެލާފައި ލައިނީގެ ބަނޑުގައި އަތް ޖައްސައިލަމުން ނިމްޝާ އަހައިލުމާ އެކީ ލައިނީގެ ހިތް ހީވީ އަނގައަށް އައި ހެންނެވެ. ނިމްޝާ އޭނާގެ ބަނޑުގައި ވިންދު ޖަހަމުން ދާ ނުއުފަން ދަރިފުޅުގެ ވާހަކަ އެ އެހީ ރަނގަޅު ބޭނުމެއްގައި ނޫން ކަން ލައިނީގެ ތޫނުފިލި ސިކުނޑިއަށް ވިސްނޭކަށް އިރުތަކެއް ނުނެގިއެވެ. ނިމްޝާ ކުރި ސުވާލު، ސުވާލަކަށް ވުރެ ބޮޑަށް ލައިނީގެ ތެޅެމުން ދިޔަ ހިތަށް ސިފަކުރެވުނީ އިންޒާރެއްގެ ގޮތުގައެވެ.
“ކީއްވެތަ އަނގައިން ނުބުނީ..؟ އަނެއްކައި.. ބޭބީ ރަނގަޅުތަ..؟ ބޭބީއަށް ނުރައްކަލެއް އޮތީތަ..؟” ތުންފަތުގައިވީ މަލާމާތުގެ ހިނިތުންވުމާ އެކީ ނިމްޝާ ހަމަ އަހައިލުމާއެކީ ލައިނީގެ ލޮލަށް ކަރުނަތައް ޖަމާވެއްޖެއެވެ. ނިމްޝާ ބުނަމުން ދިޔަ ވާހަކަތަކުގައި ފޮރުވިފައިވީ މާނަތައް އޭނާއަށް ނަގައިގަނެވުނީއެވެ.
“ނު- ނޫން ނިމްޝާ.. އަހަރެން ދޫކޮށްލާ.. އަހަރެން- އަހަރެންގެ ދަރިފުޅު.. އަހަރެންގެ ދަރިފުޅަށް ގޮތެއް ވެދާނެ..” ގިސްލަގިސްލާފައި ލައިނީ ކުއްލިއަކަށް އާދޭސް ކުރަން ފެށީ މައި ލަގޮނޑިއަށް ކެތް ނުވެގެންނެވެ. އޭނާގެ ބަނޑުގައި ވިންދު ޖަހަމުންދާ ތުއްތު ފުރާނަ ކޮންމެ ޙާލެއްގައި ވެސް ރައްކާތެރިކޮށް ޙިމާޔަތްކުރަން އެ ހިތް އެދި ރޯން ފެށުމުންނެވެ.
“އައްދެ އައްދެ.. ހާދަ އަވަހަކަށް ތި ރޯން ފެށީ.. އަހަރެން އަދި ބޭބީއަށް ގޮތެއް ހަދާ ވާހަކައެއް ނުވެސް ދައްކަމެއްނު..” މަލާމާތުގެ ހިނިގަނޑަކާ އެކީ ނިމްޝާ ބުނުމާ އެކީ ލައިނީގެ ރުއިން އިތުރަށް ބާރުވިއެވެ. ގިސްލަގިސްލާފައި ރޮމުން ދިޔަ އިރު އެ ދުލުން “އަހަރެންގެ ދަރިފުޅު” ނޫން ބަހެއް ބޭރު ނުވެއެވެ.
އަނެއް ފަރާތުގައި ހުރި ގޮނޑީގައި ބަނދެފައި ލިވްޔާގެ ހިތް ވެސް ދިޔައީ ބިރާއި ސިހުން އެކުވެގެން ރޫރޫއަޅަމުންނެވެ. ނިމްޝާގެ މަލާމާތުގެ ވާހަކަތަކުންނާއި ނާއިފްގެ މޫނުމަތީގައިވީ މަކަރުވެރި ހިނިތުންވުމުން އެމީހުްގެ ހިތުގައި އޮތް އެއްޗެއް ސާފުކޮށް އެނގި ހާމަވެއްޖެއެވެ.
“ނޫން! އެހެން ނުހަދާތި! ޕްލީޒް.. ކުޑާ ދޫކޮށްލާ.. ކުޑާގެ ބަނޑުގަ އޮތް ބޭބީއަށް ޓަކައި ވެސް.. އަހަރެން.. އަހަންނަށް ބޭނުން ގޮތެއް ހަދާ! އެކަމަކު ކުޑާ ދޫކޮށްލާ.. އާދޭސްކުރަން..” ކުޑަކުއްޖަކު ފަދައިން ރޮއެގަންނަމުން ލިވްޔާ ކުރި ވޭނީ އާދޭހާއެކި ލައިނީ ބިރުން ތުރުތުރުއަޅާ ޙާލުގައި އިނދެ ދެފަރާތަށް ބޯހޫރުވަމުން ދިޔަ ނަމަވެސް، ނިމްޝާއާއި ނާއިފްގެ ހިތަށް އެކައްޗެކޭ ވެސް ނޭރިއެވެ.
“ހާދަ ފިނޑި ދެމީހުންނޭ ދޯ.. އަހަރެމެން ބޭބީއަށް ކަމެއް ކުރާ ވާހަކަ ނުވެސް ދައްކަނީސް އާދޭސް ކުރަނީ.. ނައު ޔޫ އަރ ގިވިން އަސް އައިޑިޔާސް..” ނިމްޝާގެ ރަޙުމު ކުޑަ ބަސްތަކުން ލައިނީއަށް ވަގުތުން ނޫނެކޭ ކިޔައި ރޮއެގަނެވުނު އިރު ލިވްޔާގެ ހިތް ހީވީ މޭފަޅާފައި ނުކުންނަން އުޅުނުހެންނެވެ.
“ލިވްޔާ ވެސް، ލައިނީ ވެސް، ބޭބީ ވެސް ސަލާމަތް ވެވޭނެ ގޮތެއް އެބަ އޮތް.. އެކަމަކު ހަމަ ކުޑަކުޑަ ކަމެއް ކޮށްލަން ޖެހޭނީ..” ނާއިފް އެހެން ބުނެލުމާ އެކީ ލިވްޔާއާއި ލައިނީގެ ހިތުގައި އުއްމީދުގެ ކުޑަކުޑަ ހުޅުކޮޅެއް ދިއްލުނެވެ. ލައިނީގެ ބަނޑުގައި ވިންދު ޖަހަމުންދާ ފުރާނައަށް ޓަކައި، ޖާނު ހިބަކުރަން ވެސް އެދެމީހުން ތިބީ ތައްޔާރަށްހެން ހީވެއެވެ.
“ލިވްޔާ.. ލޯބިވާ ދައްތައާ ދައްތަގެ ދަރިފުޅު ސަލާމަތް ކުރަން ކިހައި ވަރެއް ކުރެވޭނެ..؟ ހައު ފާރ އާރ ޔޫ ވިލިން ޓު ގޯ..؟” ލިވްޔާގެ ކުރިމަތީގައި ހުއްޓިލަމުން ނިމްޝާ އަހައިލުމާ އެކީ ލިވްޔާގެ ހިތުގައި ރޯވެފައިވީ އުއްމީދުގެ ހުޅުކޮޅު ގަދަވެލީ، ހިތާއި ނަފްސު އަނދައިގެން ދާނީ ވެސް ހަމަ އެ ހުޅުގަނޑުގެ ތެރޭގައިކަން ނުވިސްނޭ ޙާލުގައެވެ.
“ކޮންމެ ކަމެއް ވެސް.. ކުޑާއާ ބޭބީއަށް ޓަކައި އަހަރެން ކޮންމެ ކަމެއް ވެސް ކޮށްފާނަން..” ރުއިމުގެ ސަބަބުން ލިވްޔާގެ އަޑު ކުރަކިވެފައިވީ ނަމަވެސް އެ އަޑުގައިވީ ސާބިތުކަމާއި ޔަޤީންކަމެވެ.
“ކޮންމެ ކަމެއް ވެސް..؟” ނިމްޝާ އަހައިލުމާ އެކީ ލިވްޔާ ވަގުތުން ބޯޖަހައިލީ ލައިނީއާއި، އޭނާއަށް ބޮޑުދައިތަ ކިޔާނޭ ދަރިފުޅު ރައްކާތެރި ކުރަން އޭނާގެ ފުރާނަ ވެސް ހިބައިން ދޭން ތައްޔާރަށް ހުރި ޙާލުގައެވެ.
“އެއީ ރައިހާންއަށް ބޭވަފާތެރިވެ، އޭނާގެ އިތުބާރު ގެއްލުވައިލާ، މުޅި ޢުމުރަށް އެ ލޯތްބަށް އަލްވަދާޢު ކިޔަން ޖެހުން ކަމުގައި ވިޔަސް..؟” ދެން ނިމްޝާގެ ދެތުންފަތް ފޫއަޅުވައިލާފައި ބޭރުވި ސުވާލާ އެކީ ލިވްޔާގެ މުޅި ހަށިގަނޑު ހަރުދަނޑިވެގެން ދިޔައެވެ. ލިބުނު ސިހުމާ އެކީގައި ދެލޯ ބޮޑުވެގެން ދިޔަ އިރު، އެ ނާޒުކު ހިތުގައި އެޅި ވޭނާ އެކުގައި ހަށިގަނޑުގައި ވާހައި ނާރުތަކެއް ފިސްފިސްވަމުން ދިޔައެވެ. އެހެނަސް…
އެހެނަސް، އެއްބަނޑުއެއްބަފާ ދައްތައާ، އެ ދައްތަގެ ބަނޑުގައި ވިންދު ޖަހަމުންދާ ނުއުފަން ތުއްތު ދަރިފުޅުގެ މައްޗަށް އޭނާ އަމިއްލަ އެދުން އިސްކުރާނީ ކިހިނަކުން ހެއްޔެވެ؟ ރައިހާންއާ ވަކިވުމުގެ ޚިޔާލުން އެކަނި ވެސް ހިތް އެކުގައި ފިސްފިސްވާ ފަދަ ވޭނެއް އިޙުސާސް ކުރެވުނު ނަމަވެސް، ލޯބިވާ ދައްތައާއި، ދައްތަގެ ބަނޑުގައިވާ ކުށެއް ނެތް މައުސޫމް ފުރާނައަށް ވުރެ އަމިއްލަ އުފާ އިސްކުރާނީ ކިހިނަކުން ހެއްޔެވެ؟
ހުއްޓުމެއް ނެތި ދެލޮލުން ކަރުނަ އޮހޮރެމުން ދިޔަ ޙާލުގައި ލިވްޔާ އިސްއުފުލާ ނިމްޝާއަށް ބަލައިލިއެވެ. ހިތް ކުދިކުދިވެ ދިލަ ތަދަކުން މުޅި މީހާ ހަފުސްވަމުން ދިޔަ ފަދަ ވޭނާ އެކު ވެސް ލިވްޔާ ބޯޖަހައިލީ މިވަގުތު ލައިނީއާއި އެ ބަނޑުގައިވާ ނުއުފަން މައުސޫމު ދަރިފުޅަށް ޓަކައެވެ. ލިވްޔާ ބޮލުން ކޮށްލި ކުޑަކުޑަ ޙަރަކާތާ އެކީ ނިމްޝާއާއި ނާއިފްގެ ތުންފަތުގައިވީ މަކަރުވެރި ހިނިތުންވުން ފުޅާވީ އިރު، ލައިނީގެ ވޭނީ ގިސްލުމުގެ އަޑު ބާރުވެއްޖެއެވެ.
*** ** ***
“އަދިވެސް ގުޅޭ ގޮތެއް ނުވޭތަ..؟” ރައިހާންގެ ސުވާލާ އެކީ ޔާނިއު އަތުގައި އޮތް ފޯނު ހޫރައިލި އިރު، ރުޅިއާއި ހާސްކަން އެކުވެގެން އޭނާ ދިޔައީ ތުރުތުރުއަޅަމުންނެވެ. އާއްމު ގޮތެއްގައި ރުޅި އަންނަން ނުވެސް ދަންނަ ޔާނިއު މިވަގުތު ހީވަނީ ދެންމެ ދެންމެ ގޮވައިފާނެ ހެންނެވެ.
“ލިވްޔާ ވެސް ފޯނެއް ނުނަގާތަ..؟” ޔާނިއު އަހައިލުމާ އެކީ ރައިހާން ވެސް ފުން ނޭވާއެއް ދޫކޮށްލާފައި ބޯޖަހައިލިއެވެ.
“މަ އޭރު ވެސް އެވަރަށް އެދެމީހުން ގާތު އެކަނި ނުދާށޭ ކިޔަކިޔައި އޮއްވައޭ ދިޔައީ.. ލައި.. ލައިއަށް ކަމެއް ވެއްޖެއްޔާ.. ބޭބީ…” ފާއިތުވަމުން ދިޔަ ކޮންމެ ސިކުންތަކާ އެކީ ޔާނިއުގެ ސިކުނޑިއަށް ވެރިވަމުން ދިޔައީ އެންމެ ނުބައި ޚިޔާލުތަކެވެ.
“ޔާން.. އިރާދަކުރެއްވިއްޔާ ހުރިހައި ކަމެއް ވެސް ރަނގަޅުވާނެ.. ވެދާނެ އެއްނު ދެމީހުންގެ ފޯނު ޗާޖު ގޮސްގެން ނިވުނީ ކަމަށް ވެސް.. އެދެމީހުން އެއްކޮށް ބޭރަށް ގޮއްސިއްޔާ ދުވަހަކު ވެސް އަވަހަށް އަންނަ ދެމީހުންނެއް ނޫނެއްނު އެއީ..” ޔާނިއުގެ ކޮނޑުގައި އަތް ބާއްވައިލަމުން ރައިހާން ބުނެލި ނަމަވެސް، ޚުދު އޭނާގެ ހިތް ވެސް ދިޔައީ ޔާނިއު އެކޭ އެއްވަރަށް ބިރުގަނެ، ހާސްވަމުންނެވެ.
“އަދިވެސް އެދެމީހުން ނާދޭތަ..؟” އެވަގުތު އެތަނަށް އައި ހަލީމް އަހައިލުމާއެކު ޔާނިއުއާއި ރައިހާން އެކުއެކީ ބޯޖަހަައިލި އިރު، އެ ދެމީހުންގެ މޫނުމަތީގައި ވެސް ވީ އެއް ކުލަވަރެކެވެ.
“އަހަންނަކަށް ދެން ނުހުރެވޭނެ.. އަހަރެން މި ދަނީ އެމީހުން ހޯދަން..” އެންމެ ފަހުން ނުހުރެވިގެން ޔާނިއު ހިނގައިގަތުމާ އެކީ ހަލީމް ޔާނިއުގެ އަތުގައި ހިފައި ހުއްޓުވިއެވެ.
“އެދެމީހުން ވީ ތަނެއް ކިހިނެއް ހޯދާނީ..؟ ތި އުޅެނީ ފޯނަށް ނުގުޅިގެން.. ލޮކޭޝަން ނުހޯދިގެން.. ދެން ދަރިފުޅު މުޅި މާލެތެރޭ ދުއްވިއެކޭ ކިޔާފަ އެމީހުން ފެންނާނެ..؟” ހަލީމްގެ ވާހަކަ ޔާނިއުއަށް ވިސްނޭ ވަރަށް ވުރެ އެ ހިތް ވަނީ ބިރާއި ސިހުމުން ފުރިފައެވެ. ގަޑިން ބާރަ ޖަހަން ކުޑަ ވަގުތުކޮޅަކަށް ވެފައިވާ އިރު، ދިހައެއް ޖަހާ އިރު އަންނާނަމޭ ބުނެފައި ދިޔަ ދެމީހުން އަދިވެސް ނާންނާތީ ޔާނިއު ހާސްވަނީއެވެ. ލަސްވާނެ ވާހަކަ މެސެޖަކުން ނަމަވެސް ލައިނީ ބުނެފައި ނެތުމުން ހިތް ބިރުގަންނަނީއެވެ. ލައިނީއާއި ދަރިފުޅަށް ކަމެއް ވެދާނެތީ އެ ހިތް ނުތަނަވަސް ވަނީ އިންތިހާއަށެވެ. މުޅި މާލެތެރޭ އަތްފުނާ އަޅައިގެން ލައިނީއާއި ލިވްޔާ ހޯދަން ޖެހުނަސް އެކަން ކުރަން ޔާނިއު ހުރީ ތައްޔާރަށެވެ.
“ދެން އަޅުގަނޑުމެންވީ އެމީހުން އަންނަން ދެނޭ ކިޔާފަ ދެއަތް އުރާލައިގެން ގޭގަ ތިބެން..؟ އަންކަލް.. ކޮންމެސް ކަމެއް ވެގެންނު އެދެމީހުން މިހައި ލަސްވާނީ.. ދެމީހުން ފޯނު ވެސް ނިވައިލާފަ.. ކޮންމެސް ނުބައެއް އެބަ އުޅޭ..” އެންމެ ފަހުން ރައިހާންއަށް ވެސް ކެތް ނުވެގެން އެހިތުގައި ވީ އުދާސްތައް ބޭރުކޮށްލެވުނެވެ. ކޮންމެވެސް ބޮޑުކަމެއް ވެއްޖެ ކަމަށް ރައިހާންގެ ހިތުގެ ކަނަކުން ވެސް ރަތް ސިގްނަލް އަޅަމުން ދިޔައެވެ. ލިވްޔާއާއި ލައިނީ ހެޔޮޙާލުގައި ލައްވާތޯ އެނާއަށް ހިތާހިތުން ދުޢާ ކޮށްލެވުނެވެ. ލޯބިވާ ލިވްޔާގެ ހަށިގަނޑުގައި އެންމެ ކޫރުމެއް އެޅުނަސް އޭނާ ދުނިޔެއިން މޮޔަވެދާނެއެވެ.
“ޕޮލިހަށް ގުޅާބަލަ.. ތިދެކުދިން ނުކުތުމަށް ވުރެ ރަނގަޅުވާނެ..” ހަލީމް ދިން ޚިޔާލު ރައިހާންއަށް ވެސް ޔާނިއުއަށް ވެސް ކަމަކު ނުދިޔައެވެ.
“އެމީހުންނަށް ވާ އެއްވެސް ކަމެއް ނޯންނާނެ.. ފުލުހުންނަށް ރިޕޯޓް ކޮށްގެން ވާނެ އެއްވެސް ކަމެއް ނޯންނާނެ.. ލިވީއާ ލައި ހޯދަން އަޅުގަނޑާ ރެން ދާނަން!” ޔާނިއު ހަރުކޮށް ބުނެލުމާ އެކީ ރައިހާން ވެސް ވަގުތުން ބޯޖަހައިލިއެވެ. ފުން ނޭވާއެއް ދޫކޮށްލަމުން ހަލީމް ވެސް ބޯޖަހައިލީ މިވަގުތު އެދެމީހުންގެ ވިސްނުން ބަދަލު ނުކުރެވޭނެކަން އޭނާއަށް ވެސް އެނގޭތީއެވެ.
*** ** ***
“މަސައްކަތް ނިންމިހާ އަވަހަކަށް ލައިނީ ދޫކޮށްލާނަން..” ލިވްޔާގެ އަތްފައިގައި އައްސާފައިވީ ވާގަނަޑު މޮހެލަމުން ނާއިފް ބުނެލިއެވެ.
“އަހަރެން މި ދެނީ ތިން ދުވަސް.. ތިން ދުވަސް ތެރޭ މިކަން ނުކޮށްފިއްޔާ ލައިނީއާ ބޭބީ…” ލިވްޔާގެ އަތަށް ފައިލެއް ދިއްކޮށްލަމުން ނިމްޝާ ދިން އިންޒާރާ އެކީ ލިވްޔާގެ ހިތް ރޫރޫ އަޅައިގަތެވެ. ތުރުތުރު އަޅަމުން ދިޔަ އަތުން އެ ފައިލްގައި ހިފި އިރު، މި ހިފެނީ ތޫނު ޚަންޖަރެއްގެ މިޔައިގައިކަން ހިތަށް އަރާފައި، އިތުރަށް އެ ހިތް ކުދިކުދިވިއެވެ.
“ނޫން ލިވީ.. އެހެން ނުހަދާ.. އެމީހުން ބުނި ގޮތަށް ނުހަދާ.. އަހަރުމެންނަށް އެހެން ގޮތެއް ހޯދިދާނެ!” ރޮއެރޮއެ ކުރަކިވެފައިވީ އަޑުން ލައިނީ ކުރި އާދޭހާ އެކީ ލިވްޔާ ދެލޯ މަރައިލީ އެ ހިތަށް ކުރަމުން ދިޔަ އަސަރެއްގެ ބޮޑުކަމުންނެވެ. މިއަދު ވެސް އަމިއްލަ ފުރާނައަށް ވުރެ އެ ދައްތަ އިސްކަން އެ ދެނީ އޭނާގެ އުފަލަށެވެ. ކޮއްކޮއެއް ފަދައިން ދެކެމުން އައި ރައިހާންގެ އުފަލަށެވެ. ލޯބިވާ ފިރިމީހާ ޔާނިއުގެ އުފަލަށެވެ.
“ޑޯންޓް އީވެން ޓްރައި ޓު އެކްޓް ސްމާރޓް.. ރައިހާން ގާތު ވިިޔަސް، ޔާނިއު ގާތު ވިޔަސް، އަދި އެހެން މީހަކު ގާތު ވިޔަސް މިއިން އެއްވެސް ވާހަކައެއް ބުނެފިއްޔާ ނިމުނީ.. ވަގުތުން ލައިނީގެ ދުވަސް ދުއްވައިލާނަން. ލައިނީއާ އެކީ ލައިނީގެ ބަނޑުގަ އޮތް ކުއްޖާ ވެސް ޖެހޭނީ މަރުވާން!” ނިމްޝާގެ އިންޒާރާ އެކީ މުޅި މީހާ ތުރުތުރުއަޅަމުން ދިޔަ ޙާލުގައި ވެސް ލިވްޔާ ބޯޖަހައިލީ އެނޫން ގޮތެއް ނެތިގެންނެވެ.
“އަހަރެން ވަރަށް ގާތުން ލިވްޔާގެ ކޮންމެ އަމަލެއް ބަލާނަން.. ދެ ފުރާނަ ތި އޮތީ ލިވްޔާގެ އަތް މަތީގަ.. ވަން ރޯންގް މޫވް އެންޑް… ބޫމް!” ނުލަފާ ހިނިގަނޑަކާ އެކީ ނާއިފް ރައްދުކޮށްލި އިންޒާރުން ލިވްޔާ އިތުރަށް ގޮތްހުސްވިއެވެ. އަމިއްލަ ބަލިކަށިކަމާއި، ގޮތްހުސްވެފައިވާ މަޖުބޫރީ މިންވަރު ހިތަށް އެރުމުން އެ ހިތް އިިތުރަށް ކުދިކުދިވިއެވެ.
“ހަނދާން ކުރައްޗޭ.. ހުރިހައި ކަމެއް ވެސް ވާން ޖެހޭނީ އަހަރެމެން ބުނި ގޮތަށް.. ތި ދުލުން ބޭރުވާ ކޮންމެ ބަހެއް ވެސް، ތި އަތުން ކުރާ ކޮންމެ ކަމެއް ވެސް.. މިހާރު ތީ އަހަރެމެންގެ ޕަޕެޓެއް.. އިފް ޔޫ އީވެން ތިންކް އެބައުޓް އެކްޓިން ސްމާރޓް…” ނިމްޝާ ނުބުނެ ދޫކޮށްލި ލަފްޒުތައް ވައިގެ ތެރޭގައި ހިފައިލި އިރު އެކަމުން ލިވްޔާ އިތުރަށް ހާސްވެ، ނުތަނަވަސްވުން ނޫން ކަމެއް ނުވިއެވެ.
“އަހަރެން މިކަން ކޮށްފިއްޔާ.. ކުޑާއަށް ވެސް އަދި ބޭބީއަށް ވެސް އެއްވެސް ގެއްލުމެއް ނުލިބި ދޫކޮށްލާނެކަމުގެ ޔަގީންކަން ބޭނުން.. އައި ޑޯންޓް ވޯންޓް އަ ސިންގްލް ސްކްރެޗް އޮޮން ހަރ ބޮޑީ..” ލިވްޔާ އޭނާގެ އެދުން ފައުޅުކޮށްލުމާ އެކީ ނިމްޝާ މަކަރުވެރި ހިނިތުންވުމަކާ އެކީ ބޯޖަހައިލިއެވެ.
“ޑީލް.. އެކަމަކު ހަނދާން ކުރައްޗޭ.. ތިން ދުވަސް..” އަތުގެ އިނގިލިތަކުން ތިނެއް ދައްކައިލަމުން ނިމްޝާ ފަހުގެ އިންޒާރު އިއްވައިލިއެވެ.
“ދެން އަވަހަށް ދޭ ގެއަށް.. މިހާރު ލިވްޔާ ގެއަށް ނައިސްގެން ރައިހާން ތެޅިފޮޅޭނެ.. ނިކަން ލޯބިވެޔޭ ދޯ.. އެކަމު ކީއް ކުރާނީ ދޯ.. ވަރެއްގެ ލޯތްބެއް ވިޔަސް ދެން ލިވްޔާ ހަމަ ގެއްލޭނީ ވިއްޔަ.. އަޅޭ.. އައި ފީލް ސޯ ބޭޑް ފޯރ ހިމް.. ހަމަ ކޮންމެ ފަހަރަކު ވެސް ލޯބިވާ މީހުން އޭނައަށް ގެއްލެނީއޭ ދޯ…” ނިމްޝާގެ މަލާމާތުގެ ބަސްތަކުން ލިވްޔާގެ ލޭ ކެކިގަތް އިރު، އެ ހިތަށް ހީވީ ތޫނު ޚަންޖަރެއް ހަރައިލި ހެންނެވެ.
ރައިހާންއާއި މެދު ނިމްޝާގެ ހިތުގައި ލޯބީގެ ކުޑަ މިންވަރެއް ވެސް ވެސް ނުވާ އިރު، ކުޑަމިނުން ހަމްދަރުދީގެ ކަންފުޅެއް ވެސް ނެތް ކަން މިރޭ އޭނާއަށް އެނގިއްޖެއެވެ. ލޯބިވާ ދައްތައާއި، އެ ދައްތަގެ ބަނޑުގައިވާ ތުއްތު ފުރާނައަށް ޓަކައި، އެންމެ ލޯބިވާ ރައިހާންއަށް ބޭވަފާތެރިވެ، އެ ހިތް ހަލާކުކޮށްލާ، މުޅި ޢުމުރަށް އެ ލޯތްބަށް އަލްވަދާޢު ކިޔަން ޖެހޭކަން ހަނދާންވުމުން ލިވްޔާގެ ހިތް އަނެއްކާ ވެސް ރޯލީ، ލޭކަރުނަ އޮހޮރަމުންނެވެ.
*** ** ***
ހާސްވެގެން ހަލާކުވާ ވަރު ވެފައި ތިބެ ރައިހާންއާއި ޔާނިއު ސިޓިންރޫމުގައި ދެކޮޅަށް ދެކޮޅަށް ހިނގަމުން ދިޔަ އިރު ޔާނިއު ހުރީ ޒާމިންއާ ގުޅައިގެންނެވެ. ޒާމިންއަށް ލިވްޔާއާއި ލައިނީގެ އެއްވެސް މަޢުލޫމާތެއް ހޯދިދާނެތީއެވެ. ފުލުހަށް ދިޔުމަށް ވުރެ އެގޮތަށް މަސައްކަތް ކުރިޔަސް އެދެމީހުން ހޯދަން މާ ފަސޭހަވާނެތީއެވެ.
“އަހަންނަކަށް ދެން ނުހުރެވޭނެ.. އަހަރެން މި ދަނީ އެދެމީހުން ހޯދަން..” ޒާމިންއާ ގުޅައިގެން ވެސް ކާމިޔާބުވާ ގޮތް ނުވުމުން ޔާނިއު އެންމެ ފަހުން ބޭރަށް ނުކުންނަން ހިނގައިގަތެވެ. ހިތް ތެޅިތެޅި އޮތް ޙާލުގައި، އިތުރަށް ކެތް ނުކުރެވޭ ޙާލުގައި ހުރި ރައިހާން ވެސް ޔާނިއުގެ ފަހަތުން ދިޔައީ ފަހަތުން ޙަލީމާއި އައިސާމަނިކެ ގޮވަގޮވައި އޮއްވައެވެ.
ބޭރަށް ނުކުންނަން ވެގެން ދޮރު ހުޅުވައިލި ޔާނިއު ހުއްޓިގެން ދިޔައީ ދޮރުމަތީގައި އިސްޖަހައިގެން ހުރި ލިވްޔާ ފެނިފައެވެ. އެތައް އިރަކު ހާސްވެގެން އުޅެއުޅެފައި ކުއްލިއަކަށް ލިވްޔާ ފެނުމުން ޔާނިއުގެ ހިއްސުތައް މަޑުޖެހުނު އިރު ފުރަތަމަ ވެސް ބަަލައިލެވުނީ ލިވްޔާގެ ގާތުގައި އޭނާގެ ލައިނީ ހުރިތޯއެވެ.
ޔާނިއުގެ ފަހަތުން އައި ރައިހާންއަށް ދޮރުމަތީގައި ހުރި ލިވްޔާ ފެނިފައި ނޭވާ ހިފަހައްޓައިލެވުނެވެ. އެ އަނދިރި ރޭގަނޑެއް ފަދަ ކަޅު ކަޅި ލިވްޔާގެ ބޮލުން ފެށިގެން ފަޔަށް ދަތުރުކޮށްލީ ލިވްޔާއަށް އެއްވެސް އަނިޔާއެއް ލިބިފައި ނުވާކަން ޔަޤީންކުރާށެވެ. އެ ނާޒުކު ހަށިގަނޑުގައި ކޫރުމެއްހައި ހިސާބު ވެސް އެޅިއްޖެ ނަމަ އޭނާ ދުނިޔެއިން މޮޔަވެދާނެއެވެ.
“ލިވްޔާ.. ޑާލިން..” އެންމެ ވަގުތުކޮޅެއް ވެސް ބޭކާރު ކުރުމެއް ނެތި ރައިހާން ލިވްޔާއާ ގާތަށް ފިޔަވަޅެއް އަޅާފައި ރައިހާން އެ ބާރުގަދަ ދެއަތުގެ ތެރޭގައި ލިވްޔާ ހައްޔަރުކޮށްލީ، އެ ހިތުގެ ރާނީ ހެޔޮ ޙާލުގައި ހުރިތަން ފެނުމުން މާތްﷲއަށް ޙަމްދުކުރާ ޙާލުގައެވެ.
އިސްޖަހާލައިގެން ހުރި ލިވްޔާއަށް އޭނާގެ ތުރުތުރުއަޅަމުން ދިޔަ ހަށިގަނޑު ރައިހާންގެ އޯގާތެރި ދެއަތުގެ ޙިމާޔަތުގެ ދަށަށް ދިޔުމުން އިތުރަށް ކެތެއް ނުވިއެވެ. ރައިހާންގެ މެދުހަށީގައި ދެއަތް ވަށައި ބާރުކޮށްލަމުން ދެއަތަށް ރައިހާން ލައިގެން ހުރި ޓީޝާޓް ބޮނޑިކޮށްލީ، މިއީ މިގޮތަށް އެ ދެއަތުގެ ޙިމާޔަތާއި އޯގާތެރިކަން އިޙުސާސްކުރެވޭނޭ އެންމެ ފަހަރު ކަމަށް ވާތީއެވެ.
“އާރ ޔޫ އޯކޭ..؟ އަރ ޔޫ ހަރޓް އެނީވެއަރ..؟” ލިވްޔާއާ ކުޑަކޮށް ދުރުވެލާފައި އެ މޫނުގައި ދެއަތުން ހިފަހައްޓައިލަމުން ރައިހާން އަހައިލި އިރު އެ އަޑުގައިވީ ކަންބޮޑުވުމުގެ އަސަރުން ލިވްޔާގެ ހިތް އިތުރަށް ކުދިކުދިވިއެވެ. އެއްވެސް އެއްޗެކޭ ބުނުމެއް ނެތި، ރައިހާންގެ ސުވާލަށް ޖަވާބު ދިނުމެއް ވެސް ނެތި ލިވްޔާ ދެފަރާތަށް ބޯހޫރުވައިލިއެވެ.
“ލިވް.. ދޫނީ.. އޯކޭތަ..؟” ލިވްޔާގެ ފަރާތުން ފެންނަމުން ދިޔަ އާދަޔާޚިލާފު މަޑުމައިތިރިކަމުން އިންތިހާއަށް އުނދަގޫވެފައި ހުރެ ރައިހާން އަނެއްކައި ވެސް އަހައިލީ އޭނާއަށް އެހުނު އެންމެ ލޯބިންނެވެ.
ޖަވާބު ދޭން އަނގަ ހުޅުވައިލި ލިވްޔާއަށް އަނގަ ލައްޕައިލަން މަޖުބޫރުވީ ޔާނިއު އައިސް އޭނާގެ މުލައްދަނޑީގައި ހިފާފައި މަޑުމަޑުން އޭނާއާ ދިމާއަށް އަނބުރައިލުމުންނެވެ. ފުން ނޭވާއެއް ދޫކޮށްލަމުން ޔާނިއުގެ ވޭނީ ދެލޮލަށް ލިވްޔާ ބަލައިލީ މިވަގުތު އެހިތަށް އަރާފައިބާ ސުވާލުތަކުގެ ޖަވާބު އެނގިމެ، އެ ޖަވާބުތައް ދެވެން ނެތް ކަން ހަނދާންވާ ޙާލުގައެވެ.
“ކުޑާ ކޮބާ..؟” ޔާނިއުގެ ކަންބޮޑުވެފައިވީ އަޑުން އަހައިލުމާއެކީ ލިވްޔާއަށް ދެލޯ މަރައި ބާރުކޮށްލަމުން އިސްޖަހައިލެވުނެވެ. ދެލޮލަށް ބޮނޑިވެފައިވާ ކަރުނަތައް ހިންދައިލަން ކިތަންމެ ވަރަކަށް މަސައްކަތް ކުރަމުން ދިޔަ އިރު، އެ ނާޒުކު ހިތުގައި އަޅަމުން ދިޔަ ވޭން ދެނެވޮޑިގެން ވާނީ ހެއްދެވި ފަރާތެވެ.
“ލިވީ! ކުޑާ ކޮބާ؟” ލިވްޔާ ޖަވާބެއް ނުދީ ހުންނަން ފެށުމުން ކޮންމެވެސް ބޮޑު ކަމެއް ވެއްޖެ ކަމުގެ ރަތް ސިގުނަލް ޔާނިއުގެ ހިތުން ދޭން ފެށިއެވެ. ވަގުތުން ލިވްޔާގެ ދެކޮނޑުގައި ހިފައި މަޑުމަޑުން ތަޅުވައިލި އިރު ޔާނިއުގެ ދެލޮލަށް ކަރުނަތައް ބޮނޑިވެގަތީ ފުރާނަ ފަދައިން ލޯބިވާ އަނބިމީހާއާއި، އެ ބަނޑުގައި ވިންދު ޖަހަމުންދާ އޭނާގެ އަލަތު ދަރިފުޅުގެ ޙާލެއް ނޭނގޭ ޙާލު ގޮތް ހުސްވަމުން ދާތީއެވެ.
ތަކުރާރުކޮށް ޔާނިއު ކުރަމުން ދިޔަ ސުވާލާއި އެކު އެ ދެލޮލުގައި ވިދަމުން ދިޔަ ކަރުނައިގެ މުތީތައް ފެނުމުން ލިވްޔާއަށް ކެތް ކުރަން އުނދަގޫވިއެވެ. އެއްފަހަރު ހާސްވެފައި ހުރި ރައިހާންގެ މޫނަށް، އަނެއް ފަހަރު ކުރިމަތީގައި ރޮވިފައި ހުރި ޔާނިއު މޫނަށް ބަލަމުން ދިޔަ އިރު އެ ނާޒުކު ހިތުގައި ރެނދު ލަމުން ދިޔައީ މުޅި ނަފްސުގެ ހަމަޖެހުން ނަގައިލަމުންނެވެ.
“ކުޑާ.. ކުޑާ ވީ-” ބޭއިޚްތިޔާރުގައި ލިވްޔާ ބުނަން އުޅުނު ބަސް މަޑުވީ އެވަގުތު ގޯތިތެރޭގައި އޮތް އަނދިރި ބަގީޗާގެ ތެރެއިން ފެނުނު ނާއިފްގެ ސޫރައިންނެވެ. އިންޒާރުގެ ނަޒަރަކާ އެކީ ނާއިފް އޭނާގެ އަތުގައި އޮތް ފޯނު ދައްކައިލުމުން ލިވްޔާއަށް ހިންދިރުވައިލެވުނެވެ. އޭނާއަށް އެޅޭ އެންމެ ކަތި ފިޔަވަޅަކާ އެކީ ނާއިފް ކޮށްލާ އެންމެ ފޯނު ކޯލަކުން ލައިނީއާއި ލައިނީގެ ބަނޑުގައިވާ ނުއުފަން ދަރިފުޅު މި ދުނިޔެއަށް އަލްވަދާޢު ކިޔަން ޖެހިދާނެއެވެ. ކުރެވެން އުޅުނު ކަންތައް ހިތަށް އެރުމާއި އެކު ލިވްޔާގެ ދެލޯ ބޮޑުވެގެން ދިޔަ އިރު އިސާހިތަކު އެ ރީތި ދެލޮލުގައި ބިރުވެރިކަމާއި ހާސްކަމުގެ ކުލަވަރުތައް ރަސްކަން ކުރަން ފަށައިފިއެވެ. ނިމްޝާއާއި ނާއިފް ބުނި ފަދައިން އެމީހުންނަށް ސިއްރުން އެއްވެސް މީހަކަށް ހަގީގަތް ކިޔައިދިނުމަކީ ކިހައި އުނދަގޫ ކަމެއް ކަން ލިވްޔާއަށް އިހުސާސް ކުރެވުނީ އަދިކިރިޔާއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
8 Comments!
Comments are closed.







Alhey.. plzzzzz Livy ah ehn nahadhaa… Heyonuvaane… When next???
Alhey avahah next up kohdheveyne tha???
Curiously waiting…
Noooooo Plssssssssss nayaaaa ehen nuhadhahchey livy lainy and lai ge baby ah dhera gotheh nuhadhahchey plss ren and Livy dhuru nukuraathi plssss i will die ehen noonihyaa 😭😭😭🙏🙏🙏
Nooooooooooooo plss nayaa heyonuvaanr aadheyskuran. Readers ge hithah rahumu kobala.. Plss ren n live dhuru nukuraathi.. Lai n baby ah gothei nuhadhaathi.. Ma hiy falhaigen gos maruvedhaane..
Haadha curious eyy.. Kon irakuntha next kiyaalan libeynee… Inthizaaruge gitaa hithuthereygaa……
naaya sis keeehve keehve thihen thi hadhanii
heyonuvaane aadheys kuran ren n livy dhuru nukuraathi n n lai n baby ah ves gotheh nahadhaathi
i beg u pls 😔
vrh vrh curious when is next
Alheyy…keehhvee tha …nimshaa gadu ves….alheyy
Nayu don’t do that for we readers safety 😭
Sup buddie
When next? curiously waiting!