ހިތް އެދޭ މަންޒިލަކީ… 28
“ދެ ދުވަސް ފާއިތުވެއްޖެ.. ބާކީ އެންމެ ދުވަހެއް.. އުފާބެރި ޚަބަރަކަށް އަހަރެން އިންތިޒާރު ކުރަން.. އެހެންނޫނީ ލައިނީ…” ނިމްޝާ ކޮށްފައި އޮތް މެސެޖު ކިޔައިލެވުމާ އެކީ ލިވްޔާގެ ދެތުންފަތް ފޫއަޅުވައިލާފައި ގިސްލުމުގެ އަޑު ބޭރުވީ ހިތަށް ކުރި އަސަރެއްގެ ބޮޑުކަމުންނެވެ. އަމިއްލަ މީހާގެ މަޖުބޫރީ ޙާލަތު ވިސްނި، އަމިއްލަ ބަލިކަށިކަން އިހުސާސްކުރެވުނުލެއް ބޮޑުކަމުންނެވެ. އިހުނަށްވުރެ ބާރަށް ފޯނުގައި ހިފަހައްޓައިލީ އިރު، ދެފައިން ވާގި ދޫވެގެން ގޮސް ދެކަކޫ މައްޗަށް ތިރިވެވުނު އިރު އެ ދެލޮލުން ހޯސްލާފައި ކަރުނަ ފައިބަމުން ދިޔައީ ލިވްޔާގެ ހިތުގައި އުފެދިފައިވާ ހައިޖާނުގަނޑު ކަޝްފުކުރަމުންނެވެ. ގިސްލަގިސްލާފައި ރޮވެމުން ދިޔަ އިރު އެ ހިތުގައި އަޅަމުން ދިޔަ ދިލަ ވޭން އިހުސާސް ކުރެވި، ލިވްޔާ މުޅިން ބަލިކަށިވެއްޖެއެވެ. ހަދާނެ ގޮތް ހުސްވެ، ބިކަވެއްޖެއެވެ.
*** ** ***
“ހަމަ އެއްވެސް ޚަބަރެއް ނުވޭތަ..؟” ރައިހާން ފޯނުން ވާހަކަ ދައްކަމުން ދިޔައީ ޒާމިންއާއެވެ. ލައިނީގެ ޚަބަރެއް ހޯދަން ކައުމެއް ބުއިމެއް ނެތި ޒާމިން އުޅެމުން ދިޔަ ނަމަވެސް، އަދި ވެސް އެކަން ކާމިޔާބުވާ ގޮތް ވަނީ ނުވެފައެވެ.
“އާއެކޭ.. އަހަންނަކަށް ވެސް ނޭނގެ މިވާ ގޮތެއް.. ފުލުހުންނަށް ވެސް އެއްވެސް ކަމެއް އެ ނުވަނީ ލައި ގެންދިޔަ ބަޔަކު މާ ހުޝިޔާރު ވީމަ.. އަހަންނަކަށް ވެސް ނޭނގެ ދެން ހަދަންވީ ގޮތެއް.. ލައިގެ ފޯނު ވެސް ޔަގީން އެއްވެސް ބޭނުމެއް ނުކުރެވޭ ގޮތަށް ހަލާކުކޮށްލާފަކަން އޮތީ.. އެހެންނޫން ނަމަ ވެސް އަހަންނަށް ފަސޭހައިން ހޯދުނީސް..” ފުން ނޭވާއެއް ދޫކޮށްލަމުން ޒާމިން ވެސް ވާހަކަ ދެއްކީ ގޮތް ހުސްވެފައިވާ ބީދައަކުންނެވެ.
“އެކަމަކު ކޮންމެސް ގޮތެއް އޮންނަން ވާނެއްނު ޒާމިން.. މީކީ ޒާމިންއަށް އެއްވެސް އިރެއްގަ ކުރަން އުނދަގޫވީ ކަމެއް ނޫނެއްނު..” ރައިހާން އާދޭހުގެ ރާގެއްގައި ބުނެލީ މީގެ ކުރިން ވެސް މިފަދަ އެތައް ކަމެއްގެ ސިއްރު ފަސޭހަކަމާއެކީ ޒާމިން ހޯދާފައި ވާތީއެވެ. އެހެނަސް މިފަހަރު ޒާމިންގެ ކުޅަދާނަކަމަށް ވުރެ ލައިނީ ގެންދިޔަ ބައެއްގެ ހުޝިޔާރުކަމާއި ރޭވުންތެރިކަން ވަރުގަދައެވެ.
“މިކަމުގަ ވަރަށް ބޮޑު ނުބައެއް އެބަ އުޅޭ ރެން.. އަހަންނަށް ވުރެ ލައި ކިޑްނެޕް ކުރި ބަޔަކު މާ ހުޝިޔާރުވެފައި މަކަރުވެރި.. އެމީހުންގެ ރޭވުން މާ މޮޅު.. ހީވަނީ މިއީ ވަރަށް ދުވަސް ކުރިން އެމީހުން ރާވާފަ އޮތް ކަމެއް ހެން..” ޒާމިންގެ ވާހަކަތައް ހުރި ގޮތުން ރައިހާންގެ ބޮލުގައި އުފެދިފައިވީ ރިހުން އިތުރުވުން ނޫން ކަމެއް ނުވިއެވެ.
“ޔާން އަދި ވެސް ހަމަ އެހެންތަ..؟” ހިނދުކޮޅެއްގެ ހަމަހިމޭންކަމަކަށް ފަހު ޒާމިން އަހައިލި އިރު، އެ އަޑުގައި ވަނީ އެކުވެރިޔާއާ މެދުގައި ކަންބޮޑުވެފައިވާ ވަރެވެ.
“ހޫމް.. ޔާން އަހަންނާ ވެސް އަނގައިން ބުނަނީ މަދު ފަހަރަކު.. އެއްޗެއް ބުންޏަސް ބުނަނީ ލައިގެ އެހެން ނޫނީ ބޭބީގެ ވާހަކައެއް.. ޔާން އެންމެ ދެރަވެ ބިރުގަންނަނީ ލައި ޕްރެގް އިރު އެހެން ވީމަ.. ކޮންމެ ދުވަހަކު އެވަރަށް ރޮއޭ.. އަހަރެން ނުދެކެން އަދި ދުވަހަކު ޔާން މިހައި ދެރަވެގެން އުޅުނު ތަނެއް..” ރައިހާންގެ ކޮންމެ ލަފްޒަކުން ވެސް އެނގެނީ ޔާނިއުއާ މެދުގައި އެ ހިތް ހަމްދަރުދީން ފުރިފައިވާ ކަމެވެ.
“އަހަރެން އަދިވެސް މަސައްކަތް ކުރާނަން އިނގޭ.. ގިނަގިނައިން ދުޢާ ކުރޭ ދެން.. އިރާދަކުރެއްވިއްޔާ އަދި ލައި ވަރަށް އަވަހަށް ފެންނާނެ.. ލައި ވެސް ބޭބީ ހަމަ ރަނގަޅުވާނެ އިންޝާﷲ.. ރެން.. ޓޭކް ކެއަރ އޮފް ޔާން އިނގޭ..” ޒާމިންގެ އަޑުން އެކަނި ވެސް އޭނާ ލައިނީގެ ޚަބަރެއް ހޯދުމަށް މަސައްކަތް ކުރަމުން ދާ ވަރާއި، ޔާނިއުއަށް ޓަކައި އޭނާ ހަމްދަރުދީވެ ދެރަވާ މިންވަރު ހާމަވަމުން ދިޔައެވެ.
ޒާމިން ފޯނު ބޭއްވުމުން ރައިހާން ފުން ނޭވާއެއް ދޫކޮށްލުމަށް ފަހު އެނދުމަތީގައި އިށީނދެފައި މޫނުގައި އަތް އުނގުޅައިލިއެވެ. އޭނާއަށް ވިސްނައިލެވުނެވެ. ޒާމިން ބުނި ފަދައިން މިހައި ސިއްރުން، މިހައި ހުޝިޔާރުކަމާ އެކީ މިވަރުގެ ބޮޑު ކަމެއް ކުރެވޭނީ ވަރަށް ދުރާލައި މިކަން ރޭވި ބަޔަކަށެވެ.
އެހެންނަމަވެސް ރައިހާންއަށް ނޭނގުނު ކަމަކީ މިވަރުގެ އަނިޔާވެރި ކަމެއް ކުރާނޭ ބައެކެވެ. ލައިނީ އަކީ ދުވަހަކު ވެސް މީހަކަށް ކުޑަ ނަމަވެސް ދެރައެއް ދީފައިވާ ފަރާތެއް ނޫން ކަން އެންމެންނަށް ވެސް އެނގޭނެއެވެ. އަބަދުވެސް ނިކަން މަޑުމަޑުން، ލަދުރަކިކޮށް ހުންނަ ލައިނީއަކީ އެންމެންނަށް ވެސް އޯގާތެރި، އެހައިމެ ހިތްހެޔޮ މީހެކެވެ. ކިޔަވައިދިން އެތައް ކުދީންތަކަކާއި ބެލެނިވެރީންގެ ލޯބި ހޯދާފައިވާ ކުޅަދާނަ މުދައްރިސެކެވެ. ވީއިރު މިއީ ހަމައެކަނި ލައިނީއާ ގުޅިފައިވާ ކަމެއް ނޫން ކަން ރައިހާންއަށް ޔަގީންވެއެވެ. އެހެނަސް ލައިނީ އަކީ ކޮންމެވެސް ބަޔަކު އެހެން ބޭނުމެއް ފުއްދުމަށް ބޭނުންކުރާ ހަތިޔާރެއް ކަން ރައިހާންގެ ތޫނު ސިކުނޑިއަށް ނަގައިގަންނާކަށް އުނދަގުލެއް ނުވިއެވެ.
ފެށުުނީއްސުރެ ވެސް ‘އޭ.އާރް މެމޯރިއަލްސް’ އަކީ ރާއްޖޭގެ އިތުރު އެތައް ވިޔަފާރިވެރީންތަކެއް ކަޅި އަޅަމުން އަންނަ ވިޔަފާރިއެއްކަން ރައިހާންއަށް އެނގެއެވެ. އޭނާގެ ބައްޕަ ދުނިޔޭގައި އެ ކުންފުނި ‘ސްޓަރލިން އިންޑަސްޓްރީޒް’ގެ ނަމުގައި އޮތް އިރު ވެސް، އެ ކުންފުންޏާ ދޭތެރޭ ހަސަދަވެރިވެގެން އެ ވިޔަފާރި އަޑިއަޅުވައިލެވޭތޯ މަސައްކަތް ކުރި އެތައް ހަސަދަވެރީންނެއް އުޅުނުއެވެ. އޭނާގެ މަންމައާއި ބައްޕަގެ އެކްސިޑެންޓުގެ ފަހަތުގައި ވެސް ވަނީ އެފަދަ ބައެއްގެ އަތްތަކެއްކަމާއި މެދު އޭނާއަށް އަބަދު ވެސް ޝައްކުވެއެވެ. އެހެނަސް ޔަގީންކަމާއެކީ ބުނަން ނޭނގެނީ، މިއަދާ ހަމައަށް ވެސް އެފަދަ އެއްވެސް ހެއްކެއް ފެނިފައި ނެތުމުންނެވެ.
ލައިނީ ގެންދިޔަ ބަޔަކު ވެސް އެކަން ކޮށްފައި ވަނީ ހަމަ އެފަދަ މަގުސަދެއްގައި ބާވައޭ ރައިހާންގެ ހިތަށް އެރި ނަމަވެސް، އެކަމަށް ބާރުދޭ ކަމެއް ވެސް އަދި ނުފެނެއެވެ. ވިޔަފާރީގެ ބޮޑު ހިއްސާއެއް ޔާނިއުގެ ނަން މަތީގައި އޮންނަ ކަން އެންމެންނަށް ވެސް އެނގޭ އިރު، ޔާނިއުއާއި ލައިނީގެ ކައިވެންޏަށް ފަހު އެ ދެމަފިރިންގެ ގުޅުމަށް ނަފްރަތާއި ހަސަދައިގެ ކަޅި އަޅާ ލޯތައް މަދު ނޫން ކަން ޚުދު ރައިހާންއަށް ވެސް އެނގެއެވެ. ވީއިރު، ލައިނީ ގައިދު ކުރި ބަޔަކު އެކަން ކުރީ ވިޔަފާރިއަށް ދަހިވެތިވެގެން ކަމުގައިވަނީ ނަމަ، މިހާރު އޭނާއަށް ނުވަތަ ޔާނިއުއަށް އެކަން ކުރި ބައެއްގެ ފަރާތުން ފޯނު ކޯލެއް ނަމަވެސް ލިބުނީހެވެ. އެހެނަސް އެފަދަ ކަމެއް ވެސް އަދި ނުވާތީ، ރައިހާންއަށް ވެސް ޔަގީންކަމާ އެކީ ގޮތް ނިންމަން އުނދަގޫ ވަނީއެވެ.
ވިސްނާވިސްނާ ބޮލުގައި ރިހޭހެން ހީވުމާ އެކު ރައިހާން ހޭވިފައިވީ އިސްތަށިގަނޑުގެ ތެރެއަށް އަތް މަހައިލީ ކުޑަ ނަމަވެސް ލުޔެއް ލިބޭތޯއެވެ. އެވަގުތު އޭނާގެ ހަނދާނަސް އައީ ލިވްޔާއެވެ. އެގޮތަށް ބޮލުގައި ރިހޭ، ނުވަތަ ކަމަކާ ދޭތެރޭ ވިސްނާ ކޮންމެ ފަހަރަކު ލިވްޔާގެ އިނގިލިތައް އޭނާގެ އިސްތަށިގަނޑުގެ ތެރެއަށް މަހައިލުމާއެކީ ހުރިހައި ރިހުމަކާއި ހައިޖާނުގަނޑެއް އެކުގައި ފިލައިގެން ދެއެވެ. އެހެނަސް މިއަދު ލިވްޔާ އޭނާއާ މެދުގައި ބަހައްޓަމުންދާ ގޮތް ނޭނގޭ ދުރުކަމުގެ ސަބަބުން އެފަދަ އޯގާތެރިކަމެއް ލިވްޔާގެ ފަރާތުން ލިބިދާނެ ހެއްޔެވެ؟
ފުންނޭވާއެއް ދޫކޮށްލަމުން ރައިހާން އެނދުން ތެދުވެފައި ހިނގައިގަތީ ކޮޓަރިން ނުކުންނާށެވެ. ދޮރު ލައްޕައިލާފައި ޔާނިއުގެ ކޮޓަރިއާ ދިމާއަށް މިސްރާބު ޖެހި އިރު ވެސް، ޔާނިއު އޭނާއާ އަނގައިން ބުނާނެ ކަމާއި މެދު ރައިހާންއަށް ޝައްކެވެ.
ޔާނިއުގެ ކޮޓަރި ދޮރުމަތީގައި ހުއްޓިފައި ރައިހާން ދޮރުގައި ޓަކި ޖަހައިލުމުން ވެސް ޔާނިއުގެ ޚަބަރެއް ނުވުމުން، ރައިހާން ތަޅުގައި ހިފައިލިއެވެ. ދޮރު ތަޅުނުލައި ހުރުމުން ރައިހާން މަޑުމަޑުން ދޮރު ހުޅުވައިލާފައި އެތެރެއަށް ބޯ ދިއްކޮށްލިއެވެ. އެވަގުތު ފެނުނު މަންޒަރަކުން ރައިިހާންގެ ހިތް ވަގުތުން މަޑު ކަފަކޮޅަކަށް ވެގެން ދިޔަ އިރު، އެ ރޭގަނޑެއް ފަދަ ކަޅުކަން ގަދަ ކަޅީގެ ވިދުވަރު ގަދަވެލީ ކަރުނައިގެ އަސަރުންނެވެ.
މުސައްލަ މަތީގައި ދުޢާއަށް ދެއަތް އުފުލާލައިގެން އިން އިރު ޔާނިއުގެ އަނގައިން އަޑެއް ބޭރު ނުވި ނަމަވެސް، އެ ކޯތާފަތް މަތިން ފިރުކިލާފައި ފައިބަމުން ދިޔަ ހޫނު ކަރުނަތިކިތަކުން އެ ހިތުގައިވާ ޝަކުވާތަކާއި އުދާސްތައް ކިޔައިދެމުން ދިޔައެވެ. ދެތުންފަތް ތުރުތުރުލަމުން ދިޔަ އިރު، އެ ދެލޯ ރަތްވެފައި ވަނީ ހުއްޓުމެއް ނެތި އެސްފިޔަތައް ތެންމަމުން ދިޔަ ކަރުނައިންނެވެ.
ހުއްޓުމެއް ނެތި، ވަރުބަލިކަމެއް ނެތި ޔާނިއު އެ ކުރާ ދުޢާ އަކީ ލައިނީއަށް ޓަކައި ކުރެވޭ ދުޢާކަން ދެނެގަތުމަށް ރައިހާންއަށް ހެއްކެއް ބޭނުމެއް ނުވިއެވެ. ލޯބިވާ އެއްބަނޑުއެއްބަފާ ބޭބެއެއް ފަދަ ޔާނިއުގެ އެ ހިތާމައާއި އުދާސް ދެކެން ރައިހާންގެ ހިތަކަށް ކެތެއް ނުވިއެވެ. ކަރުނައިން ދެލޯ ފޯވަމުން ދިޔަ ޙާލުގައި ރައިހާން ޔާނިއުއަށް އަޑު ނީވޭނެހައި މަޑުމަޑުން ދޮރު ޖަހައިލާފައި ދޮރުގައި ލެނގިލި އިރު، ރައިހާންއަށް ވެސް ގިސްލަގިސްލާފައި ރޮވެމުން ދިޔައެވެ.
*** ** ***
ޖެހިގެން އައި ދުވަހު ލިވްޔާ ކޮމްޕެނީއަށް ދިޔައީ އަމިއްލަ އަތުގައި ހިތް އަޅާލައިގެން ހުރެއެވެ. މިއަދަށް ފަހު ރައިހާން އޭނަޔާ މެދު ދެކޭ ގޮތް ބަދަލުވެ، އެ ލޯބިން މުޅި ޢުމުރަށް އޭނާ މަހުރޫމުވާނޭކަން އެނގިހުރެއެވެ. މުޅި ޢުމުރަށް އެ ލޯތްބަށް އަލްވަދާޢު ކިޔަން ކިތަންމެ ހިތް ނޭދުނަސް، އެކަމަށް ތައްޔާރުވެ ހުރެއެވެ.
ރައިހާންއަށް ވުރެ ގަޑިއެއްހައި އިރު ކުރިން ކޮމްޕެނީއަށް ގޮސް ލިވްޔާ ނިމްޝާއަށް ގުޅައިލިއެވެ. ނިމްޝާ ބުނި ގޮތަށް ފަހަރަކު ކަމެއް ކުރަމުން ދިޔަ އިރު އެ ދެލޮލުން ފައިބަމުން ދިޔަ ހިމޭން ކަރުނަތަކުން އެކަނި ވެސް އެ ހިތުގައި އަޅަމުން ދިޔަ ވޭން ހާމަވަމުން ދިޔައެވެ. އެހެނަސް ލިވްޔާގެ ހިތުގެ އުދާހެއް، އެ ހިތުގެ އަޑެއް އަހާނެ ފަރާތެއް، އޭނާއާ މެދުގައި ހަމްދަރުދީ ވާނޭ ފަރާތެއް ނެތެވެ.
“ހުރިހައި ކަމެއް ނިމިއްޖެ..؟” ނިމްޝާ އަހައިލުމާ އެކީ ލިވްޔާ ފުން ނޭވާއެއް ދޫކޮށްލާފައި އާއެކޭ ބުނެލީ އަމިއްލަ ހިތުގައި އަތް އަޅައިގެން އިނދެއެވެ.
“ގުޑް.. ދެން އަވަހަށް އަހަރެން ބުނި ގޮތަށް ކަންތައް ކުރޭ..” ނުލަފާ ހިނިގަނޑަކާ އެކީ ނިމްޝާ އަމުރުކޮށްލުމާ އެކީ ލިވްޔާ ދެލޯ މަރައި ތަގުޅި ކޮށްލިއެވެ. ނިމްޝާ ބުނި ގޮތަށް ކަންތައް ކޮށްފި ނަމަ އޭނާއާއި ރައިހާންގެ ދިރިއުޅުން އެކީ ހަލާކުވެގެން ދާނެއެވެ.
“ނިމްޝާ.. ތިހެން.. ތިހެން ނުހަދާ.. އަހަރެން އާދޭސްކުރަން.. އަހަންނަށް ރަހުމް ކުރޭ..” އެންމެ ފަހުން ހިތަށް ކެތް ނުވެގެން ލިވްޔާ އޭނާގެ ވޭނީ އާދޭހުގެ ބަސްތައް ނިމްޝާގެ ކުރިމަތީގައި ބަންޑުންކޮށްލީ، ނިމްޝާގެ ރަހުމެއް ނުވާ ހަރު ހިތް ކުޑަކޮށް ނަމަވެސް މަޑުވާނެ ކަމުގެ ފަނޑު އުއްމީދުގައެވެ.
“އެންމެ ރަނގަޅު.. ތިހެން ވެސް ހެދިދާނެ.. އެކަމަކު އޭރުން ލައިނީ…” މަލާމާތުގެ ރާގެއްގައި ނިމްޝާ ބުނެލުމާ އެކީ ލިވްޔާގެ ހިތް އަތަށް އައި ފަދައެވެ. އަވަސްއަވަހަށް ދެފަރާތަށް ބޯހޫރުވަމުން އެހެން ނުހަދާށޭ ބުނެލި އިރު، ފޯނުގައި ހިފަހައްޓާފައިވީ އަތް އިހުނަށް ވުރެ ބާރުކޮށްލިއެވެ.
“އެހެންވީރު އަވަހަށް އަހަރެން ބުނި ގޮތަށް ކަންތައް ކުރޭ.. ފޭސްބުކްގަ ތި ޕޯސްޓް އަހަރެން އެޕްރޫވް ކޮށްފަ އޮތް ގޮތަށް ޖަހާ.. ލިވްޔާ ތި ޕޯސްޓް ޖަހާ އިރަށް އެމީހުން އެ ތިބީ ޚަބަރު ޕަބްލިޝް ކުރަން ތައްޔާރަށް.. ރައިހާން އޮފީހަށް އައުމުގެ ކުރިން އެ އާޓިކަލް އޮންނަން ވާނީ ޕަބްލިޝް ކުރެވިފަ.. އަޑު އިވިއްޖެ..؟” ނިމްޝާާގެ ރަހުމުކުޑަ ބަސްތައް އިވުމާއި އެކު ލިވްޔާ ވަގުތުން ގޮތްހުސްވިއެވެ. އިތުރު މަގެއް ނުފެނި އޭނާއަށް މަޖުބޫރުވީ އަމިއްލަ ދެއަތުން ލޯބިވާ ރައިހާންގެއާއި ޚުދު އަމިއްލަ ދިރިއުޅުން ވެސް ވެއްޔާލައި މޮޑެލާށެވެ. ލޯބިވާ ރައިހާންގެ މައިންބަފައިންގެ އެންމެ ފަހުގެ ހަނދާންތައް ވެސް ވެލީގެ ދާނުގައި ފޮރުވައިލާށެވެ.
ހުއްޓުމެއް ނެތި ދެލޮލުން ކަރުނަ ފައިބަމުން ދިޔަ ޙާލުގައި ލިވްޔާ އޭނާގެ ތުރުތުރުއަޅަމުން ދިޔަ އަތުން ފޯނު ބާއްވާފައި ފުން ނޭވާއެއް ދޫކޮށްލިއެވެ. އެއަށްފަހު ގިސްލެވެމުން ދިޔަ ޙާލުގައި ލިވްޔާ އޭނާގެ ކަނާއަތް ކުރިމަތީގައި ހުރި ކޮމްޕިޔުޓަރުގެ މައުސްއާ ދިމާއަށް ގެންދަން ފެށިއެވެ. ތުރުތުރުލަމުން ދިޔަ އަތުން މައުސްގައި ހިފަހައްޓައިލާފައި ލިވްޔާ ފުން ނޭވާއެއް ދޫކޮށްލިއެވެ. ހިނދުކޮޅަކަށް އެކަން ނުކުރުމަށް އޭނާގެ ސިކުނޑި އެދި ގޮވަމުން ދިޔަ ނަމަވެސް، ދެވަނަ ސިކުންތުގައި ކުރިމަތީގައި ކުރެހިގެން ދިޔައީ މަރުގެ ތުންފަތްމަތީގައިވާ ލައިނީއެވެ. އެ ބަނޑުގައި ވިންދު ޖަހަމުންދާ ތުއްތުތުއްތު، މައުސޫމު ފުރާނައިގެ ހަނދާންތަކެވެ. ލައިނީއާއި އެ ބަނޑުގައިވާ ނުއުފަން ދަރިފުޅަށް ޓަކައި ހުއްޓުމެއް ނެތި ކަރުނަ އަޅަމުން ދިޔަ ޔާނިއުއެވެ. ލައިނީގެ ޚަބަރެއް ނުވެގެން އަބަދުމެ މާޔޫސްވެފައި އިންނަ އޭނާގެ ބައްޕައެވެ. ވީނުވީއެއް ނޭނގި ލައިނީ ގެއްލުމުން ރައިހާންގެ މުޅި ޢާއިލާ ހިތާމަކުރާ ވަރެވެ. އެ ހުރިހައި ކަމެއް ބޮލުގައި އަޅައިގެން، އެންމެންނަށް ޓަކައި ހިތްވަރުކުރަން މަސައްކަތް ކުރަމުން ދިޔަ އޭނާ ފުރާނަ ފަދައިން ލޯބިވާ ރައިހާންގެ ވޭނާއި އުދާސްތަކެވެ.
އެ ހުރިހައި ހަނދާންތަކެއް ލިވްޔާ ވަށައިލުމާއެކު ލިވްޔާ ދެލޯ މަރައި ބާރުކޮށްލިއެވެ. މުޅި މީހާ ގިސްލުމާއެކު ތުރުތުރުއަޅަމުން ދިޔަ ޙާލުގައި މައުސްއަށް ފިތައިލިއެވެ. ހަމަ އެ ބާރުމިނުގައި ހޫނު އެއްޗެއްގައި އަތް ޖެހުނު ފަދައިން މައުސްއިން ދޫކޮށްލުމަށް ފަހު ފަހަތަށް ދެ ފިޔަވަޅު އަޅައިލި އިރު ލިވްޔާއަށް ބާރަށް ރޮއެގަނެވިއްޖެއެވެ. ކޮމްޕިޔުޓަރުގެ ސްކްރީނަށް ނަޒަރު ހުއްޓާލައިގެން ހުރި އިރު، ދެފައިން ވާގި ދޫވެގެން ދެކަކޫ މައްޗަށް ތިރިވެވިއްޖެއެވެ. މުޅި މީހާގެ ގައިން ބާރު ދޫވާހެން ހީވެ، ނިކަމެތިކަމުގެ އިހުސާސުން މުޅި ހިތް ކިލަނބު ކުރުވައިފިއެވެ.
*** ** ***
ކޮމްޕެނީއަށް ދާން ތައްޔާރު ވެގެން ރައިހާން ނުކުތުމަށް ފަހު ލިވްޔާގެ ކޮތަރި ދޮރުގައި ޓަކި ޖަހައިލީ ލިވްޔާ އަދި ނުދާ ކަމަށެވެ. ދެތިން ފަހަރު ޓަކި ޖަހައިލުމުން ވެސް ލިވްޔާގެ ޚަބަރެއް ނުވީތީ ރައިހާން ތަޅުގައި ހިފައިފާ އަނބުރައިލިއެވެ. ހުޅުވިގެން ދިޔަ ދޮރާ އެކީ ފެނުނު ހުސް ކޮޓަރިން ރައިހާންގެ ހިތަށް އުނދަގޫ ކުރުވައިފިއެވެ. އެހެންޏާ އަބަދު ވެސް ރައިހާންއާ އެކުގައި ކޮމްޕެނީއަށް ދާ ލިވްޔާ މި ދެ ދުވަހު މުޅީން ވެސް ދިޔައީ އޭނާއަށް ވުރެ ކުރިންނެވެ. ހީވަނީ ކޮމްޕެނީއަށް ދިޔުމަށް ޓަކައި ރައިހާންއާ އެކީ ކާރުގައި ހޭދަވާ ވިއްސަކަށް މިނެޓަކީ ވެސް ތުރާލަކަށް ވެގެން އުޅޭ ހެންނެވެ. ދުލުން ނުބުނި ކަމުގައި ވީ ނަމަވެސް ލިވްޔާގެ އެ ކުއްލި ބީރައްޓެހިކަމުން ރައިހާންގެ ހިތަށް ފުން އަސަރުތަކެއް ކުރުވައިފިއެވެ. އެ ހިތް ބަލިކަށިވެ، ފުން ކޫރުމަކުން ޒަޚަމްވެއްޖެއެވެ. އެހެނަސް ރައިހާން އެ ހުރިހައި ކަމެއް އޮއްބައިލީ އެއީ މިދުވަސްކޮޅު ލައިނީ ގެއްލުމުން ލިވްޔާއަށް އައި ބަދަލު ކަމުގައި ވިސްނާފައެވެ. ފަހަރުގައި ވެސް ލިވްޔާ އެ ދަނީ ލައިނީއަށް ޓަކައި ފުރާނައިން ޤުރުބާންވަމުން ކަމެއް ރައިހާން ހިތަކަށް ވެސް ނާރައެވެ.
ދޮރު ލައްޕައިލާފައި ނުކުންނަން އުޅުނު ރައިހާންގެ ފިޔަވަޅުތައް މަޑުޖެހުނީ ކުއްލިއަކަށް ލޮލުގެ ކަނެއްގައި އަޅައިގަތް އެއްޗަކުންނެވެ. އަދި ބޮޑަށް ދޮރު ހުޅުވައިލާފައި ކޮޓަރިތެރެއަށް ފިޔަވަޅެއް އަޅައިލަމުން ރައިހާން ލިވްޔާގެ ހުޅުވިފައިވީ އަލަމާރި ދޮރުފަތަށް ބަލައިލިއެވެ. ކިރިޔަ ކިރިޔާ ނުލެއްޕި ހުރި އެ ދޮރުފަތުގެ ފަހަތުން ފެންނަމުން ދިޔަ ކަނޑުނޫކުލައިގެ ފައިލްތަކަކަށް ރައިހާންގެ ސަމާލުކަން ދެވުނީ އެ ފައިލްތަކުގެ ބޭރުގަނޑުގައި އޭނާގެ ކުންފުނީގެ ލޯގޯ ޖަހާފައި ވުމުންނެވެ.
ލަސް ފިޔަވަޅުތަކެއްގައި ރައިހާން ގޮސް އަދި ވެސް ބޮޑަށް އަލަމާރީގެ ދޮރުފަތް ހުޅުވައިލަމުން އެތެރޭގައި އޮތް ފައިލް ނެގިއެވެ. ދެލޯ ހަނިކޮށްލަމުން އެ ފައިލް ހުޅުވައިލާފައި ކިޔަމުން ދިޔަ އިރު އެ ނިތަށް ދިޔައީ ރޫތައް ގިނަވަމުންނެވެ.
އެ ފައިލްގައި ވަނީ ކުންފުނި އުފެދުނީއްސުރެ އެ ކުންފުނީގައި ކަންކަން ހިނގަމުންދާ ގޮތުގެ ކުރު ޚުލާސާއެއް ކަހަލަ ލިޔުންތަކެކެވެ. ކުރު ޚުލާސާއެކޭ ބުނި ނަމަވެސް ކުންފުނީގެ ދިގު މާޒީއާ އެކީ އޭގައި ހުރި މަޢުލޫމާތު ނުހަނު ގިނައެވެ. ކޮންމެ އަހަރަކު އެ ކުންފުންޏަށް އިތުރުވާ މުވައްޒަފުންނާއި، އުނިވާ މުވައްޒަފުންގެ މަޢުލޫމާތުން ފެށިގެން ކުންފުންޏަށް ލިބޭ ފައިދާތަކާއި، ގެއްލުންތަކާއި އެނޫން ވެސް މުހިއްމު މަޢުލޫމާތެއް ނަމަ އެ ފައިލްގައި ވެއެވެ. ރައިހާން ކުންފުނީގެ މުުވައްޒަފުންނަށް ވެސް ސިއްރު ކުރާ މަޢުލޫމާތުތައް އެ ފައިލްގައި ހުރުން ވެގެން ދިޔައީ ރައިހާން އިތުރަށް ހައިރާން ކުރަނިވި ކަމަކަށެވެ. އެ ފައިލްގައި ހުރި މަޢުލޫމާުތައް ރައްކާކުރެވިފައިވާ ފޯލްޑަރއަށް ހުއްދަ އޮންނާނީ ހަމައެކަނި އޭނާއަށާއި ޔާނިއުއަށެވެ. ދެން…
ރައިހާން ހަނދާންވީ ދެނެވެ. މީގެ މަހެއްހައި ދުވަސް ކުރިން އޭނާ ވާނީ ލިވްޔާއަށް ވެސް އެ ހުއްދަ ދީފައެވެ. އެއީ ލިވްޔާއާ ރައްޓެހިވެގެން ދުވަސްކޮޅެއް ވެސް ވީ ފަހުންނެވެ. ލިވްޔާއަށް ކުރެވުނު އިތުބާރެއްގެ ސަބަބުންނާއި، ކުންފުންޏަށް ލިވްޔާ ބަހައްޓަމުން ދިޔަ ޤަދަރުވެރިކަމުގެ ސަބަބުން ރައިހާންއާއި ޔާނިއުއަށް ވެސް އެއީ މާ ބޮޑު ކަމަކަށް ނުވިއެވެ. އެހެންނޫނަސް މަހެއްހައި ދުވަސް ފަހުން ލިވްޔާއާއި ރައިހާންގެ ކައިވެނި ކުރެވެން ހަމަޖެހިފައިވާ އިރު، ވާން އުޅޭ އަނބިމީހާއަށް އެއްވެސް ކަމެއް ސިއްރު ކުރަންވީ ކީއްވެގެން ހެއްޔެވެ؟ އޭނާ އަމިއްލަ ނަފްސަށް ވުރެ ބޮޑަށް ލިވްޔާއަށް އިތުބާރު ކުރެއެވެ. އެ އިތުބާރު ގެއްލޭ ފަދަ ކަމެއް އޭނާގެ ލިވްޔާ ނުކުރާނެ ކަމުގެ ޔަޤީންކަން ރައިހާންއަށް އަބަދު ވެސް އޮވެއެވެ.
އެހެނަސް، މި ފައިލް ލިވްޔާގެ އަތުގައި ހާޑްކޮޕީގެ ގޮތުގައި އޮންނަންވީ ކީއްވެގެން ހެއްޔެވެ؟ ފެށުނީއްސުރެ ވެސް ރައިހާން އަކީ ހާޑްކޮޕީގެ ގޮތުގައި އެފަދަ ސިއްރު މަޢުލޫމާތު ގެންގުޅެން ޤަބޫލު މީހެއް ނޫންކަން ލިވްޔާއަށް އެނގޭނެއެވެ. ވަކިން ޚާއްސަކޮށް އެތައް ބައެއްގެ ނަފްރަތާއި ހަސަދައިގެ ކަޅިތައް އެ ކުންފުންޏަށް އަމާޒުވެފައިވާ އިރު، އެކަން ކުރުމަކީ އަދި އޭނާ ވަކިން ނުރުހޭ ކަމެއް ކަން ވެސް ކަނޑައެޅިގެން ލިވްޔާއަށް އެނގޭނެއެވެ. ވީއިރު، އެންމެ ތިން މީހުންނަން ހުއްދަ އޮންނަ އެ ފޯލްޑާގައި ހުރި މަޢުލޫމާތުތައް ޕްރިންޓު ނަގައިގެން، އެ ކޮޕީތައް ލިވްޔާ ގެއަށް ގެންނަންވީ ސަބަބަކީ ކޮބައިބާވައެވެ؟ އަދި އެވަރުގެ ކަމެއް ކުރި އިރު ކުޑަމިނުން އޭނާގެ ހުއްދައަށް ލިވްޔާ ނޭދުނީ ކީއްވެގެން ހެއްޔެވެ؟ ލިވްޔާގެ ކުއްލި ދުރުކަމާއި، އެ ފައިލްގެ އިތުރުން ލިވްޔާގެ އުޅުމަސް އައިސްފައިވީ ބަދަލުތަކާއި މެދުގައި ރައިހާންއަށް ވިސްނައިލެވުނެވެ. ބަޔަކު ލައިނީ ގައިދުކުރުމަށް ފަހު، މިފަދަ އާދަޔާޚިލާފު ކަންތައްތަކެއް ލިވްޔާގެ ފަރާތުން ފާހަގަ ކުރެވުމަކީ އިއްތިފާޤެއް ނޫން ކަމުގައި ވިސްނައިދިނުމަށް ރައިހާންގެ ސިކުނޑި ތަކުރާރުކޮށް މަސައްކަތް ކުރަމުން ދިޔައެވެ. ވަމުން މިދާ ކަންތައްތަކުން ރައިހާންގެ ސިކުނޑީގައި އުފެދިފައިވާ ހައިޖާނުގަނޑު އިތުރުވެ، އެ ހިތް ހަލަބޮލިވެއްޖެއެވެ.
ފުން ނޭވާއެއް ދޫކޮށްލަމުން ރައިހާން އަލަމާރި ދޮރުފަތް ލައްޕައިލި އިރު އެއް އަތުގައި އެ ފައިލް އޮތެވެ. އޭނާ މިއަދު މި ހުރިހައި ކަމެއްގެ އަޑި ހޯދާނެއެވެ. ލިވްޔާ ގާތު އަހައިގެން އޮޅުންފިލުވާނެއެވެ. ފަހަރުގައި ވެސް އޭނާ ލިވްޔާއަށް އިތުބާރު ނުކުރަނީކީ ނޫނެވެ. އެހެން ހިތަށް އަރުވަން ވެސް ރައިހާން ބޭނުމެއް ނުވެއެވެ. އެހެނަސް މި ހުރިހައި ކަމެއްގެ ފަހަތުގައިވާ ހަގީގަތުގެ ކުޑަ މިންވަރެއް ނަމަވެސް ލިވްޔާއަށް އެނގޭކަން މިއަދު އޭނާއަށް ޔަގީންވެއްޖެއެވެ. އެއީ ކޮން ކަމެއްކަން ކޮންމެ ގޮތެއް ހަދާފައި ވެސް މިއަދު އޭނާ ހޯދާނެއެވެ.
އަވަސް ފިޔަވަޅުތަކެއްގައި ލިވްޔާގެ ކޮޓަރިން ނުކުމެގެން ގޮސް ރައިހާން ގެއިން ބޭރަށް ނުކުތީ ހެނދުނުގެ ނާސްތާ ވެސް ކުރުމެއް ނެތިއެވެ. ހިތުގައިވާ ސުވާލުތައް ލިވްޔާއާ ނުކޮށް ހިނދުކޮޅެއް ވެސް އޭނާއަކަށް ކެތެއް ނުކުރެވޭނެއެވެ. އެހެނަސް ރައިހާންއަށް ނޭނގުނު ކަމަކީ އެކަން ކުރަން މިހާރު ވެސް މާ ލަސްވެއްޖެ ކަމެވެ. ވާނޭ ގޮތެއް ވެ ނިމި، ހުރިހައި ކަމެއް ވެއްޔާލައި މޮޑެވިއްޖެ ކަމެވެ.
ކާރު ދުއްވަމުން ދިޔަ އިރު ރައިހާންއަށް މިއަދު ކާރު ދުއްވުނީ ވެސް އެހެން ދުވަސްދުވަހަށް ވުރެ ބާރަށެވެ. އެހެނަސް އެކަމަށް މާ ބޮޑު ސަމާލުކަމެއް ނުދީ ރައިހާން އިހުނަށްވުރެ ވެސް ބާރަށް ހުންގާނުގައި ހިފަހައްޓައިލީ އަވަހަށް ލިވްޔާ ގާތަށް ދާން ބޭނުންވެފައި ހުރެއެވެ.
ނިތަށް ރޫތައް ގިނަވެފައިވާ އިރު، މަގުމައްޗަށް ނަޒަރު ހުއްޓާލައިގެން އިން ރައިހާންގެ ސަމާލުކަން އެހެން ދިމާއަކަށް އެނބުރުނީ އޭނާގެ ފޯނު ރިންގުވާން ފެށުމުންނެވެ. ފޯނު ނުނަގަން އިނދެފައި ވެސް ރައިިހާންގެ ވިސްނުން ބަދަލުވީ ގުޅަނީ ޒާމިންކަން އެނގުމުންނެވެ. އެއް އަތުން ހުންގާނުގައި ހިފަހައްޓާލައިގެން އިން އިރު، އަނެއް އަތުން ފޯނު ނަގާފައި ކަންފަތުގައި ޖަހައިލީ ޒާމިން އެ ގުޅަނީ ލައިނީގެ ޚަބަރެއް ލިބުމުން ކަމަށް ހިތާހިތުން ދުޢާ ކުރަމުންނެވެ.
“ހަލޯ..؟ ހަލޯ..؟ ރެން.. ވަރަށް އަވަހަށް ފޭސްބުކް ބަލާބަލަ!” ފޯނު ނެގުމާއެކީ ރައިހާންގެ ކަންފަތުގައި ޖެހުނީ ޒާމިންގެ ހާސްވެފައިވީ އަޑެވެ.
“މިގަޑީ ކާރުގަ.. އަހަރެން ފަހުން ބަލާނަން..” މާ ބޮޑު ކަމަކަށް ނުހަދައި ރައިހާން ބުނެލުމާއެކީ ޒާމިންގެ އަޑުގައިވީ ހާސްކަމާއި ކަންބޮޑުވުން ދެގުނަވީ ފަދައެވެ.
“ރެން! އަހަރެން ބުނާ އަޑު އަހައިގެން ހަމަ މިހާރު ފޭސްބުކް ބަލާބަލަ! ހެޔޮ އިންސްޓަގްރާމް ވިޔަސް! އަވަސް ކޮށްބަލަ! ވަރަށް ބޮޑު ކަމެއް ވެގެންނޭ! ވަރަށް އަވަސް!” ޒާމިންގެ އަޑުގައިވީ ޖެހިލުންވުމާއި ކަންބޮޑުވުމުގެ އަސަރު މިފަހަރު ރައިހާންގެ ހިތާ ހަމައަސް ވާޞިލްވުމުގައި ކާމިޔާބު ކޮށްފިއެވެ.
ރައިހާން އަވަސްއަވަހަށް ފޯނު ކަނޑައިލާފައި ކާރު މަޑުކޮށްލިއެވެ. މަގުގެ އެއްފަރާތުގައި ކާރު ޕާކުކޮށްލާފައި ފޯނު ނަގާފައި ފޭސްބުކް ހުޅުވައިލި އިރު އޭނާގެ ދެލޯ ބޮޑުވީ އަންނަމުން ދިޔަ ނޮޓިފިކޭޝަންތައް ދުއިސައްތައަށް ވުރެ މައްޗަށް އަރާފައި ވުމުންނެވެ. އަވަސް ހަރަކާތަކާ އެކީ ރައިހާން އެންމެ މަތީގައި އިން ނޮޓިފިކޭޝަންއަށް ފިތައިލި އިރު އެއީ ޕޯސްޓެއްގެ ދަށުން އޭނާއަށް މެންޝަންކޮށްފައި މީހަކު ކޮށްފައި އޮތް ކޮމެންޓެކެވެ.
“މާ މަތީ ކުންފުންޏަކަށް ހަދައިގެން ކުރިހައި ވެސް ކަމަކީ މީހުންގެ ލާރިގަނޑު ފޭރިގަތުމާ ޑްރަގް ވިއްކުން!” އެ ކޮމެންޓު ކިޔައިލާފައި ރައިހާންގެ ދެބުމަ ގޮށްޖެހިގެން ދިޔައީ ލިބުނު ހައިރާންކަމަކުންނެވެ.
“އަދި ކިރިޔާ މި މީހުންގެ ގޮތް މި އެނގެނީ.. ލަދުން ބޯފަޅައިގެން ދާ ވަރު ވޭ.. ދެން މާލޭގެ މާ ޤަދަރުވެރި އާއިލާއެއްގެ ދެ ފިރިހެން ދަރިންގެ ބުރަ މަސައްކަތަށް ހަދައިގެން..” ޖެހިގެން އޮތް ކޮމެންޓު ކިޔައިލާފައި ރައިހާންގެ ނިތަށް ޖަމާވަމުން ދިޔަ ރޫތައް އިތުރުވީއެވެ.
އިތުރަށް މަޑުކުރުމެއް ނެތި ރައިހާން އެ ޕޯސްޓް ބަލައިލި އިރު އެއީ މަޝްހޫރު ނޫހަކުން ޝާޢިއުކޮށްފައިވާ ޚަބަރެކެވެ. ރައިހާންގެ ދިގު އިނގިލިތައް ފަރިތަކަމާ އެކީ ފޯނުގެ ސްކްރީނުގައި ޙަރަކާތްކޮށްލުމާ އެކީ އެ ޚަބަރު ހުޅުވުނެވެ. ފުރަތަމަ އެ ޚަބަރުގެ މައި ފޮޓޯގައި އިން އޭނާއާއި ޔާނިއުގެ ފޮޓޯގެ ދަށުން ލިޔެފައި އޮތް ސުރުޚީ ފެނިފައި ރައިހާންގެ މުޅި ދުނިޔެ އެނބުރިގަތް ފަދައެވެ.
“މުޅި ރާއްޖޭގެ އިތުބާރާއި މަޤުބޫލުކަން ހޯދާފައިވާ އޭ.އާރް މެމޯރިއަލްސްގެ އަނދިރި ޙަޤީޤަތް ފަޅާއަރައިފި!”
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
5 Comments!
Comments are closed.







Alheyyyy… livya ah hurihaa vareh… e nimsha menge hithuga rahumuge kanfulheh vx nethee tha……
Vrh inthizaaruga huta thi upload kohly….. dhn in part vx varah avahah upload kohdheyne kamah ummeedhu kuran… anyways mi part vx varah varah reethi….
V reethi mi part dhigu inthizaarakah fahu mi part ves kiyaalan mi libunee MA v reethi 💜
Alhey blackmail kohgen meehun kidnap hureema vaa goy
Liv ves alhey ehen hama kanthah kureetha?🫣
Sheex ah ves rovijje yaan haadha dheravaaneyey adhi amdhun liv ah ekan engi hure nubuneema 😭
When next ?
💛
Vrh reethi mi part vs MA!
Ren hurihaa kameh ge hageegai hoadhaathi ingey. It’s all nimshaas fault
Whn nxt??
Please up the next fast curiously waiting!
Vrh reethi mi part ves!
When next?