މަހްމޫދަށް ފަރާއަށް ވީ ގޮތް ފެނިފައި ހެވުނެވެ. ހަމައެވަގުތު އޭނާގެ އަތުގައި އޮތް ފިޔާތޮށި ކުލައިގެ ފިނިފެންމާ ފަރާއަށް ދިއްކޮށްލިއެވެ. ފަރާ ލަދުރަކި ގޮތަކަށް އެ ފިނިފެންމަލުގައި ހިފިއެވެ. “މިރޭ ފަރާ ހާދަ ރީއްޗޭ.” މަހްމޫދު ބުނެލިއެވެ. ފަރާގެ ކޯތާފަތް ރަތްވެގެން ދިޔައީ އެޔެއް މިޔެއް ބަލާފައެއް ނޫނެވެ. “ޝު..ޝުކުރިއްޔާ” ފަރާ ހިނިތުންވުމެއް ރައްދުކޮށްލަމުން ބުންޏެވެ. މަހްމޫދުވެސް ހިނިތުންވެލިއެވެ. ނަމަވެސް އެ ވަގުތު އެތަނަށް ވެރިވެފައި އޮތް އަނދިރިކަމުގެ ތެރެއިން މަހްމޫދުގެ ތޫނު ފޭރާ ދަތްތަކެއް ފަރާއަަކަށް ނުފެނުނެވެ.
*** 13 ވަނަ ބައި ***
ފަރާއާއި މަހްމޫދުގެ ހަތަރުކަޅި ބައްދަލުވީ ހަމަ އެ ވަގުތެވެ. މަހްމޫދު މަޑުމަޑުން ފަރާއާއި ދިމާއަށް ފިޔަވަޅެއް އެޅިއެވެ. ފަރާއަށްވެސް ނުދަންނަ ބާރަކުން މަހްމޫދާއި ދިމާއަށް ދެވޭ ކަމުގެ އިހުސާސެއް ކުރެވިގެންދިޔައެވެ. ދެމީހުންނަށް އެކަކު އަނެކެއްގެ މޫނު ޖެހޭހާ ގާތް ވެވުމުން ދެމީހުންވެސް ހުއްޓުނެވެ. މަހްމޫދު މަޑުމަޑުން ފަރާގެ ކޯތާފަތުގައި ހިފާލިއެވެ.
“ފަރާ… އަހަރެން ވަރަށް ބޭނުން ފަރާ. ފަރާ ދެކެ އަހަރެންނަށް ވަރަށް ލޯބިވެވިއްޖެ. ދުވަހަކުވެސް ފަރާއަކަށް ދެރައެއް މި މަހްމޫދުގެ ދެއަތަކުން ނުދޭނަން. ފަރާ ބޭނުންވިއްޔާ ވީހާ ކަމެއް ކޮށްދޭނަން. ކޮށްދޭންވީ އެންމެ ކަމެއް. ފަރާ އަހަރެންގެ މީހަކަށް ވެދީ. އަހަރެންގެ ހިތް ފަރާ އަތުލި ފަދައިން ފަރާގެ ހިތްވެސް އަހަރެންނަށް ދީ.” އާދޭސްކުރާ ފަދައަކުން މަހްމޫދު ބުންޏެވެ. ފަރާގެ ހިތް އުފަލުން ނަށަން ފެށި ފަދައެވެ.
“އަހަރެންވެސް މަހްމޫދުދެކެ ވަރަށް ލޯބިވަން.” ފަރާ މަޑުމަޑުން ބުނެލިއެވެ. މަހްމޫދުގެ މޫނުމަތީގައި އުފާވެރި ހިނިތުންވުމެއް ކުޅެލިއެވެ. އަދި ފަރާ އުރާލުމަށްފަހު އުފަލުން އެނބުރެން ފެށިއެވެ. ދެމީހުންވެސް ތިބީ ވަރަށް އުފަލުންނެވެ. މިހެންވެ ކުރިމަތިވާން އޮތް ކޮޅިގަނޑުގެ ހިލަމެެއްވެސް ފަރާއަކަށް ނުވެއެވެ.
މަހްމޫދު މަޑުމަޑުން ފަރާ ގޮވައިގެން ތުނޑީގެ ހާމައަށް އޮތް ހިސާބަށް ގޮސް އެތަނުގައި ފަރާ ބޭންދިއެވެ. އަދި މަޑުމަޑުން ފަހަތަށް ޖެހެން ފެށިއެވެ. މިކަމާ ފަރާ ވަރަށް ހައިރާންވިއެވެ. “މަހްމޫދު ކޮންތާކަށް ތިދަނީ؟” ފަރާ ހައިރާންވެ ހުރެ އަހާލިއެވެ. މަހްމޫދު މިއަންނަނީއޭ ކިޔާފަ ވަލާ ދިމާއަށް މިސްރާބު ޖެހިއެވެ. ފަރާ އެކަނި އެހެން އިންނަން ޖެހުމުން ހިސާބަކަށް ބިރުގަންނަ ގޮތް ވިއެވެ. ފަރާ އޭނާ އިށީނދެލައިގެން އިން ވެލިގަނޑު މައްޗަށް ބަލައިލިއެވެ.
ވެލިގަނޑުމަތީގައި ކުރަހާފައި ހުރި ކުރެހުންތައް ފަރާއަށް ފެންނަ ވަރު މިވީ އަދިކިރިޔާއެވެ. ފަރާ ބިރުން އަވަހަށް ކޮޅަށް ތެދުވިއެވެ. އަދި ވަށައިގެން ބަލާލިއެވެ. އޭނާއަށް މި އިނދެވުނީ ވަށްބުރެއްގެ މެދުގައެވެ. ބޮޑު ތަރިއެއް ވަށްބުރުގެ އެތެރޭގައި ކުރަހާފައި އިން އިރު ވަށައިގެން ހުރީ ހުސް ކާނި މަލެވެ. ސިހުރުވެރިން އާންމުކޮށް ގެންގުޅޭ މަލެކެވެ.
މިކަން ފަރާއަށް ފަހުމްވުމުން ފަރާގެ ހަތަރެސްފައި ފިނިވެގެން ދިޔައެވެ. މަހްމޫދު އޭނާއަށް މިދިނީ ކޮންފަދަ ބޮޑު ލަނޑެއް ހެއްޔެވެ؟ ނަމަވެސް އެއީ ކީއްވެހެއްޔެވެ؟ މިކަމުން މަހްމޫދަށް ވާނީ ވަކި ކޮންކަމެއްހެއްޔެވެ؟
ފަރާ ބާރުބާރަށް އެ ވައްބުރުގެ ތެރެއިން ނުކުންނަން ދުއްވައިގަތެވެ. ނަމަވެސް އެ ވައްބުރުގެ ވަށަމިނުގައި ފައި އެޅިތަނާ ހީވީ މީހަކު ކަރަންޓު ޖައްސާލާފައި އޭނާ ކޮއްޕާލިހެންނެވެ. ފަރާ ދިޔައީ ވިއްސައިގެންނެވެ. ފަރާ ގުޅަވަރަކަށް ވަށްބުރުގެ މެދަށް އަނެއްކާވެސް ޖެހުނެވެ. އޭރު އޭނާގެ ކޮނޑުން ދިޔައީ ކެތްނުކުރެވޭ ވަރަށް ދިލަ ނަގަމުންނެވެ.
ފަރާގެ ދެލޮލުން ކަރުނަ އޮހޮރެމުން ދިޔައެވެ. އޭނާއަށް މިދިމާވީ ކޮންފަދަ މުސީބާތެއް ހެއްޔެވެ؟ އޭނާގެ ކުށަކީ ކޮބައިހެއްޔެވެ؟
ފިޔަވަޅުތަކެއް ފަރާއާއި ދިމާއަށް އަންނަ އަޑު އިވުމުން ފަރާ ބޯހިއްލާލިއެވެ. އޭރު ވައްބުރުގެ ވަށައިގެން ސާޅީހަކަށް ފިރިހެނުން އެތުރިފައި ތިއްބެވެ. އެއިން ކޮންމެ މީހަކުވެސް ތިބީ ހުދުކުލައިގެ ގަމީސް ލައިގެންނެވެ. އެ މީހުންގެ މެދުގައި ރަށުގެ މުދިންބެ ފެންތަށްޓެއް ހިފައިގެން ކިޔަވާލަ ކިޔަވާލަ ހުއްޓެވެ. ނަމަވެސް ފަރާގެ ލޮލުގައި އަޅައިގަތީ މުދިންބެ ކައިރީގައި ހެވި ދިލިފައި ހުރި އަންހެނާގެ މޫނެވެ.
ސަރީފާގެ މޫނެވެ.
ފަރާގެ ހިތް ހުއްޓުނެވެ. ސަރީފާ ފަރާދެކެ ކިތަންމެ ހިތްހަމަނުޖެހުނަސް މިފަދަ ކަމެއް ކޮށްދާނެކަމަކަށް ދުވަހަކުވެސް ފަރާ ހިޔެއް ނުކުރެއެވެ. ނަމަވެސް ކަން މިއޮތީ ވެފައެވެ.
“ސަރީފާ….ކީއްވެ؟ ކީއްވެ އަހަރެންނަށް މިހެން ތިހަދަނީ؟” ކަރުނަތައް ހިފަހައްޓަމުން ފަރާ އެއްސެވެ. ސަރީފާ ފަރާއާއި ދިމާއަށް ބަލާލުމަށްފަހު އެއް މިޔަކަނުން ހީލިއެވެ.
“ބޮޑުދައިތަ ހަމަ ތިހާ ގަމާރީތަ؟ ތިހާ މޮޅުކަމަށް ހެދިގެން އުޅޭއިރު މިވަރު ކަމެއްވެސް ނޭނުގުނީމަ ދެރައެއްނު؟” ސަރީފާ ބުންޏެވެ. “އަހަރެން ކޮންކަމެއް ކޮށްގެންތަ ސަރީފާ މިހާ ހިސާބަށް ކަންތައްތައް ގެންދަން ޖެހުނީ؟؟” ފަރާ އަނެއްކާވެސް އެހިއެވެ. “ކޮން ކަމެއްތަ ނުކުރަނީ؟ އަހަރެންގެ މައިންބަފައިންނަށް ކަމުދަނީ ފަރާ. ކިޔެވުމުގައިވެސް އެންމެ މޮޅީ ފަރާ. ކައްކަންވެސް އެންމެ މޮޅީ ފަރާ. ކުނިކަހަންވެސް އެންމެ މޮޅީ ފަރާ. އެންމެ ރީތީވެސް ފަރާ. ހުރިހާ ކަމެއްގައިވެސް ހުސް ފަރާ، ފަރާ، ފަރާ!” ސަރީފާ ހަޅޭލަވައިގަތެވެ. “އަހަރެންގެ މަހްމޫދަށްވެސް އެންމެ ކަމުދިޔައީ ފަރާ! އަހަރެން އެ ރޭ ފަރާގެ އަގު ވައްޓާލީމަވެސް އެހެން މީހުންނަށް ކަމުދަނީ ފަރާ! ފަރާގެ މަންމައާއި ކޮއްކޮ އަހަރެންގެ ކޮޅަށް އަދި ހުއްޓަސް އެހެން މީހުންނަށް ކަމުދަނީ އަދިވެސް ފަރާ!” ސަރީފާ ހިތްހަމަ ނުޖެހި ހުރެފައި ބުންޏެވެ.
“އަ..އަހަރެން ހިޔެއް ނުކުރަން ސަރީފާއަށް އަހަރެންގެ ސަބަބުން ތިހާ އުނދަގޫ ވާ ކަމަކަށް.” ފަރާ އިސްޖަހާލަމުން ބުންޏެވެ. “ނޭނގޭނެއްނު! ތިހިރަ ލޯބީގައި ޖެހި ދީވާނާ ވަނީ ވިއްޔަ! ތިވަރު ވެފައި ހުރިއިރު ރޭ ދުވާ ވަކި ކުރަން އެނގޭ ކަންވެސް ރަނގަޅު!” ސަރީފާ ބުންޏެވެ. “އެކަމަކު ދެނެއް ތިހެނެއް ނޫޅެވޭނެ. ބޮޑުދައިތަ ހީކުރީތަ އަހަަރެން މަޑުން ހުންނާނެޔޭ؟ ދެނެއް ނުހުންނާނަން. ދެން މަޑުމަޑުން ހުންނަންޖެހޭނީ ބޮޑުދައިތަ. މުޅި އުމުރަށް.” ސަރީފާ މިހެން ބުނުމުން ފަރާގެ ހިތަށް ހީވީ ފިނި ފެން އެއްޗެއް އޮއްސާލިހެންނެވެ.
“ތިހެން ނުހަދާ! އާދޭސްކޮށްފަ މިބުނީ! އިންސާނިއްޔަތުކަމުގެ ކަންފުޅެއްވެސް ހުރިނަމަ ސަރީފާ ތިހެނެއް ނުހަދާނެ! މީހަކު މެރުމަކީ ކިހާ ބޮޑު އަޒާބެއް ކަނޑައަޅުއްވާފައި އޮތްކަމެއްކަން ސަރީފާއަށް ހަމަ ރަނގަޅަށްވެސް އެނގޭނެ! އެހެންނޫނަސް މަހްމޫދު އަހަރެން ދެކެ ލޯތްބެއް ނުވޭ! އެހެންނޫނަމަ އަހަރެން މިތަނަކަށް ނުގެނައީހެއްނުން؟” ފަރާ އާދޭސްކުރިއެވެ. މީގެ ރައްދުގައި ސަރީފާ ޖަހާލީ ހިނިގަނޑެކެވެ.
“ދިވާނާ ވީމަ މީހާގެ އުނި ސިފަތަކެއް ނުފެންނާނެޔޭ މީހުން ކިޔައި އުޅެއެއްނު؟ ރުހުމުގެ ލޮލަކަށް އައިބެއް ނުފެންނާނެ. ހަމަ އެގޮތަށް ބޮޑު ދައިތައަކަށް އަސްލު މަހްމޫދާއި މިރޭ ބޮޑުދައިތައާއި ބައްދަލު ކުރި ޖިންނިވެސް ވަކި ކުރާކަށް ނޭނގުނު.” ސަރީފާ މަލާމާތް ކުރާ ފަދައަކުން ބުންޏެވެ.
“ޖި..ޖިންނިއޭ؟” ފަރާ ބިރުންހުރެ އަހާލިއެވެ. “އާނ! ޖިންނި! ފަރާއަށް ދިން ސިޓީވެސް ލިޔުނީ އަހަރެން! ރީތިދޯ އަތު ލިޔުން؟” ސަރީފާ ޖެއްސުމަށް ބުންޏެވެ. ފަރާގެ ހިތް ކުދިކުދިވިއެވެ. މަހްމޫދުގެ ނަމުގައި އެ ފޮނުވި ސިޓީއަކީ ސަރީފާގެ ރޭވުމެއްކަން ފަރާއަށް އެނގޭނީ ކިހިނެއްހެއްޔެވެ؟ ނަމަވެސް ވަގުތު ފާއިތުވެއްޖެއެވެ. ލޯތްބޭ މިކިޔާ ކަނު ބަނދެގެން ފަރާ ހިނގަމުން ދިޔައިރު އަނދަވަޅަކަށް ވެއްޓުނު އިރުވެސް ފަރާއަކަށް ރޭކައެއްނުލިއެވެ.
މުދިންބެ ކިޔެވެލި ކިޔަވަން ފެށުމަށް އެތާ ތިބި 40 ފިރިހެނުންނަށް އަމުރުކުރިއެވެ. އަދި އޭނާ އަތުގައި އޮތް ފެންތަށިން ފެން ގޮއްޓެއް ނެގުމަށްފަހު ފަރާއާއި ދިމާއަށް ވިއްސަން ފެށިއެވެ. ފެން ތިކިތައް ފަރާގެ ކަނދުރާގެ އެއްފަރާތުގައި ޖެހުމުން އަޑު ނެތް ކޮޅަށް ފަރާއަށް ރޮއިގަނެވުނެވެ. އޭނާއަށް ހީވީ އޭނާގެ ކަނދުރާ މަތީގައި ލޮނިމިރުސް އުނގުޅާފައި ހުރި ވަޅިތަކެއް ކޮއްޕާލިހެންނެވެ. ކިޔަވަންތިބި ފިރިހެނުންގެ އަޑު ބާރުވި ވަރަކަށް ވައިވެސް ޖެހޭވަރު ގަދަވަމުން ދިޔައެެވެ. ފަރާ ދިޔައީ މިކަން ހުއްޓުމަށް އެދި ރޮއި އާދޭސްކުރަމުންނެވެ. ސިހުރު ހެދުމަކީ ކިހާ ބޮޑު ފާފައެއްކަން ތަކުރާރުކޮށް ފަރާ ބުނަމުން ދިޔަ ނަމަވެސް އެކަން ވީ ފޫ ނެތް ފެޔަށް ފެން ފުރުން ފަދަ ކަމަކަށެވެ.
15 މިނެޓު ވަންދެން ކިޔަވެމަށްފަހު މުދިންބެ އޭނާގެ ޖީބުން އަލިފާން ފޮއްޓެއް ނެގިއެވެ. މި މަންޒަރު ފެނިފައި ފަރާއަށް ވާން އެ އުޅެނީ ކީއްކަން ދެނެގަނެވުނެވެ. “ތިހެން ނުހަދާ! މީހަކު މަރަން އުޅޭއިރު ބިރެއްވެސް ނުގަނޭތަ؟؟ ލިބޭނެ އަޒާބާއި މެދު ވިސްނައެއްނުލަންތަ؟؟” ފަރާ ހަޅޭލަވައިގަތެވެ. ނަމަވެސް މުދިންބެ އެ އަލިފާން ދަނޑި ރޯ ކޮށްލިއެވެ. އޭރު އެހެން ފިރިހެނަކު ވައްބުރު ވަށައިގެން ކަރާސީނު ތެޔޮ އަޅައިފިއެވެ. މުދިންބެ މަޑުމަޑުން އެ އަލިފާން ދަނޑި އެ ތެޔޮތަށް މައްޗަށް ވައްޓާލިއެވެ. އިސާހިތަކު އެ ވައްބުރުގައި އަލިފާން ރޯވެއްޖެއެވެ.
ފަރާއަށް އަލިފާނުގެ ހޫނުގެ އަސަރު ކުރަމުން ދިޔައެވެ. ނޭވާ ހާސްވަމުންދިޔައެވެ. އުޑުމައްޗަށް ފަރާ ބަލާލި އިރު އޭނާގެ ދެލޮލުން ކަރުނައިގެ ކޯރެއް ފައިބަމުން ބުންޏެވެ. މިއީ އިންސާފު ހެއްޔެވެ؟ ނޫނެކެވެ. ނަމަވެސް ފަރާ އިންސާފު ބޭނުމެވެ. ވަރަށް ބޭނުމެވެ.
ފަޖުރުލީއިރު އަލިފާންގަނޑު އެކީ އެއްކޮށް ނިވިއްޖެއެވެ. މުދިންބެގެ އަމުރަށް އެ ތަން ފަސްއަޅާ އެއްވަރުކޮށްފިއެވެ. އެ ދުވަހު އިރު އެރިއިރު މުޅި ރަށުތެރޭގައިވެސް ދެކެވެމުންދިޔައީ ފަރާ ގެއްލިގެން އުޅޭ ވާހަކައެވެ. އެއް ބަޔަކު ރުއި އިރު އަނެއް ބަޔަކު ދިޔައީ ސިއްރު ސިއްރުން އެކަމުގެ އުފާ ފާޅުކުރަމުންނެވެ.
އެއް މަސް ވީއިރުވެސް ފަރާއެއް ނުފެނުނެވެ. ފަރާ އެކީ އެއްކޮށް ގެއްލުނީ ކަމަށް ރަށުގެ ރައްޔިތުން ނިންމީ މިހާ ހިސާބުންނެވެ. މި މަންޒަރު ފަރާ ދުށްޓެވެ. ރޫހެއްގެ ސިފައިގައެވެ.
*****
ފަރާގެ ވާހަކަ ކިޔައިދީ ނިމުނުއިރު ފަރާއަށް ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ. ޔުމްނާވެސް ވަރަށް ބޮޑަށް ދެރަވެއްޖެއެވެ. މީހަކާ ދޭތެރޭ ހަސަދަވެރިވެގެން މިހާ ބޮޑު ކަމެއް ކުރި ވާހަކައިގެ އަޑު ޔުމްނާ މި އެހީ އަދި އަލަށެވެ. “ދެން….ކިހިނެއްތަ މާމައަށް ވީ؟” ޔުމްނާ އަހާލިއެވެ.
“އަހަރެން މަރުވިތާ 2 އަހަރު ފަހުން ސަރީފާއާއި ފައްޔާޒުގެ ދިރިއުޅުން ބަދަލުކުރީ މިރަށަށް. ދެން އެ ދެމީހުން ބިނާ ކުރީ މިގެ. ހަވޭލީ.” ފަރާ އޭނާގެ ކަނދުރާގައި އިން ލަކުނުގައި އަތް ޖައްސާލަމުން ބުންޏެވެ.
ހަމައެވަގުތު ފަތިސް ނަމާދުގެ ބަންގީގެ އަޑު އިވެން ފެށުމުން ފަރާ ތެދުވިއެވެ. “ވަރަށް ގިނަ އިރު ވާހަކަ ދެއްކިޖެދޯ. އަހަރެން އުންމީދުކުރަން މީގެ ފަހުން ޔުމްނާ އަހަރެންނަށް އިތުބާރުކުރާނެކަމަށް.” ފަރާ ބުންޏެވެ. ޔުމްނާ މަޑުމަޑުން ބޯ ޖަހާލިއެވެ. މިއާއިއެކީ ފަރާ ޣައިބުވެއްޖެއެވެ.
ޔުމްނާގެ ހިތުގައި އޭރު ފަރާއާއި މެދު ހިނގި ވަސްވާސްތަށް މުޅިން ހިނގައްޖެއެވެ. އާ ހިތްވަރަކާއެކީ ހަވޭލީގެ ސިއްރު ހޯދުމަށް ޔުމްނާ އަވަސްވެގަތެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
13 Comments!
Comments are closed.



masha allh mi part ves varah reethi
really love your stories
when next
lysmm
Hello!
I’m so glad you like my stories! This is my first time writing a series, so reading your comment really made me happy🥹
Insha Allah Wednesday ga next part kiyaaleveyne
Lysm!
Maashaa Allah mi part ves v Reethi 👏☺️
Alhey sareefa hadha gohey dho 😤
I really love mi vaahaka💗💗
Very curious
Tc❤️
Hi Kudu!
Yep, Sareefa is a pretty bad villain in this story!😭
I’m very happy you liked this part as well!
Take care!🫶🤍
Masha Allah mi part vx vrh furihama 💗!!
Thank you so much!🤍🫀🫶
Masha Allah! Mi part vx vrh vrh reethi 😍😍😍😍
Ly😘
Thank you so much Anonymous!🤍🫶
Masha Allah! Mi part vx vrh vrh reethi 😍😍😍
When next????🫣
Ly
Insha Allah next Wednesday ga 14 vana bai kiyaaleveyne
Masha Allah! Mi part vx vrh vrh reethi 😍😍😍
When next????🫣
Ly
Always thanks Eekko🫶🤍
*Awww* thanks Eekko🫶🤍