ހަމައެވަގުތު ފަތިސް ނަމާދުގެ ބަންގީގެ އަޑު އިވެން ފެށުމުން ފަރާ ތެދުވިއެވެ. “ވަރަށް ގިނަ އިރު ވާހަކަ ދެއްކިޖެދޯ. އަހަރެން އުންމީދުކުރަން މީގެ ފަހުން ޔުމްނާ އަހަރެންނަށް އިތުބާރުކުރާނެކަމަށް.” ފަރާ ބުންޏެވެ. ޔުމްނާ މަޑުމަޑުން ބޯ ޖަހާލިއެވެ. މިއާއެކީ ފަރާ ޣައިބު ވެއްޖެއެވެ.
ޔުމްނާގެ ހިތުގައި އޭރު ފަރާއާއި މެދު ހިނގި ވަސްވާސްތައް މުޅިން ހިނގައްޖެއެވެ. އާ ހިތްވަރަކާއެކީ ހަވޭލީގެ ސިއްރު ހޯދުމަށް ޔުމްނާ އަވަސްވެގަތެވެ.
*** 14 ވަނަ ބައި ***
ޔުމްނާ އަވަސްއަވަހަށް ގޮސް ފާޚަނާއަށް ވަދެ ފެންވަރަން ފެށިއެވެ. ފާއިތުވި ދިޔަ 24 ގަޑިއިރުގެ ތެރޭގައި އާދަޔާޚިލާފު އެތައް ކަމެއް ހިނގައިފިއެވެ. ޔުމްނާއާއި އެ ހުދު ބުޅާ ދިމާކުރުމެވެ. ހުސްނާ ޔުމްނާގެ ގަޔަށް ފެން ކިޔެވުމެވެ. ފަރާއާއި އަނެއްކާވެސް ބައްދަލުވެ ފަރާގެ މާޒީގެ ހަޤީޤަތް އެނގިގެން ދިޔުމެވެ. މި ހުރިހާ އޮޅުން ބޮޅުމެއްގެ ތެރެއިންވެސް ޔުމްނާއަށް އެނގިގެންދިޔައީ މިއީ އާދައިގެ ކަމެއް ނޫންކަމެވެ. ނަމަވެސް ދެން ކުރިޔަށް ދާނީ ކިހެންބާވައެވެ؟ ހުސްނާ ފޮރުވައިގެން މިއުޅޭ ކަންތައްތަކުގެ ހަޤީޤަތް ހޯދާނީ ކިހިނެއް ބާވައެވެ؟ ޔުމްނާގެ މާމަ ސަރީފާ ފަރާއަށް ސިހުރު ހެދިނަމަވެސް ހުސްނާ ޔުމްނާއަށް ރޭގައި އެ ހެދީ ސިހުރު ހެއްޔެވެ؟ ޔުމްނާއާއި މި ދިމާކުރާ ހުދު ބުޅަލުގެ ސިއްރަކީ ކޮބައިބާވައެވެ؟
ހުސް ޖަވާބު ނޭނގޭ ސުވާލުތަކެކެވެ. ނަމަވެސް މި ނާޒުކު ދަނޑިވަޅުގައި ހުސްނާއަށް ކިރިޔާވެސް ކަމެއް ރޭކާއިލާފިނަމަ ޔުމްނާގެ ހޯދަން ބޭނުންވާ ކަންކަން ހޯދުމަށް ހުރަސް އެޅޭނެއެވެ. ދެން ހުރީ ޔުމާންއެވެ. ޔުމާން ޔުމްނާއަށްވުރެ 7 އަހަރު ދޮށްޓެވެ. ފަހަރުގައި ޔުމްނާއަށް ނޭނގޭ ކަމެއް ޔުމާންއަށްވެސް އެނގިދާނެއެވެ. ނަމަވެސް މިކަންތައްތައް ޔުމާންއަށް އަންގައިފިނަމަ ކަން ވާނީ ކިހިނެއް ކަމެއް ޔުމްނާއަށް އަންދާޒާކޮށްލަންވެސް ނޭނގެއެވެ. އެހެނީ ޔުމާން ކައިރީ ބުނެފިއްޔާ މި ވާހަކަ ހުސްނާއަށް ފަޅާ އެރުމަކީ ވަރަށް ގާތް ކަމެކެވެ. މިހެންވެ ޔުމްނާ އަވަހަށް ޔުމާންގެ ނަމުގައި ސިކުނޑި ތެރޭގައި ރަސްގެއް އަޅާލިއެވެ. ދެން ހުރީ ރަޝާއެވެ. ރަޝާއަކީ ޔުމްނާގެ އެންމެ ގާތް އެކުވެރިޔާއަށްވީ ނަމަވެސް މި މައްސަލަގަނޑުގެ ތެރެއަށް ރަޝާ ވައްދައިގެން ރަޝާއަށް ގެއްލުމެއް ލިބޭކަށް ޔުމްނާއެއް ނޭދެއެވެ.
ޔުމްނާ ފާޚާނާއިން ނުކުމެ ފުން ނޭވާއެއް ދޫކޮށްލިއެވެ. މި ކަންތައްގަނޑު ހިއްސާކުރާނެ މީހެއް ނެތީ ހެއްޔެވެ؟ އަވަސްއަވަހަށް ޔުމްނާ ރީތިވެލައިގެން ހުސްނާއަށް ބަދިގެ ތެރޭގައި އެހީތެރި ވެދިނުމަށް ކޮޓަރިން ނުކުތެވެ.
ދުވަހަކީ ހުކުރު ދުވަސްކަމުން އެދުވަހު ހުކުރަށް ގޮވަންދެންވެސް ޔުމްނާ އުޅުނީ ކެއްކުމުގައެވެ. ތަފާތު އެކި ވައްތަރުތަކުގެ ހަވާދު ރިހައާއި، ގަރުދިޔައާއި ބަތްވެސް މިއަދު ކާމޭޒު މަތީގައި ހުއްޓެވެ. ނަމަވެސް މިއަދު ޔުމްނާއަށް ހުސްނާ އާދަޔާޚިލާފަށް މަޑުމޮޅިވެފައި ހުރިކަން ފާހަގަވިއެވެ. ފަހަރުގައި ޔުމްނާއަށް ހުސްނާ ރޭގައި ޔުމްނާ ގަޔަށް ކިޔެވިކަން އެނގޭކަން ހުސްނާއަށް އެނގުނީ ހެއްޔެވެ؟ ނަމަވެސް ޔުމްނާ އެއްޗެއް ބުނަންވާއިރަށް ހުސްނާ ވާހަކަ ދައްކަން ފެށިއެވެ.
“ދަރިފުޅާ. މިއަދު މަންމަ ހަވީރު މިއުޅެނީ ޖަމްޝީދާ މެންގެ ގެއަށް ކުޅި ރޮށި ހަދައިދެން ދާންވެގެން އިނގޭ. މަންމައަށް އާދެވޭނީ ވަރަށް ދަން ވާ ފަހުން.” މިހެން ބުނެފައި ހުސްނާ ކޮޓަރިއަށް ދިޔައެވެ. މިހެން ހުސްނާ ބުނުމުން ޔުމްނާ ކުޑަކޮށް ހައިރާންވިއެވެ. އެއީ އާންމު ގޮތެއްގައި ހުކުރު ދުވަސްދުވަހަށް އެ ރަށު މީހުން ކުޅިރޮށި ނުހަދާތީއެވެ. ނަމަވެސް ހަމަ އެ ވަގުތު ޔުމްނާއަށް ވަރަށް މޮޅު ހިޔާލެއް ލިބުނެވެ.
ހުސްނާ ގޭގައި ނެތް ކަމުގައި ވަނީނަމަ ޔުމްނާއަށް ހުސްނާގެ ކޮޓަރި ބެލޭނެއެވެ. އެއީ މިއަދު ހަވީރު ޔުމާންވެސް އުޅޭނީ ބޭރުގައި ކަމަށް ވާތީއެވެ. ފަހަރުގައި އެ ކޮޓަރިންވެސް ޔުމްނާއަށް މުހިއްމު މައުލޫމާތު ތަކެއް ލިބުމަކީ އެކަށީގެންވާ ކަމެކެވެ. މިހެންވެ ޔުމްނާ ވަރަށް އުފާވިއެވެ. އަދި އަވަސްއަވަހަށް ކޮޓަރިއަށް ވަދެ ކުރިއަށް އޮތް ކަންތައްގަނޑަށް ތައްޔާރުވާންފެށިއެވެ.
އަޞްރު ނަމާދަށް ބަންގި ގޮވުމުން ޔުމްނާ އަވަހަށް ފެން ވަރާލައިގެން ނަމާދުކުރިއެވެ. އަދި އެއަށްފަހު ހުސްނާ ޖަމްޝީދާ މެންގެ ގެއަށް ދާން ގެއިން ނުކުންނާނެ ވަގުތަކަށް އިންތިޒާރު ކުރަން ފެށިއެވެ. ނަސީބު ރަނގަޅު ކަމުން މާ ގިނަ އިރަކު އިންތާޒުކުރާކަށް ނުޖެހުނެވެ. 4 ޖެހިއިރު ހުސްނާ ގެއިން ނުކުމެގެން ހިނގައްޖެއެވެ.
ޔުމްނާ ބައި ގަޑިއިރެއްވަރު މަޑުކުރިއެވެ. އަދި 16:30 ވުމުން މަޑުމަޑުން ކޮޓަރިން ނުކުތެވެ. އޭރު ބޭރު ފެންޑާގޭގައި ހުރި ލޫވަތަކުން އިރުގެ ރަން ދޯދިތައް ފެންޑާގޭގައި ހުރި އުނދޯއްޔަށް އެޅިފައި ހުއްޓެވެ. ޔުމްނާ ކުޑައިރު އެ އުނދޯއްޔަށް އަރައިގެން ކުޅުނު ހަނދާން ވުމުން އޭނާގެ ތުންފަތަށް ފަނޑު ހިނިތުންވުމެއް ވެރިވިއެވެ. އެ ދުވަސް އަނބުރާ އަންނާނެނަމައޭ ޔުމްނާގެ ހިތަށް އެރިއެވެ. އެ ދުވަހު މިއަދު ކުރިމަތިލާންޖެހިފައިވާ ފަދަ ބޮޑެތި މައްސަލަތަކާއި ކުރިމަތިލާކަށް ނުޖެހެއެވެ. ނަމަވެސް ކުރާނީ ކީއްހެއްޔެވެ؟ އެއީ މާޒީއެވެ.
ޔުމްނާ އަވަސްއަވަހަށް ހުސްނާގެ ކޮޓަރިއާއި ދިމާއަށް ހިނގައިގަތެވެ. ހުސްނާގެ ކޮޓަރިއާއި އަރާ ހަމަވުމުން މަޑުމަޑުން ދޮރުގެ ތަޅު އަނބުރާލިއެވެ. ނަމަވެސް ދޮރު ހުރީ ތަޅުލާފައެވެ. ޔުމްނާ އެ ކޮޓަރި ކައިރީގައި ހުރި ކުޑަ މޭޒުމަތީގައި ބަހައްޓާފައި ހުރި ޔުމްނާއާއި ޔުމާންގެ ކުޑައިރުގެ ފޮޓޯ ފުރޭމުތައް ހިއްލާލިއެވެ. އެ ތަނުގައި ހުސްނާގެ ކޮޓަރި ތަޅުދަނޑި އިނެވެ.
އެއީ ޔުމްނާ އެންމެ ކުޑައިރުއްސުރެ ހުސްނާ ތަނަކަށް ދާނަމަ ކޮޓަރި ތަޅުލާފައި ތަޅުދަނޑި ފޮރުވާތަނެވެ. ޔުމްނާާ ތަޅުދަނޑި ނެގުމަށްފަހު ދޮރުގެ ތަޅަށް ޖަހާފައި ދޮރު ހުޅުވާލިއެވެ.
ފަހަތުން ދޮރު ލައްޕާލުމަށްފަހު ޔުމްނާ އެ ކޮޓަރި ތެރެއަށް ނަޒަރު ހިންގާލިއެވެ. 5 އަހަރު ވީިއިރުވެސް އެ ކޮޓަރި ހުރީ ހަމަ އެ ގޮތަށެވެ. ކޮޓަރީގެ އެއްކަނުގައި އެނދެއް ބެހެއްޓިފައި ހުރިއިރު އެނދާއި ކުރިމައްޗަށް ވާ ގޮތަށް ލަކުޑި މޭޒެއް ހުއްޓެވެ. މޭޒާއި ޖެހިގެން އަލަމާރި ހުރިއިރު ކުޑަ ދޮރު ހުރީ އެނދުގެ ފައިލާކޮޅާއި ދިމާއަށް ހުރި ފާރުގައެވެ.
ޔުމްނާ މަޑުމަޑުން ގޮސް ފުރަތަމަ އަލަމާރި ހުޅުވާލިއެވެ. ދެ ދޮރުފަތް ލާފައި ހުރި އަލަމާރިއެއް ކަމުން އެ އަލަމާރި އެހާ ބޮޑެއް ނޫނެވެ. ޔުމްނާ އަށް އަލަމާރި ތެރެއިން ބޭނުންތެރި އެއްވެސް އެއްޗެއް ނުފެނުނެވެ. މިހެންވެ ޔުމްނާ ދެން ބެލީ މޭޒުމައްޗެވެ. މޭޒުމަތީގެ އެއް ކަނަށް ވާގޮތަށް ދީނީ އެކި ފޮތްތައް ހުރިއިރު އެ ފޮތްތަކާއި އިންވެގެން ހުސްނާގެ ރީތިވާ ސާމާނު ހުއްޓެވެ. އެ ލަކުޑި މޭޒު ދަށުގައި އިން ވަތްގަނޑުވެސް ޔުމްނާ ބެލިއެވެ. އޭގައި އޮތީ ތަސްބީހައަކާއި ހަތިމެކެވެ.
ގޮތްހުސްވެފައި ހުރެ ޔުމްނާ އެނދުމަތީގައި އިށީނެވެ. ހުސްނާގެ ކޮޓަރިން އެއްވެސް ކަހަލަ ބޭނުންތެރި މައުލޫމާތެއް ނުލިބުމުން ޔުމްނާ ގެ ހިތްވަރު ފަނޑުވިއެވެ. މަޑުމަޑުން ބާލީސްތަކުގައި ލެނގިލިތަނާ ކޮންމެވެސް ހަރު އެއްޗެއްގައި ޔުމްނާގެ ފައި ޖެހުނެވެ. ޔުމްނާ މަޑުމަޑުން ތިރިއަށް ބަލާލިއެވެ. އޭރު އެނދު ތަންދޮށުން ފޮށިގަނޑެއް ބޭރަށް ފެންނަ ގޮތަށް ނިކުމެފައި ހުއްޓެވެ.
އަވަސްއަވަހަށް ޔުމްނާ އެނދު ތަންދޮށަށް ބޯ ދިއްކޮށްލިއެވެ. އެނދު ތަންދޮށުގައި ތަފާތު އެކި ސައިޒުތަކުގެ ފޮށިގަނޑުތަކާއި ކޮތަޅުތައް ހުއްޓެވެ. އެއިން ކޮންމެ ފޮށިގަނޑެއްގައިވެސް ހުރީ އެކި ކަހަލަ ބާވެފައި ހުރި ފޮޓޯ އަލްބަމްތަކާއި ޔުމްނާއާއި ޔުމާންގެ ކުޑައިރުގެ ކުޅޭ އެއްޗިއްސާއި އަންނައުނެވެ. އެނދު ތަންދޮށް ހާވަމުން ގޮސް އެންމެ އެތެރެއަށް އިން ހައިވަކަރު ފޮށީގައި އަތްޖެހުމުން އެ ފޮށި ދަމާފައި ޔުމްނާ އެ ފޮށި ނެރުނެވެ. އެ ފޮށީގެ ކަންތަކުގައި ދަގަނޑު ޖަހާފައި ހުރިއިރު އުފުލަން ބަލާއިރު ފުދޭވަރަކަށް ބަރެވެ.
ޔުމްނާ އެ ފޮށި ހުޅުވަން ބެލިއިރު އެ ފޮށީގައި ތަޅެއް ލާފައި އިނެވެ. ޔުމްނާ ހަދާނެ ގޮތް ހުސްވިއެވެ. މި ތަޅު ހުޅުވަން ކޮންމެހެންވެސް ތަޅުދަނޑިއެއް ބޭނުންވިއެވެ. ވަށައިގެން އަނެއްކާވެސް ޔުމްނާ ބަލާލިއެވެ. ހަމައެވަގުތު ފާރަށް ޖަހާފަައި އިން މޮހޮރަށް ލައްވާފައި އިން ތަޅުދަނޑި ފަތި ޔުމްނާއަށް ފެނުނެވެ. ޔުމްނާ އަވަސްއަވަަހަށް އެ ތަޅުދަނޑި ފަތި ނެގުމަށްފަހު އެއިން ކޮންމެ ތަޅުދަނޑިއަކުންވެސް ތަޅު ހުޅުވޭތޯ މަސައްކަތް ކުރިއެވެ.
ތަޅުދަނޑި ފަތީގެ އެންމެ ފުލުގައި އިން ތަޅުދަނޑި ޔުމްނާ ތަޅަށް ޖެހިއެވެ. އެންމެ ފަހުން އެ ފޮށި ހުޅުވުނެވެ. ޔުމްނާ އަވަސްއަވަހަށް އެ ފޮށީގެ މަތިގަނޑު ހުޅުވާލިއެވެ.
ޔުމްނާގެ ހިތް ނުހުއްޓުނީ ހަމަ ކިރިޔާއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
13 Comments!
Comments are closed.



Omg! Yumna ah e fanunee Akala foi dho….
Husna e sorry kuranee Kon kameh baa???
Can’t wait for the next one!
Tc😘
Omg! Yumna ah e fanunee Akala foi dho….
Husna e sirru kuranee Kon kameh baa???
Can’t wait for the next one!
Tc😘
Hi Eekko!
Adhi neynge Yumna ah fenuny koncheh kameh!😁
Thank you for the sweet comment!🫶🤍
masha allah mi part ves vrhh reethi
so happy to read this part
curiously waiting for the next part
TC
lysmmm💖
Hello!
I’m so glad you liked this part too!
Thank you for your support!🫶🤍
When will the next part be released on?
Insha Allah next Friday ga 15 vana bai upload kohllanan😁
Mi part ves v Reethi Maashaa Allah 💗
OMG this keeps getting more interesting part by part 😊☺️😀
So did yumna find the book 😱🤔
I am so curious 😥
When next
TC❤️❤️❤️
Hi Kudu!
Let’s see what Yumna really saw dhw in the next part!
Insha Allah next Friday ga dhen oi bai kiyaaleveyne
TC and Lysmm!🫶🤍
Masha Allah varah reethi story eh
It’s getting really interesting
Thank you for your kind comment pookie! <3
nice thankyou its a nice story love it
Thank you girl!