Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

އެދިގެންް ކަލާ ލިބޭތޯ 3

Niraa Level 5100 Login10 Stories
August 3, 2025 12 Mins Read
1 Comment

(3 ވަނަ ބައި)

“ޔުމްނު…” މައްޗަށް ދެވޭގޮތަށް އިން ލަކުނޑި ސިޑިމަތީން ދުވެފައިކަހަލަގޮތަކަށް ފައިބައިގެން އައި އަންހެންކުއްޖާގެ ފިޔަވަޅުތައް އަމާޒުކުރެވިފައިހުރީ ތިރީގައި ހުރި ކައުންޓަރާއި ދިމާލަށެވެ. މާނޭވާލަމުން އެ އަންހެންކުއްޖާ ކައުންޓަރާއި ކައިރިވީއިރު ކައުންޓަރު ކައިރީގައި ހުރި އަންހެންކުއްޖާ އިސްއުފުލާ ބަލާލީއެވެ. އެ ދެއަންހެންކުދީންގެ ދެމެދުގައި ދެކެވިގެންދިޔަ ވާހަކަަކޮޅަކަށްފަހު ކައުންޓަރު ކައިރީގައި ހުރި އަންހެންކުއްޖާ ސިޑިބަރިއާއި ދިމާލަށް ހިނގައިގަތެވެ. ސިޑީ ގެ ފައްތަރުތަކުންލާފައި މައްޗަށް އަރަމުން އެ އަންހެންކުއްޖާ ފަސްއެނބުރިބަލާލިއެވެ. އެ ކުޑަ ހަރަކާތާއިއެކު ނިއްކުރި މައްޗަށް ފައިބައިގެންދިޔަ ކުރު އިސްތަށިކޮޅުތަކުގައި އެއްއަތުން ފުނާއަޅާލަމުން ބޭރު ފެންނަގޮތަށް އިން ބިއްލޫރިގަނޑާއި ދިމާލަށް ބަލާލީ އެތާގައި މީހަކު ހުރިހެން ހީވެގެންކަހަލަގޮތަކަށެވެ. އެ ތޫނު ލޮލުގެ ނަޒަރު ހިޒްޔާންގެ މޫނަށް ހުއްޓިގެން ދިޔަ ހިނދު އެލޮލުން ކޮންމެވެސްވަރަކަށް ހިތްހަމަނުޖެހުމުގެ އަސަރު ފާޅުވެގެން ދިޔައެވެ.

“ޔުމްނު..” އެ ތޫނު ލޮލުގެ އެންމެ ބަލާލުމަކުން ފިނިވެގެންދިޔަ ހިޒްޔާންގެ ދުލުން އެނަން ތަކުރާރުވެގެންދިޔައެެވެ. އެ ތިންއަކުރުގެ ނަމުން އޭނަގެ ކުރިމަތީ ދެއަހަރު ކުރީގެ ހަނދާނެއް ފިޔަޖަހާލިފަދައެވެ. އޭނަގެ އަތުގެތެރޭގައި އެހަށިގަނޑުވީ ވަގުތުކޮޅު ބިރާއި ސިހުމާއި އެކުވެގެން އޭނައަށް ކުރެވުނު ބާރުގަދަ އިހުސާސްގެ ބާރު ދެވަނަ ފަހަަރަށްވެސް ހަށިގަނޑުގެ ތެރޭ ދައުރުވިފަަދައެވެ. ދުނިޔެއަށް ވެރިވެފައިވީ ކަނުއަނދިިރިކަމުގެތެރޭގައި އެމޫނުގެ ސިފަތައް ދަސްކުރާނެފަދަ ފުރުސަތެއް އޭނައަށް ނުލިބުނަސް ކަންފަތުގައި ހަރުލި އެނަން އޭނަގެ ހިތުންފިލައިގެންނުދާނެއެވެ. އެރޭގެ އެ ބައްދަލުވުން އެނުދަންނަ އަންހެންކުއްޖާއާއި މެދު އެހިތުގައި ޖަވާބުލިބުމެއްނެތް ސުވާލުތަކެއް އުފަންކުރުވިއެވެ. އެއަންހެންކުއްޖާގެ ހަޔާތުގެ ސިއްރު ތަކުގެ އެންމެ ފުނަށް ފީނަން ހިތުގައި ޝައުގުވެރިކަމެއް އުފެދިގެންދިޔައީ އޭނައަށްވެސް ނޭނގިއެވެ. އެ ޝައުގުވެރިކަން މިއަދާއި ހަމަޔަށްވެސް އެގޮތުގައި ދެމިއޮތްކަން އިނގުމަކީ ހުދު އޭނަައަށް ވެސް ލިބުނު ހައިރާން ކަމެކެވެ.

**********************************

ވެހެމުންދިޔަ ވާރޭ ހުއްޓާލައިފައި އޮތަސް ދަންވަމުން އައިވަރަކަށް ފަޒާގައި ފިނިކަމެއް ހިފާލައިފައިއޮތެވެ. ބާރަޖަަހަން ވީއިރަށް މާލޭގެ މަލަމަތިކަމަށްވާ ބިޔަ އިމާރާތަށް ނިވެމުންގޮސް މުޅި މާލެ އަނދިރިކަމަކަށް ގެނބިގެން ހިނގައްޖެއެވެ. ވިއްސާރަ ރެއަކަށްވާތީ މަގުތައްވެސް އޮތީ ނުހަނު ހިމޭންކޮށެވެ. އެ ހިމޭންކަން ދޭތެރެއަކުން ނަގާލަނީ ވައިރޯޅިތަކާއިއެކު ގަސްތައް ހޫރިގަންނަ އަޑުންނެވެ.

ރޭގަނޑުގެ ޝިފްޓު ނިމިގެން ކެފޭއިން ނިކުތްގޮތަށް ޔުމްނު އުޑުމައްޗަށް ނަޒަރު ހުއްޓާލިއެވެ. ވިލާތައް ބޯވަމުން ހަތަރު ފަރާތުން އުދަރެސް ބައްދަމުންދިޔަގޮތުންވެސް ވާރޭގެ ހަމަލާތައް ބިމަށް ފޯރުމަށް ގިނަ ވަގުތެއް ނުނަގާނެކަން ޔަގީން ވެގެން ޔުމްނު ކުރިއަށް ހިނގައިގަތީީ ހަލުވި ފިޔަވަޅުތަކެއްގައެވެ. އެހެން ރޭތަކާއި ހިލާފަށް މަގުތައްމައްޗަށް ވެރިވެފައިވާ އާދަޔާހިލާފު ހިމޭންކަމުން އެހިތުގައި ޖެހިލުންވުމެއް އުފައްދަމުންދިޔައެވެ. ހަމަހިމޭންކަމަށް އޭނަ ލޯބިކުރިޔަސް މިހިމޭން ކަން ދެކެ ބިރުގަނެއެވެ. ހިމޭންކަމުގެ ފަހަތުގައި ފިލައިހުރެފައި ކުއްލިއަކަށް ކުރިމަތިވެގެން އައިސްދާނޭ ނުރައްކަލެއް ލަފާކޮށްލާކަށްވެސް ނޭނގޭނެއެވެ.

ހަމަހިމޭންކަން ރަސްކަންކުރަމުންދިޔަ ބޮޑެތި މަގުތަކުން ހިނގާފައި އައިސް ޔުމްނު ހަނިގޯޅިގަނޑަކަށް ވަދެ ކުރިއަށް ދާންފެށިއެވެ. އެގޯޅިގަނޑު ފެށިގެން އެންމެ ކޮޅަށްދާންދެން ޖެހިޖެހިގެން ގެތައް ޖަހާލެވިފައިވާއިރު އެ މުޅި ގޯޅީގައިވެސް ވަނީ ފަޑުއަލިކަމެކެވެ. ގޯޅީގެ މެދަށްވާގޮތަށް އިން ހޮޅިބުރި ނިވި ދިއްލެމުން ދިޔައިރު ގެތަކުންވެސް އަލިކަމެއްނުފެނެއެވެ. ގޯޅިގަނޑުގެ އެންމެ އެތެރެއަށްވާގޮތަށް އިން ނޫކުލައިގެ ދޮރާއްޓާއި އަރާހަމަވެފައި ޔުމްނުގެ ފިޔަވަޅުތައް ހުއްޓުނެވެ. އެ އިމާރާތާއި ޖެހިގެން ހުރި އިމާރާތްތަކުން ޒަމާނީ ކުލަވަރު ފެންނަމުންދިޔަޔަސް އެއިމާރާތް ފެންނަމުން ދިޔައީ ބާވެ ހަސްނެތިފައިވާ ތަނެއްގެ ގޮތުގައެވެ. ކުލަވެއްޓިފައިވާ ދޮރާށީގައި ހަރުކުރެވިފައިވާ ތަޅު ދަބަރަށްވެފައިވާއިރު އަތްގަނޑު  ގައި ހިފާލިިގޮތުންވެސް އަޑުކިޔައިގެންދިިޔައެވެ. މުރަނަ އަޑާއިއެކު ހުޅުވިގެންދިޔަ ދޮރޯށީގެ އެެތެރެއިން ފެންނަމުންދިޔަ ގޯތިތެރެއަށް ޔުމްނު ފިިޔަވަޅެއްއަޅާލިއެވެ.

ދޮރާށިން ފެށިިގެން ތިރިތިރިކޮށް ހަދާފައިވާ ގޭގެ މައިދޮރާއި ހަމަޔަށް ގާއަތުރައިގެން ހަދާފައިވާ ތަންކޮޅުގައި ހިނގާފައި ދަމުން ވަޔާއިހޫރެމުންދާ ފަންއިސްތަށިގަނޑު ޔުމްނު ހައްޔަރުކޮށްލިއެވެ. އެންމެކުރީން މާލޭގައި ގޯތިދޫކުރި ދުވަސްކޮޅު ނަގާފައިވާ ބޮޑު ބިމަކަށްވުމުން ގޯތިތެރޭގައި ދެ އިމާރާތް ބިިނާކުރުމަށްފަހުވެސް ހުސްކޮށް ބޮޑު ޖާގައެއް އޮވެއެވެ. ފަސްގަނޑު ރަނގަޅު ބިމަކަށްވާތީ ފަސޭހައިން ހެއްދޭ މޭވާ އާއި ތަރުކާރީގެ ބާވަތްތަކުން ހުސްކޮށް އޮންނަ ބައި އަބަދުހެން ފެހިކޮށްލާފައި އޮވެއެވެ. އެ ގަސްތަކުގެ ބަރަށް ރޯނުތައް ދޫކޮށްލާފައި އޮންނައިރު ގަހުގެ ހިޔަލުގައި ވަކިވަކި ޖޯލިތަކާއި ކޮންމެވެސް ވަަރަކަށް ފޮށިގަނޑުތައް ބަހައްޓާލެވިފައިވެއެވެ.

ފެހީގެ އަސަރުކޮށް ވާރޭވެހުމުގެ ލޮދިވެފައިވާ ގާތަކުގެމަތީގައި ފަރުވާތެރިކަމާއިއެކު ހިނގަމުން އައިިސް ހާމައަށް ހުޅުވާލެވި ފައިވާ ގޭގެ މައިދޮރުގެ ކުރިމަތީގައި ޔުމްނު މަޑުކޮށްލިގޮތަށް ކުޑަކޮށް ތިރިވެ ބޫޓުގެ ނާޑުވާ ފަށްތައް މޮހަންފެށިއެވެ. ފައިން ބޫޓު ކިބަ ވަކިކޮށްލުމަށްފަހު ގޭތެރެއަށް އަޅާލި ފުރަތަމަފިޔަވަޅާއިއެކު ޔުމްނުގެ ލޮލުގައި ފުރަތަމަވެސް އަޅައިގަތީ އެކަކަށް އޮވެވޭހާ ހަނިދިގު ސޯފާގައި ކުރުގެޅިލައިގެން ނިދިޖެހިފައި އޮތް ޔަންހާއެވެ. ނިދީގެތެރެއަށް ފީނަމުންދާއިރުވެސް މަންމަގެ މޫނުމަތީގައިވި ވަރުބަލިކަމާއި އުދާސްކަން ފާހަގަކުރެވި ޔުމްނުއަށް އިރުކޮޅެއްވަންދެން އޭނަ ހުރި ހިސާބުގައި ހުއްޓިގެން އެ މޫނަށް ބަލަހައްޓައިގެން ހުރެވުނެވެ. އެހެންހުރިއިރު ލޮލުގެތެރެއަށް ގިނަވަމުންދިޔަ ކަރުނަތަކާއިއެކު މެޔާއި ދިމާލުގައި އަތްޖައްސާލެވުނެވެ.

“ދަރިފުޅު… ތިއައީދޯ… ވާރޭ ހުއްޓާލައިފަތަ އޮތީ.. އަދިވެސް ހާދަ ފިނިކަންގަދައޭ…” ޔުމްނުގެ ހިލަންވެގެން ލޯހުޅުވާލި ޔަންހާ ސޯފާއިން ތެދުވެގެން ޔުމްނުއާއި ދިމާލަށް އަންނަމުން ވާހަކަ ދެއްކިއެވެ. ދެއަތްދެއަތާއި އުނގުޅަމުން އޭނަ ދޮރާއި ކައިރިވިގޮތަށް ދޮރުމަތީ ފެންއެޅި ފުރިފައިވާ ބާލިދީ ނަގަން ވެގެން ގުދުވިއެވެ. އޭނަގެ އަތް ބާލިދީއަށް ފޯރުމުގެ ކުރީން ޔުމްނު ބާލިދީ ނެގިގޮތަށް ފެންތައް ބޭރަށް އުކާލުމަށްފަހު ދޮރުލައްޕާލަން ކައިރިވެލިިއިރު އެ ވިރާނާގޭގެ އަނެއް ފަރާތުގައި ގަދައަލިކަމުން ދިއްލާލެވިފައިވާ ޒަމާނީ ކުލަތަކުން ދިރުންދީފައިވާ “އޮއޭސިސްގެ” އިމާރާތަށް ކަޅިހުއްޓުނެވެ. މަންމަ އޭނައަށް ބުނެދޭގޮތުން އެގެއަކީ އޭނަ އުފަންވުމުގެ ކުރީން މަންމަގެ ކުޑަ އާއިލާ އުޅެމުން އައި ހިޔާވެއްސެވެ. ކާފައާއި މާމަގެ މަރަށްފަހު ވީރާާނާވަމުންދިޔަ އެގެ އާރާސްތުކޮށް ގަނޑުވަރަކަށް ހެދީ ބޭބެ ޔަޒީންގެ ހިއްމަތުންނެވެ. މާމަމެންގެ ނެތި ދިޔުމާއިއެކު ބޮޑުބޭބެ ރާއްޖެ ދޫކޮށްދިޔަފަހުން އަހަރުތަކެއްވެގެންދިޔައިިރުވެސް އެގެ އަދިވެސް ހުރީ ފަޅަށެވެ. އަހަރުތަކެއް ކުރިން ހުރިހަމައެކަނި އަންހެން ކޮއްކޮއާއި ގުޅުން ކެނޑިފައިވުމުން އުޅެބޮޑުވި ފަސްގަނޑުގައި ފައިޖައްސާލުންވެސް ބޮޑުބޭބެއަށް މުހިންމުކަމަކަށް ނުވަނީ ކަންނޭނގެއެވެ.

“ޔުމްނު… ދަރިފުޅު ރިއާންއާއި ވާހަކަދައްކައިގެން ވަޒީފާއަށް ދާންޖެހޭ ގަނޑި ބަދަލުކުރަންވީނު… މިދުވަސްކޮޅު މިއިވޭ ހަބަރުތަކުންވެސް މަންމަ ހާދަ ބިރެއްއެބަގަނެއޭ… ރޭގަނޑު ބާރަޖަހަންދެން ދަރިފުޅުވެސް ތިއުޅެނީ ގެއިން ބޭރުގައި… މަންމައަކަށް އުނދަގުލެއްނުވާނޭ ދަރިފުޅު ދުވާލު ވަޒީފާއަށްދިޔަޔަސް…” ބޭރުގައި ދިއްލާފައިވާ ބޮކި ނިއްވާލުމަށްފަހު ކުޑަ ދޮރުގެ ފަރުދާތަކަށްދާންދެން ދަމާލަމުން ޔަންހާ ކުޑަކޮށް އާފުރިލިއެވެ. ޔުމްނު ކެފޭގައި އުޅޭ ރޭތަކަކީ ޔަންހާގެ ލޮލާއި ނިދިވަކިވާ ރޭތަކަކަށް ވެފައިވެއެވެ. އެހާ ޅައުމުރެއްގައި ކިޔެވުން މެދުކަނޑާލުމަށްފަހު ޔުމްނު ވަޒީފާއަކަށް ފޮނުވުމަކީ ޔަންހާ ކުރަން ބޭނުންވިކަމެއްނޫނެވެ. އަމުދުން މީހުންގެ ތެރެއަށް ނިކުމެ އުޅުމަކީ ޔުމްނުއަށް ކިހާ އުނދަގޫ ކަމެއްކަން އިނގޭއިރުއެވެ. ނަމަވެސް ބޭބެ ޔަޝްފާންގެ ކުއްލިވަކިވުމަށްފަހު ހަރަދުތައް ދެކޮޅު ޖެއްސުމަށްޓަކައި އިހުނަށްވުރެ ބުރަކޮށް މަސައްކަތްކުރަން ޔަންހާއަށް ޖެހިފައިވެއެވެ. ކުލިދެއްކުމެއްނެތި މާލެއިން އުޅޭނެ ބިންކޮޅެއް ލިބިފައިވާކަމީވެސް އޭނައަށް މިންވަރު ކުރެއްވި ނަސީބެކެވެ. މައިންބަފައިންގެ ގޯތި ބެހިއިރު ޔަންހާއަށް ގެއިން ބައެއް ނުލިބުނަސް ޔަންހާގެ ދޮއްޓަށް ހުރި ބޭބެ ޔަޝްފާންގެ ބައިން ބޮޑު ބައެއް ޔަންހާގެ ނަންމައްޗަށް ބަދަލުކޮށްދިނެވެ. މައިންބަފައިންގެ ލޯބިން މަހުރޫމްވެ ބަނޑުގައި އޮތް ދަރިފުޅާއިއެކު އޭނަ ބިކަވީދުވަހު އޭނައަށް ކުޑަވެސް އިހުސާންތެރިކަމެއް ވެދިން ހަމައެކަނި ފަރާތަކީ އެއީއެވެ. ކަނޑުމަތީގައި ހިނގި ނުރައްކާތެރި ހާދިސާއެއްގައި ވީނުވީއެއް ނޭންގި ޔަޝްފާން ގެއްލުމާއި ހަމަޔަށްވެސް ދޮންބެއާއި ބައްޕަގެ ނުރުހުމުގައިވެސް ކޮއްކޮއަށް އެހީވުުމުގައި ޔަޝްފާން ދެމިހުއްޓެވެ.

“މަންމަ އެހާ ފަތިހާ ތެދުވާއިރު ކޮންމެރެެއަކު އަޅުގަނޑު އަންނަންދެން ހޭލާ ނީނދެ ނިދާނަމަ…” ފައިން ވަކިކޮށްލި ބޫޓުކިބަ ހަރުގަނޑަށްލަމުން ފަސްއެނބުރުއިރު ޔަންހާގެ ދެލޯ ނިންޖަށް ބަރުވަމުންދާތަން ފެނިފައި ޔުމްނުއަށް ބުނެލެވުނެވެ. އޭނައަށްޓަކައި މަންމަ ރޭގަނޑުގެ އަރާމުން މަޙްރޫމްވެގެން ހުރުމަކީ އޭނަ ބޭނުންވާގޮތެއްނޫނެވެ. މަންމަގެ ހަޔާތުން ގިިނަދުވަސްތަކެއް އޭނަގެ ހައްޤުގައި ހޭދަކޮށްފިއެވެ. ހިިކި އަނަރޫފުވެފައިވާ ހަށިގަނޑާއި މިލާފައިިވާ މޫނުންވެސް އެދުވަސްތަކުގައި މަންމަ ތަހައްމަލުކުރި އުނދަގޫތައް އޭނައަށް ބުނެދެއެވެ.

“ސައްހަ ސަލާމަތުން ހުރިހާލު ދަރިފުޅު މިގޭތެރެއަށް ފިޔަވަޅެއް ނާޅަނީސް މަންމަގެ މިދެލޮލުން ނިދިި ފިޔައެއްޖެހިދާނެތަ؟ ދަރިފުޅު ލޯމަތީން ގެއްލުމަށްފަހު ދެވަނަފަހަރަށް މަންމަގެ ކުރިމައްޗަށް ނާންނަނީސް މަންމަގެ ހިތަށް ހަމަޖެހުމެއްނުލިބޭ… މަންމަ ބިރުގަނޭ މީހެއްގެ ނުބައިކަން ދަރިފުޅުގެ މައްޗަށްފޯރަފާނެއަތީ…” ޔުމްނުގެ މޫނުގެ ދެފަރާތުން ހިފަހައްޓާލައިގެން ހުރެ ޔަންހާ ވާހަކަދެއްކިއިރު އެލޮލުގެ ތެރެއަށް ކަރުނަތައް ފުނިޖެހޭގޮތްވިއެވެ. ޔުމްނު އުމުރުގެ މަތިވެ ފުރާފުރިހަމަވަމުން އަންނަ ކޮންމެދުވަހަކާއިއެކު ދަރިފުޅުގެ ރައްކާތެރިކަމާއިމެދު އޭނަ ވިސްނަންޖެހިފައިވެއެވެ. ޒުވާންވަމުން އަންނަ ރީތި ބުރު ސޫރައާއިއެކު ފިރިހެނުންގެ ކަޅި އަމާޒުވެގެންނުދާނޭހާ ފުރިހަމައަށް ބައްޓަންތައް އެކުލެވެމުން އަންނަ ހަށިގަނޑަކީ އޭނަގެ އެންމެ ބޮޑު ބިރެވެ. އެރީތިކަން ފިރިހެނެއްގެ ލޮލުގައިި އަޅައިނުގަނެނުދާނެ ކަން ޔުމްނު އެންމެ ކުޑައިރުވެސް އޭނައަށް ތަޖުރިބާކުރެވުނެވެ. އޭރުއްސުރެ ނާޒުކް އެމަލުގެ އެ ފިޔަތައް ރޫޅާލުމެއް ނެތި މަލެއްފަދައިން އެދަރިފުޅު ބޮޑުކުރަން ބޭނުންވިޔަސް އެކަަމަށް ނުހަނު ބޮޑު ހުރަހެއް ކުރިމަތިިވެފައިވެއެވެ.

ޔަންހާގެ ވާހަކަތައް އަޑުއަހަން ހުރެފައި އެލޮލަށް ގިނަވަމުންދިޔަ ކަރުނަތައް ވަންހަނާކުރާނެހާ ހިތްވަރު ނެތުމުން ޔުމްނު އިސްއޮބާލިއެވެ. ދެއަހަރުކުރީން އޭނަގެ ކުރިމައްޗަށް އައި ހަޤީގަތުގެ ސަބަބުން އޭނަ އިސްއުފުލާ އެ މޫނަށް ބަލާލުމުގެ ހިތްވަރު ނެތިފައިވެއެވެ. މަންމަގެ އިންތިހާ ލޯބިންވެސް އޭނަގެ ހިތުގައި އެދުވަހު އެޅިގެންދިޔަ ކޫރުން ނުފިލާނެއެވެ. އެ ހަޤީގަތަށް ދެކޮޅުހެދުމުގެ ހިތްވަރު ދުވަހަކު ނުލިބޭނެއެވެ.

“ހިނގާދޯ ކޮންމެވެސް އެއްްޗެއްކާލަން… ދަރިފުޅު އަންނަންދެން މަންމަވެސް ނުކައި މިހުރީ…” ތެމިފައިވާ ކޯތާފަތް ފުހެލަމުން ޔަންހާ ސިޓިންރޫމްގެ އެއްފަރާތުގައި ކައްކާކެވޭހެން ވަކިކޮށްލެވިފައިވާ ބަޔާއިދިމާލަށް ހިނގައިގަތެވެ. ޔަންހާގެ ފަހަތުން ހިނގައިގަތް ޔުމްނުގެ ފިޔަވަޅުތަކުގެ މިސްރާބު ވަކި ހިސާބަކުން ބަދަލުވެގެންދިޔައެވެ. ފާރުގައި އަޅުވާފައިވާ ކަލަންޑަރުގެ ކުރިމައްޗަށްވާގޮތަށް ހުއްޓި އޭނަ ތާރީހާއި ދިމާލަށް ބަލާލީ ކަމެއް ޔަޤީންކުރާފަދަ ގޮތަކަށެވެ. ވަކަރުގައި ހަރުކޮށްފައިވާ ފަންކަލުގެ ވަޔަށް ހޫރިގެންދިޔަ ގަނޑުތަކުންތެރެއިން އޭނަގެ ނަޒަރު ދަތުރުކުރީ އެންމެ އަދަދަކަށެވެ. ދުލުން އެއަދަދު ތަކުރާރުކޮށްލުމާއިއެކު ޔުމްނުއަށް އެއްއަތުން އަނެއް އަތުގައި ހިފަހައްޓާލެވުނެވެ. މަޑުމަޑުން އޭނަގެ ލޯމައްޗަށް ނިވާއަޅާދާނެހެން ހީވި ހަނދާނަކުން ސަލާމަތްވާންވެގެން އޭނަ ދެފަރާތަކަށް ބޯހޫރައިގަތެވެ. އެއާއިއެކު ނުހަނު ހަލުވި ހިނގުމެއްގައި ގޮސް ކާބަޔަށްވަނެވެ. އޭރު ވާރޭގެ ތިކިތައް ޓިނުތަކުގައި ޖެހެމުންދާ އަޑު ދަތްހީލިކަރުވާފަދަގޮތަކަށް އިވެމުންދިޔައެވެ.

***************

ވާރޭވެހޭ ރެއެއްކަމުން ކޮޓަރިތެރޭ ހިފާލައިފައިވަނީ ކަށިތައް ތޮރުފާލާފަދަ ފިނިކަމެކެވެ. ޗާންދަލިއާގެ ފަޑު ރީނދޫއަލިން ކޮޓަރިތެރެ ހުޅުދާންވެފައިވާއިރު އެއަލިކަމުގައި އޮމާން މާބްލްތައް ވިދަމުންދިޔައީ ބިއްލޫރި ކޮޅުތަކެއްފަދައިންނެވެ. އަޅި ކުލައިގެ ފާރުތަކަށް އެއަލިއެޅި ފެންނަނީ ވަކިން ހުވަފެނީކޮށެވެ. ކޮޓަރީގެ އެއްބިތް އެކީހެން ބިއްލޫރިންވާއިރު ބޯފަރުދާތައް ކައްސާލައިފައިވުމުން ބޭރުގެ މަންޒަރު ފެންނަމުން ދިޔައީ ވަރަށްވެސް ހިތްގައިމުކޮށެވެ. އެދިމާލުން ފެންނަމުންދިޔައީ ވާރެއާ ތެމެމުންދާ ގަސްތަކުގެ ސިލްސިލާއެވެ.

ޝެރީން ހޫނު ފެނުން ފެންވަރާލައިގެން ހުދު ރޯބްއެއްގައި ޑްރެސިންޓޭބަލް ކުރިމަތީ ރީތިވާން އިންއިރު ވެސް އޭނަގެ ކަތިނަަޒަރުތައް އައިޝަމްއަށް ހުއްޓެމެންދިޔައެވެ. އެނދުގެ ފައިލާކޮޅުގައި ބަހައްޓާފައިވާ ސޯފާގައި އިށީދެގެން ލެޕްއިން މަސައްކަތެއްކުރަން އައިޝަމް އިންއިރު އޭނަގެ ހުރިހާ ސަމާލުކަމެއް ދެވިފައިހުރީ ލެޕްޓޮޕްގެ ސްކްރީންއިން ފެންނަމުންދާ ޕްރެޒެންޓޭޝަންއަށެވެ. ނުހަނު ހަލުވިކަމާއިއެކު ލެޕްގެ ފިއްތަކުގައިި އިނގިލި ހިިންގަމުން އޭނަ ދޭތެރެއަކުން ނިތުގައި ހިފާލައެވެ. ހަމައެކަނި ޖިިންސެއް ގައި އެ ރީތި ބައިމަތިފުޅާ ހަށިގަނޑު ހާމަކޮށްލައިގެންއިންއިރު ފިރިހެންވަންތަކަމުން ފަންސަވީސް އަހަރަށް އަޅާފައިވާ ޒުވާން ފިރިހެން ދަރިފުޅަށް އެންމެ ތަންފުކެއްވެސް ދޫނުކުރެއެވެ. އެ ތޫނުލޮލުގައި އަބަދުހެންވާ ތޫނުފިލިކަމެވެ.

ކޮޓަރީގެ ދޮރުގައި ޓަކިދިންއަޑާއިއެކު އައިޝަމް ލެޕްޓޮޕް މޭޒުމަތީ ބޭންދުމަށްފަހު ސޯފާގެ އަތްގަނޑުގައި އަޅުވާލައިފައި އޮތް ޓީޝާޓު ނަގާ ބޮލުން މަހާލަމުން ދޮރާއި ދިމާލަށް ހިނގައިގަތެވެ. ދޮރާއިއެއްފަރާތަށް ވާހެން އިން ޝެރީންވެސް ކުޑަކޮށް އަރިވެލަމުން ދޮރާއި ދިމާލަށް ބޯދިއްކޮށްލިއެވެ. ހުޅުވިގެންދިޔަ ދޮރުގެ ދޭތެރެއިން ޒައިތޫންގެ މޫނު ފެނުމާއިއެކު ހަށިގަނޑު ސީދާކޮށްލިގޮތަށް ޝެރީންއަށް މޫނަށް ވައްތަރެއް ޖައްސާލެވުނެވެ.

“މަންމާ… ކަމަކުތޯ… ހުރިހާކަމެއްވެސް ރަނގަޅުތޯ؟” އެހާ ދަންގަނޑިއަކު ޒައިތޫން ފެނުމުން އައިޝަމްގެ މޫނުން ކަންބޮޑުވުމުގެ އަސަރުތައް ފާޅުވިއެވެ. ޒައިތޫންގެ ދުވަސްވީ ހަށިގަނޑަށް ބައްްޔެއްގެ އުނދަގޫ ވީކަމަށް ހީކުރެވި އޭނަ ހާސްވާގޮތްވިއެވެ.

“މަންމަ ރަނގަޅޭ ދަރިފުޅާ… މަންމަ އައިޝަމްއާއި ވާހަކައެއްް ދައްކާލަންކަމަށް…” އައިޝަމްގެ އަޅާލުންތެރިކަމުން އެތުންފަތްމައްޗަށް ވެރިކުރުވި ހިނިތުންވުމާއިއެކު އެ މޫނުގައި އަތްޖައްސާލައިގެން ހުރެ ވާހަކަ ދެއްކިއިރު ޒައިތޫންގެ ނަަޒަރު ކޮޓަރިތެރެއަށް ދަތުރުކުރިއެވެ. އެއާއިއެކު ޒައިތޫންގެ އެ ނުތަނަވަސް ހަރަކާތް މޭރުންވެގެން އައިޝަމް ކޮޓަރީގެ ދޮރުލައްޕާލިގޮތަށް މަންމަގެ އަތުގައި ހިފައިގެން ކޯރިޑޯގައި ބެހެއްޓިފައިވާ ސޯފާތަކާއި ދިމާލަށް ހިނގައިގަތެވެ.

“މާދަންވަރަކާ މައިދައިތައަށް ނިދަންނޯވެވިގެން ކޮން ވާހަކައެއް ދައްކަން ގެންދިޔަ ރެއެއްބާ؟ މީނަ ހުންނަނީ މަށާއި އައިޝަމްއާއި އެކަނިވެދާނެއަތީ ފާރައަށް ތޯއްޗެއް… ހާދަ ފޫއްސެއްވެޔޭ…” މަޑުމަޑުން ހަނިވަމުންގޮސް އެކީހެން ގެއްލިގެންދިޔަ ދޮރުގެ ދާއިރާއަށް ބަލަހައްޓައިގެން އިނދެ ޝެރީން ކުދި ކިޔައިގަތްގޮތަށް އަތުގައި އޮތް ފުނާވެސް މޭޒުމައްޗަށް ހޫރާލިއެވެ.

އައިޝަމްގެ އެހީއާއިއެކު ކޯރިޑޯގައި ބަހައްޓާފައިވާ ސޯފާތަކުން ސޯފާއެއްގައި އިށީދެ ޒައިތޫން ހަމަ ޖެހިލިއެވެ. މިވަގުތަކީ މުޅިގެ ނިދާ ފައިހިލަވަޅު އޮބޭ ވަގުތައްްވާތީ ކޯރިޑޯގައިވަނީ ފަޑުއަލިކަމެކެވެ. އޭސީއަކާއި ނުލާވެސް މުޅި ކޯރިޑޯއާއި ސޯފާ ތަކުގައިވެސްް ފިިނިހިފަމުންދިޔައެވެ. ސޯފާތަކުގައި ތިބޭއިރު އެދިމާލަށް ނިކުމެވޭގޮތަށް ހުރި ކޮޓަރިތައް ނުލާހިކު ރީތިކޮށް ފެނެއެވެ. އެދިމާލުން ފެންނަމުން ދިޔަ ހިޒްޔާންގެ ކޮޓަރިއާއި ދިމާލަށް ބަލަހައްޓައިގެން އިނދެފައި ޒައިތޫން ފުންނޭވާއެއް ދޫކޮށްލިއެވެ. އޭރު އައިޝަމް އިނީ ޒައިތޫން ދައްކަން އުޅޭ ވާހަކައެއް އަޑުއަހަން ފަރުވާތެރިވެެއެވެ. މަންމަގެ މޫނު މަތީން ފާޅުވަމުންދާ އަސަރުތަކާއިއެކު އެވަގުތުގެ ގޮތުންވެސް އެދައްކަން އުޅޭ ވާހަކައިގެ މުހިންމުކަން އޭނައަށް އަންދާޒާ ކުރެވުނެވެ.

“ހިޒް މިފަހަރު އައިފަހުން ދަރިފުޅު އޭނައާއި ވާހަކަދައްކައިފިންތަ؟” ޒައިތޫން ވާހަކަދެއްކިއިރު އެލޮލުގެ ނަޒަރު އައިޝަމް ގެ މޫނަށް ހާއްސަވެފައިވެއެވެ. އޭނަގެ ސުވާލުތަކާއިއެކު އެ މޫނަށްވެރިވެގެންދިޔަ ކުލަވަރާއިއެކު އެހަށިގަނޑު ހިމޭންވެގެން ދިޔަގޮތް ނުހަނު ރީތިކޮށް ޒައިތޫންއަށް ފާހަގަކުރެވުނެވެ. ލަފްޒަކާއިނުލާވެސް ޒައިތޫންއަށް ޖަވާބުލިބިގެންދިޔައެވެ.

“ދަރިފުޅު ކިހާ ދުވަހެއްވާންދެން ތިހެން ހުންނާނީ… މަންމައަށް މިހާރު ހީވާން ފަށައިފި ވިހިި އަހަރު ސާޅީީސް އަހަރަށް ވެސްވެގެން ހިނގައިދާނޭ… ތިއީ ދެބަފައިންނޭ… ތިހެން އުޅެން ހެޔޮވާނީ ކިހިނެތްތަ؟ މަންމަ މަރުވެގެންދާނީވެސް ހިޒްޔާން ހެޔޮހިތުން އައިޝަމްއާއި އަނގައިން ބުނެލާ ދުވަސް ނުދެކި ކަންނޭނގެ..” ޒައިތޫންގެ އަޑުގައި ހިސާބަކަށް ހިތްހަމަނުޖެހުމުގެ އަސަރުވިޔަސް ވަކިހިސާބަކުން އެ ޖުމްލަތައް މަޑު ގިސްލުމެއްގެ ތެރެއަށް އޮނބިގެންދިޔައެވެ.

“މަންމައަށް ހީވޭތަ އަޅުގަނޑު ވާހަކަދައްކަން އުުޅުނަސް އެ ފުރުސަތު އެދަރިފުޅު ދީފާނެހެން… މަންމާ… އެއީވެސް އަޅުގަނޑުގެ ދަރިއެކޭ… މިއީ އެދަރިފުޅުގެ ބައްޕައޭ… އެކަމަކު އެ ނަމުގެ ފަހަތަށް އަޅުގަނޑުގެ ނަން އޮތުން ނޫން އެއްވެސް ގުޅުމެއް އެބައޮތްތަ؟ ބައްޕާއޭ ކިޔާގޮވާނުލާތާ ކިތައްއަހަރުމިވީ… ނުވިތާކަށް ދަރިފުޅޭ ކިޔާގޮވާލުމުގެ ހައްޤެއް ވެސް އަޅުގަނޑަކަށް ނެތް… އަޅުގަނޑުގެ ކުށަކީ ކޮބާ؟” އައިޝަމްގެ ލޮލުން އޮހިގަތް ކަރުނަތަކާއިއެކު އެތައްއަހަރެއް ވާންދެން އޭނަ ފަރުދާކުރަމުން އައި ވޭންތައް އެދެލޮލުން ފާޅުވިއެވެ. އެ ދުވަހަށްފަހު އޭނަގެ ދިރިއުޅުން އުފާވެރި  ދުވަހަކަށް މަރުހަބާނުކިޔައެވެ. އުފަލުން ހިނިތުންވެލާނޭ އެންމެ ހިނދުކޮޅެއްވެސް އޭނަގެ ދިރިއުޅުމުގައި ނުލިބެއެވެ. ދުވަހަކު ފަސޭހަނުވާނޭ ފުން ޒަޚަމު ތަކަކުން އެ ހިތްފާރުވެފައިވާއިިރު އެ ޒަޚަމުތަކުގައި ފިރުމާލަންވީ ދެއަތުގެ އޯގާވެރި ކަމުން އޭނަވަނީ މަހުރޫމްވެފައެވެ.

“ދަރިފުޅު… ތިހެން އުޅެގެން އެއްވެސްކަމެއް ރަނގަޅުވެދާނެހެން ޝެމްއަށް ހީވޭތަ؟ މަންމަައަށް ދެރައީ ހިޒް ދަރިފުޅާއި ދުރުވާނޭ ފުރުސަތު ދަރިފުޅު އެކުއްޖާއަށް ދިނީމަ… ނާދްގޮތަށް މަންމަމެންނާއި ދުރުގައި އުޅުމުގެ ވިސްނުން ހިޒްޔާންވެސް އެގެންގުޅެނީ… މަންމައަށް އިނގޭ ނާދް ދަރިއެއްފަދައިން ހިޒްޔާން ގެންގުޅޭނެކަން… އެކަމަކު މިހާރު ހިޒްޔާން ދާންދޫކޮށް ލައިފިއްޔާ އެދަރިފުޅު އަނބުރާ ދަރިފުޅުގެ ގާތަށް ނައިސްފާނެ…” އައިޝަމްގެ ލޮލުން އެތަށްދުވަހެއްފަހުން ފެނުނު ކަރުނަ ތަކާއިއެކު ޒައިތޫންގެ އަޑުގައިވީ ހަރުކަށިކަން ކެނޑި އެއަތުގައި ހިފާލެވުނެވެ. އައިޝަމްގެ ހަޔާތުގެ ބޮޑުބައި ކަރުނައިގައި ވޭތުވެދިޔުމަށް ފަހު އެލޮލުން ކަރުނައެއްދެކުމަކީ ޒައިތޫންގެ ބަލި ހިތަށް ކެތްނުވާވަރުގެ ކަމަކަށްވެފައިވެއެވެ.

“މަންމާ.. އަޅުގަނޑަށް އިނގޭ ތުއްތުއިރުގައި ހިޒް އަޅުގަނޑާއި ދުރުކޮށްލައިގެން އެދަރިފުޅުގެ ހިތް އަޅުގަނޑުގެ މައްޗަށް ގޯސްކޮށްލެވުނީކަން… އެކަމަކު އަޅުގަނޑަށް އެދުވަހު އެނޫންގޮތެއް އޮތްތަ؟ ހުއްޓުމެއްނެތި އެދަރިފުޅު ކުރަމުންދިޔަ ސުވާލުތަކަށް އަޅުގަނޑަށް ދެވެން އޮތީ ކޮންޖަވާބެއް… ކިހިނެތް މިޝްޔާގެ މަރުގެ ހަޤީގަތް އެދަރިފުޅަށް ބުނެދޭނީ.. މިއަދު އެކަން އިނގުނަސް އެޒުވާން ހިތްހަލާކުވެދާނެ… މަންމާ… 20 އަހަރުވެގެންދިޔަސް އިއްޔެވީ ކަމެއްފަދައިން މިއަދުވެސް އަޅުގަނޑު އެދުވަސް ހަނދާންއެބަހުރި… ލޯކުރިމަތީ މިޝްޔާ އަމިއްލަ ފުރާނަނަގާލި މަންޒަރު… އާޙް… އަޅުގަނޑުމެންގެ ދަރިފުޅު… ކިހިނެތް ހަނދާންނެތޭނީ…” ލޮލުން ބަނޑުންވެގަތް އަދަދުވުމެއްނުވާހާ ގިނަކަރުނަތަކާއިއެކު އައިޝަމް ދެއަތުން މޫނު ފޮރުވާލިއިރު އަރުތެރެއިން މަޑުގިސްލުމެއްގެ އަޑު ބޭރުވިއެވެ. ވިހި އަހަރު ކުރިން އޭނައާއި ބައްދަލުކުރި އެދުވަހުގެ ހަނދާންތައް އެހިތުގައިވާ ފާރުތައް ތާޒާކޮށްލަދިންއިރު ހިތަށް ކުރުވިި އަސަރު އެދުވަހާއި ތަފާތެއް ނުވިއެވެ. އެތަށްދުވަހެއްފަހުންވެސް ސިކުނޑީގެ ލޯގަނޑަށް އެދުވަހުގެ ތަސްވީރުތައް އަރާފޭބިއެވެ. އެއީ އަދިއަދަށްދާން ދެންވެސް އޭނަގެ ރޭގަނޑު ގެ ނިންޖަށް ހުރަސްއަޅާ މަންޒަރެވެ. އެ ދުވަހު އޭނައަށް ކުރެވުނު އިހުސާސް މުޅިއުމުރަށް ހިތާއިވަކިނުވެ އެގޮތުގައި ދެމި ހުންނާނެއެވެ.

“މަންމާ… އަޅުގަނޑަކީ ކުށްވެރިއެއްނޫނޭ… އެއީ ހިޒްގެ މަންމައަށްވާފަދައިން އެއީ އަޅުގަނޑުގެ އަންހެނުން… ފުރަތަމަ ލޯބި…” އައިޝަމް އަޑުގައިވީ ހިތާމައާއި ހިތްދަތިކަމެވެ. ފުރާނައަށްވުރެ ބޮޑަށް ލޯބިވާ ދަރިފުޅުގެ ލޮލުން އޭނައަށް އަމާޒު ކުރާ ރުޅިވެރިކަން ފެންނަ ކޮންމެފަހަރަކު އޭނަގެ ހިތް ގަތުލުވެެއެވެ. އެލޮލުން ދޫކުރާ ދިލަކަނިތަކުން ހިތް އަނދަމުންދާ އިރު އޭނަގެ ކުށެއްނެތްކަން ދަރިފުޅަށް ހާމަ ކޮށްދޭނީ ކިހިނެތްހެއްޔެވެ؟

އޭރު ޒައިތޫންއަށް ފިރިހެންދަރިފުޅުގެ މޫނަށް ބަލަަހައްޓައިގެން އިނދެވުނީ ހިތާމައާއި ހަމްދަރުދީގެ ނަޒަރަކުންނެވެ. އައިޝަމް މިޝްޔާދެކެ ވީލޯބި ޙުދު އޭނައަށްވެސް ސިއްރުވެފައެއްނެތެވެ. ކައިވެންޏަށް އަހަރުތަކެއްވެގެންގޮސް ދެވަނަ ދަރިފުޅަށް މިޝްޔާ ބަލިވެއިންއިރުވެސް އައިޝަމްގެ މޫނުމަތީން ކައިވެނި ކުރެވުނު ދުވަހު ފެނުނު އުފާވެރިކަން ފިލައިގެން ނުދެއެވެ. ކޮންމެ ދުވަހެއް އެންމެ އުފާވެރިކަމުގައި ވޭތުވަމުން އައިސްފައި ކުއްލިގޮތަކަށް މިޝްޔާ އެހަޔަތާއި ވަކިވެގެން ދިޔައީ ދުވަހަކުނުފިލާނެފަދަ ސިހުމެއް އެހިތަށް ދީފައެވެ.

“ހިޒްގެ މަންމަގެ ގޮތުގައި ޝެރީން މިގެއަށް ފިޔަވަޅެއްއަޅާލިއިރު އެދަރިފުޅަށްވީ އެންމެ ފަސްއަހަރު… ލޮލަށް ފެންނަ ކޮންމެ ކަމެއް ޤަބޫލުކުރެވޭހާ އެސިކުނޑި ޅަ… މިޝްޔާގެ ކުއްލިވަކިވުމަށްފަހު މަންމައެއްގެ ގޮތުގައި ޝެރީން އައިއައުން އެދަރިފުޅަށް ޤަބޫލުނުކުރެވުނީ… މިޝްޔާގެ ބަނޑުން އުފަންވި އަންހެންދަރިފުޅު ނޫން ކުއްޖަކަށް ކޮއްކޮއެއްގެ މަޤާމުދޭން އެދަރިފުޅު ބޭނުންނުވީ… މިޝްޔާއަށްފަހު ޝެމްގެ ދިރިއުޅުމުގައި ނިންމި ކޮންމެ ނިންމުމަކީ މަޖުބޫރުވެގެން ނިންމި ނިންމުންތަކެއްކަން އިނގެނީ މަންމަމެންނަށް އެކަނި… އެދަރިފުޅު ދެކޭނީ ވަރަށް ތަފާތުގޮތަކަށް… ޔޫލީންދެކެވެސް އެ ކުއްޖާ އެއަންނަނީ އަމަށަކު ރުޅިއެއްނޫން…” ޒައިތޫންގެ ފަރާތުން އިވުނު ވާހަކަތަކާއިއެކު އޭނަގެ އަނދިރި ސިއްރުމަތިން ހަނދާންވެފައި އައިޝަމްއަށް އިސްޖަހާލެވުނެވެ. ދިރިއުޅުމުގައި ކުރެވޭ ފާފަތައް މުޅިއުމުރަށް ދިރިއުޅުމަށް ބަނަކަން ގެންނާނެކަމަށް ބުނާ ބުނުން އޭނައަށް މިއަދު ޤަބޫލުކުރެވިފައިވެއެވެ. މާޔޫސްކަމުގައި އޭނަގެ ނަފްސު ހަފުސްވެގެންދިޔަ ހިނދު އޭނައަށް އެފާފައަށް އަރައިނުގަނެވުނުނަމަ އޭނަގެ ދިރިއުޅުން މިފަދަ އަޑިގަނޑަކަށް ނުވެއްޓުނީހެވެ. ދަރިފުޅުގެ ކުރިމަތީ އިސްއުފުލާލަން ނުކެރި ހިމޭންވެފައި ހުންނާކަށް އޭނައަށް މަޖުބޫރެއްނުވީހެވެ.

“ކިތަންމެ ބުންޏަކަސް އެއްބަފާ ދެބެން އެއީ… ރުޅިހަދައިގެން އުޅުމަކީ ކިހާދެރަކަމެއް ދަރިފުޅާ.. މިދުނިޔޭގައި ޝެމްގެ ތިބީވެސް ދެފުރާނަ… މަންމައަށް ތިންވަނަ ދަރިއަކު މާމަކިޔަސް އެދަރިފުޅު ވީތަނެއްވެސް ހެޔޮހާލުގައި ދުނިޔޭގައި ހުރި ކަމެއްވެސް ނޫނީ ނޫންކަމެއްވެސް ދެނެވޮޑިގެންވަނީ މާތްﷲ… ކޮންމެ ނަމާދެއްގެ ފަހުގައި އެދަރިފުޅު ދެއްވާތޯ އެދި ދުއާކުރެވުނު އަދަދެއްވެސް މަންމައަކަށް ނޭނގެ… ދުވަހެއްގެ ކޮޅުން އެ މައުސޫމް ފެނިދާނެކަމުގެ އުއްމީދެއްނެތްއިރު އަބަދާއި އަބަދު މި މަންޒަރުތައްފެނި މަންމަގެ ހިތްހަލާކުވެދާނެ ދަރިފުޅާ…” ޒައިތޫން ތުންފިއްތާލިއިރު އެ މޫނުމަތީގައިވީ މޮޅިވެރިކަމެވެ. އެ ޖުމްލަ ތަކާއިއެކު އައިޝަމްގެ މޫނުމަތީން ފާޅުވީ ހިތްހަލާކުވާފަދަ ފުން އަސަރުތަކެކެވެ. އޭނަގެ އަތުން ބީވެފައިވާ ކުޑަ ދަރިފުޅަށްޓަކައި މިއަދުވެސް އެހިތް ރޮއެއެވެ. މިވީއަހަރުތަކުގައި އެދަރިފުޅު ހޯދަން އޭނަ ފެންފަދައިން ފައިސާ އޮއްސިއެވެ. ނަމަވެސް ކާމިޔާބުގެ ދޯދިފަށެއްވެސް ނުފެނުނެވެ. އެންމެ ކުޑަމިނުން އެދަރިފުޅުގެ ހެޔޮހާލުގައި ދުނިޔޭގައި ހުރިކަމުގެ ޔަޤީންކަމެއްވެސް ނުލިބުނެވެ.

“ދަރިފުޅާ ޝެމް.. މަންމައަށްވެސް އިނގޭ ދަރިފުޅު ހިތާމަކުރާނެވަރު… މަންމަ މިވާހަކަ މިދައްކަނީ އެއްވެސް ހާލެއްގައި ދަރިފުޅު ކުށްވެެރިކުރާކަށްނޫނޭ… އެކަމަކު ދަރިފުޅުމެން ތިހެން އުޅުމަކީ ކިހާ ދެރަކަމެއް… ތިއީ ދެބަފައިންނޭ… އަދި ހިޒް ކިތަންމެ ރުޅިއަޔަސް ޔޫންއެކޭ އެއްފަދައިން ޔޫލްއަކީވެސް ހިޒްގެ ލޭ ހިއްސާކުރާ ކޮއްކޮ ނޫންކަމަކަށް ނުވާނެ… އެއްބަފާ ދެބެންގެ ދެމެދުގައި ހަނގުރާމައެއް ފެށިދާނެއަތީ މަންމަ ބިރުގަނޭ… ހުރިހާކަމެއް ސިއްރުކޮށްގެން ހުރެ ކަންތައް ގޯސްވަނީހެންނެއް ދަރިފުޅަކަށް ހިޔެއްނުވޭތަ؟” އައިޝަމްގެ މޫނަށް ނަޒަރު ހުއްޓާލިއިރު ޒައިތޫންގެ މޫނުން ހިތާމައާއި އެއްވަރަށް ބިރުވެރިކަމެއްވެސް ފެނިލިއެވެ. ހިޒްޔާންގެ ކިބައިގައި ހުންނަ ނުރައްކާތެރި ދަރަޖައަށްދާ ރުޅީގެ ސަބަބުން ކޮށްފާނެކަމަކާއިމެދު ޒައިތޫންއަށް އަބަދުވެސް ވިސްނުން ހިންގެއެވެ. ކަންކަން އިނގެންފެށީއްސުރެވެސް ހިޒްޔާންވަނީ އެރުޅިވެރިކަމުގެ ފަންސި ރޯޅިތައް ކުށެއްނެތް ޔޫލީންއަށް އަމާޒުކުރަންފަށައިފައެވެ. އެރުޅިގަނޑުގައި ޔޫލީން އަނދައިގެން ހިނގައިދާނޭކަމުގެ ބިރުގައި ޒައިތޫންގެ ދޫމައްޗަށް އައި ފަހު ލަފްޒުތަކާއިއެކު އައިޝަމްއަށް ވަގުތުން އެ މޫނަށް ބަލާ ލެވުނެވެ.

“އެކަން އިނގިގެން ހިޒް އިތުރަށް އަޅުގަނޑަށް ނަފްރަތުކުރުންނޫންކަމެއްނުވާނެ މަންމާ… އެހެންނޫނަސް އަޅުގަނޑު ކިހިނެތް؟ އަޅުގަނޑަކީ ކުދީންނަށް ނަމޫނާ ދައްކަން ހުރި ފަރާތް… އެފަދަ ވާހަކައެއް އިވުމަށްފަހު އެކުދީން އަޅުގަނޑާއި މެދު ދެކޭނީ ކިހިނެތް؟” ކަންފަތަށް އިވުނު ބަސްތަކުގެ ތެދުކަމާއިމެދު ޝައްކު އުފެދިފައިވާފަދަކަހަލަ ގޮތަކަށް ޒައިތޫންގެ މޫނަށް ބަލަހައްޓައިގެން އިނދެފައި އެ މޫނަށް ބަލަން ނުކެރިގެން ކަހަލަގޮތަކަށް އައިޝަމް އިސްއޮބާލިއެވެ. އަހަރުތަކެއް ވެގެން ދިޔަޔަސް އެއީ މަންމަގެ ދޫ މައްޗަށް ގެންނަން ފަރިތަ ވާހަކައަކަށް ނުވާނެކަން އޭނަައަށް އިނގެެއެވެ. އެއީ އުމުރު ގައި ފުރަތަމަ ފަހަރަށް މަންމަގެ އޯގާތެރި އަތުގެ ހޫނު ހަމަލާއެއް އޭނަގެ މޫނަށް އަމާޒުވާން މެދުވެރިވި ސަބަބެވެ. މިއަދު އެވާހަކަ އިވުނަސް އެމޫނަށް ބަލާލާނެހާ ހިތްވަރުނުކުރެވެނީ މަންމަ އޭނައަށް ކުރި އިތުބާރު އެތަށް އަަހަރެއްކުރީން ނަގާލެވިފައިވާކަން އިހުސާސްކުރެވޭލެއް ބޮޑުކަމުންނެވެ.

“ދަރިފުޅު މާޒީވެދިޔަ ކުށްތަކާއިމެދު ހިތާމަކުރަން ހަދައިގެން މުސްތަގުބަލު އަތުން ބީވެދާނެ… މިއަދު މިއީ ހެދިފައިވާ ގޯސްތައް ރަނގަޅުކުރަންވީ ދުވަސް… ހިޒް ނުރުހޭތީ ދަރިފުޅާއި ދުރުކޮށްލައިގެން ތިހެން ހުރުމަކީ ރަނގަޅުގޮތެއްނޫން… ދަރިފުޅު އެދަރިފުޅަށް ވާވަރަށް ވަގުތުދީފި… ދުރުމިންދީފި… 20 އަހަރަކީ ކުރު މުއްދަތެއްނޫން…. ދެންވެސް އެދަރިފުޅު ދާން ދޫކޮށްލައިފިއްޔާ ދަރިފުޅު ފަހުން މާބޮޑަށް ހިތާމަ ކުރަންޖެހިދާނެ… އެކީގައި އުޅެން ފެށުމުން މަޑުމަޑުން ހިތްވެސް ބަދަލުވެ، ވަގުތާއިއެކު ހުރިހާކަމެއްވެސް ހަމައަކަށް އެޅިގެން ހިނގައިދާނެ… މަންމަ ބޭނުންވޭ ބައްޕަ އައިޝަމްއަށް އެންމެ ބޭނުންވީ ދުވަހު ބައްޕައަށްޓަކައި ދަރިފުޅު ހުރެދިން ފަދައިން ދަރިފުޅަށްޓަކައި އެގޮތުގައި ހިޒްޔާން ހުންނަތަން ދެކެން…” ޒައިތޫން ވާހަކަދެއްކީ އައިޝަމްއަށް ވިސްނައިދޭފަދަ ގޮތަކަށެވެ. އެއިން ކޮންމެ ބަހަކުން ހާމަކޮށްދިިނީ ޒައިތޫން އެކަމަށް އެދޭވަރެވެ. ހުދު އެއީ އައިޝަމްވެސް އެދޭގޮތަށްވިޔަސް އޭނާގެ އުއްމީދުގެ އެންމެ ފަހު ކަނިކޮޅު ނިވުނުތާ ކޮން ދުވަހެއް ހެއްޔެވެ؟ ހިޒްޔާންއާއި އޭނައާއި ދެމެދުވާ ގުޅުން ރަނގަޅު ކުރުމަށް ކުރާނޭކަމެއް މިވީހާތަނަށްވެސް އޭނައަށް ނޭނގިފައިވެ އެވެ. މަންމަ އެދުނަސް އަދި އޭނަ ކިތަންމެ ބޭނުންވިޔަސް އަހަރުތަކެއްފަހުން އަމުދުން އެއީ ފަސޭހަކަމަކަށްނުވާނެކަން އޭނައަށް އިނގެއެވެ. ހިޒްޔާންގެ ހުންނަ ގޮތެއްގެ ސަބަބުން އޭނައަށް ފުރުސަތުނުދޭކަން އެއީ މިވީ އަހަރުތަކުގައިވެސް އައިޝަމްއަށް ސިއްރުވެފައި އޮތްކަމެއްނޫނެވެ.

އިރުކޮޅެއްވާންދެން އައިޝަމްއާއި ވާހަކަދައްކަން އިނުމަށްފަހު ޒައިތޫން ދިޔުމުންވެސް އެތައްއިރެއްވާންދެން އައިޝަމްއަށް ވިސްނުމެއްގައި އިނދެވުުނެވެ. ހިޒްޔާން އުފަންވީއްސުރެ އުމުރުން ހަތްއަހަރުގައި އޭނައާއި ދުރަށްދިޔުމާއި ހަމަޔަށް ދެމިގެންދިޔަ ދުވަސްތަކުގެ ހަނދާންތައް އެ ހިތަށް އުނދަގޫކުރިއެވެ. ހިޒްޔާން އަށްޓަކައި ނަމަވެސް އެފަދަ ނިންމުމެއް ނިންމުނީތީ އޭނަ މިއަދު ހިތާމަކުރެއެވެ. އެދުވަހަށްފަހު އޭނަ ކެނޑިނޭޅި ދަރިފުޅަށް އިންތިޒާރުކުރިިނަމަވެސް އެދަރިފުޅު އަނބުރާ ލިބުމުގެ ނަސީބެއް ނުލިބުނެވެ. އަހަރުތަކަކަށްފަހު އޭނައާއި ބައްދަލުކުރީ ތަފާތު ސަހްސިއްޔަތެކެވެ. އަހަރުތަކެއް އެކުވެގެން އެ ދަރިފުޅަށް އައި ބޮޑުބަދަލު ގަބޫލްކުރަން އޭނާގެ ސިކުނޑި ނުކުޅެދިފައިވެއެވެ.

*************************

ރޭގަނޑުގެ ފަހުދަން ނިމުނުކަން އިއުލާންކުރަމުން އުދަރެހުން އަރައިގެން އައި ދުންކުލައިން އުޑުމަތީ ފިޔަޖަހަޖަހާ ތިބި ތަރިތަކުގެ ވިދުންފަނޑުކޮށްލިއެވެ. ހަނދުގެ އަލްވަދާއުއާއިއެކު އަނދިރިކަމަށް ގެނބި ފައިވާ ދުނިޔެ ވޮށަކުން އަލި ކުރަމުން، އިރު ފެނުން ތޮޅެލުމާއިއެކު ދޫނި ސޫފާސޫފީގެ އަޑު މިޔުޒިކެއް ފަދައިން ފަޒާގެ ތެރޭ ގުގުމާލައިފިއެވެ. ދުނިޔެމައްޗަށް ވެރިވެފައިވާ އަނދިރިކަން މަޑުމަޑުން ކެނޑެން ފެށިއިރު ހިމޭންވެފައި ތިބި ގަސްތައްވެސް އާ ދިރުމެއް ލިބުނު ފަދައަކުން ހަރަކާތްކުރަން ފެށިއެވެ.

މަޑުމަޑުން އަލިވަމުންދިޔަ މާލޭގެ މަލަމަތި ދެކެން ޓެރެސްމަތީގައި ހުރެފައި ޖެހެމުންދިޔަ ފިނިރޯޅިތަކުން  ހީކަރުވާގޮތް ވެގެން މިލާން ހަށިގަނޑުގައި ދެއަތް ވަށާލިއެވެ. އޭރު ފިނީގެ ސަބަބުން އެދޮން ކޯތާފަތާއި ކުޑަ ނޭފަތަށް ޖަންބުކުލަ ފާއްދާލައިފައިވެއެވެ. މަޑުފިޔާތޮށިކުލައިގެ ހޫޑީއަކާއި މަޑު ނޫކުލައިގެ ސޯޓު ކޮޅެއްގައި މިލާން ފެންނަނީ ސޯޅަ ސަތާރަ އަހަރުގެ މިނިިވަން އަންހެންކުއްޖެއްފަދައިންނެވެ. ކަނދުރާ އަށްވުރެ ކުޑަ ތަންކޮޅެއް ތިރިއަށް އޮންނަ ބުޅި އިސްތަށިގަނޑު އެ ވަށް މޫނުކޮޅު ވަށައިގެން އޮތްއިރު އަދި ވަކީން މައުސޫމުކަމަށް ދައްކައެވެ.

އަރައިގެން އައި އިރުގެ ދޯދިތައް އެމޫނަށް އެޅުމާއިއެކު މިލާން އުނދަގޫގޮތަކަށް ނިންޖަށް ބަލިވެފައިވާ ދިގު އެސްފިޔަތައް އުފުލާލަމުން އާފުރިލިއެވެ. އޭރު ނިދީގެ ސަބަބުން ދެލޯ ހުޅުވައިގެން ހުންނަން މިލާންއަށް ދަތިވެފައިވެއެވެ. ރޭގައި ރަނގަޅަށް ނުނިދުނީތީ އޭގެ އަސަރުތައް ފެންނަން ފެށީއެވެ. އުޅެ ބޮޑުވި މާހައުލު ދޫކޮށްލާފައި ފުރަތަމަ ފަހަރަށް ރާއްޖެ އާދެވުމުން ބީރައްޓެހިކަމުގެ އިހުސާސްކުރެވި މާހައުލަށް ހޭނެން އޭނައަށް އުނދަގޫކަމަކަށްވެފައިވެއެވެ.

މިލާން ޓެރެސްގައި ހުރެފައި ތިރިއަށް ފޭބިއިރު އެހާ ހެނދުނާއިވެސް ނޯކަރުންގެ ހަރަކާތްތަކުން ބޮޑު ލިވިންރޫމް ހަލަބޮލި ވެފައިވެއެވެ. އޭނައަށް އެ މާހައުލު އާވެފައި އިރުކޮޅެއްވާންދެން ކަންކަން ދެނެ ގަންނަަަން ހުރެވުނެވެ. ވަށައިގެން ނަޒަރު ހިންގަން ހުރެފައި ނޯކަރުކުއްޖާ ގެނެސްދިން ކޮފީތަށި ހިފައިގެން މިލާން ސޯފާތަކާއިިދިމާލަށް ހިިނގައިގަތްތަނާ ކޮންމެވެސް މީހަކު އެޕާރޓްމެންޓްގެ ދޮރު ހުޅުވާލައިފިއެވެ. އެއަޑަށް ފަސްއެނބުރިބަލާލި މިލާންގެ ތުންފަތްމައްޗަށް ފަރި ހިނިތުންވުމެއްވެރިވެގެންދިިޔައެވެ.

“ގުޑް މޯރނިން ޑޭޑް…” ސޯފާތަކުގެ ކުރިމައްޗަށްވާގޮތަށް ބަހައްޓާފައިވާ ކުޑަމޭޒުމަތީ ކޮފީތަށި ބޭންދި ގޮތަށް ރިފްވާންއާއިި ދިމާލަށް އަންނަމުން މިލާން ރިފްވާންއަށް ހެނދުނުގެ ތަހުނިޔާ ކިއެވެ.

“ޑޭޑް އެހާ އަވަހަށް މާލެތެރޭގައި ހިނގަންދަސްކޮށްލީތަ؟” މިލާން ހައިރާންވެހުރެ ސުވާލުކުރިއެވެ. އަހަރުތަަކަކަށްފަހު އުފަންފަސްގަނޑަށް އާދެވުނުގޮތަށް އޭނައަށް ބީީރައްޓެހިކަން އިހުސާސްކުރެވިފައިވާއިރު ބައްޕަގެ ކެރުންތެރިކަމުން އޭނަ އާސޯޙުކޮށްލައިފިއެވެ. މާހައުލަށް އަދިވެސް އާވެފައި ހުރީ އޭނައެވެ.

އެ ސުވާލުގެ ޖަވާބު ރިފްވާން ދިނީ ރީތިި ހިނިިތުންވުމަކުންނެވެ. އޭނަ ހުރީ ޖިމަށްދާއިރު ބޭނުންކުރާ ޓީޝާޓާއި ޓްރެކް ސޫޓްގައެވެ. މޫނާއި ކަރުދަށުން ފައިބައިވާ ދަލުން ނޫކުލައިގެ ޓީޝާޓްގެ ބޮޑުބައެއް ތެމިފައިވެއެވެ.

“ދަރިފުޅު ހާދަ ހެނދުނަކާއި ތެދުވެގެން އުޅޭ ދުވަހެއް…. ރޭގައި ނުނިިދަންތަ…” ކޮނޑު ހުރަހަށް އަޅުވާފައި އޮތް ޖިމް ދަބަހުން ނެގި ކުޑަ ތުވާލިކޮޅަކުން މޫނު ފުހެމުން ރިފްވާން ގޮސް ދެދޮރުފަތްލީ ބޮޑު އައިސް އަލަމާރި ހުޅުވާލަމުން މިލާންގެ މޫނަށް ނަޒަރެއްދިނެވެ. ރަތްކަމެއް އެކުލެވިގެންވާ ދެލޯ ފެނުމުންވެސް އެހާ ހެނދުނާ މިލާން ފެނުނު ސަބަބު ރިފްވާންއަށް ނަގައިގަނެވުނެވެ. ލަންޑަންގައި އުޅުނު ދުވަސްތަކަކީ މިލާންގެ ކިބައިގައި ނޭދެވޭ އާދަތަކެއް އަށަގަނެގެން ދިޔަ ދުވަސްތަކެކެވެ. އެ ދިރިއުޅުމަށް މިލާން ހޭނިފައިހުރިިވަރުން ރާއްޖެއައުމަށްފަހުވެސް އެ އާދަތައް ކަނޑުވާލުމަކީ ރިފްވާންއަށްވެސް ނުވާވަރުގެ ކަމަކަށްވެފައިވެއެވެ. މަޔަކާއިނުލާ ދަރިފުޅު ބޮޑުކުރަން ޖެހުމުން ރިފްވާންއަށް މިލާންގެ ކަންތަކުގައި މާބޮޑަށް ދޫދެވުމުގެ ނަތީޖާއެވެ.

“ރޭގައި މިލީއަކަށް ނުނިދުނޭ.. ރާއްޖެއަށް އާވީމަކަންނޭނގެެ… ހީކުރިިވަަރަށްވުރެ ފޫހިތަނަަކަށް ރާއްޖެމިވީ… އެކަމަކު ކުރި އަށް އަންނަ އޮތް އިވެންޓްތަކުން އެކްސައިޓްވޭ އެބަ…” މޭޒުމަތީގައި ބައިންދާފައި އިން ކޮފީތަށި ނަގައިގެން ލިވިންރޫމް އިން ވަކިކޮށްލައިފައި އިން ބަޔަށް ވަދެގެން އަންނަމުން މިލާން ވާހަކަ ދެއްކިއެވެ. އެޖުމްލަތައް އިވިފައި އަރުތެރެއަށް އޮއްސަމުންދިޔަ ފެންފުޅި ތިރިކޮށްލިގޮތަށް ރިފްވާންއަށް މިލާންގެ މޫނަށް ބަލާލެވުނެވެ.

“ދަރިފުޅު ރޭގައި ނުނިދާހުރެފައި އަދިވެސް ކޮފީތަ ބޮނީ… ރޭގަނޑުގެ ނިދީގެ މުހިންމުކަން ބައްޕަ އަބަދު ބުނެދެމެއްނު… ރާއްޖޭގެ މާހައުލު ދަރިފުޅާއިި ނުގުޅެނީދޯ… އަސްލު ބައްޕައަކަށް ނުވިސްނޭ މިލީ ރާއްޖެ އަންނަން ބޭނުންވި ސަބަބެއް… އެހާދުވަސްފަހުން މިތަނަށް ހޭނެން މިލީއަށް ފަސޭހަކަމަކަށްވެސް ނުވާނެ… މިލީގެ އުމުރުން ވީހާ ދުވަހެއްވީ ލަންޑަން ގައި… ދަރިފުޅު ބޭނުމިއްޔާ އަދިވެސް އެނބުރި ދެވިދާނެ… ދަރިފުޅު ބޭނުންވާ ގޮތެއް ބުނެބަލަ…” ރިފްވާން ކާމޭޒު ދޮށުގައި އިށީންނަމުން އޭނަ ގާތުގައި އިށީނުމަށް މިލާންއަށް އިޝާރާތްކޮށްލިއެވެ. މޫނުގައި ދެއަތްވިދެލަމުން މިލާންގެ މޫނަށް ފުން ނަޒަރެއް ދިންއިރު ރިފްވާންގެ ދެލޮލުގައިވީ ސީރިޔަސްކަމެވެ.

“ނޫން ޑޭޑް… މިއީީ އަޅުގަނޑު އަމިއްލައަށް ބޭނުންވެގެން ނިންމި ނިިންމުމެއް… މިހާ ހިސާބަށް އައުމަށް ފަހު އެނބުރި ދިޔުމަކީ ދެން ބޭނުންވާގޮތަކަށްނުވާނެ… މިހާރުވެސް ހަޔާތުން ގިނަ ދުވަސްތަކެއް ބޭކާރު ވެއްޖެ… ބީރައްޓެހި ގައުމެއް ގައި އެތަނުގެ ރަށްވެހިންނަށްވެގެން މުޅިއުމުރު އުޅެން އެކަކުވެސް ބޭނުމެއް ނުވާނެ… ކިހާދުވަހެއް މިވީ…. ޑޭޑް ކުރިން ބުނުއްވިނަމަ…” މިލާންގެ ވާހަކަ ހުރިގޮތުންވެސް މިލާން ކުރިއަށްދާން ގަސްތުކޮށްފައިވާ މިސްރާބު ދާދި ފަސޭހައިިން ރިިފްވާންއަށް ވިސްނައިގަނެވުނެވެ. އެކަމުން ހާސްކަމެއް ލިބިިގެން ދިޔަފަދައަކުން ދަތްދޮޅީގައި އަތްކާއްތާލަމުން އޭނައަށް މިލާންގެ އަތުގައި ހިފަހައްޓާލެވުނެވެ.

“ދަރިފުޅާ…” ދަރިފުޅުގެ ކުއްލި ނިންމުމުގެ ފަހަތުގައި ފޮރުވިފައިިވާ މަޤްސަދު ނަގައިިގަނެވިގެންދިޔަ ހިިނދު ރިފްވާންއަށް ގޮވާލެވުނެވެ.

“ޕްލީޒް ޑޭޑް… ކީއްވެތަ ބައްޕަ އެހާ ހިތްތިރީ.. އެހާ ފަސޭހައިން ބައްޕަ ހުރިހާކަމެއް ހަނދާންނައްތާލީ ކިހިނެތްތަ؟  މައާފުކުރަންޖެހެނީ މައާފު ހައްޤުވާވަރު މީހުންނަށޭ… އެމީހުންގެ ސަބަބުން ބައްޕަގެ މުޅި ދިރިއުޅުން ހަލާކުވީ… އެވަރުން ވެސް އެމީހުންނަށް މައާފު ހައްޤުވޭތަ؟ ބައްޕަ މައާފުކުރިޔަސް ބައްޕަގެ އަންހެން ދަރިފުޅަށް ދުވަހަކު މައާފެއްނުދެވޭނެ…” ހަށަން ބަދެލަމުން ދެބުމަގޮށްޖަހާލިއިރު މިިލާންގެ އެއަޑުގައި އެކުލެވިގެންދިޔައީ ރުޅިވެރިކަމާއި ބަދަލުހިފުމުގެ ރޫޙެވެ. އޭނަ ގެ ބައްޕައަށް އަނިޔާވެރިވި މީހުންނަށް އެހާ ފަސޭހައިިން މައާފުދޭން ހިތަށް އަރުވާކަށްވެސް އޭނަ ބޭނުމެއްނޫނެވެ. ބައްޕަ އާއި ހިިލާފަށް އެފަދަ މީހުންނަށްޓަކައިި އޭނައަކީ ހޫނުއަލިފާނެވެ. ދުވަހަކު ފިނިިވެގެންނުދާނެއެވެ.

“ބަދަލުހިފައިގެން އުފަލެއް ލިބިދާނެހެން ދަރިފުޅަށް ހީވަނީ ކީއްވެތަ؟ މިކަންތައްގަނޑުގެ އަސަރު ދަރިފުޅުގެ ދިރިއުޅުމަށް ކުރަން ބައްޕަ ނޭނދޭވަރު މިލީއަށް ހަމަ ރަނގަޅަށް އިނގޭނެ… ބައްޕަ އެމީހުންނަށް މައާފުދޭން މިސަބަބު ނުފުދޭތަ… މިލީއަށްވުރެ މި ދުނިޔެއިން ބަައްޕައަށް މުހިންމުކަމެއް ނުވާނެ… އެދުވަހު ބައްޕަ އެ މީހުންނާއި ދެކޮޅަށް ތެދުވިނަމަ މިއަދު ދަރިފުޅު ތިއުޅޭ ދިރިއުޅުން ދަރިފުޅަށް ލިބުނީސްތަ؟” ރިފްވާން ވާހަކަދައްކަމުންދިޔައީ މިލާންއަށް ވިސްނައިދޭފަދަ ގޮޮތަކަށެވެ.

“ދޭއަރ ސެލްފިޝް… ބައްޕަ ނުބުނުއްވިޔަސް އެމީހުންގެ ސަބަބުން މިހުރިހާ ދުވަހު ބައްޕަ ކުރާނެ ހިތާމަ އިނގޭ… އަޅުގަނޑަކީވެސް މިހާރު ކުޑަކުއްޖެއްނޫނޭ… އަމިއްލަ ހައްޤު ނިގުޅައިގަނެވިގެންދާއިރު މަޑުންހުރެވޭނީ ކިހިނެތް؟ އެމީހުންގެ މުއްސަނދިކަމާއި ފައިސާވެރިކަމުގެ ހައްޤުވެރިއަކީ ބައްޕަ ނޫން ދެވަނަ ފަރާތެއްނޫން… އެ ހައްޤު އަނބުރާ ހޯދަން އަޅުގަނޑު ބޭނުން… ބައްޕަގެ ނިކަމެތިކަމުގެ ފައިދާ އެ މީހުން ނެގިިޔަދީީީގެން ބައްޕަ ހުންނާނީ ކިތައް އަހަރުވާން ދެން.. ޕްލީޒް ޑޭޑް މިލީއަށް އިތުބާރުކުރޭ…” މިލާން މަޑުމަޑުން ރިފްވާންގެ ދެއަތުގައި ހިފާލަމުން އެ މޫނަށް ބަލާލިއިރު އެދެލޮލުގައިވީ ޔަގީންކަމުން ރިފްވާންއަށް ދެކޮޅުގައި ބަހެއްބުނާނޭ ހިތްވަރެއްނުކުރެވުނެވެ. މިލާންގެ އާދޭސްތަކަކީ އަބަދު ވެސް އޭނަގެ ބަލިފައެވެ.

“ބައްޕަ މިލީއަށް އަބަދުވެސް އިިތުބާރުކުރަން… އެހެންވެ ތިކަމަށް އެއްބަސްވެވެންނެތީ… ދަރިފުޅަށް ދެރައެއްލިބެން ބައްޕަ ބޭނުންނުވާނެކަން އަބަދުވެސް މިލީގެ ހަނދާނުގައި ބަހައްޓައްޗޭ…” އެންމެ ފަހުގެ ނިންމުން އިއްވުމަށްފަހު އެތަނުގައި މަޑުކޮށްލުމެއްވެސްނެތި ރިިފްވާން ސިޑިބަރިއާއިި ދިމާލަށް ހިިނގައިގަތެވެ. އެތަނުގައި އިތުރު އެންމެ މިިނެޓެެއް ހޭދަވިޔަސް މިލާން އޭނަގެ ހިިޔާލު ބަދަލުކޮށްފާނޭކަމުގެ ބިރު އޭނަގެ ހިިތުގައި އޮތެވެ. އެހާ އަވަހަށް މިލާން ގޮތްދޫކޮށް ހަތިޔާރު އެލުވައެއްނުލާނެއެވެ. އަންހެންކުއްޖެއް ގެ ސިފައާއި ނުބައްދަލު އެ ހިތްވަރާއި އަޒުމަކީ ގުޑާނޭ އެއްޗެއްނޫނެވެ. އެހެނެއް ކަމަކު އެ މަގުގައި ހިިނގަން އޭނަގެ ދެއަތުން މިިލާންއަށް މަގެއްނުދައްކާނެއެވެ. ދަރިފުޅުގެ އެތެރެހަށީގައި ދައުރުވަމުންދާ ބަދަލުހިފުމުގެ އިހުސާސްތަކަށް އޭނަގެ ބަސްތަކުން ދިރުމެއްނުދޭނެއެވެ.

****************************

ހިތްގައިމު ހެނދުނަކަށްފަހު މެންދުރުވެެގެން އައިރު، މެދު އުޑުގައި އޭގެ ޖާގަ މިލްކުކޮށްލައިގެން އިން އިރުގެ ހޫނު އަވިން ދުނިޔެއަށް ހޫނުކަމެއް ވެރިކޮށްދީފައިވެއެވެ. ވައިރޯޅީގެ އަސަރެއްވެސް ނުވާތީ ޖައްވުގައިވަނީ ދިލަ ހޫނުކަމެކެވެ. އަވިން ފިއްސަމުންދާ ޓިނުތަކުން ފައިބަމުންދާ ހޫނުން ގޭގެ ހަތަރު ފާރުގެ ތެރޭގައި އުުދާސްކަމެއް ވަކިހިއްޕާލައިފައި އޮތެވެ. އެ އުދާސްކަން ކުޑަކޮށްވެސް ފިނިކޮށްދެމުން ފިޔަވަކިވާވަރަށް އެނބުރެމުންދާ ފަންކާގެ ވައިންނެވެ.

ގޯތިތެރޭގައި ހުސްކޮށް އޮންނަ ބައިގައި ދަމާފައި އޮތް ރޯނުގައި ހުރި އަންނައުނުތައް ވަށިގަނޑަކަށް އަޅައިގެން ގޭތެރެއަށް ވަދެގެން އައި ޔަންހާގެ މޫނުމަތީން ފާޅުވަމުންދަނީ ވަރުބަލިކަމެވެ. ތެޔޮވެފައިވާ ނިއްކުރިމަތީގައި ދާތިކިތައް ވިދަމުންދާއިރު ހިނދުރިިން ބޭރުވަމުންދާ ނޭވާތައްކުރުވެފައިވެއެވެ. ހަށިގަނޑުގައިވީ ވަރުބަލިކަން ފިލުވާލުމަށްޓަކައި އިރުކޮޅެއްވާންދެން ދޮރަށް ލެގިލައިގެން ހުރުމަށްފަހު ޔަންހާ ކޮޓަރިއާއި ދިމާލަށް ހިނގައިގަތެވެ. އެވަގުތު ގޭގެ ބޮޑުދޮރުމައްޗަށް އެޅިގެންދިޔަ ބިޔަ ހިޔަންޏާއިއެކު ޔަންހާގެ ފިޔަވަޅުތައް މެދުކެނޑިގެންދިޔައިރު ވަގުތުން ފަސްއެނބުރި ދޮރާއި ދިމާލަށް ބަލާލިއެވެ. އެއާއިއެކު އެ ހަށިގަނޑުގައި އުފެދިގެންދިޔަ ތުރުތުރުލުމާއިއެކު ޔަންހާގެ އަތުން ވަށިގަނޑު ދޫވެގެން ދިޔައެވެ. ވަށިގަނޑު ގެ ތެރެއިން ފައިބައިގަތް އަންނައުނުތައް ތަރަފާލުމަތީގައި ފެތުރިގެންދިޔައިރު ދެލޯ ބޮޑުކޮށްލަމުން ޔަންހާއަށް ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ. އެތަށްދުވަހެއްފަހުން ލޮލަށް ފެނުނު ސޫރަ އާއިއެކު އޭނަގެ ހިތުގައި ފިލާއޮތް ބިރުވެރިކަން އަލުން އޭނަގެ ކުރިމައްޗަށް އައިފަދައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Niraa

Level 5100 Login10 Stories

Author of Vakivee loabin, Beeveema and Edhigen Kalaa Libeythw

Other Articles

Previous

އަންޖަލް (22)

Next

ކަޅު ބުޅާ 17

Next
August 4, 2025

ކަޅު ބުޅާ 17

Previews
August 3, 2025

އަންޖަލް (22)

One Comment

  1. White rose White rose says:
    August 3, 2025 at 8:18 pm

    Maashaallah. Vrh furihama sifakurun thakeh. I’m truly speechless. Thee vrh hunaruveri liyuntheri eh. I genuinely admire your writing. Dhen oiy bai vrh avahah kiyaalan libeyne kamah unmeedhu kuran.

Comments are closed.

Next Episodeއެދިގެން ކަލާ ލިބޭތޯ 4←


All Right Reserved!