ވަޢުދޭ ވެވޭމީީ 7
އާދައިގެ މަތިން ދުވަހެކެވެ. ޒާން ސްކޫލަށް ލާފައި ނައިނާއައީ ހިނގާލާފައެވެ. ނަމަވެސް ގެއާ ހިސާބަށް އެރިތަނުން ހުއްޓެން މަޖުބޫރުވީ މީހަކު ގޮވާލުމުންނެވެ. “އޮހް… ޒިޔާން؟… މިތާ ކީއްކުރަނީ؟… ނައިނާ އަހާލިއެވެ. “މި ދެން ހަމަ ނުކުމެލީ… ނައި ކީއްކުރަނީ؟…” ޒިޔާން ނައިނާއާ އެކީ ހިނގައިގަންނަމުން އަހާލިއެވެ. “މިއައީ ދަރިފުޅު ސުކޫލަށް ލާފަ…” އެއާއެކު ޒިޔާންގެ މޫނަށް ދިޔައީ ފާޑެއްގެ ގޮތެއް ވެގެންނެވެ. “އޭން؟… ޔޫ ހޭވް އަ ކިޑް؟… މީހަކާ އިނދެގެންތަ ތިއުޅެނީ؟…” ރައްޓެހިންގެ ގޮތުގައި ދުވަސް ކޮޅެއް ވެގެން ދިޔައިރު ކުރިން ނޭންގޭ ހަގީގަތެއް އިނގުމުން ޒިޔާން ހުރީ ހައިރާންވެފައެވެ. “ހެހެހެ ލޯންގް ސްޓޯރީ…” އިރުކޮޅެއްގެ ހިމޭން ކަމަކަށް ފަހު ނައިނާ ބުނެލިއެވެ. “ކުރުކޮށް ކިޔާދީ… ނައި ބޭނުމިއްޔާ އިނގޭ…” ނައިނާގެ ކޮނޑުގައި އަތް ބާއްވާލަމުން ޒިޔާން ބުނެލިއެވެ. “ވެލް… މެރިޑް އެއްނޫން… ދަރިފުޅަކީ މީހަކު ނުހައްގުން އަހަރެންގެ ކިބައިން އެދުން ފުއްދުމުގެ ނަތީޖާ… އެކަމަކުވެސް އަހަރެންގެ ދަރިފުޅު ދެކެ އިންތިހާއަށް ލޯބިވޭ…” ހިތި ހިނިތުންވުމަކާ އެކު ނައިނާ ބުނެލިއެވެ. އެއާއެކު ޒިޔާންއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ.
މިފަދަ އެކި ވާހަކަތައް ދައްކަމުން އައިސް އެ ދެމީހުން ހުއްޓުނީ ނައިނާމެން ދިރިއުޅޭ އިމާރާތު ކުރިމަތީއެވެ. “ވަންނާނަންތަ؟… ސައި ހަދާފަ ހުންނާނީ…” ނައިނާ ހީލަމުން ދަޢުވަތު ދިނެވެ. އެއާއެކު ޒިޔާން ހީލަމުން ހިނގާށޭ ބުނެލިއެވެ. ދެމީހުން އެކުގައި ގޮސް ލިފްޓަށް އެރިއެވެ. ލިފްޓު ތެރޭގައި އެ ހޭދަވި މަދު ވަގުތު ކޮޅުތެރޭގައިވެސް ޒިޔާންގެ ނަޒަރު ނައިނާގެ މޫނުން ކަސިޔާރެއް ނުވެއެވެ. ލޯބީގައި ދީވާނާ ވެފައި ހުރި މީހެއް ފަދައިން ނައިނާގެ މޫނަށް ބަލަން ހުއްޓެވެ. “އާދޭ…” އެ އިމާރާތު 6 ވަނަ ފްލޯއަށް ލިފްޓުހުއްޓުމާއެކު ނައިނާ ހިނގައިގަތެވެ.
ނައިނާގެ ފަހަތުން އެޕާރޓްމަންޓަށް ވައިން ޒިޔާންގެ ނަޒަރު އެކި ދިމަދިމާލަށް ހުއްޓެމުން ދިޔައެވެ. މުޅިގެ ފާސްކުރާ ކަހަލައެވެ. ޒިޔާން ސޯފައިގައި އިށީންދުނު ވަގުތުވީ ހައިޒަލްވެސް އޮފީހަށް ދާން ތައްޔާރުވެގެން ސައިބޯން ނުކުތް ވަގުތަށެވެ. އެވަގުތު ސޯފާގައި އިން ޒުވާނާފެނި ހައިޒަލްއަށް ލިބުނީ ފުން ސިހުމެކެވެ. އަނގައިން ބަހެއް ބޭރު ނުކުރެވެނިސް ދެން ފެނުނީ ނައިނާ، އެ ޒުވާނާއަށް ގޮވާލިތަނެވެ. “އަންހާ ހައިޒަލް… އާދޭ ސައިބޯން… ކޮބާ މަންމަ؟…” ހައިޒަލް ފެނުމާއެކު ނައިނާ އަހާލިއެވެ. ރިހާނާވީ ބޭރުގައި ކަމަށް ބުނެ ހައިޒަލް ސައިބޯން އިށީންދުނެވެ. އަނގައިން އެންމެ ލަފްޒެއްވެސް ބޭރު ކުރުމެއް ނެތި ހައިޒަލް ސައިބޮމުން ދިޔަ މަންޒަރު ފެނި ނައިނާއަކަށް ހިމޭނަކުން ނީންދެވުނެވެ. “ހައި ބަލީތަ؟…” ހައިޒަލް އިށީންދެގެން އިން ގޮނޑީގެ ފަހަތުގައި ހުއްޓިލަމުން ނައިނާ އަހާލިއެވެ. އެއިރު ޒިޔާން ތޫނު ބެލުން ހުއްޓިފައިވަނީ ނައިނާ އާއި ހައިޒަލްއަށެވެ.
އަށެއް ޖަހަން ފަނަރަ މިނެޓަށް ވުމާއެކު ހައިޒަލް އޮފީހަށް ދާން ނުކުތެވެ. ހައިޒަލްގެ ފަހަތުން ޒިޔާންވެސް ނުކުތީ މަންމައަށް ލަސްވާނޭ ބުނަމުންނެވެ. ލިފްޓަށް އެރުމާއެކު ހައިޒަލްއަށް ބަލާލެވުުނީ ކައިރީ ހުރި ޒިޔާންއަށެވެ. ބަލާލަން ހުތުރު ޒުވާނެއްވެސް ނޫނެވެ. އާދައި އިސްކޮޅެކެވެ. އެހެނަސް އާދާޔާ ޚިލާފަށް ފަންވެފައި ކަޅު އިސްތަށިކޮޅެއް ޒިޔާންއަށް ލިބިފައިވެއެވެ. ގިނައިރު ބެލި ވަރަކަށް ޒިޔާން ވައްތަރުވީ ނައިނާއާއެވެ. އެއާއެކު ހައިޒަލްއަށް މަޑުމަޑުން ހީލެވުނެވެ. “ނައި ދެކެ ލޯބިވޭ ދޯ؟…” އެހެން ހުރެފައި ޒިޔާން ކޮށްލި ސުވާލުން ހައިޒަލް ދިޔައީ ސިއްސައިގެންނެވެ. “އިނގުނީ ކިހިނެއްތޯ ނާހާތި… ތި ދެލޯ ވެސް ހެކިވޭ ނައި ދެކެ ލޯބިވާ ކަމަށް… އެކަމަކު ބުނަން… ޝީ އިސް މައިން…” ޒިޔާން ބުނެލިއެވެ. އެއާއެކު ހައިޒަލްއަށް ލިބިފައި ހުރި ސިހުން ދެގުނައަށް އިތުރުވިއެވެ. “ވަޓް… އެހެންވެ ދޯ ނައިނާ ފަހަތުން ނެއްޓެން ނޭންގިގެން ތިއުޅެނީ… ބުނަން ވާހަކައެއް… މީގެ ފަހުން މިގެއަށް އައިސްގެން ނުވާނެ… ނައިނާއާ ވާހަކަ ވެސް ދައްކައިގެން ނުވާނެ…” ހައިޒަލް ނުރުހިފައި ބުނެލުމާއެކު ޒިޔާން ޖަހާލީ ހިނިގަނޑެކެވެ. “ހަހަހަ… ތީ ކާކުތަ އަހަރެން ހަދަންވީ ގޮތް ބުނަން؟… ނައިނާގެ ބޭބެ އެއްވެސް ނޫނެއްނު؟… ހާސްނުވޭ… އަހަރެން ނައިނާއަކަށް ދެރަ ގޮތެއް ނުހަދާނަމޭ…” ޒިޔާންގެ ރާގު ހުރި ގޮތުން ހައިޒަލްއަށް އަތް މުއްކަވާލެވުނެވެ. އެވަގުތު ލިފްޓު ހުޅުވުމާއެކު ހައިޒަލް އަވަސްއަވަހަށް ނުކުތެވެ.
* * * * * * * * * * * * * *
“މަންމާ…” ލިލީވައިޓް ގޭ ދޮރުން ވަންނަމުން ޒިޔާން ގޮވާލީ އޭނާގެ މަންމައަށެވެ. “އާދެވިއްޖެ ދޯ…” އަޑު އައީ ތަންކޮޅެއް ދުރުގައި އިން އުނދޯއްޔާ ދިމާލުންނެވެ. ޒިޔާން ހީލަމުން ގޮސް އުނދޯލީގައި އިށީންދުނެވެ. “މަންމާ… މަންމަ އަބަދުވެސް އުޅެމެއްނު އަހަރެން ދިރިއުޅުމެއް ނުފަށައިގެން… ވެލް… މެރީ ކުރާ ކަހަލަ ލޯބި ކުއްޖަކު ފެނިއްޖެ މަންމާ… އަހަރެން ބޭނުމީ އެކުއްޖާގެ ރުހުން ލިބުނުހާ އަވަހަކަށް މެރީ ކުރަން…” ނުކެރިފައި އިންދެ ޒިޔާން ބުނެލިއެވެ. އެއާކު ޒިޔާންގެ މަންމަ، ޒިޔާނާ އެއީ ކޮން ކުއްޖެއްތޯ އަހާލިއެވެ. “ނައިނާ ކިޔަނީ… ރާއްޖެ ތެރޭ ކުއްޖެއް… އެކަމަކު މިހާރު އުޅެނީ މާލޭގަ…” ނައިނާގެ ނަން އަޑު އިވުމާއެކު ޒިޔާނާގެ ހިނިތުންވުން ފަނޑުވަމުން ގޮސް އެއްކޮށް ގެއްލުނެވެ. ޒިޔާނާގެ ކުރިމަތީ މީގެ އެތައް އަހަރެއްގެ ކުރީގެ މަންޒަރުތައް ނިއުޅެން ފެށިއެވެ. އެހެންނަމަވެސް އެކަން ކާމިޔާބު ނުވީ ޒިޔާން ‘މަންމާ’އޭ ކިޔާ ގޮވާލުމުންނެވެ. “ކިހިނެއްވީ މަންމާ؟…” ޒިޔާން އަހާލިއެވެ. ޒިޔާނާ ބޯ ހަލުވާލުމާއެކު ޒިޔާން ތެދުވެ ހިނގައިގަތީ ކޮޓަރިއަށް ދާށެވެ.
“ޒިޔާނާ… ކިހިނެއްވެފަ ތީނީ؟…” އެވަގުތު ގެޔަށް ވަދެގެން އައީ ޒިޔާނާގެ ފިރިމީހާ ރިޒާމްއެވެ. ފުން ވިސްނުމަކަށް ގެއްލިފައި އިން ޒިޔާނާއަށް ރިޒާމް ގޮވާ ކަމެއްވެސް ނޭނގުނެވެ. އަނބިމީހާ އެގޮތަށް އިނުުމުން ހިތަށް އުނދަގޫވެގެން ގޮސް ރިޒާމް އުނދޯލީގައި އިށީންދުނެވެ. “ރި… ރިޒާމް… ކޮން އިރަކު އައީ؟… ކިހިނެއްވީ ތިއައީ؟…” ޒިޔާނާ ގަދަކަމުން ހިނިތުންވަމުން އަހާލިއެވެ. “މިއައީ މިއަދު އޮތް މީޓިންއަށް ބޭނުންވާ ފައިލު ބާއްވާފަ ދެވުނީމަ އެ ބަލާ… އެވާހަކަ ބާއްވާފަ ބުނެބަލަ… ޒިޔާނާއަށް ކިހިނެއްވެފަތަ ތީނީ… އަހަރެންނަށް އެންމެ ފަހުން ޒިޔާނާ ތިގޮތަށް އިނދާ ފެނުނީ ޒިޔާނާ އަހަރެންނާ ކައިވެނި ކުރުމުގެ ކުރިން… ބުނެބަލަ ޒިޔާ… ތިހިތުގަ ތިވާ އެއްޗެއް އަހަރެންނާ ހިއްސާ ކޮށްބަލަ…” ލޯތްބާ އޯގާތެރިކަމާއެކު ރިޒާމް ވާހަކަ ދެއްކިއެވެ.
“ޒިޔާން… ދެންމެ އައިއްސަ އެބުނީ އޭނަ ލޯބިވާ ކުއްޖެއް އެބަ ހުއްޓޯ… އެ ކުއްޖާ އެއްބަސްވިހާ އަވަހަކަށް ކައިވެނި ކުރަން ބޭނުމޯ…” ޒިޔާނާ ބުނެލީ ވާހަކައިގެ އެއްބައެވެ. “އެހެންވެތަ ޒިޔާނާ ތިހެން ތީނީ؟… ހާދަހާ ގަބޫލު ނުކުރެވެއޭ…” ރިޒާމް ބުނެލީ ލަސްލަހުންނެވެ. އެއާއެކު ޒިޔާނާ ފުން ނޭވާއެއްލީ ދައްކަން އުޅޭ ވާހަކައަށް ތައްޔާރުވާންނެވެ. “އެ… އެކުއްޖާ އަށް ކިޔަނީ ނައިނާއޯ… އެ ނަން އަޑު އިވުނަސް… އަހަރެންގެ ހިތަށް އުނދަގޫވޭ…” ޒިޔާނާ އިސްޖަހާލަމުން ބުނެލިއެވެ. “އެ ހަމަ ވެދާނެ އެއްނުން އެހެން ނައިނާ އަކަށްވެސް…” ރިޒާމްއަކީ ކޮންމެ ކަމެއްގައިވެސް އެންމެ ރަނގަޅަށް ވިސްނާ މީހެކެވެ. އެކަމާ ދެން ނުވިސްނުމަށް ބުނެ ރިޒާމް ހިނގައިގަތީ އެބުނާ ފައިލެއް ބަލައެވެ.
- * * * * * * * * * * * * * *
- އޮފީހަށް ގޮސް ވައިން އިރުވެސް ހައިޒަލް އަރާފައި ހުރި ރުޅި މައިތިރި ނުވެއެވެ. ކެބިންއަށް ވަދެ ހަމަ ޖެހިނުލެވެނިސް ނައުހާ އައިސް ވަނުމާއެކު ހައިޒަލްގެ ރުޅި ކޮންޓްރޯލުން ނެއްޓިއެވެ. “ނައުހާ… ހަމަ މިހާރު ނުކުމޭ… އަހަރެން މައްސަލަ ނުޖައްސަނިސް އަހަރެންނަށް އުނދަގޫ ކުރުން ހުއްޓާލަބަލަ…” ހައިޒަލް ހިތްހަމަ ނުޖެހިފައި ހުރެ ބުނެލިއެވެ. “ޗިލް ހައިޒަލް… އަހަރެން މިއައީ ރިޒާމް ސަރ ބުނެގެންނޭ…” ނައުހާ ބުނެލިއެވެ. އަދި ހައިޒަލް ކައިރީ ބުނަން ބުނި ވާހަކަތައް ބުނެފައި ހައިޒަލް ކައިރިއަށް ޖެހިލިއެވެ. ވަރަށް ނޫންކަމަށް ހެދެމުން ނައުހާ، ހައިޒަލްގެ އަތުގައި ފިރުމާލިއެވެ. ހައިޒަލް އޭނާގެ އަތް ދަމާގަތް އިރު ހީވީ ކަރަންޓު ޖެހުނުހެންނެވެ. ދަތްކުނޑި ވިކާލަމުން ހައިޒަލް އަމުރުކުރީ އެތަނުން ނުކުތުމަށެވެ. އެހެންނޫނީ ވެރިންނަށް އަންގާނެ ކަމަށެވެ.
=ނުނިމޭ=
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.


