ވަޢުދޭ ވެވޭމީ 6
ޖެހިގެން އައީ ބަންދު ދުވަހެއް ކަމުން ހައިޒަލްއާއި ނައިނާ ބޭރަށް ނުކުމެލީ ރިހާނާއާއި ޒާން ހަވާލު ކޮށްފައެވެ. ހަވީރުގެ އެ ހިތްގައިމު ވަގުތުގައި އެދެމީހުންގެ މިސްރާބަކަށްވީ މާލޭގެ މަޝްހޫރު ރެސްޓޯރެންޓް އެކެވެ. ކޮފީ ބޯނިމިގެން ހައިޒަލް ރުފިޔާ ދައްކަން ދިޔުމުން ނައިނާ ނުކުތީ މަގު މައްޗަށެވެ. އެވަގުތު ސައިކަލެއްގައި ކުރިމައްޗަށް އައިސް ހުއްޓުނު މީހާ ފެނި ނައިނާ ދިޔައީ ސިއްސައިގެންނެވެ. “ނައިނާ… އެކަނިތަ؟…” ޖެހިލުމެއްވެސް ނެތި އެމީހާ އަހާލިއެވެ. “ނޭންގުނުތަ؟… މީ ޒިޔާން… ފިހާރައިން މީޓްވި އެއްނު…” ހަނދާން ކޮށްލަދޭ ފަދައިން އެ ޒުވާނާ ބުނެލިއެވެ. އެއާއެކު ނައިނާއަށް އެ މަންޒަރުތައް ސިފަވާން ފެށިއެވެ. “އޯހް… އިނގިއްޖެ…” ފާޑަކަށް ނައިނާ ބުނެލިއެވެ. ހަމައެވަގުތުވީ ހައިޒަލް ރެސްޓޯރެންޓް އިން ނުކުތްވަގުތަށެވެ. “ބީއެފް ތަ؟…” ހައިޒަލްގެ ބޮލުންފެށިގެން ފަޔަށް ބަލާލަމުން ޒިޔާން އަހާލިއެވެ. “އަހަހަ… ނޫނޭ… މީ ހައިޒަލް… އަހަރެންގެ ހުރި ހަމައެކަނި އާއިލާ…ހައި… މީ ޒިޔާން” ހީލަމުން ނައިނާ ބުނެލިއެވެ. އަދި ދަނީއޭ ބުނެ ހައިޒަލްއާއެކީ ހިނގައިގަތެވެ.
“ނެއިން… އެއީ ކާކު؟… ސްޓޯކާ އެއްތަ؟…” ތަންކޮޅެއް ދުރަށް ދެވުމާއެކު ހައިޒަލް އެއްސެވެ. “ނޭންގެ… އިއްޔެ ފިހާރައިން ނުކުންނަނިކޮށް އެ މީހާ ގައިގަ ޖެހުނީ… ދެން ސޮރީ ވެސް ބުނެވުނީ އެއްކޮށް… އެންޑް ދެން އޭނަ ނަންބުނެފަ ސަލާމަށް އަތް ދިއްކުރީ…” ނައިނާ ހީލަމުން ޖަވާބު ދިނެވެ. އެއިރު ހައިޒަލްގެ މޫނުމަތި އެހެން ފަދައެވެ. އެ ގޮތް ނޭންގޭ ފިރިހެން މީހާއާ މެދު ހައިޒަލްގެ ހިތް ހަސަދަޔާ ނަފްރަތުން ފުރުނީ ނުވެސް އިނގި ހުއްޓައެވެ.
ނައިނާއާއި ހައިޒަލް ގެޔަށް ވަނުމާއެކު އިންތިޒާރުގައި ހުރި ޒާން ދުވެފައި އައިސް ނައިނާގެ އަތުތެރެޔަށް ވަނެވެ. “މަންމިގެ ލޯބިކޮޅު… ކޮންތާކަށް ގޮއްސަތަ ތިއައީ؟…” ޒާންގެ ކޮލަށް ބޮސް ދެމުން ލޯތްބާއެކު ނައިނާ އަހާލިއެވެ. “މިއައީ މާމައާ އެއްކޮށް ބޭރަށް ގޮއްސައޯ…” ލޯބިގޮތަކަށް ޒާން ބުނެލިއެވެ. “އެހެންތަ… މަންމި ދޫނި އަވަހަށް ހިނގާ ދެން ފެން ވަރާލަން…” ޒާން ބިންމަތީގައި ބަހައްޓަމުން ނައިނާ ބުނެލިއެވެ. އެއާއެކު ޒާން ދުވެފައި ގޮސް ކޮޓަރިއަށް ވަނެވެ. “ދަރިފުޅާ ހައިޒަލް… މިތާ އިށީންދެބަލަ…” ހައިޒަލް ވެސް ކޮޓަރިއަށް ދާން އުޅެނިކޮށް ރިހާނާ ގޮވާލިއެވެ. އެއާއެކު ބަސްއަހާ ކުޑަކުއްޖެއް ފަދައިން ހައިޒަލް އައިސް ރިހާނާ ކައިރީ އިށީންދުނެވެ. “ދަރިފުޅާ… މިހާރު ތިއޮށް 26 އަހަރުވީ… ދަރިފުޅު މީހަކާ އިންނާކަށް ޚިޔާލެއް ނުކުރަންތަ؟…” ރިހާނާ ފެށި ވާހަކައިން ހައިޒަލްއަށް ލަދުން އިސްޖަހާލެވުނެވެ. “މަންމާ… އަހަރެން ލޯބިވާ ކުއްޖެއް ހުރޭ… ފުރާނަ ދޭހާ ލޯބިވޭ… އެކަމަކު… އެކުއްޖާ އަކަށް ނޭންގޭނެ އަހަރެން ލޯބިވާ ކަމެއް…” ހައިޒަލް ބުނެލިއެވެ. އެއިރު ހައިޒަލްގެ ސިކުނޑީގައި އެނބުރެމުން ދަނީ ނައިނާގެ ލޯބިވެތި މޫނެވެ. ހައިޒަލްގެ މޫނަށް އަރާ ފާބަމުން ދިޔަ ކުލަވަރު ތަކަށް ބަލަން އިން ރިހާނާގެ ތުންފަތަށްވެސް ހިނިތުންވުމެއް ވެރިވިއެވެ. ނަމަވެސް އެ ދެމީހުންނަށް ނޭންގުނު ކަމަކީ އެ ދެކެވުނު ވާހަކަތަކުން އެހެން މީހެއްގެ ހިތަށް ނުހަނު ފުން އަސަރެއް ކުރި ކަމެވެ.
އެދުވަހުގެ ފަހުން ހައިޒަލްއަށް ފާހަގަވީ އެއް ކަމަކީ ނައިނާ ހައިޒަލްއާ ދުރުވެއްޖި ކަމެވެ. ވީ ގޮތެއް ނޭންގި އެ ގޮތަށް ނައިނާ ދުރުވުމުން ހައިޒަލްއަށް ހީކުރެވުނީ އެންމެ ނުބައި ކޮށެވެ. އަނެއްކާ މިހާރަކަށް އައިސް ނައިނާއަށް އަންނަ ފޯނުކޯލުތައް ގިނަވުމަކީ ވެސް ހައިޒަލްގެ ހީކުރެވުމަށް ލިބުނު އިތުރު ބާރެކެވެ. އެ ފޯނު ކޯލު އައުމާއެކު ނައިނާ އެކަހެރި ވެލާތަން ބަލަން ހިތްމަތީ ގާ ގަނޑެއް ބާއްވައިގެން ބަލަން ހައިޒަލް ހުރެއެވެ.
އާދައިގެ މަތިން ދުވަހެކެވެ. ޒާން ސްކޫލަށް ލާފައި ނައިނާއައީ ހިނގާލާފައެވެ. ނަމަވެސް ގެއާ ހިސާބަށް އެރިތަނުން ހުއްޓެން މަޖުބޫރުވީ މީހަކު ގޮވާލުމުންނެވެ. “އޮހް… ޒިޔާން؟… މިތާ ކީއްކުރަނީ؟… ނައިނާ އަހާލިއެވެ. “މި ދެން ހަމަ ނުކުމެލީ… ނައި ކީއްކުރަނީ؟…” ޒިޔާން ނައިނާއާ އެކީ ހިނގައިގަންނަމުން އަހާލިއެވެ. “މިއައީ ދަރިފުޅު ސުކޫލަށް ލާފަ…” އެއާއެކު ޒިޔާންގެ މޫނަށް ދިޔައީ ފާޑެއްގެ ގޮތެއް ވެގެންނެވެ. “އޭން؟… ޔޫ ހޭވް އަ ކިޑް؟… މީހަކާ އިނދެގެންތަ ތިއުޅެނީ؟…” ރައްޓެހިންގެ ގޮތުގައި ދުވަސް ކޮޅެއް ވެގެން ދިޔައިރު ކުރިން ނޭންގޭ ހަގީގަތެއް އިނގުމުން ޒިޔާން ހުރީ ހައިރާންވެފައެވެ.
=ނުނިމޭ=
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.


