Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Featuredހިތާމައުފެއްދުންތެރި ލިޔުންލޯބި

އެކްޓަރ (ޕާޓް 31)

Lamtty
Lamtty Level 710 Stories100 Login100 Comments500 Login100 Stories
July 26, 2025 4 Mins Read
0 Comments

އިފްރާހުގެ އެދުން ގަބޫލުކޮށް އަހަރެން ބޮޑުދައިތައާއި ބައްދަލުކުރަން އެގެއަށް ދާން އެއްބަސްވީމެވެ. އަހަރެން އާނބަސް ބުނުމުން އޭނާ ހުރީ ނިކަން އުފަލުންނެވެ.އަހަރެން މީ ކާކުކަން އެނގުމުން ބޮޑުދައިތަ ވަރަށް އުފާވާނޭ ބުނީ މާނަވީ ހިނިތުންވުމަކާއި އެކުގައެވެ.

 

****

 

އިފްރާހުއާއި އެކުގައި އޭނާގެ ގެއަށް ދާން އަހަރެން މިސްރާބު ޖެހިއިރު މުޅި ޖައްވުގައި ހިފާލައިފައިވީ ކަށިތައް ތޮރުފައިލާ ފަދަ ފިނިކަމެކެވެ.ވިއްސާރަވާން އުޅޭކަމުގެ ސިގްނަލް ދެމުން  ޖެހެމުން ދިޔަ ފިނި ފިނި ވައިރޯޅިތައް ފަހަރަކަށްވުރެ ފަހަރެއް ބާރު ވަމުން ގޮސް ކަޅު ބޯ ވިލާތަކުން ހަތަރު އުދަރެސް ބެދި ދުނިޔެމަތި އެކަށް އަނދިރިވީ ކުޑަ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ.

 

****

 

ގޭގެ މައި ގޭޓުން ކިރިޔާ އަހަރެމެންނަށް އެެތެރެވެވުނީއެވެ.ފެނުން ބަރާވެފައި އޮތް ވިލާގަނޑު އިސާހިތަކު އޮއްސައިގެންފިއެވެ.އިފްރާހު ކާރު ޕޯޓިކޯއަށް މަޑުކޮށްލުމުން ފުރަތަމަ ފޭބީ އަހަންނެވެ.ސްކޭނެއް ކޮށްލި ފަދަ ގޮތަކަށް އަހަންނަށް އެކި ދިމާއަށް އަވަސް ނަޒަރެއް ހިންގައިލެވުނެވެ.ރީތި ތަނަވަސް ގެއެކެވެ. ބަލައިލި ކޮންމެ ދިމާއަކުންވެސް ފެންނަނީ ޝާހީ ކަމެވެ.ހިތާ ހިތުން އަހަންނަށް އެ ގޭގެ ފުރިހަމަ ކަމާއިމެދު ތައުރީފުކޮށްލެވުނެވެ.

 

****

 

އިފްރާހުގެ ފަރާތުން އެނގުނު ގޮތުގައި ބޮޑުދައިތައަކީ  ދަރިއަކު ނެތް އެކަނިވެރިއެކެވެ.ކުރީގައި ކައިވެންޏެއް ކުރި ނަމަވެސް ބޮޑުދައިތައަށް ދަރިން ނުލިބޭކަން އެނގުމުން ފިރިމީހާ ބޮޑުދައިތަ ވަރިކޮށްލާފައި ދިޔައީއެވެ.އޭގެ ފަހުން ބޮޑުދައިތަ މީހަކާވެސް ނީނދެއެވެ.ޒުވާން އުމުރުގައި އިފްރާހުވެސް ޖަލަށް ދާން ޖެހުމުން އޭނާގެ އެ ބޮޑު ގޭގެ ހުރިހާ ކަމެއް ބެލެހެއްޓުމުގެ ޒިންމާ ކޮނޑުއެޅީވެސް ހަމަ ބޮޑުދައިތައެވެ.އޭރު އެގޭގައި ކުއްޔަށް ދިރިއުޅޭ މީހުންގެ ކުއްޔާއި މަސައްކަތު މީހުންގެ މުސާރަ ހުންނަނީ ބޮޑުދައިތަގެ އަތުގައެވެ.ނަމަވެސް އިފްރާހު  މިނިވަންވުމުން ލަސްކުރުމެެއްނެތި ބޮޑުދައިތަ އިފްރާހުގެ ހައްގު އަނބުރައި އިފްރާހުއަށް ދިނެވެ.އެހެނަސް ފިރިމީހާ ވަރިކޮށްލި ހިސާބުން ބޮޑުދައިތަ އުޅޭނެ ތަނެއް ނެތި މުޅިން އެކަނިވެރިވުމުން ގޭގެ އެއް ފުލޯ ހިބައިން ދީފައި ބޮޑުދައިތަ އެގެއަށް ގެނައީ އިފްރާހުއެވެ. ދައްތައަކަށްވުރެ ބޮޑަށް އިފްރާހުއަށްވެސް ބޮޑުދައިތަ ސިފަކުރެވެނީ ހަމަ ދެވަނަ މަންމައެއްގެ ގޮތުގައެވެ.އޭނާއާއި އެއްބަނޑުގައި ހުރީވެސް ބޮޑުދައިތަ އެކަންޏެވެ.ބޮޑުދައިތަގެ އެ އެކަނިވެރި ކަމާއިމެދު އަހަންނަަށް ހަމްދަރުދީ ވެވުނެވެ.

 

****

 

’ކޮބާ ހިނގާ އެތެރެއަށް…މީ ހަމަ ދަރިފުޅުގެވެސް ގެއޭ…‘އިފްރާހު އަހަރެންގެ ކޮނޑުގައި އަތް ޖައްސައިލަމުން އޯގާތެރިކަމާއިއެކު ބުނެލިއެވެ.ފިނިވެފައި ހުރެ އޭނާގެ ފަހަތުން އަހަރެން ލިފްޓަށް އަރަން ހިނގައިގަތީމެވެ.

 

****

 

އިފްރާހު އަހަރެން ގޮވައިގެން ފޭބީ ނުވަ ވަނަ ފްލޯއަށެވެ.އެޕާޓްމަންޓުގެ ބެލް އަޅައިލިތަނާ ގިނަ އިރެއް ނުވެ އައިސް ދޮރު ހުޅުވައިލީ ފަންސާހަކަށް އަހަރުގެ އަންހެނެކެވެ.އަހަރެން އޭނާގެ މޫނަށް ވަރަށް ފަރުވާތެރިކަމާއިއެކު ބަލައިލީމެވެ.

 

****

 

މޫނުމަތިން ދުވަސްވެފައިވާކަން ފާޅުވާން ހުއްޓެއް ކަމަކު އަސްލު ބޮޑުދައިތަ ވަރަށް ރީއްޗެވެ.ކުލަ އަލި މޫނުގައި ފާޅުވޭވޭ ހުރީ ހިތްހެޔޮކަމެވެ.އިފްރާހުއާއި ނިކަން ވައްތަރު ގޮތެއްވެސް ހުއްޓެވެ.އަހަަރެން ބަލަން ހުރިކަން ފާހަގަވެ ބޮޑުދައިތަގެ ނަޒަރުވެސް އަހަންނާއި ދިމާލަށް ދަތުރު ކޮށްލިއެވެ.

 

***

 

’އަނހާ… އަވަހަށް ވަދޭ…ހިނގާ ސައިބޯން …ދޮންތަ ވެއްޖެ ކުޅި ބޯކިބަލަކާ ޗޮކްލެޓް ކޭކަކާ އަޅާފަ…‘  ބޮޑުދައިތަ އޯގާތެރި ރާގެއްގައި ބުނެލިއެވެ.

 

އަހަރެމެން ގޮސް ސޯފާގައި އިށީނުމުން ބޮޑުދައިތަ ސައި ތައްޔާރު ކުރަން ބަދިގެ ފަރާތަށް ލެފިލިއެވެ.

 

****

 

ސަޔަށް އިންސާފު ކުރަން އިށީނދެފައި އިފްރާހު ކުރުނުކޮށްގެން ބޮޑުދައިތަވެސް އަހަރެމެންނާއި އެކު ސައިބޯން އިށީނެވެ.

 

****

 

’މީ ކޮއްކޮގެ ރައްޓެއްސެއްތަ؟‘ ބޮޑުދައިތަ އަހަރެންގެ މޫނަށް ވަރަށް ފަރުވާތެރިކަމާއެކު ބަލަން އިނދެފައި އިފްރާހުއާއި ސުވާލުކޮށްލީ ވަރަށް ޝައުގުވެރިކަމާއެކުގައެވެ.އިފްރާހުގެ ހިނިތުންވުން ފުޅާވެލިއެވެ.

 

****

’އަސްލު މި އައީ ދޮންތައަށް މީ ކާކުކަން ބުނެދޭން ވެގެންނޭ.. ވަރަށް ދުވަސްވެއްޖެ ތައާރަފް ކޮށްދޭން ބޭނުންވެފައި ހުންނަތާ…ދޮންތާ…މީ…މީ.. އަހަރެންގެ ދަރިފުޅު… ޒައިފް…ޒައިފް މީ ދަރިފުޅުގެ ބޮޑުދައިތަ ޒަމްރާ…‘ އިފްރާހު ކުޑަކޮށް ފަސް ޖެހުނެވެ. ބޮޑުދައިތަގެ ދެލޯ ބޮޑުވިއެވެ.

****

’ދަރިފުޅޭ؟!‘ ގަބޫލު ނުކުރެވުނު ފަދައަކުން ބޮޑު ދައިތައަށް ބުނެވުނީވެސް ތަންކޮޅެއް ބާރަށެވެ.

****

ފުން ނޭވާއެއް ދޫކޮށްލައިފައި އިފްރާހު އޭނާގެ މާޒީގެ އަނދިރި ސަފްހާތައް އަނެއްކާވެސް ހުޅުވައިލިއެވެ.ބޮޑުދައިތައަށް އަހަރެންގެ ހަގީގަތް ކިޔައިދޭން އޭނާ ބޭނުންވީއެވެ.އަހަންނަށް އިނދެވުނީ ނޭވާ ހިފަހައްޓާލައިގެންނެވެ.

****

އިފްރާހު ހަގީގަތް ކިޔައިދިނުމުން ޖަޒުބާތީވި ވަރުން ބޮޑުދައިތައަށް ރޮވުނެވެ.

****

’ދަރިފުޅާ…‘ ބޮޑުދައިތަ އަތް ފޯރުކޮށް ލައި އަހަރެންގެ ކޯތާފަތުގައި އަތް ޖައްސައިލިއެވެ.އެ ހިތުގައި އަހަންނަށްޓަކައި އޮތް ކުލުނުވެރިކަން ހަމަ އެކަނި އެ ދެލޮލުންވެސް ފާޅުވޭވޭ ހުއްޓެވެ.

****

’ކޮންތާކު އަޅެ ތި އުޅުނީ މިއޮއް ހުރިހާ ދުވަހު…ހަމަ އިފްރާހުގެ ޅަ ދުވަސް މަތިން ހަނދާންވީ ފުރަަތަމަ ފެނިފައިވެސް…ދެން ގިނަ ގިނައިން މިގެއަށް އަންނައްޗޭ އިނގޭ ދަރިފުޅާ…މީ ހަމަ ދަރިފުޅުގެވެސް ގެއޭ…‘ ބޮޑުދައިތަވެސް ބުނެލީ އިފްރާހު ބުނި ބީދައިންނެވެ.

****

ބޮޑުދައިތަގެ އަޑުގައިވި އޯގާވެރި ކަމުން އަހަރެންވެސް ޖަޒުބާތީ ވާގޮތްވިއެވެ.އުންމީދުވެސް ނުކޮށް ހުއްޓައި އެހާ ހެޔޮ ބޮޑުދައިތައެއް ލިބުމުން އުފާ ނުވާނީ ކާކު ހެއްޔެވެ؟

****

އަހަންނާ ދޭތެރޭ ކަންތައްތައް ވެގެން ދިޔަ އިހާނެތި ގޮތްތައް އެނގުމުން އަދި ވަކިން ބޮޑަށް ބޮޑުދައިތައަށް ރޮވުނެވެ.އަހަންނާއި ދޭތެރޭ ހަމްދަރުދީވެ ބުރަކަށީގައި ފިރުމިއެވެ.އުފަން މަންމަގެ ފުށުން ނުފެންނަހާ ގާތް ކަމާއި ލޯބި އެ ކުޑަ ހިނދުކޮޅުގެ ތެރޭގައި ބޮޑުދައިތަގެ ފަރާތުން އަހަންނަށް ފެނުނެވެ.

****

އަހަރެންގެ ޅަ ދުވަހުގެ ވާހަކަތައް އަޑު އަހައިލަން ބޮޑުދައިތަވެސް ބޭނުންވިއެވެ.އުފާވީ ވަރުން އިފްރާހުވެސް އިނީ ފެންކަޅިވާގޮތް ވެފައެވެ.އޭނާ އަހަރެން ކުއްޖަކާ ރައްޓެހިވެގެން އުޅޭ ވާހަކަ ބުނުމުން ބޮޑުދައިތަގެ ދެލޯ ވިދައިގަތެވެ.ވާން އުޅޭ ޅީދަރިފުޅު ދެކެން ބޭނުންވާ ވާހަކަ ބުނެލުމުން އަހަރެން ފޯނުން ޝާއީގެ ފޮޓޯއެއް ބޮޑުދައިތައަށް ދައްކައިލީ ހިނިތުންވެފައި ހުރެއެވެ.

****

’މާޝާ الله! ހަމަ ޕަރީއެއް…ވަރަށް ރީތި…ދަރިފުޅާ ވަރަށް ގުޅޭ…ދެން ކޮން ދުވަހަކުންތަ މިކޮޅަށް ގެންނާނީ…؟‘ ޝާއީ އާއި ބައްދަލު ކުރާ ހިތުން ބޮޑުދައިތަވެސް ކެތްމަދުވިއެވެ.ބޮޑުދައިތަ އެހާ އުފާވެފައި އިން ތަން ފެނުމުން އަހަންނަށްވެސް ހިނިތުންވެވުނެވެ.

****

އިރުކޮޅަކު ވާހަކަ ދައްކަން ތިބެފައި އަހަރެން ގެއަށް ދާން ތެދުވީ އިރު އޮއްސުމުންނެވެ.އޭރުވެސް ހުއްޓުމެއްނެތި ވާރޭ ވެހެމުން ދިޔައެވެ.

****

އަހަންނާއި ޝާއީގެ ވާހަކަ ޒަޔާއާއި ޒީވާގެ ގާތުގައި ބުނުމުން އެމީހުންވެސް ހީވީ އުފަލުން އެހެން ފަދަ ކަމެއް ހެންނެވެ.ޒީވާގެ ކައިވެނި ސަޔަށް ޝާއީ ގެނެސްދޭށޭ ކިޔައިގެން އަހަރެން ގާތުގައި އޭނާ އާދޭސްކުރަން ފެށިއެވެ.

****

’ބަލާނަން ތިކަންވޭތޯ‘

އަހަރެން ޒީވާގެ ގާތުގައި ބުނީ އެހެންނެވެ.އޭރު އޭނާ އުޅެނީ އަހަންނަށް ކޮފީއެއް ތައްޔާރު ކުރުމުގައެވެ. ގާތުގައި އިން ޒަޔާ ހަމަ މިހާރު ވާން އުޅޭ ފަހަރި ދައްކާށޭ ކިޔައި އަހަންނާއި ދިމާކޮށްލިއެވެ.

****

’ބަލާނީ އެއް ނޫން…ގެންނާނީ…ވާހާ ދުވަހު ފޮރުވައިގެން ގެންގުޅެވިއްޖެއްނު…ޕްލީޒް އައި ރިއަލީ ވޯންޓް ހާރ ޓު ބީ ދެއަރ އޮން މައި ބިގް ޑޭ.‘ ޒީވާ އާދޭސްކޮށްލިއެވެ.

****

’ރިލޭކްސް ޒީވް…ޝާއީ އަދި ލީގަލީ އަހަރެންގެ މީހަކަށް ނުވޭ…ސޯ އޭނަގެ މައިންބަފައިން ކައިރިން ހުއްދަ ލިބިގެން ދޯ ގެނެވޭނީ…ހެ ހެ‘ އަހަރެން މަޖާވެލާފައި ބުނެލީމެވެ.

****

’ވާއު…ޝީ އިޒް ސޯ ބިއުޓިފުލް…އައި ލަވް ހާރ އޯލްރެޑީ…‘ އަހަރެންގެ ފޯނުން ޝާއީގެ ފޮޓޯއެއް ބަލަން އިނދެފައި ޒަޔާވެސް އުފާވެރި ރާގެއްގައި ބުނެލިއެވެ.

****

ދެ ކޮއްކޮއަށްވެސް ޝާއީ އެހާ ކަމުދިޔުމުން އަހަރެން ވީ އުފަލެއްގެ ކޮޅެއް ނެތެވެ.ޝާއީ ގާތުގައި އެވާހަކަ ބުނުމުން އޭނާވެސް ހުރީ ނިކަން އުފާވެފައެވެ.ޒީވާގެ ކައިވެނި ސަޔަށް އަންނަން އޭނާ ވަގުތުން އެއްބަސްވިއެވެ.ޒީވާ ނޫނަކަސް އަހަންނަށްވެސް ދެން މިވީ ގޮތުން ދުވަސް ގުނާ ނުލައެއް ނުހުރެވޭނެއެވެ.ޝާއީ ދެކޭ ހިތުން އަހަރެންވެސް ކެތް މަދުވާން ފަށައިފިއެވެ.

****

މަސް ދުވަސް ފާއިތުވެގެން ހިނގައްޖެއެވެ.ސައިމަންއާއި ޒީވާގެ ކައިވެނި ކުރަން ހަމަޖެހިފައި އޮތް ދުވަސްވެސް ގާތް ވެއްޖެއެވެ.ޒީވާއާއި ސައިމަން ކައިވެނީގެ ކަންތައްތައް ހަމަ ޖެއްސުމުގައި އަވަދިނެތި އުޅުނެވެ.މާ ބޮޑު ޕާޓީއެއް ނުބާއްވާތީ ނަސީބަކުން މާ ގިނަ ތައްޔާރީ ތަކެއް ކުރާކަށް ނުޖެހުނެވެ.އެހާތަނަށް އައި އިރު ސައިމަންގެ އާއިލާއާއިވެސް ބައްދަލުވެ ގުޅުންވެސް އޮތީ ބަދަހިވެފައެވެ.

****

ސައިމަން އެކޭ އެއްގޮތަށް އޭނާގެ އާއިލާއަކީވެސް ވަރަށް ދީނަށް ލޯބި ކުރާ އާއިލާއެކެވެ.އެ އާއިލާގެ ގިނަ ބަޔަކު ތިބެނީ ބޮޑު ހެދުންލައި ބޮޑު ބުރުގާވެސް އަޅައިފަ އެވެ.އެއް ބަޔަކު ނިގާބުވެފައެވެ.ފިރިހެނުންވެސް ތުނބުޅި ދިގުކޮށް އިސްލާމީ ވައްޓަފާޅިއަށް ހެދުން އަޅައިފައެވެ.

****

އެމީހުންނާއި ބައްދަލުވެ އުޅެން ފެށި ފަހުން ޒަޔާވެސް ކުރު އެއްޗެހިލައި އުޅޭތީ ނުފެނެއެވެ.އެހެނަސް އޭނާ ބުރުގާ ނާޅައިގެން މިހާރު އެކަމާ ޝަކުވާ ކުރަނީ ޒީވާއެވެ. އޭނާއެކޭ އެއްގޮތަށް ޒަޔާވެސް ބުރުގާ އަޅައި ނިވާ ވެގެން ހުންނަން ޒީވާ ބޭނުންވެއެވެ.

****

ޑިއުޓީ ނިންމާފައި އަހަރެން ގެއަށް އައިސް ވަތްއިރު ލަޔާލީ ބަދިގޭގައި އުޅޭތަން ފެނުމުން ހައިރާންވިއެވެ.

****

’ހޭ ލަޔާ….ތީ ކޮންކަމެއް؟ ހާދަ ބިޒީ ކޮށްލައިގެން؟ ކޯއްޗެއް މާވަރަކަށް ތި ކައްކަނީ؟ ހާދަ ވަސްގަނޑު ރަނގަޅޭ…‘ ކާއެއްޗެހީގެ މީރު ވަސްގަނޑު ޖެހުނު އިރަށް އަހަރެން ނިކަން ބަނޑުހައި ވެއްޖެއެވެ.

****

’ބިޒީވާނެއެއްނު…ކުދިން ކުދިން ވަރަށް ބަނޑުހައިވެފައި ދޯ ތިބޭނީ‘ ލަޔާލީ ލާނެތް ރާގަކަށް ބުނެލިއެވެ.

****

’އަނޫ ކަންތައް ދޯ…ކޮބާ އޭނާ؟‘ އަހަރެން އަހައިލީމެވެ.

’ރޫމް ގަ…‘ލަޔާލީ އަދިވެސް ހުރީ ނިކަން ލާނެތް ފާޑަކަށް ހިނިއައިސްފައެވެ.ކޮންމެވެސް ލަނޑެއް ދޭން އުޅެނީއޭ ހީވެ އަހަރެން ލަޔާލީ ރަކިކޮށްލަން އަނޫކް އެ ކިޔައިގެން އޭނާއާ ދިމާކުރަން ފެށީމެވެ.

****

’ހަމަ ތެދެއް ދޭފަތުން ޖަހާނީ ދެން…‘އަހަރެން ހުރެފައި ބުނެލި އެއްޗަކުން ލަޔާލީ ލަދުން މޫނު ރަތްވިއެވެ.އޭނާ ދޭފަތް އަހަންނާއި ދިމާލަށް މަޅާލާ ކަމަށް ހެދުމުން އަހަރެން ދުވެފައި ގޮސް ވަނީ ކޮޓަރިއަށެވެ.ބޮކި ޖައްސަައިލި ވަގުތު ފެނުނު މަންޒަރަކުން އަހަންނަށް ދެލޯ ބޮޑުކޮށްލެވުނެވެ.

 

ނުނިމޭ

 

 

 

 

 

 

 

 

 

 

 

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Lamtty
Follow Me Written By

Lamtty

Level 710 Stories100 Login100 Comments500 Login100 Stories

Challenging myself here 🌺🍃 ✍🏾 📖 ❤️ ☕ 😺 I believe there's always room for improvement. Constructive criticism is much appreciated.😊 ❤️

Other Articles

Previous

ހިތުގެ ނާރުތަކުގާވެސް ތިބާ… 16

Next

ކަޅު ހިޔަނި

Next
July 26, 2025

ކަޅު ހިޔަނި

Previews
July 26, 2025

ހިތުގެ ނާރުތަކުގާވެސް ތިބާ… 16



All Right Reserved!