ދެވުނީ ވޭނޭ 34
Warning: Contains explicit references to domestic violence and abusive language
ޓިޝޫ ތެންމާލައިފައި ނައުރީންގެ ލޯ ކައިރި ފުހެދެމުން ދިޔައިރު ލީވާންގެ މޫނުމަތީގައި ރަސްކަން ކުރަމުން ދިޔައީ އިންތިހާ ދަރަޖައިގެ ހާސްކަމެވެ. ނައުރީންގެ ލޮލުން ކަރުނަ އަންނަމުން ދިޔައީ ޗިލީ އޮއިލް އެޅިފަވުމުން ދިލަނަގާތީއެވެ. ލީވާން މަޑުމަޑުން އެ ލޮލަށް ފުމެމުން ކަރުނަ ފުހެދެމުން ދިޔައީ ފަރުވާތެރިކަމާއެކުގައެވެ. އެހާ ގާތުގައި ލީވާން ހުރުމުން ނައުރީނަށް ތަފާތު ގޮތެއް ވިއެވެ. ލީވާންގެ އަސަރު ގަދަ ލޮލަށް ގެނބިގެން ދިޔައީ ޚުދު އޭނާއަށް ވެސް ނޭނގި ހުއްޓައެވެ.
“ރޯލީމަ ލޯ ސާފުވާނެ. މިހާރު ރަނގަޅުތަ؟” ޓިޝޫ ސިންކު މަތީގައި ބާއްވަމުން ލީވާން އެހިއެވެ. ނައުރީން އޭރު ވެސް ހުރީ ގެއްލިފައެވެ. ލީވާން ދެ ބުމަ ގާތް ކޮށްލައިފައި އަތް ޖަހާލިއެވެ. ނައުރީން ސިހިފައި ފަހަތަށް ޖެހުނެވެ. އޭނާއަށް ފައި އެޅުނު ގޮތަކުން ކައްސާލައިގެން ވެއްޓެން ދިޔައެވެ. އޭގެ ކުރިން ލީވާން ނައުރީންގެ އުނަގަނޑުގައި އަތް އަޅުވާލިއެވެ. ނައުރީނަށް ލީވާންގެ ކޮނޑުގައި ހިފަހައްޓާލެވުނެވެ. ހިތް އެދޭ ފަރާތާއި އެހާ ގާތުގައި ހުރެވުމުން ލީވާނަށް ކަޅި ޖަހާ ނުލާ ނައުރީންގެ ދޮން މޫނަށް ބެލެމުން ދިޔައެވެ. ނައުރީން ފިނިވެފައި ހުރި ވަރުން ޙަރަކާތް ކޮށްލަން ވެސް ނުކުޅެދުނެވެ.
ލީވާނަށް ނައުރީންގެ މޫނާއި ހަމައަށް ގުދުވެވުނީ ބޭއިޚްތިޔާރުގައެވެ. ނައުރީންގެ ފިޔާތޮށި ކުލަ އަރައަރާ ހުރި ތުންފަތަށް ނަޒަރު ހުއްޓާލެވުނު އިރު އެ ނަފްސުގެ މައްޗަށް އޮތް ބާރު ގެއްލިއްޖެއެވެ. އެ ހިތް އެދެން ފެށީ އެ ތުނި ތުންފަތުގައި ބޮސް ދިނުމަށެވެ. ނައުރީންގެ ހިތް ތެޅިގަތީ އެހެނެއް ނޫނެވެ. އޭނާގެ ބޮލަކަށް ރަނގަޅު ޚިޔާލެއް އަންނާކަށް ވެސް ނޫޅުނެވެ. ދެލޯ ބޮޑުކޮށްލައިގެން ބަލަހައްޓައިގެން ހުރެވުނީއެވެ. ލީވާންގެ ހޫނު ނޭވާ އިޙުސާސްވުމުން ނައުރީނަށް ދެލޯ މަރާ ތަގުޅިކޮށްލެވުނެވެ. އޭރު އޭނާގެ ދެ ތުންފަތް ދިޔައީ ތުރުތުރު ލަމުންނެވެ. ނައުރީންގެ މޫނު މައްޗަށް އައި ބަދަލުތަކުން ލީވާނަށް ހަމަހޭވެރިކަން ލިބުނު ކަހަލައެވެ. އަމިއްލަ ނަފްސަށް އަޑުލަމުން ނައުރީން ތެދުކުރުވިއެވެ.
“އައިމް ސޮރީ.” އިސްޖަހާލަމުން ލީވާން އެހެން ބުނެލީ ނައުރީން ލޯބިވާ އެހެން ފަރާތެއް ހުންނަކަން އެނގޭތީއެވެ. ނައުރީން މޭގައި އަތް އަޅައިފައި ނަފްސު ހަމަޔަކަށް އަޅުވާލިއެވެ. “އެ މައްސަލައެއް ނޫން. ލެޓްސް ޖަސްޓް ޕްރިޓެންޑް ދިސް ނެވަރ ހެޕެންޑް” ނައުރީން ރެސްޓްރޫމުން ނުކުންނަމުން ބުނެލިއެވެ. ލީވާން އިސްތަށިގަނޑަށް އަތް މަހާލަމުން ނައުރީންގެ ފަހަތުން ހިނގައިގަތެވެ. ތެދުތެދަށް ބުނާނަމަ ލީވާނަށް އެ ވަގުތުކޮޅު ވެގެން ދިޔައީ ވަރަށް ޚާއްޞަ ވަގުތުކޮޅަކަށެވެ.
“މާދަން ހިނގާބަލަ ޕީއެސް ކުޅެލަން. ހުކުރު ވިލޭރެއެއްނު. ސްލީޕް އޯވާ އެއް ގޮތަށް.” އަކްމަލް ޑިޔުޓީ ނިމެން ގާތް ވުމުން ބުނެލިއެވެ. “މަޖާވާނެ. ހިނގާ އެޕަލް ގެއަށް. ގުރޫޕު އެންމެންނަށް އޭރުން ބައިވެރިވެވޭނެއްނު. ސޫމޯ އަށް އެފިކްސް ރޫމްގަ ނިދޭނެއްނު.” ޒައިން އޭނާ ދެކޭ ގޮތް ބުނެލިއެވެ. “އެހެރަ އުންމަތުލް ވަބާ އާއި އެއް ފުރާޅެއްގެ ދަށަކު މަށަކަށް ނުހުރެވޭނެ.” ސުމައްޔާ ދެކޮޅު ހެދިއެވެ. އިޙުސާނު އަނގަޔަށް ވައްތަރެއް ޖައްސާލިއެވެ.
“ސޫމޯ ޕްލީޒް. އަހަރެން ވެސް ބޭނުމޭ މަޖާކޮށްލަން. އަހަރެން އެކަނި އަންހެނަކަށް ވެގެން ކަމަކު ނުދާނެ.” އަފާފް ސުމައްޔާގެ އަތުގައި ހިފާ އާދޭސް ކުރިއެވެ. ސުމައްޔާ އެންމެފަހުން ހަތިޔާރު ބެހެއްޓިއެވެ. އަފާފް އަކީ އޭނާ ބޭނުން ކަމެއް ހާސިލުކޮށްފައި ނޫނީ ދޫކުރާނެ މީހެއް ނޫންކަން އެނގޭތީއެވެ.
ކައިގެން އަރީން އިނީ ސޯފާގައި ލެޕު ހިފައިގެންނެވެ. ޒަވިއަން އައިސް ކޮޓަރިއަށް ވަނީ ވެސް އަރީން އެހެން އިންދައެވެ. ދޮރު ލައްޕާލި އަޑަށް އަރީން ސިހިފައި އެ ދިމާ ބަލައިލިއެވެ. ވަގުތުން ލެޕު ލައްޕާ އެއްފަރާތް ކޮށްލެވުނެވެ. “ކާންވީނުން.” ހިތްވަރުކޮށްފައި އަރީން ބުނެލިއެވެ. ޒަވިއަންގެ މޫނުމަތީގައި އޭރު ވަނީ ތަރުޖަމާ ކުރަން ދަތި ކުލަވަރެކެވެ. ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން އަރީންގެ ހިތް ބުނަން ފެށިއެވެ.
ޒަވިއަން އަރީންގެ ކަރުގައި ހިފާ ކޮޅަށް ޖެހިއެވެ. “ކަލޭ ކައިރީ ބުނެފަ ދޯ އޮންނާނީ ބޭރު ތެރޭގަ އެހެން ފިރިހެނުންނާއި އެކު ނޫޅޭށޭ.” އަޑަށް ބާރުލައިފައި ޒަވިއަން ބުނެލިއެވެ. “އަހަރެން… ބޭނުންވެގެންނެއް ނޫން..” ބިރުން ވިރިގެން ދަމުން ދިޔަ ޙާލު އަރީން ވީގޮތް ބުނެދޭން އުޅުނެވެ. “މަ ބޭނުމެއް ނޫން ކަލޭގެ ބަހަނާތައް އަޑުއަހާކަށް. ދެން އެ ކަހަލަ ކަމެއް ތަކުރާރު ކޮށްގެން ނުވާނެ.” ޒަވިއަން އަލިފާނުގެ ބެލުމެއް ހަދިޔާކޮށްލަމުން އަރީން ސޯފާއަށް ގަންނަވާލިއެވެ. އަރީނަށް ޒަވިއަންގެ އަތުގައި ހިފަހައްޓާލެވުނެވެ. އެ މައުސޫމް ދެލޮލުން ފައުޅުވާން ހުރީ ނިމުމެއް ނުވާ ބިރުވެރިކަމެވެ. ޒަވިއަނަށް އެ ނަޒަރުން އުނދަގޫވިއެވެ. ލޯމައްޗަށް އަޒާޔާގެ ނިޔަނެތި މޫނު ފެނިގެން ދިޔަ ކަހަލައެވެ. އޭނާއަށް އަތް ދޫކޮށްލެވުނެވެ. އަރީނަށް ފުރަގަސްދީފައި ގޮސް އޭނާ ފާޚާނާއަށް ވަނެވެ.
“ދެޓް ވިޗް. މަށަށް ސިހުރެއް ޖައްސަންތަ އެ މަސައްކަތް ކުރަނީ. ބޭރުފުށުން މައުސޫމް ކަން ދައްކަން އެ އުޅެނީ ކީއްވެގެންތަ؟ ޒައްކޮ އެ މަޅީގަ ބެދުނުހެން އަހަރެން ވެސް ބައްދާލަންތަ އެ ހަރުފަ އެ އުޅެނީ؟ ޒަވިއަން. ގެޓް އަ ގްރިޕް. އެއީ ހަމަ ޒައްކޮގެ ގާތިލް. މި ހިތުގަ އޭނާއަށް ޓަކައި އަނދަމުން ދަނީ ނަފުރަތު. އޭނާގެ ބަލިކަށި ކުލަތަކަށް ހެއްލޭނެ ކަމެއް ނެތް. ކޯޓުން ނުދެވުނު އަދަބު އަހަރެން މި ދެނީ. އޭނާއަށް ޙައްޤު އަނިޔާއެއް. ޒައްކޮ އަށް ކެހިދީ އަނިޔާވެރި ގޮތަކަށް މަރާލުމަކީ އޭނާއަށް ކުރެވުނު އެންމެ ބޮޑު ކުށްކަން އިޙުސާސް ކޮށްދެވޭނީ މިހެން.” މޭގައި އަތުން ޖަހާލަމުން ޒަވިއަން ލޯގަނޑަށް ބަލަހައްޓައިގެން ހުރެ ބުނެލިއެވެ. މޫނަށް ފެންޖަހާ ދޮންނަމުން ދިޔަ ޒަވިއަންގެ މޫނުމަތީގައި މިހާރު ވަނީ ތަފާތު ކުލަވަރެކެވެ. މޫނު ފުހެފައި އޭނާ އަމިއްލަ ނަފްސަށް ނަޒަރު ހުއްޓާލިއެވެ.
އަރީން ގޮސް އިންހޭލަރ ފުޅި ނަގައި ޖަހާލީ ނޭވާ ހަމަޔަކަށް އަޅުވާލުމަށެވެ. އަމިއްލަ ނަފްސަށް ހަމަޖެހުން ލިބުމުން އޭނާ އެނބުރި ގޮސް އިށީނީ ސޯފާގައެވެ. އެ ލޮލުން ވެއްޓުނު ކަރުނަ ތިކި ފުހެލަމުން އޭނާ އޮށޯތެވެ. ޒަވިއަން އޭނާ ދައްކާ ވާހަކަ އަޑު ނާހާ އެހެން އުޅުމުން ރޮވެން ފެށިއެވެ. އަނގަމަތީގައި އަތް އަޅަމުން އޭނާ ދެލޯ މަރާލިއެވެ. އަރީން މިއަދު ނާއިލް އާއި އެކު ހަސްފަތާލަށް ދިޔައީ ބޭނުންވެގެންނެއް ނޫނެވެ. ނާއިލް ކަހަލަ ފިރިހެނެއްގެ މައްޗަށް އޭނާއަށް ހިންގޭނީ ކޮން ބާރެއް ހެއްޔެވެ؟ ނާއިލް އޭނާއަށް ގޯނާ ކުރާ ވާހަކަ ބުނަން ޒަވިއަން އެންމެ ފުރުސަތެއް ވެސް ނުދެއެވެ. އަރީން ނިދަން މަސައްކަތް ކުރި ނަމަވެސް މިރޭ ނިދި އަންނަ ގޮތެއް ނުވިއެވެ.
ފާޚާނާއިން ނުކުމެ ނިދަން ތައްޔާރުވެލައިފައި ޒަވިއަން އެނދުގައި އިށީނެވެ. ސައިޑް ޓޭބަލްގެ ވަތްގަނޑު ދަމާލައިފައި ނެގީ ފޮޓޯ ގަނޑެކެވެ. އެ ހިފައިގެން އޭނާ ނުކުތީ ބެލްކަންޏަށެވެ. އެ އަސަރުގަދަ ލޮލުގައި ނިދީގެ ކަންފުޅެއް ވެސް ނެތެވެ. އުނދޯލީގައި އިށީނދެފައި އޭނާ އެ ފޮޓޯ ގަނޑަށް ނަޒަރު ހުއްޓާލިއެވެ. އެ ވަގުތު އޭނާގެ ކޯތާފަތް މަތިން ހޫނު ކަރުނަ ތިއްކެއް ފިރުކިލައިފައި ދިޔައެވެ. “ޒައްކޯ. ކީއްވެގެންތަ އަރީން ކަހަލަ ސުންޕާ އަންހެނަކަށް އެހާ ވަރަށް އިތުބާރު ކުރީ.” ފޮޓޯގައި ރީތި ހިނިތުންވުމެއް ހަދިޔާ ކޮށްލައިގެން އިން އަޒާޔާގެ މޫނުގައި އޭނާ ފިރުމާލިއެވެ.
ކެބިނުގައި ކޭސްގެ މަސައްކަތް ރިވިއު ކުރަން މިއަދު ވެސް އަރީން އިނީ ފޫހިވެފައެވެ. އެހެން އިންދާ ދޮރުގައި ޓަކި ޖަހާ އަޑު އިވެން ފެށިއެވެ. އެ ދޮރު ހުޅުވާލި އިރު އެ ތަނުގައި ހުރީ ނާއިލެވެ. އަރީން އަވަސް ޙަރަކާތާއިއެކު ދޮރު ލައްޕާލަން އުޅުނެވެ. އެހެނަސް ނާއިލް އެ ފުރުސަތެއް ނުދިނެވެ. އެތެރެއަށް ވަދެއްޖެއެވެ. “ޕްލީޒް. އަހަރެން ދޫކޮށްލާ.” އިސްޖަހާލަމުން އަރީން އެދުނެވެ. “އަރީ ކީއްވެގެންތަ އަހަރެން ދެކެ އެހާ ބިރުގަންނަނީ؟ މިއަދު ވެސް މި އައީ އަރީނަށް ހެޔޮ އެދިގެން. ލިވާޒާގެ ކޭސް ދޫކޮށްލާ. ފުރުސަތު އޮއްވާ އެކަން ކުރޭ. އަރީގެ އަމިއްލަ ނަފްސަށް ގެއްލުމެއް ލިބެން ނޭދެންޏާ މިގޮތަށް ކަންތައް ކުރޭ. އަހަރެން ބޭނުމެއް ނޫން އަރީއަށް ގޮތެއް ވާކަށް.” އަރީންގެ މޫނުގައި ހިފާލަމުން ނާއިލް ބުނެލިއެވެ. އޭނާ ޙަޤީޤަތުގައި ވެސް އެ ހުރީ ހާސްވެފައެވެ. ރުޅިގަދަވެއްޖެނަމަ އޭނާގެ ބައްޕަ ކޮންމެފަދަ ކަމެއް ވެސް ކޮށްލަފާނެއެވެ.
“ނާއިލް. އަހަރެންނަށް ހެވެއް އެދެންޏާ ދުރުގަ ހުރޭ. ނާއިލް ކިތަންމެ ގޮތަކުން ޕްރެޝަރު ކުރިޔަސް އަހަރެން އެ ކޭހެއް ދުލެއް ނުކޮށްލާނަން.” ނާއިލްގެ އަތް ފޮޅުވާލަމުން އަރީން ސާބިތުކަމާއި އެކު ބުނެލިއެވެ. ނާއިލް އަނގަޔަށް ގޮތެއް ހަދާލިއެވެ. “މި ދުނިޔެ މަތީގައި އިންސާފު ހޯދަން އުޅުމަކީ އަލިފާނާއި ކުޅުން ކަހަލަ ކަމެއް.” ނާއިލް މާނަ ފުން ޖުމްލައެއް ބުނެލުމަށް ފަހު އެ ކެބިނުން ނުކުމެގެން ދިޔައެވެ.
“ކޮބާ ކޮބާ. އެންމެފަހުން މި ނައު އަށް އާދެވިއްޖެ ދޯ. އެހާ ވަރަށް އަހަރެމެންނާއި ދުރުދުރުން ތިއުޅެނީ ކީއްވެތަ؟” ކެފޭގެ ސީކްރެޓް ޔުނިޓަށް ވަދެގެން އައި ނައުރިީން ފެނުމުން ޝައުލާ ބުނެލިއެވެ. “ބިޒީ ވީމަ ނާދެވެނީ.” ނައުރިީން ފަރުވާކުޑަ ގޮތަކަށް ބުނެލިއެވެ. ޙަޤީޤަތުގައި ލީވާނާއި ބައްދަލުވީ ފަހުން ޝައުލާމެން ފެނުނަސް އޭނާ ފޫހިވެއެވެ. އެ އުޅުން ހުންނަ ގޮތް އޭނާ އަކަށް ކަމަކު ނުދެއެވެ. ބައްދަލުކުރިއްޔާ މުޅީން ވެސް ނުލަފާ ކަމެއް ކުރަން ރާވާނެއެވެ. އެހެން ނޫނީ އޮންނާނީ ފޯރީގައި އެހެން މީހުންގެ މަސްކެއުމެވެ. ނައުރީނަށް ކުރިން އެ ވައްތަރަށް އުޅެވުނު ކަމަށް ޓަކައި އަމިއްލަ ނަފްސަށް މަލާމާތް ކުރެވެއެވެ.
“މަށަށް އިހަށް ދުވަހު ފާޑެއްގެ ސޮރަކާ ބައްދަލުވި. އޭނާއަށް އެނގޭ މިހާތަނަށް އަހަރެމެން އަރީނަށް ގެއްލުނު ދޭން ކުރި ކޮންމެ ކަމެއް. އަޖައިބުވެފަ މަ ހުރީ. އެންމެ ތާކުންތާކު ނުޖެހޭ ތަންކޮޅަކީ އެ ސޮރު އަރީނާއި ހެދި މޮޔަވެފަ ހުރި ކަން.” ކޮފީ ތަށި މޭޒުމަތީގައި ބަހައްޓަމުން ޝައުލާ ބުނެލިއެވެ. އެއާއެކު ޔޫލީންގެ ނިތްކުރިން ދާތިކިތިކި ބަބުޅަން ފެށިއެވެ. “އޭނާ ކީކޭ ބުނީ؟” ޔޫލީން މަޑުމަޑުން އެއްސެވެ. “އެ ހަރުފަޔާ ނުބެހޭށޯ.” ޝައުލާ ރައްދުގައި ބުނެލިއެވެ. “ދެން ޒަވިއަން މަތިން ހަނދާން ނައްތާލަންވީނުން.” ނައުރީން އެހެން ބުނުމާއި އެކު ޝައުލާގެ ރުޅިގަނޑު ފަޅައިގެން ދިޔައެވެ. ޔޫލީން މަސައްކަތް ކުރީ ޝައުލާ ހަމައަކަށް އަޅުވާށެވެ.
“އަހަރެން މިހާތަނަށް ބެލި ބެލުމުން ޔަގީން ވަނީ ޒަވިއަން އަރީން ދެކެ ލޯބި ނުވާކަން.” ޔޫލީން އެންމެ ފަހުން ބުނެލިއެވެ. ޝައުލާ ހިނިގަނޑެއް ޖަހާލިއެވެ. “ހަހަހަ. އެހެންވެގެންތަ އޮފީހުގައި އެ ދެމީހުން ތުންގުޅާލައިގެން ތިބެނީ.” ޝައުލާ ހުރީ އެ ވާހަކަ ޤަބޫލު ކުރާ ކަހަލަ ގޮތަކަށް ނޫނެވެ. “އަހަރެން އެ ކަން ސާބިތު ކޮށްދެންތަ؟” ޔޫލީން މަކަރުވެރި ރާގަކަށް ބުނެލިއެވެ. ޝައުލާ އެއް ބުމަ އަރުވާލިއެވެ. ޔޫލީން އޭނާގެ ޚިޔާލު ހިއްސާކުރިއެވެ.
ރޭގަނޑުގެ ވަގުތެވެ. ސުމައްޔާ ހިނގައިފައި ދިޔައީ އަކްމަލްގެ ގެއަށެވެ. އަކްމަލްގެ ބައްޕަ އަކީ ބޭންކުގެ ޑައިރެކްޓަރެކެވެ. މުއްސަންޖަކަށް ވުމުން އޭނާގެ އަމިއްލަ ގެއެއް ހުޅުމާލޭގައި ހުރެއެވެ.
ތަރިވިދާގޭގޭ ގޭޓުން އެތެރެއަށްވަދެ ގޭގެ ދޮރުމަތީގައި ސުމައްޔާ ހުއްޓުނެވެ. ބެލް އަޅާލުމާއި އެކު ދޮރު ހުޅުވާލީ އިޙުސާނެވެ. ސުމައްޔާ އަށް އަނގަޔަށް ވައްތަރެއް ޖައްސާލެވުނެވެ. “ދުރަށް ޖެހޭ.” ސުމައްޔާ އަމުރުވެރި ރާގަކަށް ބުނެލިއެވެ. “އަހަންނާއި އެއް ފުރާޅެއްގެ ދަށުގަ ހަމަ ނޭވާ ނުލެވޭ މީހެކޯ މި.” އިޙުސާނު ހަށަން ބަނދެލަމުން ބުނެލީ މަލާމާތުގެ ރާގަކަށެވެ. ސުމައްޔާ ކަޅި އަނބުރާލައިފައި އިޙުސާނުގެ މޭގައި އަޅާ ކޮށްޕާލިއެވެ. އެއަށްފަހު އެތެރެއަށް ވަދެ ދޮރު ލައްޕާލައިފައި އޭނާ ދޫ ނެރެލިއެވެ.
ސިޓިންރޫމަށް ދިޔައިރު އެހެން މީހުން އެތަނުގައި ތިއްބެވެ. ޒައިނާއި އަކްމަލް އިނީ ފޯރީގައި ފުޓްބޯޅަ މެޗެއް ކުޅޭށެވެ. ޖޮއިސްޓިކު ގެންގުޅެމުން ދިޔަ ގޮތުން ވެސް އެއަށް ގޮސް ހުސްވެފައިވާ މިންވަރު ހާމަވަމުން ދިޔައެވެ. އަފާފް އިނީ ޗިޕްސް ދަޅެއް ހިފައިގެން އެ ކާށެވެ. އޭނާ ބަލަމުން ދިޔައީ އަކްމަލްމެންނަށް ފޯރި އަރާއިރު ފެންނަމުން ދިޔަ ލައިވް ޑްރާމާއެވެ. އިޙުސާނު ދެ މީހުންނަށް ތަރުހީބު ދެމުން ދިޔައެވެ. މި ހުރިހާ ކަމެއްގެ ތެރެއިން ވެސް ސުމައްޔާ އިނީ އިޙުސާނުގެ އަތުކުރީ ގަޑިއަށް ކަޅި އަޅާލައިގެންނެވެ. އެހެން އިނދެފައި ފުރުސަތެއް ލިބުމާއި އެކު އެ ގަޑި ދަމައިގަނެފައި ސޯފާ މަތިން އަނެއް ފަރާތަށް ފުންމާލައިފައި ދުއްވައިގަތެވެ.
“ފަތަފޮޅިޔާ! މަށަށް ކޮން ދުއްޕާނެއް ކުރަންތަ ތި އުޅެނީ؟” އިޙުސާނު ތެދުވެ ސުމައްޔާގެ ފަހަތުން ދުއްވައިގަތެވެ. ޓީވީއަށް ގެއްލިފައި ތިބި މީހުންނަށް މިކަން ރެއަކާ ވެސް ނުލާ ކަހަލައެވެ. “އަހަރެންގެ ކެވެލި ދިނީމަ މި ލިބޭނީ.” ސިޑިން މައްޗަށް އަރަމުން ސުމައްޔާ ބުނެލިއެވެ. ސުމައްޔާ އަފާފްގެ ކޮޓަރިއަށް ވަދެފައި ދޮރުޖަހަން އުޅުނެވެ. އިޙުސާނަށް އެތެރެއަށް ދެމިގަނެވުނީ ހަމަ ކިރިޔާއެވެ.
“އޯހް ޝީ..” ސުމައްޔާ އަށް ބޭއިޚްތިޔާރުގައި ބުނެވުނެވެ. ސުމައްޔާ ސަލާމަތްތެރިކަން ހޯދަން ގޮސް އެނދުގެ ހެޑް ބޯޑު މައްޗަށް އެރިއެވެ. އިޙުސާނު ވަކި ބަލާކަށް ނުހުރެއެވެ. ގޮސް އެނދުމައްޗަށް އަރައިފިއެވެ. “މަޑުކުރޭ. އަހަރެންނަށް ފުރަތަމަ އެ ކެވެލި ދީ. އެހެންނޫނީ މި ގަޑި ތަޅާލާނަން.” ސުމައްޔާ އެ ގަޑި އަތަށް ހެޔޮވަރު ކޮށްލަމުން އިންޒާރެއް ދިނެވެ. އިޙުސާނު ޖީބަށް އަތްދަށުން ޖަހާލައިފައި ނެގިއެވެ. މުއްކަވާލެވިފައިވާ އެ އަތް ދިއްކޮށްލީ ބަލި ޤަބޫލު ކުރާ ކަހަލަ ގޮތަކަށެވެ. ސުމައްޔާ އޭނާގެ އަތް ދިއްކޮށްލައިފައި ދޭން ބުންޏެވެ.
އެ ކެވެއްޔަކީ ސުމައްޔާ އަށް ވަރަށް ޚާއްޞަ ކެވެއްޔެކެވެ. އެއީ އޭނާގެ އަށާރަ ވަނަ އުފަންދުވަހު ޢަބްދުއްރަޙްމާން ހަދިޔާ ކުރި އެއްޗެކެވެ. އެ ކެވެލި ޚާއްޞަވާ މައިގަނޑު ސަބަބަކީ ސިލްވިޔާގެ އެއްޗަކަށް ވުމެވެ.
“ސައިކް” އިޙުސާނު ނުލަފާ ހިނިގަނޑެއް ޖަހާލައިފައި ސުމައްޔާގެ އަތުގައި ހިފާ އެނދުމައްޗަށް ވައްޓާލިއެވެ. ސުމައްޔާ އަށް ސިހިފައި ހަޅޭއްލަވައިގަނެވުނެވެ. އިޙުސާނު ސުމައްޔާ އާއި އެއް ހަމައަށް ތިރިވެފައި އެ ގަޑި އަތުލަން އުޅުނެވެ. ސުމައްޔާ ގަޑީގައި ދެއަތުން ހިފާ އިޙުސާނު ދުރަށް ލާން އުޅުނެވެ. އެހެނަސް އިޙުސާނު މާ ހަލުތްވެވެ. ސުމައްޔާގެ ދެ އަތުގައި ހިފަހައްޓާ އެ އަތުން ގަޑި ދަމައިގަތެވެ. ސުމައްޔާ ދަތްކުނޑި ވިކާލައިފައި ދެލޯ އަޅާލީ މި ފަހަރު ވެސް އިޙުސާނުގެ ކޮޅަށް މޮޅު ލިބުމުންނެވެ.
“ސުއްބޫހް. މި ދެމީހުން މި ތަނަށް އައީ މާފޮޅުވަންތަ؟” ކޮޓަރި ދޮރުގައި ލެނގިލަމުން އަފާފް ލޯމަތީ އަތް އެޅިއެވެ. ލިބުނު ސިހުމާއި އެކު އިޙުސާނު ފުންމައިގެން ތެދުވެއްޖެއެވެ. ސުމައްޔާ ބާލީހަކަށް މޫނު ގަންނަވާލީ ގަތް ލަދުންނެވެ. “މި… އޭނާ އަތުން ގަޑި އަތުލާށޭ އުޅުނީ. ނަތިން މޯރ” އިޙުސާނު އެނދުން ތިރިއަށް ފައިބަމުން ބުނެލިއެވެ.
“އެނދުމަތީގަ އެކަކު އަނެކެއްގެ ދެ ލޮލަށް ގެއްލިފަ މިހެން ތިބެގެންތަ ގަޑިއެއް އަތުލަނީ.” އަފާފް އޭނާގެ ފޯނު ދައްކާލަމުން ބުނެލިއެވެ. އެ އަޑަށް ސުމައްޔާ ފުންމައިގެން ތެދުވިއެވެ. އެ ފޮޓޯ ގަނޑު ފެނިފައި ތުން އަނބުރާލެވުނެވެ. މުޅީން ވެސް އިޙުސާނުގެ މައްސަލައެވެ. ގަޑި އަތުލާށޭ ކިޔާފަ ވެސް އެ ކަން ކުރަން ޖެހޭ ހެއްޔެވެ؟ މިހާރު ވެސް އޭނާ އާއި އިޙުސާނާއި އަޅުވާ ކިޔާ މިންވަރު މަދެއް ނޫނެވެ. މިފަހަރު ރަނގަޅު ފިލާވަޅެއް ދިނުމުގެ ނިޔަތުގައި ސުމައްޔާ ވައްކަޅިން ބަލައިލިއެވެ. “ކަލޭ މިހާރު މައިތިރި ވާން ވެއްޖެއްނު.” އިޙުސާނުގެ އިސްތަށިގަނޑުގައި ހިފާ ދަމައިގަންނަމުން ސުމައްޔާ ބުނެލިއެވެ. “އައްދޯތް މަ މަރައިފި.” ވީ ތަދުން އިޙުސާނަށް ހަޅޭއްލަވައިގަނެވުނެވެ. ސުމައްޔާ އެ ސޮރު ދޫކޮށްލީ އެ އިސްތަށިގަނޑަށް ރަނގަޅަށް ވާން ކޮށްލައިފައެވެ.
ޕީއެސް ކުޅުމަށް ފަހު ސުމައްޔާމެން އުޅުނީ ރޭގަނޑުގެ ކެއުމަށް ނޫޑުލްސް ކައްކާށެވެ. ކެއުމަށް ފަހު ދެން އޮތީ ބޯޑް ގޭމުތައް ކުޅުމެވެ. ކުޅުމުގެ ފޯރި ގަދަވެފައި ވަނީ އިޙުސާނާއި ސުމައްޔާގެ ވަރުގަދަ ވާދަވެރިކަމުގެ ސަބަބުންނޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.
“ޓްރުތް އޯރ ޑެއާރ އޭ. އެފިކްސް އަދިވެސް ޅަކުދިން ކުޅޭ އެއްޗެހިތަ ކުޅޭ ހިތްވަނީ؟” އެންމެ ފަހު ކަމަކަށް ކަނޑައެޅި ގޭމުގެ ނަން ބުނުމުން އަކްމަލް ބޯހޫރާލަމުން ބުނެލިއެވެ. “ކީއްތަވީ؟ އެހެން މީހުން ބޭނުންވި ކަންކަން ކުރެވިއްޖެއްނު. އަހަރެން ވަކި ޗެސް ކުޅޭ ހިތަކުން ނޫނޭ އެ ކުޅުނީ.” އަފާފް ރައްދުގައި ބުނެލިއެވެ. “އެންމެ ފަހު ގޭމުން ބަލިވީ އެފިކްސް އެއްނު. އެހެންވީމަ ކޮކީ ފަށާ.” އަކްމަލް އަފާފްގެ ބޮލުގައި މަޑުމަޑުން ޖަހާލަމުން ބުނެލިއެވެ.
އަފާފް ނެގީ ޑެއާރ އެކެވެ. އޭނާއަށް ޖެހުނީ ލަވައެއް ކިޔާށެވެ. ދެން ޖެހުނު އެންމެން ނެގީ ޑެއާރ އެވެ. އެންމެ ފަހުން ފުރުސަތެއް ލިބުނީ ސުމައްޔާ އަށެވެ. އެހެން މީހުންނާއި ތަފާތު ކޮށްލަން ވެގެން އޭނާ ނެގީ ޓްރުތް އެކެވެ.
“ވަޓްސް ޔުއަރ ބިގެސްޓް ސީކްރެޓް؟” ސުމައްޔާ ނެގި ގަނޑުކޮޅު ނިއުޅުވާލަމުން އޭގައި އޮތް ސުވާލު ކޮށްލީ އަފާފެވެ. މި ސުވާލު އިވުމާއި އެކުހެން ސުމައްޔާގެ މޫނުމަތީގައިވީ ހިނިތުންވުން ފިލާ ދިޔައެވެ.
“ނެވަރމައިންޑް. އަހަރެން ވެސް ބޭނުމީ ޑެއާރ އެއް ނަގަން.” ހަމަޖެހޭ ގޮތް ދައްކާލަމުން ސުމައްޔާ ބުނެލިއެވެ. “އަޅޭ. ގަނޑުކޮޅު ނެގުމަށް ފަހު ދެން ބަދަލެއް ނުކުރެވޭނެ. ގޭމަކަށް ވިޔަސް ޤަވާޢިދު ވާނީ ޤަވާޢިދަށް.” އަފާފް ހަށަން ބަނދެލަމުން ބުނެލިއެވެ. ސުމައްޔާ އަށް ތުންފަތުގައި ދަތް އަޅާލެވުނެވެ. “ދެ ޑެއާރ.” ސުމައްޔާ އާދޭހުގެ ކަޅިއެއް އެއްލިއެވެ. އަފާފް ސުމައްޔާގެ މޫނަށް ބަލައިލައިފައި ދެކޮޅު ހަދާކަށް ނުކެރުނެވެ.
ބާރަ ޖެހިއިރު ވެސް އަރީން އިނީ އޮފީސް މެއިލް އިންބޮކްސް ތެރެ ބަލާށެވެ. އިރު އިރު ކޮޅާ ޕޭޖް ރިފްރެޝް ކުރަމުން ދިޔަ ގޮތުން ކޮންމެވެސް މެއިލަކަށް އިންތިޒާރު ކުރަމުން ދާ ކަން ހާމަވެއެވެ. އެހެނަސް އެ ހިތް އެދޭ މެއިލެއް ލިބޭކަށް ނޫޅުނެވެ. އަހުޒަމަށް ޑެޑްލައިނެއް ދިން ފަހުން އަދި ޚަބަރެއް ނުވެއެވެ.
ސުމައްޔާމެން ނިދަން އޮށޯތީ ވަރަށް ދަންވި ފަހުންނެވެ. އަފާފް ނިދިގަދަ މީހާ ބާލީހުގައި ބޯ ޖެހުމާއި އެކު ނިދިއްޖެއެވެ. ސުމައްޔާ ދެލޯ މަރާލައިގެން އޮއްވާ ފޯނު ރިންގުވާން ފެށިއެވެ. އޭނާ ފޯނު ނަގައިފައި ކޮޓަރިން ނުކުތެވެ. ޢަބްދުއްރަޙްމާނާއި ވާހަކަ ދައްކަމުން ގޮސް އޭނާ އެރީ އެ ގޭގެ ޓެރަހަށެވެ. އެތަނުން ބެންޗެއްގައި އިށީނުމަށް ފަހު ވާހަކަ ދައްކަން އޭނާ އިރުކޮޅަކު އިނެވެ.
“ދެން ބައްޕަ ވެސް ނިދާލާ. ވަރަށް ސަލާމް.” އެހެން ބުނެފައި ސުމައްޔާ ފޯނު ކަނޑާލިއެވެ. އެއަށްފަހު އުޑަށް ނަޒަރު ހުއްޓާލައިގެން އޮތީ ފުން ވިސްނުމަކަށް ގެއްލިފައެވެ. އެ ސިކުނޑީގައި ރަސްކަން ކުރަމުން ދިޔައީ ސިލްވިޔާއެވެ. އެ މަރުގެ މައްސަލައެވެ. ވަރުގަދަ މާރޑާ މިސްޓަރީ އެކެވެ. “ހަމައެކަނި ވިޓްނެސް އަކަށް ހުރީ ބައްޕަ.” ޚިޔާލުތަކަށް ގެއްލިފައި އިނދެ ސުމައްޔާ ބުނެލިއެވެ. އެ ވަގުތެވެ. ފަހަތުން މީހެއްގެ ހިލަމެއް ވިހެން އޭނާއަށް ހީވިއެވެ. ސުމައްޔާ ވަގުތުން ކޮޅަށް ޖެހުނެވެ. އެ ފަރާތަށް އެނބުރެލި އިރު އެ ހިތް ނުބައި ގޮތަކަށް ތެޅިލައިފިއެވެ.
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
14 Comments!
Comments are closed.







When next?
IA next Tuesday
Shukran 🎀 ✨✨
Kithah ep ge vhk eh miee?
Will be above 80
Awwwn leevaan and naureen💗💗 so cute😁
Zavian ah konmes echeh visnen ulheyhen I ge havana hissu bunefi! Ekm vaa boaharu meehaa gandeh!!
Soomoa and isse vaa fakkaleh nu?😹 seedha afix ah pose e kuree😹
Soomoa ge double dare akee kobaa thr?? Isse annaane kanne konmes eh dare akah😬😹😂!
Soomoa fahathu ga huree isse noon baa?
When next?
Ly💗
Aan, zev kanne mithaaga huri enme boa haru firihenakee 😐😐
Hehe, afaaf ah dhen salhi pic eh negijje 🤣🤣
Dare ge details nugenna gothah 😅😅
Kaaku baa sumee fahathuga hury 🤔🤔 let’s see from next ep
IA next Tuesday
Shukran Your fav bab ✨✨
Lyt darl 🫶🏻🫶🏻
Got some secret details you included😁
First hageegath hoadhumey ga aahil stole rif’s necklace! Then mi story ga isse stole sumy ge keveli kolhu!
Second hegeegath hoadhumey ga hoodh took aahil and rifs romm pic eh without them knowing! Mi story ga afaaf took isse and sumy ge romm pic eh without them knowing!
I dhen hama visnaaleema get vi thankolheh😅😅
Ehchekey heenukuraathi darll…
Hehe, you have got good memory
Dhen ekaku liyaa ehcheh viyya ehgoiy kankan hunnaanehnu 😅😅
dude ihsaan and sumy ge koalhungandu haadha majaley😂😂
their so cute
mi part ves vrh salhi MA💓
Hehe, e dhmeehun eii hama dhirumakee 😅😅
Shukran Naeee ✨✨
Mi part ves varah reethi, sumayya and ihusaan soo cute, zavian ves dhww haadha varakashey areen fakeerah aniyaa kuranee, curiously waiting for next part?
Keehkuraaany, adhi e sorah nuvisneny
IA next Tuesday
Shukran Miss jennie ✨✨
Submited?
Yh