އެކްޓަރ (ޕާޓް 30)
އެއްވެސް ކަމެއްވެސް އަބަދު އެއްގޮތަކަށް ނޯންނާނެއެވެ.ހަމަ އެ ބީދައިން އެއް އަޑަކަށް ދެކެވުނު ’މުތާގެެ‘ ވާހަކަވެސް މަޑު މަޑުން ގޮސް އޮބިއްޖެއެވެ.އެހެނަސް އަހަރެންގެ އާއިލާއަށް ލިބުނު ހީނަރުކަމުން އަރައިގަންނަން ވަގުތު ނެގިއެވެ.ބޭރު ފުށުން ކިތަންމެ ހަމަ ޖެހޭހެން މީހުންނަށް ހީވިޔަސް އެކަމުގެ ސަބަބުން އަހަރެމެންގެ ހިތަށް ކޮށްފައިވާ އަސަރެއް މީހުންނަކަށް ނޭނގޭނެއެވެ.
****
އެ އުނދަގޫ ވަގުތުތަކުގައި އަހަންނަށް ހެޔޮއެދޭ އެންމެން ދިން ހިތްވަރާއި ވެދިން އެހީތެރިކަން އަހަރެން ދުވަހަކުވެސް ހަނދާނެއް ނުނެތޭނެއެވެ.ޚާއްސަކޮށް އަހަރެން ފުރާނަ ފަދައިން ލޯބިވާ ޝާއީ އަހަންނަށް ދިން އަގު ނުކުރެވޭނޭ ލޯތްބާއި އަޅާލުމެވެ.ދެމެދުގައި އެތައް ހާސް މޭލެއް ގެ ދުރުމިން އޮތެއްކަމަކު އޭނާގެ ގިނަ ވަގުތުތަކެއް އަހަންނަށްޓަކައި ހުސްކޮށްލީ އެ ހިތުގައި އަހަންނަށްޓަކައި ދެވިފައިވާ ޚާއްސަ މަގާމެއްގެ ސަބަބުންކަން އަހަންނަށް އިހުސާސް ކުރެވެއެވެ.
****
އަހަރެންގެ އާއިލާގެ ހަގީގަތް އެނގުމަށްފަހުވެސް ޝާއީގެ މައިންބަފައިންގެ ހިތުގައި އަހަންނަށްޓަކައި އެއްވެސް ބުރަކަމެއް ނެތެވެ.އެމީހުންނަށްވެސް އެކަމުގައި އަހަރެންގެ ކުށެއް ނެތްކަން ގަބޫލު ކުރެވެއެވެ.ޝަރުއީ ގޮތުން ބައްޕައަށް ނުވިޔަސް އިފްރާހުއާއި ބައްދަލު ކުރަން އެމީހުން ބޭނުންވީ އިފްރާހު އެކުށުގެ ޒިންމާ ނަގައި އަހަންނާއި ހަވާލު ވީތީއެވެ.އިފްރާހުވެސް ހުރީ އަހަރެންގެ ވާން އުޅޭ އަނބިމީހާއާއި ބައްދަލު ކުރާހިތުން ކެތް މަދުވެފައެވެ.އަހަންނާ ބައްދަލުވާ ކޮންމެ ފަހަރަކުވެސް ޝާއީގެ ވާހަކަ އަހާނެއެވެ.
****
އުސައިދުވެސް ބަރާބަރަށް އަހަރެމެން ތިން ބެއިންގެ ހާލު ބަލައެވެ.ޒިޔާރަތްކޮށް ހަދައެވެ.ޒަޔާއާއި ޒީވާވެސް ހިތުގައި ބުރަކަމެއް ނުބާއްވައި އުސައިދުއާއި ވާހަކަ ދައްކާ ހަދަނީ އަމިއްލަ ބައްޕައެއް ފަދައިންނެވެ.ކޮންމެ ގޮތަކަށް ކަންތައް ހިނގައިފައި އޮތަސް އެމީހުންގެ ހިތުގައި އުސައިދުއަށް ދެވިފައިވަނީ ޚާއްސަ މަގާމެކެވެ. މަންމައަށް އެ ލިބުނީ މަންމަ ކުރި ކުށްތަކުގެ ސަޒާކަން މިއަދު އެމީހުންނަށްވެސް ގަބޫލުކުރެވެއެވެ.
****
ޑިއުޓީ ނިންމާފައި އަހަރެން ގެއަށް އައިތަނަކާއިހެން ޒީވާ ގުޅިއެވެ.ވަރަށް މުހިންމު ކަމަކު އަހަންނާ ބައްދަލު ކޮށްލަން ބޭނުމޭ ބުނެލީ ނިކަން ލަދުން ހުރި ފާޑަކަށެވެ.ޒީވާއަށް ދުރުކަމެއް އިހުސާސް ވަނީއޭ ހީވެ އަހަންނަށް އުނދަގޫވިއެވެ.
****
’ޒީވް…އިޓްސް އޯކޭއޭ…ޔުކެން ޓޯކް ޓު މީ އެބައުޓް އެނީތިން…‘ ޒީވާގެ ފިނިކަން ކަނޑުވައިލުމުގެ ބޭނުމުގައި އަހަރެން ބުނެލީ ނިކަން އޯގާތެރިކޮށެވެ.
****
’އިޓްސް…އަމް…ތުއްތޭ…އައި ވޯންޓް ޔޫ ޓު މީޓް ސަމްވަން…‘ޒީވާ ރަނގަޅަށްވެސް ރަކިވިއެވެ.
****
’އެހެންތަ؟…ތުއްތޭއަށް މި ހީވަނީ ރަނގަޅަށްތަ؟…އެއީ ޒީވްގެ ވަރަށް ޚާއްޞަ ކުއްޖެއް ދޯ؟‘ ޒީވާ އިތުރަށް ރަކިކޮށްލަން ވެގެން އަހަރެން ބުނެލީ ލާނެތް ރާގެއްގައެވެ.ޒީވާގެ އަޑުގައިވި ލަދުރަކިކަމުން އޭނާ އެދައްކަނީ ފިރިހެން ކުއްޖެއްގެ ވާހަކަކަން އަހަންނަށް ގައިމު ކޮށްލަން އެނގުނީއެވެ.
****
’ޔާ…ދެން ތުއްތޭ އަޅެ ދިމާ ނުކުރައްޗޭ… ޕްލީޒް ‘ ޒީވާ ލަދުގަތްވަރުން ކުސްތަޅައިލިއެވެ.
****
އަހަރެން އޯކޭއޭ ބުނުމުން ހަވީރު ފަހެއް ޖަހާއިރަށް އެ ގެއަށް ގަޑި ކިޔާފައި ޒީވާ އަވަސް އަވަހަށް ފޯނު ބާއްވައިފިއެވެ.އަހަރެން ދިމާކޮށްފާނެތީ ލަދުގަތީކަން އެނގުމުން އަހަރެން ގާތަށް އައީ ހިންޏެވެ.ހަމަ އެއާ އެއްވަރަށް ވާން އުޅޭ ޅިޔަނާއި ބައްދަލުކުރުމުގެ ޝައުގުވެރިކަން ވެސް އިތުރުވެގެން ހިނގައްޖެއެވެ.
****
ފެންވަރައި ތާޒާ ވެލައިގެން ނުކުމެ ވަރުބަލި ފިލުވައިލަން އަހަރެން ޖައްސައިލިތަނާ ދެލޮލަށް ނިދި ސަވާރުވެއްޖެއެވެ.އެލާމުވެސް ނުކޮށް އޮވެވުމުން އަހަންނަށް ސިހިފައި ހޭލެވުނީ ފޯނަށް ކޯލެއް އަންނަ އަޑަށެވެ.ފޯނު ސައިލެންޓަށް ނުލައި ބޭއްވުނީ ނަސީބެކޭ ހިތަށް އެރިއެވެ.
****
’ޝިޓް! ޝިޓް!‘ ޒީވާގެ ނަން ފޯނުގެ ސްކްރީނަށް އަރާފައި އިން ތަން ފެނި އަހަރެންގެ ހަތަރެސްފައި ކޮޅަށް ޖެހުނެވެ.ގަޑި ބަލައިލިއިރު ފަހެއް ޖަހައި ދިހައެއްވެސް ހިނގައިފިއެވެ.
****
’ޒީވް..އަމް ސޯ ސޮރީ…ގިވް މީ ޓެން މިނެޓްސް…ޖައްސާލިތަނާ ނިދުނީ…‘ ފޯނު ނެގި ގޮތަށް ޒީވާގެ ޝަކުވާއެއްގެ އަޑު އިވުމުގެ ކުރިން އަހަރެން އާދޭހުގެ ރާގެއްގައި ބުނެލީމެވެ.
****
ޒީވާ ފުން ނޭވާއެއް ދޫކޮށްލަމުން އޯކޭ އޭ ބުނެލާފައި ފޯނު ބޭއްވިއެވެ. އަހަރެން އެނދުން ފުންމާލައިގެން ތުވާލި ގަނޑު އުނަގަނޑުގައި އޮޅާލައިގެން ގޮސް ފާޚާނާއަށް ވަތްއިރު ހިތް އަވަސްވެގެން ހީވަނީ އެހެންފަދަ ކަމެއްހެންނެވެ.ޒީވާއަށް ލިބިފައި ހުރީ ހާދަ ގަޑިއަށް ފަރުވާކުޑަ ބޭބެއެކޭ މިފަހަރު ވާން އުޅޭ ޅިޔަނު ހިތަށް އަރާނެތާއެވެ!
****
މާ ރަސްމީކޮށް ހުންނަން ބޭނުން ނުވެގެން އަހަރެން ލީ މުށިކުލަގެ ޓީޝާޓަކާއި ކަޅު ޖިންސެކެވެ. އިސްތަށިގަނޑުގައި އަތުން ފުނާ އަޅަމުން އަހަރެން ކޮޓަރިން ނުކުންނަން ދިޔައިރު ފަސްގަޑި ބައިވާން އިނީ ބާކީ އެންމެ މިނިޓެކެވެ.
****
ބެލް އަޅައިލި އިރަކަށް އައިސް ދޮރު ހުޅުވީ ޒަޔާއެވެ.އޭނާވެސް ހުރީ ނިކަން ރީތިވެލައިގެންނެވެ.އަހަރެން އެތެރެއަށް ވަތް އިރަށް ފުރަތަމަވެސް ނޭފަތުގައި ޖެހުނީ ތާޒާ ހެދިކާގެ މީރު ވަސް ގަނޑެވެ.ބަނޑުން އަޑު ކިޔައިލިއެވެ.ޒީވާ ސައިވެސް ތައްޔާރު ކުރީ ހެެއްޔެވެ؟ އޭނާ މިހާރު ހާދަ މޮޅުވެއްޖެއެވެ.
****
ސިޓިން ރޫމް ސޯފާގައި ވާން އުޅޭ ޅިޔަނު ސޮރު ވަރަށް ހަމަޖެހިލައިގެން އިން އިރު ޒީވާ އުޅެނީ މޭޒު މައްޗަށް ތަށިތައް ނަގާށެވެ.އަހަރެން ފެނުނު އިރަކަށް އެ ޒުވާނާ ހިނިތުންވެލައި ސަލާމް ގޮވާލައިފިއެވެ.ތީ ޒީވާގެ ބޭބެ ދޯ އޭ ބުނުމުން ބޯޖަހާލައިފައި އަހަަރެން ވަރަށް ފަރުވާތެރިކަމާއިއެކު އެ ޒުވާނާގެ މޫނަށް ބަލައިލީމެވެ.އެއީ އަންހެން ކުދިން ހިތް ކިޔާނޭ ފަދަ ރީތި ސިފަތަކެއް ލިބިފައިވާ ޒުވާނެކެވެ.އެހެނަސް ތުނބުޅި ދިގުކޮށްފައި ހެދުން އެޅުމުގެ ވައްޓަފާޅި ހުރި ގޮތުން ސުންނަތަށް އުޅެން މަސައްކަތް ކުރާ ޒުވާނެއް ކަން އަހަންނަށް ނަގައިގަނެވުނެވެ.
****
’ތުއްތޭ…ސައިމަން…އުޅޭ ސައިބޯން….ތުއްތޭ ސައިިތަ ކޮފީތަ؟‘ ޒީވާއަށް އަހަރެން ފެނުމުން ނިކަން ހެވިލާފައި ބުނެލިއެވެ.އޭނާ ހުރީ ކަޅު އަބާޔާއަކާއިއެކު ހަމަ އެކުލައިގެ ޚިމާރް ބުރުގާ އެއް އަޅައިގެންނެވެ.އެ ހެދުމުގައި ޒީވާ ހާދަ ފުރިހަމައޭ އަހަރެންގެ ހިތަށް އެރިއެވެ.ޒަޔާވެސް އަވަހަށް ބުރުގާ އަޅާނެ ނަމައެވެ.އޭރުން ޅިޔަނަށްވެސް އޮޅޭނެކަން ގައިމެވެ.
****
’ކޮފީއެއް ރަނގަޅުވާނެ…ޒީވް އަޅެ އިންޓްރޮޑިއުސް ކޮށްދޭން ވާނުން…‘ އަހަރެން އެ ޒުވާނާއަށް ހިނިތުންވެލަމުން ބުނެލީމެވެ.ޒީވާ ލަދުން ގޮސް އެ މޫނުކޮޅު ރަތް ވިއެވެ.
****
’ތުއްތޭ…މީ ސައިމަން…ސައިމަން މީ ޒީވްގެ ތުއްތޭ…ޒައިފް…‘ޒީވާ ލަދުން ހަތަރުކަޅިވެސް ހަމަ ނުކޮށް އިނދެ ނިކަން އަވަހަށް ބުނެލިއެވެ.ސައިމަންއަށް ޒީވާގެ ލަދުރަކިކަން ފެނި އޭނާގެ ތައާރަފް ފުރިހަމަ ކޮށްލަދިނީ އޭނާއަކީ ޒީވާއާއި ކައިވެނި ކުރަން ބޭނުންވާ މީހާ ކަމުގައި ބުނަމުންނެވެ.އެ މަންޒަރު ބަލަން ހޭން ނުހޭން އިން ގޮތަކަށް ޒަޔާވެސް އަހަންނަށް ބަލައިލީ ދެލޯ ބޮޑުކޮށްލަމުންނެވެ.
****
ސަޔަށް އިންސާފު ކުރެވެމުން ދިޔަ ގަޑީ އަހަރެން ސައިމަންއާއި ވަރަށް އަނގަ ތެޅީމެވެ.އޭނާއަކީ އައްޑު އަތޮޅު ފޭދޫއަށް އުފަން މީހެކެވެ.ރަނގަޅަށް ކިޔަވައިގެން ހުރި ޒިންމާދާރު ވަޒީފާއެއް އަދާކުރާ މީހެއްމެއެވެ.މީހުންނާއި ގުޅޭ ހިތްހެޔޮ ޒުވާނެކެވެ.ވާހަކަ ދައްކައިލަން އެހާ ފަސޭހައެވެ.ޒީވާ އިނީ އުފަލުން ހުރިހާ ދަތްތައް ފެންނަވަރަށް ހިނިތުން ވެލައިގެންނެވެ.
****
’އޭ ޒީވް ނިންމާފަ ދެން ޒާ ދޯ؟‘ ޒަޔާވެސް ބައިވެރިކޮށްލުމުގެ ގޮތުން އަހަރެން ވާހަކައިގެ ތެރޭން އޭނާއާއި ދިމާކޮށްލީމެވެ.
’އޭ އުހުނ…މަ ވާ ސަލާމް…‘ ޒަޔާ އަނގަޔަށް ވައްތަރެއް ޖައްސައިލުމުން ބުނެލިއެވެ.
’މިހާރު ބުނާނެ ތިހެން…ލޯބިވާ މީހެއް ފެނުނީމަ ނުހުރެވޭނެ ތިހެންނެއް…‘ ޒީވާވެސް ދުލެއް ނުކުރިއެވެ.
’އަޗި…މަށެއް ނޫޅެން‘ ޒަޔާ ތުން އަނބުރައިލުމުން އެންމެން ހޭން ފެށިއެވެ.
****
ސައިމަން އާއި ޒީވާ ގުޅެން އަހަންނަށް ހިތުން ރުހުމުން އެއްބަސް ވެވުނެވެ.ފިރިއެެއްގެ ކިބައިގައި ހުންނަން ޖެހޭ އެތައް މުހިންމު ސިފަތަކެއް އެ ކުޑަ ވަގުތުކޮޅުގެ ތެރޭގައި އަހަންނަށް ސައިމަންގެ ފަރާތުން ފެނުނެވެ.އޭނާގެ އަޚުލާގު ރަނގަޅެވެ.އަދަބުވެރިއެވެ.ދީނީ ކަންކަމަށް ނުހަނު ފަރުވާ ބަހައްޓައެވެ.އަމަލާއި ބަހުން ޒީވާ ދެކެ އިންތިހާއަށް ލޯބިވާކަން ހާމަކޮށްދިނެވެ.ވީމާ އެއްބަސް ނުވާންވީ އެއްވެސް ސަބަބެއް އޮތްކަމަކަށް އަހަންނަކަށް ގަބޫލެއް ނުކުރެވުނެވެ.
****
ސައިމަންއާއި ޒީވާ ބޭނުންވީ ވީހާވެސް އަވަހަކަށް ކައިވެނި ކުރާށެވެ.ބޮޑު ސިންގާ ޕާޓީއެއް ބާއްވައި ބޭކާރު ޚަރަދުތަކެއް ކުރާކަށް އެއިން އެކަކުވެސް ބޭނުމެއް ނުވެއެވެ.އެމީހުން ބޭނުންވީ ވީހާވެސް ސާދާކޮށް، ދެފަރާތުގެ އާއިލާއާއި ގާތް ރައްޓެހިންނަށް އެކަނި ކުޑަ ސަޔެއް ބާއްވާށެވެ.
****
ޒީވާއަށް އައިސްފައިވާ ބަދަލާއި މެދު އަހަންނަށް ފުންކޮށް ވިސްނައިލެވުނީ އޭނާގެ ހަރުދަނާ ވިސްނުން ފެނިފައެވެ.ކުރީގައިނަމަ ފައިސާ ހޭދަ ކުރެވުނު ވަރެއް އެކުއްޖާއަށް ވަރިހަމަ ވާނެއެވެ.ސޯޝަލް މީޑިއާގައި އޭނާ އުޅުނީ މުޅި ދިރިއުޅުން ދުނިޔެއަށް އިޝްތިހާރު ކޮށްލައިގެންނެވެ.ހެދުން އަޅައި އުޅުނީ ހުޅަނގުގެ ވައްޓަފާޅިއަށެވެ.ދީނީ އެއްވެސް ކަމަކަށް ފަރުވާ ނުބަހައްޓައެވެ.އެހެނަސް ނިކަން ދެކިބަލާށެވެ.ސައިމަން އާއި ބައްދަލުވީ ފަހުން އޭނާގެ މުޅި ދިރިއުޅުން ބަދަލު ވެއްޖެއެވެ.ސައިމަން އަކީ ޒީވާއަށް ލެއްވި ރަޙުމަތެކެވެ.އޭނާއަށް ހެޔޮ މަގު ދެއްކެވުމުގެ އަސްލެވެ.އުފާވި ވަރުން އަހަރެންގެ ދެލޯ ފެންކަޅިވިއެވެ.
****
އަހަންނާއި ޝާއީގެ ވާހަކަ އެމީހުން ގާތުގައިވެސް ބުނަން އަހަރެން ބޭނުންވިއެވެ.އެހެނަސް އެއީ އެންމެ ރަނގަޅު ދަނޑިވަޅު ނޫންކަން ވިސްނި އެ ވާހަކަ އެހެން ފަހަރަކަށް ބޭއްވީއެވެ.
****
އިފްރާހު ބޭނުންވަނީ އަހަރެން ޝާއީއާއި ކައިވެނިކޮށްގެން އޭނާގެ ގޭގައި ދިރިއުޅޭށެވެ.އެހެނަސް އަހަންނަށް އެކަމާ ނުރުހެވުނެވެ.އެކަމާ އަހަންނާއި އިފްރާހުއާއި ކުޑަކޮށް ދެބަސްވެސް ވިއެވެ.އެނާ ދެކޭ ގޮތުގައި އޭނާގެ ކޮންމެ އެއްޗަކީ އަހަރެންގެ ވެސް އެއްޗެއްސެވެ.އެކަމަކު އަހަރެން ބޭނުންވަނީ ކައިވެނި ކުރުމަށްފަހު އަހަރެންގެ އަމިއްލަ ވަކި ދިރިއުޅުމެކެވެ.
****
ދިހަ ބުރިއަށް ނަގާފައި ހުންނަ އިފްރާހުގެ ގެ އެންމެ މަތީ ދެ ފުލޯ ފިޔަވައި ހުރިހާ ފުލޯއެއް ހުންނަނީ ކުއްޔަށް ދީފައެވެ.އިފްރާހު ޖަލުގައި އޮތް ދުވަސްވަރު އެ ގޭގެ ހުރިހާ ކަމެއް އިންތިޒާމުކޮށް ބެލެހެއްޓީ އޭނާގެ ދައްތައެވެ.އަހަރެންގެ ބޮޑު ދައިތަ އެވެ. ބޮޑުދައިތައަށް އަހަރެން ތައާރަފް ކޮށްދޭން އިފްރާހު ނުހަނު ބޭނުންވެއެވެ.އެތައް ފަހަރަކު އޯކޭހޭ އެހިއެވެ.އެހެނަސް އަހަންނަށް ފަސްޖެހެވުނީއެވެ.އިފްރާހުގެ ދަރިއަކު ދުނިޔޭގައި އެބަހުރިކަން ބޮޑުދައިތައަށް އެނގޭ ދުވަހު ކަންތައް ވާނީ ކިހިނެއް ބާއެވެ؟ ބޮޑު ދައިތަ އަހަރެން ބަލައިގަންނާނެ ބާއެވެ؟
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.






Heyy lammtttyy!!
Story baraabarah kiyas comment eh nukurevey😭😭😭
Zeevaa haadha fakkaley dhw.. Thutheyy kairi bunee ves meehaka badhalu kuraashoa👀
Zaa ves then neygi biteh athualhuvaalaane kanne.!.?
When next?
Lysssm💗💗💗
Hiii…it’s okay ey Thank you for reading ❤️
In Sha Allah soon up kohdheynan ingey.
Let’s see alhe what happens next.
Lym.
Woow ma sha allah
Mi part ves vrh reethi lamtty zaif dheyn v nun🤭
Mi vaahaka ves dhn nimeny dhww..
hama eh vanaige vaahaka eh mee maa sha allah… dhn liyan fashaafa oeh vaahaka ves vrh intresting koh fashaafa othy maa sha allah
I’ll always support you in sha allah
Keep shining!!
<3
Hihi Thank you Aysherr ❤️ zaif ge asaru hama ehaa gadhatha 😉?
Yeah almost nimeni hama…
So happy that you love the other one too..
So thankful for your support ❤️
Ly ❤️